ވާހަކަ: ޝިކާޔަތު

ވާހަކަ

ވާހަކަ: ޝިކާޔަތު - 6 ވަނަ ބައި

3 ޖޫން 2024

އެޕިސޯޑް 6

"ނާޒް،" ވައި އަޑަކުން އިމްތިޔާޒަށް ބުނެވުނެވެ. ގުލްނާޒް މަޑުމަޑުން ދުރަށް ދިޔަ އެވެ. އަދި އިމްތިޔާޒްގެ ދެ ލޮލަށް ބަލާލިއެވެ.

"ސޮރީ،" ސޯފާއިން ތެދުވަމުން ގުލްނާޒް ބުންޏެވެ. އަދި ދުވަމުން ކަހަލަ ގޮތަކަށް ސިޑިން އަރައިގެން ދިޔަ އެވެ. ހުއްޓުން އަރާފައި ހުރި އިމްތިޔާޒަށް ބަލަހައްޓައިގެން ހުރެވުނީ އެވެ. އެ ހިތުގައި ލެވުނު ފާހަގަ ކުލަގަދަވާން ފެށި އެވެ.

ހޮސްޕިޓަލުގައި އިނދެގެން އެކި ޕޭޝަންޓުންނާ ވާހަކަ ދައްކަމުން ދިޔަ އިރު ވެސް އިމްތިޔާޒަށް ވިސްނެމުން ދިޔައީ އެންމެ ކަމަކާ އެވެ. ގުލްނާޒްއާ މެދުގަ އެވެ. އެ ހިނިތުންވުމާއި އެ ރުއިމުގެ އަޑު ކަންފަތުގައި ގުގުމަމުން ދިޔަ އެވެ. ނާޒްގެ އަޑަކީ އަހާ ފޫހި ނުވާނެ އަޑެކެވެ. ބްރޭކް ގަޑި ލިބުމުން މެންދުރު ކެއުމަށް ދާކަށް އިމްތިޔާޒް ބޭނުމެއް ނުވި އެވެ. ލެޕްޓޮޕްއިން ފޭސްބުކަށް ވަނެވެ. އަދި ގުލްނާޒްގެ ނަން ހޯދާލި އެވެ. އެ ނަމުގައި އެތައް އެކައުންޓެއް ވެ އެވެ. ނަމަވެސް ވެރިފައި ކޮށްފައި އިން އެކައުންޓަށް ވަދެ ބަލާލި އެވެ. އެކި ދުވަސް މަތިން ގުލްނާޒް ނަގާފައިވާ ފޮޓޯތައް އޭގައި ހުއްޓެވެ. އެކި ޕްރޮޖެކްޓްތަކާއި އިޝްތިހާރުތަކަށް ނަގާފައިވާ ފޮޓޯ އާއި ވީޑިއޯތައް ފެންނަން ހުއްޓެވެ. އެކި މީހުންގެ ލައިކްތަކާއި ކޮމެންޓްތަކުން ކޮންމެ ފޮޓޯއެއް ވަނީ ފުރާލާފަ އެވެ. މަދުން ނަމަވެސް ނެގެޓިވް ކޮމެންޓް ހުރެ އެވެ. ނަމަވެސް ގިނައީ ގުލްނާޒްގެ ރީތިކަމާއި ހުނަރުވެރިކަމަށް ތައުރީފުކޮށްފައިވާ ކޮމެންޓްތަކެވެ.

ގުލްނާޒަކީ ކިހާ މަޝްހޫރު މީހެއްކަން އިމްތިޔާޒަށް އެނގެ އެވެ. ދެ ދަރިންގެ މަންމައަކަށް ވީ ނަމަވެސް ހީވަނީ ވިިހީގެ އަހަރުތައް ގުނަމުންދާ ޅަ އަންހެންކުއްޖެއް ހެންނެވެ. އަންހެންވަންތަކަން ލިބިފައިވާ އެ ހަށިގަނޑު ހިތްގައިމެވެ. ބަލާ ކޮންމެ ފިރިހެނަކަށް ވެސް އޭނާ ކަމުދާނެ އެވެ. ކައިވެނިކޮށްގެން އުޅުނު ކަމުގައި ވިޔަސް މީހަކު ރީތި ވެދާނެ އެވެ. ކަމު ވެސް ހިނގައިދާނެ އެވެ. ބޭނުން ވެސް ވެދާނެ އެވެ. ނަމަވެސް ކޮންމެ ކަމެއްގައި ވެސް ހައްދެއް އޮންނާނެ އެވެ. އެ ހައްދުން ބޭރު ވެއްޖެ ނަމަ މީހާ އެ ވެއްޓުނީ ފުން އަނދަވަޅަކަށެވެ. އެއިން އަރަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެރުމަކީ އުނދަގޫ ކަމަކަށް ވާނެ އެވެ. އެއީ އޭގެ ފުންކަމުންނެވެ. އިމްތިޔާޒް ކޮންނަމުން ދިޔަ އަޑި ނޭނގޭ އަނދަވަޅުގެ ފަސް ގިނަ އެވެ. ރީތި ދިރިއުޅުމެއް ލިބިފައިވީ ނަމަވެސް މަދުވެގެން އުޅެނީ ކޯއްޗެއް ކަމެއް ޚުދު އޭނައަށް ވެސް ބުނެދޭން އުނދަގުލެވެ. ބޭނުންވަނީ ކޯއްޗެއް ކަމެއް ވެސް ނޭނގެ އެވެ. އެނގޭހާ ވެސް އެއްޗަކީ ވަދެވިފައިވަނީ އެއްކޮޅަށް ދުއްވާ މަގަކަށެވެ. ފަހަތަށް އެނބުރިލުމަކީ އުނދަގޫ ކަމެކެވެ. އަނބުރާ އައި ކޮޅަށް ދިޔުމަކީ ކުރަން ބޭނުން ވިޔަސް ނުކުރެވޭ ކަހަލަ ކަމެކެވެ. އެއީ އިމްތިޔާޒަށް ވިސްނޭ ގޮތެވެ.

އިމްތިޔާޒް އެންމެ ޖެހިލުންވި އެއް ކަމަކީ އޭނަ އެ ކުރާ އިހުސާސްތައް ގުލްނާޒްއަށް ކުރެވޭބާއޭ އުފެދޭ ސުވާލެވެ. އޭނައާ ދޭތެރޭ ގުލްނާޒް ދެކެނީ ކިހިނެއް ހެއްޔެވެ؟ ދިން ފެހި ސިގުނަލުގެ ހަގީގަތަކީ ކޮބާ ހެއްޔެވެ؟ ނުވަތަ އެއީ ހީއެއް ހެއްޔެވެ؟ އިމްތިޔާޒް ބޭނުންވީ ގުލްނާޒްގެ ހިތުގައި އޮތް އެއްޗެއް ބަލާށެވެ. ނަމަވެސް ކިހިނެއް ހެއްޔެވެ؟ ސީދާ އެ ސުވާލުތައް ކޮށްގެން ޖަވާބު ނުލިބިދާނެ އެވެ. ޑޮކްޓަރެއްގެ ހައިސިއްޔަތުން ތެރަޕީ ދޭ ވަގުތެއްގައި އެކި ކަހަލަ ސުވާލު ކުރަން ވިސްނަމުން ދިޔަ އެވެ.

އެހެން ރޭރެއަށް ވުރެ އަވަހަށް މިރޭ ގެއަށް ދާން އިމްތިޔާޒް ނުކުތެވެ. ވާރޭވެހި މަގުތައް ވަނީ ފެންބޮޑުވެފަ އެވެ. ކާރަށް އަރާފައި ދުއްވާލި އެވެ. ވަކި ހިސާބަކަށް ދިޔަ ތަނާ މީހަކު އަތް ނެގި އެވެ. އެއީ ދަންނަ މީހެއް ހެން ހީވާތީ މަޑުކޮށްލި އެވެ. ލޯގަނޑު ތިރިކޮށްލި އިރު ހުރީ ގުލްނާޒެވެ. ތެމި ފޯވެގެންނެވެ. ނަމަވެސް މޫނުމަތި ހުރީ ނިވާކޮށްގެންނެވެ. އެއި އެހެން މީހަކަށް އޭނަކަން އެނގިދާނެތީ ކަންނޭނގެ އެވެ. ނަމަވެސް މިފަދަ ގަޑިއެއްގައި ގުލްނާޒް ފެނުމުން އިމްތިޔާޒް ހައިރާންވި އެވެ.

"ނާޒް؟ ކީއްތިކުރަނީ މި ގަޑީގައި މިތާ؟" އިމްތިޔާޒް އަހާލި އެވެ.

"ވާރެއާ ތެމިލަން ނުކުތީ. ބޮލަށް ފިނިކަމެއް ލިބޭތޯ. މިއީ ގެ ކައިރިއެއްނު،" އެއީ ތެދެކެވެ. ގުލްނާޒްގެ ގެއާ އެ ހިސާބު ދުރެއް ނޫނެވެ. "ހިނގާ ތެމިލަން."

އެ ދައުވަތު ގަބޫލު ކުރަން ކިތަންމެ ބޭނުމަސް އިމްތިޔާޒަކަށް އެކަމެއް ނުކުރެވޭނެ އެވެ. މިއީ މަގުމައްޗެވެ. ބޮޑެތިވެފައި ތިބި ދެ މީހުން އެ ގޮތަށް މަގުމަތީ ވާރެއާ ތެމެން އުޅުމަކީ ރީތި ކަމެއް ނޫނެވެ. ދެ މޫނަކީ ވެސް މީހުން ދަންނަ ދެކެ ފަރިތަ މޫނުތަކެކެވެ.

"މިކަހަލަ ވަގުތެއްގައި މި ކަހަލަ ތަނެއްގައި ވާރޭގައި ތެމުމަކީ ރަނގަޅު ކަމަކަށް ނުވާނެ ދޯ؟" ވިސްނާދޭ ކަހަލަ ރާގެއްގައި އިމްތިޔާޒް ބުންޏެވެ. "ކިހިނެއް އަހަރެންކަން އެނގުނީ؟"

"ތި ކާރު ނަންބަރު ފެނުނީމަ އެނގޭނެއެއްނު،" މޫނުގައި އަޅާފައި އިން މާސްކް ތިރިކޮށްލަމުން ގުލްނާޒް ބުންޏެވެ. "އެހެންވިއްޔާ ހިނގާ ގެއަށް."

ގުލްނާޒް ކުއްލިއަކަށް އެހެން ބުނުމުން އިމްތިޔާޒްގެ ހިތް ތެޅިގަތެވެ. ބުނާނެ އެއްޗެއް ވިސްނުމަކަށް ނަ އެވެ. އެއަށް އާއެކޭ ނުވަތަ ނޫނެކޭ ބުނާކަށް ވެސް ނުކެރުނެވެ.

"އޯކޭ ނާދެވުނަސް. އަހަރެން ދަނީ،" ގުލްނާޒް އެހެން ބުނުމުން އޭނަ ހުއްޓުވަން އިމްތިޔާޒް ހިތް އެދުނެވެ. އެ އަތުގައި ހިފަން ބޭނުންވި އެވެ.

ގުލްނާޒް ގޮސް ގެއަށް ވަނެވެ. ފަހަތުން މީހަކު އައިހެން ހީވެގެން ފަހަތް ބަލާލި އެވެ. ހުރީ އިމްތިޔާޒެވެ. ތެމިގެންނެވެ. ހުދުކުލައިގެ ގަމީހެއްގައި ހަށިގަނޑު ތަތްލަވާފައި ހުރުމުން އެއްވެސް ހުރަހެއް ނެތި ހަށިގަނޑު ފެންނަމުން ދިޔަ އެވެ. ގުލްނާޒް ހިނިތުންވެލި އެވެ. އިމްތިޔާޒްގެ އަތުގައި ހިފައިގެން ގުލްނާޒް އެރީ ޓެރަހަށެވެ. އެއީ އުސް އިމާރާތެކެވެ. މާލޭގެ އެކި ހިސާބު ފެންނަން އޮތެވެ. ވެހެމުން ދިޔަ ވާރޭ އިތުރަށް ބޯކޮށްލި އެވެ. އިމްތިޔާޒް މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިގަނޑު ރަނގަޅު ކޮށްލި އެވެ. ވާރޭގައި ތެމެމުން ދިޔަ ގުލްނާޒްއާ ދިމާލަށް ކަޅިޖަހާނުލައި ބަލަހައްޓައިގެން ހުއްޓެވެ. ވާރޭ ތުނި ކޮށްލި އެވެ.

"އަހަރެން ހަނދާން ވަނީ ކުޑައިރުގެ ދުވަސްތައް،" ގުލްނާޒް ބުންޏެވެ.

"މިހެން ވާރެއާ ތެމުނީމަތަ؟" އިމްތިޔާޒަށް ޝައްކުވި ގޮތަކަށް އަހާލި އެވެ. ގުލްނާޒް އާނއެކޭ ބުންޏެވެ.

"އިންތި ހަނދާނެއް ނުވޭތަ؟" ގުލްނާޒް އަހާލި އެވެ.

"ހަނދާންވޭ. އެކަމަކު އަހަރެން ކުޑައިރުގެ ހަނދާންތަކަކީ ވަރަށް އެހެން ކަހަލަ ދުވަސްތަކެއް. މިކަހަލަ ގަޑިއެއްގައި އެކަހަލަ ވާހަކަ ނުދައްކަމާ؟" އިމްތިޔާޒް ބުންޏެވެ.

ގުލްނާޒް މަތި ބަލާލި އެވެ. އަދި ލޯ މަރާލި އެވެ. ހިމަފޮދު އެ ވާރޭ ގޮސް ހަން އޮމާން އެ މޫނުގައި ބީހެމުން ދިޔަ އެވެ. ކޮންމެ ތިއްކެއް ވެއްޓެމުން ދިޔައީ އެއްވެސް ހުރަހެއް ނެތި އެވެ. ގުލްނާޒް ހުރީ ހިނިތުންވެގެންނެވެ. ވާރޭގެ ފޮނިމީރުކަން އެންމެ ފުންކޮށް އިހުސާސް ކުރެވޭ ކަހަލަ އެވެ. އިމްތިޔާޒް އަނެއް ފަރާތަށް އެނބުރުނެވެ. ފެންނަމުން ދިޔަ މަންޒަރުތަކުން ހިތަށް ވަންނަން ފެށީ ބުނެދޭން ދަތި އިހުސާސްތަކެކެވެ. ޖަވާބު ނުލިބޭ ސުވާލުތަކެކެވެ. އަތް މުށްކަވާލެވުނެވެ. އަދި ލޯ މަރާލި އެވެ.

އެ ވަގުތު އެ ފިނި އަތް އިމްތިޔާޒްގެ އަތުގައި ހިފާލި އެވެ. އަދި ހިނގައިގަތެވެ. ވާރޭ އަނެއްކާވެސް ބޯ ކޮށްލި އެވެ. ގުލްނާޒް ހުރީ ތުރުތުރުއަޅާ ހާލުގަ އެވެ. ހަށިގަނޑުގައި ތަތްލާފައި ހުރި ހެދުމުން އަންހެންވަންތަކަން ދޭހަ ކޮށްދެމުން ދިޔަ އެވެ. ފިނިވެފައިވާ އަތްތިލައިން ހުރީ އަދިވެސް އިމްތިޔާޒްގެ އަތުގައި ހިފަހައްޓާލައިގެންނެވެ. އެސްފިޔަތަކަށް ބަރުޖެހިފައިވަނީ ފެން ތިކިތައް ހަރުލާފައިވުމުންނެވެ. އިމްތިޔާޒަށް ގުލްނާޒް އެހާ ގާތުން ފެނުނު އެއީ ފުރަތަމަ ފަހަރެވެ. އެއީ ރީތި ދެ ލޮލެވެ. ހިތްގައިމު މޫނެކެވެ. ބަލާ ފޫހިނުވާ ފަދަ އެވެ. އެ ވަގުތު ވަރަށް ބާރަށް ގުގުރާލި އެވެ. ވަގުތުން ގުލްނާޒް، އިމްތިޔާޒްގެ ހަށިގަނޑުގައި ބައްދާލި އެވެ. އަދި ގުގުރަންޏާ ވަރަށް ބިރުގަންނަ ވާހަކަ ވެސް ބުންޏެވެ. ގުލްނާޒް ދުރުކޮށްލާކަށް އިމްތިޔާޒް ބޭނުމެއް ނުވި އެވެ. އެ އަތެއް ހަރާކަތެއް ނުކުރި އެވެ. ނަމަވެސް ގުލްނާޒްގެ ހަށިގަނޑުގައި ބައްދާލަން ދެ އަތް ނެގި އެވެ. އިމްތިޔާޒަށް ލޯ މަރާލެވުނެވެ.

"މިއީ ހަގީގަތެއްތަ؟" ގުލްނާޒް އަހާލީ މަޑުމަޑުންނެވެ. "މިކަން އަހަރެން ކިހިނެއް ގަބޫލު ކުރަންވީ؟"

ގުލްނާޒް އެ ކުރި ދެ ސުވާލަކީ ޖަވާބު ދޭން އުނދަގޫ ދެ ސުވާލެވެ. ނަމަވެސް އޭގެ ޖަވާބު އޭނަ ބޭނުންވާނެ އެވެ. އިމްތިޔާޒްގެ ދޫ ހަރަކާތެއް ނުކުރި އެވެ.

"ބުނެބަލަ،" ގަޔާ ދުރުކޮށްލަމުން ގުލްނާޒް ބުންޏެވެ. އިމްތިޔާޒް އިސްޖަހާލި އެވެ. އޭގެ މާނައެއް ގުލްނާޒަކަށް ނުވިސްނުނެވެ. ބަލަހައްޓައިގެން ހުރެވުނީ އެވެ. ވެހެމުން ދިޔަ ވާރެއާ އެކުވެގެން ލޮލުން ކަރުނަ ފާއްދާލައިގެން ފައިބަން ފެށި އެވެ.

"މާނަ އެނގިއްޖެ،" ގުލްނާޒް ހިނގައިގަތެވެ.

"ނާޒް މަޑުކޮށްބަލަ،" އިމްތިޔާޒް ބުންޏެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް