ވާހަކަ: ޝިކާޔަތު

ވާހަކަ

ވާހަކަ: ޝިކާޔަތު - 8 ވަނަ ބައި

10 ޖޫން 2024

އެޕިސޯޑް 8

"އަޑެއް ކިއްޔާ ރެނދެއް ލާނެ. ހަނދާން ބަހައްޓާތި އަތްނބަކާއި ދަރިއަކު ހުރިކަން،" އެހެން ބުނެފައި ނިޔާޒު ނުކުތެވެ.

ހޮސްޕިޓަލުން ނުކުމެގެން އިމްތިޔާޒް ދިޔައީ ގުލްނާޒްގެ ގެއާ ދިމާލަށެވެ. ދިޔަ މަގުމަތީގައި އެތައް ސުވާލެއް ހިތުގައި އުފެދުނެވެ. ގެއާ ހިސާބަށް ދެވުމާއެކު ބޭރު ބަލާލި އެވެ. ދަންނަ މީހަކު ފެންނަން ހުރިތޯ އެވެ. އެ ހިސާބުގަނޑަކީ އާންމުކޮށް ދަންނަ މޫނުތަކެއް އުޅޭ ހިސާބެކެވެ. ނަމަވެސް އެ ވަގުތު ނަސީބު ރަނގަޅެވެ.

ގެއަށް ވަނުމާއެކު މެއިޑް ދެއްކީ ގުލްނާޒްގެ ކޮޓަރިއެކެވެ. އެއީ ރޭގައި އިމްތިޔާޒް ވަން ކޮޓަރިއެއް ނޫނެވެ. އެ ވަގުތު ފަޒީލާ އިނީ ކުދިން ގޮވައިގެން ސިޓިންރޫމުގަ އެވެ. ފޮތްތަކެއް ބަލާށެވެ. އިމްތިޔާޒް މަޑު ހިނގުމެއްގައި ގޮސް ދޮރު ހުޅުވާލި އެވެ. ގުލްނާޒް އިނީ ސޯފާއެއްގަ އެވެ. ކޮޓަރި ތެރޭގައި ވަނީ އެކި ކަހަލަ ހެދުންތަކެވެ. ހީވަނީ ކޮސްޓިއުމް ރޫމެއް ހެންނެވެ. ހަރުތަކުގައި އަޅުވާފައި ހުރީ ގުލްނާޒްގެ އެކި ވައްތަރުގެ ހެދުންތަކެވެ. އިމްތިޔާޒް ވަނުމުން ގުލްނާޒް ތެދުވި އެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުންޏެވެ. ބަލަހައްޓައިގެން ހުރީ އެވެ. އިމްތިޔާޒް ބުނާނެ އެއްޗެއްގެ އިންތިޒާރުގަ އެވެ.

"ނާޒް. ކިހިނެއްވީ؟" އިމްތިޔާޒަށް ނުހުރެވިގެން އަހާލި އެވެ.

ޝޫޓިންތެރޭގައި ހިނގައިދިޔަ ހުރިހާ ކަމެއް ގުލްނާޒް ކިޔައިދިނެވެ. އަލިފުން ޔާ އަށެވެ.

"ތިއީ މިހާރު އަހަރެން އެންމެ އިތުބާރު ކުރާ ފަރާތް. ތިޔަ ދެ ލޮލުން އަހަރެންނަށް ފެނުނީ ލޯބި، ކުލުނާއި އޯގާތެރިކަން،" އިމްތިޔާޒުއާ ކައިރިވެލަމުން ގުލްނާޒް ބުންޏެވެ. "މިވީ ކުޑަ ހިނދުކޮޅު ތެރޭގައި އަހަރެން ހިތާއި ޖިސްމު ހަވާލު ކުރީ ވެސް އިންތިއާ. އެއަށް ކަމޭހިތާތި."

"މި ހަތަރު ފާރުން އެތެރޭގައި އަހަރެން އިންނަ އިރު ހީވަނީ މިއީ ވަރަށް ނުކުޅެދުންތެރި މީހެކޭ. އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވޭ ފެއިލިއާއެކޭ. ދިރިއުޅުމުގައި ކޮންމެ ކަމެއްގައި ވަރަށް ނާކާމިޔާބު މީހެކޭޭ. އެކަނިވެރިއެކޭ. އެކަމަކު މިތަނުން ނުކުތީމައި އަހަރެން ދެކެ ލޯބިވާ މީހުންނާއި ފޫހިވާ މީހުން ފެނޭ. މީހުން ކިޔާ އެއްޗެއްސާއި މީހުން ކުރާ ތައުރީފު ފެނޭ. އަޑު އިވޭ. އެހެން ވިޔަސް އަހަރެންނަށް ގަބޫލު ކުރެވެނީ އެއީ ހުސް ދޮގޭ. މި ބިންމަތީގައި ހުރި އެންމެ އިތުބާރު ކުރެވޭ ފަރާތަކީ ތިއީ. އަހަރެންނަށް ހީވަނީ އަހަރެންގެ މިޒާޖާއި އަހަރެންގެ އުޅުމާއި އަހަރެން ވިސްނާ ވިސްނުން އެނގޭ ފަރާތަކީ ވެސް ތިއީއޭ،" ގުލްނާޒް ބަލާލީ އިމްތިޔާޒް އެއްޗެއް ނުބުނުމުންނެވެ.

"ނާޒް. އަހަރެންނަށް އިތުބާރު ކުރޭ. ނާޒަށް ދެރަގޮތެއް އަހަރެން ނުހަދާނަން،" އިމްތިޔާޒަށް އިތުރު އެއްޗެއް ނުބުނެވުނެވެ. ގުލްނާޒް އައިސް އޭނާގެ ގައިގައި ބައްދާލި އެވެ.

"ތިއީ އަހަރެން އުންމީދު ކުރި ކަހަލަ ޖަވާބެއް. ދެން އަހަރެންނަށް ކޮންމެ ކަމަކާ ވެސް ކުރިމަތިލެވިދާނެ،" ގުލްނާޒް ބުންޏެވެ.

އިމްތިޔާޒް އިނީ ފޮތެއް ކިޔާށެވެ. އެ ފޮތުގައި އޮތީ ނަފުސާނީ އެކި ކަންކަމާ ގުޅޭ ވާހަކަތަކެވެ. މޭޖާ ޑިޕްރެޝަން އާއި ސައިކޮޓިކް ޑިޕްރެޝަން އާއި ބައިޕޯލާ ޑިސްއޯޑާ އެވެ. ކޮންމެ ނަފުސާނީ ބައްޔަކީ ވެސް ބަލީގެ ކުރީކޮޅުގައި ރަނގަޅު ފަރުވާ ދެވިއްޖެ ނަމަ އަވަހަށް ރަނގަޅު ކުރެވޭނެ ކަންކަމެވެ. ނަމަވެސް އެއަށް ބޭނުންވާނީ ހިތްވަރާއި އެހެން މީހުންގެ އެހީތެރިކަމެވެ. ބައެއް ނަފުސާނީ ބަލިތަކަކީ ތިމާއަށް އެކަމެއް ލައިގަތުމުން އެއިން އަރައިގަންނަން އުނދަގޫ ކަންކަމެވެ. ބައެއް ފަހަރު ތިމާއަށް ލިބިފައިހުރި އުފާތަކާއި ނިއުމަތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ނުހިފަނީ އެވެ. އެއީ ތިމާއަށް ހީވަނީ އެ ވެސް ތިމާ އަތުން ގެއްލިގެން ބީވެގެން ހިނގައިދާނެ ހެންނެވެ. މިއީ ކުއްލިއަކަށް އަންނަ ކަމެއް ނޫނެވެ. މިކަހަލަ ކަންކަން ބޮޑަށް ދިމާވަނީ ކުޑައިރުއްސުރެ ދިމާ ވެގެން އަންނަ ކަންތައްތަކެއްގެ ސަބަބުންނެވެ. އަދި މިކަހަލަ މީހުންގެ ކިބައިގައި އަމިއްލަ ނަފުސަށް އިތުބާރު ކުރުން ކުޑަވާނެ އެވެ. އަބަދުވެސް ހުންނާނީ ބިރުގަނެފަ އެވެ. އެއްޗެއް ގެއްލިދާނެތީ ނުވަތަ މަދުވެދާނެތީ އެވެ. ދިރިއުޅުމުގައި މިކަހަލަ މީހުން ބޭނުންވާނީ ހުރިހާ އެއްޗެއް ނުވަތަ ކަމެއް އެއްފަހަރާ ހާސިލް ކުރާށެވެ. ތިމާގެ އަތުން އެއްޗެއް ބީވެގެން ދިޔަ ނަމަވެސް ތިމާ ބޭނުންވާ ކަމެއް ހާސިލް ކުރުމުގައި ކެނޑިނޭޅި މިކަހަލަ މީހުން މަސައްކަތް ކުރާނެ އެވެ. އާހިރުގައި ނަތީޖާ ކިތަންމެ ހިތި ވިޔަސް ގޮތެއް ދުލެއް ނުކުރާނެ އެވެ.

މިކަހަލަ މީހުންގެ ކިބައިގައި ހުންނަ އަނެއް ސިފައަކީ އޭނައަށް ލިބިފައިވާ ހިތާމައެއްގައި ތިމާ ބައިވެރި ކުރުވުމެވެ. އެ ހިތާމައިގެ ސަބަބުން ތިމާގެ ހިތް މޮޅިވެ އޭނައާ މެދު ހަމްދަރުދީ އުފެދިގެން ދެ އެވެ. އަދި އޭނައާ ދިމާލަށް ދިޔުމަށް ހިތް އެދެން ފަށައެވެ. އެ މީހުންގެ އެންމެ ބޭނުންވާ އެއްޗަކީ ލޯތްބާއި އުފާވެރިކަމެވެ. ކޮންމެ ކޮންމެ މީހެއްގެ ފަރާތުން ނުލިބޭ މި އަގުބޮޑު ދެ އެއްޗަށްޓަކައި އެ މީހުން ވަރަށް ގިނަ ގުރުބާނީތައް ވެއެވެ. އެކަމަކު މި މީހުންނަށް އުފާތަކާއި ލޯބި ހޯދާ ދިނުމަކީ ކުރަން އުނދަގޫ ކަމެކެވެ. ގާތްގަނޑަކަށް ނުކުރެވޭހާ ގާތުގައި ވާ ކަމެކެވެ. އެ މީހުންގެ އެންމެ ބޮޑު ބައްޔަކީ އެކަހަލަ މީހުންގެ ކިބައިގައި ހުންނަ އުދާސްވެރިކަމާއި ހިތާމަ އެވެ. އެހެން މީހުންނަށް ނުވިސްނުނަސް މިކަހަލަ މީހުންގެ ކިބައިގައި ހުންނަ މިފަދަ ސިފަތަކާއި ކަންކަމުގެ ސަބަބުން ދިރިއުޅުމަށް ދަތިތަކެއް ކުރިމަތި ކުރުވަ އެވެ. ގިނަ މީހުންނަށް މިފަދަ ކަންކަން ގަބޫލު ކުރުމަކީ ނުހަނު އުނދަގޫ ކަމެކެވެ.

"ހާދަ ވަރަކަށް ތި ފޮތް ކިޔަނީ؟" ޝައިލާ އައިސް އިމްތިޔާޒް ކައިރީގައި އިށީނެވެ. "އެކަމަކު ބަލަހައްޓައިގެން ތި އިންނަނީ އެހެން ދިމާއެއް."

"މި ފޮތުގައި އޮތް އެއްޗެއް ކިޔާލާފައި އެކަމާ ވިސްނާލީ،" އިމްތިޔާޒް ބުންޏެވެ.

"މިރޭ ވެސް ލަހުންތަ އާދެވޭނީ؟" ތުން ހަދާލާފައި ޝައިލާ ބުންޏެވެ. އަދި އިމްތިޔާޒްއާ ގާތަށް ޖެހިލި އެވެ.

"އާނ. މިހާރު ވަރަށް ގިނަ ޕޭޝަންޓުން ނަގައިގެން މި އުޅެނީ،" އެތަނުން ތެދުވަމުން އިމްތިޔާޒް ބުންޏެވެ.

"އެންމެ ރަނގަޅު. އަހަރެން އިންތިޒާރު ކުރާނަން،" އިމްތިޔާޒްގެ ބުރަކަށީގައި ލައްކޮށްލަމުން ޝައިލާ ބުންޏެވެ.

"ކޮބާ ޔޫހް؟ ނިދީތަ؟" ޝައިލާއާ ދުރަށް ޖެހިލަމުން އިމްތިޔާޒް އަހާލި އެވެ.

"ކިހިނެއްވީ އިންތި؟ އަހަރެން ގާތްވެލާއިރަށް ދުރަށް ތި ޖެހެނީ ކީއްވެ؟ ކަމެއް ގޯސްވީތަ؟" ޝައިލާ އަހާލި އެވެ.

"ނޫން. އެހެންނެއްނޫން. މިއަދު ވަރަށް ގިނަ މަސައްކަތް އެބަ ހުރި. ބައިވަރު ކޭސްތައް ގޯ ތުރޫ ކޮށްލަން ވެސް ޖެހޭ. ވަރަށް ޓަޔަޑްވެފައި ހުންނަނީ،" މޯޅިއަކަށް ދެމިލަމުން އިމްތިޔާޒް ބުންޏެވެ.

"ކޮފީއެއް ގެންނަން؟"

"ތިއީ ރަނގަޅު ހިޔާލެއް،" އިމްތިޔާޒް ބުންޏެވެ. އެ ވަގުތު އޭނައަށް ކޯލެއް އަ އެވެ. ގުޅަނީ ގުލްނާޒެވެ.

"އަހަރެން މިސްއެއް ނުވޭތަ؟" ވަރަށް ލޯބިން ގުލްނާޒް އަހާލި އެވެ. އޭރު ޝައިލާ ނުކުމެގެން ހިނގައްޖެ އެވެ.

"ވަރަށް މިސްވޭ. ވަރަށް ބޮޑަށް. ހިތަށް އަރާ މި ވަގުތު ވެސް ތި ތަނުގައި ހުރެވޭ ނަމައޭ. ނާޒްގެ ގާތުގައި،" އިމްތިޔާޒް ދެއްކި ވާހަކައިން ގުލްނާޒްގެ ހިތް އުފަލުން ނަށައިގަތެވެ. ތުންފަތުގައި ދަތް އަޅާލެވުނެވެ.

"ހުސްދޮގު. މިސްވާ ނަމަ ގުޅާލާނެ. މެސެޖެއް ނަމަވެސް ކޮށްލާނެ،" ތުއިވެލަމުން ގުލްނާޒް ބުންޏެވެ.

"ހަމަ އަސްލުވެސް. ތި ނޫން ހިޔާލެއް ބޮލުތެރޭގައި ނުހުރޭ. މެސެޖެއް ނުކުރަނީ އުނދަގޫ ވެދާނެތީ. އެކަމަކު ދެން ކުރާނަން،" މަޑުމަޑުން ހިނގަމުން އިމްތިޔާޒް ވާހަކަ ދެއްކި އެވެ. "އޭތް އަހަރެން ފަހުން ގުޅާނަން. މިސް ޔޫ،" ޝައިލާ އަންނަ ތަން ފެނުމުން ފޯނު ކަނޑާލި އެވެ.

ނިޔާޒު އާއި އިމްތިޔާޒް ތިބީ ކޮފީ މޭޒެއް ކައިރީގަ އެވެ. ހަވީރު ގަޑީގައި ރެސްޓޯރެންޓް ތެރޭގައި އެކި އުމުރުފުރާގެ މީހުން އުޅެ އެވެ. ވެއިޓަރުން އަވަދިނެތި އުޅުނީ އޯޑަރުތައް ނެގުމުގަ އެވެ. މެންދުރުގެ އަވިން ހޫނުވެފައިވާ މޭޒުތަކުން އަދި ވެސް އާތްވެއް ނުކެނޑެ އެވެ. ކުރިމަތިން ފެންނަން އޮތީ ހުޅުމާލެއަށް ދާ ބްރިޖެވެ. އޮއްސެން ދިޔަ އިރު، އަދިވެސް އިނީ ގަޑި ނުޖެހިގެންނެވެ.

"އިންތި. ކަލޭ ދޮގުނުހަދާ ބުނެބަލަ. އެ ގުލްނާޒްއާ އެއްވެސް ކަހަލަ ގުޅުމެއް ބާއްވައިގެންތަ ތި އުޅެނީ؟" ވަރަށް ފާޅުގައި ނިޔާޒު އެހި އެވެ.

"ކަލޭ ދައްކާ ވާހަކަ. މަ ނޫޅެން އެކަހަލަ ކަމަކާއިގެންނެއް،" އިމްތިޔާޒު ބުންޏެވެ.

"ޔަގީންތަ؟ ދޮގުހަދަން ނޫޅޭތި އިނގޭ. އަހަރެން މިއީ ހަމައެކަނި ކަލޭގެ ރައްޓެއްސެއް ނޫން. ޝައިލާގެ ވެސް ރައްޓެއްސެއް. އެކަން ހަނދާން އެބަ ހުރި ދޯ،" ނިޔާޒު ބުންޏެވެ.

"ކަލޭ ހީވަނީ މަށަށް އިންޒާރެއް ދެނީހެން. ކަމެއްވީތަ؟" ގެނައި ކޮފީ ތަށިން ފޮދުވަރެއް ބޯލަމުން އިމްތިޔާޒް ބުންޏެވެ.

"އަދިވެސް މަށަށްތަ ކަމެއްވީ؟" މަޑުމަޑުން މޭޒުމަތީ ޖަހާލަމުން ނިޔާޒު އެހި އެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް