ވާހަކަ: ޝިކާޔަތު

ވާހަކަ

ވާހަކަ: ޝިކާޔަތު - 13 ވަނަ ބައި

27 ޖޫން 2024

އެޕިސޯޑް 13

ޝައިލާ ވަގުތުން އަތް ދަމައިގަތެވެ. އަދި ނިޔާޒްއާ ހަތަރު ކަޅި ހަމަކޮށްލި އެވެ. އެ ލޮލުން ފެންނަމުން ދިޔައީ އެހެން އެއްޗެއް ހެއްޔެވެ؟ އޭގެ މާނައަކީ ކޮބާ ހެއްޔެވެ؟ ނިޔާޒަކީ މީހަކާ އިނދެގެން ދެ ދަރިން ވެސް ތިބި މީހެކެވެ. އަންހެނުން ރާޔާއަކީ ޝައިލާގެ ވަރަށް ގާތް ރައްޓެއްސެކެވެ. އެކަން ނިޔާޒް ހަނދާން ނެތުނީ ހެއްޔެވެ؟ ނުވަތަ ޝައިލާއަށް މާ ފުންކޮށް ވިސްނެނީ ހެއްޔެވެ؟ އެހެން މާނައެއް ނެގެނީ ހެއްޔެވެ؟

"ކިހިނެއްވީ؟" ނިޔާޒް އެހި އެވެ. "ހާދަ ވަރަކަށް ސިއްސައިގެން ތި ދިޔައީ."

"ކަމެއް ނުވޭ. ދެން ހިނގާ ދާން،" އިސްޖަހާލަމުން ޝައިލާ ބުންޏެވެ.

"އަތުގައި ހިފާލީމައި ހިތްހަމަނުޖެހުނީތަ؟ ސޮރީ. އެއީ އަހަރެން ގަސްދުގައި ކުރި ކަމެއް ނޫން. ޝައި އިން ހާލަތުން ހިތްވަރުދޭން ހިފާލެވުނީ. މައާފު ކުރޭ،" މަޑުމައިތިރިކަމާ އެކު ނިޔާޒް ބުންޏެވެ.

ޝައިލާ އޮތީ ނިދާ ކަމަށް ހެދިގެންނެވެ. އިމްތިޔާޒަށް ގެއަށް އާދެވުނު އިރު ގަޑިން އެއް ގަޑި ބައި ވެއްޖެ އެވެ. އެ އައީ ހޮސްޕިޓަލުން ނޫންކަން ޝައިލާއަށް އެނގެ އެވެ. އޭނަ އެ ވަރު ބަލައިފިއެވެ. ދެރަކަމަކީ ފިރިމީހާއަށް ޝައްކު ކުރަން ޖެހުމެވެ. ވިސްނެމުން ދިޔައީ ހަޔާތުގެ މި އަޑިގަނޑުން އަރާނީ ކިހިނެއްކަން ނޭނގޭތީ އެވެ. އިމްތިޔާޒް ބަސް މަދުވަމުން ގޮސް ވާހަކަ ދެއްކުން އެއްކޮށް ހުއްޓާލައިފި އެވެ. ޝައިލާ ވާހަކަ ދައްކަން ފެށި ނަމަވެސް އެ ތަނަކުން އިމްތިޔާޒް ނުކުމެގެން ދެ އެވެ. ނިދީގައި ކަމަށް ހަދާފައި ޝައިލާ އަނެއް ފަރާތަށް އެނބުރުނެވެ. އިމްތިޔާޒްއާ ދިމާލަށް މަޑުމަޑުން ބަލާލި އެވެ. އޭނަ އޮތީ ހިނިތުންވެފަ އެވެ. ފޯނާ ކުޅޭށެވެ. ހީވަނީ ކޮންމެވެސް މީހަކާ ވާހަކަ ދައްކަނީ ހެންނެވެ. ޝައިލާގެ ހިތުގައި ރިހުމެއް އުފެދުނެވެ. މިފަދަ ގަޑިއެއްގައި ހޮސްޕިޓަލުގެ މީހަކު ވާހަކައެއް ނުދައްކާނެކަން ކަށަވަރުވި އެވެ. އެއީ މީގެ ކުރިން އިމްތިޔާޒް އުޅުނު ގޮތެއް ނޫނެވެ. ވުމާއެކު އެކަން ޝައިލާއަށް ޔަގީންވި އެވެ.

"ތޭންކްސް،" އިމްތިޔާޒްގެ ފޯނަށް އައި މެސެޖްގައި އޮތެވެ.

"ކޮން ކަމަކަށް؟" އިމްތިޔާޒް މެސެޖް ފޮނުވާލި އެވެ.

"އަހަރެންގެ ހަޔާތަށް އައީމަ،" އުފަލުން ފުރިފައިވާ ގުލްނާޒް މެސެޖް ކުރި އެވެ.

ޝައިލާ މަޑުމަޑުން އިމްތިޔާޒްގެ މޭގައި ފިރުމާލި އެވެ. އިމްތިޔާޒް ވަގުތުން އޭނަގެ އަތް ދުރަށް ލި އެވެ. އަދި ޝައިލާއާ ދުރަށް ޖެހިލި އެވެ. ޝައިލާ އަނެއްކާވެސް އިމްތިޔާޒްއާ ގާތްވެލި އެވެ.

"ޝައިލާ! ކިހިނެއް ވެގެން މިރޭ ތިއުޅެނީ؟" އެނދުން ތެދުވަމުން އިމްތިޔާޒް ބުންޏެވެ. އަޑުގައިވަނީ ރުޅިވެރިކަމެވެ. ޝައިލާ އެއްވެސް އެއްޗެއް ނުބުނެ ތެދުވެ އިށީނެވެ.

"އަހަރެން ހީކުރީ..."

"ކޯއްޗެއް ހީކުރަން؟" އިމްތިޔާޒް ބުންޏެވެ.

"އިންތި ކީއްވެ އަހަރެންނަށް ތިހެން ތި ހަދަނީ؟ އަހަރެންގެ ކުށަކީ ކޮބާ؟" ޝައިލާ ފެންކަޅިވި އެވެ.

"މަ ކޮން ގޮތެއް ހެދީތަ؟ މި ދުވަސްކޮޅު އަހަރެން މިއުޅެނީ ވަރަށް ބިޒީކޮށް. މަށަށް ރަނގަޅީ އުނދަގޫ ނުކުރިއްޔާ،" ކޮޓަރީގައި ހުރި ރެކްލައިނާގައި ޖައްސާލަމުން އިމްތިޔާޒް ބުންޏެވެ.

"އިންތި ޕްލީޒް،" އެނދުން ތެދުވެގެން އައިސް އޭނަ ގާތުގައި ޝައިލާ އިށީނެވެ.

"ކީއްވެ ތިހެން ތި އުޅެނީ؟ ކޮބާ މައްސަލައަކީ؟ ބުނީމަ އަހަރެން ރަނގަޅު ކުރާނަމޭ. މިއީ ކުރިން އަހަރުމެން އުޅުނު ގޮތެއް ނޫނެއްނު. އިންތި ހިތްހަމަނުޖެހޭ ގޮތަކަށް އަހަރެންނަށް ކަމެއް ކުރެވޭ ނަމަ ވެސް ބުނެބަލަ. އަހަރެން ބޭނުމެއް ނޫން މިހެން އުޅޭކަށް. ވަރަށް އުނދަގޫ އިންތިއާ ނުލާ މިހެން އުޅެން. ބުނެބަލަ ތި ވެގެން އުޅޭ ގޮތެއް. ތިހާ ބޮޑު ބަދަލެއް އައި ސަބަބެއް ބުނެބަލަ ހެޔޮނުވާނެ،" ޝައިލާއަށް ގިސްލެވެން ފެށި އެވެ.

އިމްތިޔާޒް އެ ތަނުން ވެސް ތެދުވި އެވެ. އަދި ކޮޓަރިން ނުކުމެގެން ދިޔަ އެވެ. ބޭރު ސޯފާގައި އޮށޯވެލި އެވެ. ހިތަށް އެރި އެވެ. ޝައިލާ ހާދަ ކޫސަނި ވެއްޖެ އެވެ. ޝަކުވާ ކުރުމާއި ދެބަސްވުން ނޫން ކަމެއް ނޯވެ އެވެ. އިމްތިޔާޒް ހިތްހަމަޖެހޭ ގޮތަށް އެއްވެސް ކަމެއް ކުރާކަށް ޝައިލާއަކަށް ނޭނގެ އެވެ. މިހާ ގިނަ ދުވަހު އެކީގައި އުޅުމުން ވެސް ޝައިލާއަކަށް އިމްތިޔާޒް ދަހެއް ނުވި ހެއްޔެވެ؟ ނިތްކުރިއަށް ރޫތައް ގިނަކޮށްލަމުން ވިސްނާލިއެވެ. އެކުގައި އުޅެން އުނދަގޫ ވާ ނަމަ ދެން ޖެހޭނީ ދެ މީހުން ދެތަން ވާށެވެ. އެއީ ހައްލެއް ހެއްޔެވެ؟ އޭރުން ޔޫހްއަށް ވާނީ ކިހިނެއް ހެއްޔެވެ؟ ސިކުނޑީގައި އެނބުރެމުން ދިޔަ ހިޔާލުތައް އައީ ކޮން ދިމާލަކުން ކަމެއް އިމްތިޔާޒަކަށް ނުވިސްނެ އެވެ. ބޮލަށް ސަވާރުވެގެން އުޅެނީ ކާކު ކަމެއް ނޭނގެ އެވެ. ނުވަތަ އެނގޭ ކަމަށް ނުހަދަނީ އެވެ. ލިބެމުން ދިޔަ އުފަލާއި ހިތްހަމަޖެހުމަށް ދެ އަތް ހުޅުވާލައިގެން މަރުހަބާ ކިއީ އިމްތިޔާޒް އަމިއްލައަށެވެ. އެކަމަށް ބޭނުންވަނީ ވެސް އިމްތިޔާޒެވެ. އެކަމަށް ގޮވެނީ ވެސް ހަމަ އޭނައަށެވެ. އެކަން އަމިއްލަ ނަފުސު ގަބޫލު ކުރެ އެވެ.

ނަލަކޮށް ދުވެފައި ދިޔަ ލޯބީގެ ބައްތެއްޔަށް ލޮޅުންއެރީ ކީއްވެ ކަމެއް ޝައިލާއަކަށް ވެސް ނުވިސްނުނެވެ. ހިތަށް ކުރި އަސަރެއްގެ ބޮޑު ކަމުން އެނބުރުން އަރަމުން ދިޔަ އެވެ. ރޮއިރޮއި ދެ ލޯ ފާރުވާހެން ހީވި އެވެ. އެންމެ ލޯބިވި މީހާގެ ފަރާތުން ފެންނަމުން ދިޔަ އަމަލުތަކަކީ ޝައިލާއަށް ބަލައިގަންނަން އުނދަގޫވި ކަންކަމެވެ. ކޮންމެ ގޮތެއް ވިޔަސް ޝައިލާ ބޭނުންވަނީ އަލުން އެ ދިރިއުޅުމުގައި ކުލަޖެހޭށެވެ. މާތައް ފޮޅި ބަގީޗާއަށް ދިރުން ގެނެސްދޭށެވެ. އުދުހެމުން ދިޔަ ކުދި ކޮކާތަކާއި ގޮވަމުން ދިޔަ ކުދި ދޫނިތައް އެ ބަގީޗާގައި ދިރިއުޅޭށެވެ. މިލަމުންދާ ގަހެއް ނަމަ އުފުރާލާށެވެ. ކުނިކޮޅެއް އެޅިއްޖެ ނަމަ ކަހާލާފައި އުކާލާށެވެ. ފެހިކަން ގަދަ އެ ބަގީޗާގައި ދުވަހަކުވެސް މިލައި މޯޅިނުވާ މާތައް ތެރޭގައި ނަށާލާށެވެ. ނަމަވެސް މިއަދު އެކަމަށް ތަނެއް ނުދިނެވެ. އާރޯ ކުރަން އެތައް ދުވަހެއް ވަންދެން ކުރަމުން އައި ބުރަ މަސައްކަތް ބޭކާރުވެ ބަގީޗާ ކަށިޖަންގަޔަކަށް ބަދަލުވީ ކުޑަ ހިނދުކޮޅެއްގެ ތެރޭގަ އެވެ. ކާކުގެ ސަބަބުން ހެއްޔެވެ؟ ޝައިލާއާ ހެދި ހެއްޔެވެ؟ ނުވަތަ ކުށްވެރިއަކީ އިމްތިޔާޒް ހެއްޔެވެ؟

އެންމެ ފަހު ޕޭޝަންޓް ބަލާ ނިމުނު އިރު ގަޑިން ފަހެއް ޖަހާ ބޮޑު ވެއްޖެ އެވެ. ކަރަށް ބާރުކޮށްފައި އިން ޓައީ ދޫކޮށްލީ ފޫހިކަމާ އެކުގަ އެވެ. އިމްތިޔާޒް އިނީ ކޯލަކަށް އިންތިޒާރު ކޮށްގެންނެވެ. މިއަދު އިރުގެ އަލިކަން ފާޅުވީއްސުރެ އެ ކޯލެއް ނަ އެވެ. އެ ނަންބަރަށް ގުޅުމުން ފޯނު ވެސް އޮތީ ނިއްވާލާފަ އެވެ. ވެގެން އުޅޭ ގޮތެއް ބަލާލަން ދެވޭ ވަރަށް ވުރެ އިމްތިޔާޒް ބިޒީވީ އެވެ. ނަމަވެސް ހަމަނޭވާ ލެވުނީ އަދި ކިރިޔާ އެވެ. ވުމާއެކު އެ ދިމާލަށް މިސްރާބު ޖަހަން ގޮނޑިން ތެދުވި އެވެ. އެ ވަގުތު ކޮޓަރީގައި ޓަކި ޖަހާލާފައި ނިޔާޒް ވަނެވެ. އިމްތިޔާޒްގެ މޫނުމަތިން ފެނުނީ ފޫހިކަމެވެ. ނިޔާޒަށް އެ މަންޒަރު ފާހަގަ ކުރެވުނެވެ.

"އަހަރެން މި އައީ މާ މުހިންމު ވާހަކައެއް ދައްކާކަށް ނޫން. އެކަމަކު ނުދައްކާ ވާކަށް ވެސް ނެތް،" ގޮނޑީގައި އިށީންނަމުން ނިޔާޒް ބުންޏެވެ. "އިންތި މިހާރު ކިހިނެއް ތި އުޅެނީ؟"

"މަ ކިހިނެއް އުޅެނީ؟" އިމްތިޔާޒް ވެސް ގޮނޑީގައި އިށީނެވެ.

"ކަލެއަށް ހަމަ ރަނގަޅަށް އެނގޭނެ މަ މި ކިޔާ އެއްޗެއް. ނޭނގޭ ކަމަށް ނުހަދާ،" ނިޔާޒް ބުންޏެވެ.

"ބުނަން ނިޔާޒް. ރައްޓެއްސަކަށް ވިޔަސް ގާތް މީހަކަށް ވިޔަސް ހުންނަން ވާނީ ވަކި ހައްދެއްގައި. ވަކި މިނެއްގައި. އަހަރެންގެ ޕާސަނަލް ކަންކަމާ ބެހުމުގެ ހައްގެއް އަހަރެންގެ އަންހެނުންނަށް ވެސް ނުދެން،" ހިތްހަމަނުޖެހިފައި އިމްތިޔާޒް ބުންޏެވެ.

"އެހެން ދޯ؟ އަހަރެން މި އައީ މާ ގިނަ ވާހަކަ ދައްކާކަށް ނޫން. ނަސޭހަތެއް ދޭކަށް ވެސް ނޫން. އެކަމަކު ތި ކުރާ ކަމެއްގެ ސަބަބުން ތިމާގެ އަންހެނުންނާއި ދަރިއަށް ކުރާނެ އަސަރާއި ވާނެ ދެރަ ވިސްނާލާތި،" ނިޔާޒް ބުންޏެވެ.

"އެއީ އަހަރެންގެ ބެލުމުގެ ދަށުގައި ތިބި ބައެއް. އެ މީހުންނާ މެދު ވިސްނާ ފިކުރު ކުރާނީ ވެސް އަހަރެން،" ގޮނޑިން ތެދުވަމުން އިމްތިޔާޒް ބުންޏެވެ. "އިތުރު އެއްޗެއް؟"

މަޑު ދުވެލީގައި ދުއްވަމުން ދިޔަ ކާރު ގޮސް މަޑުކޮށްލީ ގުލްނާޒްމެން ގޭ ދޮރު މައްޗަށެވެ. އިމްތިޔާޒް އެތެރެއަށް ވަނެވެ. ދިޔަ ގޮތަށް ގޮސް ގުލްނާޒްގެ ކޮޓަރީގައި ޓަކި ޖަހާލި އެވެ. ޖަވާބެއް ނައުމުން އެތެރެއަށް ވަނެވެ. އެނދުގައި އޮތް ގުލްނާޒް އޮތީ ދޮރާ ދިމާލަށް ބަލަހައްޓައިގެންނެވެ. މޫނުމަތިން ފެނުނީ ހިތްހަމަނުޖެހުމެވެ. އިމްތިޔާޒް ގެނައި ރަތް ފިނިފެންމާ ބޮނޑި ދިއްކޮށްލި އެވެ. އޭގައި ހިފުމުގެ ބަދަލުގައި މޫނު އަނެއް ފަރާތަށް އަނބުރާލި އެވެ.

"ކޮން ކަމަކާ ހިތްހަމަނުޖެހިފައި؟ އަހަރެން މިއަދު ހާދަ އިންތިޒާރެއް ކޮށްފީމޭ ނާޒް ގުޅާތޯ، ފޯނު ވެސް އޮތީ ނިއްވާލާފައި. އަނެއްކާ ބަލީތަ؟" ވަރަށް ލޯބިން އިމްތިޔާޒް އަހާލި އެވެ. ގުލްނާޒް އެއްވެސް އެއްޗެއް ނުބުންޏެވެ.

"ދެން ވާހަކަ ދައްކަބަލަ. ކިހިނެއްތަވީ؟ މިއަދު ގޭގައި ކުދިން ނޫޅެނީތަ؟ ގޭތެރެ މާ ފަޅުކަމުން މި އަހާލީ،" އިމްތިޔާޒް ބުންޏެވެ.

"އަހަރެން އެބަ އޮތް ވަރަށް މުހިންމު ވާހަކައެއް ބުނަންވެފަ،" ބޯ ދަށުގައި އޮތް ބާލީސް ނަގައި އޭގައި ލެނގިލަމުން ގުލްނާޒް ބުންޏެވެ.

"އަނެއްކާ ކޮން ވާހަކައެއް؟" ގުލްނާޒްއާ ގާތް ވެލަމުން އިމްތިޔާޒް އަހާލި އެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް