ވާހަކަ: ޝިކާޔަތު

ވާހަކަ

ވާހަކަ: ޝިކާޔަތު - 9 ވަނަ ބައި

14 ޖޫން 2024

އެޕިސޯޑް 09

"އަދިވެސް މަށަށްތަ ކަމެއް ވީ؟" މަޑުމަޑުން މޭޒުމަތީ ޖަހާލަމުން ނިޔާޒު އެހިއެވެ.

"އަޖައިބެއް. ކޮން ކަމެއް ވީތަ؟" ހައިރާންވެފައި އިމްތިޔާޒް އަހާލިއެވެ.

"ކުރީ ރޭ ވާރެއާ ތެމުނީޔޯ. އެއީ ކޮން ބަޔަކު ކުރި ކަމެއް؟ އަހަރެންގެ ޑްރައިވަރަށް ފެނުނީ ތި ދެ މީހުން. އަހަރެން ކޮންމެވެސް އެއްޗެކޭ ކިޔާފައި އޭނަ އަނގަ ބަންދު ކޮށްފައި ހުންނާނީ. އެކަމަކު އިންތި ކަލޭ؟ ނުވެސް ގުޅޭ ތި ކަހަލަ އުޅުމެއް އުޅޭކަށް،" ފޫހިވެފައި ނިޔާޒް ބުންޏެވެ. އިމްތިޔާޒް އެއްވެސް އެއްޗެއް ނުބުންޏެވެ.

"އެއަށް ބުނާނެ އެއްޗެއް ނޭނގިފައިތަ ތި އިންނަނީ؟ ނޫނީ އެއްޗެއް ބުނަން ބޭނުންނުވަނީތަ؟" ހިތްހަމަ ނުޖެހިފައި ނިޔާޒް އަހާލިއެވެ.

"އަހަރެން ބުނާނެ މާ ބޮޑު އެއްޗެއް ނެތް. ފެންނަ ހުރިހާ މަންޒަރަކީ ހަގީގަތަކަށް ނުވެދާނެ،" އިމްތިޔާޒް ބުންޏެވެ.

"އަހަރެން މިއީ ކުޑަކުއްޖެއް ނޫން އިނގޭ. ނޫނީ ބޯ ހަމަނުޖެހޭ މީހެއް ވެސް ނޫން. ކަލޭ ބޭނުންހާ އެއްޗެއް ކިޔާނެ ކަމެއް ނެތް. ހަގީގަތް އެ އޮތީ ފެންނަން. ޝައިލާއަށްތަ ތި އުޅެނީ ބޭވަފާތެރިވާން؟ ކަލޭ ހަނދާން ނެތުނީތަ އެއީ ކާކުކަން؟" ނިޔާޒް އެހިއެވެ. "ތިއީ އަހަރެންގެ ގާތް ރައްޓެއްސެއް ވީމަ މިހާ ވަރަށް މި ވާހަކަ ދެއްކެނީ. އެހެން ނޫން ނަމަ މަށަށް ކޮން ކަމެއް؟"

އިމްތިޔާޒް ހިތަށް އެރިއެވެ. މިހާރު ވެސް ނިޔާޒަށް ކޮން ކަމެއް ހެއްޔެވެ؟ މި ގޮތަށް އުޅެނީ އަހަރެން އެކަނި ހެއްޔެވެ؟ ހަގީގަތް ބަލައިފިއްޔާ ނިޔާޒް ވެސް އޮންނާނީ އެ ކަހަލަ ކޮންމެވެސް ކަމެއް ކޮށްފައެވެ. އެއްޗެއް ބުނަން ކިތަންމެ ބޭނުންވިޔަސް އަޅައެއް ނުލާނަމެވެ. ރައްޓެއްސެއް ކަމުން މޫނު ކެނޑެން ބޭނުން ނުވާތީއެވެ. އެކަމަކު ރައްޓެއްސެއް ވިޔަސް ހައްދުން ބޭރު ވެގެން ނުވާނެއެވެ. އަމިއްލަ ކަންކަމާ ބެހުމަކީ އިމްތިޔާޒް އެންމެ ހިތްހަމަނުޖެހޭ އެއް ކަމެވެ.

އެއް ދުވަހެއްގެ ހެނދުނެވެ. ޔޫހް ގޮވައިގެން އިމްތިޔާޒް ނުކުތީ ސުކޫލަށް ދާށެވެ. މަގު ހުރަސް ކުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގިއެވެ. ދުއްވަމުން އައި ބަހުން ޖެހުނީ ކުޑަކުޑަ ޔޫހް ގައިގައެވެ. އިމްތިޔާޒްއަށް ވެސް ކުދިކުދި އަނިޔާ ލިބުނެވެ. ވީ އެންމެ އަވަހަކަށް ހޮސްޕިޓަލަށް ގެންދެވުނެވެ. އަވަސް ފަރުވާދޭ ކޮޓަރީގައި ދެބަފައިން ތިއްބެވެ. އިރުކޮޅެއް ނުވެ ޝައިލާ ވެސް އައެވެ. ކެތްކުރަން މަސައްކަތްކުރި ނަމަވެސް ދަރިފުޅު ލެއިން ތަތްތެޅިފައިވާ މަންޒަރު ފެނުމުން ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ނުރޯން ހިތްވަރުކުރިއެވެ. ނަމަވެސް ހިތުގައި ޖެހި، ބަޑި ފަޅައިގެންދިޔައެވެ. އިމްތިޔާޒްގެ މޭމަތީގައި އޮވެ އެތައް އިރަކު ރޮވުނެވެ.

"ޑޮކްޓަރު ލަފާ ދެއްވަނީ ވީ އެންމެ އަވަހަކަށް އެމަޖެންސީކޮށް ބޭރަށް ފުރަން. ބޮލުގެ ނާށިގަނޑުގައި ރެނދުލާފައި ހުރީ. ސިކުނޑިއަށް ލޭ އެޅިދާނެ ކަމުގެ ބިރު ވެސް އެބަ އޮތް،" ނިޔާޒް ބުންޏެވެ.

ހުރިހާ ކަމެއް އަވަސް އަވަހަށް ހަމަޖެއްސިއެވެ. އިމްތިޔާޒަށް ލިބިފައި ހުރީ ތަންތަން މަށައިގެން ދިޔުން ކަހަލަ ކުދި އަނިޔާތަކެވެ. އެ ތަންތަނުގައި ބޭސް އަޅައިގެން ކޮޓަރިން ނުކުތެވެ. ނިޔާޒް އާއި އިތުރު ޑޮކްޓަރުންނާ މަޝްވަރާ ކުރުމަށް ފަހު އެމަޖެންސީކޮށް އިންޑިއާއަށް ދިޔުމަށް ފުރިއެވެ. އެކުގައި ޑޮކްޓަރަކާއި ނަރުހަކު ދިޔައެވެ. ކުއްޖާ އޮތީ ވެންޓިލޭޓަރަށް ލާފައެވެ. ދެމަފިރިން ތިބީ ހާސްވެ ކަންބޮޑުވެފައެވެ. ވެދާނެ ގޮތެއް ނޭނގޭތީއެވެ.

ހޮސްޕިޓަލަށް ދެވުނު އިރު ރޭގަނޑު ވެއްޖެއެވެ. އަވަސް ފަރުވާދޭ ކޮޓަރިއަށް ޔޫހް ވެއްދިއެވެ. ޝައިލާ އާއި އިމްތިޔާޒް ތިބީ ކޮޓަރިން ބޭރުގައި ހުންނަ ސޯފާގައެވެ. ހިތަށް ވަންނަމުން ދިޔަ ބިރުވެރިކަން ކުޑަކުރެވޭތޯ ޝައިލާ އިނީ ދުއާކޮށްލަ ކޮށްލައެވެ. ދަރިފުޅުގެ ސަލާމަތާއި ރައްކާތެރިކަމަށެވެ. ހިތުގައި ޖަހަމުން ދިޔަ ވިންދު ވެސް ހިނދުކޮޅަކަށް ހުއްޓުނު ކަހަލައެވެ. ދެތިން ގަޑި އިރު ފަހުން ޑޮކްޓަރުންނާއި ނަރުހުން ނުކުތެވެ. ދުވަމުން ކަހަލަ ގޮތަކަށް ދެމަފިރިން އެ ދިމާލަށް ދިޔައެވެ.

"ޑޮކްޓަ އަހަރުމެންގެ ދަރިފުޅު،" އިނގިރޭސިން އިމްތިޔާޒް ވާހަކަ ދައްކަމުން ދިޔައެވެ.

"ދަރިފުޅު މިހާރު އޮތީ ހަމައަކަށް އެޅިފައި. ދެން ޖެހޭނީ އޮޕަރޭޝަނެއް ކޮށްލަން. އެކަމަކު އެއީ އެއް ދުވަސް ފަހުން. އަހަރުމެން ބަލަން ޖެހޭ ބައެއް ކަންކަން ހުރުމުން، އެކަންކަމަށް ވަގުތު ދީފައި އޮޕަރޭޝަން ކުރިއަށް ގެންދާނީ. ފަހަރެއްގައި އެއް ލޮލުގެ ފެނުން ތަންކޮޅެއް ދަށްވެދާނެ. އެކަމަކު އެއްކޮށް ނުފެނިއެއް ނުދާނެ،" ޑޮކްޓަރު ކިޔައިދިނެވެ. "ހިތްވަރު ކުރާތި. ރަނގަޅުވާނެ."

"ޝައި ނުރޯތި. ޝައި ރޮންޏާ އަހަރެން ކިހިނެއް ހިތްވަރުކުރާނީ؟" ޑޮކްޓަރު ދިޔުމުން ޝައިލާ ރޯން ފެށި އެވެ. އިމްތިޔާޒް ބެލީ ހިތްވަރު ދެވޭތޯއެވެ.

"މި ވަގުތު ދެ މީހުންނަށް ވެސް ތިބީ އެކަކު އަނެކަކު. ގިނައިން ދުއާކޮށް ހިތްވަރު ކުރަންވީ ވަގުތު މިއީ،" ޝައިލާ ބުންޏެވެ.

"އިރާދަކުރެއްވިއްޔާ ދަރިފުޅަކަށް އެއްވެސް ދެރަ ގޮތެއް ނުވާނެ،" އިމްތިޔާޒް ބުންޏެވެ.

އިމްތިޔާޒަށް ނުގުޅިގެން ގުލްނާޒް ހުރީ ރުޅިގަދަ ވެފައެވެ. ވީ ތަނެއް ނޭނގުނެވެ. ހޮސްޕިޓަލަށް ފަޒީލާ ވެސް ފޮނުވައިފިއެވެ. އެކަމަކު އެތަނުން ވެސް ބުނީ ޑޮކްޓަރު ހުރީ ޗުއްޓީގައިކަމެވެ. އިމްތިޔާޒް އުޅޭ ގެއެއް ގުލްނާޒަކަށް ނޭނގެއެވެ. އެނގޭ ނަމަ އެ ގެއަށް ވެސް ފަޒީލާ ފޮނުވާނެއެވެ. ގުޅާ އިރު ފޯނު އޮންނަނީ ނިއްވާލާފައެވެ. މެސެއްޖެއް ކުރިޔަސް ޖަވާބެއް ނާދެއެވެ. ގުލްނާޒް ހުރީ ބޯ ގޮވާ ވަރުވެފައެވެ. އެއް ދުވަސް ވެގެން ދެވަނަ ދުވަސް ފެށުނީއެވެ. އެކަމަކު އިމްތިޔާޒްގެ އެއްވެސް ހަބަރެއް ނުވެއެވެ. ގުލްނާޒް އަތުން ގޭގައި ހުރި ބައެއް ތަކެއްޗަށް ގެއްލުން ދިނެވެ. ބައެއް ތަކެތި ތަޅާލިއެވެ. އަނެއްބައި އެއްޗެހި ވީދާ ހަލާކުކޮށްލިއެވެ. ފަޒީލާއަށް އޭނާ މައިތިރި ކުރެވެނީ ކިރިޔާއެވެ. ހަދާނެ ގޮތެއް ނެތިގެން ވިސްނާ ވިސްނާ ވަރުބަލިވިއެވެ. ގޮތެއް ހުހެއްނުވާނޭ ފަޒީލާ ހިތަށް އެރިއެވެ.

"ޑޮކްޓަރު އިމްތިޔާޒް ވީ ކޮން ތަނެއްގައިތޯ؟" ފަޒީލާ ހުރީ ނިޔާޒް ކޮޓަރިއަށް ވަދެއެވެ. އޭރު އެތަނުގައި އިތުރު ޕޭޝަންޓެއް ވެސް އިނެވެ. ނިޔާޒް އިނީ ހައިރާންވެފައެވެ. ކަންތައްތައް އެހާ ހިސާބަށް ދިޔައީ ހެއްޔެވެ؟

"ބޭރުގައި މަޑުކޮށްލަން ވީނު؟" ނިޔާޒް ބުންޏެވެ.

"ޑޮކްޓަރު ވީ ތަނެއް ބުނެދީބަލަ،" ފަޒީލާ ކުރެއް ނުކުރިއެވެ.

"އިންޑިއާގެ ކޮއިމްބަތޫރުގައި،" އެންމެ ފަސޭހައިން ފަޒީލާ އެތަނުން ދާނީ ތެދަށް ބުނުމުންކަން ނިޔާޒަށް ވިސްނުނެވެ.

ފަޒީލާ އިތުރު އެއްޗެއް ނުބުންޏެވެ. އެންމެ ކުޑަމިނުން ޝުކުރު ވެސް އަދާ ނުކޮށް ކޮޓަރިން ނުކުމެގެން ދިޔައެވެ. މޫނުމަތިން ފެނުނީ ހިތްހަމަޖެހުމެވެ.

ނިދާ ބޭސް ކައިގެން ނިދާފައި އޮތް ގުލްނާޒަށް ފަޒީލާ ބަލާލިއެވެ. ގުލްނާޒަކީ ފަޒީލާގެ އެންމެ ގާތް، އެންމެ ހެޔޮއެދޭ އެކުވެރިޔާއެވެ. މިހާ ތަނަށް ދިމާވި ކޮންމެ ކަމެއްގައި ވެސް ގުލްނާޒް ހުރީ އެންމެ ގާތުގައެވެ. ފަޒީލާއަށް ވެވުނު ވަރަކުން ކޮންމެ ކަމެއް ވެސް އޭނާ ބޭނުންވަނީ ގުލްނާޒަށް ކޮށްދޭށެވެ. ނުކުރެވޭ ނަމަ އެއީ ގާތް އެކުވެރިއެކޭ ނުކިޔާނެއެވެ. ގުލްނާޒަށް ދިމާވެގެން އުޅެނީ އާދައިގެ ކަމެއް ނޫންކަން ފަޒީލާއަށް އެނގެއެވެ. ވުމާއެކު އެކަމުން ސަލާމަތްވަންދެން ފަޒީލާ ބޭނުންވަނީ އޭނާއާ އެންމެ ގާތުގައި ހުންނާށެވެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ދިމާވިޔަސް އޭނާ ދުލެއް ނުކޮށްލާނެއެވެ.

"ކޮއިމްބަތޫރުގައި،" ގުލްނާޒް ދެ ލޯ ހުޅުވާލުމާ އެކު ފަޒީލާ ބުންޏެވެ. ރަތް ވެފައިވާ ދެ ލޯ އިތުރަށް ރަތް ވެގެން ދިޔައީ ރުޅިވެރިކަމާއި ނަފުރަތުން ފުރިގެންނެވެ. ގުލްނާޒް ހިތަށް އެރިއެވެ. ފިރިހެނުންނަކީ ހާދަ ގޮތެއް ނެތް ބައެކެވެ. ބޭނުންވީމާ ބޭނުންކޮށްލާފައި އެއްލާލަން މިއީ ޓިޝޫއެއް ހެއްޔެވެ؟ ހަމަހިލާ އެހެން ވިޔަކަ ނުދޭނަމެވެ. ގުލްނާޒަށް އެހެން ހެދީ ކީއްވެތޯ އިމްތިޔާޒްއާ ސުވާލު ކުރާނަމެވެ.

އޮޕަރޭޝަން ކާމިޔާބުކަމާ އެކު ކުރެވުނެވެ. ދެމަފިރިން ތިބީ އުފަލުން ފުރިފައެވެ. ލޯބިވާ ދަރިފުޅު ފެނުނީ އެ ދުވަހުގެ ހަވީރުއެވެ. ނަމަވެސް އެ ތަނުގައި އަދި ދެ ދުވަހު ބާއްވަން ޑޮކްޓަރު ވަނީ ލަފާ ދީފައެވެ. އެއަށް ފަހު ރޫމަކަށް ބަދަލުކުރަން ވަނީ ހަމަޖެހިފައެވެ. ދަރިފުޅު އޮތް ހާލު ފެނުމުން ދެ މީހުންގެ ލޮލުން ވެސް ކަރުނަ އައެވެ. ނަމަވެސް އުފާކުރީ އެ ހާލުގައި ވެސް ދަރިފުޅު ލިބުނީމައެވެ.

"ޝައި މިތާ މަޑުކޮށްލާ. އަހަރެން އަންނާނަން ބޭސް ނަގައިގެން،" އެތަނުން ނުކުންނަމުން އިމްތިޔާޒް ބުންޏެވެ. އަދި ހިނގަމުން ގޮސް ހޮސްޕިޓަލު ތެރޭގައި ހުރި ބޭސް ފިހާރައަކަށް ވަނެވެ. އެ ތަނުން ލިބުނީ ދެ ބޭހެކެވެ. އަދި އިތުރު ދެ ބޭސް ނަގަން ޖެހޭތީ ހޮސްޕިޓަލުން ބޭރުގައި ހުރި ބޭސް ފިހާރައަކަށް ވަނެވެ. އެ ތަނުން ބާކީ ދެ ބޭސް ލިބުނެވެ.

އިމްތިޔާޒް ހޮސްޕިޓަލަށް ވަންނަން ހިނގައިގަތުމާ އެކު ސިއްސައިގެން ދިޔައެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް