ވާހަކަ: ވިގަނި

ވާހަކަ

ވާހަކަ: ވިގަނި - ތޭވީސްވަނަ ބައި

2 އޭޕްރީލު 2024

23 ވަނަ އެޕިސޯޑް

ލަމިޔާ ކޮޓަރިން ބޭރަށް ނުކުތެވެ. އަދި ގެއިން ނުކުމެގެން ހޮސްޕިޓަލާ ދިމާލަށް އުދުއްސައިގަތެވެ. ލަމިޔާގެ މޫނުމަތިން ފެނުނީ ރުޅިވެރިކަމެވެ. ލޮލުގައި ވަނީ ނަފުރަތުގެ އަލިފާނެވެ. އުދުހެމުން އައިސް ތިރިކޮށްލީ ހޮސްޕިޓަލް ތެރޭގައި ހުންނަ ހިތިގަހަކަށެވެ. އަދި ހޮސްޕިޓަލު ފުރާޅު މައްޗަށް ފުންމާލި އެވެ. ހޮސްޕިޓަލުގައި އެ ވަގުތު ތިބި މަދު ބަޔަކަށް އެ އަޑެއް ނީވެ އެވެ. ގިނަ މީހުން ތިބީ ނިދާފަ އެވެ. ބަޝީރު އޮތީ ވޯޑްގަ އެވެ. ނަރުސް ކައުންޓަރުގައި ތިބީ ދެތިން ނަރުހެކެވެ.

ސީލިންގު ތެރެއިން ފޭދިގެން ލަމިޔާ ނުކުތެވެ. އަދި ބަޝީރުގެ އެނދު ކައިރީ ހުއްޓިލި އެވެ. އެއްވެސް މީހަކަށް އެ މަންޒަރެއް ނުފެނެ އެވެ. ބަޝީރު އޮތީ ކަނުގައި ހުރި އެނދެއްގަ އެވެ. ޖެހިގެން އޮތް އެނދުގައި އޮތީ ދުވަސްވީ އަންހެނެއް ނިދާފަ އެވެ. އޭނަގެ އެހީތެރިޔަކަށް އިނީ އެ މީހާގެ ދަރިއެކެވެ. އޭނަ ވެސް ގޮނޑީގައި އިނީ ނިދާފަ އެވެ.

ބަޝީރަށް ހޭލެވުނީ ވަރަށް ފިނިވެގެންނެވެ. މީހާ ތުރުތުރު އަޅަން ފެށި އެވެ. ކައިރީގައި ހުރި ލަމިޔާ ބަލަހައްޓައިގެން ހުރީ ބަޝީރުގެ ދެ ލޮލަށެވެ. އޭރު ލަމިޔާގެ ލޮލުގައި ކަޅިއެއް ނެތެވެ. ހުރީ އެއްކޮށް ހުދުވެފަ އެވެ. ލާނެތް ހިނިތުންވުމެއްގައި ހުރި އިރު ދެ މިޔަކަން ކަންފަތާ ހިސާބަށް ފޯރަ އެވެ. އެހާވެސް އަނގަމަތި ހުރީ ބޮޑު ކޮށެވެ. ބަޝީރު ބިރުގަތެވެ. ނަމަވެސް މޫނުމަތިން އެކަން ނުދައްކައި ވޭތޯ ކުރެވުނު މަސައްކަތެއް ކުރި އެވެ.

"ކަލެއަށް އެނގިއްޖެއެއްނު މަށަކީ ޖިންނިއެއްކަން،" އަމުރުވެރި ރާގަކަށް ލަމިޔާ ބުންޏެވެ. "މަށަށް ގޯނާ ކުރަން އުޅެންޏާ ކަލެއަށް ވެސް ހަދާނީ އެ އުމަރުބެއަށް ހެދިހެން."

ބަޝީރުގެ މުޅި ހަށިގަނޑު އިތުރަށް ފިނިވެގެން ދިޔަ އެވެ. ޖިންނި ބޭނުން ނަމަ މިހާރު ވެސް ބަޝީރަށް ގޯނާ ކުރެވޭނެ އެވެ. އޭނައަށް އެ ވަރު ވިސްނުނެވެ.

"ކަލޭ ކީއްކުރަން ޖުމާހުއާ އަޅައިގަނެގެން ތި އުޅެނީ؟" ބަޝީރު ވާހަކަ ދެއްކީ މަޑުންނެވެ. "ކަލޭމެންގެ ވެސް ދަރިފަސްކޮޅެއް އޮންނާނެ. އެ މީހުންނާ ކައިވެނިކޮށްގެން އުޅެންވީއެއްނު."

"އަހަރެންނެއް ނޫން ފުރަތަމަ އޭނައާ އަޅައިގަތީ. އޭނަގެ ގެއަށް ދައުވަތު ދިނީ ވެސް އޭނަ އަމިއްލައަށް،" ބަޝީރުގެ އެނދު ވަށައިގެން ލަމިޔާ ހިނގަން ފެށި އެވެ. "ކަލެއަށް ގަބޫލު ނުކުރެވެންޏާ ގޮސް އަހާބަލަ."

ބަޝީރު ހައިރާނެއް ނުވެ އެވެ. ޖިންނިންނަކީ މީހުން މަގުފުރެއްދުމާއި ދޭތެރެޖެއްސުމުގައި އަރައި ތިބޭ ބައެކެވެ. މީހުންގެ މިޒާޖާއި އުޅުން ދެނެގަންނަން އެވެރިން ވަރަށް ކުޅަދާނަވާނެ އެވެ. ޖުމާހަށް ވެސް ކޮންމެވެސް ޅަ އެއްޗެއް އެޅުނީ އެވެ. ނަމަވެސް ވީ ގޮތް އޮޅުން ފިލުވޭނީ ޖުމާހުއާ އެ މައުލޫއުއަށް ވާހަކަ ދެކެވިގެންނެވެ.

"އަހަރެން ނުޖެހޭ ކަލޭ ބުނާހާ ކަމެއް ކުރާކަށް،" ބަޝީރު ބުންޏެވެ.

"އެހެންވިއްޔާ އެހެން މީހުންގެ ދިރިއުޅުމަށް ޒަހަރުލާން ނޫޅޭ. ކަލެ އާއި ކަލޭގެ ލޯބިވާ މީހުންގެ ދިރިއުޅުން ހަލާކުވެދާނެ،" ބަޝީރުއާ ދިމާލަށް ގުދުވެފައި ލަމިޔާ ބުންޏެވެ.

"ތިދެނީ އިންޒާރުތަ؟" ބަޝީރު އެހި އެވެ.

"އެހެން ކަމަށް ހީކޮށްލާ. މަށަށް ކަލޭގެ ފަތިފުށް އެނގޭ. ކަލެއަކީ އަނބި މަރުވެފައި ހުރި މީހެއް. ތިބެނީ ދެ ދަރިން. އެ މީހުން ދިރިއުޅެނީ މާލޭގައި،" ލަމިޔާ ވާހަކަ ދެއްކީ ޔަގީންކަމާ އެކުގަ އެވެ. "އޭގެތެރެއިން މީހަކު އެކްސިޑެންޓެއް ވެއްޖެއްޔާޔޯ؟ ނުވަތަ ދަންޖެހިގެން މަރުވެއްޖެއްޔާޔޯ؟"

ބަޝީރު ވިސްނާލި އެވެ. ލަމިޔާ ބޭނުންވީ ބަޝީރު ބިރުގަންނުވާލާށެވެ. ނަމަވެސް ފަންޑިތަ ހެދުމާއި ރުގްޔާ ކުރުމަކީ ބަޝީރު ވަރަށް މޮޅަށް ކުރާ ކަންކަމެވެ. އެކަން ލަމިޔާއަށް ވެސް އެނގެ އެވެ. ބަޝީރު ބޭނުން ވެއްޖެ ނަމަ ހަނގުރާމަކޮށްގެން ވެސް ލަމިޔާ ކިބައިން ޖުމާހު ސަލާމަތް ކުރެވިދާނެ އެވެ.

"މިތަނުން ފެއްސިގެން ދޭ. އެހެން ނޫނީ..."

"އެހެން ނޫނީ ކޯއްޗެއް؟" ޖެހިލުންކުޑަކަމާ އެކު ބަޝީރު ބުންޏެވެ. "ތި ހީކުރަނީ އަހަރެން ވަރަށް ބިރުގަންނާނެ ކަމަށްތަ؟"

"ކަލޭ ބިރުގަންނުވާކަށް މަށެއް ނޫޅެމޭ. އެކަމަކު ދެރައެއް ނޫނީ ގެއްލުމެއް ލިބުނީމާ ފަހުން އެކަމާ ނުރޯތި،" ހަތަރު މޮށްގަނޑު ޖަހާފައި ކުޑަދޮރާ ދިމާލަށް ލަމިޔާ ފުންމައިގަތެވެ. "ދެނެއް މަށާއި ޖުމާހުއާ ވަތްކެއް ނުކުރެވޭނެ."

ރަހުމާއާ ދިމާނުވެގެން ޒިލާލު ވަރަށް މަސައްކަތް ކުރި އެވެ. ރޭގަނޑުގެ އަނދިރިކަން ވެރިވެފައި ވިޔަސް ބައެއް މަގުތައް ވަނީ ދިއްލާ ހުޅުދާން ކޮށްފަ އެވެ. ހީވަނީ ކޮންމެވެސް ރަސްމިއްޔާތަކަށް ތައްޔާރުވަނީ ހެންނެވެ. އިންޖީނުލީ އުޅަނދުތައް ގިނަ ވަގުތެކެވެ. ހިނގާބިނގާވާ މީހުންގެ އަދަދު ނިސްބަތުން މަދެވެ. ޒިލާލު ހިނގަމުން ދިޔައީ ރަހުމާމެންގެ ގެއާ ދިމާލަށެވެ. ސައިކަލުވީ ގަރާޖުގަ އެވެ. ޒިލާލު އުޅޭ ގެ އާއި ރަހުމާމެން އުޅޭ ގެ ހުންނަނީ ރަށުގެ ދެ ކޮޅުގަ އެވެ. ވަކި ހިސާބަކަށް ދެވުނު ތަނާ ހޮޅިދަނޑިއެއްގައި އިން ބޮކި ކަނި ޖަހަން ފެށި އެވެ. ޒިލާލު މައްޗަށް ބަލާލި އެވެ. ހޮޅިދަނޑި މަތީގައި "އެއްޗެއް" އިންހެން ހީވެ އެވެ. ބޮކީގެ އަލި ގަދަކަމުން ރަނގަޅަކަށް ސާފެއް ނުވެ އެވެ. ޒިލާލު ދެ ލޯ ކުޑަކޮށްލި އެވެ. އެއްޗެއް އެބަ އިނެވެ. އިންސާނަކަށް އެތަނަށް އަރައެއް ނީނދެވޭނެކަން ޒިލާލަށް ޔަގީނެވެ. ބިރުން ހުރެ އިސްޖަހާލި އެވެ. އެ ވަގުތު ބިންމައްޗަށް އެޅިފައިވާ ހިޔަނި ފެނުނެވެ. ފެންނަނީ ވަރަށް ބޮޑު ވާލެއްގެ ހިޔަނި ހެންނެވެ. ނަމަވެސް އެއަށް ވުރެ މާ ބޮޑެވެ.

ޒިލާލު ހިނގައިގަތެވެ. އޭތި ވެސް މަތިން އުދުހެމުން އާދެ އެވެ. ޒިލާލުއާ ދާދި އެއްވަރަށެވެ. މަޑުމަޑުން ހިނގުން ބާރުކޮށްލި އެވެ. މަތި ބަލާލާކަށް ނުކެރުނެވެ. ދެން ގޮސް ވަދެވުނީ ވަރަށް ހަނި، އަނދިރި ގޯޅިއަކަށެވެ. ފަޅުކަން ވެރިވެފައިވާ ގޯޅީގައި ދިއްލާފައި ހުރީ އެންމެ ހޮޅިބުރިއެކެވެ. މީހެއްގެ އެއްވެސް ހިލަމެއް ނެތެވެ. ބިންމަތިން ފެންނަމުން ދިޔަ ހިޔަނި އެ ވަގުތު ގެއްލުނެވެ. ޒިލާލަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ނަމަވެސް އަނެއްކާވެސް މީހަކު ހުރިހެން ހީވެގެން ކުރިމަތި ބަލާލި އެވެ. ގޯޅި ނިމޭ ހިސާބުގައި މީހަކު ހުއްޓިގެން ހުއްޓެވެ. ޒިލާލުގެ ހިނގުމަކަށް ބަދަލެއް ނާދެ އެވެ. އޭނައާ ހައްތަހާ ގާތްވި އެވެ. ޒިލާލު ހައިރާންވި އެވެ. އެއީ ކުރީ ރޭ ފެނުނު ކުޑަކުއްޖާ އެވެ. ޒިލާލު ބިރުން ގޮސް ހިތް ހުއްޓޭ ވަރުވި އެވެ. ދެކޮޅު ހޯދައިލި އެވެ. އެ ކުއްޖާ ފިޔަވައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެ ދަނޑިވަޅުގައި އެ ކުއްޖާ ޒިލާލުއާ ދިމާލަށް އަންނަން ފެށި އެވެ. ޒިލާލު އައި ކޮޅަށް އަނބުރައިލި އެވެ. ހިނގުން ބާރުކޮށްލި އެވެ. އެންމެ ފަހުން ދުއްވައިގަތެވެ. ފަހަތުން އެ ކުއްޖާ ވަރަށް ބާރަށް އަންނަކަން އެނގެ އެވެ. ޒިލާލު ހަޅޭއްލަވައިގަތަސް އެ އަޑު އިވޭނެ މީހަކު އެ ހިސާބުގަނޑުގައި ނެތެވެ. ޒިލާލުގެ ކަނދުރާގައި ވަރަށް ތޫނު އެއްޗެއް ކޭއްތުނުހެން ހީވި އެވެ. ފަހަތުން އައި ކުއްޖާ ވާލަކަށް ބަދަލުވެގެން މައްޗަށް އަރައިގެން ދިޔަ އެވެ. މަންޒަރު ރީތިކޮށް ޒިލާލަށް ފެނުނެވެ. އެއީ ކުށްހީއެއް ނޫނެވެ. ޒިލާލު ކަނދުރާގައި އަތްލި އެވެ. ދިލަނެގި އެވެ. އަތް ބަލައިލި އިރު ލޭ ހުއްޓެވެ. ހީވަނީ ކަނދުރާގައި ވަކި އަޅާފައި ހުރިހެންނެވެ.

ހަފުތާއެއް ވީ އިރު ބަޝީރު ވަރަށް ބޮޑަށް ރަނގަޅުވި އެވެ. އަދި ގެއަށް ދޫކޮށްލި އެވެ. ނަމަވެސް އަރާމުކޮށް، ގަވާއިދުން ބޭސް ކާން ލަފާދިނެވެ. ސަކީބާ ބޭނުންވީ ބަޝީރު އެ ގެއަށް ގެންނާށެވެ. އެކަމާ ޖެހިލުންވީ ލަމިޔާ އެވެ. ހިތްހަމަނުޖެހުނީ ޖުމާހެވެ. ލަމިޔާގެ ޖާދުލުގައި ޖެހި ޖުމާހު ވަނީ ރަނގަޅަށް ހައްޔަރުވެފަ އެވެ. އެ ގެއަށް ބަދަލުވާކަށް ބަޝީރަކަށް ވެސް ފަސޭހައެއް ނޫނެވެ. ނަމަވެސް މަޖުބޫރުވުމުން އެކަން ވެސް ކުރީ އެވެ.

ގޭތެރޭގެ ހަމަޖެހުން މަޑުމަޑުން ބަދަލުވާން ފެށި އެވެ. ވާހަކަ ދެއްކުން މަދުވެ ރުޅިވެރި ބަސްތައް އަމާޒުވާން ފެށި އެވެ. ޖެއްސުމަށް ވާހަކަ ދެއްކުމާއި ގިނަ ވަގުތު އަނގައިން ނުބުނެ އުޅުން ގިނަވި އެވެ. ޖުމާހު އާއި ލަމިޔާ ތިބީ އެއް ކޮޅުގަ އެވެ. ސަކީބާ އާއި ބަޝީރު އަނެއް ކޮޅުގަ އެވެ. ރަހުމާ ހުރީ އެ ދޭތެރެ މެދުގައި ފިތިފަ އެވެ. ކުރިމަތިވެގެން އުޅޭ ކަންކަން ރަހުމާއަށް ހިއްސާ ކުރާނެހާ ހިތްވަރެއް ނުލިބުނެވެ. މިއީ ސަކީބާ ބޭނުންވި ކަމެއް ނޫނެވެ. ނަމަވެސް ބަޝީރަކީ ސަކީބާއަށް އަބަދުވެސް ހެޔޮއެދޭ މަދަދުގާރެކެވެ. ސަކީބާއަށް ފިރިއެއްގެ އެހީތެރިކަން އެންމެ މުހިންމުވި ދުވަސްވަރު އެންމެ ބޮޑު އެހީތެރިކަމެއް ވެދިނީ ވެސް ބަޝީރެވެ. އެކަން ސަކީބާ ހަނދާނެއް ނުނެތެ އެވެ.

ޖުމާހު އާއި ލަމިޔާ ހިނގަމުން ދިޔައީ ތުނޑިއާ ދިމާލަށެވެ. އަތުގުޅާލައިގެން ދެ މީހުން ދިޔައީ އޮލަ ވާހަކައެއްގަ އެވެ. އެ ވަގުތު ފިހާރައިން ނުކުތް ނާޒިމާއަށް އެ މަންޒަރު ފެނުނެވެ. ހައިރާންވެފައި ބަލަހައްޓައިގެން ހުރެވުނީ އެވެ. ދެ މީހުން ހިނގަމުން ދިޔައީ ނާޒިމާއާ ދާދި ގާތުންނެވެ. ނަމަވެސް ހަގީގަތުގައި ފެންނަމުން ދިޔައީ އެހެން މަންޒަރެކެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް