ވާހަކަ: ޝިކާޔަތު

ވާހަކަ

ވާހަކަ: ޝިކާޔަތު - 1 ވަނަ ބައި

އެޕިސޯޑް 1

އިންސާނުންނަކީ ކެތްތެރިކަން ކުޑަ ބައެކެވެ. ކޮންމެ ކަމެއް ވެސް ބޭނުންވާނީ ވީ އެންމެ އަވަހަކަށް ވާށެވެ. އެއްވެސް މަސައްކަތެއް ނުކޮށް ދިރިއުޅުމުގައި ކުރިއަރައިގެން ދާށެވެ. އެންމެ ފުރަތަމަ ވެސް ހިފަން ބޭނުންވާނީ ބޮންތީގަ އެވެ. ޅާނބަކީ ކޮން އެއްޗެއް ކަމެއް ނޭނގޭނެ އެވެ. އޭގެ ބޭނުމަކީ ކޮބާ ކަމެއް ނޭނގޭނެ އެވެ. ރުކަށް އަރަން ދަސްކުރާކަށް ބޭނުމެއް ނުވާނެ އެވެ. އަބަދުވެސް ފެންނަނީ އެހެން މީހުން އުޅޭ ގޮތެވެ. ތިމާ ބޭނުންވާ ކަންކަމާއި ތަކެތި އެހެން މީހުންގެ އަތުގައި ނުވަތަ ދިރިއުޅުމުގައި ވާ ނަމަ އެ އެއްޗެއް ތިމާގެ އަތުގައި ވެސް ހުރުން ބޭނުންވެ އެވެ. ތިމާއަށް ނުލިބި އެހެން މީހުންނަށް ލިބުނީ ކީއްވެތޯ ސުވާލު ކުރެވެ އެވެ. އެކަމާ ޝަކުވާ ކުރެވެ އެވެ. އަނެކާއަށް ލިބުނީ އޭނާގެ ކިބައިގައި ވަކި ކޮން މޮޅެއް ހުރެގެންތޯ ވިސްނެ އެވެ.

ގުލްނާޒްއަކީ އުމުރުން ބައްތިރީސް އަހަރުގެ އަންހެނެކެވެ. އަންހެންވަންތަ ހުރިހާ ސިފައެއް އޭނައަށް ލިބިފައިވެ އެވެ. އެއީ ގުލްނާޒް ގަބޫލު ކުރާ ގޮތެވެ. ސަބަބަކީ ގިނަ ފިރިހެނުންގެ ލޯތައް ވަނީ އޭނައަށް ހުއްޓިފަ އެވެ. ފޭސްބުކު ނުވަތަ އިންސްޓަގްރާމަށް ފޮޓޯއެއް ލިޔަސް އެތައް ބައެއްގެ ތައުރީފާއި ލައިކްތައް އޮހިގަނެ އެވެ. ދިރިއުޅެނީ މާލޭގަ އެވެ. ކުރާ މަސައްކަތަކީ މޮޑެލް ކުރުމެވެ. ރީތި ހަށިގަނޑަކާއި ފަން އިސްތަށިގަނޑުގެ ބޭނުން އޭނާ ކުރަނީ އެ ގޮތުގަ އެވެ. ލިބޭ އާމްދަނީ ރަނގަޅެވެ. އެކި ކަހަލަ ފުރުސަތުތައް ގުލްނާޒަށް ލިބެމުން ދިޔަ އެވެ. ފޭނުންގެ ކުރިމަތީގައި އޭނައަކީ ނަމޫނާއެކެވެ. ކުރަމުންދާ މަސައްކަތް ހިފަހައްޓަނީ ވަކި މިނެއްގަ އެވެ. ވަކި ވައްތަރެއްގެ އިޝްތިހާރެއް ނޫނީ ނުކުޅެ އެވެ. ވަކި ވަރަކަށް ވުރެ ބޮޑަށް އައުރަ ފެންނަ ނަމަ އެ ހެދުމެއް ނުލަ އެވެ. ބުނަން ޖެހޭ އެއްޗެއް ސީދާ އެ މީހަކާ ދިމާލަށް އެއްޗެހި ބުނުމުގެ ހިތްވަރު ގުލްނާޒްގެ ކިބައިގައި ހުރެ އެވެ.

މޮޑެލް ކުރުމުގެ އިތުރުން ގުލްނާޒް އުޅެނީ އަމިއްލަ މީހެއްގެ އޮފީހުގަ އެވެ. އެއީ ބޭރު މީހުން ގެނެސްދޭ ކުންފުންޏެކެވެ. އެތަނުން ވެސް ލިބޭ އާމްދަނީ ކުޑައެއް ނޫނެވެ. އެކުގައި މަސައްކަތް ކުރާ ފަޒީލާއަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާ އެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއްހެން ހިއްސާ ކުރާ ފަޒީލާއަށް ގުލްނާޒްގެ ނުފެންނަ ފަރާތެއް އޮވެދާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.

މޮޑެލް ކުރުމަކީ ގުލްނާޒް ވަރަށް ކުރާ ހިތުން ކުރާ ކަމެކެވެ. ލިބޭ ފުރުސަތުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފަ އެވެ. ބައެއް ބްރޭންޑްތަކުގެ އެމްބެސެޑަރުކަން ވެސް ކުރެ އެވެ. ކެމެރާ ކުރިމައްޗަށް އެރުމަކީ އޭނާ އެންމެ ފަރިތަ އެއް ކަމެވެ. ބައެއް މީހުންް ގުލްނާޒްގެ މަސައްކަތާ މެދު ފާޑުކީ ނަމަވެސް ގިނަ ބައެއްގެ މެދުގައި އޭނައަކީ މަގުބޫލު މޫނެކެވެ. ގިނަ ބަޔަކަށް ގުލްނާޒްގެ ހުނަރާއި މަސައްކަތް ކަމުދެ އެވެ. މަޖައްލާތަކުގެ ބޭރުގަނޑުގައި ވެސް އޭނަގެ މޫނު ވިދަމުންދިޔަ އެވެ. ފަނޑުވުމެއް ނެތް، އަރަމުން އަންނަ ތަރިއެއް ގޮތުގައި ގިނަ މީހުން ގުލްނާޒް ބަލައިގަނެ އެވެ. މީޑިއާތަކުން އޭނަގެ އިންޓަވިއު ބޭނުންވެފައި ކިޔުގައި ތިބެން ޖެހެ އެވެ. ނަމަވެސް އޭނާ ގަބޫލު ކުރާ ގޮތުގައި ކާމިޔާބީގެ ތަޅުދަނޑިއާ ހިސާބަށް ވާސިލްވާން އަދި ވަރަށް ގިނަ ހަރުފަތްތައް ގިރާ ކުރަން ޖެހޭނެ އެވެ. އަދި ކިރިޔާ މިއީ ސިޑީގެ ފުރަތަމަ ހަރުފަތެވެ. ފިޔަވަޅު ނަގަން ޖެހޭނީ ވަރަށް ވިސްނާފަ އެވެ. ގިރާ ކުރާ ކޮންމެ ހަރުފަތަކީ ތިމާއަށް ލިބޭ ކާމިޔާބީއަކަށް ނުވެދާނެ އެވެ.

ލޯގަނޑު ކުރިމަތިން އަމިއްލަ ނަފުސު ފެންނަ ކޮންމެ ފަހަރަކު ހިތާހިތުން ތިމާގެ ރީތިކަން އެތައް ފަހަރަކު ހިތަށް އަރަ އެވެ. ތިމާއަށް ތިމާ ފެނުމަކީ މައްސަލައެއް ނޫން ކަމުގައި ގުލްނާޒް ދެކެ އެވެ. ކިބުރުވެރިކަމުގެ ސިފަ އޭނައަށް ލިބިފައިވަނީ އަމިއްލައަށް ވެސް އުޅެން އުނދަގޫވާ ވަރަށެވެ. އޭނަގެ ހިތް މަޑުމޮޅިވަނީ އެންމެ ކަމަކަށެވެ. އެއީ ލިބިފައިވާ ދެ ދަރިންގެ މޫނު ފެނުމުންނެވެ. ގުލްނާޒަކީ ދަރިން ދެކެ ލޯބިވާ މައެކެވެ. އެ ކުދިން ބޭނުންވާ ހުރިހާ ކަމެއް ކޮށްދެ އެވެ. ބޭނުންވާ ހުރިހާ އެއްޗެއް ހޯދައިދެ އެވެ. ކިތަންމެ ބުރަކޮށް އުޅެމުން ވެސް ކުދިންގެ ކަމެއް ޖެހިއްޖެ ނަމަ ވަގުތުން އެތަނަކަށް އާދެ އެވެ. ގުލްނާޒްގެ ބޭނުމަކީ ކުދިން ކިޔަވައި މޮޅު މީހުންނަށް ހެދުމެވެ. މުޖުތަމައު ބަލައިގަންނަ ފެންވަރުގެ ދަރިންނަށް ހެދުމެވެ.

ދޮއްޓަށް ހުންނަ ފަސީހަށް ބާރަ އަހަރެވެ. ހަގަށް ހުންނަ ޝިފާއަށް ދިހަ އަހަރެވެ. އެ ކުދިންނަކީ ހިތްއަލި ކުދިންނެވެ. އުމުރުގެ އެހެން ކުދިންނަށްވުރެ ވުރެ ބޮޑަށް ލޯ ހުޅުވިފައިވާ އެ ކުދިންނަކީ ކިޔެވުމަށް މޮޅު ދެ ކުދިންނެވެ. ކޮންމެ ފަހަރަކު ވެސް މުޅި ކިލާހުން އެއްވަނަ ހޯދަ އެވެ. ޓީޗަރުންގެ ލޯބި ލިބެމުން އަންނަ މި ކުދިންގެ ހިތުގައި ގުރުއާނާއި ދީނީ ކަންކަމަށް އޮންނަ ލޯބި ވެސް ބޮޑެވެ. މަންމަ ކުރާ މަސައްކަތާ މެދު އެއްވެސް ހިތްބުރަކަމެއް ނުބާއްވަ އެވެ. ކޮންމެ ކަމެއް ވެސް މަންމަ ކުރާނީ އެ ކުދިންނަށް ހެޔޮ އެދޭތީ ކަމަށް ގަބޫލު ކުރެ އެވެ.

ގުލްނާޒްގެ މަންމަ އާއި ބައްޕަގެ އިތުރުން ބޭބެ ވެސް އޭނަ އެ ކުރާ ކަންކަމަކަށް ތާއީދެއް ނުކުރެ އެވެ. ވުމާއެކު އެ މީހުންނާއި ގުލްނާޒްގެ މާ ބޮޑު ގުޅުމެއް ނޯވެ އެވެ. އެންމެ ފަހުން އެ މީހުންނާއި ގުލްނާޒްއާ ބައްދަލުވީ މީގެ ދިހަ އަހަރު ކުރިންނެވެ. އޭރު ފަސީހަށް އެންމެ 2 އަހަރެވެ. އުޅެމުން ދިޔައީ ވެސް މައިންބަފައިން ގާތުގަ އެވެ. ނަމަވެސް ގުލްނާޒް މިނިވަންކަމާ އެކު އުޅެން ބޭނުންވާ ގޮތަށް ނޫޅެވޭތީ އެތަނުން ނުކުތީ އެވެ. ފިރިމީހާ ޔަޒީދުއާ އެކުގައި ވަކިން އުޅެން ފެށީ ހިތަށް ހަމަޖެހުމާއި ބޮލަށް ލުޔެއް ހޯދުމުގެ ބޭނުމުގަ އެވެ. އޭނާ އަމިއްލައަށް ވެސް ހިތަށް އަރަ އެވެ. ވަކި ދިރިއުޅުމަކީ އެންމެ ހިތްހަމަޖެހޭ ހަޔާތެވެ. ކަންކަމާ ބެހޭނެ މީހަކު ނުހުންނާނެ އެވެ. ކުރާ ކަންކަމަށް ގޮތްފާޑު ކިޔާނެ މީހަކު ނުހުންނާނެ އެވެ. ދެމަފިރިއަކު ބޭނުންވާ ކޮންމެ ގޮތަކަށް ދިރިއުޅުމުގެ ކަންކަން ރާވައިގެން ކުރިއަށް ގެންދެވޭނެ އެވެ. އެއީ އޭނަ އެންމެ ހިތްހަމަޖެހުނު ކަމެވެ. ހަޔާތުގައި އެޅުނު އެންމެ ސީދާ ފިޔަވަޅެވެ. ވަކިން އުޅެމުން ދަނިކޮށް ދެވަނަ ދަރިފުޅު ލިބުނެވެ. ގުލްނާޒް ބޭނުންވީ އޭނަ އަބަދުވެސް ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވާށެވެ. ދަރިން ބަލަން ގޭގައި އިނުމަކީ އޭނަ ބޭނުންވާ ކަމެއް ނޫނެވެ.

އެކަމުގައި ޔަޒީދުއާ ދެ މީހުން އެއް ގަލަކަށް ނޭރެ އެވެ. އަބަދުވެސް ކަމަކީ ދެބަސްވުމާއި ޒުވާބު ކުރުމެވެ. އެކަން ދަރިންނަށް ވެސް އެނގެ އެވެ. ފެނެ އެވެ. ނަމަވެސް އެކަކު ވެސް ގޮތްދޫކުރާކަށް ބޭނުމެއް ނޫނެވެ. ޔަޒީދުގެ ޝަކުވާއަކީ ގުލްނާޒްގެ ފެޝަން ލައިފްސްޓައިލެވެ. ބޭނުންވާ ވަރަށް ވުރެ އިތުރަށް އަންނައުނާއި ރީތިވާ ސާމާނު ގަތުމަކީ އޭނާ ހޮބީއެއްގެ ގޮތުގައި ކުރާ ކަމެކެވެ. ޔަޒީދު ދެކޭ ގޮތުގައި އެއްޗެހި އަގުބޮޑު ޒަމާނެއްގައި އެކަހަލަ ބޭކާރު ހަރަދު ކުރުމަކީ އެއްގޮތަކަށް ވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. ހަރުދަނާކަމާއި މީހާގެ ކިބައިގައި އުޅުން ހުންނަން ވާނެ އެވެ. ފަހަށް ރައްކާ ކުރުމާއި ދަރިންގެ މުހިންމު ބޭނުންތަކަށް ފައިސާ ބެހެއްޓުމަކީ ޔަޒީދު ދޭ ނަސޭހަތެކެވެ. ގުލްނާޒް ދެކޭ ގޮތުގައި އެއީ ޔަޒީދުގެ ކިބައިގައި ހުންނަ ނޭދެވޭ ސިފައެކެވެ. އެއަށް ކިޔަނީ ދަހިވެތިކަމެވެ. މުށްބާރު ވުމެވެ. އެ ގޮތަކަށް ގުލްނާޒަކަށް ނޫޅެވޭނެ އެވެ. ކޮންމެ ކަމެއްގައި ވެސް ހައްދެއް އޮންނަން ވާނެ އެވެ. އެއީ ދިރިއުޅުމުގެ ކަމެއް ވިޔަސް ނުވަތަ އެކަމާ ގުޅުމެއް ނެތް ކަމެއް ކަމުގައި ވިޔަސް ވެހެވެ.

އެ ގޮތުގައި މާ ގިނަ ދުވަހަކު ނޫޅެވުނެވެ. ގުލްނާޒްގެ ގިނަ ރައްޓެހިން ނަސޭހަތްދިނީ ޔަޒީދުއާ ވަކި ވުމަށެވެ. އެކަހަލަ ފިރިހެނަކާ އެކުގައި މާ ގިނަ ދުވަހު އުޅެން ޖެހިއްޖެ ނަމަ މީހާގެ ބޯގޮވާނެ އެވެ. ޔަޒީދުގެ ކިބައިގައި ހުރި ފައްސި ސިފަތައް ގިނަ އެވެ. ނަމާދު ކުރުމާއި ދީނީ ކަންކަމަށް އިސްކަން ދެ އެވެ. ދަރިންނަށް ހަރަދު ކުރުމާއި އެ ކުދިން ބުނާ ކޮންމެ ކަމެއް ކޮށްދެނީ ކުރާ ހިތުންނެވެ. ގުލްނާޒް ދެކެ އިންތިހާއަށް ލޯބިވެ އެވެ. ރަނގަޅު ގޮތް ބުނެދިނުމާއި ނަސޭހަތް ދިނުމަކީ ޔަޒީދު ވަރަށް ގިނައިން ކުރާ ކަމެކެވެ. ނަމަވެސް އެކަން ވީ ގުލްނާޒްގެ ބޮލުގެރިހުމަކަށެވެ. އެކުގައި ނޫޅެވިގެން އެންމެ ފަހުން ވަރިއާ ހިސާބަށް ކަންކަން ދިޔަ އެވެ. ޔަޒީދުއާ ވަކިވި ފަހުން މިހާރު ދެ އަހަރު ވީ އެވެ. ގުލްނާޒް ގަބޫލު ކުރާ ގޮތުގައި ޔަޒީދަކީ އޭނަގެ "ޓައިޕެއް" ނޫނެވެ. އޭނައަށް ކަމުދާ ފިރިހެނުންގެ ޝަރުތުތަކުގެ ތެރެއިން އެންމެ މަތީގައި އޮންނަނީ މުއްސަނދިކަމެވެ. އެކަހަލަ މީހަކު ފެންނާނެ ކަމަށް އުންމީދު ކޮށްގެން ހުއްޓައި ގުލްނާޒްގެ ލޮލުގައި އަޅައިގަތީ އިމްތިޔާޒެވެ. ޑޮކްޓަރު އިމްތިޔާޒެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް