އިންޑިއާގެ ޕަންޖާބީ ލަވަ 'ހޯޕް'ގެ ރެޕް ބައި ލިޔެ ހުށަހަޅައިދީފައިވަނީ ދިވެހި އާޓިސްޓް އަހުމަދު އަދުހަމް.

މިއުޒިކް

ދިވެހި އާޓިސްޓް އަދުހަމް ޕަންޖާބު ލަވައެއްގައި ފީޗާކޮށްފި

އަހުމަދު އަދުހަމް ހުށަހަޅައިދީފައިވަނީ އިންޑިއާގެ ލޭބަލް ވިންޑިކްޓިވް ރެކޯޑްސްގެ ހިތްގައިމު ލަވައެއްގެ ރެޕް ބައި

ދިވެހި ލަވަކިޔުންތެރިޔާ އަހުމަދު އަދުހަމް އިންޑިއާގެ ޕަންޖާބީ އާޓިސްޓް މަނޫ ރާއީއާ އެކު ކިޔާފައިވާ ލަވައެއްގެ ވީޑިއޯ އިއްޔެ ރިލީޒްކޮށްފި އެވެ.

ޕަންޖާބީ ލޭބަލް ވިންޑިކްޓިވް ރެކޯޑްސްގެ 'ހޯޕް'ގައި އަދުހަމް ހުށަހަޅައިދީފައިވަނީ ރެޕް ބަޔެވެ.

މަނޫ ރާއީގެ އަސަރުގަދަ އަޑާއި ރީތި ޅެމަކުން މި ލަވައިން ގެނެސްދޭން ބޭނުންވަނީ، ވިންޑިކްޓިވް ރެކޯޑްސް އިން ބުނެފައިވާ ގޮތުގައި، އިންސާނުންގެ ވިލުންވެރި ރޫހެވެ. އެ ލޭބަލްގެ އަމާޒަކީ ހިތްގައިމު ލަވަތަކެއް ރަނގަޅު ފެންވަރުގެ މިއުޒިކާ އެކު ހަދައި ވީޑިއޯ އުފެއްދުމެވެ. ހިތްގައިމު ރާގުތަކަކީ ބޯޑަރުތައް ހުރަސްކޮށް ކޮންމެ މީހެއްގެ ހިތާ ވެސް ކުޅެލާނެ އެއްޗެއް ކަމަށާއި މަގުސަދަކީ މީހުންނަށް ހިތްވަރާއި އުފާވެރިކަން ގެނެސްދީ އެއް ބަޔަކު އަނެއް ބަޔަކާ ގުޅުވައިދިނުން ކަމަށް ވެސް ވިންޑިކްޓިވް ރެކޯޑްސް އިން ބުންޏެވެ.

'ހޯޕް'ގެ ލިރިކްސް ހަދާފައިވަނީ ސާބިގް އެވެ. ރެޕް ބައި ލިޔުނީ އަދުހަމް އެވެ.

އަދުހަމް ސްޓޭޖުގައި ލަވައެއް ހުށަހަޅައިދެނީ

އަދުހަމް 'ދައުރު'އަށް ކިޔައިދިން ގޮތުގައި އޭނާއަށް މި ފުރުސަތު ލިބުނީ ގިގެއްގެ ތެރެއިންނެވެ.

"މިއީ ހުވަފެނެއް ހަގީގަތަކަށް ވުން. މާކެޓާ ގުޅޭނެ ގޮތެއް ހޯދުމަކީ އުނދަގޫ ކަމެއް. އެހެންވީމަ މި ފުރުސަތު ލިބުނީމަ ވަރަށް އުފާވި،" އޭނާ ބުންޏެވެ.

އަދުހަމް ބުނިގޮތުގައި 'ހޯޕް' އަކީ ވިންޑިކްޓިވް ރެކޯޑްސްއާ އެކު ނެރޭ ފުރަތަމަ ލަވަ އެވެ. ޖުމްލަ ނުވަ ވީޑިއޯ ލަވަ ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ތިން ލަވަ އާއި ހިންދީ ހަ ލަވަ ހިމެނޭނެ އެވެ.

ވިންޑިކްޓިވް ރެކޯޑްސް އިން ބުނި ގޮތުގައި މި ލަވަ އަދުހަމްއާ ގުޅިގެން ކުރިއަށް ގެންދެވުމުން އެ މީހުންގެ މިއުޒިކް ބައިނަލްއަގުވާމީވެ، ބޭރުގެ ފަންނާނުންނާ އެކު މަސައްކަތް ކުރުމަށް ފުރުސަތު ހުޅުވުނީ އެވެ.

'ހޯޕް' މިހާރު ޔޫޓިއުބް އިން ބަލާލެވޭނެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް