ވާހަކަ: ވިގަނި

ވާހަކަ

ވާހަކަ: ވިގަނި - ބާވީސްވަނަ ބައި

1 އޭޕްރީލު 2024
3

އެޕިސޯޑް 22

އަދި ވަރަށް ބާރަށް ގުގުރިއެއް ޖެހި އެވެ. ބަޝީރު ދިޔައީ ސިއްސައިގެންނެވެ. އަދި ހިތަށް އެރިއެވެ. އެއީ ސިގްނަލެއް ހެއްޔެވެ؟ އެކަން ސިއްރު ކުރަންވީ ހެއްޔެވެ؟ ބަޝީރު ބަލާލީ ދޮރާ ދިމާލަށެވެ. އެތަނުން އެއްޗެއް ހުރަސް ކޮށްލިތަން ފެނުނެވެ. އިންސާނެއް ނޫންކަން ޔަގީނެވެ. ފެނުނީ އަލިފާން ގުޅައެއް ހެންނެވެ. ދިޔަލެއް އަވަސްކަމުން ވަކި ބައްޓަމެއް ވަތްކެއް ނުވެ އެވެ.

"ދޮންބޭ؟ އޭނައަކީ؟" ބަޝީރުގެ ކޮނޑުގައި ޖަހާލަމުން ސަކީބާ ބުންޏެވެ.

"އޭނައަކީ އެހާ އުޅުން ރަނގަޅު ކުއްޖެއް ނޫން. އަހަރެންގެ ރައްޓެއްސަކު ބުނި ކުރިން ވަރަށް ނުބައި ގޮތްގޮތަށް އުޅެފައި ހުރި ކުއްޖެކޭ އެއީ،" ބަޝީރު ދޮގު ހެދި އެވެ.

"އެކަމަކު އެއީ މާޒީއެއްނު. މިހާރު އޭނައަކީ އަހުލާގު ރަނގަޅު ކުއްޖެއް. އަނެއްކާ އަހަރުމެން އެންމެންނަށް ވެސް ނުލާހިކު ރަނގަޅު،" ލަމިޔާއަށް ތައުރީފު ކުރާކަށް ސަކީބާ ބޭނުމެއް ނޫނެވެ. ނަމަވެސް ވާހަކަ ދެއްކީ ހަގީގަތަށެވެ. ދޮގު ހަދައި އޮޅުވާލުމުގެ ބޭނުމެއް ނެތެވެ.

"ދެން އެހެންވިޔަސް ހެޔޮ. މަށަށް ފެންނަނީ ތި ދެ މީހުން ދުރުކުރުވަން. އެހެން ނޫނީ ޖުމާހުގެ ދިރިއުޅުން ވެސް ހަލާކު ވެދާނެ."

"ދޮންބެ ތި ކިޔާ އެއްޗެއް މަށަކަށް ނުވިސްނޭ،" އެންމެ ފަހުން ސަކީބާ ބުންޏެވެ.

ބަޝީރު ހިނގަމުން ދިޔައީ ރަށުގެ ފުޅާ މަގަކުންނެވެ. ދުއްވާ އެއްޗެހި އެކި ހިސާބުތަކުން ދުއްވަމުންދެ އެވެ. އެކި އުމުރުފުރާގެ މީހުން މަގުމަތީ އުޅޭ ވަގުތެކެވެ. ނަމަވެސް މީހުން ގިނައެއް ނޫނެވެ. ދާން ބޭނުންވާ މަންޒިލެއް ނެތި ވިސްނަމުން ދިޔައީ ޖުމާހުއާ ދޭތެރޭގަ އެވެ. ލަމިޔާގެ ހަގީގަތް ހަމައެކަނި ބަޝީރަށް އެނގިގެން ކަމަކު ނުދާނެ އެވެ. ޖުމާހު އެކަމުން ސަލާމަތް ކުރަން ބަޝީރު ބޭނުންވެއެވެ. ނަމަވެސް އެ ވާހަކަ ދައްކާނެ ގޮތެއް ނޭނގެއެވެ. ޖުމާހަށް އެކަން ވިސްނައިދޭނެ ގޮތެއް ވެސް ބަޝީރުގެ ވިސްނުމަކަށް ނަ އެވެ. ބަޝީރު ހިނގަމުން ދިޔައީ މަގުގެ އެއް ފަރާތުންނެވެ. އަނެއް ފަރާތުގައި އަތް އުރާލައިގެން ލަމިޔާ ހުއްޓެވެ. ބަޝީރަށް ބަލަހައްޓައިގެންނެވެ. ލަމިޔާ ފެނުމުން ބަޝީރުގެ ހިނގުން ހުއްޓުނެވެ. ހުއްޓުނީ ގޯޅިއެއްގެ މެދަށެވެ. ކުއްލިއަކަށް ބަޝީރު ވިއްސައިގެންދިޔަ އެވެ. ގޯޅިން ނުކުތް ޕިކަޕަކުން ޖެހިފަ އެވެ. ޖެހުނުލެއް ބާރުކަމުން ބަޝީރު ހޭނެތުނެވެ. ލޯ މެރެމުން ދިޔަ އިރު ހިނިތުންވެފައި ހުރި ލަމިޔާ ބަޝީރަށް ފެނުނެވެ. ހަށިގަނޑުގެ އެކި ތަންތަނަށް އެކި ވަރުގެ އަނިޔާ ލިބުނެވެ. ވަގުތުން ހޮސްޕިޓަލަށް ގެންދެވުނެވެ.

ބަޝީރުގެ ފުރާނަ ސަލާމަތްވި އެވެ. ނަމަވެސް ބޮލުގެ އޮޕަރޭޝަނެއް ކުރަން ޖެހުނެވެ. ކައިރި ރަށަކުން ޑޮކްޓަރެއް ގެނެސްގެން އޮޕަރޭޝަން ކާމިޔާބުވި އެވެ. އަތުގެ ކަށިގަނޑެއްގައި ހުރީ ރެނދުލާފަ އެވެ. އަދި އެކި ތަންތަން މަށައިގެން ވެސް ދިޔަ އެވެ. ޒަހަމްތަކާ އެކު ވިޔަސް ސަލާމަތް ވުމުން އެކަމާ އެންމެ ފޫހިވީ ލަމިޔާ އެވެ. ސަކީބާ އާއި ރަހުމާގެ އިތުރުން ޖުމާހު ވެސް ބަޝީރު އޮތް ކޮޓަރިއަށް ވަނެވެ. ދުރުގައި ހުރީ ލަމިޔާ އެވެ. ނަމަވެސް އެ މަންޒަރު ފެނުނީ ބަޝީރަށް އެކަންޏެވެ.

"ނަސީބެއްނު ސަލާމަތްވިކަން. އަހަރެންނަށް ނޭނގުނު ވީ ގޮތެއް ވެސް މި ހަބަރު ލިބުނީމަ،" ސަކީބާ ދެރަވެފައި ބުންޏެވެ.

މަށާ ކުޅެން ނުހަދާތި. ދެން ތިއަށް ވުރެ ބޮޑުވަރު ވެދާނެ،" ލަމިޔާ ބުނި އެއްޗެއް އަޑު އިވުނީ ބަޝީރަށް އެކަންޏެވެ.

"ދަރިފުޅާ ކޮބާތަ ލަމިޔާ؟" ޖުމާހު ގާތުގައި ސަކީބާ އަހައިލި އެވެ.

"ފިހާރައަށް ދިޔައީ. ބުނި ދޮންބެއަށް މޭވާކޮޅެއް ހިފައިގެން އެބަ އަންނަމޭ،" ޖުމާހު ބުންޏެވެ. ބަޝީރަށް ލަމިޔާ ފެންނަން ހުއްޓަސް އެ ވާހަކަ އެއްވެސް މީހެއް ގާތުގައި ބުނެވޭކަށް ނެތެވެ. އެ ވަގުތު އެހެން އިހުސާސެއްވި އެވެ. ބަޝީރުގެ ކޮނޑަށް އެރި ތަދު ފިލި އެވެ. އެކަމަށް ލުޔެއް ލިބުނެވެ.

ދަންވަރު ބާރަޖެހި ވަގުތެވެ. ޖޫލިއަސް އިނީ އުނިމާ ގަހަކަށް އަރާފައިވާ ވެލަނބުލި ވެޔޮގަނޑެއްގެ މަތީގައި އޭގެ އޮށްތައް ކާށެވެ. އެއީ ޖުމާހުމެން ދިރިއުޅޭ ރަށާ ވަރަށް ކައިރީގައި އޮންނަ ފަޅު ރަށެކެވެ. އެއީ ޖިންނިޝައިތާނުން ވަރަށް ގިނައިން އުޅޭ ރަށެކެވެ. އެންމެ ގިނައިން އުޅެނީ ޒުޒުލާ ދަރިފަސްކޮޅުގެ އަހުލުވެރިންނެވެ. އެ ގަބީލާއަކީ ވަރަށް ވަރުގަދަ ޝައިތާނުންތަކެއްގެ ގަބީލާއެކެވެ. ގިނައިން ދިރިއުޅެނީ ބިމުއަޑީގައި ހޮހޮޅަ ހަދައިގެންނެވެ. ނަމަވެސް ވަކި މޫސުމަކަށް ބިމުން މައްޗަށް އަރައި ގަސްތަކުގެ ތެރޭގައި އުޅެމުންދެ އެވެ. އާންމުކޮށް ހުންނަނީ ބޮލު މެދުގައި ދެ ފޫޓެއްހާ ދިގު އެންމެ ދަޅެއް ފަޅާފަ އެވެ. ނޭފަތް އިންނަނީ ދިގުކޮށެވެ. ގިނަ ދަތް ހުންނަނީ އަނގައިން ބޭރަށް ނުކުމެފަ އެވެ. ޖޫލިއަސް އިނީ އޭގެ ތެރެއިން ޖިންނިއެއްގެ އިންތިޒާރުގަ އެވެ.

"ކީއްވެތަ އެހާ ލަސްވީ؟" ޖޫލިއަސް އެހި އެވެ. ކިނބުލެއް ކަހަލަ ސިފައެއްގައި އޮތް އެތި އިންސާނެއްގެ ސިފައަށް ބަދަލުވި އެވެ. އަނދިރިއަށް ވުރެ ކަޅު ވަރަށް ކުޑަކުއްޖަކަށެވެ. ހީވަނީ ފަސް އަހަރުގެ ކުއްޖެއް ހެންނެވެ.

"ލަސްތަ؟ އަހަރެން ވަރަށް ދުރުންނޭ މި އައީ،" އޭނާ ބުންޏެވެ. ނަމަކީ ކީލް އެވެ.

"މަ ބުނި ކަންތައް ވާނެތަ؟" ޖޫލިއަސް އަތުގައި ހުރި ވެލަނބުލި އޮށްތައް ބިންމައްޗަށް އުކަމުން އެހި އެވެ.

"ވާނެ. އެކަމަކު އެއީ ކުޑަ ކަމެއް ނޫނޭ. ކަލޭ ބޭނުންވަނީ އޭނައާ ހަނގުރާމަ ކުރަންތަ؟" ކީލް ބުންޏެވެ. ޖޫލިއަސްއަކަށް ޖަވާބެއް ނުދެވުނެވެ.

"ކަލޭ ހަނދާނެއް ނެތް ދޯ އެއީ ކާކު ކަމެއް؟" އަނެއްކާވެސް ކީލް ސުވާލު ކުރި އެވެ.

"މަ ހަނދާން އެބަ ހުއްޓޭ. ކާކުތަ ހަނދާންނެތިގެން މި އުޅެނީ؟ އޭނައެއްނު." ހިތްހަމަނުޖެހިފައި ޖޫލިއަސް ބުންޏެވެ.

"އޭނައޭ؟"

"އާނ. އޭނަ. ދެން ކީކޭތަ ބުނަންވީ؟ އަހަރުމެން މިއީ އެއްވެސް ބައެއް ނޫން. ބައެއް ފަހަރަށް ހިތަށް އަރާ އެ ޖުމާހު ނިދާފައި އޮއްވައި ކަރުގައި ހިފާފައި މަރާލާފާނަމޭ،" ދަތްކުނޑިވިކައިގަންނަމުން ޖޫލިއަސް ބުންޏެވެ. އަދި އަތުގައި ހުރި އޮށްތައް ފިތާލި އެވެ.

ޖުމާހު އޮތީ ގަދަ ނިދީގަ އެވެ. ޖުމާހުގެ ހަށިގަނޑު މަތީގައި ގުދަށް އޮތީ އެހެން މަހުލޫގެކެވެ. އެ ސޮރު އެހެން އޮތް އިރު ބުރަކަށި ސީލިންގުގައި ޖެހެ އެވެ. ޖުމާހުގެ މޫނާއި މޫނު ޖެހޭ ހިސާބުގައި އޮތް އެތީގެ އަޑު ވައްތަރީ ސިންގާއެއްގެ އަޑާ އެވެ. ސިންގާ ހޭރޭ އިރު ގޮވާ ކަހަލަ އަޑެއް އޭތި ލައްވަމުން ދިޔަ އެވެ. ހަށިގަނޑު ހިމަދިގެވެ. ދެ އަތް އޮތީ ތަޅުންގަނޑުގައި ޖެހިފަ އެވެ. ބޯ ވަށްވެފައި ވަރަށް ކުޑަ އެވެ. ނަމަވެސް އަނގަ ވަރަށް ބޮޑެވެ. އޭގެ އަނގަ ހުޅުވާލާފައި ޖުމާހުގެ ބޮލާ ދިމާލަށް ކައިރިކޮށްލި އެވެ. ސިއްސައިގެން ގޮއްސައި ލަމިޔާއަށް ހޭލެވުނެވެ. އަދި ޖުމާހަށް ބަލާލި އެވެ. އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. ޖުމާހު އޮތީ ނިދާފަ އެވެ. ވަށައިގެން ކޮޓަރި ތެރެއަށް ނަޒަރު ހިންގާލި އެވެ. އޭރު ކަޅު ހިޔަނި ފާރުތެރެއަށް ފޭދިގެން ދަނީ އެވެ.

ލަމިޔާ ހިތަށް އެރި އެވެ. މިއީ ނައިސް ނުދާނެ ދުވަހެކެވެ. ކުރިން ވެސް މިކަން އެނގި ހުރެ މި ވަރުގެ ކަމެއް ލަމިޔާ ކުރީ ހުރިހާ ކަމަކާ ކުރިމަތިލާން ހިތްވަރުކޮށްގެންނެވެ. ނަމަވެސް ލަމިޔާގެ ސަބަބުން ޖުމާހަށް ގެއްލުމެއް ވާކަށް ނޭދެ އެވެ. ލަމިޔާ ބޮލުގައި އަތް އަޅާ ބާރުކޮށްލި އެވެ. ޖުމާހު ފުރޮޅިލި ވަގުތު ހޭލެވުނެވެ.

"ކިހިނެއްވީ؟" ލަމިޔާ ގާތުގައި ޖުމާހު އަހައިލި އެވެ. "ބޮލުގައި ރިއްސަނީތަ؟"

"ބިރުވެރި ހުވަފެނެއް ފެނުނީ،" ތެދުވެގެން ފާހާނާއާ ދިމާލަށް ހިނގައިގަންނަމުން ލަމިޔާ ބުންޏެވެ.

"އިހަށް މަޑުކޮށްބަލަ. އަހަރެން އެބައޮތޭ ވާހަކައެއް އަހަން،" ލަމިޔާގެ އަތުގައި ހިފަމުން ޖުމާހު ބުންޏެވެ. "ކޮބާ ލަމިޔާގެ މަންމަ؟ މެރީ ކުރި ރޭ ވެސް އަންނާނޭ ބުނި. އަހަރެން މި ހުންނަނީ އެ ވާހަކަ އަހާލަން ހަނދާން ނެތިފައި."

ލަމިޔާގެ ދުލުގައި ތަޅެއް ލެވުނެވެ. ދޮގުހެދުމަކީ ޖިންނިޝައިތާނުން ނިކަން ކުރާ ހިތުން ކުރާ ކަމެކެވެ. މީހުންނަށް އޮޅުވާލައި ހަގީގަތް ސިއްރުކޮށް ހެދުމަކީ އެ ސޮރުމެން އާންމުކޮށް ކުރާ ކަންކަމެވެ. އިންސާނުންގެ ވިސްނުމާ ކުޅެ ކުރީގެ ހަނދާންތައް ތިލަ ކޮށްދިނުމަކީ ވެސް އެވެރިން ކުރުވާ ކަމެކެވެ. ހަމަ އެ ގޮތަށް ކަންކަން ހަނދާން ނައްތުވާލުމަކީ ވެސް ޖިންނިން ކުރުވާ ކަމެކެވެ. މިހާ ދުވަހު ޖުމާހު އެ ފަދަ ސުވާލެއް ނުކޮށް ހުރީ ޖުމާހުގެ ވިސްނުމާއި ސިކުނޑީގައި ލަމިޔާ ރަނގަޅަށް ވަކި ހިއްޕާލާފައި ހުރުމުންނެވެ. ނަމަވެސް ކުއްލިއަކަށް ޖުމާހު އެހެން އެހުމުން ލަމިޔާއަށް ދޭނެ ވަކި ޖަވާބެއް ނޭނގުނެވެ.

"ލަމިޔާ؟" ޖުމާހު ގޮވައިލި އެވެ.

"މަންމަ ދޯ. މަންމަ ވީ ވަރަށް ދުރު ރަށަކަށް ގޮސް،" އެ ވަގުތު ހިޔާލަށް އައި ގޮތަށް ލަމިޔާ ބުންޏެވެ.

"އަހަރެން ބޭނުން މަންމައާ ބައްދަލުކޮށްލަން. މިހާ ދުވަސް ވީއިރު ލަމިޔާ ފެމިލީގެ އެއްވެސް މީހަކު އަހަރެން ނުދެކެން،" ވިސްނާލަމުން ޖުމާހު ބުންޏެވެ. ލަމިޔާ ހިތަށް އެރި އެވެ. ޖުމާހަށް ކޮންމެވެސް ކަމެއް ވެއްޖެ އެވެ. އެހެންޏާ ނުދައްކާ ކަހަލަ ވާހަކަތަކެއް މިރޭ ދައްކާތީ އެވެ.

ލަމިޔާ އިންތިޒާރު ކުރަމުން ދިޔައީ ޖުމާހު ނިދާނެ ވަގުތަށެވެ. އެ ވަގުތު ޖެހުނެވެ. ލަމިޔާ ކޮޓަރިން ބޭރަށް ނުކުތެވެ. އަދި ގެއިން ނުކުމެގެން ހޮސްޕިޓަލާ ދިމާލަށް އުދުއްސައިގަތެވެ.

- ނުނިމޭ -

އިތުރު ވާހަކަ

ކޮމެންޓް (3)

ޙަސަނަ

1 އޭޕްރީލު 2024
ފޫހި. ނިންމަން އުޅޭ
1 2

ފާތި

1 އޭޕްރީލު 2024
@ޙަސަނަ ފޫހި ވަންޏާ ނުކިޔާބަލަ
3 0

މޫނިމާ

1 އޭޕްރީލު 2024
@ޙަސަނަ ކާކު ބުނީ ކިޔާށޭ؟ އަވަހަށް ކިޔުން ހުއްޓާލާ
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް