ހިޔަލަ ގުރޫޕުން އެންމެ ފަހުން ނެރުނު ލަވައަށް ގްރޫޕް ތައްޔާރުވެފައި

ލިވިން

'ބޯކިބަންބާ' ލަވައިން އަންހެނުންގެ ހުށިޔާރުކަން

ހިޔަލަ ގުރޫޕުން މިފަހަރުގެ ބޮޑު އީދާ ދިމާކޮށް ނެރުނު ލަވާގައި ދައްކައިދެނީ އީދު ބޯކިބާ އެޅުމާއި އެ ވަގަށް ނަގަން ފިރިހެނުން ކުރާ މަސައްކަތަށް އަންހެންވެރިން ހުށިޔާރުވެގެން ތިބޭ ތަން

ނ. މަނަދުއަށް ނިސްބަތްވާ ހިޔަލަ ގުރޫޕުން އީދާ ދިމާކޮށް އަނެއްކާވެސް ތަފާތު ފުރިހަމަ އުފެއްދުމެއް ނެރެފި އެވެ.

'ބޯކިބަންބާ' ލަވައިން ދައްކައިދެނީ ދިވެހިންގެ ސަގާފަތުގައި ހިމެނޭ އީދު ބޯކިބާ އެޅުމުގައި ހީވަގިކޮށް އަންހެނުން އުޅޭ ތަނެވެ. މެންދަމުން ފެށިގެން އަންހެނުން ކުރަމުން އަންނަ މަސައްކަތެވެ.

ލަވަ ކުޅެފައިވަނީ ބޯކިބާގެ ކަންކަން ކުޑަކުއްޖަކަށް ކިޔައިދޭ ގޮތަށެވެ. ބޯކިބާ އެޅުމަށް ފަހު އެ ބޯކިބާ ކެޔޮފަތުގައި ލައި ބަދިގޭގެ އެތަން މިތާ ފޮރުވާ، އެ ވަގަށް ނަގާފާނެތީ ފާރައަށް އަންހެނުން ތިބެ އެވެ.

ބޯކިބަންބާ ލަވައިގައި ކިޔަނީ އަންބާއެއް

މީގެ ހަ ދުވަސް ކުރިން ނެރުނު މި ލަވައަށް މިހާތަނަށް 21،000 ވިއުސް ލިބިފައިވެ އެވެ.

ހިޔަލަ ގުރޫޕުން ނެރުނު ބޯކިބަންބާ

މަސްއައިނަކަށް ދޫނި ތިރިކުރާ ފަދައިން ފިރިހެނުން އީދު ބޯކިބާ ނަގަން އަންނަ އިރު، ލަވައިގައި ދައްކުވައިދެނީ އަންހެނުން ހުށިޔާރުވެ ފާރަވެރިވެގެން ތިބޭ ތަނެވެ.

މިއީ ރާއްޖޭގެ އީދުގެ އިހުގެ ސަގާފަތާ ގުޅުވާލައިގެން ހަދާފައިވާ ލަވައެކެވެ. އީދަށް އަޅާ ބޯކިބާ ވަގަށް ނަގާ ފޮރުވުމަކީ އިހުގައި ކޮށް އުޅޭ ކަމެއް ކަމުން އެކަން ހިޔަލަ ގުރޫޕުން ފުރިހަމަކަމާ އެކު ދައްކާލަދީފައި މިވަނީ ލަވަޔަކުންނެވެ.

ހިޔަލަ ގުރޫޕްގެ އަހުމަދު މުހައްމަދު ބުނީ މި ލަވައިގައި ކިޔަނީ އަންބާއެއް ކަމަށެވެ. އެހެންކަމުން އެއާ ބޯކިބާ ގުޅުވާލައިގެން 'ބޯކިބަންބާ"ގެ ނަން ދޭން ނިންމީ ކަމަށް ވެސް އޭނާ ބުންޏެވެ.

ބޯކިބަންބާ ލަވައިގައި ދައްކުވައިދެނީ އީދަށް ބޯކިބާ އެޅުމަށް ހީވާގިކޮށް މަސައްކަތް ކުރާ އަންހެނުންތަކެއް

ފޯރިގަދަ މި ބަނދީގައި ކިޔަނީ ބޯކިބަލަށް ދަހިވެގެން އަންނަ ދޫނިތަކެއްގެ ވާހަކަ އެވެ. އެ ދޫނިތައް ނިސްބަތް ވަނީ ބޯކިބާ ނަގަން ދާ ފިރިހެނުންނަށެވެ. 

ބަނދީގައި ދެން ދައްކުވައިދެނީ ބޯކިބާ އެޅުމަށް ފަހު ހުށިޔާރުކަމާ އެކު ފާރަވެރިވެ ތިބޭ ތަނެވެ. ދޫނިތަކެއް ހެން ފިރިހެން ވެރިން ތިރިކޮށްލުމުން ސިހުމެއް ނެތި އަންހެނުން ފިރިހެނުން ވަށައި، އެލަންގަލަން މިލަންގަލަން ކިޔާ ނަށަމުން ގޮސް ފިރިހެންވެރިން ކަސްތޮޅު އަޅުވާ ތަނެވެ. ބޯކިބަންބާގައި މޮޅުވަނީ އަންހެނުންނެވެ.

ލަވައިގައި ހިމެނޭ އަންބާގެ ޅެން ހެދީ ހިޔަލަ ގުރޫޕްގެ އެސިސްޓަންޓް މެނޭޖަރު އަބްދުﷲ ޝާހިދު (ޓެޑީ) އެވެ. މިއުޒިކް ހަދާފައިވަނީ އެއް ކާފު ސުޓޫޑިއޯ އިންނެެވެ.

ލަވަ ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އެވެ.

ހިޔަލަ ގުރޫޕްގެ ބޯކިބަންބާ ލަވަ ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ އަޝްފާ

މީގެ ފަސް އަހަރު ކުރިން އުފެއްދި ހިޔަލަ ގުރޫޕަކީ ނ. މަނަދޫގެ ގުރޫޕެކެވެ. ދިވެހި އާާދަކާދައާ ގުލުވާލައިގެން، އީދާއި އަންހެނުންގެ ދުވަސް ފަދަ ހާއްސަ ދުވަސްތަކަށް އަމާޒުކޮށް ލަވަތައް ނެރެ އެވެ.

އަހުމަދު ބުނިގޮތުގައި އޭނާ އާއި ޓީމުން މި ލަވައާ މެދު ހިތްހަމަޖެހެ އެވެ.

ލަވައިގެ ލިރިކްސް އާއި މެލޮޑީ އަދި ކޮންސެޕްޓް ހަދަން ދެ މަސް ހޭދަވި އެވެ. މިއުޒިކް ކޮމްޕޯޒް ކުރުމަށް މަހެއް ނެގި އެވެ.

ހިޔަލަ ގުރޫޕްގެ ކުރިއަށް އޮތް އަމާޒަކީ ޒަމާނީ ލަވައެއް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

ކޮމެންޓް (1)

ސަމާލު

18 ޖޫން 2024
އީދު ބޯކިބާ އެޅުމާއި އެ ވަގަށް ނަގަން ފިރިހެނުން ކުރާ މަސައްކަތަށް އަންހެންވެރިން ހުށިޔާރުވެގެން ތިބޭފަދައިން ފެރީޓާމިނަލްގަޔާއި ބީޗުގައި ބަހައްޓާފައި ހުންނަ ރިހާކުރު ފުޅިއާއި މަސްބަތާއި ތަށިތަކަށްވެސް އަންހެންވެރިން ހުށިޔާރުވާންވާނެއެވެ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް