ވާހަކަ: ޝިކާޔަތު

ވާހަކަ

ވާހަކަ: ޝިކާޔަތު - 5 ވަނަ ބައި

އެޕިސޯޑް 5

ފިހިގަނޑު ބަހައްޓާފައި ޝައިލާ އައިސް ސޯފާގައި އިށީނެވެ. އިމްތިޔާޒްގެ މޫނުމަތިން ދާހިއްލަން ފެށިއެވެ. އިމްތިޔާޒްގެ ދަތްދޮޅީގައި ހިފާފައި އިސްއުފުލުވާލި އެވެ.

"ބުނެބަލަ. ކިހިނެއްވީ؟" އޯގާތެރިކަމާ އެކު ޝައިލާ އަހާލި އެވެ. އިމްތިޔާޒް ހިތަށް އެރި އެވެ. އޭނަގެ ހުރިހާ ކަމެއް އަނބިމީހާއަށް އެނގެ އެވެ. އަޅާ ފިޔަވަޅަކުން ނުވަތަ ބުނެލާ އެންމެ ބަހަކުން ކަންކަން ދެނެގަނެވޭ ވަރަށް ޝައިލާ ވަނީ އިމްތިޔާޒް ހިތު ދަސްކޮށްފަ އެވެ. ބޮލުން ފެށިގެން ފައިގެ ބޮޑުވައި އިނގިއްޔާ ހަމައަށް ދަސްކޮށްފަ އެވެ. ކޮންމެ ހަރަކާތަކުން ޝައިލާއަށް ފެންނާނީ ބޭވަފާތެރިކަމެވެ. އެހެން އަންހެނަކާ ދޭތެރޭ ވިސްނުމަކީ ބޭވަފާތެރިކަން ފެށުމުގެ އަސްލެވެ.

"ކަމެއް ވެއްޖެތަ؟" ސޯފާއިން ތެދުވަމުން އިމްތިޔާޒް އެހި އެވެ.

"ކަމެއް ނުވާ ނަމަ މިކަހަލަ ނުގަޑިއެއްގައި ތިކަހަލަ ތައުރީފެއް މަށަކަށް ނުކުރާނެ. އަޅެ ބުނެބަލަ،" ޝައިލާ ވެސް ތެދުވި އެވެ.

"ކަމެއް ނުވޭ. އެކަމަކު ހޮސްޕިޓަލުގެ ބައެއް ކޭސްތައް ގިނަކަމުން މި ދުވަސްކޮޅު ހުންނަނީ މާ ބޮޑަށް މޫޑީވެފައި،" އިމްތިޔާޒް އެ ދޮގު ހަދަމުން މޫނު އަނެއް ފަރާތަށް އަނބުރާލި އެވެ. ޝައިލާއާ ކުރިމަތިލާން އުނދަގޫ ވަނީ އެވެ.

"ޔަގީންތަ އިތުރު ކަމެއް ނޫންކަން؟" ޝައިލާއަށް ގަބޫލުކުރަން އުނދަގޫވި އެވެ.

"އެހެން ކަމެއް ނަމަ އަހަރެން ބުނާނެއެއްނު،" ޝައިލާއާ ދިމާލަށް އެނބުރިފައި އިމްތިޔާޒް ބުންޏެވެ.

ގޭތެރެއަށް ވަދެގެން ދިޔަ އިރު ބޭރު މީހަކު އިމްތިޔާޒަށް ފެނުނެވެ. ހީވާ ގޮތުން އެއީ މެއިޑެކެވެ. ގޭތެރޭގައި ވަނީ ސާފުތާހިރުކަމާއި ތަރުތީބުކަމެވެ. ކޮންމެ ތަނެއްގައި ވެސް ހުރީ ހުދު ކުލަ އެވެ. މާވަށިތަކާއި ފަރުނީޗަރުތަކެވެ. ބަލާބެލުމަށް ހިތްގައިމު ގެއެކެވެ. ނަމަވެސް ކޮންމެވެސް ވަރެއްގެ ފަޅުކަމެއް އިމްތިޔާޒަށް އިހުސާސް ކުރެވުނެވެ. ހުދުކުލައިން ފަރުމާކޮށްފައިވާ ފާރުތަކުގައި ފަޅުފިލުވައިދެމުން ދިޔައީ ގުލްނާޒްގެ ފޮޓޯތަކާއި ދަރިންގެ ފޮޓޯތަކެވެ. އެކުދިން އުފަންވި އިރުން ފެށިގެން ގޮސް މިއަދާ ހަމައަށް ހުރި ފޮޓޯތައް ހުއްޓެވެ. މައުސޫމް އެ މޫނުތަކުގައި ވަނީ އުފާވެރިކަމެވެ. ހިނދުކޮޅަކަށް އިމްތިޔާޒްގެ ދަރިފުޅު މަތިން ހަނދާންވި އެވެ. އެންމެ ބޮޑުކޮށް ހުރީ ގުލްނާޒް ހިނިތުންވެލައިގެން އިން ފޮޓޯއެކެވެ. ނަމަވެސް އެ ހިނިތުންވުމުގެ ފަހަތުގައި ހިތާމަވެރިކަން ފާހަގަވާން ހުއްޓެވެ. ހަތަރު ފޫޓް ތިން ފޫޓްގެ އެ ފޮޓޯ ލޯގަނޑު އިނީ ކުލަ ނޫންކޮށެވެ. ކަޅިރަވަ ތޫނު އެ ދެ ލޮލުގެ އެސްފިޔަތައް ދިގެވެ. ލޮލުން ބުނެދެމުން ދިޔައީ އަހަރެންނަށް އެހީވާށެވެ. އަންނާށެވެ. މި އަތުގައި ހިފާލާށެވެ. ތުންފަތުގައި ވަނީ ރަކި ހިނިތުންވުމެކެވެ. ހިނިތުންވުން ކިތަންމެ ހިތްގައިމު ވިޔަސް އުނިކަމެއް އޭގައި ވެ އެވެ. އިމްތިޔާޒް ރަނގަޅަށް އެ ފޮޓޯއަށް ބަލާލި އެވެ.

"ތި ފޮޓޯއިން އެއްވެސް މާނައެއް ދޭހަވޭތަ؟" ސިޑިން ފައިބަމުން އައި ގުލްނާޒް އަހާލި އެވެ.

"މާނައެއް ދޭހަ ކުރެވޭތޯ މި އުޅެނީ،" ހިނިތުންވެލަމުން އިމްތިޔާޒް ބުންޏެވެ. އަދި ދެ ޖީބަށް އަތްޖަހާލި އެވެ. ގުލްނާޒް ފެނުމުން ހީވަނީ އެހެން މީހެއް ހެންނެވެ. ހޮސްޕިޓަލުން ފެނުނު މަޖުބޫރުވެފައިވާ ގުލްނާޒް އާއި މިއަދު ކުރިމަތިން ފެންނަން ހުރި މީހާއާ ހާސްބައި ތަފާތެވެ. ކަޅުކުލައިގެ ވިދާ ފޮތީގައި ފަހާފައިވާ ހެދުން ހުރީ އިސްކޮޅަށެވެ. ނަމަވެސް ފައިން ބައެއް ފެންނަން އޮތެވެ. އިސްތަށިގަނޑު ހުރީ ހާވާލާފަ އެވެ. އެކަމަކު ރީތި ގޮތަކަށް ފުނާއަޅާފަ އެވެ. ތުންފަތުގައި ޖައްސާފައި ހުރި މަޑު ފިޔާތޮށިކުލައިން އޭނަގެ ރީތިކަން އިތުރުކޮށްދެ އެވެ. އެސްފިޔަތައް ދިގުވެފައިވާ އެ ދެ ލޮލުގައި އަޖާއިބެއް ފަދަ ޖާދޫއެއް ވާ ކަހަލަ އެވެ. އިމްތިޔާޒަށް ބެލެނީ ގުލްނާޒްގެ ފަރި ހިނގުމަށެވެ. ހިނގަމުން އައިސް ސޯފާގައި އިށީނެވެ.

"ތިހެން ކޮޅަށް ހަމަ ހުންނާނީތަ؟" ގުލްނާޒް އެހެން ބުނުމުން އިމްތިޔާޒް ސިއްސައިގެން ދިޔަ އެވެ. "މިހާރު ދެތިން ފަހަރު ބުނެފިން އިށީންނަން. އެކަމަކު އިންތިއަށް އަޑު އިވުނު ހެންނެއް ހިއެއްނުވޭ."

"ކީއްވެ ބައްދަލުކޮށްލަން ބުނީ؟" ސޯފާގައި އިށީންނަމުން އިމްތިޔާޒް އަހާލި އެވެ.

"ކޯއްޗެއް ބޯނީ؟ ކޮފީ؟ ޖޫސް؟" ޖަވާބު ދިނުމުގެ ބަދަލުގައި ގުލްނާޒް ވެސް ކުރީ ސުވާލެކެވެ.

"ކޮފީއެއް،" އިމްތިޔާޒް ބުންޏެވެ. ގުލްނާޒް މެއިޑަށް އިޝާރާތްކޮށްލި އެވެ.

"އަސްލު ބޭނުންވީ ޝުކުރު އަދާ ކޮށްލަން. ޑޮކްޓަރެއް ވިޔަސް އަހަރެންނާ އެހާ ގާތްކަން ބެހެއްޓީތީ، ނަސޭހަތް ދިނީތީ އަހަރެން ވަރަށް އުފާވި. ވަރަށް ހިތްހަމަޖެހުނު. ދެން އިރާދަ ކުރެއްވިއްޔާ އެކަހަލަ ކަމެއް ނުކޮށް ވޭތޯ މަސައްކަތް ކުރާނަން. އެކަމަކު ދިރިއުޅުމަކީ ފާޑެއްގެ އެއްޗެއް. މީހަކު ހީވެސް ނުކޮށްހުއްޓައި ކޮންމެ ފަދަ ގޮތަކަށް ވެސް އެނބުރިދާނެ. ހާލަތު ނިޔާ ކުރާ ގޮތަކަށް ޝުކުރުކުރުން ނޫން ގޮތެއް އަހަރުމެން އިންސާނުންނަކަށް ނޯވޭ،" އިމްތިޔާޒް ހީކުރި ވަރަށް ވުރެ ބޮޑަށް ގުލްނާޒަށް ވިސްނެ އެވެ.

"ތިއީ ތެދު. އެކަމަކު ހާލަތު ބަދަލު ކުރުމަކީ ވެސް އިންސާނާގެ އަތުގައި އޮންނަ ކަމެއް،" ގެނައި ކޮފީ ތަށިން ފޮދުވަރެއް ބޯލަމުން އިމްތިޔާޒް ބުންޏެވެ. "ބައެއް ހާލަތްތަކުގައި ނޫނީ."

"އަހަރެން ތިކަމަކާ އެއްބަހެއް ނޫން. ހާލަތު ބަދަލު ކުރަން ކިތަންމެ މަސައްކަތެއް ކުރިޔަސް ބައެއް މީހުންނަށް އެކަމުން ކާމިޔާބު ލިބެނީ. އަނެއް ބަޔަކު ތިބެން ޖެހެނީ މާޔޫސްކަންމަތީ. މުޅި އުމުރަށް،" މެށިފައިވާ އަޑަކުން ގުލްނާޒް ބުންޏެވެ.

"ނާޒް އެންމެ ބޭނުންވަނީ ކޮން ކަމެއް؟" އިމްތިޔާޒް އަހާލި އެވެ.

"ލޯބި. ތެދުވެރި، ހަގީގީ ލޯބި،" ޖެހިލުމެއް ނެތި ގުލްނާޒް ބުންޏެވެ.

ލޯތްބަކީ އިހުސާސެކެވެ. އެންމެ ސާފުކޮށް ބުނާ ނަމަ ލޯތްބަށް އެއްވެސް މީހެއްގެ ބާރެއް ނުފޯރަ އެވެ. ގަސްދެއް ނެތި ވެސް މީހަކު ދެކެ ލޯބިވެވިދާނެ އެވެ. ލޯތްބަކީ އަނެކާއަށް ހެޔޮއެދުމެވެ. ރަނގަޅު ގޮތް ވުމަށް އެދުމެވެ. އޭނާއާ އެކުގައި ގިނަ ވަގުތު ހޭދަކުރަން ބޭނުންވުމެވެ. އޭނާއާ ކަންކަން ހިއްސާ ކުރަން ބޭނުންވުމެވެ. އޭނަގެ ވާހަކަތައް އަޑުއަހައި އެކަމަށް ހިޔާލު ދިނުމެވެ. ކަމެއް ނިންމުމުގެ ކުރިން އޭނަގެ ހިޔާލު ހުރި ގޮތް ބަލަން ބޭނުންވުމެވެ. އޭނައަށް ދެރައެއް ނުވަތަ ހިތާމައެއް ލިބުމަށް ނޭދުމެވެ. މި އިހުސާސްތައް ކުރެވޭ ނަމަ އެއަށް ލޯބި ނުކިއި ނަމަވެސް އެ އޮތީ ލޯބީގެ ޝަރުތުތައް ހަމަވެފަ އެވެ.

"އިންތި ގަބޫލު ކުރަންތަ ތެދުވެރި ލޯބިވާ މީހުން މި ދުނިޔޭގައި އުޅޭ ކަމަށް؟" ގުލްނާޒް އަހާލި އެވެ.

"ތިއި ވަރަށް އެހެން ކަހަލަ ސުވާލެއް. އެކަމަކު އެއް ބަޔަކަށް ތެދުވެރި ލޯބި ލިބުމުގެ ނަސީބު ލިބިފައި އެބަ ހުރި،" ވާހަކަ ދައްކަން އުނދަގޫ ވެގެން އުޅޭ ކަހަލަ ގޮތަކަށް އިމްތިޔާޒް ޖަވާބު ދިނެވެ. ގުލްނާޒްގެ ދެ ލޮލަށް ބަލަން އޭނައަށް ވަރަށް އުނދަގުލެވެ.

"މީހުން ބަހަނާ ދައްކާ ދެ ގޮތެއްވޭ. އެއް ގޮތަކީ ތިމާ ބޭނުން ވެގެން އަންނަ މީހަކު ތިމާއާ ގާތްވާން ދައްކާ އެކި ކަހަލަ ބަހަނާތައް. އަނެއް ގޮތަކީ ތިބާ ދޫކޮށް ދާން ބޭނުންވާ މީހަކު ތިމާއާ ދުރަށް ދާން ދައްކާ ބަހަނާތައް،" ދުރު ބަލަހައްޓައިގެން އިނދެ ގުލްނާޒް ބުންޏެވެ. އިމްތިޔާޒަށް ވިސްނުނީ ގުލްނާޒްގެ ހިތުގައި ރިހުމެއް ވާ ކަމެވެ. އެއަށް ފަރުވާ ބޭނުންވާ ކަމެވެ. އެ ފަރުވާ ދެވެން އަންނަނީ ހަމައެކަނި އިމްތިޔާޒަށް ހެއްޔެވެ؟ އެ ފަރުވާގެ މާނައަކީ ކޮބާ ހެއްޔެވެ؟ ތެރަޕީ ހެއްޔެވެ؟ ނުވަތަ އެއަށް ކިޔަންވީ އެހެން ނަމެއް ހެއްޔެވެ؟ ހިތުގައިވާ ފާރުގަނޑު ފަސޭހަވާން ދުވަސް ނަގާނެ އެވެ. އެކަމަކު އެކަމުގައި އިމްތިޔާޒްގެ އެހީތެރިކަން ގުލްނާޒް ބޭނުންވާނެ ހެއްޔެވެ؟

"ނާޒް އެންމެ ކަންބޮޑުވަނީ ކޮން ކަމަކާ؟" އިމްތިޔާޒް އަހާލި އެވެ.

"ދަރިންނާ މެދު. އެ ކުދިންނަށް ކަމެއް ވެދާނެތީ ވަރަށް ދެރަވޭ. އަހަރެންގެ ސަބަބުން ނުވަތަ އެހެން މީހެއްގެ ސަބަބުން ވިޔަސް އެ ކުދިންނަށް އެއްވެސް ދެރައެއް ލިބިޖެއްޔާ އަހަރެންނަށް ނޭނގެ ވާނެ ގޮތެއް ވެސް،" ގުލްނާޒްގެ ލޮލުން ކަރުނަ ހިލުނެވެ.

"ނާޒް. ތިހެން ނުވިސްނާ. ތިހާ ހެޔޮ މައެއް ލިބިފައި ހުއްޓާ އެ ކުދިންނަށް ކޮން ގޮތަކުން ދެރައެއް ލިބޭނީ؟" ގުލްނާޒްއާ ކައިރިވެލަމުން އިމްތިޔާޒް ބުންޏެވެ.

"އެކަމަކު ވެސް އަހަރެން ބިރުގަނޭ. އަމިއްލަ ނަފުސަށް އިތުބާރު އޮތަސް އެހެން މީހުންނަކަށް އެއްވެސް އިތުބާރެއް ނޯވޭ،" އިމްތިޔާޒް ގައިގައި ބައްދާލަމުން ގުލްނާޒަށް ރޮވުނެވެ. ކުއްލިއަކަށް އެފަދަ ހާލަތެއް އައުމުން އިމްތިޔާޒަށް އިނީ ހަރަކާތްކޮށްލަން ވެސް ނޭނގިފަ އެވެ. ހިތަށް ވެސް ނާރައި އިންދާ ގުލްނާޒް ފަރާތުން އެފަދަ އަމަލެއް ފެނުމުން އިމްތިޔާޒަށް ވިސްނާލާނެ ދަނޑިވަޅެއް ވެސް ނުލިބުނެވެ. ރޮމުންރޮމުން ދިޔަ ގުލްނާޒްގެ ދުރުކޮށްލާ ހިތެއް އޭނަ ނުވި އެވެ. އަތް ހަރަކާތް ކުރަން ބޭނުންވި އެވެ. އެ ހަށިގަނޑުގައި އަތްލަން ބޭނުންވި އެވެ. ލޯ މަރާފައި ނަމަވެސް އެ ހަށިގަނޑުގައި ބީހިލަން ބޭނުންވި އެވެ. މަޑުމަޑުން އަތް ހަރަކާތް ކުރަމުން ގޮސް އެ ހަށިގަނޑު ދެ އަތުން ވަށާލި އެވެ. ހިނދުކޮޅަކަށް ނަމަވެސް ލޯ މަރާލެވުނެވެ.

"ނާޒް،" ވައި އަޑަކުން އިމްތިޔާޒަށް ބުނެވުނެވެ. ގުލްނާޒް މަޑުމަޑުން ދުރަށް ދިޔަ އެވެ. އަދި އިމްތިޔާޒްގެ ދެ ލޮލަށް ބަލާލި އެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް