ވާހަކަ: ޝިކާޔަތު

ވާހަކަ

ވާހަކަ: ޝިކާޔަތު - 7 ވަނަ ބައި

6 ޖޫން 2024

އެޕިސޯޑް 7

"ނާޒް މަޑުކޮށްބަލަ،" އިމްތިޔާޒް ބުންޏެވެ. "އައި ލަވް ޔޫ."

ގުލްނާޒްގެ ހިނގުން ހުއްޓުނެވެ. އަދި ދުވަމުން އައިސް އިމްތިޔާޒް ގައިގައި ބައްދާލި އެވެ. އުފާވެރިކަން ނޫން އިތުރު އެއްޗެއް އެ ދެލޮލުން ނުފެނެ އެވެ. އެ ހިނދުކޮޅަކީ އުޑުން ތަރި ގުނަންވީ ވަގުތުކޮޅެކެވެ. ހަނދު ގެނެސް އުނގަށް ލައިދޭން ވީ ވަގުތެވެ. އެތައް ހުވާ ވައުދެއް ކުރަންވީ ހިނދުކޮޅެކެވެ. އަހުދުތައް ކުރަންވީ ދަނޑިވަޅެކެވެ. ނަމަވެސް އުޑުން ވެހެމުން ދިޔަ ވާރެ އާއި ޖެހެމުން ދިޔަ ނަލަ ފިނި ވައިރޯޅި އެ ދެހިތުގެ ގުޅުން ބަދަހި ކޮށްދިނެވެ. އުދަރެހުން ނައްޓާލައިގެން އަންނަ ވައިރޯޅި ބީހެމުން ދިޔައީ ދެ ހަށިގަނޑުގަ އެވެ. ގުލްނާޒް ތުރުތުރު އަޅާކަން އިމްތިޔާޒަށް ފާހަގަ ކުރެވުނެވެ. ދެ މީހުން އެކަކު އަނެކަކަށް ބަލާލި އެވެ. އެ ބަލާލުމުގައި މާނަފުން އެތައް ވާހަކައެއް ދެކެވުނެވެ. އެކަކު ބުނި އެއްޗެއް އަނެކަކަށް އެނގުނު ކަހަލަ އެވެ.

އިމްތިޔާޒަށް ގެއަށް އާދެވުނު އިރު ފަތިސް ވެއްޖެ އެވެ. ނިދާފައި އޮތް، ލޯބިވާ އަނބިމީހާއަށް ބަލާލި އެވެ. އަދި ދެލޯ މަރައި ފިއްތާ ބާރުކޮށްލި އެވެ. އޭނައާ ދިމާލަށް ބަލަން އުނދަގޫވި އެވެ. އެންމެ ފަހުން ނުވާން އޮތް ކަންތައް ވެސް ވެ ނިމުނީ އެވެ. އިމްތިޔާޒް ހިތަށް އެރި އެވެ. މިއީ އޭނާ ދުވަހަކު ވެސް ތައްޔާރު ވެގެން ހުރި ކަމެއް ނޫނެވެ. އެހެން މީހަކު ދެކެ މިހާ ވަރަށް ލޯބި ވެވިދާނެ ކަމަކަށް އަމިއްލަ ޒަމީރު ވެސް ގަބޫލެއް ނުކުރެ އެވެ. ހީކުރީ ހުރިހާ ލޯތްބެއް ވެވެނީ ޝައިލާ ދެކެ ކަމަށެވެ. ބޭވަފާތެރިވެވުނީ ވަފާތެރި އަނބިމީހާއަށެވެ. ލޯބިވާ ދަރިފުޅުގެ މަންމައަށެވެ. އެއީ އިމްތިޔާޒް ބޭނުންވި ކަމެއް ނޫނެވެ. އިހުތިޔާރުން ބޭރުން ވީ ކަމެކެވެ. ނޫނެކެވެ. ގަސްދުގައި ކުރި ކަމެކެވެ. ގުލްނާޒް ދިން ސިގްނަލްތަކަށް ލޯ މަރާލެވުނު ނަމަ އެވެ. ނުފެންނަ ކަމަށް ހެދުނު ނަމަ އެވެ. ދެއްކި ވާހަކަތަކާއި ކުރި އާދޭސްތަކަށް ބީރު ކަންފަތެއް ދެވުނު ނަމަ އެވެ. އޭނައާ މެދު ހިތުގައި ރަހުމާއި ކުލުނާއި ހަމްދަރުދީ ނުއުފެދުނު ނަމަ އެވެ. ހުސް ނަމަ އެވެ. މިހާރު ވަގުތު ފާއިތު ވެއްޖެ އެވެ. ވަދެވުނު މަގުން ފަހަތަށް އެނބުރި ދާކަށް އިމްތިޔާޒު ވެސް ބޭނުމެއް ނުވެ އެވެ. ދިޔުމުގެ މާ ބޮޑު މާނައެއް ވެސް ނެތެވެ. އިމްތިޔާޒަށް މި ގޮތް ކަމުދާން ފެށީ އެވެ. ނޭނގި ހުއްޓައި ލޯބި ވެވުނީ އެވެ. އެއީ ހަގީގީ ލޯބި ކަމެއް ނުވަތަ ވަގުތީ ލޯބި ކަމެއް ބުނެދޭކަށް ނޭނގެ އެވެ.

އިރު އެރުމާ އެކު އިމްތިޔާޒްގެ ފޯނު އެލާމްވި އެވެ. ގަޑިން ހަތްގަޑި ސާޅީސް ފަސް މިނެޓެވެ. ތެދުވެގެން ގޮސް ފެންވަރާލި އެވެ. ހަށިގަނޑުގައި ފެން ތިކިތައް ޖެހުމާ އެކު ލޯ މަރާލެވުނެވެ. ރޭގައި ހިނގާ ދިޔަ ކަންތައް ހަނދާނަށް އަންނަން ފެށި އެވެ. އެ ބީހިލުމާއި އެ ހީލުން އިމްތިޔާޒްގެ ހިތުގައި ކަނޑައިނެގުނެވެ. ދުވަހަކު ވެސް އެއަށް ބަދަލެއް ނާންނާނެ ކަމަށް އުންމީދު ކުރަމުންނެވެ.

"އިންތި. ގަޑި ޖެހެނީއޭ. އަދި ސައިބޯން ވެސް ޖެހޭނެއެއްނު،" ޝައިލާގެ އަޑު އިވުމުން އިމްތިޔާޒް ސިއްސައިގެން ދިޔަ އެވެ. އަދި ދެ ލޯ ހުޅުވާލި އެވެ. އަވަސް އަވަސް ކޮށްލާފައި ފާހާނާއިން ނުކުތެވެ. ތައްޔާރު ވެލައިގެން ސައިބޯން ނުކުތެވެ.

"އަހަރެން ބުނީ އެއްކަލަ ފަރީދު ގުޅިއޭ،" އިމްތިޔާޒުގެ ތައްޓަށް ރޮއްޓެއް ލައިދެމުން ޝައިލާ ބުންޏެވެ.

"ކޮން ފަރީދެއް؟" ފޯނާ ދިމާލަށް ބަލަހައްޓައިގެން އިނދެ އިމްތިޔާޒް ވާހަކަ ދެއްކި އެވެ.

"ފަރީދު. އަހަރެން ކުރިން ވޯކް ކުރީމެއްނު އޮފީހެއް. ބުނީ ޖޮއިން ވާންވީ ނޫންހޯ،" ޝައިލާ ބުންޏެވެ.

"ދެން؟ ޝައި ކީކޭ ބުނީ؟" ފަރުވާކުޑަ ގޮތަކަށް އިމްތިޔާޒް އަހާލި އެވެ.

"އަހަރެން ބުނިން ވިސްނާލާށޭ ޖެހޭނީ. ފަހުން ޖަވާބެއް ދޭނަމޭ،" ޖޫސް ފޮދެއް ބޯލަމުން ޝައިލާ ބުންޏެވެ.

"ޖޮއިންވޭ. ތިހެން އަބަދު ގޭގައި އިންނަން ވީމާ ފޫހިވާނެ. ބުނޭ ޔޫހް ސުކޫލުގައި އުޅޭ ގަޑިތަކުގައި އެކަންޏޭ ވޯކް ކުރެވޭނީ،" އިމްތިޔާޒް އަދިވެސް އިނީ ފޯނާ ކުޅޭށެވެ. ދޭތެރެއަކުން ރޮށިކޮޅެއް ކާލަ އެވެ. "އެހެން ނޫނީ ދެން ޖެހޭނީ މެއިޑެއް ގެންނަން."

"މަށަކަށް މެއިޑުންނަކަށް ނޯވޭ މާ ބޮޑު އިތުބާރެއް. ކުރީ ދުވަހު ވެސް ފްރެންޑެއް ބުނި އޭނަ ގެންގުޅުނު މެއިޑެއް ވައްކަން ކުރީޔޯ. އަނެއްކާ އޭނަ ގެއަށް އަންނަ އިރު ދަރިފުޅަށް ވެސް އިންނަނީ ކާން ނުދީޔޯ،" ފޫހިވެފައި ޝައިލާ ބުންޏެވެ.

ދުވަސްގަނޑަކަށް ފަހު މަސައްކަތަށް ގުލްނާޒް ނުކުތެވެ. އެކި މީހުން ފެނުމުން މީހާ ކޮންމެވެސް ވަރަކަށް ނުތަނަވަސްވި އެވެ. މަސައްކަތުގެ މާހައުލަކީ ގުލްނާޒްގެ ދެވަނަ ގެ އެވެ. އެތަނުގައި އުޅޭ ކޮންމެ މީހަކާ ވާހަކަ ދައްކަނީ ވެސް ވަރަށް ސަމާސާ ރާގެއްގަ އެވެ. ނަމަވެސް މިއަދު ހާލަތު ތަފާތެވެ. ކޮންމެ މީހެއް ވެސް ގުލްނާޒް ފެނުމުން ހިނިތުންވެލުން ފިޔަވައި މާ ބޮޑު ވާހަކަ ދެއްކުމެއް ނެތެވެ. އެ ދުވަހު ކުރަން ޖެހުނު ޝޫޓިންއަކީ ހެދުންތަކެއް އިޝްތިހާރު ކުރުމެވެ. ގިނަ ފަހަރަށް ގުލްނާޒް އެއް ޝޮޓުން އެ ދުވަހެއްގެ ޝޫޓިން ނިންމާލަ އެވެ. އެކަމަކު މިއަދު އެހެނެއް ނުވި އެވެ.

ޝޫޓިން ޖެއްސިތާ ގަޑިއެއްގެ އިރު ވީ އިރު ވެސް ޑައިރެކްޓަރު ބުނާ ގޮތަކަށް އެންމެ ލަފުޒެއް ވެސް ގުލްނާޒަކަށް ނުބުނެވެ އެވެ. ހިތްނުތަނަވަސްވެ މީހާ މަޑުމަޑުން ތުރުތުރުއަޅަން ފެށި އެވެ. ހަށިގަނޑު ހިރުވާ ކަހަލަ ގޮތެއް ވާން ފެށި އެވެ. ބޯއަނބުރަން ވެސް ފެށި އެވެ. ޑައިރެކްޓަރަށް އެންމެ ފަހުން ކުޅަދާނައެއް ނުވި އެވެ. ދިހަ މިނެޓްގެ ބްރޭކެއް ނަގަން ބުންޏެވެ. ގުލްނާޒް ވަގުތުން ގޮސް ސޯފާގައި އިށީނެވެ.

"އަމިއްލައަށް މާ މޮޅު މީހަކަށް ވެގެން އެ އުޅެނީ. ރީތި ސިފައެއް ލިބިފައި ހުއްޓަސް ހުނަރެއް ނެތިއްޔާ އޭނަގެ ކޮން ބޭނުމެއް ހިފޭނީ؟" ފަރުދާއެއްގެ ފުރަގަހުން ބުނި އަޑު އިވުނެވެ.

"އާނ. މިއަދު ވެސް މިހާރު ކޮން އިރެއް އެއް ތަންކޮޅެއް ތަކުރާރު ކުރާތާ؟ އެކަމަކު ބުނާނެ ތިމަންނަ ވަރެއް ނެތޭ،" އެހެން މީހަކު ބުނި އަޑު އިވުނެވެ.

"ހީވަނީ ތިމާ މިއީ މިސް ވޯލްޑޭ. މި ޑައިރެކްޓަރުންނޭ މިކަހަލަ މީހުން ބޮލަށް ލައިގެން އުޅެނީ. އެހެން ނޫން ނަމަ ދެން ކޮން ބައެއްތަ މިއީ. މީހުންގެ ސަމާލުކަން ހޯދަން ނޫން ދެން ކޮން ކަމެއް؟"

ގުލްނާޒަށް ކެތްކުރަން އުނދަގޫވި އެވެ. އެ އިވޭ އަޑުތަކުން އިތުރަށް ބޮލަށް އުނދަގޫވާން ފެށި އެވެ. ގެނައި ފެން ތަށި އެ މީހުންނާ ދިމާލަށް އެއްލި އެވެ. އަދި ޝޫޓިން ހުއްޓާލާފައި އެތަނުން ނުކުމެގެން ދިޔަ އެވެ. ގެއަށް ދެވެންދެން ރުއިން ނޫން ކަމެއް ގުލްނާޒަށް ނުކުރެވެ އެވެ.

"ކަލެއަށް ކިހާ ފަސޭހަ. އޮޕަރޭޝަން ކޮށްލިމަ އެ ނިމުނީ. އެކަމަކު މަ ވިއްޔާ ދުވާލުދާ ހަތަރުދަމު މީހުންގެ އެކި ކަންކަންމުގެ ވާހަކަ އަޑު އަހައި އަހައި އިންނަނީ މަ ވެސް ބޯ ގޮވާ ވަރުވެފައި،" ނިޔާޒު އާއި އިމްތިޔާޒު އެކީގައި ހިނގަމުން ދިޔަ އެވެ. ހޮސްޕިޓަލު ތެރޭގައި މީހުން ގިނަ ވަގުތެކެވެ. ދެ މީހުން އެކުގައި ގޮސް ވަނީ އިމްތިޔާޒްގެ ކޮޓަރިއަށެވެ.

"މަށަށް ވެސް ތީތި ކިޔެވުނު ނަމަ ދޯ؟" އިމްތިޔާޒް ބުންޏެވެ. އެ ވަގުތު މީހަކު ދޮރުގައި ޓަކި ޖަހާލި އެވެ. އެތެރެއަށް ވަނުމަށް ހުއްދަ ދިނީ އިމްތިޔާޒެވެ. ކޮޓަރި ތެރެއަށް ވަދެގެން އައީ ފަޒީލާ އެވެ.

"ޑޮކްޓަރު، ގުލްނާޒް ބުނެގެން އަހަރެން މި އައީ. ބުނީ ޑޮކްޓަރުގެ ފޯނު އޮތީ ނިއްވާލާފައޭ. އެހެންވެ ނުގުޅިގެން އުޅުނީ. އެ ގެއަށް ގޮސްލަންވީނު؟" އެހާ ހާމަ ގޮތެއްގައި ފަޒީލާ އެހެން ބުނުމުން އިމްތިޔާޒް ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހުނެވެ. އަދި އަމުދުން ނިޔާޒް އިންދައި އެހެން ބުނުމުން އިތުރަށް ނުތަނަވަސްކަން ވެރިވި އެވެ.

"މިއަދު ހަވީރު އިނީ ސެޝަން. އަހަރެން އެ ގަޑިއަށް ދާނަން،" ނިޔާޒުއާ ދިމާލަށް ބަލާލަމުން އިމްތިޔާޒް ބުންޏެވެ.

"އޭނަ ބޭނުންވަނީ މި ގަޑީގައި ބައްދަލުކޮށްލަން. ހުރީ ވަރަށް ރުޅި އައިސް. ޝޫޓިންއިން އައި ގޮތަށް ނުވެސް ކައި އޮތީ،" ފަޒީލާ ކުރެއް ނުކުރި އެވެ.

"ޑޮކްޓަރު ދާނެ ފަސް މިނެޓް ތެރޭގައި. ދެން އެންމެ ރަނގަޅު ދިޔަޔަސް،" މިފަހަރު ވާހަކަ ދެއްކީ ނިޔާޒެވެ. ފަޒީލާ ނުކުމެގެން ދިޔުމުން ނިޔާޒް ބަލައިލީ އިމްތިޔާޒަށެވެ. އެ ބަލާލުމުގައި އެތައް ސުވާލެއް ކުރިމަތި ކުރުވި އެވެ.

"ކަލޭ ތި ހީކުރާ ކަހަލަ ކަމެއް ނޫން،" ގޮނޑީގައި އިށީންނަމުން އިމްތިޔާޒް ބުންޏެވެ.

"އަހަރެން އެއްޗެއް އަހައިފިންތަ؟" ނިޔާޒު ވެސް ގޮނޑީގައި ހަމަޖެހިލި އެވެ.

"އެކަމަކު ކޮންމެވެސް އެއްޗެއް ހިތަށް އަރައިފިއެއްނު،" އިމްތިޔާޒު ބުންޏެވެ.

"އަޑެއް ކިއްޔާ ރެނދެއް ލާނެ. ހަނދާން ބަހައްޓާތި އަތްނބަކާއި ދަރިއަކު ހުރިކަން،" އެހެން ބުނެފައި ނިޔާޒު ނުކުތެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް