ވާހަކަ: ޝިކާޔަތު

ވާހަކަ

ވާހަކަ: ޝިކާޔަތު - 12 ވަނަ ބައި

24 ޖޫން 2024

އެޕިސޯޑް 12

"ކީއްވެތަ އަހަރެން ބުނާ ގޮތް ނުހަދަން ތި އުޅެނީ؟" ގޮނޑިން ތެދުވަމުން ހިތްހަމަނުޖެހިފައި އިމްތިޔާޒް ބުންޏެވެ. ޝައިލާގެ އަނގަ ބަންދުވި އެވެ. ކައިވެންޏަށް މިހާ ދުވަސް ވީ އިރު ވެސް ދުވަހަކު ވެސް އިމްތިޔާޒް އެފަދަ ގޮތަކަށް ވާހަކައެއް ނުދައްކަ އެވެ. މަޑުމައިތިރިކަމާއި އިހުތިރާމާ އެކުގައި ނޫނީ ޝައިލާއާ އަނގައިން ވެސް ނުބުނާނެ އެވެ.

ކޮންމެވެސް ކަމެއް ވެއްޖެ ކަން ޝައިލާއަށް ވިސްނުނެވެ. ނުވިސްނުނީ ވެގެން އުޅޭ ކަންތަކެވެ. އެ ސުވާލު ކުރި ނަމަވެސް އެއަކަށް އެކަށީގެންވާ ޖަވާބެއް ނުލިބޭނެކަން އެނގެ އެވެ. މި ވަގުތަކީ އެކަމަށް ތަންދޭ ދަނޑިވަޅެއް ނޫނެވެ. ޝައިލާ ދެރަވި އެވެ. ހިތުގައިޖެހުނެވެ. އިމްތިޔާޒް ބުނި އެ ޖުމްލައިގެ ރާގުގައި ހުރި ހަރުކަށިކަން ޝައިލާއަށް ދެނެގަނެވުނީތީ އެވެ. ހިތުގައިޖެހުނު ވަރުން ފެންކަޅިވި އެވެ. ނަމަވެސް އެ މަންޒަރު އިމްތިޔާޒަކަށް ނުދައްކަ އެވެ. އަނެއް ފަރާތަށް އެނބުރި ގަބު ވެފައި މީހާ ހުރީ އެވެ. ބުނާނެ އިތުރު އެއްޗެއް ވިސްނުމަކަށް ނަ އެވެ. ދައްކާނެ އިތުރު ވާހަކައެއް ވެސް ނޭނގުނެވެ. އެ ވަގުތު އެ ތަނުން ނުކުމެގެން އިމްތިޔާޒް ދިޔަ އެވެ. ޝައިލާއަށް ރޮވުނެވެ. ވެގެން އުޅެނީ ކީއްކަން ނޭނގުނަސް ކޮންމެވެސް ކަމެއް ވެއްޖެކަން ގަބޫލު ކުރެވުނެވެ. ހިތުގައި އުފެދުނު މަޑު ރިހުމުގައި ވޭން އަޅަން ފެށި އެވެ. ލޯބިވާ ފިރިމީހާގެ ފަރާތުން އެ ފެނުނު އާ ސިފައަށް މަރުހަބާ ކިޔާކަށް ޝައިލާ ބޭނުމެއް ނޫނެވެ.

"އަހަރެން އަބަދުވެސް ހަދަނީ އިންތި ބުނާ ގޮތް. އެކަމަކު މިއީ ދަރިފުޅުގެ ސިއްހީ ހާލަތާ ގުޅުން ހުރި ކަމެއް. ކިހިނެއް މި ހާލުގައި އޮތް ކުއްޖަކު ރާއްޖެއަށް ގެންދާނީ؟" މެށިފައިވާ އަޑަކުން ޝައިލާ ބުންޏެވެ.

ޔޫހްގެ ހާލު ދުވަހެއް ދުވަހަކަށް ރަނގަޅު ވަމުން އަ އެވެ. އިމްތިޔާޒް ގިނަ ވަގުތު އުޅެން ފެށީ ބޭރުގަ އެވެ. ދަނީ ކޮންތާކަށް ކަމެއް ނުބުނެ އެވެ. ކުރަނީ ކީއްކަމެއް ވެސް ނޭނގެ އެވެ. ޝައިލާއަށް ފެނުނު އިމްތިޔާޒްގެ އެ ސިފަ އެއްގޮތަކަށް ވެސް ކަމަކުނުދިޔަ އެވެ. ފިރިމީހާއާ ވާހަކަ ދައްކައިގެން މައްސަލައިގެ ހައްލު ހޯދަން ބޭނުންވި އެވެ. ޝައިލާ އެންމެ ދެރަވަނީ ދަރިފުޅާ އަޅާލުން ކުޑަވީމަ އެވެ.

ޝައިލާ ބޭނުންވާ ކޮންމެ އެއްޗެއް ގަނެގެން ގެނެސްދެ އެވެ. ނަމަވެސް ވާހަކަ ދެއްކުން މަދުވި އެވެ. ގިނައިން އިންނަނީ ފޯނެއްގަ އެވެ. ދައްކާ ވާހަކައެއް އަޑެއް ނީވެ އެވެ. ނުވަތަ އަބަދުވެސް އިންނާނީ މެސެޖެއް ލިޔާށެވެ. މައްސަލައިގެ ހައްލު ލިބޭނީ ފުރަތަމަ ކަމަކަށް މައްސަލައަކީ ކޮބާކަން ދެނެގަނެވިގެންތާ އެވެ. ޝައިލާއަކީ ކެތްތެރި އަންހެނެކެވެ. ވަފާތެރި އަތްނބެކެވެ. ދުވަހަކުވެސް އިމްތިޔާޒްއާ އަޑު ހަރުކޮށް ވާހަކައެއް ނުދައްކަ އެވެ. ކޮންމެ ކަމަކު ވެސް ބުނާނީ އޭނައަށް ނުވެގެންނެވެ. ބޭކާރު ވާހަކަ ދައްކާ ޝަކުވާ ކުރުމަކީ ނެތް ސިފަތަކެވެ. ރިވެތި އަހުލާގެއް ލިބިފައިވާ ޝައިލާާގެ ކުށަކީ ކޮބާ ކަމެއް އޭނައަކަށް ނުވިސްނެ އެވެ. އިމްތިޔާޒްއާ ވާހަކަ ދައްކަން ބޭނުންވާ ކޮންމެ ފަހަރަކު ކޮންމެވެސް ބަހަނާއެއް ދައްކާފައި އެތަނަކުން ތެދުވެގެން ދަނީ އެވެ. ޝައިލާ ދެން ވެސް ކެތްކުރި އެވެ. ދަރިފުޅަށްޓަކަ އެވެ.

ދިގު އިންތިޒާރަކަށް ފަހު ދަރިފުޅު ދޫކޮށްލި އެވެ. އަދި ގެންގުޅެން ޖެހޭ ގޮތްތައް ކިޔާދިނެވެ. ސިކުނޑިއާ ގުޅުން ހުރި ކަމެއް ކަމުން ވިސްނައިގެން އުޅުމަށް ޑޮކްޓަރު ނަސޭހަތްދިނެވެ. އަވަހަށް އެކަން ރަނގަޅު ކުރަން ބޭނުން ނަމަ ބޭހާއެކު ތެރަޕީ ވެސް ކުރިއަށް ގެންދިޔުމަށް ބުންޏެވެ. މާލެ އައުމަށް ފަހު ދެން ކަންތައް ވެގެން ދިޔައީ ޝައިލާ ހީކުރި ގޮތަކަށް ނޫނެވެ. އިމްތިޔާޒްގެ އުޅުން އިހުނަށް ވުރެ ދެގުނަ ބަދަލު ވެގެން ދިޔަ އެވެ.

ޝައިލާ ކޮޓަރީގައި އުޅޭ ނަމަ އެތަނަކަށް ނުވަދެ އެވެ. ކާ ކޮޓަރީގައި އުޅޭ ނަމަ އެތަނަކަށް ނުވަދެ އެވެ. ސިޓިން ރޫމުގައި އިންނަ ނަމަ އެތަނަކު މަޑެއް ނުކުރެ އެވެ. ޔޫހުއާއެކު އެންމެ ސިކުންތެއް ވެސް ހޭދައެއް ނުކުރެ އެވެ. ގޭގައި އުޅޭ ނަމަ ހީވަނީ މުޅިން އެހެން މީހެއް ހެންނެވެ. އެއްވެސް މީހަކާ އިސްވެ ވާހަކައެއް ނުދައްކަ އެވެ. އެއްޗެއް އެހުމުން ވެސް ޖެއްސުމަށް ނޫނީ ޖަވާބެއް ނުދެ އެވެ. އިމްތިޔާޒަށް އެހާ ބޮޑު ބަދަލެއް އައީ ކީއްވެގެން ކަމެއް ޝައިލާއަކަށް ނުވިސްނުނެވެ. އެއީ ކުއްލިއަކަށް ވީ ކަމެކެވެ. ޝައިލާއަށް ކުރެވުނީ ކޮން ފަދަ ކުށެއްބާވައޭ އޭނަ ކިތަންމެ ފަހަރަކު އަހައިފި އެވެ. ނަމަވެސް ދެނީ އެއް ޖަވާބެކެވެ. އެކަން އެނގޭނީ ޝައިލާ އަމިއްލަ ނަފުސަށް ކަމަށް ބުނެ ޖަވާބު ކުރުކޮށްލަ އެވެ.

"ޖަވާބެއް ނުދެއޭ!" ޝައިލާ ވާހަކަ ދެއްކީ ފޯނުންނެވެ.

"ދެން ކީކޭ އަހަރެން ބުނާނީ؟ ނޭނގެ ތި ވެގެން އުޅޭ ގޮތެއް،" ވިސްނާލަމުން ނިޔާޒް ބުންޏެވެ.

"އަހަރެން ހީކުރީ ނިޔާޒަށް ކޮންމެވެސް ވަރަކަށް އެނގޭނެ ކަމަށް. އަސްލު އަހަރެން ބޭނުމެއް ނޫން އިންތިގެ ވާހަކަ މީހުން ގާތުގައި ކިޔާކަށް. އެކަމަކު އެހެން ގޮތެއް ނެތިގެން ނިޔާޒަށް މި ގުޅީ،" ޝައިލާގެ އަޑުގައި ވަނީ ހިތާމަ އެވެ.

"އިންތިއާ ވަރަށް ނުގުޅޭ ގޮތަކަށް ތި އުޅެނީ. ވެގެން އުޅޭ ގޮތެއް ޖެހޭނީ ބަލާލަން،" ނިޔާޒް ބުންޏެވެ. އޭނާ ހިތަށްއެރި އެވެ. ޝައްކުވަމުން ދިޔަ ކަންތައް ހަގީގަތަކަށް ވީބާވަ އެވެ؟

"އަހަރެން މި ވާހަކަ ދެއްކިކަން އިންތިއަށް އެނގިއްޖެ ނަމަ ވަރަށް ރުޅި އަންނާނެ. މިހާރު ވެސް އަބަދު ހުންނަނީ ރުންކުރުވެފައި. ޔޫހްއާ ވެސް އެއްގޮތަކަށް ވެސް ވާހަކައެއް ނުދައްކާ،" ޝައިލާ ބުންޏެވެ.

"ހިނގާ ކޮފީއަކަށް ދާން. އޭރުން ތި ވާހަކަ ރަނގަޅަށް ދެއްކޭނީ. މިރޭ ދޭބަ ބްރައިންއަށް. 9 އަށް ދާނީ. އަހަރެން ވެސް އެހާ އިރަށް ދާނަން."

އިމްތިޔާޒްއާއި ނިޔާޒަކީ ސުކޫލު ދައުރުން ފެށިގެން ރައްޓެހިންނެވެ. ދެ އާއިލާގެ ގުޅުން ވެސް އެހާ ރަނގަޅެވެ. ހާއްސަ ކޮންމެ މުނާސަބަތެއްގައި ދެ އާއިލާއިން ވެސް އެއް ބަޔަކު އަނެއް ބަޔަކަށް ދައުވަތު ދެ އެވެ. އެއް ބަޔަކު އަނެއް ބަޔަކާ އެކު ވަގުތުތައް ހޭދަ ކުރެ އެވެ. ވުމާއެކު ނިޔާޒްއާ އެކު ކޮފީއަކަށް ދިޔުމަކީ މާ ބޮޑު މައްސަލައެއް ކަމަކަށް ޝައިލާ ނުދެކެ އެވެ. ނަމަވެސް މިއީ އަދި ފުރަތަމަ ފަހަރުކަމުން ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ހިތުތެރޭގައި އުތުރިއަރަމުން ދިޔަ އެވެ. ޝައިލާއަކީ އިމްތިޔާޒަށް އެއްވެސް ކަމެއް ސިއްރުކޮށް އޮޅުވާލި މީހެއް ނޫނެވެ. އެކަމަކު މިއީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ޝައިލާއަށް ވިސްނުނީ އެވެ.

ގަޑިން ނުވައެއް ޖަހަން އިނީ އެންމެ ތިން މިނެޓެވެ. ގޭގައި އުޅެނީ މެއިޑް އެކަންޏެވެ. ޔޫހް އޮތީ ނިދާފަ އެވެ. ޝައިލާ ނުކުތީ ރީތިވެލައިގެންނެވެ. ސައިކަލަށް އަރައި ބާރު ސްޕީޑްގައި މަޖީދީ މަގަށް ނުކުތެވެ. މަޖީދީ މަގުގައި ބާރު ބޮޑެވެ. ދުވާލު ވެހުނު ވާރޭގެ ތެތްކަން މަގުމަތީގައި ހުއްޓެވެ. އެކި ސައިކަލުތަކާއި ކާރުތަކުން ނެއްޓެމުން ޝައިލާ ގަޑިއަށް ބަލަމުން ދިޔަ އެވެ. ދެވޭ އެންމެ އަވަހަށް ދެވޭތޯ މަސައްކުރަމުން ދިޔަ އެވެ. ވަކި ހިސާބަކަށް ދިޔަ ތަނާ މަޑުމަޑުން ވާރޭ ކަނިޖަހަން ފެށި އެވެ. ނުތެމި ދެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ޝައިލާއަކަށް ނެތެވެ. ނަމަވެސް ޓްރެފިކް ބާރު ކުޑަ ހިސާބަކަށް ދެވުމުން ދުއްވުން ބާރުކޮށްލި އެވެ. އިސާހިތަކު ބޭނުންވާ މަންޒިލާ ހިސާބަށް ދެވުނެވެ.

"ކޮން ކަމަކާތަ ޝައްކުވަނީ؟" އިމްތިޔާޒް އޮތީ ގުލްނާޒްގެ އުނގުތެރޭގަ އެވެ.

"އަހަރެންނަށް ހީވަނީ އިންތި ގެއްލިދާނެހެން. އަހަރެން ދޫކޮށްނުލައްޗޭ،" ގުލްނާޒް ބުންޏެވެ.

"އިތުބާރު ނުކުރެވެނީތަ؟ ކިތައް ފަހަރު ބުނާނީ ތިއީއޭ އަހަރެންގެ ލޯތްބަކީ؟" ގުލްނާޒްގެ ކޮލުގައި ހިފާލަމުން އިމްތިޔާޒް ބުންޏެވެ.

"އިތުބާރު ކުރަން. އެކަމަކު ހިތަށްއަރަނީ އެހެން މީހުންހެން އިންތި ވެސް އަހަރެން ދޫކޮށްލާފާނޭ. އަހަރެން ވަރަށް ބިރުގަނޭ. ވަރަށް ޖެހިލުންވޭ،" ގުލްނާޒް ބުންޏެވެ.

"ކޮން ކަމަކާ ބިރުގަންނަނީ؟"

"އަނެއްކާވެސް އަހަރެން އެކަނިވެރިއަކަށް ވެދާނެތީ. އެކަނިވެރިކަމަކީ ހާދަ އުނދަގޫ ކުރުވާ ކަމެކޭ،" ގުލްނާޒް ބުންޏެވެ. އިމްތިޔާޒް ހިތަށްއެރި އެވެ. ކުރީގެ ތަޖުރިބާތަކުން އެފަދަ ކަމެއް ވެދާނެ އެވެ. އެއީ މައްސަލައެއް ނޫނެވެ. ކޮންމެ މީހަކު ނަމަ ވެސް ވާނީ އެހެންނެވެ.

"ނާޒް. ދެން ދުވަހަކު ވެސް ނާޒް އެކަނިވެރިއެއް ނުވާނެ. އަހަރެން އަބަދުވެސް ނާޒް ގާތުގައި ހުންނާނަން."

"ގާތުގައި ހުއްޓަސް ހުންނަނީ ދުރުގައި. މި ބުނީ އޭނަ ފިޒިކަލީ އަހަރުމެން ގާތުގައި ހުއްޓަސް މައިންޑް ހުންނަނީ ކޮންމެވެސް އެހެން ދިމާލެއްގައޭ،" ޕެޝަން ފުރުޓް މޮހީޓޯ ތަށިން ފޮދުވަރެއް ބޯލަމުން ޝައިލާ ބުންޏެވެ.

"ހޮސްޕިޓަލުގައި އުޅޭ އިރު ވެސް ވަރަށް މަދުން ވާހަކަ ދައްކަނީ. އަހަރެން ހީކުރީ ކޮންމެވެސް ކަމަކާ ގޭތެރޭގައި ހިތްހަމަނުޖެހުމެއް އުޅެނީ ކަމަށް،" ހީވި ގޮތް ބާއްވާފައި ނިޔާޒް ބުންޏެވެ. ބުނަން ބޭނުންވާ ވާހަކަ ބުނަން ކިތަންމެ ފަހަރަކު އަނގަ ހުޅުވާލި އެވެ. ނަމަވެސް އެއީ ހަގީގަތެއްކަން ނޭނގޭހާ ހިނދަކު އެއްޗެއް ބުނުން ބުއްދިވެރިއެއް ނުވާނެ އެވެ.

"ޝައި، ދެން އެހާ ބޮޑަށް އެކަމާ ނުވިސްނާ. ތިވެގެން އުޅޭ ގޮތެއް އަހަރެން ބަލާލާނަން،" ޝައިލާގެ އަތުގައި ހިފާލަމުން ނިޔާޒް ބުންޏެވެ. ޝައިލާ ވަގުތުން އަތް ދަމައިގަތެވެ. އަދި ނިޔާޒްއާ ހަތަރު ކަޅި ހަމަކޮށްލި އެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް