ވާހަކަ: ޝިކާޔަތު

ވާހަކަ

ވާހަކަ: ޝިކާޔަތު - 15 ވަނަ ބައި

4 ޖުލައި 2024

އެޕިސޯޑް 15

"ބައްދަލުކޮށްލަން ބޭނުންތަ؟ ތި ކޮޅުން ބުނޭ ތަނަކާއި ވަގުތެއް. އަހަރެން މި ހުރީ ތައްޔާރަށް."

"ކޮން ވާހަކައެއް ދައްކަން؟" ވަރަށް ނޫން ކަމަށް ހެދިފައި އިމްތިޔާޒް އަހާލިއެވެ. ނަމަވެސް އިމްތިޔާޒް ވެސް ހުރީ އޭނާ ދައްކާ ވާހަކައެއް އަޑުއަހާލަން ބޭނުންވެފައެވެ.

"ބައްދަލު ވީމަ ކިޔައި ދޭނަން،" ފޯނު ކަނޑައިލިއެވެ.

އިމްތިޔާޒް ވިސްނަމުން ދިޔައެވެ. ގުލްނާޒް ކަހަލަ މީހަކާ ބެހޭ ގޮތުން މީހުން ދައްކާނެ ކިތަންމެ ވާހަކައެއް އޮންނާނެއެވެ. އޭނާގެ މަޝްހޫރުކަމުން އެކަމާ ހަސަދަލާނެ ކިތަންމެ ބަޔަކު ތިބޭނެއެވެ. އެހެން ދައްކާހާ ވާހަކައެއް އަޑުއަހައި އިތުބާރު ކުރަން ވެއްޖެ ނަމަ އިމްތިޔާޒް ޖެހޭނީ ގުލްނާޒްއާ ގުޅުން ކަނޑާލާށެވެ. ވީމާ އެ ކޯލަށް ސަމާލުކަން ދޭކަށް އިތުރަކަށް ބޭނުމެއް ނުވިއެވެ.

ގުލްނާޒް ހުރީ ކޮޓަރިތެރޭގައެވެ. އިމްތިޔާޒަށް ތިން ފަހަރު ގުޅައިފިއެވެ. ފޯނެއް ނުނަގައެވެ. އެކަމާ ހިތްހަމަނުޖެހިފައި ހުރި ގުލްނާޒް މިހާރު، ދެ މާވަށި ތަޅާލައިފިއެވެ. މީހާ ތުރުތުރު އަޅަމުން ދިޔައީ ރުޅިގަދަ ވެގެންނެވެ. ބައެއް ފަހަރު ހިތަށް އަރާ އެއްޗެހިން ހިތް ފަޅައިގެން ދާހާ ވެއެވެ. ގުލްނާޒަށް އަބަދުވެސް ޝައްކު ކުރެވެއެވެ. އިމްތިޔާޒް ފޯނު ނުނަގައި އެ އުޅެނީ ގަސްތުގައެވެ. މިހާރު އޮންނާނީ ޝައިލާ ގާތުގައެވެ. ގުލްނާޒަކީ އިމްތިޔާޒް ފޫހި ފިލުވަން ގެންގުޅޭ ބުދެކެވެ. ޗާބީ ދީފައި ހުރުމުން އެ ބުދު އެނބުރެނީއެވެ. ހަގީގަތުގައި ލޯބިވަނީ ޝައިލާ ދެކެއެވެ. ދަރިއަކު ހުރުމުންނެވެ. ފުރަތަމަ އަނބިމީހާއަށް ވުމުންނެވެ. އެކަމަކު ގުލްނާޒަކީ ވެސް އަތްބަނކަށް ވުރެ އެންމެ ތަންފުކެއް ވެސް ދޫނުކުރާ ވަރުގެ މީހެކެވެ. އިމްތިޔާޒް ބުނި ކޮންމެ ކަމެއް ކޮށްދެނީ ނުލާހިކު ފުރިހަމައަށެވެ. ބޭނުންވާ ކޮންމެ ގަޑިއަކަށް ނުކުރެވުނަސް އެކަމަށް ދޭ ސަމާލުކަން ކުޑައެއް ނުވާނެއެވެ. ގުލްނާޒް އެކަނި އިނދެ ވިސްނަމުން ދިޔަ ވަރަކަށް ހިތަށް ވަންނަމުން ދިޔައީ ނައްސި ޚިޔާލުތަކެވެ. ފޯނާ ދިމާލަށް އެތައް އިރަކު ބަލަހައްޓައިގެން އިނދެވުނެވެ.

ތަރުތީބެއް ނެތި އުކާލާފައިވާ ގޮތަށް ސިފަވާ ތަރިތައް އުޑުގައި ފިޔަޖަމުން ދިޔައެވެ. ކޮންމެ ތަރިއެއް ވެސް ވިދަމުން ދިޔައީ އަލިގަދަ ވިދުމެކެވެ. އުދަރެސް އަނދިރިއެވެ. ގުލްނާޒް އިނީ ރިސޯޓެއްގެ އަތިރި މަތީގައެވެ. މަޑުމަޑުން ޖަހަމުން ދިޔަ ރާޅުތަކުގެ އަޑު މިއުޒިކަކަށް ފުދެއެވެ. ޖެހެމުން ދިޔަ ނަލަ ވައިރޯޅި ގުލްނާޒްގެ އިސްތަށިގަނޑުގައި ކުޅެލަމުން ދިޔައެވެ. އިސްތަށިގަނޑު ނަށާލަނީ އެ މިއުޒިކާ އެއް ވަރަށެވެ. ގުލްނާޒް އިނީ އެންމެ އަލި ގަދަ ތަރިއާ ދިމާލަށް ބަލަހައްޓައިގެންނެވެ. އެއީ އޭނާ ކަމުގައި ދެކިގެންނެވެ. ފަނޑުވުމެއް ނެތް ތަރިއަކީ އޭނާ ކަމުގައި އުންމީދު ކުރަމުންނެވެ. އެންމެންގެ ލޯތައް އޭނާއަށް އަމާޒު ވެފައި ވަނީ އޭނާގެ ބަނިޔާދަ ހަށިގަނޑުންނެވެ. ފަން، ދިގު އިސްތަށިގަނޑުންނެވެ. އެސްފިޔަތައް ދިގު، ކަޅިރަވަ ތޫނު ދެ ލޮލުންނެވެ. އަމިއްލަ ނަފުސާ މެދު ފަޚުރުވެރިވެ ބޮޑާވުމަކީ ގުލްނާޒްގެ އާދައެކެވެ. އަބަދުވެސް ބޭނުންވަނީ އެންމެ ރީތި މީހާގެ ލަގަބުގައި ހުންނާށެވެ.

"ނާޒް،" ފަހަތުން މީހަކު ގޮވާލިއެވެ. ގުލްނާޒް އިން ގޮތަށް އިނީއެވެ. އިމްތިޔާޒް އައިސް ގުލްނާޒް ގާތުގައި އިށީނެވެ.

"އަހަރެން ހިތަށް އަރާ މިއީ ހުވަފެނެއް ނޫންބާއޭ،" ގުލްނާޒް ބުންޏެވެ.

ގުލްނާޒްގެ ރުޅިގަދަކަމާއި ކެތްތެރިކަން ކުޑަކަމަށް އިމްތިޔާޒް ކެތްކުރެއެވެ. ރޭގައި ހިނގާ ދިޔަ ކަންތަކުން ވެސް ހަތިޔާރު ބަހައްޓަން ޖެހުނީ އިމްތިޔާޒެވެ. އެތައް ވާހަކައެއް ދައްކައިގެން ގުލްނާޒްގެ ރުޅި މަޑުވިއެވެ. އެންމެ ފަހުން ދޮގު ވެސް ހަދަން ޖެހުނެވެ. ހަގީގަތުގައި އިމްތިޔާޒް އެ ވަގުތު އުޅުނީ ދަރިފުޅު ގޮވައިގެން ޕާކަށް ގޮހެވެ. އެކުގައި ޝައިލާ ވެސް ދިޔައެވެ. އެހެން ބުނެފި ނަމަ ގުލްނާޒްގެ ރުޅިވެރިކަން އަތް ނުފޯރާ ފަށަށް ދާނެކަން އިމްތިޔާޒަށް ވިސްނެއެވެ. ވުމާއެކު އެ ވަގުތު އުޅުނީ ހޮސްޕިޓަލުގައި ވަރަށް ބިޒީކޮށް ކަމުގައި ބުންޏެވެ. އެކި ގޮތް ގޮތަށް ހެކި ދައްކަން ޖެހުނެވެ. ގުލްނާޒަށް ވިސްނައިދޭން ޖެހުނެވެ. ގުލްނާޒްގެ ރުހުން ހޯދަން އެތައް އާދޭހެއް ކުރަން ޖެހުނެވެ. އިމްތިޔާޒް ދެކުނީ އެއީ ލޯބި ކަމުގައެވެ. ލޯބިވާ މީހަކު އުޅޭ ނޫޅޭ ތަން ބަލަން ޖެހޭނެއެވެ. ކުރާ ކަންކަމާއި އުޅޭ ހުރިހާ ގޮތެއް ބުނަން ޖެހޭނެއެވެ. ބައްދަލު ކުރާ މީހުންނާއި ދާ ތަންތަން ވެސް ބަލަން ވާނެއެވެ. ލޯބިވާ މީހާ އާ ބައްދަލު ކުރަން ކެތްމަދުވެފައި ހުރުމަކީ ލޯބިވާލެއް ބޮޑު ކަމުގެ އަލާމާތެކެވެ. މިއީ އިމްތިޔާޒަށް ކުރެވުނު ކުށްހީތަކެއްކަން އަދި ނުވިސްނެއެވެ.

ޝައިލާ އާއި ގުލްނާޒް ވަރަށް ތަފާތެވެ. ގެއިން ބޭރުގައި ކިތަންމެ ގިނަ އިރަކު އުޅުނަސް އިމްތިޔާޒް ވީ ކޮން ތާކުތޯ ވެސް ޝައިލާ ބަލާނުލައެވެ. އެއީ ފަރުވާ ކުޑަވުން ހެއްޔެވެ؟ ނުވަތަ އިތުބާރު ހެއްޔެވެ؟ އިމްތިޔާޒަކަށް ނުވިސްނުނެވެ. ގަބޫލުކުރެވޭ ހަގީގަތަކީ އޭނާ ދެކެ ހަގީގީ ލޯބިވަނީ ގުލްނާޒްކަމެވެ. އެހާ ވަރަށް ލޯބިވާ އަޅާލާ މީހަކު އިމްތިޔާޒަކަށް ދެނެއް ނުލިބޭނެއެވެ. ވިސްނަންވީ ސިކުނޑީގެ ދެ ފަޅިން ކަމެއް އިމްތިޔާޒަކަށް ނޭނގެއެވެ. ގުލްނާޒް ކިބައިން ފެންނަމުން ދިޔައީ ފައްސި ސިފަތަކެވެ. އިމްތިޔާޒް އެންމެ ބޭނުންވާ، އެންމެ ހިތްއެދޭ ސިފަތަކެވެ. ގުލްނާޒަށް އެކަން ވިސްނެއެވެ. އިމްތިޔާޒް ދެކެ އޭނާ ލޯބިވަނީ ހައްދެއް ނެތިއެވެ. އިމްތިޔާޒްއާ ކައިވެނި ނުކުރެވިއްޖެ ނަމަ އޭނާ މޮޔަ ވެސް ވެދާނެއެވެ.

"ކީއްވެ އެއްޗެއް ނުބުނީ؟" އިމްތިޔާޒްއާ ދިމާލަށް ބަލާލަމުން ގުލްނާޒް އަހާލިއެވެ. އެ ވަގުތު އިމްތިޔާޒަށް ފޯނެއް އައެވެ. ކުރިން ވެސް ދަންނަ ނަންބަރެއް ހެން ހީވިއެވެ. ފޯނު ހިފައިގެން ތަންކޮޅެއް ދުރަށް ހިނގައިގަތެވެ. ގުލްނާޒް ދެ ބުމަ ގޮށްޖަހާލިއެވެ.

"ހަލޯ؟" އިމްތިޔާޒް ބުންޏެވެ.

"ބައްދަލުކޮށްލަންވީ އިރެއް ނުބުނަމެއްނު،" އެ ކޮޅުން ވާހަކަ ދެއްކީ ކުރީ ދުވަހު ވެސް ވާހަކަ ދެއްކި މީހާއެވެ.

"ބައްދަލު ކުރަން ބޭނުން ނުވާތީއޭ ތަނަކާއި ވަގުތެއް ނުބުނީ،" ޖެހިލުމެއްނެތި އިމްތިޔާޒް ބުންޏެވެ.

"ފަހުން އެކަމާ ހިތާމަ ކުރަން ޖެހޭނެ. ބޭނުން ނަމަ އަދިވެސް ބައްދަލު ކުރެވިދާނެ،" އެ ކޮޅުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"ހިތާމައެއް ކުރިޔަސް ދެރައެއް ލިބުނަސް ލިބޭނީ މަށަކަށްނު. އެކަމާ ތި ކޮޅުން ވިސްނާކަށް ނުޖެހޭނޭ،" އިމްތިޔާޒް ބުންޏެވެ. "މަށަށް ވަރަށް ރަނގަޅު ދެން މަށަށް ނުގުޅިއްޔާ."

އިމްތިޔާޒް ފޯނު ކަނޑާލާފައި ގޮސް ގުލްނާޒް ގާތުގައި އިށީނެވެ. އަދި ހިނިތުންވެލިއެވެ. ޖަވާބުގައި ގުލްނާޒް މޫނު އަނބުރާލިއެވެ.

"ކިހިނެއްވީ ދޫނިގަނޑާ؟" އިމްތިޔާޒްއާ ދިމާލަށް އަނބުރާލަމުން ބުންޏެވެ.

"އަހަރެން ހިއެއް ނުކުރަން އަހަރެންނާ ދުރަށް ގޮސް ދައްކަން ޖެހޭ ވާހަކައެއް އޮންނާނެ ކަމަކަށް. ކާކުތޯ ގުޅީ އަހަރެން ނާހާނަން. އެކަމަކު މި ދޭތެރެއަށް މީހަކު ވަންނަން އުޅެންޏާ އެ މީހަކު ޖެހޭނީ ބަލިވެގެން ދާން. އެއީ އިންތިގެ ވައިފަށް ވިޔަސް ވަރިހަމަ،" ޝައްކުގެ ނަޒަރުން ބަލަމުން ގުލްނާޒް ބުންޏެވެ.

"ނާޒް. އަހަރެން ނާޒަށް ދެރަ ގޮތެއް ނުހަދާނަން. ހުވާކޮށްފައި ބުނަން، ތި ނޫން މީހެއް ދެކެ އަހަރެން ލޯތްބެއް ނުވެއޭ. ގަބޫލުކޮށްބަލަ،" ގުލްނާޒަށް ވިސްނައިދޭ ކަހަލަ ރާގެއްގައި އިމްތިޔާޒް ބުންޏެވެ. "އަހަރެން ކިހިނެއް ހެދިއްޔާ ނާޒް ގަބޫލުކުރާނީ؟"

"ވައިފް ވަރިކުރޭ. އަހަރެން ބޭނުމެއް ނޫން ބަތްތަށީގެ އެއްފަޅިން ކާކަށް،" ހިތްހަމަނުޖެހިފައި ގުލްނާޒް ބުންޏެވެ.

"އެންމެ ރަނގަޅު. އަހަރެން ތިކަން ކުރާނަން."

"ކުރާނަމޭއެއް ނޫން. މިހާރު ތިހެން ކިޔާތާ ވެސް ކޮން ދުވަހެއް؟" ގުލްނާޒް ބުންޏެވެ.

"ނާޒް. އަހަރެންނަށް ކުޑަ ވަގުތުކޮޅެއް ދީބަލަ،" އާދޭހާ އެކު އިމްތިޔާޒް ބުންޏެވެ.

"އަޖައިބެއް. ބަލަ ކިހާ ވަގުތެއްތަ؟" ކޮޅަށް ތެދުވަމުން ގުލްނާޒް އެހިއެވެ.

"މި ތަނަށް އަހަރެމެން އައީ ހިތްހަމަ ޖައްސާލަން. މި ކަހަލަ ވާހަކަ ދައްކައިގެން މޫޑް ހަރާބު ކުރާކަށް ނޫނެއްނު،" އިމްތިޔާޒް ބުންޏެވެ. އަދި ގުލްނާޒްގެ އަތުގައި ހިފާލިއެވެ.

"މިއަދުން ފެށިގެން ޝައިލާ ތިއީ އަހަރެންގެ އަތްނބެއް ނޫން. މި އޮތީ ފޯމު. ސޮއި ކޮށްލާތި،" އިމްތިޔާޒް ބުންޏެވެ.

"ތިހެން ނުހަދާ އިންތި. ހެޔޮނުވާނެ. އަހަރެންނާ މެދު ވިސްނާ ނުލިޔަސް ޔޫހް...."

"އަބަދު ތިހެން ނުކިޔަބަލަ. އަހަރެންގެ ނިންމުމެއް ބަދަލެއް ނުވާނެ. ޔޫހްއޭ ކިޔައިގެން އަހަރެން ހުއްޓުވަން އުޅޭނެ ކަމެއް ނެތް. މިއީ އަހަރެން ބޭނުންވެގެން ކުރާ ކަމެއް،" ވާހަކަ ދެއްކުމުގައި އިމްތިޔާޒް ހަރުކަށިވިއެވެ. "އަހަރެން ބޭވަފާތެރިވީއޭ ބުންޏަސް އެންމެ ރަނގަޅު."

"ފިރިމީހާ ގޯސް މަގަކުން ދަންޏާ އެކަން ހުއްޓުވަން ހުންނާނީ އަނބިމީހާ. ހަމަ އެ ގޮތަށް އަހަރެން ގޯސް މަގަކުން ދިޔަޔަސް އަހަރެންނަށް ވިސްނައިދޭން ހުންނާނީ އިންތި. އަދިވެސް ވަގުތު އެބަ އޮތް. އިންތި ބޭނުން ނަމަ އަދިވެސް އަހަރުމެންނަށް އާ ފެށުމަކުން ފެށިދާނެ. ކޮންމެ މީހަކަށް ވެސް ކުށެއް ކުރެވިދާނެ. ދެ ވަނަ ފަހަރަށް އެކަން ނުކުރަން އަޒުމު ކަނޑައަޅައި އެކަމާ ލަދުގަނެ ތައުބާ ވެއްޖެ ނަމަ އެކަން އެ ނިމުނީ. އަހަރެން ވަރަށް ބޮޑަށް އުންމީދު ކުރަން އިންތިގެ ތި ނިންމުމާއި ތި ވިސްނުން ބަދަލު ކުރާނެ ކަމަށް،" ލޮލުން ފައިބަން ތައްޔާރު ވެފައިވާ ކަރުނަތައް ހިންދާލަމުން ޝައިލާ ވާހަކަ ދެއްކިއެވެ.

"ޝައިލާ ކޮންމެ ވާހަކައެއް ދެއްކިޔަސް މި ނިންމުމެއް ބަދަލެއް ނުވާނެ. މިއީ އަހަރެންގެ އެންމެ ފަހުގެ ނިންމުން. މި ގޮތަށް ރުހި ގަބޫލުވުން ނޫން ގޮތެއް ޝައިލާއަކަށް ވެސް ނެތް،" އިމްތިޔާޒް ބުންޏެވެ.

ފަޒީލާ ދޮރު ހުޅުވާލިއެވެ.

"ކާކު؟" ސޯފާގައި އިން ގުލްނާޒް އަހާލިއެވެ.

ގުލްނާޒް ސިއްސައިގެން ދިޔައެވެ. އަދި ބަލަހައްޓައިގެން ހުރެފައި ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

"ފަޒީ ގާތު ބުނީމެއްނު އަންނަހާ މީހަކު ގެއަށް ނުވައްދާށޭ،" ކޮޓަރި ދޮރު ލައްޕަމުން ގުލްނާޒް ބުންޏެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް