ވާހަކަ: ޝިކާޔަތު

ވާހަކަ

ވާހަކަ: ޝިކާޔަތު - 11 ވަނަ ބައި

20 ޖޫން 2024

އެޕިސޯޑް 11 

އިމްތިޔާޒް ވިސްނާލިއެވެ. އެ ވަގުތު ހިޔާލެއް އައެވެ. ޝައިލާ ގާތުގައި ބުނާނެ އެއްޗެއް ހިތަށް އައެވެ. ދޮގު ހަދަން ކިތަންމެ އުނދަގޫވިޔަސް އެކަން ކުރަން އިމްތިޔާޒަށް މަޖުބޫރެވެ. އެއީ އޭނާާާ ބޭނުންވާ ގޮތް ކަމަށް ވެސް ވެދާނެއެވެ. މަސްހުނިވަމުން ދިޔަ ހިޔާލުތަކުގެ އެއްބައިގައި ހިފާނެ މީހަކު މި ވަގުތަކު ނެތެވެ. ކޮންމެ ހާލަތެއްގައި ވެސް އިމްތިޔާޒަށް ޝައިލާ ދުލެއް ނުކޮށްލެވޭނެއެވެ. އަނެއް ކޮޅުން ގުލްނާޒަކީ ޖާދުލެކެވެ. އެ ޖާލުގައި އިމްތިޔާޒް ވަނީ ޖެހި ހައްޔަރުވެފައެވެ. އެއީ ނޭނގޭ ބާރެކެވެ. އެ ބާރުގެ ވަރުގަދަކަމުން ގުލްނާޒް ބުނާ އެއްވެސް ކަމަކަށް ނޫނެކޭ ބުނަން ޖެހިލުންވެއެވެ. އެއީ ތަފާތު މީހެކެވެ. އެ ތަފާތުގެ ކަމުގެ އަވާގައި އިމްތިޔާޒް ޖެހުނީ ކޮން އިރަކު ކަމެއް ބުނެދޭކަށް ނޭނގެއެވެ. 

ލަސް ފިޔަވަޅުތަކަކާ އެކު އިމްތިޔާޒް ހިނގަމުން ދިޔައީ ގުލްނާޒްގެ ކޮޓަރިއާ ދިމާލަށެވެ. އެ ހޮޓަލުގައި ދިވެހިން އުޅޭކަން އިމްތިޔާޒަށް އެނގުނެވެ. ހިނގަމުން ދިޔަ އިރު ދެތިން މީހުންނާ ދިމާ ވުމުންނެވެ. ހޮސްޕިޓަލުން އެ ހިސާބަށް ކާރުގައި އަންނަން ނަގަނީ އެންމެ ހަތް މިނެޓެވެ. ޝައިލާ އެކަނި ވާނެ ވަރު ހިތަށް އަރުވާލާފައި އިމްތިޔާޒު ދެރަވިއެވެ. ނަމަވެސް މިއީ ވެސް ދިރިއުޅުމުގައި ކޮންމެ ހެން ކުރަން ޖެހޭ ކަމެއް ގޮތުގައި އިމްތިޔާޒަށް އަންނަނީ ވިސްނެމުންނެވެ. އެ ގޮތަށް ދަނީ މީހާ ހޭނެމުންނެވެ. ސިކުނޑި ދަނީ އެ ގޮތަށް ގަބޫލުކޮށްދެމުންނެވެ. 

"އަހަރެންނަށް އެނގޭ އަންނާނެކަން," ދޮރުގައި އިމްތިޔާޒް ޓަކި ނުޖަހަނީސް ގުލްނާޒް ދޮރު ހުޅުވާލިއެވެ. ގުލްނާޒް ހުރީ ހުދު ކުލައިގެ ވިދާ ފޮތީގެ ހެދުމެއް ލައިގެންނެވެ. ހެދުން ތުނިކަމުން ހަށިގަނޑުގެ ވަނާތައް ފާޅުވާން ހުއްޓެވެ. ގަޔަށް ހެޔޮވަރަށް ވުރެ ބާރުކޮށް ފަހާފައި ހުރި އެ ހެދުމުގައި އޭނާ ނަލައެވެ. އިސްތަށިގަނޑު ހުރީ ރީތި ގޮތަކަށް ނިއުޅާލާފައެވެ. މަޑު ފިޔާތޮށި ކުލައިގެ ތުންފަތުގައި ކުލައެއް ނުޖައްސައެވެ. ހިނިތުންވުން ފިޔަވައި އިތުރު އެއްޗެއް އެ ތުންފަތުގައި ނުވެއެވެ. އެސްފިޔަތައް ދިގު ދެ ލޮލުގައި އަނދުން އަޅާފައި ހުއްޓެވެ. މާނަ ފުން ވާހަކަތަކެއް ބުނެދެމުން ދިޔަ ތޫނު ކަޅިރަވަ ތެރެއަށް އިމްތިޔާޒް ގެނބެމުން ދިޔައެވެ. އެ ރީތި ސޫރައަށް ހިތް ނުލެނބޭނެ ފިރިހެނަކު މަދުވާނެއެވެ. އެފަދަ ބުރުސޫރަ ރީތި އަންހެނަކު ތިމާގެ ހައްގަކަށް ހަދަން ނޭދޭނީ ކާކު ހެއްޔެވެ؟ އޭނާ ލިބުމަކީ ފަޚުރަކަށް ނޫނީ ނުވާނެއެވެ. ނަސީބަކަށް ނޫނީ ނުވާނެއެވެ. 

"ދެން ހަމަ ބަލަން ހުންނާނީތަ؟ އެތެރެއަށް ވަދެބަލަ," އިމްތިޔާޒްގެ އަތުގައި ހިފައި ކޮޓަރި ތެރެއަށް ވައްދަމުން ގުލްނާޒް ބުންޏެވެ. 

"ނާޒް މިރޭ ހާދަ...." 

"ރީއްޗޭ," ގުލްނާޒް ހިނިތުންވެލިއެވެ. "އެނގޭ ތިހެން ބުނާނެކަން." 

"ކޯއްޗެއް ބޯނީ؟ ފިނި އެއްޗެއްތަ؟ ނޫނީ ހޫނު އެއްޗެއްތަ؟" ގުލްނާޒް އަހާލިއެވެ. 

"ނާޒް ބޭނުން ކޮންމެ އެއްޗެއް އޯކޭ," އެނދުގައި ޖައްސާލަމުން އިމްތިޔާޒް ބުންޏެވެ. 

"ދަރިފުޅު ރަނގަޅުތަ؟" ގުލްނާޒް އެހެން އަހާލުމުން އިމްތިޔާޒް ހިތްހަމަޖެހުނެވެ. އޭނާއާ ދޭތެރޭ ކުރިން ދެކެވުނު ގޮތް ވަގުތުން ބަދަލުވިއެވެ. ގުލްނާޒަކީ ވިސްނޭ މީހެއް ގޮތުގައި ގަބޫލު ކުރެވުނެވެ. ކުރިން ދަރިފުޅު ވާހަކަ އަހާނުލެވުނީ އޭނާ ގާތަށް އައިސްފައި ހުރި ރުޅިންނެވެ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެއެވެ. އިމްތިޔާޒަށް ވެސް ވީ އެހެންނެވެ. ގުލްނާޒް އަހާލި އެންމެ ދެ ބަހުގެ ޖުމްލައިން އޭނާގެ ހިތަށް ހަމަޖެހުން ލިބިގެންދިޔައެވެ. ބޮލަށް ލުޔެއް ލިބުނު ކަހަލައެވެ. 

"ކުރިއަށް ވުރެ ރަނގަޅު. ދުވަހެއް ދުވަހަކަށް ރަނގަޅު ވަމުން ދާނެކަމަށް ޑޮކްޓަރު ބުނީ،" އިމްތިޔާޒް ބުންޏެވެ. 

"ތިއީ ކިހާ އުފާވެރި ހަބަރެއް،" ފިނި ބުއިމެއް އިމްތިޔާޒަށް ދިއްކޮށްލަމުން ގުލްނާޒް ބުންޏެވެ. 

އިމްތިޔާޒް ވަރަށް ހިތްހަމަޖެހުނެވެ. އެއީ އޭނާ ބޭނުންވި ގޮތެވެ. އެރެއަކީ ދެ ހިތެއް ގުޅުވައިދިން ރެއެކެވެ. ކުރިން ގުޅިފައިވާ ގުޅުން އިތުރަށް ވަރުގަދަ ވެގެން ދިޔައެވެ. އަލަށް ކައިވެނިކުރި ދެމަފިރިއަކު މާމުއި ހަނދުގައި ރަސްކަން ކުރަމުން ދިޔަ ފަދައިންނެވެ. އިމްތިޔާޒްގެ ހިތުގައި ރަނިކަން ކުރަމުން ދިޔައީ ޝައިލާއެއް ނޫނެވެ. ގުލްނާޒެވެ. ހިތުގައި ޖަހާ ކޮންމެ ވިންދެއްގައި ވަނީ އެ ނަމެވެ. އެ ފިރުމުންތަކާއި އެ ބީހިލުންތަކުގައި ވަނީ ލޯތްބާއި އޯގާތެރިކަމެވެ. ހިތަށް ފިނިކަމާއި އުފާވެރިކަން ގެނުވައިދިން އެ ރެއަކީ ދެ މީހުން ދުވަހަކު ވެސް ހަނދާނުން ފުހެވިގެން ދާނެ ރެއެއް ނޫނެވެ. ގުލްނާޒްގެ ކޮންމެ ހަރަކާތެއްގައި ވަނީ އިންތިހާއަށް ލޯތްބެވެ. އެ ބަލާލުމުގައި ވަނީ މަސްތީ ޖަޒުބާތެކެވެ. އެއީ ތަފާތު އިހުސާސެކެވެ. އިމްތިޔާޒް އުޅުނީ މުޅިން އެހެން ދުނިޔެއެއްގައެވެ. އެކަން އޭނައަށް ވިސްނެމުން ދިޔައެވެ. އަދި އެކަން ކަމުދިޔައެވެ. ހީވަނީ ހަޔާތަށް އުނިވެފައިވާ އެއްޗެއް އަނބުރާ ލިބުނު ހެންނެވެ. ހަޔާތް ފުރިހަމަ ވެގެން ދަނީ ގުލްނާޒްގެ ސަބަބުން ކަމަށް ހިތުގެ އަޑިން ގަބޫލުކުރެވެމުން ދިޔައެވެ. 

"އަންހެނުން ގާތުގައި ކީކޭ ކިޔާފައި ތި އައީ؟" ފެންތައްޓެއް ބޯލާފައި ގުލްނާޒް އެހިއެވެ. 

"ބުނީ ދަރިފުޅަށް ބޭނުންވާ ބޭހެއް ހޯދާށޭ. ތަންކޮޅެއް ދުރަށޭ ދާން ޖެހެނީ. ގިނަ އިރުވާނޭ. އެކަމަކު އެއީ މުޅިއަކުން ދޮގެއް ނޫން. މިއޮތީ ބޭސް ސިޓީ ވެސް،" ޖީބުން ބޭސް ސިޓީ ނަގާފައި ދައްކާލަމުން ބުންޏެވެ. 

"އެހެންވީމަ މުޅިއަކުން ތެދެއް ވެސް ނޫން ދޯ،" އެނދުގައި އޮތް އިމްތިޔާޒްގެ މޭގައި ބޯ އަޅާލަމުން ގުލްނާޒް ބުންޏެވެ. 

"އާނ. މި ބޭސް ލިބޭނެ ހޮސްޕިޓަލް ބޭސް ފިހާރައިން ވެސް. އެކަމަކު މިތަނަށް އަންނަން ވެގެން ދުރަށް ދާން ޖެހެއޭ ބުނީ،" އިމްތިޔާޒް ބުންޏެވެ. 

"އަހަރެން ސުވާލެއް ކޮށްލަންތަ؟" ގުލްނާޒް އަހާލިއެވެ. 

"ސުވާލެއް ކުރަން ވެސް ހުއްދައަށް އަހަން ޖެހޭތަ؟" ގުލްނާޒްގެ ނޭފަތުގައި ހިފާލަމުން އިމްތިޔާޒް ބުންޏެވެ. "ކޮށްބަލަ." 

"ވައިފް ދެކެ ވަރަށް ލޯބިވޭތަ؟" ގުލްނާޒް އެހިއެވެ. 

އިމްތިޔާޒް އެއްޗެއް ނުބުންޏެވެ. އެނދުން ތެދުވިއެވެ. އަދި ގަމީސް ލިއެވެ. ހިނގަމުން ގޮސް ކުޑަދޮރު ކައިރީގައި ހުއްޓިލައިގެން ހުއްޓެވެ. ދުރުން ފެންނަން އޮތީ ފުސްކަމެވެ. ކުދިކުދި އަލި ބޮކިތައް ވެސް ފެންނަން ހުއްޓެވެ. ފިނި މެންދަމެއްގައި ކަރުވަމުން ދިޔަ ހީ ކުއްލިއަކަށް އުދާހަކަށް ބަދަލުވެގެން ދިޔައެވެ. 

"ކީއްވެ އެއްޗެއް ނުބުނީ؟" އިމްތިޔާޒްގެ ފަހަތުން އައިސް އޭނަގެ ހަށިގަނޑުގައި ބައްދާލަމުން ގުލްނާޒް އެހިއެވެ. 

"ނާޒް. އެއީ އަހަރެން ދަރިފުޅުގެ މަންމަ. އޭނާާ ދެކެ ލޯބިވޭ. ވަރަށް ލޯބިވެއެކޭ ނުބުނާނަން. ސަބަބަކީ އަހަރެންނަށް ހީވަނީ މިހާރު އަހަރެންނަށް އެންމެ ލޯބި ވެވެނީ ގުލްނާޒް ދެކެހެން،" އިމްތިޔާޒް ބުންޏެވެ. 

"ހީވަނީތަ؟ ޔަގީނެއް ނޫންތަ؟" ގުލްނާޒްއާ ދިމާލަށް އިމްތިޔާޒް އަނބުރާލަމުން އަހާލިއެވެ. 

"ޔަގީން،" ގުލްނާޒްގެ ނިތްކުރީގައި އިމްތިޔާޒް ބޮސްދިނެވެ. ގުލްނާޒްގެ ހިތް އުފަލުން ނަށައިގަތެވެ. 

ކޮޓަރީގެ ދޮރު ހުޅުވާލީ އިމްތިޔާޒެވެ. އެތެރެއަށް ވަދެގެން އަންނަމުން އެނދު ކައިރީ ނިދިފައިވާ ޝައިލާއަށް ބަލާލިއެވެ. އެނދުގައި އޮތީ ދަރިފުޅު ޔޫހެވެ. 

"ހާދަ ލަސްވީ. ކީއްވެ ފޯނު ނިވާލައިގެން ތި އުޅެނީ؟ ހާދަ ވަރަކަށް ގުޅައިފީމޭ،" ލޯ ހުޅުވާލަމުން ޝައިލާ ބުންޏެވެ. 

"ފޯނު ނިވިފައިތަ އޮތީ. ތި ވާނީ ބެޓަރީ ދިޔައީ ކަމަށް. ކޮން އިރަކު ރޫމަށް ޗޭންޖް ކުރީ؟" 

"އެ ވާހަކަ ބުނަން ވެގެންނޭ ގުޅީ. އިންތި ދިޔަތާ މާ ގިނައިރެއް ނުވޭ،" ޝައިލާ ބުންޏެވެ. "ބޭސް ލިބުނުތަ؟" 

ބޭސް ނަގާކަށް އިމްތިޔާޒް ހަނދާނެއް ނުވިއެވެ. ނަމަވެސް އެ ވާހަކައެއް ޝައިލާ ގާތަކު ނުބުނެއެވެ. 

"އަހަރެން ވަން ތަނާ ނަރުހަކު ބުނީ ރޫމަށް ޗޭންޖްކުރި ވާހަކަ،" އިމްތިޔާޒް ގޮސް ގޮނޑީގައި އިށީނެވެ. އަދި ފުން ނޭވައެއް ބޭރުކޮށްލިއެވެ. 

"ކަމަކާ ހިތްހަމަނުޖެހިފައިތަ؟" ޝައިލާ އަހާލިއެވެ. 

"ނޫން. ކޮން ކަމަކާ އަހަރެން ހިތްހަމަ ނުޖެހެންވީ؟" އިމްތިޔާޒް ބުންޏެވެ. 

"ދެން ކޮން ކަމަކާ އެހާ ވަރަށް ތި ވިސްނަނީ؟ އިންތިއަށް ވުރެ ބޮޑަށް އަހަރެންނަށް އިންތި އެނގެއޭ." 

"ކަމެއް ނުވެއޭ. މި ހިތަށް އަރަނީ އަވަހަށް މާލެ ދާން،" އިމްތިޔާޒް އެހެން ބުނުމުން ޝައިލާ ހައިރާންވިއެވެ. ދަރިފުޅު އެއްކޮށް ރަނގަޅު ނުވަނީސް އެ ފަދަ ވިސްނުމެއް އިމްތިޔާޒަށް އައީތީއެވެ. 

"މާލެ ދާށޭ؟ އެ ކީއްވެ؟ އަދި ޔޫހް އެއްކޮށް ރަނގަޅު ވެސް ނުވެއެއްނު." 

"އެކަމަކު މިހެން އަބަދު ނުތިބެވޭނެއެއްނު. މިހާރު އެ އޮތް ހާލަތުން މާލޭ ހޮސްޕިޓަލުގައި ވެސް ބޭއްވޭނެ،" އިމްތިޔާޒްގެ ވާހަކަ ދެއްކުން ވަރަށް ތަފާތެވެ. އެކަން ޝައިލާއަށް ފާހަގަކުރެވުނެވެ. 

"ކީއްވެ ތިހެން...." 

"ކީއްވެތަ އަހަރެން ބުނާ ގޮތް ނުހަދަން ތި އުޅެނީ؟" ގޮނޑިން ތެދުވަމުން ހިތްހަމް ނުޖެހިފައި އިމްތިޔާޒް ބުންޏެވެ. 

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް