ވާހަކަ: ޝިކާޔަތު

ވާހަކަ

ވާހަކަ: ޝިކާޔަތު - 14 ވަނަ ބައި

1 ޖުލައި 2024

އެޕިސޯޑް 14

"އަނެއްކާ ކޮން ވާހަކައެއް؟" ގުލްނާޒްއާ ގާތްވެލަމުން އިމްތިޔާޒް އަހާލި އެވެ.

"އަހަރެން މި ބުނާ އެއްޗަކުން އިންތި ހިތްހަމަ ވެސް ނުޖެހިދާނެ. އެކަމަކު ވެސް އަހަރެން ބޭނުން ބުނަން،" ގުލްނާޒް ބުންޏެވެ. "އަބަދަކު މިހެން ނޫޅެވޭނެ."

"ކިހިނެއް؟" ގުލްނާޒްގެ ފަން އިސްތަށިގަނޑާ ކުލެލަމުން އިމްތިޔާޒް އަހާލި އެވެ.

"ދެން އިންތި. އެނގޭނެ އަހަރެން މި ބުނަނީ ކީކޭކަން. އަހަރެން ނުބުނާނަން ވައިފް ވަރިކުރާށެކޭ. އެކަމަކު އަހަރެން ބޭނުމެއް ނޫން ބަތްތަށީގެ އެއްފަޅިން މުޅި އުމުރު ދުވަހު ކާން ހުންނާކަށް. އަދި އެހެން ނުވެސް ހުރެވޭނެ. އިންތި ކޮންމެވެސް އެއް ގޮތެއް ހަދަން މަށަށް ފެންނަނީ."

ގުލްނާޒް ދެއްކި ވާހަކަތައް އިމްތިޔާޒަށް ގަބޫލު ކުރެވުނެވެ. ނަމަވެސް އެފަދަ ބޮޑު ނިންމުމެއް ނިންމާނެހާ ހިތްވަރެއް އޭނަގެ ކިބައިގައި ނެތެވެ. މިކަހަލަ ގުޅުމަކަށް އަތުކުރި އޮޅާލެވުނީ މި ދުވަސް އަންނާނެ ކަމަށް ތައްޔާރުނުވެ ހުއްޓައެވެ. ނަމަވެސް މިއީ ނައިސް ނުދާނެ ދުވަހެކެވެ. ދެ އޮޑިއަށް ފައި ލައިގެން އުޅެނިކޮށް މީހާ ފެތޭނީ އެވެ. އޭރުން ތަނަކުން ތަނެއްގައި ލައްވައެއް ނުލާނެ އެވެ. އެކަމަކު އެކަން ކުރަން ޖެހިލުންވަނީ ކީއްވެ ކަމެއް ޚުދު އިމްތިޔާޒަކަށް ވެސް ނޭނގެ އެވެ.

"އަހަރެން ދެކެ ވަރަށް ލޯބިވާ ކަމަށް އިންތި ބުނަމެއްނު. އެހެންވިއްޔާ ތިޔަވާ ލޯބީގައި އަހަރެން އެދޭ ކަމެއް ކޮށްދީބަލަ. ވާނެތަ؟" ގުލްނާޒް އަހާލި އެވެ.

"ބުނެބަލަ. ބުނީމައެއްނު އެނގޭނީ،" އިމްތިޔާޒް ބުންޏެވެ.

"އަހަރެންގެ މީހަކަށް އެއްކޮށް ބަދަލުވޭ. އެހެން ނޫނީ އަހަރެން ދޫކޮށްލާ،" މީގެ ހިނދުކޮޅެއް ކުރިން ގުލްނާޒް ބުނި އެއްޗެއް ވެސް އިމްތިޔާޒް ހަނދާން އެބަ ހުއްޓެވެ. ނަމަވެސް ގުލްނާޒް އެ ބުނާ ކަންތައް ކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ.

"އަހަރެން ތިކަމާ ވިސްނާނަން،" އިމްތިޔާޒް ބުންޏެވެ.

"ވިސްނާނަމޭ؟ ކޯއްޗެއް ވިސްނަން އޮތީ؟ ބުނަންތަ ވާހަކައެއް. ހުރިހާ މޮޅެއް ނުލިބޭނެ އިނގޭ. ވައިފެއް ބަހައްޓައިގެން ސައިޑުން އަހަރެން ގެންގުޅެން ނުހަދާ. ބޭނުމިއްޔާ އެއްކޮށް އާދޭ،" ގުލްނާޒްގެ އެ ޖުމްލަތަކުން އިމްތިޔާޒް ހިތްހަމަނުޖެހުނެވެ. ނަމަވެސް މޫނުމަތިން އެކަމެއް ނުދައްކަ އެވެ. ބޭނުންވަނީ ވިސްނާލާށެވެ. ކޮންމެ ކަމެއްގައި ވެސް ހެޔޮ ގޮތާއި ނުބައި ގޮތް އޮންނާނެ އެވެ. ތިމާ ބޭނުންވާ ގޮތް އިހުތިޔާރު ކުރާނީ ތިމާ އަމިއްލައަށެވެ. އެއީ ކޮންމެ ކަމެއްގައި ވެސް އެކަން އޮންނަ ގޮތެވެ. އިހުތިޔާރުން ބޭރު ކަންކަމަކީ އިންސާނާއަށް ގޮތް ނިންމަން އުނދަގޫ ކަންކަމެވެ.

"މިހާރު މިރެއިން މިރެއަށް ގޮތެއް ނިންމާ،" ގުލްނާޒް ބުންޏެވެ.

"އެކަމަކުވާ ނާޒް. އަހަރެންނަށް ތިހާ ވަރަށް މަޖުބޫރު ނުކޮށްބަލަ. މި ބުނީއެއްނު ވިސްނާލާނަމޭ،" އިމްތިޔާޒް ބުންޏެވެ.

"އަޖާއިބެކޭ. އަދި މިކަމުގައި އެއްޗެއް ވިސްނަން ޖެހޭތަ؟ ދެ ގޮތެއްނު އޮތީ. އަހަރެން ނޫނީ ވައިފް،" ޖެހިލުމެއްނެތި ގުލްނާޒް ބުންޏެވެ.

ބުނާނެ އެއްޗެއް އިމްތިޔާޒްގެ ވިސްނުމަކަށް ނަ އެވެ. ބޮލުގައި އަތް އަޅައިގެން އިށީނެވެ.

"އަހަރެން ވިސްނާލަން މިރޭ އެކަނި ދީބަލަ. މާދަމާ ގޮތެއް ނިންމާފައި ޖަވާބެއް ދޭނަމޭ،" ވަރަށް ލޯބިން ގުލްނާޒް ގާތުގައި އިމްތިޔާޒް ބުންޏެވެ.

"ހޫނ. ދެން ހެވޭ. އެހެންވިއްޔާ މިތަނުން ދާން އުޅޭ. ތިޔަ ބުނާ ޖަވާބެއް ހިފައިގެން މާދަމާ އަންނާތި. އަހަރެން އިންތިޒާރު ކުރާނަން ކީކޭތޯ ބުނަނީ،" ހިތްހަމަނުޖެހިފައި ގުލްނާޒް ބުންޏެވެ.

އިމްތިޔާޒް އޮތީ ރޭގަނޑުގެ ނިދިން މަހުރޫމް ވެފަ އެވެ. ޝައިލާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ބާލީސްތެރެއަށް ވަންނަމުން ދިޔަ އެވެ. އެ ވަގުތުގެ ބައިވެރިއަކަށް ބާލީސް ވެސް ފުދުނެވެ. ނިތްކުރިމަތީ އަތް ބާއްވާލައިގެން އޮތް އިމްތިޔާޒްއާ ދިމާލަށް ބަލައިލާން ޝައިލާ ބޭނުންވެ އެވެ. ނަމަވެސް އެހާ ހިތްވަރެއް ނެތެވެ. މޫނު އަނެއް ފަރާތަށް އަނބުރައިގެން އޮތީ އެވެ. ހިތުގައި އަޅަމުން ދިޔަ ވޭންތަކާއި ފުނިޖެހެމުން ދިޔަ ޝަކުވާތައް އަޑުއަހާނެ ކަންފަތެއް ނެތެވެ. ފިރިމީހާއާ މެދު ދެކެމުން އައި ގޮތް ބަދަލެއް ނުވެ އެވެ. ކިތަންމެ ބޭނުން ވިޔަސް އޭނަ ގާތުގައި ޝަކުވާ ކުރާކަށް ބޭނުމެއް ނޫނެވެ. ނުފިލާ ބިރެއް ހިތުގައި ވަކި ހިއްޕާލި އެވެ. އަބަދުވެސް ޝައިލާ ހުންނަނީ ސިހިސިހި އެވެ. ފިރިމީހާގެ ފަރާތުން ދެން ފެނިދާނެ ކަމަކަށެވެ. ކިތަންމެ ބޭނުން ވިޔަސް ވާހަކަ ދައްކައިގެން ކަމެއް ހައްލު ކުރާކަށް އިމްތިޔާޒް ބޭނުމެއް ނޫނެވެ. ނިދީގައި ކަމަށް ހަދާފައި އިމްތިޔާޒް އޮތް ފަރާތަށް ފުރޮޅިލި އެވެ. އަދި މަޑުމަޑުން ލޯ ހުޅުވާލި އެވެ. އިމްތިޔާޒް އޮތީ ވިސްނުމެއްގެ ތެރެއަށް ގެނބިފަ އެވެ. ޝައިލާ ބަލަހައްޓައިގެން އޮތް ކަމެއް އޭނައަކަށް ނޭނގެ އެވެ. އެނބުރެމުން ދިޔަ ފަންކާއާ ދިމާލަށް ނަޒަރު ހުއްޓާލައިގެން އިމްތިޔާޒް އޮތެވެ. ޝައިލާ ބޭނުންވީ އިމްތިޔާޒްއާ ވާހަކަ ދައްކާށެވެ. ވެގެން އުޅޭ ގޮތެއް އޮޅުންފިލުވާށެވެ. އެހީތެރިކަމެއް ބޭނުންވާ ނަމަ އެކަމެއް ކޮށްދޭށެވެ.

އިމްތިޔާޒްގެ ކަރަށް މެހެމުން ދިޔަ މަޅިއެއް އޭނައަކަށް ނުފެނެ އެވެ. އަދި އެ މަޅި މެހޭނީ މަތިން ކަމެއް ނުވަތަ ފުރަގަހުން ކަމެއް ނޭނގެ އެވެ. އެނގޭހާ ވެސް އެއްޗަކީ މިހާރު ލިބެމުންދާ ހިތްހަމަޖެހުމާއި އުފާވެރިކަން ދުލުން ބަޔާންކޮށްދޭން އުނދަގޫކަމެވެ. އެ ގުޅުމަށް އެހެން މީހެއްގެ ހިޔަނި އެޅޭކަށް އިމްތިޔާޒް ބޭނުމެއް ނޫނެވެ. އިމްތިޔާޒް ބޭނުންވަނީ ގުލްނާޒްއާ ކައިވެނި ކުރާށެވެ. އަނބިދަރިން ދޫކޮށްލާށެވެ. މިއީ އިމްތިޔާޒް ނިންމި ގޮތެވެ.

"އިންތި ޕްލީޒް. އަހަރެންނަށް ތިހެން ނުހަދާ. ދަރިފުޅާ މެދު ވިސްނާލަބަލަ،" ޝައިލާ އާދޭސް ކުރިއެވެ.

"ޝައި. އަހަރެންނަށް މި ނޫން ގޮތެއް ނެތް،" އިމްތިޔާޒަށް ޝައިލާއާ ކުރިމަތިލާން އުނދަގޫވި އެވެ. ވުމާއެކު އޭނައަށް ފުރަގަސް ދީގެން ހުރެ ވާހަކަ ދެއްކި އެވެ.

"އަހަރެންނަށް ވުރެ މާ ރަނގަޅު މީހުން ޝައިއަށް ވާނެ. އަހަރެން ދޫކޮށްލާ."

"އެކަމަކު އަހަރެން ދޫކޮށްނުލާ. ތިއަށް ވުރެ ރަނގަޅު މީހަކު އަހަރެންނަކަށް ނުވާނެ،" ޝައިލާއަށް ރޮވޭ ގޮތްވި އެވެ.

"ޝައިއަށް އެނގޭނު އަހަރެން ބޭވަފާތެރިވެއްޖެކަން. ދެން ކީއްވެ ރަނގަޅޭ ތި ކިޔަނީ؟" އިމްތިޔާޒް ބުންޏެވެ.

"އަހަރެންނަށް އެނގޭ އިންސާނުންނަށްކަން ކުށް ކުރެވޭނީ. އެ ކުށަށް ތައުބާވޭ. އަހަރެން ވެސް އިންތިއަށް މައާފު ކުރާނަން. އެކަމަކު އެނބުރި އަހަރެންގެ ހަޔާތަށް އާދޭ،" ގިސްލަމުން އިމްތިޔާޒް ބުންޏެވެ.

"ނޫން. އަހަރެން ގަބޫލު ކުރާ ގޮތުގައި އަހަރެން ކޮށްގެން މި އުޅޭ ކަމަކީ ކުށެއް ނޫން. މިއީ އަހަރެން ހަމަ ހޭގައި ހުރެގެން ކުރި ކަމެއް. ވީމާ މައާފަށް އެދޭ ވަރުގެ ކަމެއް އަދި އަހަރެންނަކަށް ނުކުރެވޭ ކަންނޭނގެ،" އިމްތިޔާޒްގެ ވާހަކަ ވަރަށް ސާފެވެ.

"ޔޫހްއާ މެދު ވިސްނާލިންތަ؟" އެންމެ ފަހުން ޝައިލާ އަހާލި އެވެ.

"އޭނައަށް ކުރަންވީ ހުރިހާ ހަރަދެއް އަހަރެން ކުރާނަން. އެކަމަކު އޭނަ ހުންނާނީ ޝައި ގާތުގައި."

"އަހަރެން ގާތުގައޭ؟ މާނައަކީ ތި އުޅެނީ އަހަރެން އެއްކޮށް މިނިވަންކުރާށޭތަ؟" ހައިރާންވެފައި ޝައިލާއަށް އަހާލެވުނެވެ.

"އާނ. އެ ނޫން ގޮތަކަށް އޭނަ އަހަރެންނާ ކައިވެނި ކުރާކަށް އެއްބަހެއް ނޫން،" އިމްތިޔާޒް ބުންޏެވެ.

ޝައިލާ ބަޑިފަޅައިގެން ދިޔަ އެވެ. އެއްވެސް އަތްނބަކަށް އޭނަގެ ފިރިމީހާ ހިލޭ އަންހެނެއް ގާތުގައި އުޅޭތަން ބަލާކަށް ކެތެއް ނުވާނެ އެވެ. އަދި އަމުދުން ތިމާ ދޫކޮށްލާފައި އެހެން މީހެއްގެ އުނގުތެރެއިން ޖާގަ ހޯދައިގެން އުޅޭ މަންޒަރު ބަލާކަށް ވެސް ކުޅަދާނައެއް ނުވާނެ އެވެ.

"އަހަރެން ވަރިނުކުރޭ. ތި ބުނާ މީހަކާ އިނދޭ. އަހަރެން ރުހުން ދީފިން. އެކަމަކު އަހަރެން ވަރިނުކުރޭ. ޕްލީޒް އިންތި. އަހަރެން އާދޭސްކޮށްފައި މި ބުނަނީ ތިހެން ނުހަދާ،" އިމްތިޔާޒުގެ ގިރުވާނުގައި ހިފައިގެން ކުއްލިޖަހަމުން ޝައިލާ ބުންޏެވެ. އަދި ރޮމުން ރޮމުން އޭނަގެ ފައިބުޑަށް ތިރިވި އެވެ.

އިމްތިޔާޒް އޮތީ ޖޯއްޔެއްގަ އެވެ. ޓެރަސް މަތީގައި ބަހައްޓާފައި ހުރި އެ ޖޯލީގައި އާންމުކޮށް އިމްތިޔާޒް އޮންނަނީ ހަވީރު ވަގުތުގަ އެވެ. ދުވަހަކީ ޑިއުޓީ ނެތް ދުވަހެކެވެ. ވުމާއެކު ބޯހާސްކަން ފިލުވާލަން އެތަނަށް އައީ އެވެ. ނުވިސްނަން ކިތަންމެ މަސައްކަތް ކުރިޔަސް ވިސްނަންހުރި ކަންކަން މަދެއް ނޫނެވެ. އެ ވަގުތު ފޯނެއް އަ އެވެ. ހިތަށް އެރީ ގުލްނާޒް ކަމަށެވެ. ބަލާލި އިރު އޮތީ ނުދަންނަ ނަންބަރެކެވެ. ބަލާލާފައި އަޅައެއް ނުލިއެވެ. އެކަހަލަ ކޯލުތައް ވަރަށް ގިނައިން އާދެ އެވެ. އެހެންކަމުން އެ ކޯލެއް ނުނެގި އެވެ. އަނެއްކާވެސް ކޯލު އަ އެވެ. ހަމަ އެ ނަންބަރުންނެވެ. މެސެޖެއް ވެސް އަ އެވެ.

"ގުލްނާޒްއާ ބެހޭ މުހިންމު ކަމެއް އެނގެން ބޭނުން ނަމަ ފޯނު ނަގާ،" އިނގިރޭސިން ލިޔެފައި އޮތީ މިހެންނެވެ. އިމްތިޔާޒް ވަގުތުން ފޯނު ނެގި އެވެ. އަނގައިން ނުބުނެ މަޑުކޮށްލި އެވެ.

"ހަލޯ. މަށަށް އެނގޭ ޑޮކްޓަރު ތިއުޅެނީ އެ ކޫޑިއާ ރައްޓެހިވެގެންކަން. އަދި ކައިވެނި ކުރަން އުޅޭކަން ވެސް އެނގޭ،" ފުރަތަމަ ވެސް އެ މީހަކު ބުންޏެވެ. އަޑަކީ ފިރިހެން އަޑެކެވެ. ދެން ވެސް އިމްތިޔާޒް އެއްޗެއް ނުބުނެ މަޑުކޮށްލި އެވެ.

"މިހެން ގުޅާލާފައި މީހަކު ބުނާހައި އެއްޗެއް ގަބޫލު ނުކުރާނެކަން ވެސް އެނގޭ. އެކަމަކު އަހަރެން އަތުގައި ހެކި ހުންނާނެ،" އޭނާ ބުންޏެވެ. "ބައްދަލުކޮށްލަން ބޭނުންތަ؟ ތިކޮޅުން ބުނޭ ތަނަކާއި ވަގުތެއް. އަހަރެން މި ހުރީ ތައްޔާރަށް."

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް