ވާހަކަ: ޝިކާޔަތު

ވާހަކަ

ވާހަކަ: ޝިކާޔަތު - 10 ވަނަ ބައި

18 ޖޫން 2024

އެޕިސޯޑް 10

އިމްތިޔާޒް ހޮސްޕިޓަލަށް ވަންނަން ހިނގައިގަތުމާ އެކު ސިއްސައިގެން ދިޔައެވެ. ކުރިމަތީ ހުރީ ގުލްނާޒެވެ. ދެ މީހުންނަށް ތިބެވުނީ މަގު ހުރަސް ކުރާ ދިމާލުގައި ހައްދާފައިވާ ބަގީޗާއެއްގެ ތެރޭގައެވެ. އެ ތަނުގައި އެކި ވައްތަރުގެ މާ ގަސްތައް އޮތެވެ. އިށީނދެވޭ ގޮތަށް ހަދާފައިވާ ގޮނޑިތަކެއް ވެސް ހުއްޓެވެ. ގުލްނާޒް ހިނގަމުން އައިސް އިމްތިޔާޒްގެ މޫނާ މޫނު ޖެހޭހާ ގާތްވެލިއެވެ. އިމްތިޔާޒް ވަގުތުން ދުރަށް ޖެހިލިއެވެ. އެ ހިސާބުގަނޑުގައި މަދުން ނަމަވެސް ދިވެހިން ފެންނަން ތިއްބެވެ. އިމްތިޔާޒް ނޭނގުނަސް ގުލްނާޒަކީ ކާކުކަން އެނގޭނެ މީހުން ތިބޭނެކަން ޔަގީނެވެ. އޭނާ ހުރީ ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިފައެވެ. ނުބުނެ ކުއްލި ގޮތަކަށް ގުލްނާޒް އައީމައެވެ. ގުލްނާޒްގެ ލޮލުން ފެންނަމުން ދިޔައީ ކަރުނައާ އެއްވަރަށް ރުޅިވެރިކަމެވެ. އިމްތިޔާޒަށް އެ ދެ ލޯ ފެނުނެވެ. އައިސްފައި ހުރި ރުޅިއެއް ނުފެނެއެވެ. ނުވަތަ ފެންނަ ކަމަށް ނުހެދީއެވެ.

"ފިލައި މިތަނުގައި ދޯ ތި އުޅެނީ؟" ގުލްނާޒް ބުންޏެވެ.

"ފިލައޭ؟ ކީއްކުރަން އަހަރެން ފިލަންވީ؟ އަހަރެން މިއުޅެނީ...." އިމްތިޔާޒަށް ވާހަކަ ފުރިހަމައެއް ނުކުރެވުނެވެ.

"އަހަރެން ބޭނުމެއް ވެސް ނޫން އަޑުއަހާކަށް،" ގުލްނާޒް ހިނގައިގަންނަމުން ބުންޏެވެ. އެ ވަގުތު އޭނާގެ އަތުގައި އިމްތިޔާޒް ހިފެހެއްޓިއެވެ.

"މަޑުކޮށްބަލަ. ނާޒް ކޮން އިރަކުތަ މިތަނަށް އައީ؟" އިމްތިޔާޒް އަހާލިއެވެ.

"އަހަރެން އައި އިރެއް ބަލާނެ ކަމެއް ނެތް. އިންތިއަށް ހީވަނީތަ އަހަރެން ކުރާނެ ކަމެއް ނެތިގެންނޭ މިއުޅެނީ؟ ތިއީއޭ އެންމެ ބިޒީ މީހަކީ؟ ކުރާނެ އެއްވެސް މަސައްކަތެއް އަހަރެން ނޯންނާނޭ؟" ގުލްނާޒްގެ ރުޅި މަޑެއް ނުވެއެވެ. "ދޫކޮށްލާ!"

"އިހަށް މަޑުކޮށްބަލަ. ހާދަ ވަރަކަށް ތި ރުޅި އަންނަނީ. އަހަރެންނަށް ކުރެވުނު ކަމެއް ބުނެބަލަ. ކުށަކީ ކޮބާކަން ބުނެފައި ދޭ،" ގުލްނާޒް އަތުން ދޫކޮށްލަމުން އިމްތިޔާޒް ބުންޏެވެ.

"އާނ. އިންތިއަށް ރަނގަޅުވާނީ ވެސް އަހަރެން މިތަނުން ދިޔައިމަ. އަންހެނުންނާއި ދަރިފުޅު ގޮވައިގެން މަޖާކުރެވޭނީ އޭރަށް ދޯ،" އިމްތިޔާޒްގެ ކުރިމައްޗަށް އަރަމުން ގުލްނާޒް ބުންޏެވެ.

އިމްތިޔާޒް ކެތްތެރިވިއެވެ. އޭނާއަށް ވެސް ރުޅިއަންނަން އެނގެއެވެ. ނަމަވެސް އެ ވަގުތުގެ ހާލަތު އެކަމަކަށް ތަނެއް ނުދެއެވެ. ބުނަން ބޭނުންވާ ކިތަންމެ އެއްޗެއް ހުއްޓެވެ. އެހެނަސް ހާލަތު އިތުރަށް ގޯސްކުރަން ބޭނުން ވެސް ނުވަނީއެވެ. ގުލްނާޒް އެހާ ރުޅިއަންނަން ވީ ސަބަބެއް އިމްތިޔާޒަކަށް ނުވިސްނުނެވެ. އެންމެ ކުޑަމިނުން ވެގެން އުޅޭ ގޮތެއް އަހާލި ނަމަވެސް އެންމެ ރަނގަޅެއް ނޫން ހެއްޔެވެ؟ ހަގީގަތް ނުބަލާ ގުލްނާޒް ހިތަށް އެރިހާ އެއްޗެއް ކިޔަމުން ދިޔައެވެ.

"ދެން ހުއްޓާލާ،" މަޑުމަޑުން އިމްތިޔާޒް ބުންޏެވެ. "ނާޒް ތި ހުރީ ވާހަކަ ދެއްކޭ ފަދަ ހާލަތެއްގައެއް ނޫން. އެކަމަކު އަހަރެން ބޭނުމެއް ނޫން ތި ހާލަތުގައި ހުއްޓާ ނާޒް އެކަނި ކޮށްލާފައި ދާކަށް. ކޮން ތާކު ތި ހުންނަނީ؟ ހިނގާ ގެއަށް ގެންގޮސްދޭނަން."

"އަހަރެން ގައިގައި އަތްނުލާ،" ގުލްނާޒްގެ ކޮނޑުގައި އިމްތިޔާޒް ހިފަހައްޓާލުމުން ބުންޏެވެ.

"ނާޒް ހެޔޮނުވާނެ. ތި ރުޅި މަޑުކޮށްބަލަ. އަހަރެން އައީ މަޖާކުރާކަށް ނޫނޭ. ދަރިފުޅު އެކްސިޑެންޓެއް ވެގެން އެމަޖެންސީކޮށް މި ކޮޅަށް މި އައީ. ރާއްޖެއިން ބެލި ޑޮކްޓަރުން ބުނީ ލަސްނުކޮށް އަވަހަށް ފުރައިގެން ދިޔުމަށޭ،" އިމްތިޔާޒް މޫނުމަތިން މޮޅިވެރިކަން ފެނުނެވެ. "ކުޑަ ހިނދުކޮޅެއް ލަސްވި ނަމަވެސް ދަރިފުޅު ސަލާމަތްކުރަން އުނދަގޫވާނެ ކަމަށް މި ކޮޅުން ބުނީ."

ގުލްނާޒްގެ ރުޅި މަޑުމަޑުން ހަމައަކަށް އެޅުނެވެ. އަދި އިސްޖަހާލިއެވެ. ކުށްވެރިއަކު ފަދައިންނެވެ. ބުނާނެ އެއްޗެއް ނޭނގިފައި ހުންނަހެން ގުލްނާޒް އިރުކޮޅަކު ހުއްޓެވެ.

"އެކަމަކު އަހަރެން ގާތު ބުނެލި ނަމަ،" އެންމެ ފަހުން ގުލްނާޒް ބުންޏެވެ.

"ބުނަން ވަރަށް ބޭނުންވި. އެކަމަކު ވަރަށް އަވަސް އަވަސްކޮށްގެން މިކޮޅަށް އައީ. ހަމަ އެންމެ މިނެޓެއް ވެސް ނުލިބުނީ. ކިރިޔާ ވަގުތެއް ވީ ނަމަވެސް އަހަރެން އަންނާނީ ނާޒް ގާތު ބުނެފައި. އެ ވަރުގެ އިތުބާރެއް ނުކުރަންތަ؟" ގުލްނާޒްގެ އަތުގައި ހިފާލަމުން އިމްތިޔާޒް އަހާލިއެވެ.

"އިތުބާރު ނުކުރެވެނީ އަމިއްލަ ނަފުސަށް. އަހަރެން ބޭނުމެއް ނޫން އެންމެ ހިނދުކޮޅަކަށް ވެސް އިންތިއާ ދުރުގައި ހުންނާކަށް،" އިމްތިޔާޒްގެ ހަށިގަނޑުގައި ބައްދާލަމުން ގުލްނާޒް ބުންޏެވެ. ތިބެވުނު ތަން ހަނދާން ވުމުން އިމްތިޔާޒް ވަގުތުން ދުރަށް ޖެހިލިއެވެ.

"ނާޒް ކޮން ތާކު ހުންނަނީ؟ ކާކާ އެކު އައީ؟"

"މިތާ ކައިރި ހޮޓަލެއްގައި ހުންނަނީ. މިއޮތީ އެޑްރެސް. ފަޒީއާ އެއްކޮށް އައީ. އެކަމަކު އޭނާ މިއަދު ފުރާނެ،" ހަމަޖެހެން މަސައްކަތް ކުރަމުން ގުލްނާޒް ވާހަކަ ދެއްކިއެވެ. "ކޮން އިރަކު ދެން ދިމާވާނީ؟"

"ކޮބާ ނަންބަރު؟ އަހަރެން ގުޅާނަން. އެކަމަކު އެހާ އަވަހަށް ނުދެވިދާނެ. ދަރިފުޅާ އެކު އަހަރެން ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ގިނަވާނެ. އެ ހާލުގައި އޭނާ އޮށްވައި ޝައިލާ އެކަނި ބަހައްޓާފައި ދާން އުނދަގޫ ވެސް ވާނެ،" އިމްތިޔާޒް ހިތަށްއެރީ އެ ވަރުން ގުލްނާޒަށް ވިސްނޭނެ ކަމަށެވެ.

"އެކަމަކު އަހަރެން ބޭނުން މީޓްވާން. އެހާ ދުރުން މިތަނަށް މި އައީ ވެސް އެ ބޭނުމުގައި. އެހެން ނޫން ނަމަ ކުރަން ހުރި ހުރިހާ މަސައްކަތެއް ހުއްޓާލާފައި މިތަނަކަށް މަށެއް ނާންނާނަން. ހަމައެކަނި ދަރިފުޅާ އެކުގައިތަ ވަގުތުތައް ހޭދަކުރަން ޖެހެނީ؟ އަހަރެން މިއީ އެއްވެސް މީހެއް ނޫންތަ؟" ގުލްނާޒް ބުންޏެވެ.

"ނާޒް. ވިސްނާލަބަލަ އަހަރެން ދަރިފުޅު އޮތް ހާލު،" އިމްތިޔާޒްގެ އަރު ބެދޭ ގޮތްވިއެވެ.

"އަހަރެން ގަބޫލުކުރަމޭ. އެކަމަކު ވެސް އަހަރެން ބޭނުން މީޓްވާން،" ގުލްނާޒް ބުންޏެވެ.

"ކޯއްޗެއް ތި ވިސްނަނީ؟" ސޯފާގައި އިން އިމްތިޔާޒް ކައިރީގައި އިށީންނަމުން ޝައިލާ އަހާލިއެވެ. އަދި ކޮފީ ތައްޓެއް ދިއްކޮށްލިއެވެ.

"އެއްޗެއް ނުވިސްނަން. މި ހިތަށް އެރީ ނަސީބެކޭ ޔޫހް ގޮވައިގެން އަވަހަށް އާދެވުނުކަން،" އިމްތިޔާޒް ވިސްނަމުން ދިޔަ ކަންތައް ބާއްވާފައި އެހެން އެއްޗެއް ބުންޏެވެ.

"އާނ. އަހަރެން ވެސް ތިހެން ހިތަށްއެރި. އެހެން ނޫން ނަމަ...."

"ދެން އެކަން އެ ނިމުނީ. ސަލާމަތުން ދަރިފުޅު ލިބުނުކަން އެއީ އަހަރެމެންނަށް ލިބުނު އެންމެ ބޮޑު އުފާ،" ޝައިލާގެ އަތުގައި ހިފާލަމުން އިމްތިޔާޒް ބުންޏެވެ.

"އަހަރެން އަންނާނަން މިތާ ބޭރަށް ނުކުމެލާފައި. އެބަ ހުރި ބައެއް އެއްޗެހި ގަންނަން،" ޝައިލާ ބުންޏެވެ.

"އެހާ ދުރަށް ނުދާތި. ކޭޝް އެބަ ހުރި؟" އިމްތިޔާޒް އަހާލިއެވެ. ޝައިލާ ބޯ ޖަހާލާފައި ހިނގައިގަތެވެ.

އިމްތިޔާޒް އަނެއްކާވެސް ހިޔާލުގެ ތެރެއަށް ގެނބެމުން ދިޔައެވެ. ގުލްނާޒްގެ މިޒާޖަކީ ކޮން ކަހަލަ މިޒާޖެއް ހެއްޔެވެ؟ އެންމެ ފަހަރަކު ވެސް ދަރިފުޅު ކިހިނެއްތޯ އަހާ ނުލައެވެ. އިމްތިޔާޒްގެ ހަށިގަނޑުގައި ހުރި ޒަޚަމްތަކަށް ބަލައެއް ނުލައެވެ. ވީ ކިހިނެއްތޯ އޮޅުމެއް ނުފިލުވައެވެ. އެކަމާ ވާންވީ ފޫހިކަމެއް، އަންނަންވީ ރުޅިކަމެއް އިމްތިޔާޒަކަށް ނުވިސްނުނެވެ. ވެވުނު ލޯތްބަކީ ހަގީގަތެކެވެ. އެ ގުޅުމަށް ދޭނެ އަސްލު ނަމެއް އިމްތިޔާޒްގެ ވިސްނުމަކަށް ނައެވެ. އޭނާ ދެކެ ގުލްނާޒް ލޯބިވާކަން ގަބޫލުކުރެއެވެ. ނަމަވެސް އެ ލޯތްބަކީ ކޮން ކަހަލަ ލޯތްބެއް ހެއްޔެވެ؟ ވިސްނިވިސްނިހެން އިމްތިޔާޒް ބޮލަށް ބަރުވާން ފެށިއެވެ. އެ ވަގުތު ފޯނެއް އައެވެ. ގުޅަނީ ގުލްނާޒެވެ. ވައިބާއިންނެވެ. ފޯނު ނުނަގައި ކެތެއް ނުވިއެވެ.

"ކީކޭ؟" އިމްތިޔާޒް އަހާލިއެވެ.

"ކޮން އިރަކު މިކޮޅަށް އަންނާނީ؟" އެންމެ ފުރަތަމަ ވެސް ގުލްނާޒް ބުނީ އެހެންނެވެ.

"ނާޒް. އަހަންނަށް ވަރަށް އުނދަގޫވާނެ މި ގަޑީގައި ދާން."

"އަހަރެން ނުބުނަމެއްނު މި ގަޑީގައި އަންނާށެކޭ. މި އަހަނީ ކޮން އިރަކުހޭ އަންނާނީ؟" ގުލްނާޒްގެ އަޑުން އޭނާ ހުރީ ހިތްހަމަނުޖެހިފައިކަން އިމްތިޔާޒަށް އެނގުނެވެ. އެކަމަކު މި ވަގުތު އޭނާ ރުއްސަން ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ. ދެއްކޭނެ މާ ބޮޑު ވާހަކައެއް ވެސް ނެތެވެ.

"އަހަރެން ބުނީމެއްނު ގުޅާނަމޭ،" އިމްތިޔާޒް ބުންޏެވެ.

"ރަނގަޅޭ. ނުގުޅީމައޭ މި ގުޅީ. އަހަރެން ބޭނުމެއް ނޫން އާދޭސް ކުރާކަށް އިނގޭ. އެކަމަކު އަހަރެން ދެކެ ލޯބިވަންޏާ މިރޭޭ އިންތި އަންނާނެ. އެހެން ނޫނީ އަހަރެން ދާނަން ހޮސްޕިޓަލަށް،" އެހެން ކިޔާފައި ގުލްނާޒް ފޯނު ކަނޑާލިއެވެ.

ގޮށްމުށުން ސޯފާގައި އިމްތިޔާޒް ޖަހާލިއެވެ. ހަދާނެ ގޮތެއް ވިސްނުމަކަށް ނައެވެ. ޝައިލާއަށް ދޮގު ހަދަން ވަރަށް އުނދަގުލެވެ. އޮޅުވާލައިގެން އުޅެން ވެސް އުނދަގުލެވެ. ނަމަވެސް ވަދެވިފައި މިވާ މަގަކީ ހަނި މަގެކެވެ. ފަހަތަށް އެނބުރޭނެހާ ހިތްވަރެއް ނެތެވެ. އެ ގޮތް ބޭނުން ވެސް ނުވަނީ ކަންނޭނގެއެވެ. އިމްތިޔާޒް ވިސްނާލިއެވެ. އެ ވަގުތު ހިޔާލެއް އައެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް