ލަސްވިޔަސް ބެލުމަށް ފަހު ލަވަކިޔުންތެރިޔާ ރާފިޔަތު ރާމިޒާ 'ދައުރު'އާ ވާހަކަ ދައްކަނީ
'ލަސްވިޔަސް'ގެ ފުރިހަމަކަަމަށް އޮއްސާލީ ތައުރީފު
އޮލިމްޕަހުގައި ރޭ ޕްރިމިއާ ކުރި 'ލަސްވިޔަސް'އަކީ ވަރަށް ގިނަ ބައެއްގެ އިންތިޒާރުގެ ނިމުން ކަމަށް ވާއިރު ފިލްމާ މެދު ބައެއް ފަންނާނުން ފާޅުކުރީ ވެސް ތައުރީފްގެ ޝުއޫރުތަކެކެވެ.
ފިލްމު ބަލާ ނިންމާފައި ސިނަމާއިން ނިކުން އިރު އެއް ބައެއްގެ ފަރާތުން ފެނުނީ ލޮލުން ކަރުނަ އައިސް ހުރި ކަމުގެ ނިޝާންތަކެވެ. އޭގެ ތެރޭގައި ފިލްމު މައިގަނޑު ޝަހުސިއްޔަތުގެ ބައި އަދާކުރި ބަތަލާ ވާޝިޔާ މުހައްމަދު ވެސް ހިމެނެ އެވެ. އޭނާއަށް ކަރުނަ ހިފަހައްޓާނުލެވިގެން އުޅުނުތަން ފެނުނެވެ.
ދައުރު'ން ބައެއް މީހުންނާ ބައްދަލުކޮށް އެ މީހުންގެ ހިޔާލު ހޯދާލީމެވެ.
ޑައިރެކްޓަރު އިލްޔާސް ވަހީދު
ފިލްމް 'ބަވަތި'އާ އެކު އާއްމުންގެ މަޝްހޫރުކަން ހޯދަމުން އަންނަ ޑައިރެކްޓަރު އިލްޔާސް ވަހީދު ބުނާ ގޮތުގައި 'ލަސްވިޔަސް'އަކީ ފުރިހަމަ ފިލްމެކެވެ.
"ވަރަށް، ވަރަށް ފުރިހަމަ. ވަރަށް ގިނަ ދުވަސްކޮށްލާފައި ވަރަށް ރަނގަޅު ފިލްމެއް މި ލިބުނީ ބަލަން. އަދި އަމުދުން މި ޖޮންރާގެ. އެންމެ ކްލެސިކް ދިވެހިން އެންމެ ކަމުދާ ކަހަލަ. އޯޑިއަންސް ރޮއްވާލާނެ މި ފިލްމުން،" އިލްޔާސް ބުންޏެވެ.
ފިލްމުގައި އެެންމެންގެ އެކްޓިން ވެސް ރަނގަޅުކަން އޭނާ ފާހަގަކޮށްލި އެވެ. ހާއްސަކޮށް ބަތަލާ ވާޝިޔާގެގެ އެކްޓިން ފުރިހަމަކަމާ މެދު އޭނާގެ ހިތުގައި އޮތީ ތައުރީފެވެ. އޭގެ އިތުރުން، އަހުމަދު އިފްނާޒް ފިރާގު، މައިޝާ، ޒޯޔާ ހަސަން އަދި އަހުމަދު އާސިމްގެ ހުނަރުވެރިކަން އޭނާ ފާހަގަކުރި އެވެ.
ޖުވޭރިޔާ ސައީދު
ޖުވޭރިޔާ ސައީދަކީ ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްގެ ޗެއާޕާސަން އެވެ. ފިލްމުގައި ޒޯޔާއަކީ ކެންސަރު ޖެހި ފަހު ސްޓޭޖްގައި މަރާ ހަނގުރާމަކުރަމުން ދާ ކުއްޖެކެވެ. އޭނާ ބުނި ގޮތުގައި ބަލިއެނދުގައި އޮންނަ ކުއްޖެއްގެ އާއިލާ އާއި ވަށައިގެން ހިމެނޭ ކަންކަން ގެނެސްދީފައިވާލެއް ފުރިހަމަ އެވެ.
"ވަރަށް ޓަޗިން އިނގޭތޯ. އިމޯޝަންސް ވަރަށް ރަނގަޅަށް ދައްކާލާފައި. ކެންސާ ޕޭޝަންޓަކާ އެކު އާއިލާތަކެއް އުޅޭނެ ގޮތް ފިލްމުގައި ދައްކާލާދީފައިވަނީ ވަރަށް އަސްލުކޮށް،" ޖުވޭރިޔާ ބުންޏެވެ.
"އާއިލާއެއްގެ ތެރެއިން މީހަކަށް ކެންސަރު ޖެހުމަކީ އެންމެ މީހަކަށް އޭގެ އަސަރު ކުރާ ކަމެއް ނޫން. މުޅި އާއިލާއަށް އެ އަސަރު ކުރޭ. އެކަން ޕޯޓްރޭ ކޮށްލަދީފައިވާ ގޮތް ފުރިހަމަ."
މީގެ އިތުރުން ވެސް މުޅި ފިލްމުގައި ހިމެނޭ ކަންކަން ޖުވޭރިޔާ ފާހަގަކޮށްލި އެވެ. އޭނާ ބުނި ގޮތުގައި ފިލްމު ބިނާކޮށްފައި ހުރީ މުޖުތަމައުގައި އާއްމުކޮށް ހިނގާ ކަންކަމުގެ މައްޗަށް ރަނގަޅަށް ބަލާފަ އެވެ.
މުހައްމަދު މަނިކު
ފިލްމީ ތަރި މުހައްމަދު މަނިކު ބުނަނީ ކޮންމެ މީހަކު ވެސް 'ލަސްވިޔަސް' ބަލަންވާ ކަމަށެވެ. ސަބަަބެއް ކަމަށް އޭނާ ބުނީ ދެމަފިރިން ވަކިވެގެން ދިޔުމަކީ ދަރިންނަށް ކިހާ އަސަރެއް ކުރާ ކަމެއް ކަން ފިލްމުގައި ކިޔައިދީފައިވާލެއް ފުރިހަމަކަމުންނެވެ.
"އަަހަރެން ވެސް މިއީ އެކަހަަލަ ކަންކަން ދިމާވެފައި ހުރި މީހެއް. އެކަމަކު މީގެން މި ބުނެދެނީ ކޮންމެ ހާލަތެއްގައި ވެސް، ކޮންމެ ވަގުތެއްގައި ވެސް ކޮންމެ ކަހަލަ ކަމެއް ދިމާވެދާނެއޭ،" އޭނާ ބުންޏެވެ.
މަނިކު ބުނިގޮތުގައި މި ފިލްމުން އޭނާއަށް ކުރީ ފުން އަސަރެކެވެ. ފިލްމުގެ ފަހު ބައި ކަރުނަ ހިފަހައްޓަން އުނދަގޫވި އެވެ.
"ހަމަ ރޮމުން ރޮމުން ބެލީ،" އޭނާ ބުންޏެވެ.
ފާތިމަތު މައިހާ (ވީސީޓޭލްސް)
ފާތިމަތު މައިހާ ނުވަތަ އޭނާ މަޝްހޫރުވެފައިވާ އިންސްޓަގްރާމްގެ ނަމުން ނަމަ 'ވީސީޓޭލްސް' ބުނި ގޮތުގައި 'ލަސްވިޔަސް'އަކީ އޭނާ ހީކުރި ގޮތާ ހިލާފަށް މުޅިން ތަފާތު ފިލްމެކެވެ.
"އެކްސްޕެކްޓް ކުރީ ސްޓޯރީއެއް ނޫން އޮތީ. އެކްސްޕެކްޓް ކުރީ ދަރިފުޅުގެ ވާހަކަ. ރާއްޖޭގައި ވަރަށް ދިމާވާ ކަންކަން މި އޮތީ. އެންމެ ފަހަތަށް އައި ސީންތައް ވަރަށް ޓަޗިން،" މައިހާ ބުންޏެވެ.
އޭނާ ރުއިކަމަށް އެއްބަސްވާކަށް ބޭނުމެއް ނުވެ އެވެ.
"އަސްލު ބުނަން ބޭނުމީ ނުރޮވެޔޭ. އެކަމަކު ހަމަ ރޮވުނު،" މައިހާ ބުންޏެވެ.
ރާފިޔަތު ރަމީޒާ
ލަވަކިޔުންތެރިޔާ ރާފިޔަތު ރަމީޒާ ބުނީ މިހާތަނަށް ދިވެހި ފިލްމެއް ބަލާފައި އެވަރަށް ދުވަހަކު ވެސް ނުރޮވޭ ކަމަށެވެ.
"މިއީ ވަން އޮފް ދަ ބެސްޓް ދިވެހި މޫވީ. އަދިވެސް ކަރުނަ ނުހިކިގެން މިއުޅެނީ. ފިލްމުގެ ނެތް އެކްޓިންއާ ގުޅޭ ގޮތުން އެކަކު ވެސް އެންމެ ރަނގަޅީ ކާކޭ ބުނާކަށް. އެހާވެސް ފުރިހަމަ،" އޭނާ ބުންޏެވެ.
ލަވަތަކާ ގުޅޭ ގޮތުން 'އަބަދަށްފެހި' ރާފިޔަތު ފާހަގަކުރީ އެ މަސައްކަތުގައި ހުރި ހިތްގައިމުކަމެވެ. އޭނާއަށް އެންމެ ރަނގަޅުވި އެއް ލަވަޔަކީ ލަވަކިޔުންތެރިޔާ ހަދީޖާ އިބްރާހިމްފުޅު (ރިޒޫ)ގެ ލަވަ އެވެ. އެއީ ފިލްމުގެ އައިޓަމް ލަވައިގެ ގޮތަށް ގެނެސްދީފައިވާ 'މައްލަވަ' އެވެ.
މި ފިލްމުގައި ވަރަށް ގިނަ މެސެޖުތަކެއް، ވަރަށް ގިނަ މީހުންނަށް ލިބޭނެ ކަމަށް ރާފިޔަތު ވެސް ގަބޫލުކުރި އެވެ.
"އަޅުގަނޑަށް ވެސް ވަރަށް އެފެކްޓްކޮށްފި،" އޭނާ ބުންޏެވެ.
އަލީ ނިޝާން (މިލްޒީރޯ)
ފޮޓޯ އާއި ވީޑިއޯ ޖާނަލިސްޓް އަލީ ނިޝާން ބުނިގޮތުގައި މުޅި ފިލްމު ވެސް އޭނާއަށް ވަރަށް ފާހަގަކޮށްލެެވެ އެވެ. ތިން ގަޑިއިރުގެ ފިލްމަކާ ބަލާފައި ފޫހިކަމެއް ނެތި ބަލައިލެވުނީ، އޭނާ ބުނި ގޮތުގައި، މަންޒަރުތަކުގެ ޗާލުކަމުންނެވެ.
"ތިން ގަޑިއިރުގެ ފިލްމަކަށް ބަލާފައި މުޅި އޯޑިއަންސް އެންގޭޖްކޮށްލާ ގޮތަކަށް މި ފިލްމު ފެނިގެން މިދިޔައީ. ރީތިކޮށް ފެނުނީ. މަންޒަރުތައް ފުރިހަމަ،" ނިޝާންގެ ހިޔާލު ފާޅުކުރި އެވެ.
ޝިއުނާ ހަމީދު
ޕަބްލިކް ރިލޭޝަންސްގެ ދާއިރާގެ މަސައްކަތް ކުރާ ޝިއުނާ ހަމީދު ފާހަގަކުރީ 'ލަސްވިޔަސް'ގައި ގެނެސްދީފައިވާ އަންހެނުންނާ ގުޅޭ ކަންކަމުގެ ވާހަކަ އެވެ.
"ވަރަށް ރަނގަޅު ގިނަ މެސެޖްތަކެއް ދީފައި އެބަހުރި. މެއިންސްޓްރީމް މީޑިއާގައި ނުފެންނަ ކަންކަން އެބަހުރި. އެކަންކަން ގެނެސްދީފައިވާ ޑެޕްތަކީ މިސާލަކަށް އަންހެނުންނަށް ވިޔަސް އެކަން ތަޖުރިބާ ނުކުރާ މީހުންނަށް އެކަމުގެ ފުން މިން ވަޒަންކޮށްލަން ނޭގިދާނެ. އެހެންވެ އެެވެއާނަސް ރަނގަޅުވާނެ ކަމަށް ބެލެވޭ،" ޝިއުނާ ބުންޏެވެ.
ފިލްމު ނިމުމާ އެކު އޯޑިއަންސުން ދިން އަތްތިލަބަޑިއަކީ ޑައިރެކްޓަރު ނިޔާޒާއި އެކްޓަރުންނާއި ފިލްމުގައި މަސައްކަތްކުރި އެންމެންގެ އަގު ވަޒަންކުރުންކަމާ މެދު ޝައްކެއް ނެތެވެ. ދިވެހި ފިލްމެއް ނިންމާލާ އިރު އެހެން އަތްތިލަބަޑިން ރުހުން ދެނީ މަދު ފަހަރަކު އެވެ.
'ލަސްވިޔަސް'ގައި ލޯބި، ބަދަލުހިފުން، ބޭވަފާތެރިވުން، މާފަށް އެދުމާއި ކުށް ގަބޫކުރުން، ކެންސަރު އަދި ކުއްލިއަކަށް ދިމާވެދާނެ ނަފްސާނީ ބަލގެ ކަންކަން ހިމެނެ އެވެ.
ޒުވާން އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކަށް ބަލާ ނަމަ ވިޔަފާރީގައި ކުރިމަތިވާ ހުރަސްތަކާއި ކެރިއާ ދޫކޮށްލަން މެދުވެރިވާ ސަބަބުތައް ވެސް މިއަދުގެ ހާލަތާ ގުޅެ އެވެ.
'ލަސްވިޔަސް'ގެ 60 ޝޯ އޮލިމްޕަހުގައި ދައްކާނެ އެވެ. ޓިކެޓް ވިއްކަމުން އަންނަނީ އޮލިމްޕަހުންނެވެ.