ވާހަކަ: ވިގަނި

ވާހަކަ

ވާހަކަ: ވިގަނި - އެކާވީސްވަނަ ބައި

31 މާރިޗު 2024

އެޕިސޯޑް 21

އެންމެ ފަހުން ދަންވަރު ދޭއް ޖެހި އިރު ވެސް ލަމިޔާ ނުނިކުތުމުން، ބަޝީރު ގެއަށް ދާން ހިނގައިގަތެވެ. ކުއްލިއަކަށް ހުއްޓުނެވެ. ހިތައް އެރި އެވެ. ލަމިޔާ އެހާ ގިނަ އިރު އެ ގޭގައި ކީއްކުރަނީ ބާވަ އެވެ؟ ބަލައިލަން ދާންވީ ހެއްޔެވެ؟ ދެވަނަ ސިކުންތުގައި ހިޔާލު ބަދަލުވި އެވެ. އެ ގެއަށް ވަދެ އުޅެނިކޮށް މީހަކަށް ފެނިދާނެ އެވެ. އޭރުން ކަންތައް ގޯސްވާނެ އެވެ. ޖީބުން ފޯނު ނެގުމަށް ފަހު ނަންބަރުތަކަށް ފިތާލި އެވެ. އެކޮޅުން ފޯނު ރިންގުވެ އެވެ. ނަމަވެސް ފޯނެއް ނުނެގި އެވެ. އަނެއްކާވެސް ގުޅި އެވެ. ކެނޑެންދެން ހުއްޓެވެ. ތިންވަނަ ފަހަރު ގުޅުމުން ފޯނު ނެގި އެވެ.

"ދޮންބެ މި ގަޑީގައި؟" ނިދިއަރާފައިވާ އަޑަކުން ސަކީބާ އެހި އެވެ.

"މާ ގިނަ ސުވާލުނުކޮށް މަ ބުނާ ކަމެއް ކޮށްބަލަ،" ވަރަށް އަވަސް އަވަހަށް ބަޝީރު ވާހަކަ ދެއްކި އެވެ. "ދޭބަލަ ކޮޓަރީގައި ލަމިޔާ އޮތްތޯ ބަލާލަން."

"އޭނ؟ މިހާ ދަންވަރު. އަހަރެން ކިހިނެއް އެއެއް ބަލާނީ؟" ސަކީބާގެ ލޮލުން ނިދި ފިލި އެވެ.

"ދޭބަލަ ދެން. ކޮންމެވެސް އެއްޗެކޭ ކިޔާފައި ޖުމާހަށް ގޮވާ. އަހަރެން ނުބުންޏަސް ސަކީބާއަށް އެނގޭނެ ބުނާނެ އެއްޗެއް. ލަސްނުކޮށް ދޭ. ބަލާފައި އަހަރެންނަށް ގުޅާތި،" ބަޝީރު ފޯނު ކަނޑައިލި އެވެ.

ސަކީބާ އިރުކޮޅަކު ވިސްނަން އިނެވެ. އަދި ހިތަށް އެރި އެވެ. ޖުމާހަށް ގޮވާނީ ކީކޭ ކިޔާފައި ހެއްޔެވެ؟ ދޮންބެ ވެސް ހަވާލު ކުރާނީ އެއްވަރުގެ ކަންތަކެވެ. ނުކޮށް ވާކަށް ވެސް ނެތެވެ. ކުރެވޭނެ ގޮތެއް ވެސް ނޭނގުނެވެ. ސަކީބާ އެނދުން ތެދުވެގެން ކޮޓަރިން ބޭރަށް ނުކުތެވެ. އަދި ދެތިން ފަހަރަކު ޖުމާހުގެ ކޮޓަރީގައި ޓަކި ޖެހި އެވެ.

"ދަރިފުޅާ، ދަރިފުޅާ ޖުމާހު" ސަކީބާ ގޮވާލި އެވެ. ދޮރެއް ނުހުޅުވި އެވެ. އަނެއްކާވެސް ގޮވާލިއެވެ. އެ ވަގުތު ކޮޓަރި ހުޅުވި އެވެ.

"ކީކޭ މަންމާ،" ލޯ އުނގުޅަމުން ޖުމާހު ސަކީބާއަށް ބަލާލި އެވެ.

"މަންމަ މި އުޅެނީ ވަރަށް ބޮޑަށް ބޮލުގައި ރިއްސާތީ ނުނިދިގެން. ނެތްތަ ޕެނަޑޯލް ގުޅައެއް؟" ސަކީބާ ވިސްނުމަށް އައި ގޮތަށް ހެދި އެވެ.

"ހުންނާނެ. މި ގެންނަނީ،" އާ ފުރެމުން ޖުމާހު ކޮޓަރިތެރެއަށް ހިނގައިގަތެވެ. އެ ވަގުތު ސަކީބާ ކޮޓަރި ދޮރު ކުޑަކޮށް ހުޅުވާލި އެވެ. އެނދުގައި ނިދާފައި އޮތް ލަމިޔާ ސަކީބާއަށް ފެނުނެވެ.

ޕެނަޑޯލް ކާޑް ހިފައިގެން ސަކީބާ ކޮޓަރިއަށް އަ އެވެ. އަދި ބަޝީރަށް ގުޅި އެވެ.

"އޭނަ އެބަ އޮތް ނިދާފައި. ދެން ބުނެބަލަ، ކިހިނެއްތަ ވީ؟" ހާސްވެފައި ސަކީބާ އެހި އެވެ.

"ސަކީބާއަށް ހަމަ ރަނގަޅަށް އޭނަ ފެނުނުތަ؟" އިތުރަށް ޔަގީން ކުރުމަށް ބަޝީރު އެހި އެވެ.

"ބަލަ އާނއެކޭ. އަހަރެން ދެ ލޮލުން ދެކެފައި މި އައީ،" ސަކީބާ ބުންޏެވެ.

"ދިމާވީމަ ކިޔައިދޭނަން،" ބަޝީރު ފޯނު ބާއްވަމުން ބުންޏެވެ. އަދި ވިސްނާލި އެވެ. އެހެންވާނީ ކިހިނެއް ހެއްޔެވެ؟ ބަޝީރު އެ ހުރިހާ އިރު ހުރީ ނާޒިމާމެންގޭ ދޮރާށި ފެންނަ ހިސާބުގަ އެވެ. ބަޝީރު ހުރި ދިމާލުން އޭނައަށް ނުފެނި ލަމިޔާއަކަށް ނުނިކުމެވޭނެ އެވެ.

ގެއަށް ވަދެފައި ބަޝީރު ގެންގުޅޭ ފޮތްތައް ހުޅުވާލި އެވެ. އަދި ބައެއް ކަހަލަ އެއްޗެހި ކިޔަވަން ފެށި އެވެ. ހޯދަން ބޭނުންވި ބައެއް މައުލޫމާތާއި އެނގެން ބޭނުންވި ބައެއް އެއްޗެހި ކިޔާލި އެވެ. ފޯނުގައި އިން ޖުމާހުގެ ފޮޓޯއަށް ވެސް ބަލާލި އެވެ. ފަތިސްވަންދެން ބަޝީރު އިނީ އެކަމުގަ އެވެ. ކަމުގެ ހަގީގަތް އެނގެންދެން ބަޝީރު ބޭނުންވީ ކުރިއަށް ދާށެވެ.

ފިހާރައިން ރަހުމާ ނުކުތީ ގެއަށް ބޭނުންވާ ބައެއް އެއްޗެހި ގަނެގެންނެވެ. ވަރަށް ބާރަށް ހިނގަމުން ރަހުމާ ދިޔައީ ވިއްސާރަ އަންނަން އުޅޭ ކަމުގެ ސިގްނަލް ހަތަރު ފަރާތުން ފެންނަމުން ދާތީ އެވެ. ރަހުމާގެ ހިނގުން ހުއްޓުނީ ކުރިމައްޗަށް މީހަކު އެރުމުންނެވެ. ރަހުމާ އިސްއުފުލާލި އެވެ.

"މަޑުކޮށްބަލަ،" ރަހުމާ ހިނގައިގަތުމުން ޒިލާލު ބުންޏެވެ. "ކީއްވެތަ އަހަރެން ދެކެ ރުޅި އައިސްގެން ތި އުޅެނީ؟"

"ޒިލާލަށް ހަމަ ނޭނގިގެންތަ ތި އުޅެނީ؟" ރަހުމާ ލޮލަށް ޖަމާވި ކަރުނަތައް ހިންދާލަމުން ބުންޏެވެ.

"އާނ. ތިގެއަށް އަހަރެން ދިޔަ ދުވަހު ރަހޫ ދުވަމުން ކޮޓަރިއަށް ދިޔައީނު. އަހަރެން ދެއްކި އެއްވެސް ވާހަކައެއް އަޑު އިވުނު ހެންނެއް ހިއެއްނުވޭ،" ދެ މީހުން ދެއްކީ ދެ ވާހަކަ އެވެ. ރަހުމާއާ އެ ދުވަހު ވާހަކަ ދެއްކީ ޖޫލިއަސް އެވެ. ނަމަވެސް އެކަމެއް ދެ މީހުން ކުރެ އެކަކަށް ވެސް ނޭނގެ އެވެ.

"އެހެންތަ؟ ޒިލާލަކީ ދޮގު ހަދާ މީހެއް ކަމެއް އަހަރެން ނުދެނަހުރިން،" ހިތުގައި ޖެހިފައި ހުރި ރަހުމާ ބުންޏެވެ.

"އަޅެ އަހަރެން ކޮން ދޮގެއްތަ ހެދީ؟" ޒިލާލަށް ވާނުވާއެއް ނޭނގުނެވެ.

"ނޭނގެ މަށަކަށް،" ރަހުމާ ހިނގައިގަތެވެ.

"މިރޭ އަހަރެން އިންތިޒާރު ކުރާނަން. ހަމަ އެތަނުގައި، އެ ގަޑިއަށް،" ޒިލާލު ބުންޏެވެ. "ރަހޫ އަންނާނެކަން ޔަގީން." ރަހުމާ އެއްވެސް އެއްޗެއް ނުބުނެ ގެއާ ދިމާލަށް ދިޔަ އެވެ.

ސަކީބާ އިންތިޒާރު ކުރަމުން ދިޔައީ ބަޝީރު ގުޅާނެ ނުވަތަ ބައްދަލުވާނެ ވަގުތަކަށެވެ. ސިކުނޑިއަށް ބަރުބޮޑުވަމުން ދިޔަ ސުވާލުތަކުގެ ޖަވާބު ބޭނުންވާތީ އެވެ. ގޭތެރޭގައި ދެ ކޮޅަށް ހިނގާލަހިނގާލައި ހުއްޓާ ރަހުމާ އައިސް ވަނެވެ.

"މަންމާ، ހާދަ ހާސްވެފައި،" ގެނައި ކޮތަޅުތައް މޭޒުމަތީގައި ބަހައްޓަމުން ރަހުމާ ބުންޏެވެ.

"ހާހެއް ނުވޭ. ދޮންބެއަށް ނުގުޅިގެން މި އުޅެނީ،" ހިނިތުންވާން މަސައްކަތް ކުރަމުން ސަކީބާ ބުންޏެވެ. އެ ވަގުތު ސަކީބާއަށް ފޯނެއް އަ އެވެ. ގުޅީ ބަޝީރެވެ. ވަގުތުން ފޯނު ހިފައިގެން ސަކީބާ ގެއިން ނުކުތެވެ.

ފަޔަށް ބާރުލާފައި ސަކީބާ ހިނގަމުން ދިޔަ އެވެ. އޭރު މަޑުމަޑުން ވާރޭ ކަނިކަނި ލަ އެވެ. ބަޝީރު ބުނީ އެ ގެއަށް އައުމަށެވެ. ސަކީބާއަށް ގޮސް ގެއަށް ވަދެވުނު އިރު ވިއްސާރަ ބޯކޮށްލައިފި އެވެ. ކޮންމެވެސް ވަރަކަށް ސަކީބާ ތެމުނެވެ. ހެދުން ފޮޅަމުން ގޭތެރެއަށް ވަނެވެ. ބަޝީރު ނުކުތީ ކޮޓަރިންނެވެ. ދެ މީހުން އެކުގައި ސޯފާގައި އިށީނެވެ. ބަޝީރު ބަލައިލީ ސަކީބާގެ މޫނަށެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ ސުވާލު ފުންޏެކެވެ. ނަމަވެސް ވާހަކަ ފަށާނެ ގޮތެއް ބަޝީރަކަށް ނުވިސްނުނެވެ. ސަކީބާއަށް ފެންނަމުން ދިޔައީ ހާސްވެފައި އިން ބަޝީރެވެ. އެހެންޏާ ނުފެންނަ ގޮތަކަށެވެ. ދެ މީހުން ވެސް ތިބީ އަނެކަކު ވާހަކަ ދައްކަން ފަށާނެ ކަމަށް އުންމީދު ކޮށްގެންނެވެ.

"ދެން ކޮންމެވެސް އެއްޗެއް ބުނަން ވެއްޖެއެއްނު،" އެންމެ ފަހުން ނީނދެވިގެން ސަކީބާ ބުންޏެވެ.

"އަހަރެން މި އިންނަނީ ފަށާނެ ގޮތެއް ނޭނގިފައި،" ބަޝީރު ބުންޏެވެ.

"ކޯއްޗެއް ފަށާނެ ގޮތެއް؟" ސަކީބާ އެހި އެވެ. ދެ މީހުން ދައްކަމުން ދިޔަ ވާހަކަ އަޑު އަހަން ރަހުމާ ހުރީ ކުޑަދޮރު ކައިރީގަ އެވެ. ސަކީބާ ނުކުމެގެން ދިޔަ ގޮތުން ރަހުމާ ބޭނުންވީ ވެގެން އުޅޭ ގޮތެއް ބަލާށެވެ.

"އަހަރެން ބުނާ އެއްޗަކުން ސަކީބާ ރުޅި ވެސް އައިސްދާނެ،" ބަޝީރު ބުންޏެވެ.

"އަޖައިބެކޭ. ބުނީމައެއްނު އެނގޭނީ ރުޅި އަންނާނެ ކަމެއް ވެސް،" ސަކީބާ ފޫހިވި އެވެ.

"ޖުމާހުއާ އެ ލަމިޔާ ދުރުކުރުވާ،" ބަޝީރު އެންމެ ފަހުން ބުންޏެވެ.

"އެ ކީއްވެ؟ ލަމިޔާ ކީއްކުރީ؟" ސުވާލަކަށް ފަހު ސުވާލެއް ސަކީބާ ކުރަމުން ދިޔަ އެވެ. "ދޮންބެ ތި ބުނަނީ އެއްބައޭ."

"އަހަރެން ނެތިން މާ ގިނަ ވާހަކަ ދައްކާކަށް. ދުރުކުރެވެން އޮތް ގޮތަކުން އެ ދެ މީހުން ޖެހޭނީ ދުރުކުރަން. ސަކީބާއަކަށް ނޭނގޭނެ މި ވެގެން އުޅޭ ގޮތެއް،" ދެ އަތް ދެ އަތަށް އުނގުޅަމުން ބަޝީރު ބުންޏެވެ.

"ދަންބެރަށް ވުރެ ތަގުޑި ދިގުނުކޮށް ބުނެބަލަ. ވެގެން އުޅޭ ގޮތް އެނގޭނީ ބުނީމައޭ،" ހިތްހަމަނުޖެހިފައި ސަކީބާ ބުންޏެވެ. "ތިހެން ހަމަ ބުނާ އިރު ވެސް ދޮންބެއަށް އެނގޭނެ ތިއީ ފަސޭހަ ކަމެއް ނޫންކަން."

"އެނގެއޭ. އެކަމަކު އެކަން އެންމެ ފަސޭހައިން ވާނީ ވެސް ސަކީބާއަށް. ކޮންމެ ގޮތެއް ހަދާފައި ވެސް އެކަން ޖެހޭނީ ކުރަން،" ބަޝީރު ގޮނޑިން ތެދުވި އެވެ.

"އެކަމަކުވާ. ކީއްވެހޭ؟ ސަބަބެއް އޮންނާނެއެއްނު."

"ސަކީބާ ބުނީމެއްނު އެ ލަމިޔާގެ ހަގީގަތް ވެސް ވެއްޖޭ ބަލަން. އަހަރެން ބަލައިފީމޭ،" ބަޝީރު ބުންޏެވެ.

"ދެން؟" ސަކީބާ އެހި އެވެ.

"އޭނަ... އޭނައަކީ..." އެ ވަގުތު ވަރަށް ގަދައަށް ވިދާލި އެވެ. މުޅި ގޭތެރެ އަލި ވެގެން ދިޔައެވެ. އަދި ވަރަށް ބާރަށް ގުގުރިއެއް ޖެހި އެވެ. ބަޝީރު ދިޔައީ ސިއްސައިގެންނެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް