ވާހަކަ: ވިގަނި

ވާހަކަ

ވާހަކަ: ވިގަނި - ވިހިވަނަ ބައި

30 މާރިޗު 2024

އެޕިސޯޑް 20 

އެ މަންޒަރު ބަލަން ދުރުގައި ޖޫލިއަސް ހުއްޓެވެ. ކެތްނުވެގެން އެ ދިމާލަށް ދުއްވައިގަތެވެ. ޖޫލިއަސް ހުއްޓުނީ އަލައިނާ، ޖޫލިއަސްގެ ކުރިމައްޗަށް އެރުމުންނެވެ. ޖޫލިއަސްގެ އަތުގައި އަލައިނާ ހިފެހެއްޓި އެވެ. އަދި ލޮލުގެ އިޝާރާތުން އެތަނުން ދިޔުމަށް ބުންޏެވެ. ލަމިޔާގެ ފަހަތުގައި ކުޅެވެމުން ދިޔަ ކުޅިވަރު ލަމިޔާއަށް އެނގެ އެވެ. ނަމަވެސް ނޭނގޭ ކަމަށް، ނުފެންނަ ކަމަށް ހަދައިގެން އިނީ އެވެ. ރަނގަޅު ދަނޑިވަޅު އައުމުން އެކަމާ ވެސް ލަމިޔާ ކުރިމަތިލާނެ އެވެ. 

ގަސްތަކުގެ ތެރެއިން ހޯލިގަނޑެއް ބިންދައިގެން ދިޔަ އަޑު ޖުމާހަށް އިވުނެވެ. ވަގުތުން ފަހަތް ބަލާލި އެވެ. އޭރު ރުކެއްގެ ނިވަލުގައި މީހަކު ހުރިހެން ޖުމާހަށް ހީވި އެވެ. ފެންނަން ހުރީ އެ މީހެއްގެ އެއް ފަރާތެވެ. ދެ ލޯ ކުޑަކޮށްލާފައި ޖުމާހު ނިކަން ރަނގަޅަށް އެ ދިމާލަށް ބަލާލާފައި ތެދުވި އެވެ. ފަހަތުން ލަމިޔާ ވެސް ތެދުވި އެވެ. އަދި ޖުމާހުގެ އަތުގައި ހިފެހެއްޓި އެވެ. 

"ކޮންތާކަށް؟" ލަމިޔާ އަހާލި އެވެ. 

"މަޑުކޮށްބަލަ. އެބަ އަންނަން،" ހިނގައިގަންނަމުން ޖުމާހު ބުންޏެވެ. ވަރަށް މަޑުމަޑުން ރުކާ ކައިރިވަމުން ދިޔަ އެވެ. އެ މީހަކު ގުޑައިވެސްނުލައި އެތަނުގައި ހުއްޓެވެ. 

"ކާކު؟" ޖުމާހު ބާރަށް ބުންޏެވެ. "ފިލައި ހުރެގެން ކޯއްޗެއް ތި ބަލަނީ؟" 

ރުކުގެ ނިވަލުގައި ހުރި މީހާ ޖުމާހަށް ބަލާލި އެވެ. އެއީ ދަންނަ މީހެއްހެން ޖުމާހަށް ހީވި އެވެ. އަނދިރިކަމުގެ ތެރެއިން ވެސް އެ ވަރު ދަނެގަނެވެ އެވެ. ވީހާ ވެސް ކައިރިއަށް ޖުމާހު ދިޔަ އެވެ. ބަޝީރު ފެނުމުން ޖުމާހު ހައިރާންވި އެވެ. 

"ދޮންބެ؟" ދެ ލޯ ބޮޑުކޮށްލާފައި ޖުމާހަށް ބުނެވުނެވެ. އެ ވަގުތު އެ މީހާ ގަސްތަކުގެ ތެރެއަށް ވަދެގެން ދިޔަ އެވެ. ފަހަތުން ދާކަށް ޖުމާހު ނޫޅުނެވެ. 

"އަހަރެން ބުނީމެއްނު،" ޖުމާހު ގާތަށް އައިސް ހުއްޓެމުން ލަމިޔާ ބުންޏެވެ. 

ޒިލާލު ކަންބޮޑުވެފައި ހުރީ ރަހުމާއާ ބައްދަލު ނުވެގެންނެވެ. ކުރީ ދުވަހު ވީ ކީއް ކަމެއް ނޭނގުނެވެ. ރަހުމާއަށް ގުޅީމައި ފޯނު އޮންނަނީ ނިއްވާލާފަ އެވެ. ގެއަށް ދާކަށް ނުކެރުނެވެ. ރަހުމާ ހުރީ ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިފައިކަން ޒިލާލަށް ޔަގީނެވެ. ނަމަވެސް ކޮން ކަމަކާ ކަމެއް ނުވިސްނުނެވެ. ޒިލާލު އިނީ އާންމުކޮށް އެ ދެ މީހުން ތިބޭ ޖޯލިފަތީގަ އެވެ. އެ ސަރަހައްދުގައި ވަރަށް ގިނަ ގަސްތައް ހެދިފައި އޮވެ އެވެ. ބޯކެޔޮގަހާއި މިދިލިގަހެވެ. ކާނި ގަހާއި ހިރުނދު ގަހެވެ. ޒިލާލު އިން ދިމާ ވަރަށް އަނދިރި އެވެ. ގަޑިން ރޭގަނޑު ބާރަ ޖަހަނީ އެވެ. ލޯބިވެރިޔާގެ ހަނދާނުގައި ވަގުތުތައް ގުނުމަކީ ކިހާ ހިތްދަތި ކަމެއް ހެއްޔެވެ؟ ދެ މީހުން އެކުގައި ހޭދަ ކުރި އުފާވެރި ދުވަސްތައް ހަނދާންވުމުން ލޮލުން ކަރުނަ ހިލުނެވެ. ހިޔާލުތެރޭގައި ފަތަމުން ދަނިކޮށް ޒިލާލަށް ހޯނު ޓައް ކަނޑާ އަޑު އިވުނެވެ. ޒިލާލު ހިތަށް އެރި އެވެ. ހޯނު ވެސް އެ ބުނީ ތެދެކެވެ. ދެން އިވުނީ ރަފީގު ގޮވާ އަޑެވެ. އެއަށް ފަހު އިވުނީ ހާ ގޮވާ އަޑެވެ. އެ އަޑު ކަންފަތުގައި ޖެހުމާ އެކު ހިތަށް ނުތަނަވަސްކަން ވެރިވި އެވެ. ހާ ގޮވާ އަޑު އިވުނީ ފަހަތުންނެވެ. އެ ގަޑީގައި ހާ ގޮވުމަކީ ނުބައި ފާލެކޭ މީހުން ބުނާތީ ޒިލާލު އަހަ އެވެ. 

މަޑުމަޑުން ފަހަތް ބަލާލި އެވެ. އެ ވަގުތު އިސްކޮޅުން ތަންކޮޅެއް ކުރު މީހަކު ފެނުނެވެ. ކުޑަކުއްޖެއްހެން ވެސް ހީވެ އެވެ. ނަމަވެސް ޔަގީނެއް ނޫނެވެ. އަނދިރިކަމުން ސިފައެއް ވަތްކެއް ނުވެ އެވެ. ޒިލާލަށް ލިބުނީ ހައިރާންކަމެވެ. އެހާ ދަންގަޑިއެއްގައި އެހާ ކުޑަ ކުއްޖަކު ބޭރުތެރެއިން ފެނުމުންނެވެ. 

"ކާކު ތީ؟" ޖޯލިން ތެދުވަމުން ޒިލާލު އެހި އެވެ. "މި ގަޑީގައި މިތާ ކީއް ކުރަނީ؟" 

އޭނަ ޖަވާބެއް ނުދިނެވެ. އެތަނަކުން ނުވެސް ދިޔަ އެވެ. ހުރި ގޮތަށް ހުރީ އެވެ. ޒިލާލު އެހެން ދިމަދިމާލަށް ވެސް ބަލައިލި އެވެ. ބަޔަކު ތިބެގެން ސަމާސާއެއް ކުރަނީ ކަމަށް ހީކޮށެވެ. 

"ކާކުހޭ؟ މިއީ ތިވަރުގެ ކުދިން ނުކުމެ އުޅޭ ގަޑިއެއް ނޫން. ގެއަށް ދޭ،" ފަރުވާކުޑަ ގޮތަކަށް ޒިލާލު ބުންޏެވެ. އަދި ގެއަށް ދާން ހިނގައިގަތެވެ. ފަހަތުން މީހަކު ހިނގާ އަޑު އިވުމުން ފަހަތް ބަލާލި އެވެ. ހުރީ އެ ކުއްޖާ އެވެ. 

"ކީއްކުރަން މަ ފަހަތުން ތި އަންނަނީ؟" ހިތްހަމަނުޖެހިފައި ޒިލާލު ބުންޏެވެ. ދެން ވެސް އޭނަ ޖަވާބެއް ނުދިނެވެ. 

"ޕޮލިހަށް ގުޅަންވީތަ؟" ޒިލާލު ރުންކުރުވެފައި އެހި އެވެ. ބޭނުންވީ އެ ކުއްޖާ ބިރުގަންނަވައިލާށެވެ. 

"މަށެއް ބިރެއްނުގަނޭ ކަލޭ ތިހެން ބުންޏަސް،" ތަންކޮޅެއް ހަރު އަޑަކުން އޭނަ ބުންޏެވެ. 

"އައްދެ، ކަލޭއޭ؟ މީ ހާދަ ގޮތްކުޑަ ކުއްޖެކޭ." 

"މަ ބަލާނަން ކާކުތޯ ގޮތްކުޑައީ،" އޭނަގެ ޖަވާބު ހަރުކަށްޓެވެ. 

ޒިލާލު ހިތަށް އެރި އެވެ. މިއީ މި ރަށުގެ ކާކުގެ ދަރިއެއް ބާވަ އެވެ؟ އަނދިރިކަމުން ސިފަ ވާ ވަރު ނުވެގެން ފޯނުން އަލި ކޮށްލި އެވެ. އަލިކޮށްލުމުން ނުފެނުނެވެ. ނަމަވެސް އަލިކަން ކެނޑޭއިރަށް ފެންނަން ހުރެ އެވެ. 

"ކޮބާ ކާކުކަން އެނގިއްޖެއެއްނު. އަދި އެއް ފަހަރު ބަލާލަބަލަ،" އޭނަ ބުންޏެވެ. 

ޒިލާލު ފޯނު ދިއްލައިލި އެވެ. ނަމަވެސް ފެންނާކަށް ނެތެވެ. ވާހަކަ ދައްކާ އަޑު އިވެ އެވެ. ފޯނުގެ ލައިޓް ނިވާލުމުން އޭނަ ފެންނަން ހުއްޓެވެ. ދެން ކުއްލިއަކަށް ގެއްލުނެވެ. ޒިލާލަށް ހުރެވުނުތަން ވެސް ނޭނގުނެވެ. ދުވަމުން ކަހަލަ ގޮތަކަށް ބޮޑު މަގަށް ނުކުތެވެ. ގެއާ ދިމާލަށް ދާން ދުއްވައިގަތެވެ. ސައިކަލު މަތިން ހަނދާންވީ، ވަރަށް ދުރަށް އާދެވުނު ފަހުންނެވެ. އޭރު ގުދުވެ އޮވެ މާނޭވާ ލެވެނީ އެވެ. އަނެއްކާވެސް ދުއްވައިގަތެވެ. ގެއަށް ވަދެވުނު އިރު މީހާ ހުރީ ހުން އަންނަ ވަރު ވެފަ އެވެ. ޖޫލިއަސްއަށް އެކަން ވަރަށް މަޖާވި އެވެ. 

"މަންމާ،" ޖުމާހު ނިކަން ބާރަށް ސަކީބާއަށް ގޮވައިލި އެވެ. ޖަވާބެއް ނައުމުން އަނެއްކާވެސް ޖުމާހު ގޮވައިލި އެވެ. ސަކީބާ ނުކުތީ ކާ ކޮޓަރިންނެވެ. 

"ކިހިނެއްވީ މާ ބާރަކަށް ތި ގޮވަނީ؟" އަތް ފުހެމުން އައިސް ސޯފާގައި ސަކީބާ އިށީނެވެ. 

"ދެން އެ ބަޝީރެއް މިގެއަށް ވައްދައިގެން ނުވާނެ،" އަޑުގަދަކޮށް ޖުމާހު ބުންޏެވެ. ސަކީބާ ހައިރާންވި އެވެ. ދޮންބެގެ ނަމުން ބުނީމަ އެވެ. އެހާ ހަރުކަށިކޮށް، އަޑުގަދަކޮށް ސަކީބާއާ ވާހަކަ ދައްކާތީ އެވެ. 

"އެއީ ދޫ ވިހަ ނުބައި މީހެއް. ހިތްނުބައި މީހެއް. މީސްމީހުން ގަޔަށް ވިހަލުމަކީ އޭނަ ވަރަށް ކުރާހިތުން ކުރާ ކަންކަން. ބަޔަކު ރީތިކޮށް އުޅޭ ނަމަ އޭނައަށް ހަމަ ނޭވާ ލެވޭނީ އެ ބައެއްގެ ދިރިއުޅުން އެ ފުށްމިފުށަށް ޖަހާފައި. ހަސަދަވެރިކަމަކީ އަބަދުވެސް އޭނަ ކިބައިގައި ހުންނަ ކަމެއް،" ފައްޗަކަށް ޖުމާހު އެ ކީ އެއްޗެއްސަކީ ބަޝީރުއާ ބެހޭގޮތުން ސަކީބާ ދުވަހަކުވެސް އަޑު އެހި އެއްޗެއްސެއް ނޫނެވެ. ސަކީބާ އިނީ ހައިރާންވެ އަންތަރީސް ވެފަ އެވެ. ހީވާ ކަހަލަ އެވެ. އެއީ ޖުމާހެއް ނޫނެވެ. ކޮންމެވެސް އެހެން މީހެކެވެ. ސަކީބާއަށް ހީވީ ރަނގަޅަށެވެ. އެ ހުރިހާ އެއްޗެއް ގޮވީ ލަމިޔާ އެވެ. ޖުމާހުގެ ސިފަގައި އިނދެގެންނެވެ. ނަމަވެސް އެކަމެއް ސަކީބާއަކަށް ނޭނގެ އެވެ. 

"ދޮންބޭ. އަހަރެން ދެން ކިހިނެއް ހަދާނީ؟ ޖުމާހު ހުރީ ވަރަށް ރުޅިއައިސްފަ،" ކަންބޮޑުވެފައި ސަކީބާ ބުންޏެވެ. ދެ މީހުން ތިބީ ބަޝީރު ހުންނަ ގޭގަ އެވެ. 

"ސަކީބާ އެކަމާ ހާސްނުވޭ. އަހަރެން ކޮންމެ ގޮތެއް ހަދާފައި ވެސް ތި ކުދިން އެކަމުން ސަލާމަތް ކުރާނަން. ތިއީ ދޮންބެއަށް އާ ކަންކަމެއް ނޫނޭ. މި ކަހަލަ ކަންކަން ފަށާއިރު ނިކަން ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ،" ޔަގީންކަމާ އެކު ބަޝީރު ވާހަކަ ދައްކަމުން ދިޔަ އެވެ. "ސަކީބާ ޖެހޭނެ ނިކަން ކެތްތެރިވާން." 

"އަހަރެން އިނީ ގަބޫލުކުރަން ވެސް އުނދަގޫވެފައި. ބުނާނެ އެއްޗެއް ވެސް ނޭނގުނު،" ސަކީބާ ބުންޏެވެ. 

"އެ ސޮރު ބޮލަށް އެ އެއްޗެއް ސަވާރު ވެގެން އެ އުޅެނީ. އެހެންވެ ތި ފާޑަށް ވާހަކަ އެ ދެއްކީ." 

"އަދި ބުންޏޭ ދޮންބެ ފާރަލަނީޔޯ އެ ދެމަފިރިންނަށް. އެ މީހުން އުފަލުގައި އުޅޭތީ ހަސަދަވެރިވަނީޔޯ،" ހަނދާންކުރަމުން ސަކީބާ ބުންޏެވެ. 

"ދެން އެހެންވީމަ ތި ޖެހުނީ ފާރަލާންތާ،" ބޯ ޖަހާލަމުން ބަޝީރު ބުންޏެވެ. 

ދެ ނަމާދު ދޭތެރޭ ގަޑި އެވެ. މަގުތަކުގައި މީހުން ވަރަށް މަދެވެ. ގެއިން ނުކުތް ގޮތަށް ލަމިޔާގެ ހިނގުން ހުރީ މޫދާ ދިމާލަށެވެ. ނަމަވެސް ވަކި ހިސާބަކުން މިސްރާބު ބަދަލުކޮށްލި އެވެ. ބޮޑު މަގަށް ނުކުމެފައި ގޯޅިތައް އަޅަމުން ދިޔަ އެވެ. ފަހަތުން ބަޝީރު ވެސް ދިޔަ އެވެ. ލަމިޔާއަށް ނުފެންނަހާ ދުރުންނެވެ. ލަމިޔާ ގޮސް ވަނީ ނާޒިމާ ގެއަށެވެ. ލަމިޔާގެ އިންތިޒާރުގައި ބަޝީރު ނުވައެއް ޖަހަންދެން ހުއްޓެވެ. ދޮރާށި ހުޅުވާލިތަން ފެނުނެވެ. ނުކުންނަކީ ލަމިޔާތޯ ބަލަން ހުއްޓެވެ. ނުކުތީ ފަހުދެވެ. އަނެއްކާވެސް ބަޝީރު ނިވާވި އެވެ. ފަހުދު ނުކުމެގެން ދިޔަ ފަހުން އެތައް އިރެއް ވި އެވެ. ލަމިޔާއެއް ނުނިކުތެވެ. އެންމެ ފަހުން ދަންވަރު ދޭއް ޖެހި އިރު ވެސް ލަމިޔާ ނުނިކުތުމުން ބަޝީރު ގެއަށް ދާން ހިނގައިގަތެވެ. ކުއްލިއަކަށް ހުއްޓުނެވެ. 

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް