'ލަސްވިޔަސް' ޕްރިމިއާކުރުމަށް މިދިޔަ މަހު އޮލިމްޕަހުގައި ބޭއްވި ހަފްލާގައި ބަތަލާ ވާޝިޔާ މުހައްމަދު ރަތް ދޫލަ މަތީ ފޮޓޯއަކަށް ހުއްޓިގެން.

'ލަސްވިޔަސް' އިން ހޭލައްވާލަދިނީ ވިހެއުމާ ގުޅިގެން ކުރިމަތިވާ ޑިޕްރެޝަނަށް

ޕޯސްޓްޕާޓަމް ޑިޕްރެޝަން އަކީ ރާއްޖޭގައި ވެސް އާއްމު ކަމެއް ނަމަވެސް އެންމެ ގާތްތިމާގެ މީހުންނަށް ވެސް އެކަން ދެނެގަންނަން ގިނަ ފަހަރު އުނދަގޫވެފައި ކަމުގެ ހަގީގަތަށް ހޭލުންތެރިއެއް ނޫން

މިހާރު އޮލިމްޕަހުގައި އަޅުވާފައިވާ 'ލަސްވިޔަސް' އިން ދައްކައިދެނީ އަލަތު ކައިވެންޏަށް ފަހު ދަރިޔަކު ލިބިގެން އުޅޭ ޔުސްރާ ކިޔާ މީހެއްގެ ވާހަކަ އެވެ. ވިހެއުމަށް ފަހު އޭނާއަށް ކުރިމަތިވާ ނަފްސާނީ އުނދަގޫތަކުގެ ސަބަބުން ދަރިފުޅު ބެލުމަށް ނުކުޅެދި، ފިރިމީހާ އިގްބާލް އާއި އާއިލާއާ އޮންނަ ގުޅުން ހީނަރު ވެގެންދާ ތަނެވެ.

ގިނަ އަދަދެއްގެ ދިވެހި މައިން ވެސް މިފަދައިން ޕޯސްޓްޕާޓަމް ޑިޕްރެޝަން ތަހައްމަލު ކުރެ އެވެ. ނަމަވެސް މިއީ ރާއްޖޭގައި މީހުން މާ ބޮޑަށް ހޭލުންތެރި ކަމެއް ނޫނެވެ. އާއިލާ އާއި އެހެން މީހުންނަށް ވިހައިގެން އުޅޭ މީހާގެ މި އިހްސާސްތައް ދެނެގަންނަން އުނދަގުލެވެ. ސަބަބަކީ މިކަމަށް ލޯ ހުޅުވިފައިވާ މިންވަރު ކުޑަ ކަމެވެ. އަދި މިކަމުގެ އުނދަގޫތަކާއި ފުންމިން އަދި ބުއްދި ގޯސްވެ ސައިކޯސިސް އަކަށް މީހާ ހިނގައިދާނެކަން، މި ކަންކަން ތަހައްމަލު ނުކުރާ ނަމަ، ވަޒަން ކުރަން އުނދަގުލެވެ.

'ލަސްވިޔަސް'ގެ ޕްރިމިއާ ނައިޓުގައި މީހުން އެ ފިލްމް ބަލަނީ (ދައުރު ފޮޓޯ/މުހައްމަދު އަޒްމީ އަހުމަދު)

ތިބާ ސައިކޮލޮޖީގެ ކޯ ފައުންޑާއެއް ކަމުގައިވާ އާމިނަތު ނަދާ ޝަރީފް ވަނީ މިކަމާ ގުޅޭ ގޮތުން އޭނާ ހޯއްދަވާފައިވާ މައުލޫމާތާއި އޭނާގެ ކްލަޔަންޓުންގެ ތަޖުރިބާތަކަށް ބިނާކުރައްވައި، 'ލަސްވިޔަސް'ގެ ސްކްރިޕްޓް ލިޔުމުގައި ޑައިރެކްޓަރު މުހައްމަދު ނިޔާޒަށް އެހީތެރިކަން ފޯރުކޮށްދެއްވައިފަ އެވެ. ނަދާ، ނިޔާޒު އާއި ބަތަލާ ވާޝިޔާއަށް، އަސްލު މިކަން ހިނގާ ގޮތް ކިޔައިދެއްވި އެވެ.

ޕޯސްޓްޕާޓަމް ޑިޕްރެޝަން ނުވަތަ "ބޭބީ ބުލޫސް" އަކީ ވިހައިގެން އުޅޭ ގިނަ މައިންނަށް ކުރިމަތިވާ ކަމެކެވެ. މިކަމުގެ ބައެއް އަލާމަތްތަކުގެ ތެރޭގައި އަވަސް އަވަހަށް މޫޑު ބަދަލުވުން، ރުއިން، އެންޒައިޓީ އަދި ނުނިދުން ހިމެނެ އެވެ.

މިކަން އާއްމުކޮށް މެދުވެރިވަނީ ދަރިފުޅު ވިހާތާ ދެ ދުވަހެއް ވަރު ފަހުން ފެށިގެން ދެ ހަފްތާއެއްހާ ދުވަހަށެވެ. ނަމަވެސް ބައެއް މީހުންނަށް ޕޯސްޓްޕާޓަމް ޑިޕްރެޝަން އެއަށް ވުރެ ގިނަ ދުވަހަށް ދެމިގެންދެ އެވެ. 

އަދި ޕޯސްޓްޕާޓަމް ސައިކޯސިސް އަކީ ވެސް މަދުން ނަމަވެސް ކުރިމަތިވާ ކަމެކެވެ.

12 އޭޕްރީލް 2024: 'ލަސްވިޔަސް'ގެ ޕްރިމިއާ ކުރުމުގެ ހަފްލާގައި ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) ވާހަކަ ދައްކަނީ (ދައުރު ފޮޓޯ/މުހައްމަދު އަޒްމީ އަހުމަދު)

ނަދާ ވިދާޅުވިގޮތުގައި ނިޔާޒު 2019 ވަނަ އަހަރު އޭނާ ގާތު އެދުމުން މިކަމާ ގުޅޭ މައުލޫމާތާއި ރާއްޖޭގައި މިކަމުގެ ހާލަތު އޮތް ގޮތް އޭނާ ވާނީ ކިޔައިދެއްވައިފަ އެވެ.

ފިލްމުގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ އެންމެ ގާތް މީހުންނާއި އާއިލާ ވެސް ޕޯސްޓްޕާޓަމް ޑިޕްރެޝަން އަކީ ކިހާވަރެއްގެ ކަމެއްކަން އަދި މިކަމާ ހަދާނެ ގޮތެއް ނޭނގި، ގޮތްހުސްވެގެން އުޅުމެވެ.

'ލަސްވިޔަސް'ގެ މަންޒަރެއް

ޕޯސްޓް ޕާޓަމް ސައިކޯސިސް އަކީ ހަގީގަތެކެވެ. 'ލަސްވިޔަސް'ގައި ބަތަލާ ވާޝިޔާ މި ކަންކަން ދައްކައިދީފައިވަނީ ވަރަށް ފުރިހަމައަށެވެ. އޭނާގެ މޫޑު އަވަސް އަވަހަށް ބަދަލުވެ އެވެ. ކުދިކުދި ކަންކަމާ ފަސޭހައިން ރުޅިއާދެވެ އެވެ. އަދި އެންޒައިޓީ އާއި ހާސްކަމާ އެކު އޭނާގެ 'މުޅި ދުނިޔެ ފިތޭ' ކަމުގެ އިހްސާސް ކުރެވޭ ގޮތް ފިލްމުގައި ގެނެސްދީފައިވެ އެވެ. އަމިއްލަ ދަރިފުޅު ބެލިދާނެ ކަމަށް އޭނާގެ އަމިއްލަ ނަފްސަށް ޔަގީންކަމެއް ނޯވެ އެވެ.

މީގެ އިތުުރުން، ޔުސްރާގެ ހަށިގަނޑަށް އައިސްފައިވާ ބަދަލުތަކާ މެދު ހިތްހަމަނުޖެހި އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވާ ގޮތް ވެސް ފިލްމުގައި ދައްކައިދެ އެވެ.

ބައެއް މީހުންނަށް މިއީ އަސްލުވެސް ހިނގާފާނެ ކަމެއްކަން އަދި މިފަދަ ހާލަތްތަކުގެ ފުންކަން ވަޒަންކޮށްލެވުނީ ފިލްމު ބަލަން އޮލިމްޕަހަށް ވަނުމުންނެވެ. 

ނަދާ ފާހަގަކުރެއްވި ގޮތުގައި ފިލްމުގައި ގެނެސްދީފައިވަނީ ޕޯސްޓްޕާޓަމް ސައިކޯސިސްގެ އަލާމަތްތަކެވެ. 

"ސްކްރިޕްޓް ލިޔުމުގައި މިކަން ވީހާ ވެސް އަސްލާ އެއްގޮތަށް ފިލްމުގައި ގެނެސްދިނުމަށް އަޅުގަނޑާއި ޓެޑް ވާނީ މަސައްކަތްކޮށްފައި،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ފާހަގަ ކުރެވެނީ ޓެޑް އަކީ 'އައުޓް އޮފް ދަ ބޮކްސް' ވިސްނުން ގެންގުޅުއްވާ ބޭފުޅެއް ގޮތުގައި. އިޖްތިމާއީ ގޮތުން ބޮޑެތި އަސަރުތައް ކުރާ މި ފަދަ ނަފްސާނީ ބޮޑެތި މައްސަލަތައް މިއީ އާއްމުކޮށް މުޖުތަމައުގައި ދައްކާ ވާހަކަތަކެއް ނޫން."

15 ފެބްރުއަރީ 2024: 'ލަސްވިޔަސް'ގެ ލަވަތައް ރިލީޒްކުރުމުގެ ހަފްލާގައި ބަތަލާ ވާޝިޔާ މުހައްމަދު ބައިވެރިވަނީ (ދައުރު ފޮޓޯ/މުހައްމަދު އަމާން)

ވާޝިޔާ ވެސް އޭނާގެ އެކްޓިން ވީހާވެސް ބޮޑަށް އަސްލާ އެއްގޮތް ކުރުމަށް ނަދާގެ ލަފާ ހޯދި އެވެ.

"ވާޝިޔާ އަޅުގަނޑާ ބައްދަލުކޮށް މިކަމުގެ ސިމްޕްޓަމްތަކާ ގުޅޭ މައުލޫމާތު ހޯދި. ނަފްސާނީ އަސަރުތައް ދެނެގަންނަން މަސައްކަތް ކުރި،" ނަދާ ފާހަގަ ކުރެއްވި އެވެ.

މުޅި ފިލްމަށް ބެލިޔަސް، ވާޝިޔާގެ ހުނަރުވެރި އެކްޓިން ކޮންމެ މީހަކުހެން ފާހަގަ ކުރާނެ އެވެ. ގިނަ ކަންތައްތަކެއް ކުރިމަތިވާ ޒުވާން އަންހެންކުއްޖަކު މަންމައަކަށް ބަދަލުވެގެންދާ ގޮތް އޭނާގެ ކެރެކްޓާގެ ހުރިހާ ތަޖުރިބާތަކެއް ގެނެސްދީފައިވާ ގޮތް މޮޅެވެ.

ކޮމެންޓް (5)

މޫސަ

2 މޭ 2024
ނަދީމް ގެ ރިވިއު ނޭރުވީ ކީއްވެހޭ.
1 0

ފޫޅުމާ

1 މޭ 2024
އިހު ޒަމާނުގަ ތީން އެއްވެސް ކަމެއް ލައެއް ނުގަނޭ.
2 4

މުނީރު

1 މޭ 2024
@ފޫޅުމާ މީ ސަމާލުކަން ހޯދަން ލިޔެފަ އޮތް ލިޔުމެއް.
1 2

މަންމަ

1 މޭ 2024
@ފޫޅުމާ ލައި ނުގަންނީތަ؟ ނޫނީ އަންހެނުން ލައި ނުގަންނަ ކަމަށް ހެދެން މަޖުބޫރުވަނީތަ؟
4 1

ބޯހަލާކު

2 މޭ 2024
@މަންމަ ލައިގަތަކަސް އެޓެންޝަން ހޯދަން ނޫޅެނީ، މިހާރު ކޮންމެ ކަމެއްގަ އޮންނާނީ އެޓެންޝަން ހޯދުން، ގިނަ މީހުންގެ ހުންނަނީ އެޓެންޝަން ސީކިންގް ބަލި ޖެހިފަ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް