ވާހަކަ: ވިގަނި

ވާހަކަ

ވާހަކަ: ވިގަނި - ސައުވީސްވަނަ ބައި

3 އޭޕްރީލު 2024
1

24 ވަނަ އެޕިސޯޑް

ދެ މީހުން ހިނގަމުން ދިޔައީ ނާޒިމާއާ ދާދި ގާތުންނެވެ. ނަމަވެސް ހަގީގަތުގައި ފެންނަމުން ދިޔައީ އެހެން މަންޒަރެކެވެ. ނާޒިމާ އެންމެ ހައިރާންވީ އެކަކު ވެސް އަނގައިން ނުބުނީމަ އެވެ. ނާޒިމާ ފެންނަ ކަމަށް ނުހެދީމަ އެވެ. ޖުމާހު އާއި ލަމިޔާގެ އަތަށް ބަލައިލި އެވެ. ޖުމާހަށް ނާޒިމާ ނުފެންނަ ކަމެއް އޭނައަކަށް ނޭނގެ އެވެ. ލަމިޔާ ހުރީ އެކަން ފަރުދާ ކޮށްގެންނެވެ.

ހިނގަމުން ގޮސް ތުނޑިއަށް ނުކުމެވުނެވެ. ދެ މީހުން އެކުގައި ހިމުން ވެލިގަނޑުމަތީގައި އިށީނދެލި އެވެ. ލަމިޔާ ވެލިގަނޑުގައި ކުޅެން ފެށި އެވެ. ތަނަށް ވެރިވެފައިވަނީ ނާމާން ހަމަހިމޭންކަމެކެވެ. މަޑުމަޑުން ވައިޖެހޭ އަޑާއި ރާޅުޖަހާ އަޑު ނޫން އިތުރު އަޑެއް ނީވެ އެވެ.

"އަހަރެން ވާހަކައެއް އަހާލަންތަ؟" ލޯތްބާ އެކު ލަމިޔާ އެހި އެވެ.

"އަހަރެން ގާތުން ހުއްދަ ހޯދަން ޖެހޭތަ؟" ލަމިޔާގެ ކޮލުގައި ހިފާލަމުން ޖުމާހު ބުންޏެވެ. ލަމިޔާ ހިނިތުންވެލި އެވެ.

"އިންސާނުންނަކީ ވަރަށް ފާޑެއްގެ ބައެއް. އެއް ބަޔަކު އުފަލުގައި އުޅުނިއްޔާ އަނެއް ބަޔަކު އުޅެނީ ހިތާމައިގައި،" ޖުމާހުގެ ދެ ލޮލަށް ލަމިޔާ ބަލައިލި އެވެ. "ޖުމާ އަހަރެންނާ އެކު ތި އުޅެނީ އުފަލުގައިތަ؟"

"ތިއީ އަހާ ކަހަލަ ސުވާލެއްތަ؟" ޗޮކެއް ކަނޑާލާފައި ޖުމާހު ބުންޏެވެ. އަދި ލަމިޔާގެ ނިތްކުރީގައި ބޮސްދިނެވެ. "ދުވަހަކު ވެސް މިހާ އުފަލެއް އަހަރެންނަކަށް ނުލިބޭ."

"އެހެންވިއްޔާ މަންމަ ދެރަ ކުރާކަށް ނުވާނެއެއްނު. މަންމައަށް ދެރައެއް ދީފައި އަހަރުމެންނަކަށް އުފަލަކު ނޫޅެވޭނެ،" ލަމިޔާ އެހެން ބުނުމުން ޖުމާހު ހިނިތުންވެލި އެވެ.

"އަހަރެން ދެކެ ތިހާ ލޯބިވާ އަތްނބެއް ދުވަހަކު ވެސް ނުލިބޭނެ،" ލަމިޔާގެ ގައިގައި ބައްދާލަމުން ޖުމާހު ބުންޏެވެ.

ލަމިޔާ އުޑުމަތި ބަލާލި އެވެ. އެ ވަގުތު ދެ ގިނިހިލަ ފެނުނެވެ. އެއް ގިނިހިލަ ވަރަށް ކުލަގަދަ އެވެ. ދޭތި ވެސް ގޮސް ގެއްލުނީ ރަށުގެ ހުޅަނގު ފަރާތަށެވެ.

"މިހާރު ދޭބަލަ،" ޖޫލިއަސް ވާހަކަ ދެއްކީ ކީލްއާ އެވެ.

"އަދި އެއްފަހަރު ވިސްނާލާ. މަށަކަށް ހިއެއް ނުވޭ ކުރަން ތިއުޅެނީ ރަނގަޅު ކަމެއް ހެންނެއް،" ޖެހިލުންވެފައި ކީލް ބުންޏެވެ. ދެ މީހުން ތިބީ ޖުމާހުމެން ތިބި ދިމާލުގައި ހުރި ކާނި ގަހެއްގެ ނިވަލުގަ އެވެ.

"މަ ވިސްނަންވީ ވަރަށް ވިސްނާފައޭ މި ބުނީ. ހަމަ ހިތަށް އަރާ ވޭންދެނިވި މަރަކުން މަރާލަފާނަމޭޭ،" ޖޫލިއަސްގެ ހިތުގައި އަނދަމުންދާ އަލިފާންގަނޑުގެ ދުން ނޭފަތުން ނުކުންނަމުން ދިޔަ އެވެ.

"ކަލޭ އާނއެކޭ ބުނީމަ މި ގެނައީ ވެސް. އެހެން ނޫން ނަމަ..." ކީލްއާ ދިމާލަށް އެނބުރެމުން ހިތްހަމަނުޖެހިފައި ޖޫލިއަސް ބުންޏެވެ.

"އެހެން ނޫން ނަމަ ކޯއްޗެއް؟" ޖޫލިއަސްއާ ދިމާލަށް ބަލައިލަމުން ކީލް ބުންޏެވެ. "އަދިވެސް ވަގުތު އެބައޮތް. ފަހުން ދެރަވާން ޖެހޭ ވަރުގެ ކަމެއް ކުރާކަށް މަށަކަށް ނުފެނޭ."

ކީލްގެ ސިފަ ބަދަލުކޮށްލި އެވެ. ހަތަރު ފޫޓް ހުންނަ ވަރުގެ ކިނބުލަކަށެވެ. ނަމަވެސް ކިނބުލުގެ ހަށިގަނޑަށް ވުރެ ކީލްގެ ހަށިގަނޑު މާ ފުޅަލެވެ. ދެ ލޯ ހުރީ މަޑު ރީނދޫ ކުލައިގަ އެވެ. ޖޫލިއަސްއާ ދިމާލަށް ބަލާލާފައި ގަސްތަކުގެ ތެރެއަށް ވަދެގެން ދިޔަ އެވެ. އޭރު ޖުމާހު އާއި ލަމިޔާ އެއްގަމާ ދިމާލަށް އަންނަނީ އެވެ. ޖޫލިއަސް އަވަސް އަވަހަށް ގަހަށް އެރި އެވެ. އަދި ބޮޑު ހަރުފައަކަށް ބަދަލުވި އެވެ. ގަހުގެ ގޮފިގަނޑެއްގައި އޮޅިގަތެވެ. ދޫ އޮތީ ދެކަފި ވެފަ އެވެ. ލޯ ހުރީ މަޑު ފެހިކުލައިގަ އެވެ. ނިގޫކޮޅު އޮތީ ގަހުގެ ތިރިއަށް އެލިފަ އެވެ. ޖުމާހު އާއި ލަމިޔާ އެ ގަސް ކައިރިން ހުރަސް ކޮށްލި އެވެ. ޖުމާހުގެ ބޮލުގައި އެއްޗެއް ކޭއްތުންހެން ހީވެގެން މަތި ބަލައިލި އެވެ. ނަމަވެސް ބޮލުގައި ޖެހޭހާ ތިރީގައި ފަތްކޯޅިއެއްހާ ހިސާބު ވެސް ނެތެވެ.

"ކޮބާތަ އަހަރެން ދިން ތަވީދުތައް؟" ކޮޓަރިއަށް ޖޫސް ތައްޓެއް ހިފައިގެން ވަން ސަކީބާ ގާތުގައި ބަޝީރު އަހައިލި އެވެ.

"ރަހުމާއަށް ދިން ތަވީދު އޭނަ އަތަށް ދިނިން. ބުނިން އަޅާށޭ، އަދި ކިޔަވަންވީ އެއްޗެހި ވެސް ބުނެދިނިން." ސަކީބާ ޖޫސް ތަށި މޭޒުމަތީގައި ބަހައްޓާފައި އައިސް ބަޝީރު ގާތުގައި އިށީނެވެ.

"ބަލަ ސަކީބާ ހުރެގެންނޭ އެ އަޅުވަން ޖެހޭނީ. އެ ކުދިންނަކަށް އަހަރެން ނުކުރަން އިތުބާރެއް. އެ ކުދިން ނުކުރާނެ އެކަހަލަ އެއްޗެއްސަކަށް އިތުބާރެއް،" ފޫހިވެފައި ބަޝީރު ބުންޏެވެ. "ޖުމާހަށް ދިން ތަވީދު ކޮބާ؟"

ސަކީބާ އިސްޖަހާލި އެވެ. އޭގެ ޖަވާބު ބަޝީރަށް ވިސްނުނެވެ.

"ސަކީބާ ތިކަމާ ނުވިސްނާތި. ކޮންމެ ގޮތެއް ހަދާފައި ވެސް އަހަރެން މި ރަށުން ފުރާނީ ތިކަން ކޮންމެވެސް އެއްކޮޅެއްގައި ޖައްސާފައި،" ޔަގީންކަމާ އެކުގައި ބަޝީރު ބުންޏެވެ.

"ދޮންބެ އަދިވެސް ނުބުނަމެއްނު ވެގެން އުޅޭ ގޮތެއް. މި ބުނީ އެ ކުދިންނަށް ކީއްވެތޯ އެހެން ވީ. ޖިންނިއެއްގެ އުނދަގޫ އެ ވަނީ ކީއްވެތަ؟" ކަންބޮޑުވެފައި ސަކީބާ ބުންޏެވެ.

"ވަގުތު ޖެހުމުން ތި ވާހަކަތައް ވެސް އަހަރެން ކިޔައިދޭނަން. އެކަމަކު ސަކީބާ ޖެހޭނެ އަހަރެން ބުނާ ގޮތް ހަދަން. އަހަރެންނަށް އިތުބާރު ކުރަން،" ސަކީބާ ބޯ ޖަހައިލި އެވެ.

ލަމިޔާ ހުރީ ފަޅު ރަށެއްގެ އަތިރިމަތީގަ އެވެ. އެއީ ކީލް ދިރިއުޅޭ ރަށެވެ.

"ޖޫލިއަސް ކުރަން އެ އުޅެނީ ކޮން ކަމެއް؟" ލަމިޔާ ހުރީ މޫދާ ދިމާލަށް ބަލަހައްޓައިގެންނެވެ. ފަހަތުން ހިނގަމުން އައި ކީލްއާ ދިމާލަށް ނުވެސް ބަލައި ލަމިޔާ ސުވާލު ކުރި އެވެ. ކީލް ބޭނުންވީ އެކުވެރިޔާއަށް ވަފާތެރިވާށެވެ. ހަމައެކަނި އެކުވެރިއެއް ވީމައެއް ނޫނެވެ. ޖޫލިއަސް ދެކެ ލޯބި ވެސް ވާތީ އެވެ. ދެ ދަރިފަސްކޮޅެއްވުމުން އެކަމަށް އާއިލާ ނުރުހޭނެކަން ވެސް ކީލްއަށް އެނގެ އެވެ. އެކަމަކު ހިތަކީ ތިމާގެ ބާރުގެ ދަށުގައި ވާ އެއްޗެއް ނޫނެވެ.

"ދޮގު ހަދައި އޮޅުވާލަން ނޫޅޭތި. ކީލްއަށް ހަމަ ރަނގަޅަށް އެނގޭނެ އޭނަގެ މިޒާޖު. އޭނަ ކޮންމެ ކަމެއް ވެސް ކޮށްފާނެ،" ކީލްއާ ދިމާލަށް އެނބުރިލަމުން ލަމިޔާ ބުންޏެވެ.

ދުވަހަކީ ވައިގަދަ ދުވަހެކެވެ. ދެ މީހުން ވެސް ތިބީ އިންސާނުންގެ ސިފައިގަ އެވެ. ކީލްއަކީ އެ ދަރިފަސްކޮޅުގެ ވަރަށް ވަރުގަދަ ޖިންނިއެކެވެ. ކޮންމެ ސިފައަކަށް ވެސް ބަދަލުވުމުގެ ކުޅަދާނަކަން ލިބިފައިވާ ޖެހިލުންކުޑަ ޖިންނިއެކެވެ. އެކަމަކު ކީލް ގަބޫލު ކުރާ ގޮތުގައި ކޮންމެ ކަމެއްގައި ވެސް ހައްދެއް އޮންނަން ވާނެ އެވެ.

"އަހަރެން މި ސުވާލު ކުރަނީ މިހިރަ ގަސްތަކާއެއް ނޫން،" ތަންކޮޅެއް ބާރަށް ލަމިޔާ ބުންޏެވެ.

"ޖޫލިއަސްއަށް ވިސްނައިދޭން އަހަރެން ވަރަށް މަސައްކަތް ކުރަން،" އިސްޖަހައިގެން ހުރެ ކީލް ބުންޏެވެ.

"އޭނައަކަށް ނުވިސްނޭނެ. އެކަމަކު ހަނދާން ކުރާތި. ފަހުން މައާފު ނުލިބޭ ވަރުގެ ކަމެއް ކޮށްފިއްޔާ ކީލް ވެސް އެ ކަމުގެ ހިއްސާދާރަކަށް ވާނެ،" ލަމިޔާ ބުނި އެއްޗެއް ކީލްއަށް ވިސްނުނެވެ. ލަމިޔާ މޫދުތެރެއަށް ފީނައިގަތެވެ.

"މި ޖެހުނީ ކަންތަކާ،" ޗޮކެއް ކަނޑައިލަމުން ކީލް ބުންޏެވެ.

"މަންމާ!" އަލައިނާއަށް ލަމިޔާ ގޮވައިލި އެވެ. އަލައިނާގެ މޫނުމަތިން ފެނުނީ ނުރުހުމުގެ އަސަރެވެ.

"ނައިސް ނުދާނެ ދުވަސް އައީ ދޯ؟" އަލައިނާ ބުންޏެވެ.

ދެމައިން ތިބީ ހޮހޮޅައިގެ އެންމެ އެތެރޭގައި ކޮނެފައި ހުރި ތަނެއްގަ އެވެ. އިރުގެ އެއްވެސް އަލިކަމެއް ނުވާ އެތަނުގައި ހުރީ މަޑު ނޫކުލައެކެވެ. އަލި އަންނަނީ ވަކި ކޮން ދިމާއަކުން ކަމެއް ނޭނގެ އެވެ. ކުދި ހިނިހޮރުތަކާއި ނަގުލަންދާށި އުޅޭ ކަހަލަ ތަންތަން ވެސް ހުއްޓެވެ. ހަރުފަ އާއި ބިޗޫފަދަ ތަކެތި ވެސް އެކި ދިމަދިމާއިން ނުކުންނަމުން ދިޔަ އެވެ.

"ލަމިޔާ ވިސްނާލިންތަ ޖޫލިއަސްއަށް ވާނެ ގޮތެއް؟" ލަމިޔާއާ ދިމާލަށް ބަލާލަމުން އަލައިނާ އެހި އެވެ.

"ނުވިސްނަން. އެކަމަކު އަހަރެން ބޭނުން އޭނައަށް ވިސްނައިދޭން. އޭނަ ކުރަން އެ އުޅޭ ކަމަކީ ރަނގަޅު ކަމެއް ނޫން،" ލަމިޔާ ބުންޏެވެ.

"ލަމިޔާ ކޮށްގެން ތި އުޅޭ ކަމަކީ ހާދަ ރަނގަޅު ކަމެކޭ،" އަލައިނާ ބުންޏެވެ.

"މަންމާ! އަހަރެން މި އައީ ޒުވާބު ކުރާކަށް ނޫން. މަންމަ ގާތު އެ ވާހަކަ ބުނަން މި އައީ."

"ބަލަ ކަލޭ ބުނުމުގެ ކުރިއަށް މަށަށް އެނގިއްޖޭ. ތިހާ އަމިއްލަ އެދުން ބޮޑުވާކަށް ނުވާނެ،" ހިތްހަމަނުޖެހިފައި އަލައިނާ ބުންޏެވެ.

"ކޮބާތަ އަހަރެން އަމިއްލަ އެދުން ބޮޑުވެފައި؟" ލަމިޔާ ސުވާލު ކޮށްލި އެވެ.

"އަމިއްލަ އުފާ އިސްކުރުން. އެހެން މީހުންނާ ދޭތެރޭ ނުވިސްނުން،" ލަމިޔާ ގާތަށް ހުއްޓެމުން އަލައިނާ ބުންޏެވެ.

"އެކަމަކު އެއީ އަހަރެންގެ ފިރިމީހާ. މިއީ އަހަރެންގެ..."

"މަންމާ!" ޖޫލިއަސްގެ އަޑުން މުޅިތަން ގުގުމައިގެން ދިޔަ އެވެ. އަލައިނާ އާއި ލަމިޔާއަށް އެއްފަހަރާ އެ ދިމާލަށް ބަލާލެވުނެވެ.

- ނުނިމޭ -

އިތުރު ވާހަކަ

ކޮމެންޓް (1)

ޡުހާ

3 އޭޕްރީލު 2024
ހިންދީ ފިލްމުގަ އުޅޭ ބޭބެ އެއް ދޯ ޖޫލިއަސް މި ވީ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް