ވާހަކަ: ޝިކާޔަތު

ވާހަކަ

ވާހަކަ: ޝިކާޔަތު - 2 ވަނަ ބައި

އެޕިސޯޑް 2

އެކަހަލަ މީހަކު ފެންނާނެ ކަމަށް އުންމީދު ކޮށްގެން ހުއްޓައި ގުލްނާޒްގެ ލޮލުގައި އަޅައިގަތީ އިމްތިޔާޒެވެ. ޑޮކްޓަރު އިމްތިޔާޒެވެ.

އެއީ ވިއްސާރަ ދުވަހެކެވެ. ގުލްނާޒަށް ލޯ ހުޅުވާލެވުނު އިރު އޮތީ ހޮސްޕިޓަލުގަ އެވެ. ބޮލުގައި ވަރަށް ބޮޑަށް ރިއްސަަ އެވެ. ބޮލުގައި އަތް އަޅައިގެން ތެދުވެ އިށީނެވެ. އޭރު ގާތުގައި ދެ ދަރިން ތިއްބެވެ. އަދި ފަޒީލާ ވެސް ހުއްޓެވެ. ގުލްނާޒަށް ބަލާލެވުނީ އަތަށް ގުޅާފައި އޮތް ކެނިއުލާއަށެވެ. ވަގުތުން އެ ނައްޓުވާލި އެވެ. އަދި އެނދުން ފައިބަން އުޅުނެވެ.

"ނާޒް ޕްލީޒް. ކޮންތާކަށް ތި ދަނީ؟" ކަންބޮޑުވެފައި ފަޒީލާ ބުންޏެވެ. އަދި ގުލްނާޒްގެ ހަށިގަނޑުގައި ހިފެހެއްޓި އެވެ.

"ދޫކޮށްލާ. މި ބުނީއެއްނު ދޫކޮށްލާށޭ،" ފަޒީލާ ކޮއްޕާލަމުން ގުލްނާޒް ބުންޏެވެ.

ނާޒް. އެ ވަރު ކަމެއް ވިޔަސް އަދި ތިހާ ހިސާބަށް ދާކަށް ނުވެއެއްނު. އެއީ އެންމެ ޕްރޮޖެކްޓެއް. އޭގެ ކިތައް ޕްރޮޖެކްޓް ނާޒްގެ ފައިގައި ބޮސްދޭނެ؟ އޭގެ ކިތައް ޗާންސު ނާޒަށް ލިބޭނެ؟ ވިސްނާލަބަލަ،" ފަޒީލާ އެހެން ބުނުމުން އޭނައާ ދިމާލަށް ރުޅިވެރި ނަޒަރަކުން ގުލްނާޒް ބަލާލި އެވެ.

"އެންމެ އެއްޗެއް ވިޔަސް އެއީ ވަރަށް ރަނގަޅު ޗާންސެކޭ. އެނގޭތަ ޝޫޓިން އޮތީ ސްވިޓްޒަލެންޑުގައި. އަހަރެންގެ ކެރިއަރަށް އެހާ ބޮޑު ކުރިއެރުމެއް ލިބޭނެތަ؟ އެ އޮފާ ދީފައި ދެން އަހަރެން އަތުން އެ މީހުން ނުޖެހޭނެ އޭތި އަތުލާކަށް،" މީހާ ތުރުތުރުއަޅަމުން ވާހަކަ ދެއްކި އެވެ. "ކީއްކުރަން މަގޭ ދަރިން މިތަނަށް ގެނައީ؟"

އެ ކުދިންނޭ ގުޅާފައި ބުނީ ނާޒް އެބަ އޮތޭ ޓޮއިލެޓްގައި. އަނގައިން ބައިވަރު ފޮނު ވެސް ނުކުމެފައޭ ހުރީ،" ފަޒީލާ ބުންޏެވެ. "ހަމަޖެހިބަލަ."

ގުލްނާޒް މަޑެއް ނުވި އެވެ. ނަރުހުންނާއި ޑޮކްޓަރުން އައުމުން ވެސް ގުލްނާޒް މައިތިރިއެއް ނުކުރެވުނެވެ. އެންމެ ފަހުން، ނިދާ އިންޖެކްޝަނެއް ޖެހި އެވެ. އޭނައަށް ނިދުނެވެ. ހޮސްޕިޓަލްގެ ކޮޓަރީގައި ގުލްނާޒްއާ އެއްކޮށް ފަޒީލާ މަޑު ކުރި އެވެ. ކުދިން ފޮނުވާލީ މެއިޑްއާ އެއްކޮށެވެ. އެއީ އަތީކާ އެވެ. ސްރީ ލަންކާ މީހެކެވެ. ގުލްނާޒްއާ އެކުގައި އުޅޭތާ ދެ އަހަރު ވަނީ އެވެ.

މުޅި ކޮޓަރިތެރެއަށް ފަޒީލާ ނަޒަރު ހިންގާލި އެވެ. ލޯބިވާ އެކި ފަރާތްތަކުން ފޮނުވާފައިވާ މާ ބޮނޑިތަކުގައި ލިޔެފައި ހުރީ އެކި މެސެޖްތަކެވެ. އަވަސް ޝިފާއަކަށް އެދޭ ވާހަކަ އެވެ. ވީ ކިހިނެއްތޯ އަހާފަ އެވެ. އެ މީހުންގެ ދުއާ ވަނީ ގުލްނާޒްއާ އެކުގައި ކަމަށެވެ. ހެޔޮއެދޭ ކަމާއި އަވަހަށް ރަނގަޅު ވެގެން އަނބުރާ އައުމަށް އެދިފަ އެވެ.

ނިދިފައިވާ ގުލްނާޒް ދެއަތަކަށް ފުރޮޅިލި އެވެ. ފަޒީލާއަށް ވެސް ނިދިޖެހެމުން ދިޔަ އެވެ. އެ ވަގުތު ކޮޓަރީގެ ދޮރު ހުޅުވާލި އެވެ. ވަނީ ޑޮކްޓަރު އިމްތިޔާޒެވެ. އޭނައަކީ ސައިކިއެޓްރިސްޓެކެވެ. ސަލާން ގޮވާލާފައި ފަޒީލާއާ ވާހަކަ ދައްކަން ފެށި އެވެ. ފަޒީލާގެ ލޮލުން ނިދި ފިލި އެވެ.

"ތިއީ ގުލްނާޒްގެ ކާކު؟" އިމްތިޔާޒު އަހާލި އެވެ.

"މިއީ ވަރަށް ކްލޯޒް ފްރެންޑެއް. ނަމަކީ ފަޒީ،" ފަޒީލާ ކުޑަކޮށް ތައާރަފުވެލި އެވެ.

"އަސްލު ކީއްވެ އެހާ ގިނަ ބޭސްތަކެއް ގުލްނާޒް ކެއީ؟ ކޮން ކަމަކާ ކަންބޮޑުވެގެން ސުއިސައިޑްއަކާ ހިސާބަށް ދިޔައީ؟" އިމްތިޔާޒު އަހާލި އެވެ.

"އޭނައަށް ލިބުނު ޗާންސެއް ގެއްލުނީ،" މިހެން ބުނެފައި ތަންކޮޅެއް ތަފުސީލުކޮށް ގުލްނާޒަށް ވީ ގޮތް ފަޒީލާ ކިޔާދިނެވެ.

"މިކަހަލަ ވަރަށް ގިނަ ކޭސްތައް އަންނާނެ އަހަރެން ކިޔަވަން އުޅުނު އިރު. އެކަމަކު މި ކުޑަކުޑަ ރާއްޖޭގައި ވެސް މިފަދަ ކަންކަން މަދުން ނަމަވެސް މިދަނީ ހިނގަމުން،" ވިސްނާލަމުން އިމްތިޔާޒު ބުންޏެވެ.

"އެނީވޭ. ގުލްނާޒް ޑިސްޗާޖް ކުރަން އަދި ދެ ދުވަހެއް ވަރު ނަގާނެ. ބޭނުންވަނީ އޭނަ ވަރަށް ބޮޑަށް އުފަލުގައި ގެންގުޅުން. ވަރަށް ހިތްހަމަޖައްސައިދީގެން އުޅުން. އެކަމަކު އިންސާނުންވީމަ ނުކުރެވޭނެ ކަންކަން ހުންނާނެކަން އަހަރެން ވެސް ގަބޫލު ކުރަން،" އިމްތިޔާޒު ބުންޏެވެ. "އަހަރެން ދޭނަން ދެތިން ބޭސް. އޭތި ގަވާއިދުން މީނައަށް ދެވޭތޯ ބަލާތި."

"މަސައްކަތް ކުރާނަން،" ޔަގީންނުވެ ހުރެފައި ފަޒީލާ ބުންޏެވެ. ގުލްނާޒް ބޭނުން ނޫން ކަމެއް އޭނަ ލައްވާ ގަދަކަމުން ވެސް ނުކުރެވޭނެ އެވެ.

"ކޮބާ ގުލްނާޒްގެ މައިންބަފައިން؟" އިމްތިޔާޒް އެހި އެވެ.

"އެބަ އުޅޭ. އެކަމަކު އެ މީހުންނާއި ނާޒްއާ މާ ބޮޑު ކަނެކްޝަނެއް ނޯންނާނެ،" އިސްޖަހާލަމުން ފަޒީލާ ބުންޏެވެ.

"ހަޒްބެންޑް؟" އިމްތިޔާޒް ހުރީ ފައިލްއަކާ ދިމާލަށް ބަލަހައްޓައިގެންނެވެ.

"ޑިވޯސްޑް،" ފަރުވާކުޑަ ގޮތަކަށް ފަޒީލާ ބުންޏެވެ.

ގުލްނާޒްގެ ގިނަ ވާހަކަތަކެއް އިމްތިޔާޒަށް ފަޒީލާ ކިޔާ ދިނެވެ. ސިއްރުތައް ހިފެހެއްޓިއެވެ. ނަމަވެސް ނަފުސާނީ ގޮތުން އޭނަ ބަލިކަށިވެފައިވާ މިންވަރު ބުނެދިނެވެ. ކުރީގައި ދިމާވެފައިވާ ކަންކަމާއި ގޮންޖެހުންތަކެވެ. އެކަނިމާއެކަނި ދެ ދަރިން ބަލަމުން މަސައްކަތަށް ސަމާލުކަން ދެމުން ގެންދާ މިންވަރެވެ. އޭނަގެ ހީވާގިކަމާއި މުރާލިކަމެވެ. އިމްތިޔާޒް އިނީ ކަނުލައި އަޑުއަހައިގެންނެވެ.

އިތުރު އެއްޗެއް ނުބުނެ އިމްތިޔާޒް ނުކުމެގެން ދާން ހިނގައިގަތެވެ. އެ ވަގުތު ވޭނީ އަޑަކުން ގުލްނާޒް ގޮވާލި އެވެ.

"ޑޮކްޓަ،" ގުލްނާޒް މަޑުމަޑުން ބުންޏެވެ. ފަހަތަށް އެނބުރިފައި އިމްތިޔާޒް ގުލްނާޒް އޮތް އެނދު ކައިރިއަށް ހުއްޓުނެވެ.

"އަހަރެން ބޭނުންވަނީ މަރުވާން. ކީއްކުރަން އަހަރެން ސަލާމަތް ކުރީ؟" ގުލްނާޒްގެ އަޑުގައި ވަނީ ވަރުބަލިކަމެވެ.

"އަމިއްލައަށް މަރުވުމަކީ ވަރަށް ބޮޑު ފާފައެއް. އެކަން އެނގޭތަ؟" އޯގާތެރިކަމާ އެކު އިމްތިޔާޒް ބުންޏެވެ.

"އެނގޭ. އެކަމަކު އަންފެއާ ކޮށް ކަންކަން ކުރުމަކީ ހުއްދަ ކަމެއްތަ؟" ގުލްނާޒް އެހި އެވެ.

"ނޫން. އެއްގޮތަކަށްވެސް ހުއްދަ ކަމެއް ނޫން. އެކަމަކު އެ ގޮތަށް ކަންތައް ކުރީ ގުލްނާޒްއެއް ނޫނެއްނު. އެހެންވީމަ އޭގެ އަދަބު ވެސް ލިބެންޖެހޭނީ ގުލްނާޒަކަށް ނޫނެއްނު،" އިމްތިޔާޒުގެ އަޑުގައި ވަނީ ގާތްކަމެވެ. އެކަން ގުލްނާޒަށް ފާހަގަ ކުރެވުނެވެ. "މިވަގުތަށް މާ ގިނައިން ވާހަކަ ތި ދައްކަނީ. މިރޭ ދެން ނިދާލާ. މާދަމާ އަހަރެން އަންނާނަން."

ކޮޓަރިން އިމްތިޔާޒް ނުކުތުމުން ގުލްނާޒް ބަލާލީ ފަޒީލާއަށެވެ. ފަޒީލާ ހިނިތުންވެލި އެވެ. ބަދަލުގައި ގުލްނާޒް ދެ ލޯ މަރާލި އެވެ. ފުން ނިންޖަކަށް ގަރަގުވެގެން ދިޔަ އެވެ. ރިހުންތަކާއި ވޭންތައް ހިނދުކޮޅަކަށް އެއްފަރާތްވެލި އެވެ.

ކޮޓަރި ދޮރު ހުޅުވާލާފައި އިމްތިޔާޒް ވަނެވެ. ނިދާފައިވާ އަނބިމީހާ ޝައިލާއަށް ބަލާލި އެވެ. އެއީ އެފަދަ ދެވަނައެއް ނުވާ އަތްނބެކެވެ. އިމްތިޔާޒްގެ ކޮންމެ ކަމެއް ފުރާފުރިހަމައަށް ކޮށްދީފައި ހުންނަނީ އިތުރު ސުވާލެއް ކުރަން ނުޖެހޭ ގޮތަށެވެ. ހުރި ހަމައެކަނި ދަރިފުޅުގެ އުމުރަކީ އެންމެ ހަ އަހަރެވެ. ނަމަކީ ޔޫހް އެވެ. އެ ދެ މައިންނަކީ އިމްތިޔާޒްގެ ދުނިޔެ އެވެ. ފާހާނާއަށް ވަދެފައި އިމްތިޔާޒް އައިސް އެނދުގައި އޮށޯވެލި އެވެ. ނިދޭތޯ ދެ ލޯ މަރާލި އެވެ. ދެވަނަ ސިކުންތުގައި ލޯ ހުޅުވާލި އެވެ. ފެނުނީ އެހެން މޫނެކެވެ. ގުލްނާޒްގެ ހަނދެއް ފަދަ މޫނު އެހާ އަވަހަށް އިމްތިޔާޒްގެ ހިތު ތެރޭގައި ކުރެހުނީ ކީއްވެ ހެއްޔެވެ؟ އެއީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އިމްތިޔާޒް ސުވާލު ކުރި އެވެ. އޭ ހިތާ އެވެ. ތިޔަ ކުރަނީ ކީއް ހެއްޔެވެ؟ މަގަތުގައި އޮތް ވަފާތެރި އަނބިމީހާއަށް ކެހިދޭން އަހަރެން ހިޔާލެއް ވެސް ނުކުރަމެވެ. ވުމާއެކު އެންމެ ބައްދަލުވުމަކުން ތިޔަ ފަދަ ގާތް ގުޅުމެއް ހިލޭ މީހަކާ އުފައްދަންވީ ކީއްވެ ހެއްޔެވެ؟ ތިއީ އަހަރެން ލައްވާ ގަދަ ކަމުން ކުރުވޭނެ ކަމެކެވެ. ނަމަނަމަ ތިހެން ވިޔަ ނުދޭނަމެވެ. ނަމަވެސް ހިތުގެ މައްޗަށް ބާރު ފޯރުވޭނީ މަދު މީހަކަށް ކަމެއް އޭރަކު އިމްތިޔާޒަކަށް ނޭނގެ އެވެ.

"ތި އައީތަ؟" ނިދި ރާގަކަށް ޝައިލާ އަހާލި އެވެ. ލޯ މަރައިގެން އޮތް ނަމަވެސް އޭނާ އޮތީ ހިނިތުންވެފަ އެވެ. "މިރޭ ހާދަ ލަހުން."

"މިރޭ އިތުރު ކޭސްއެއް ދިމާވީ،" މަޑުމަޑުން އިމްތިޔާޒް ބުންޏެވެ. އޭނަގެ މޭގައި ޝައިލާ ބޯ އަޅާލި އެވެ. އެ ވަގުތު އިމްތިޔާޒްގެ ފޯނު ރިންގުވި އެވެ. ގުޅަނީ ހޮސްޕިޓަލުންނެވެ.

"ދެން މި ވަގުތަކު ނޫން،" ފޯނު ބަންޑުން ޖަހަމުން ޝައިލާ ބުންޏެވެ.

އޭގެ ދެ މިނެޓް ފަހުން އަނެއްކާވެސް ކޯލެއް އަ އެވެ. މި ފަހަރު ވެސް އޮތީ ހޮސްޕިޓަލްގެ ނަންބަރެވެ. އިމްތިޔާޒް ފޯނު ހިފައިގެން ތެދުވި އެވެ.

"ކީކޭ؟" ކުޑަ ދޮރާ ކައިރިވެލަމުން އިމްތިޔާޒް އަހާލި އެވެ.

"ވަޓް؟" އިމްތިޔާޒްގެ މޫނު މައްޗަށް ވެރިވީ ހާސްކަމާއި ކަންބޮޑުވުމެވެ. އަވަސް އަވަހަށް އެއްޗެހި ބަދަލުކޮށްލައިގެން ކޮޓަރިން ނުކުތެވެ.

"ޝައި ނިދާލާ. އަހަރެން ލަސްވެދާނެ،" ދޮރު ލައްޕަމުން އިމްތިޔާޒް ބުންޏެވެ. ޝައިލާއަށް އެއީ އާ ކަމެއް ނޫނެވެ. އެފަދަ ކިތަންމެ ރެއެއް އާދެ އެވެ. އެކަމަށް އޭނަ ވަނީ އާދަވެފަ އެވެ. ނިދޭތޯ ލޯ މަރާލި އެވެ.

އިމްތިޔާޒަށް ހޮސްޕިޓަލަށް ދެވުނު އިރު އިމަޖެންސީއިން ގުލްނާޒް ނެރެނީ އެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް