ވާހަކަ: ޝިކާޔަތު

ވާހަކަ

ވާހަކަ: ޝިކާޔަތު - 3 ވަނަ ބައި

އެޕިސޯޑް 3

އިމްތިޔާޒަށް ހޮސްޕިޓަލަށް ދެވުނު އިރު އިމަޖެންސީއިން ގުލްނާޒް ނެރެނީ އެވެ.

"ކިހިނެއްވީ ކުއްލިއަކަށް؟" އިމްތިޔާޒް އަހާލީ ޑޮކްޓަރު ނިޔާޒް ގާތުގަ އެވެ.

"ގުލްނާޒަކީ ނިދާ ބޭސް ކައިގެން ނޫނީ ނިދޭ މީހެއް ނޫން. ގެއިން ގެނެސް ހުރި ބޭސްތަކެއް އަނެއްކާވެސް ކާލީ. ފެން ބޮއެފައި ތަށި ބަހައްޓަން އުޅެނިކޮށް ވެއްޓުނު އަޑަށް އޭނަގެ އެހީތެރިޔާއަށް ހޭލެވުނީ. މިހާ އަވަހަށް ފަރުވާ ނުދެވުނު ނަމަ މިފަހަރު ވަރަށް އުނދަގޫވާނެ ކަންނޭނގެ،" ނިޔާޒް ކިޔައިދިނެވެ. އިމްތިޔާޒް ވިސްނާލި އެވެެ.

ގުލްނާޒް ހޭ އެރީ އަނެއް ދުވަހު ހެނދުނެވެ. ލޯ ހުޅުވާލި އިރު ކައިރީގައި އިމްތިޔާޒް ހުއްޓެވެ. ފަޒީލާއެއް ފެންނާކަށް ނެތެވެ.

"ވަރަށް ގިނަ މީހުން ނާޒް ދެކެ ވަރަށް ލޯބިވޭ ދޯ؟" އިމްތިޔާޒް އަހާލި އެވެ.

"ކީކޭ؟ ނާޒް. ތިއީ އަހަރެންގެ ވަރަށް ގާތް މީހުން ކިޔާ ގޮތެއް،" ގުލްނާޒް ބުންޏެވެ.

"ޑޮކްޓަރާއި ޕޭޝަންޓަކީ ވެސް ވަރަށް ގާތް ދެ މީހުން،" ހިނިތުންވެލަމުން އިމްތިޔާޒް ބުންޏެވެ. ގުލްނާޒް ވެސް ހިނިތުންވެލި އެވެ.

"އަހަރެން ދެކެ މީހުން ލޯބިވާ ކަމެއް ކިހިނެއް އެނގެނީ؟ އަދި އެއީ ހަގީގީ ލޯބި ކަމެއް ކިހިނެއް އެނގެނީ؟" ގުލްނާޒް އިނީ ވާހަކަ ދައްކަން ބޭނުންވެފަ އެވެ. އެކަން އޭނަގެ މޫނުމަތިން ފެންނަމުން ދިޔަ އެވެ.

"ވަށައިގެން މިހިރަ ގުލްދަސްތާތަކުން. ލޯބި ނުވާ ނަމަ މިހާ ގިނަ މާތަކެއް ނުހުންނާނެއެއްނު،" ފިނިފެންމަލެއްގެ ފިޔައާ ކުޅެލަމުން އިމްތިޔާޒް ބުންޏެވެ. "ހަގީގީ ލޯބި ވާތީއެއްނު މިކަހަލަ ލޯބި ގިފްޓްސް ފޮނުވާނީ."

"އެއީ ވަރަށް ތަދު އެއްޗެއް،" އިސްޖަހާލަމުން ގުލްނާޒް ބުންޏެވެ.

"ކޮބާ؟ ގިފްޓްސްތަ؟" ނޭނގޭ ކަމަށް ހަދާފައި އިމްތިޔާޒް އެހި އެވެ. ބޭނުމަކީ ގުލްނާޒް ލައްވައި ގިނަގިނައިން ވާހަކަ ދެއްކުވުމެވެ.

"ހަގީގީ ލޯބި،" އިމްތިޔާޒްއާ ދިމާލަށް ބަލާލަމުން ގުލްނާޒް ބުންޏެވެ.

"ތިއީ ހަމަ ހީވާ ގޮތް. ތިމާ ދެކެ ލޯބިވާ މީހަކު ލިބުމުން ހިތަށް އަރާނެ މިއީ ހާދަ ނަސީބުގަދަ މީހެކޭ."

"އެފަދަ ނަސީބެއް އަހަރެންގެ ނެތް،" ގުލްނާޒް ބުންޏެވެ.

"ތިހެން ނުބުނޭ. އަދި ވަގުތު ނުޖެހެނީ ކަންނޭނގެ،" އިމްތިޔާޒް ބުންޏެވެ. "ދެން އެކަމަކު އެކަހަލަ ކަންތައް ނުކުރާތި. އަހަރެން ރޭގައި ވެސް ވަރަށް ވިސްނައިދިނީމެއްނު. އަމިއްލައަށް މަރުވާކަށް ނުވާނޭ. އެ ތިބަ ދެ ކުދިންނާ ދޭތެރޭގައި ވެސް ވިސްނާ ނުލަންތަ؟"

ގުލްނާޒް ބަލާލީ އިމްތިޔާޒުއާ ދިމާލަށެވެ. އެފަދަ ގޮތަކަށް އޭނައަށް މީހަކު ނަސޭހަތް ދިން މިއީ ފުރަތަމަ ފަހަރެވެ. އެއީ ގުލްނާޒްގެ ކާކު ހެއްޔެވެ؟ އޭނާ އާއި ދަރިންނަށް ކޮންމެ ކަމެއް ވިޔަސް އިމްތިޔާޒަށް ކޮން ކަމެއް ހެއްޔެވެ؟ ނަމަވެސް އެ ގޮތަށް އެ ވާހަކަ ދެއްކީ ކޮންމެވެސް ކަމެއް ވެގެންނެވެ. އެހެން ނޫން ނަމަ އެހާ ގާތް ގޮތަކަށް އެއްޗެއް ނުބުނާނެ އެވެ. ގުލްނާޒްއާ ދިމާވި ގިނަ މީހުންނަކީ ބޭވަފާތެރިންނެވެ. ނުވަތަ ދަމާކަނޑާ ކަހަލަ ދަހި މީހުންނެވެ. އޭނައަށް ލިބޭ އާމްދަނީއަށް ފާރަލާ މީހުންނެވެ. ދެ ދަރިން ތިބޭތީ އެކަމާ ވެސް ބައެއް މީހުން ފޫހިވެ އެވެ. އެންމެ ލޯބިވާ މީހާ ހާލުގައި ޖެހޭ ދުވަހު އޮޔާ ދާން ދޫކޮށްލާ މީހުންނަކީ އެންމެ ވިޔާނުދާ މީހުންނެވެ. އެތައް ޒުވާބެއް އެތައް މީހުންނަކާ ހިނގަ އެވެ. އެހެންކަމުން އިތުބާރު ކުރުމަކީ ގުލްނާޒަށް ވަރަށް އުނދަގޫ ކަމެކެވެ. ކިތަންމެ ގާތްކޮށް ވާހަކަ ދައްކާ ހެދިޔަސް އެ މީހަކު ރަނގަޅަށް ދަސްކޮށްފައި ނޫނީ އެ މީހަކަށް އިތުބާރެއް ނުކުރެވޭނެ އެވެ.

ފަޒީލާ އައީ ރޭގަނޑު އެވެ. ކުދިން ނިންދަވާފައި މެއިޑްއާ ހަވާލުކޮށްފަ އެވެ. ފަޒީލާއަކީ މާ ބޮޑު އާއިލާއެއް ނެތް މީހެކެވެ. ކައިވެނި ކުރެވުނީ ޑްރަގް ބޯ މީހަކާ އެވެ. އޭނަ ކިބައިން ސަލާމަތް ވެވުނީ ވަރަށް މަސައްކަތުންނެވެ. އެއީ ވެސް ގުލްނާޒްގެ އެހީތެރިކަމާ އެކުގަ އެވެ. އެކަން އަބަދުވެސް އޭނާ ހަނދާން ބަހައްޓަ އެވެ. އެ ފިރިހެން މީހާ ވީ ވަރަށް އަނިޔާ ކުރާ މީހަކަށެވެ. ފަޒީލާއަށް ލިބޭ މުސާރަ އެއްކޮށް އަތުލަ އެވެ. ގެއިން ވައްކަން ކުރުމާއި މީހުންނަށް ޖެއްސުން ކުރުމަކީ އޭނާގެ ކިބައިގައި ހުރި ފަޒީލާއަށް އުނދަގޫ ކުރުވި ސިފަތަކެވެ.

"ނާޒް،" ހިނިތުންވެފައި އިން ގުލްނާޒްއަށް ފަޒީލާ ގޮވާލި އެވެ. "އަބަދުވެސް ތިހެން އިނދެބަލަ."

ގުލްނާޒު ފަޒީލާއަށް ބަލާލި އެވެ. އަދި ހިނިގަނޑެއް ޖަހާލި އެވެ.

"ކޮބާ ކުދިން؟ ނިދީތަ؟" ގުލްނާޒް އަހާލި އެވެ.

"އާނ. ވަރަށް ބޭނުންވެފައި ތިބީ އަންނަން. އަހަރެން ބުނިން މާދަމާއޭ ދާނީ. މަންމަ ރެސްޓް ކުރަނީއޭ."

"އާނ. ރޭގަނޑު ގެންނާނެ ކަމެއް ނެތް،" ގުލްނާޒް ބުންޏެވެ.

"ކޮން ކަމަކާ އުފާވެފައިތަ ތީނީ؟" ފަޒީލާ އެހި އެވެ.

"އުފާވާނެއެއްނު. ތި ބުނީ ޕްރޮމޯޝަން ލިބެނީއޭ. ތިތާ ވޯކް ކުރާތާ އަދި މިވީ އެންމެ ސިކްސް މަންތްސްއެއްނު،" އުފަލުން ފުރިފައިހުރި ޝައިލާ ބުންޏެވެ.

"އާނ. މަ ވެސް ހިއެއް ނުކުރަން މިހާ އަވަހަށް ލިބޭނެ ކަމަކަށް،" އިމްތިޔާޒް ބުންޏެވެ. އެ ވަގުތު ޓީވީއިން ހަބަރެއް ކިޔަމުން ދިޔަ އެވެ. ގުލްނާޒްއާ ބެހޭ ގޮތުންނެވެ.

"މި ގުލްނާޒް ވެސް ވީ ތި ހޮސްޕިޓަލުގައި ދޯ؟ އިންތި އޭނަ ދެކުނިންތަ؟" ޝައިލާ އަހާލި އެވެ.

"އާނ. މިހާރު ވެސް އެހެރީ ޓީވީއިން ފެންނާށެއްނު،" އިމްތިޔާޒު ބުންޏެވެ.

"އެހެންނެއް ނޫނޭ މިބުނީ. ރިއަލްކޮށް. ވަރަށް ސަޅި ކުއްޖެކޯ އެއީ ދޯ. މި ބުނީ ވަރަށް ރީތި ކުއްޖެކޯ،" ޓީވީއާ ދިމާލަށް ބަލަހައްޓާއިގެން އިން ޝައިލާ ބުންޏެވެ.

"ކޮންމެ މީހަކީ ވެސް ރީތި މީހެއް އެ މީހެއްގެ ގޮތުގައި،" ފޯނު ނަގަމުން އިމްތިޔާޒް ބުންޏެވެ.

"ހޫނ. އިންތި އަނގައަކުން ނާރާނެ. އޭނަ ދުށިންހޭ އަހާލީމައި ވިއްޔަ ތިހެން ތި ކިޔަނީ،" ރިމޯޓް ނަގައި އަޑުގަދަކޮށްލަމުން ޝައިލާ ބުންޏެވެ. "މި ކުއްޖާ ކީއްވެތަ ސުއިސައިޑް ކުރަން އުޅުނީ؟"

"ތިއެއް ވެސް އެނގޭނީ އޭނައަށް،" އިމްތިޔާޒް ބުންޏެވެ.

"ކޯއްޗެއް އެނގޭކަށް؟" ގުލްނާޒް އެހި އެވެ.

"މަށަށް އެނގެނީއެއް ނޫން. ހީވަނީ ކޮންމެވެސް ކަމެއް ވެއްޖެހެން. ތިކަހަލަ ހިނިތުންވުން ނާޒްގެ މޫނުމަތިން ފެންނާނީ ވަރަށް މަދު ފަހަރަކު. ބުނެބަލަ. ކަމުދާ މީހަކު ފެނުނީތަ؟" މަޖާވެފައި ފަޒީލާ އަހާލި އެވެ.

ނުފެނެއޭ ބުނާކަށް ގުލްނާޒް ބޭނުމެއް ނޫނެވެ. އޭނަގެ މަޑު ހިތުގައި މީހަކު މަޑުމަޑުން ވިކާލައިފި އެވެ. ހުދު އޭނައަށް ވެސް ނޭނގި އެވެ. ދިން އިޝާރާތުގެ އަލީގައި މި ހިސާބަށް ދާން ވެއްޖެ ހެއްޔެވެ؟ ނުވަތަ މިއީ ހީއެއް ހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް އެ ވިކާލުމުގައި ވަނީ މަޑު އިހުސާސެކެވެ. ތަދެއް ނުވެ އެވެ.

އިމްތިޔާޒް އިނީ ކާރުގަ އެވެ. ޝައިލާއަށް އެއްވެސް ކަމެއް ސިއްރު ނުކުރާ އިމްތިޔާޒަށް މިއަދު ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ އޭނަ ކުރި އެންމެ ސުވާލަކަށް ޖަވާބެއް ނުދެވުނެވެ. ގުލްނާޒް ފެނުނުތޯ އެހުމުން އާނއެކޭ ނުބުނެވުނެވެ. އޭނައަށް ފަރުވާ ކުރާ ވާހަކައެއް ނުބުނެވުނެވެ. މިއީ އެހެންޏާ ވާ ގޮތެއް ނޫނެވެ. އިމްތިޔާޒަކީ ދުވަހަކުވެސް ޝައިލާއަށް ކަންކަން ސިއްރު ކުރާ މީހެއް ނޫނެވެ. ހޮސްޕިޓަލުގައި ހިނގާ ހުރިހާ ކަމެއް ހެން ހިއްސާ ކުރެ އެވެ. އެކަންކަމުން އަރައިގަނެ ހަދަންވީ ގޮތް ޝައިލާ ބުނެދެ އެވެ. ނަމަވެސް މިއަދު ހާލަތު ތަފާތުވީ ކީއްވެ ހެއްޔެވެ؟ ގުލްނާޒްގެ ވާހަކަ އޭނަ ގަތުގައި ބުނަން ބޭނުންނުވީ ކީއްވެ ހެއްޔެވެ؟

އިންސާނާގެ ހިތަކީ ހާދަ ފާޑެއްގެ އެއްޗެކެވެ. ބޭނުން ނުވާ ކަންތައް ތިމާ ލައްވާ ގަދަކަމުން ވެސް ކުރުވަ އެވެ. ބޭނުންވާ ކަންތައް ކިތަންމެ ބޭނުން ވިޔަސް ނުކުރެވޭ ގޮތް ވެ އެވެ. ހިތަށް އަރަނީ ވެސް ބޭނުން ނުވާ ކަންކަމެވެ. ނަމަވެސް ހިތް އެދެނީ ބޭނުންވާ ކަންކަމަށެވެ. ތިމާ މެދުވެރިކޮށް ހިތް ކުޅުވާ އެކި ކުޅިބައިގައި އިންސާނާ ވަނީ ބައެއް ފަހަރު ހައްޔަރު ވެފަ އެވެ. ނުވަތަ އެކަމުން ސަލާމަތްވާނެ ގޮތެއް ހޯދުމަށް ނުކުޅެދިފަ އެވެ. އިމްތިޔާޒް ބޭނުންވީ ޝައިލާއަށް ހުރިހާ އެއްޗެއް ކިޔާދޭށެވެ. ނަމަވެސް ހުރަސް އެޅީ ހިތެވެ. ސިކުނޑި ވިސްނާ ދިނީ ބުނެދިނުމަށެވެ. އެ ހަނގުރާމައިގައި މޮޅުވީ ހިތެވެ.

އިމްތިޔާޒް ފެނުމުން ގުލްނާޒްގެ ހިތުގެ ވިންދު އަވަސްވި އެވެ. އަވަސް އަވަހަށް ނޭވާ ލެވެން ފެށި އެވެ. ހީވީ އިންތިޒާރުގައި އިން ހެންނެވެ. ތަނުގައި ހުރި މާމެލާމެލިން މުޅި ކޮޓަރި ތެރޭގައި ވަނީ މީރު ވަހެއް ފެތުރިފަ އެވެ. ކޮންމެ މަލެއްގައި އިން ޝަބްނަމްގެ ތިކިތައް ބުނެދެނީ އެންމެ ވާހަކައެކެވެ. ތިއީ މިތުރެކެވެ. އޭނައަކީ ތިމާގެ މަދަދުގާރެކެވެ. އެއް ފަހަރު އިތުބާރުކޮށްބަލާށެވެ. އިމްތިޔާޒަށް ވެސް ވީ އެކަހަލަ ގޮތެކެވެ. މޫނުމަތިން ފެންނަމުން ދިޔަ އިހުސާސްތައް ފޮރުވަން ކިތަންމެހާ ވެސް މަސައްކަތެއް ކުރި އެވެ.

"އިންތި،" އިމްތިޔާޒް ސިއްސައިގެން ދިޔަ އެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް