ދިވެހި ފިލްމް "ބަވަތި" ގެ މަންޒަރެއް ކޯސްޓާ ނުޒުހަތު ޝުއެއިބް އާއި އެކު

މީޑިއާނެޓް

އަންނަ މަހުން ފެށިގެން ބަވަތި މީޑިއާ ނެޓުގެ ވީޑިއޯ ކްލަބުން ބެލޭނެ

"ބަވަތި"ވަނީ 2021 ވަނަ އަހަރުގެ 'ކަރްނާޓަކާ ފިލްމު ފެސްޓިވަލް'ގައި ރާއްޖޭގެ ފިލްމު އިންޑަސްޓްރީ ތަމްސީލުކޮށްފައި
29 އޭޕްރީލު 2024

2019 ވަނަ އަހަރު ރިލީޒްކުރި "ބަވަތި" ފިލްމު އަންނަ މަހުން ފެށިގެން މީޑިއާ ނެޓުގެ ވީޑިއޯ ކްލަބުން ފެންނާނެ ކަމަށް ބުނެފި އެވެ.

އިލްޔާސް ވަހީދު (އިއްލެ)ގެ ފުރަތަމަ ފީޗާ ފިލްމު ބަވަތި އަކީ ބެލުންތެރިންގެ ތައުރީފު ލިބުނު ފިލްމެކެވެ. އޮލިމްޕަސް ސްކްރީނުގައި މި ފިލްމު ނުބެލުނު މީހުންނަށް ދެން ފަސޭހަކަމާ އެކު މީޑިއާ ނެޓު ވީޑިއޯ ކްލަބުން މި ފިލްމު ފެންނާނެ އެވެ.

ބަވަތިއަކީ ސައިކޮލޮޖިކަލް ތްރިލާ ޖޮންރާގެ ފިލްމެކެވެ. ފިލްމު ބަލަމުންދާއިރު މިއީ ބިރުވެރި ފިލްމެއްތޯ ސުވާލު އުފެދޭ ވަގުތުތައް ވެސް އަންނާނެ އެވެ. މި ފިލްމަކީ ރީތި ވާހަކައެއްގެ މައްޗަށް ބިނާކޮށް އިބްރަތްތެރި މެސެޖެއް ލިއްބައިދޭގޮތަށް ތައްޔާރުކޮށްފައިވާ  ފިލްމެކެވެ. މުޅި ސްކްރީންޕްލޭގައި ސަސްޕެންސް ހިފަހައްޓާފައިވާ މިންވަރުން އެކަނިވެސް ފިލްމުގެ ފުރިހަމަކަން ފެނިގެންދެ އެވެ.

ފިލްމުގެ އެކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވަނީ ފިލްމީ ދާއިރާގައި އެންމެ މޮޅު އެއް ބަތަލާކަމަށް ގިނަ ބަޔަކު ސިފަކުރާ ނުޒުހަތު ޝުއައިބު (ނުޒޫ) އަދި އެކްޓަރު އިފްނާޒް ފިރާގެވެ. ފިލްމުގެ ނަމުން ނަމަ ޝެހެނާޒާއި އިބޫއެވެ.

ބަވަތި ފިލްމުގެ ޕޯސްޓަރެއް

މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ އިފްނާޒު، ނުޒޫ ދިރިއުޅޭ ރަށަށް ފިޓްނަސް ކްލާސްތަކެއް ނަގާދިނުމަށް ކުރާ ދަތުރުގައި ނުޒޫ އާ ދިމާވެ ލޯބީގެ ގޮތުން ގުޅުމުގެ ސަބަބުން ދިމާވާ އެކިއެކި ހާދިސާތަކުގެ މައްޗަށެވެ.

މި ދެ ތަރިންގެ އިތުރުން މި ފިލްމުގައި ފެނިގެންދާ ތަޖުރިބާކާރު އެކްޓަރު ދަރާ ރަޝީދު އަދި ފާތުންގެ އެކްޓިން ވެސް ފާހަގަކޮށްލެވެ އެވެ.

މި ފިލްމުގެ އެންމެ ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި ފިލްމުގެ ވީއެފްއެކްސް ތައްޔާރުކޮށްފައިވާ ގޮތް އަދި މޭކަޕް ހިމެނެ އެވެ. "އޯކޭޒް އިންކް"ގެ ފަރާތުން ވަނީ މީގެ ކުރިން ދިވެހި ފިލްމީ އިންޑަސްޓްރީގައި ނުފެންނަ ފެންވަރުގެ އާދަޔާ ހިލާފު މޮޅު ވީއެފްއެކްސް އިފެކްޓްތަކެއް މި ފިލްމުގައި ގެނެސްދީފަ އެވެ.

ފިލްމުގެ މޭކަޕް އާޓިސްޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ މޭކަޕް އާޓިސްޓް ރުތުބާ އެވެ. 

"ބަވަތި"ވަނީ 2021 ވަނަ އަހަރުގެ "ކަރްނާޓަކާ ފިލްމު ފެސްޓިވަލް"ގައި ރާއްޖޭގެ ފިލްމު އިންޑަސްޓްރީ ތަމްސީލުކޮށްފަ އެވެ.

މި ފިލްމު މީޑިއާނެޓުގެ ވީޑިއޯކްލަބަށް ރިލީޒްކުރުމަށް ގާތްވެފައިވާ އިރު މިއީ އެ ފަރާތުން މި އަހަރުތެރޭ ބެލުންތެރިންނާއި ހަމައަށް ދޫކޮށްލާ ހަތަރު ވަނަ ދިވެހި ފިލްމެވެ.

މީގެ ކުރިން ވީޑިއޯކްލަބުންވަނީ "ނޮވެމްބާ"، "ނީނާ" އަދި "ކަޅަކި" ވީޑިއޯކްލަބް ލައިބްރަރީގައި ހިމަނާފަ އެވެ.

މި ހުރިހާ ފިލްމަކީވެސް ސިނަމާތަކުގައި މަގްބޫލުކަމާއި ކާމިޔާބު ފިލްމުތަކެކެވެ.

އިތުރު ފިލްމާއި ސީރީޒް މިއަހަރުތެރޭ ރިލީޒްކޮށް ވީޑިއޯކްލަބް ހިދުމަތް  އިތުރަށް މުއްސަނދިކުރާނެ ކަމަށް މިޑިއާ ނެޓުން ބުންޏެވެ.

ދިވެހި އަމިއްލަ އުފެއްދުންތަކާއި ދުނިޔޭގެ އެކިކަންކޮޅުތަކުން އުފައްދާ ފިލްމާއި ސީރީޒް މީޑިއާނެޓުގެ ވީޑިއޯކްލަބް ހިދުމަތް މެދުވެރިކޮށް ޓީވީ އަދި ފޯނުގެ ޒަރިއްޔާއިން ބަލާލެވޭނެ އެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުންނަށް ވެސް މި ކޮންޓެންޓް އެމްއެސް ލައިޓް ގްލޯބަލް މެދުވެރިކޮށް ޓީވީ އިން އަދި އެމްއެސް ޑިޖިޓަލް މެދުވެރިކޮށް ފޯނުން ބަލާލެވޭނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް