ވާހަކަ: ޝިކާޔަތު

ވާހަކަ

ވާހަކަ: ޝިކާޔަތު - 4 ވަނަ ބައި

އެޕިސޯޑް 4

"އިންތި،" އިމްތިޔާޒް ސިއްސައިގެން ދިޔަ އެވެ. ޑޮކްޓަރުއޭ ނުކިޔާ އިންތިއޭ ގުލްނާޒު ބުނުމުންނެވެ. ގުލްނާޒްއާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނީ އެވެ. އެ ތޫނު ކަޅިރަވަ ވަނީ އިމްތިޔާޒްގެ ދެ ލޮލަށް ތޫނު ހަންޖަރެއް ފަދައިން ހެރިފަ އެވެ.

"ކީކޭ؟ އިންތިއޭ؟" ހައިރާންވެފައި އިމްތިޔާޒް އެހި އެވެ.

"އަހަރެންނާ ދިމާލަށް ނާޒް ކިޔަންޏާ ޑޮކްޓަރާ ދިމާލަށް އިންތިއޭ ކިޔުން އެއީ މައްސަލައެއްތަ؟" ގުލްނާޒްގެ ވާހަކަ ދެއްކުމުގައި ހުރީ ގާތްކަމެވެ. އިމްތިޔާޒް ހިނިތުންވެލި އެވެ.

"މިއަދު މިއުޅެނީ ޑިސްޗާޖް ކުރަން. އެކަމަކު އަހަރެންނާ އެކު ނާޒްގެ ބައެއް ސެޝަންތައް އެބަ ހުރި. ގަވާއިދުން ވާނެ އެކަމަށް ސަމާލުކަންދޭން. ބޭސްތައް ވެސް ރަނގަޅަށް ކާންވާނެ،" ގުލްނާޒް ގާތުގައި ހުއްޓިލައިގެން ހުރެ އިމްތިޔާޒް ވާހަކަ ދައްކަމުން ދިޔަ އެވެ. ގުލްނާޒް އެއްވެސް އެއްޗެއް ނުބުނެ އެވެ.

ހޮސްޕިޓަލުން ދޫކޮށްލުމުން ގެއަށް އައިސް ގުލްނާޒް ހަމަޖެހިލި އެވެ. އޭނައަށް އެކި ކޯލުތަކާއި މެސެޖްތައް ހުއްޓުމެއްނެތި އަންނަމުން ދިޔަ އެވެ. އެކަމަކު އެއިން އެއްވެސް އެއްޗަކަށް ޖަވާބެއް ނުދެ އެވެ. ބޭނުންވަނީ ހަމަޖެހިލައިގެން އެއް ދުވަސް ނަމަވެސް ހޭދަ ކޮށްލާށެވެ. ރިއްސަމުން ދިޔަ ބޮލަށް ލުޔެއް ހޯދާލާށެވެ. ގެއަށް އައިސް ވަން ނަމަވެސް އެ ތަނެކޭ ޖަލެކޭ އޭނައަށް އެއްފަދަ އެވެ. ބަލާލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ ފަޅުކަމެވެ. ދަރިން ވީ ސުކޫލުގަ އެވެ. އެކަނިވެރިކަން އިހުސާސްވާން ފެށީ އޭނައަށް އުނދަގޫވާ ވަރަށެވެ.

އެނދުގައި އޮށޯވެލި އެވެ. އަމިއްލަ ދިރިއުޅުމާމެދު ވިސްނާލަން ބޭނުންވި އެވެ. މީހަކާ އިނދެގެން ރީތި ދިރިއުޅުމެއް އުޅެން ގުލްނާޒް ވެސް ބޭނުންވެ އެވެ. އެކުގައި ސައިކަލު ދުއްވާލައި މަޖާ ވަގުތުތައް ހޭދަ ކުރަން ބޭނުންވެ އެވެ. ހީސަމާސާ ކުރާނެ ބައިވެރިއެއް މުހިންމެވެ. ކޮންމެ ކަމެއްގައި އެހީތެރިވާނެ މަދަދުގާރެއް ބޭނުންވެ އެވެ. ދަރިންނަށް ބަފައެއްގެ ލޯބި ލިބެން ބޭނުންވެ އެވެ. އެތަކެއް ދުވަހު އެ ކުދިން އެ ކުރާ ސުވާލުތަކުގެ ޖަވާބެއް އޭނައަކަށް ނުދެވެ އެވެ. ނަމަވެސް ގުލްނާޒް ޖެހިލުންވަނީ އެވެ. ހިތް ބިރުގަންނަނީ އެވެ. ކައިވެނި ކުރާ މީހަކީ ކޮން ކަހަލަ މީހެއް ކަމެއް ނޭނގޭނެތީ އެވެ. ގުލްނާޒް އާއި ދަރިންނަށް ހެޔޮއެދިގެން އުޅޭ މީހެއް ކަމެއް ވެސް ނޭނގޭނެ އެވެ. މީހަކު ހުންނަ ގޮތަކުން، އޭނަ އުޅޭ އުޅުމަކުން އެ މީހެއްގެ ހަގީގަތެއް ނޭނގެ އެވެ. ބައެއް މީހުންނަކީ ދަނޑިވަޅުގެ ނާޖާއިޒު ފައިދާ ހެޔޮގޮތުގައި ބޭނުން ކުރާ ބައެކެވެ. ކައިވެނި ކުރުމުން އެ މީހެއްގެ އަސްލު އެނގިއްޖެ ނަމަ ގުލްނާޒް އަމިއްލަ ނަފުސަކަށް މައާފެއް ނުކުރާނެ އެވެ. ދަރިންނަށް ގެއްލުން ލިބޭ ފަދަ ކަމެއް ވެއްޖެ ނަމަ އޭނައަށް ކަންތައް ކުރެވޭނެ ގޮތެއް ވެސް ނޭނގެ އެވެ.

އިމްތިޔާޒަށް އިރުކޮޅަކާ ފޯނަށް ބަލާލެވެނީ ކީއްވެ ކަމެއް ނޭނގެ އެވެ. ކޮންމެވެސް މީހެއްގެ ކޯލަކަށް އިންތިޒާރު ކުރެވެނީ އެވެ. ނަމަވެސް އެ މީހަކަށް އިމްތިޔާޒްގެ ނަންބަރު އެނގޭނެ ހެއްޔެވެ؟ މި ކުރެވެނީ ރަނގަޅު ކަމެއް ނޫނޭ ކިތަންމެ ފަހަރަކު ހިތް ބުންޏެވެ. އެކަމަކު އަތް ހަރަކާތް ކުރަނީ އިމްތިޔާޒް ބޭނުންވާ ގޮތަށެވެ. ފޯނު ނަގާފައި ނަންބަރުތައް ބަލަން ފެށި އެވެ. ވަކި މީހެއްގެ ނަންބަރު އިންތޯ އެވެ. އޭރު ޑިއުޓީ ނިމިގެން ގެއަށް ދާން އިނީ ތައްޔާރު ވެގެންނެވެ. އިމްތިޔާޒް ފުން ނޭވައެއް ބޭރުކޮށްލި އެވެ. ކިތަންމެ އިރަކު ފޯނާ ދިމާލަށް ބަލަހައްޓައިގެން އިނަސް އެ ކޯލެއް ނާންނާނެކަން އެނގުނެވެ. ގޮނޑިން ތެދުވެގެން ދާން ހިނގައިގަތެވެ. އެ ވަގުތު ފަޒީލާ އެ ކޮޓަރިއަށް ވަނެވެ.

"ފަޒީލާ؟" ނޫން ގޮތަކަށް އިމްތިޔާޒަށް ބުނެވުނެވެ. "އަނެއްކާ ގުލްނާޒް ރަނގަޅުތަ؟"

"އާނ. އޭނަ ރަނގަޅު. އެކަމަކު މުޅިއަކުން ރަނގަޅެއް ނޫން،" އެތެރެއަށް ވަންނަމުން ބުންޏެވެ.

"ކިހިނެއް މިތަނަށް ވަނީ؟ އައި މީން މިއަދަށް ވީ ހުރިހާ އެޕޮއިންޓްމެންޓްސް ވެސް ނިމިއްޖެ މިހާރު،" އިމްތިޔާޒް ބުންޏެވެ.

"ޑިއުޓީ ނިމުނު ވާހަކަ ކައުންޓަރުން ބުނީ. ދެން ހިތަށް އެރީ ވާހަކަ ދައްކާލެވޭތޯ މަޑު ކޮށްލާނީއޭ. ޑޮކްޓަރު ނުނިކުތީމަ މި ވަނީ،" ފަޒީލާ ހުރީ ކޮންމެވެސް ވަރަކަށް ހާސްވެފަ އެވެ. "ސޮރީ މި ގޮތަށް އަންނަން ޖެހުނީމަ."

"ނޯ ވޮރީސް. ވާހަކައެއް ދައްކާލަން ބޭނުންވީތަ؟" މަޑުމައިތިރިކަމާ އެކު އިމްތިޔާޒް އަހާލި އެވެ. ފަޒީލާ ބޯޖަހާލި އެވެ. ދެ މީހުން އިށީނެވެ.

"ނާޒް ބޭނުންވޭ ޑޮކްޓަރާ ބައްދަލުކޮށްލަން. އެ ގެއަށް ދެވިދާނެތަ؟" ފަޒީލާ މަޑުމަޑުން އަހާލި އެވެ. އިމްތިޔާޒް މުޅި ގައިން ހީބިހި ނަގައިގެން ދިޔަ އެވެ. އެއީ އެހެންޏާ ވާ ގޮތެއް ނޫނެވެ. ހިތް އަވަސްވި އެވެ. ވަގުތުން އާނއެކޭ ބުނެފާނެމޭ ވެސް ހިތަށް އެރި އެވެ. އެކަމަކު ކެތްތެރިކަން އިސްކުރި އެވެ.

"އަހަރެން އެ ގޮތަށް ގޭގެއަށް ގޮސް ނޫޅެން. ހުރިހާ ސެޝަންތައް ނަގަނީ ހޮސްޕިޓަލުގައި. ނުވަތަ އަހަރެންގެ ކްލިނިކްގައި. ނާޒް ގާތު ބުނަންވީނު ކްލިނިކަށް އަންނަން،" ހިނިތުންވާން މަސައްކަތް ކުރަމުން އިމްތިޔާޒް ބުންޏެވެ.

"އަހަރެން ބުނެފާނަން. އެކަމަކު ތި ކަމަކަށް އޭނަ އެއްބަހެއް ނުވާނެ. އޭނަ ބޭނުންވަނީ ގޭގައި ބައްދަލުކޮށްލަން. ސެޝަނެއް ނޫނަސް، ހަމަ މީޓްކޮށްލާށޭ ބުނީ. ކްލިނިކްތަކަށް އެ ގޮތަށް ދަންޏާ މީޑިއާއަށް ވެސް އެނގޭނެ. އެތައް ބައިވަރު ސުވާލެއް ކުރާނެ. އޭނައަށް ވާނީ އިތުރު ބޮލުގައި ރިހުމަކަށް. އޭނަ ބޭނުމެއް ނުވޭ އޭނަ ކިބައިގައި ނަފުސާނީ ކަމެއް ހުރިކަން އެހެން މީހުންނަށް އެނގޭކަށް. އަދި އެކަމަށް ޓްރީމަންޓް ނަގާކަން އެނގިޖިއްޔާ މީޑިއާތަކުގެ ފަލަ ސުރުހީތަކަށް އެކަން އަރާކަށް ގިނަ އިރެއް ނުނަގާނެ،" ފަޒީލާ ދެއްކި ވާހަކަ އިމްތިޔާޒަށް ގަބޫލު ކުރެވުނެވެ.

"އެންމެ ރަނގަޅު. އަހަރެން ތިކަމާ ވިސްނާނަން،" އިމްތިޔާޒް ބުންޏެވެ.

"ތޭންކިއޫ،" ޝުކުރު އަދާ ކޮށްފައި ކޮޓަރިން ނުކުންނަން ފަޒީލާ ހިނގައިގަތެވެ. އަދި ކަމެއް ހަނދާން ވެގެން އަނެއްކާވެސް ހުއްޓުނެވެ.

"ޑޮކްޓަރު ނަންބަރު ދޭންވީނު؟ ނާޒް ބޭނުން އިރަކު އޭރުން ގުޅާލެވޭނެ،" ފަޒީލާ އެހެން ބުނުމުން އިމްތިޔާޒް ސިއްސައިގެން ދިޔަ އެވެ. އޭނައަކީ އެގޮތަށް ކޮންމެ ކޮންމެ މީހަކަށް ނަންބަރުދޭ މީހެއް ނޫނެވެ. ނަމަވެސް ގުލްނާޒްގެ ނަން އިވުމުން ހިތަށް ވާ ގޮތެއް ބުނެދޭން ޚުދު އޭނަކަށް ވެސް ނޭނގެ އެވެ.

"ނާޒް ނަންބަރު ދީ. އަހަރެން ގުޅާލާނަން،" އިމްތިޔާޒް ބުންޏެވެ.

އިމްތިޔާޒް ގެއަށް އައި ވަގުތު ޝައިލާ ފެނުނެވެ. ޝައިލާ ފެނުމުން ހިތަށް ތަދުވެ އެވެ. އިމްތިޔާޒަށް އެހެން އަންހެނަކާ ދޭތެރޭ އެފަދަ ނަޒަރަކުން ދެކެވުމަކީ ކުރެވޭ ވަރަށް ބޮޑު ކުށެކެވެ. ޝައިލާގެ އެއްވެސް ކުށެއް ނެތި އޭނައަށް އެ ފަދަ ބޮޑު އަނިޔާއެއް ދިނުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. އޭނައަށް ބޭވަފާތެރިވެވޭ ކަމުގެ އިހުސާސް މިހާރު ވެސް އިމްތިޔާޒަށް ކުރެވެމުން ދިޔަ އެވެ. އެއީ އިމްތިޔާޒް ބޭނުންވާ ކަމެއް ނޫނެވެ. އެހާ ލޯބިވާ އަތްނބަކު ހޯދުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ޝައިލާއަކީ މުއްސަނދި އާއިލާއެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. ކިޔަވައިގެން ހުރި މޮޅު މީހެކެވެ. ސިފަ ރީތި އެތައް ފިރިހެނުންނެއް އޭނައަށް އިންނަން ލިބުނެވެ. މުއްސަނދި މީހުން ވެސް ލިބުނެވެ. ނަމަވެސް އޭނަ އިހުތިޔާރު ކުރީ އިމްތިޔާޒެވެ. އޭނަގެ ލޯތްބެވެ. އާއިލާގެ ނުގަބޫލުގައި އިމްތިޔާޒްއާ ކައިވެނި ކުރީ ޝައިލާއަށް ވުރެ އިމްތިޔާޒް އެންމެ އަހަރެއް ހަގުކަމުންނެވެ. އޭރު އަދި ކިޔަވަނީ އެވެ. އޭރު އިމްތިޔާޒްގެ ވަޒީފާއެއް ނެތެވެ. ނަމަވެސް ޝައިލާ ބޭނުންވީ ކައިވެނި ކުރާށެވެ. ހަގީގަތަށް ބުނަންޏާ އިމްތިޔާޒް މީހަކަށް ހެދީ ޝައިލާ އެވެ. އޭނަގެ ހިތްވަރާއި ދިން ނަސޭހަތުންނެވެ. ވެދިން އެހީތެރިކަމާއި އަބަދުވެސް އެކުގައި ހޭދަ ކުރި ވަގުތުތަކުންނެވެ. ކައިވެނީގެ ކުރީކޮޅުގައި ޖެހުނު ކުދިކުދި މައްސަލަތައް ވެސް ހައްލުކުރީ ޝައިލާ އެވެ. އެއީ ހަރުދަނާ އަތްނބެކެވެ.

"ކީއްވެ ހާދަ ފާޑަކަށް ތި ބަލަނީ؟" ގޭތެރެ ކުނި ކަހަން ހުރި ޝައިލާ އަހާލި އެވެ.

"ކަމެއްނުވޭ. މިއަދު ޝައި ހީވަނީ ކުރިއަށް ވުރެ ވެސް މާ ރީތިހެން،" އިމްތިޔާޒަށް ބުނެވުނެވެ.

"ކަމެއް ވީތަ؟ އަހަރެން ގާތު ނުބުނާނަން؟" ފިހިގަނޑު ބަހައްޓާފައި ޝައިލާ އައިސް ސޯފާގައި އިށީނެވެ. އިމްތިޔާޒްގެ މޫނުމަތިން ދާހިއްލަން ފެށި އެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް