ކަޅަކި އީދު ދުވަހުން ފެށިގެން މީޑިއާނެޓު ވީޑިއޯ ކްލަބުން ފެންނާނެ

މީޑިއާނެޓް

ބިރުވެރި ފިލްމު 'ކަޅަކި' އީދު ދުވަހު ވީޑިއޯ ކްލަބަށް

ބިރުވެރި ހާދިސާއަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ފިލްމުގައި ދައްކައިދެނީ ރައްޓެހިންތަކެއް އެކުގައި ކުރާ ދަތުރެއްގެ ތެރެއިން ދިމާވާ ބިރުވެރި ހާދިސާތަކެއް
8 އޭޕްރީލު 2024

މިދިޔަ އޮކްޓޯބަރު މަހު އޮލިމްޕަސް ސިނަމާގައި އެޅުވި ބިރުވެރި ފިލްމު "ކަޅަކި" އީދު ދުވަހު މީޑިއާނެޓުގެ ވީޑިއޯކްލަބް މެދުވެރިކޮށް ބެލުންތެރިންނަށް ގެނެސްދޭން ނިންމައިފި އެވެ.

މަގްބޫލު ފިލްމީތަރި ނިއުމާ މުޙައްމަދު ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުވަނީ ސިނަމާތަކުން ފިލްމު ބެލި ގިނަ ބަޔަކަށް ކަމުގޮސްފަ އެވެ.

ނިއުމާ ޕްރޮޑަކްޝަންގެ ދެވަނަ ފިލްމު ކަޅަކި އަކީ ރާއްޖޭގެ އެންމެ ކުޅަދާނަ އެއް  އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އޭނާ އަމިއްލައަށް ސްކްރީންޕްލޭ ލިޔެ ޑައިރެކްޓުކޮށްފައިވާ ފިލްމެކެވެ.

ބިރުވެރި ހާދިސާއަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ފިލްމުގައި ދައްކައިދެނީ ރައްޓެހިންތަކެއް އެކުގައި ކުރާ ދަތުރެއްގެ ތެރެއިން ދިމާވާ ބިރުވެރި ހާދިސާތަކެކެވެ.

ރައްޓެހިންތަކެއް ދަތުރު ދިއުމަށްފަހު މަޑުކޮށްގެން ތިބޭ ގޭގައި ހިނގާ ބިރުވެރި ކަންތައްތަކެއް މި ފިލްމުން ދައްކުވައިދޭނެ އެވެ. ޓްރެއިލާ އިން ފެންނަ ގޮތުން ފިލްމުގެ ތަރިއެއް ޖިންނި އަވަލައިގެން އުޅޭ މަންޒަރު، އަދިވެސް އެހެނިހެން ބިރުވެރި މަންޒަރުތަކެއް މި ފިލްމުގައިވަނީ ގެނެސްދީފަ އެވެ. މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ އަވައްޓެރި ސްރީލަންކާގަ އެވެ.

މި ފިލްމަކީ ދިވެހި ފިލްމީ އިންޑަސްޓްރީގައި މަގްބޫލު ގިނަ ތަރިންތަކެއް އެކްޓުކޮށްފައިވާ ފިލްމެކެވެ.

އޭގެ ތެރޭގައި އަލީ ސީޒަން، ޔޫސުފް ޝަފީއު (ޔޫއްޕެ)، މުހައްމަދު މަނިކު، އާމިނަތު ރިޝްފާ، ވާޝިޔާ މުހައްމަދު އަދި އާމިނަތު ލަހުފާ (ލާރކް) ހިމެނެ އެވެ.

މި ފިލްމު ސިނަމާގައި ބެލި ފަރާތްތަކުންވަނީ ވާޝިޔާ މުހައްމަދު މި ފިލްމުގައި ކުޅެފައިވާ ރޯލަށާއި އޭނާގެ އެކްޓިންގްއަށް ތައުރީފު އޮއްސާލައިފަ އެވެ. ގިނަބަޔަކު ބުނާގޮތުގައި މިއީ އަރަމުން އަންނަ ތަރިއެއްގެ ފަރާތުން ފެނުނު އެންމެ މޮޅު އެންމެ ފުރިހަމަ އެކްޓިންގް އެވެ.

މީޑިއާނެޓު އޮރިޖިނަލްސްގެ ބެނާގެ ދަށުން ވީޑިއޯ ކްލަބުންވަނީ މީގެކުރިން ވެސް  ނުވަތަ ބިރުވެރި ޖޯންރާގެ ސީރީޒްއެއް ދިވެހިންނާއި ހަމައަށް ގެނެސްދީފަ އެވެ. އެ ސީރީޒް "ނަފްސު" ގިނަ ބަޔަކަށް ވަނީ ކަމުގޮއްސަ އެވެ.

މިއީ އަނެއްކާ ވެސް ވީޑިއޯކްލަބް ލައިބްރަރީގެ ހޮރޯ ޖޯންރާ އިތުރަށް މުއްސަނދި ވާނެ ފިލްމެކެވެ.

ވީޑިއޯކްލަބުން އަންނަނީ ފަހުގެ ގިނަ ފިލްމުތަކެއް އޮލިމްޕަސް ސްކްރީނަށް ފަހު ދިވެހިންނާއި ހަމައަށް އެ ޕްލެޓްފޯމް މެދުވެރިކޮށް ގެނެސްދެމުންނެވެ.

މި އަހަރު އެ ޕްލެޓްފޯމަށް ރިލީޒްކުރި އެހެން ފިލްމުތަކަށް ބަލާއިރު ލޯބީގެ ފިލްމު "ނޮވެމްބާ" އަދި ތްރިލާ ފިލްމު "ނީނާ" ފާހަގަކޮށްލެވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް