ވާހަކަ: ވިގަނި

ވާހަކަ

ވާހަކަ: ވިގަނި - ނަވާރަވަނަ ބައި

29 މާރިޗު 2024
2

އެޕިސޯޑް 19

ޒިލާލު ތެދުވި ގޮނޑީގައި ޖޫލިއަސް އިނެވެ. ޒިލާލުގެ ހަށިގަނޑު ތެރޭގައި މީގެ ހިނދުކޮޅެއް ކުރިން ހަރަކާތްތެރިވީ ޖޫލިއަސް އެވެ. ވީ އެއްވެސް ކަމެއް ނުވަތަ ދެކެވުނު އެއްވެސް ވާހަކައެއް ޒިލާލު ހަނދާނެއް ނެތެވެ. ރަހުމާގެ ކޮޓަރީގައި ޓަކި ޖަހަން ދާން ހިތަށް އެރި އެވެ. ނަމަވެސް ޖެހިލުންވި އެވެ. ޒިލާލަށް ފެނުނީ ރަހުމާ ރޮމުން ކޮޓަރިއަށް ވަން މަންޒަރެވެ. އެ ވަގުތު އެތަނަށް ސަކީބާއަށް އާދެވުނެވެ.

"ދައްތާ، ރަހޫއަށް ކިހިނެއްތަ ވީ؟" އަހަރެން މިތާ އިނދެގެން ވަރަށް އަހައިފިން. އެކަމަކު ވާހަކައެއް ނުދައްކާ. ދެން ރޮމުން ކޮޓަރިއަށް އެ ދިޔައީ،" ޒިލާލު ބުންޏެވެ.

"ޒިލާލް މި ގަޑީގައި ދޭ. ފަހުން އަންނާނީ،" ބުނެވޭ އެންމެ ލުއި ގޮތަކަށް ސަކީބާ ބުންޏެވެ.

ޖުމާހު އާއި ލަމިޔާ ތިބީ ކޮޓަރީގަ އެވެ. ޖުމާހު އޮތީ ފަންކާއާ ދިމާލަށް ބަލަހައްޓައިގެންނެވެ. ލަމިޔާ އޮތީ ލޯ މަރައިގެންނެވެ. ނަމަވެސް ނުނިދަ އެވެ.

"ލަމިޔާ،" ލަމިޔާ ސިއްސައިގެން ދިޔަ އެވެ. އަދި ދެލޯ ހުޅުވާލި އެވެ. ޖުމާހަކީ އަބަދުވެސް ލަމިޔާއާ "ގޮމާ"އޭ ކިޔާފައި ވާހަކަ ދައްކާ މީހެކެވެ.

"ކީއްވެ ނަމުން ތި ގޮވާލީ؟" ލަމިޔާ ބުންޏެވެ.

"ކަމެއް ނުވޭ،" ލަމިޔާއާ ދިމާލަށް އެނބުރެމުން ޖުމާހު ބުންޏެވެ. "އަހަރެން ބަލިވެ އުޅޭތީ ލަމިޔާ ފޫއްސެއް ނުވޭތަ؟"

"ފޫއްސެއްނުވޭ. ދެރަވަނީ. ތިކަމުގައި އަހަރެންނަށް ވެވޭނެ އެހީތެރިކަމެއް ނެތީމަ،" ޖުމާހުގެ މޫނުގައި ފިރުމާލަމުން ލަމިޔާ ބުންޏެވެ. "އެކަމަކު އަހަރެންނަށް ވީ ހުރިހާ ކަމެއް ކޮށްދޭނަން. ނަގަން އޮތް ހުރިހާ ހިރާހެއް ނަގާނަން."

"އެހެން ވިއްޔާ އެހެން މީހަކާ އިންނަންވީނު،" ޖުމާހަށް އެހެން ބުނެވުނީ ހަށިގަނޑުގައިވާ ހުރިހާ ބާރެއް ބޭނުންކޮށްގެންނެވެ. ތިމާގެ އަލަތު ލޯބި އެހެން މީހަކަށް ދެވޭނީ ކިހިނެއް ހެއްޔެވެ؟

"ޖުމާ ބޭނުން ވެގެންތަ ތިހެން ތި ބުނަނީ؟" ޖުމާހު ހީކުރީ ލަމިޔާ ވަރަށް ދެރަވާނެ ކަމަށެވެ. ހާސްވާނެ ކަމަށެވެ. އެތައް ސުވާލެއް އެއްފަހަރާ ކުރާނެ ކަމަށެވެ. ނަމަވެސް ލަމިޔާ އޮތީ މަޑުމަޑުންނެވެ.

"ބޭނުމެއް ނުވޭ. އެކަމަކު އަހަރެންނާ އެކު ލަމިޔާއަކަށް އުފާވެރި ލައިފެއް ނުލިބޭނެ،" ޖުމާހު ބުންޏެވެ.

"ތިއީ ޖުމާ ދެކޭ ގޮތް. ހަގީގަތެއް ނޫން. އަހަރެންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ވެސް ލިބެނީ ޖުމާގެ ފަރާތުން. ޖުމާއަކަށް ނޭނގޭނެ މި ލޯބީގެ ބާރުގަދަކަމެއް. ކޮންމެ ހަނގުރާމައެއް ކުރަން ޖެހުނަސް އަހަރެން ހުންނާނީ ޖުމާއާ އެކު،" ލަމިޔާ ދެއްކި ވާހަކައިން ޖުމާހަށް ހިތްހަމަޖެހުން ލިބުނެވެ. އެފަދަ ލޯބިވާ އަތްނބެއް ލިބޭނީ ނަސީބުވެރިއަކަށޭ ހިތަށް އެރި އެވެ.

ބަޝީރު އިނީ ގޮނޑުދޮށުގައި ތަންކޮޅެއް އެކަހެރިކޮށް ހުރި ފިނިއަށްޓެއްގަ އެވެ. ހަވީރުގަޑީގައި ކުޑަކުދިން ގޮވައިގެން އަންހެންވެރިން ނުކުމެ އުޅުނެވެ. ދުރުދުރުން އެކި އުމުރުފުރާގެ މީހުން ފެންނަމުން ދިޔަ އެވެ. ބަޝީރު އިންތިޒާރު ކުރަމުން ދިޔައީ ސަކީބާއަށެވެ. އެއް ފަހަރު ގަޑިއަށް އަނެއް ފަހަރު މަގުގެ ކޮޅަށް ބަލަމުން ދިޔަ އެވެ. ބުނެފައިވާ ގަޑި ފަހަނައަޅައި ދިޔަ ފަހުން ސަކީބާ އަ އެވެ.

"ތަންކޮޅެއް ލަސްވީ،" އިށީންނަމުން ސަކީބާ ބުންޏެވެ.

"ތަންކޮޅެއްތަ؟" ގަޑި ދައްކާލަމުން ބަޝީރު އެހި އެވެ. "މިކަހަލަ ކަންކަމުގައި ގަޑިއަށް ފަރުވާތެރިވާން ޖެހޭނެ."

ބަޝީރު ޖީބުން ދެ ތަވީދު ނަގާފައި ސަކީބާއަށް ދިނެވެ. ވަރަށް މަޑުމަޑުން ވާހަކަތަކެއް ދެކެވުނެވެ. ފިނިއަށި ހުރީ ފިލިގަހެއްގެ ދަށުގަ އެވެ. ފިލިގަހަކީ ހިޔާ ބޮޑުކޮށް ބިޔަކޮށް ހެދޭ ގަހެކެވެ. ގަހުގެ އެންމެ ތިރީ ގޮފިގަނޑުގައި އެލިގަނެގެން އޮތީ ޖޫލިއަސް އެވެ. ބަޝީރުމެން ދައްކަމުން ދިޔަ ހުރިހާ ވާހަކައެއް އަޑުއިވޭހާ ގާތުގަ އެވެ. ފިނިއަށްޓާ ތަންކޮޅެއް ދުރުގައި ލަމިޔާ ވެސް ހުއްޓެވެ.

"ކިހިނެއްވެފައި މިތާ ތި ހުންނަނީ؟" ލަމިޔާ ފެނުމުން ނާޒިމާ އަހާލި އެވެ.

"ކަމެއް ނުވޭ،" ހިނިތުންވާން މަސައްކަތް ކުރަމުން ލަމިޔާ ބުންޏެވެ. "ކޮންތާކަށް ތި ދަނީ މި ގަޑީގައި؟"

"ގެއަށް މި ދަނީ. މަންމަމެން ގެއިން މި އަންނަނީ،" ތެލުލި ރިހާކުރު ފުޅިއެއް ދައްކާލަމުން ނާޒިމާ ބުންޏެވެ. "ކާން އަންނާތި."

ނާޒިމާ ހިނގައިގަތެވެ. ލަމިޔާ އާއި ނާޒިމާ ވާހަކަ ދައްކަން ތިއްބައި ސަކީބާއަށް ފެނުނެވެ. ލަމިޔާ އަވަސް އަވަހަށް އެތަނުން ދިޔަ އެވެ. ސަކީބާގެ މޫނުމަތީ ކުލަވަރު ބަދަލުވެގެން ދިޔަ އެވެ.

"ކިހިނެއްވީ؟" ފަހަތަށް އެނބުރިފައި ބަޝީރު ބުންޏެވެ.

"މި ޖުމާހުގެ އަންހެނުން އުޅޭ ގޮތެއް ވެސް ނޭނގެ މިހާރު. ހީވަނީ ވަގެއް އުޅޭހެން. ފިލަފިލައިގެން ވެސް އުޅޭނެ. ގޭގައި އުޅޭ އިރެއް ނޫޅޭ އިރެއް ނޭނގެ،" ފޫހިވެފައި ސަކީބާ ބުންޏެވެ.

"ތިކަން ވެސް ވެއްޖެ ބަލަން. އަހަރެން ފެންނަ ހިސާބަކަށް އެ މަންޖެ ނާދޭ. އަނެއްކާ ޖުމާހު އޮންނަނީ މަނާ ކޮށްފައިތަ؟" ބަޝީރު ބުންޏެވެ.

"ކޮންތާކު. ޖުމާހު އެކަހަލަ އެއްޗެއް ނުބުނާނެ. އެ ލަމިޔާ ކިބައިގައި ހުންނަ ބޮޑާކަމާއި ކިބުރުވެރިކަމުން އުޅޭ ގޮތެއް އެއީ."

ޖުމާހު އޮތީ ލަމިޔާގެ އުނގުގައި ބޯ އަޅާލައިގެންނެވެ. އެތައް ހަނދާންތަކެއް އެތަނެއްގައި ފޮރުވިފައިވާ އެ ތުނޑިއަކީ ދެ މީހުންގެ ލޯބީގެ މައިޒާނެވެ. ވެލިގަނޑާއި ޖަހަމުން ދިޔަ މަޑު ވައިރޯޅިއަކީ އެކަމަށް ހެކިވެދޭ ހެކިވެރިންނެވެ. މެދު އުޑުގައި ފިޔަޖަމުން ދިޔަ ތަރިތަކާއި އޮއްސެމުން ދާ ހަނދަކީ ދެ ލޯބިވެރިންގެ ބައިވެރިންނެވެ.

"ޖުމާ، އަހަރެން ވަރަށް ބިރުގަނޭ ޖުމާއާ އަހަރެން ވަކިވެދާނެތީ. އަހަރެންނަށް ޖުމާއާ ނުލައި ނޫޅެވޭނެ،" ޖުމާހުގެ އިސްތަށިގަނޑުގައި ފިރުމާލަމުން ލަމިޔާ ބުންޏެވެ.

"ކީއްވެތަ ތިކަހަލަ އެއްޗެހި ކިޔަނީ؟ އަހަރެން ނޫޅެމޭ ލަމިޔާ ދޫކޮށްލާކަށް. މިތާ ހުރެ އަހަރެން ވައުދުވީމެއްނު. ހަނދާންވޭތަ؟" އޯގާތެރިކަމާ އެކު ޖުމާހު ބުންޏެވެ.

"ހަނދާންވޭ. ވަރަށް ގިނަ ކަންކަން ހަނދާންވޭ. އެކަމަކު ދެރަ ވެސް ވޭ. ހަމަ ހިތަށް އަރަނީ ދެ މީހުން ވަކިވެދާނެއޭ."

"އަހަންނަށް ހީވަނީ ލަމިޔާ ކޮންމެވެސް އެއްޗެއް ބުނަން އުޅެ ނުބުނެވިގެން އުޅޭހެން،" ލަމިޔާގެ އުނގުން ޖުމާހު ތެދުވި އެވެ.

"ޖުމާގެ ދޮންބެ އެ އަންނަނީއެއްނު. އެއީ ސިހުރު ހަދާ މީހެއް ދޯ؟" ދަނޑިވަޅުގެ ބޭނުން ލަމިޔާ ހިފި އެވެ. "އަހަރެން އެހާ ލައިކެއް ނުވޭ އޭނަ ގެއަށް އަންނާތީ."

"ސިހުރެއް ނޫން. ފަންޑިތަ. އެކަމަކު އެއީ އަހަރެން އެހާ ގަބޫލު ކުރާ ކަމެއް ނޫން. ދެން ޖިންނިން އުޅޭ ކަމަށް ގަބޫލު ކުރަން. އެއީ ގުރުއާނުގައި ވެސް އެކަން އޮންނާތީ،" ދެ ފައި ވަށްކޮށްލަމުން ޖުމާހު ބުންޏެވެ. "އޭނަ އެއީ އަހަރުމެންނަށް ވަރަށް ރަނގަޅު މީހެއް."

"އެކަމަކު އަހަރެންނަކަށް ހިއެއް ނުވޭ. މިއަދު ވެސް އަހަރެން އަޑުއެހިން މަންމަ ގާތު އޭނަ ބުނި އެއްޗެއް،" ލަމިޔާ ދޮގު ހަދަމުން ދިޔަ އެވެ.

"ކޯއްޗެއް؟" ޖަހަމުން ދިޔަ މަޅީގައި ޖުމާހު ބެދެމުން ދިޔަ އެވެ.

"ބުނީ ޖުމާހަށް ވެގެން ތިއުޅޭ ކަމަކީ އެސްފީނާއެކޯ. އަހަރެންނާ ކައިވެނި ކުރި ފަހުން ވީ ކަމެކޯ. އަހަރެންނަކީ ޖުމާގެ ބަދުނަސީބެކޯ،" ލަމިޔާ ވައްކަޅިން ޖުމާހަށް ބަލާލި އެވެ. ޖުމާހު އިނީ ރުޅި އައިސް ރަތްވެފަ އެވެ.

"އޭނައަށްތަ އެނގެނީ؟ މަންމަ ގާތު ބުނާނަން އޭނަ ދެން ގެއަށް ނުވައްދާށޭ،" ހިތްހަމަނުޖެހިފައި ޖުމާހު ބުންޏެވެ.

"އަދި ކޮންމެވެސް އެއްޗެއް ވެސް ދިން. ބުނީ ޖުމާގެ އަތުގައި އަޅާށޯ،" ލަމިޔާގެ މޫނުމަތީގައި ވަނީ މަކަރުވެރިކަމެވެ. "ދެން އެކަހަލަ އެއްޗެހި އަޅައިގެން ހަމަ އަސްލަށް ވެސް އެސްފީނާއަކަށް ވެދާނެއެއްނު."

"ހަމަ ހިލާ އެހެންވިޔަކަ ނުދޭނަން."

ވަރަށް ލޯބިން ލަމިޔާގެ އަތުގައި ޖުމާހު ބޮސްދިނެވެ. ވަގުތުން ލަމިޔާ ރަކިވި އެވެ. އަދި ހިނިތުންވެލި އެވެ. ހީވަނީ އަލަށް ބައްދަލުވި ދެ ލޯބިވެރިންހެންނެވެ.

"ހަމައެކަނި މި ލުއިލުއި ހިނިތުންވުމަށްޓަކައި ވެސް އަހަރެން މުޅި ދުނިޔެއާ ރުޅިވާން މި ހުރީ ތައްޔާރަށް،" ފުން ނޭވައެއް ބޭރުކޮށްލަމުން ޖުމާހު ބުންޏެވެ.

"ހިތަށް އަރާ ލަމިޔާ ގޮވައިގެން އަހަރެންނަށް ވަރަށް ދުރަށް ދެވޭނެ ނަމައޭ. މި އެންމެންގެ އެސްފީނާއާ މާ ދުރަށް. އަހަރުމެން ދެ މީހުން އުޅޭ ލޯބި ދިރިއުޅުން އެއްވެސް މީހަކަށް ނުފެންނަ ހިސާބަކަށް. އެ ތަނެއްގައި ލޯބި ނޫން އިތުރު އެއްޗެއް ނުވާ ތަނަކަށް. އޭރުން އަހަރެން މި އުނގުގައި ކިތަންމެ އިރަކު ވެސް އޮވެދާނަން. އޭރުން އިރުއަރާފައި އޮއްސިފައި އަލުން އިރު އަރަންދެން ވެސް އަހަރެން މި އުނގުގައި އޮވެދާނަން،" ޖުމާހުގެ ލޯބީގެ ބަސްތަކުން ލަމިޔާގެ ހިތް އުފަލުން ނަށައިގަތެވެ.

އެ މަންޒަރު ބަލަން ދުރުގައި ޖޫލިއަސް ހުއްޓެވެ. ކެތްނުވެގެން އެ ދިމާލަށް ދުއްވައިގަތެވެ.

- ނުނިމޭ -

އިތުރު ވާހަކަ

ކޮމެންޓް (2)

ޢާދަނު

29 މާރިޗު 2024
ދެ ޖިންނި އެެއްގެ ކޯޅުން މިއަށް ކިޔަންވީ
1 1

މަރިޔަނބު

29 މާރިޗު 2024
@ޢާދަނު ކޯޅެނިކޮށް އަދި ތި ނުފެންނަނީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް