ސްކައިރޮކް ބޭންޑުގެ މެންބަރުން: އަލަތު އަލްބަމް ނެރޭނީ އޮލިމްޕަހުގައި ހުށަހަޅައިދޭ ހާއްސަ ޝޯއެއްގައި. (ފޮޓޯ/ސްކައިރޮކް)

މިއުޒިކް

ސްކައިރޮކްގެ މެންބަރުން އަލަތު އަލްބަމާ މެދު އުއްމީދުން ފުރިފައި

ސްކައިރޮކް ބޭންޑުގެ ފުރަތަމަ އަލްބަމް 'ސަމުގާ' ނެރުމަށް އޮލިމްޕަހުގައި މާދަމާ ރޭ ލައިވް ޝޯއެއް ހުށަހަޅައިދޭނީ ތަމްސީލަކާ އެކު
30 ޖުލައި 2024

ސްކައިރޮކްގެ ޝޯއެއްގައި މުޅި އޯޑިއަންސް އެއް އަޑަކުން 'ސަމުގާ' ކުޅެން ގޮވާ އަޑު އިވޭނެ އެވެ. އަބްދުﷲ އީސާފުޅު (އީސަ)ގެ ޅެންވެރިކަން ހިމެނޭ މި ލަވައިގެ ނަމުން ނަން ދީގެން އެ ބޭންޑުގެ ފުރަތަމަ އަލްބަމް ނެރެން ސްކައިރޮކް މިހާރު ވަނީ ތައްޔާރުވެފަ އެވެ.

އޮލިމްޕަހުގެ ސްޓޭޖުގައި ތިއެޓްރިކަލް ޕާފޯމަންސަކާ އެކު މާދަމާ ރޭ ލައިވް ޝޯއެއްގައި 'ސަމުގާ'ގެ ލަވަތައް އިއްވާލާ އިރު އޯޑިއަންސަށް ފެނިގެންދާނީ މިއުޒިކަލްއެކެވެ. އެއް ލަވަ އަނެއް ލަވައާ ގުޅިލާމެހިފައިވާ ރީތި ވާހަކައެއް މި ބޭންޑުން އޯޑިއަންސަށް ކިޔައިދޭނެ އެވެ. ސްކައިރޮކް އިން ބުނިގޮތުގައި 10 ލަވައެއް ހިމެނޭ އަަލަތު އަލްބަމަށް 'ސަމުގާ'ގެ ނަން ދިނީ އެ ވާހަކަ ސަމުގާއެއްގެ ވަށާ އެނބުރޭތީ އެވެ.

ބޭންޑްގެ އަންހެން ލީޑް ވޯކަލިސްޓް އިންޝާ އަހުމަދު މީގެ ކުރިން 'ދައުރު'އަށް ބުނިގޮތުގައި މިއީ މިހާތަނަށް ސްކައިރޮކްގެ އެންމެ މުހިއްމު ޝޯ ކަމުގައި ވާނެ އެވެ.

ބޭންގެ މެންބަރުން އަލްބަމާ މެދު ކުރާ އުއްމީދު ބޮޑެވެ. 

ފައިޒަންގެ އުއްމީދަކީ މި ލަވަތައް ރާއްޖޭގެ ތޮށިން ބޭރަށް ގެންދިއުން (ފޮޓޯ/ޒިޔާން އިބްރާހިމް ހުސެއިން)

ބޭންޑް މެނޭޖަރު އަދި ޑްރަމަރު އަހުމަދު ފައިޒަން ސްކައިރޮކް ސިފަކުރަނީ ސަގާފީ ދިވެހިވަންތަ ލަވަތަކުގައި ޒަމާނީ ކުލަ ޖައްސައިގެން ގެނެސްދޭ ބޭންޑެއްގެ ގޮތުގަ އެވެ. އޭނާ ބުނި ގޮތުގައި 'ސަމުގާ' އަލްބަމްގެ މަސައްކަތް ފެށީ 2018 ވަނަ އަހަރެވެ. ފައިޒަންގެ އަމާޒަކީ މި އަލްބަމް ރާއްޖޭގެ ތޮށިން ބޭރަށް ގެންދިއުމެވެ.

"އުއްމީދަކީ މި މިއުޒިކް އިންޓަނޭޝަނަލް މިއުޒިކް ފެސްޓިވަލްތަކުގައި ކުޅެ، މިއީ ދިވެހި ރަހައެއްގެ ގޮތުގައި ތައާރަފު ކުރުން،" ފައިޒަން ބުންޏެވެ. 

ސްކައިރޮކްގެ ރިދަމް ގިޓަރިސްޓް އަދި ފިރިހެން ވޯކަލިސްޓް އަބްދުﷲ ފަރުހާން (ފައްފު)

ބޭންޑްގެ ފިރިހެން ވޯކަލިސްޓް އަދި ރިދަމް ގިޓަރިސްޓް އަބްދުﷲ ފަރުހާން (ފައްފު) ބުނި ގޮތުގައި ބޭންޑަށާއި އޭނާ އަށް ވެސް 'ސަމުގާ' ވަރަށް ހާއްސަ އެވެ. ސަބަަބަކީ މިއީ އޭނާ މަސައްކަތް ކުރި ފުރަތަމަ އަލްބަމް ކަމުގައިވެފައި މި ދަތުރުގައި އެންމެން އެކީގައި މަސައްކަތްކޮށް ބޭންޑްގެ މެންބަރުންނަށް އެ މީހެއްގެ އަމިއްލަ ސައުންޑް ވެސް ދަސްވުމެވެ.

މި އަލްބަމުން ފަރުހާންގެ ޅެންވެރިކަމުގެ ހުނަރު ވެސް އިވިގެންދާނެ އެވެ. އޭނާގެ އިތުރުން އަލްބަމްގެ ލަވަތަކުގެ ޅެންވެރިންނަކީ އީސަ އާއި މުހައްމަދު އަބްދުލްގަނީ (ތޭރަވާ) އެވެ.

ސްކައިރޮކްގެ ބޭސް ގިޓަރިސްޓް އިނާން

ބޭސް ގިޓަރިސްޓް މުހައްމަދު އިނާން ބުނިގޮތުގައި އަލްބަމެއް އުފައްދައި ނެރުމަކީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭ ކަމެކެވެ. ސްކައިރޮކް އިން އެ ތަޖުރިބާ ކޮށް، ފިލާވަޅުތަކެއް ދަސްކޮށްފި އެވެ.

"މި ޝޯ ބޭއްވުމަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު. އެކަމަކު، އަހަރެން މިހިރީ ވަރަށް އުފާވެފައި މިކަން އެންމެ ފަހުން ވާތީ،" އިނާން ކުރުކޮށްލި އެވެ.

ސްކައިރޮކްގެ ލީޑް ގިޓަރިސްޓް ޒަޔާން ފައިސަލް ޝޯއެއްގައި (ފޮޓޯ/ޒިޔާން އިބްރާހިމް ހުސެއިން)

ސްކައިރޮކްގެ ލީޑް ގިޓަރިސްޓް ޒަޔާން ފައިސަލް ބުނި ގޮތުގައި އެ ބޭންޑުން 'ސަމުގާ'  އަލްބަމަށް ކުރި މަސައްކަތާ މެދު އޭނާ ފަހުރުވެރިވެ އެވެ.

އިންޝާ ބުނަނީ ލަވަ 'ސަމުގާ'ހާ މި އަލްބަމްގެ ލަވަތަައް ވެސް ފުރިހަމަވާނެ ކަމަށެވެ.

"މުޅި އަލްބަމާ މެދު އެއްޗެކޭ ބުނާ ނަމަ ބުނާނީ، އަލްބަމްގެ ސައުންޑަކީ ޕްރޮގްރެސިވް ރޮކް. އެކަމަކު ގަދީމީ ދިވެހި ރަހަ ހިމަނާފައިވާނެ،" އޭނާ ބުންޏެވެ.

"'ސަމުގާ' އެ ލަވައަކީ އަކީ މިޑްލް ގްރައުންޑް ކަމަށް ބަލަންޏާ އެއަށް ވުރެ ރޮކް މެޓަލް ލަވަޔާއި އެއަށް ވުރެ މަޑުމައިތިރި ލަވަ އަލްބަމްގައި ހިމެނޭނެ."

އިންޝާ ބުނަނީ ލަވަ 'ސަމުގ' އަށް ވުރެ ވެސް މި ޝޯގައި ކިޔާ ލަވަތައް މާ ފުރިހަމަވާނެ ކަމަށް (ފޮޓޯ/ޒިޔާން އިބްރާހިމް ހުސެއިން)

މި ޝޯގެ ޓިކެޓް ލިބެން ހުންނާނީ އޮލިމްޕަހުންނެވެ. އަގަކީ 500 ރުފިޔާ، 400 ރުފިޔާ އަދި 300 ރުފިޔާ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް