ވާހަކަ: ވިގަނި

ވާހަކަ

ވާހަކަ: ވިގަނި - އަށާރަވަނަ ބައި

28 މާރިޗު 2024

އެޕިސޯޑް 18

"އަހަރެން،" އެ އަޑަށް އަލައިނާ އާއި ލަމިޔާ އެއްފަހަރާ ބަލާލި އެވެ. ލަމިޔާގެ ދެ ލޯ ބޮޑުވި އެވެ. ހައިރާންވި އެވެ.

"ކުރި ކަމެއް ކުރީ އަހަރެން. އަދިވެސް ކުރާނަން. ފުރާނަ ހުރިހާ ހިނދަކު ކުރާނަން. އަހަރެން ނުވެސް ހުއްޓުވޭނެ. ހީކުރީތަ ބޭނުން ގޮތަކަށް ކަންތައް ކޮށްފައި އަހަރުމެންނަށް ދެރަ ދެވޭނޭ. ނުވާނެ އެހެންނެއް. ތިއިން އެކަކަށް ވެސް އުފަލުގައި ނޫޅެވޭނެ،" ޖޫލިއަސްގެ އަޑުގައި ވަނީ ރުޅިވެރިކަމާއި ނަފުރަތެވެ. "އަދި ބުނަން، ތި ޖުމާހެއްގެ ދުވަސް ދުއްވާނުލައި ނޭވައެއް ނުލާނަން."

ލަމިޔާގެ ދެ ލޯ ދިއްލާލާފައި ބޮލުގައި ހުރި ދަޅުތައް ގިނަވި އެވެ. ހުރި ބޮޑުމިނަށް ވުރެ ހަ ގުނަ ބޮޑުވި އެވެ. ހަށިގަނޑުގެ އެކި ތަންތަން ގޮށްގޮށަށް ނުކުންނަން ފެށި އެވެ. ހީވަނީ ފަރުބަދައެއް ހެންނެވެ. އަނގައިގައި ހުރި ދަތްތައް ދިގުވާން ފެށި އެވެ. ސިންގާ އަޑު ކަހަލަ އަޑަކުން ޖޫލިއަސްއާ ދިމާލަށް ހޭރިގަތެވެ. އެ އަޑުން މުޅި ސަރަހައްދު ގުގުމައިގެން ދިޔަ އެވެ.

"ކިތަންމެ ބާރަށް ހަޅޭއްލެވިޔަސް އަހަރެން އެކަން ކުރާނަން،" ޖޫލިއަސް ބުންޏެވެ.

"ތިކަން ކުރެވޭނީ އަހަރެން މަރާފައި. ކަލެއަށް އެކަން ކުރަން ކެރޭނެ؟" ލަމިޔާ ހަޅޭއްލަވައިގަތެވެ.

"ހުއްޓާލާ،" އަޑުގަދަކޮށް އަލައިނާ ބުންޏެވެ.

ރޭގަނޑުވުމުން ސަކީބާ ހިތްބިރުގަންނަން ފެށި އެވެ. އެއީ އެހެންޏާ ނުވާ ގޮތެކެވެ. އަނދިރިވުމުން ހާސްވާ ގޮތްވެ އެވެ. ކޮޓަރިތެރޭގައި އެކަނި ހުންނަން ޖެހިލުންވި އެވެ. ރަހުމާ ގާތު ބުނެގެން އެ ކޮޓަރިއަށް ނިދަން ގެންނަން ފެށި އެވެ. ބަހަނާއަކަށް ދެއްކީ ސަކީބާ އެކި ރޭރޭ ބަނޑެއްގައި ރިއްސާ ވާހަކަ އެވެ. ބާމު އުނގުޅައިދީ ހޫނުކޮށްލައި ދޭން ރަހުމާގެ އެހީތެރިކަން ބޭނުންވާނެ ކަމަށެވެ. ރަހުމާ އެކަން ގަބޫލު ކުރި އެވެ.

ސަކީބާގެ ކޮޓަރި ހުންނަނީ ޖުމާހުގެ ކޮޓަރިއާ ޖެހިގެންނެވެ. ރެއެއްގެ އެގާރަ ޖަހަނިކޮށް ރަހުމާ ނިދަން އޮތެވެ. ގައިމަތީގައި ބެޑްޝީޓް އަޅައި ހަމަޖެހިލި އެވެ. ސަކީބާ އޮތީ ގުގުރީގަ އެވެ. ރަހުމާ ލޯ މަރައިލި އެވެ. އެ ވަގުތު ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. ރަހުމާ ދެ ލޯ ފިއްތައި ބާރުކޮށްލި އެވެ. ފެނިދާނެ މަންޒަރަކުން ލޯ ހުޅުވާކަށް ބޭނުމެއް ނުވި އެވެ. ދެން ހީވީ އެނދު މައްޗަށް މީހަކު އެރި ހެންނެވެ. އެނދުގައި ދޫ ކަމެއް އުޅޭތީ އަބަދުވެސް އެނދުން ތޫނު އަޑެއް ކިޔަ އެވެ. އެ އެރި މީހަކު ރަހުމާއާ ވަރަށް ކައިރިވިހެން ހީވި އެވެ. މަންމަ އާއި ރަހުމާއާ ދޭތެރޭގައި އޮންނާނީ ވަރަށް ކުޑަ ޖާގައެކެވެ. އާދައިގެ މީހަކަށް އެތަނަކު ނޯވެވޭނެ އެވެ. ނަމަވެސް "އެ މީހަކު" ރަހުމާ ހަށިގަނޑުގައި ޖެހޭ ހިސާބުގައި އޮށޯވެ އޮވެލިކަން އިހުސާސްވި އެވެ. އިނގިއްޔެއް ވެސް ގުޑުވާލަން ނުކެރިފައި ރަހުމާ އޮތެވެ. އެ މީހެއްގެ ހޫނު ނޭވާ ރަހުމާގެ މޫނުމަތީގައި ޖެހެ އެވެ. މީހާ އޮތީ ބިރުން ވިރިވިރި އެވެ. ކައިރީގައި އޮތީ ކޮން ސިފައަކަށް އޮތް މަހުލޫގެއް ކަމެއް ވެސް ނޭނގެ އެވެ. ބަލާކަށް ބޭނުމެއް ވެސް ނޫނެވެ. ކުއްލިއަކަށް އެ ނޭވާ ފިނިވާން ފެށި އެވެ. ރަހުމާގެ މޫނުމައްޗަށް ފިނިވާން ފެށުމުން އުނދަގޫވި އެވެ. ނޭވާލާން ދަތިވާން ފެށި އެވެ. ނަމަވެސް ފުރޮޅިލާކަށް ވެސް ނުކެރުނެވެ. ނޭވާ ފިތި ހާސްވާން ފެށުމުން ކެތްތެރިކަން ކޮޅުންލި އެވެ. އެންމެ ފަހުން ފުންމައިގެން ތެދުވި އެވެ. އަދި މަޑުމަޑުން ފަހަތް ބަލާލި އެވެ. އެނދުގައި މަންމަ ނޫން މީހެއް ނެތެވެ. ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ. ނަމަވެސް ލޮލުގައި އަޅައިގަތީ ބެޑްޝީޓް ދަށުން ނުކުމެފައިވާ ދެ ފަޔަށެވެ. އެއީ ރަހުމާ ނުވަތަ ސަކީބާގެ ދެ ފަޔެއް ނޫނެވެ. ކުރިން އެ އެއްޗެއް އޮތް ދިމާލުން ދެ ފައި ނުކުމެފައި އޮތީ އެނދުން ބޭރަށެވެ. ކެހެރި ގިނަ، ކަޅުކުލަ އާއި އަޅިކުލަ ހުރި އެ ދެ ފައި ނިކަމެތިވެފައި ދިގެވެ. ރަހުމާ ހަޅޭއްލަވައިގަނެފައި ކޮޓަރި ދޮރާ ދިމާލަށް ދުއްވައިގަތެވެ. އެ އަޑަށް ސަކީބާއަށް ހޭލެވުނެވެ.

"ކިހިނެއްވީ؟ ދަރިފުޅާ ކިހިނެއްވީތަ؟" ގަނޑުވެފައިވާ ރަހުމާގެ ދެ ކޮނޑުގައި ހިފައި ތަޅުވައިގަތެވެ. ރަހުމާ ބަލަހައްޓައިގެން ހުރީ އެނދާ ދިމާލަށެވެ. އަދި އެ ދިމާލަށް އިނގިލި ދިއްކޮށްލި އެވެ. ސަކީބާ ވެސް މަޑުމަޑުން ބަލާލި އެވެ. އަރިއަށް އޮތް ދެ ފައި ހަރަކާތްކޮށްލި އެވެ. ސަކީބާއަށް ހީވީ މޭ ފަޅާފައި ނުކުމެދާނެ ހެންނެވެ. ގަތް ބިރުން ދެމައިން ކޮޓަރިން ނުކުތެވެ. ހަޅޭއްލަވަމުންނެވެ. އެ އަޑަށް ޖުމާހު އާއި ލަމިޔާ ނުކުތެވެ.

"ކިހިނެއްވީ މަންމާ؟" ޖުމާހު ހާސްވެފައި އަހާލި އެވެ. ލަމިޔާ އެއްވެސް އެއްޗެއް ނުބުނެ އެވެ. ހީވަނީ ވީ ގޮތް އެނގޭ ހެންނެވެ.

"މަންމާ!" ތަންކޮޅެއް ބާރަށް ޖުމާހު ސަކީބާއަށް ގޮވާލި އެވެ. ސަކީބާ އިނީ ވަރަށް ބިރުގަނެފަ އެވެ. ރަހުމާ ވެސް ތުރުތުރުއަޅަ އެވެ. "ކިހިނެއްތަ ވީ؟"

"ކޮ... ކޮޓަރި... އެނދު،" ރަހުމާއަށް ބުނެވުނީ އެ ހިސާބަށެވެ. އަނބުރައިގެނެގެން ވެއްޓުނެވެ.

ހޭ އެރި އިރު ރަހުމާ އޮތީ ކޮޓަރީގަ އެވެ. އޭރު ހެނދުނު ވެއްޖެ އެވެ. ގާތުގައި ސަކީބާ އާއި ޖުމާހުގެ އިތުރުން ބަޝީރު ވެސް އިނެވެ. ކޮޓަރިތެރެއަށް ރަހުމާ ބަލާލި އެވެ. ހީވަނީ އިތުރު މީހަކު ހުރިހެން ހީވެގެން ހޯދާ ހެންނެވެ.

"ހިނގާބަލަ ބޭރަށް،" ސަކީބާ ގާތުގައި ބަޝީރު އެދުނެވެ. ސަކީބާ އާއި ބަޝީރު ނުކުތީ ބޭރުގައި ހުންނަ ޖޯލިފައްޗަށެވެ.

"މަށަކަށް ހިއެއްނުވޭ މިއީ ރަނގަޅު ކަމެއް ހެންނެއް،" ބަޝީރު ބުންޏެވެ.

"ދޮންބެއަށް އަދިވެސް ހީތަ ކުރެވެނީ. މަށަށް މިހާރު ޔަގީންވެއްޖެ،" ސަކީބާ ބުންޏެވެ.

"އަހަރެން ޖެހޭނީ ޔަގީން ކުރާށޭ. މިހެން ހަމަ އިނދެލާފައި އެއްޗެއް ބުނާކަށް ނޭނގޭނެއެއްނު. ހިނގާބަލަ އެ މަންޖެއަށް ކޮންމެވެސް ކަމެއް ކުރަމާ. ސަކީބާ އެއްބަސްތަ؟" ކޮނޑުމައްޗަށް ވަމުން ދިޔަ އުނދަގޫ ކުޑަ ކުރެވޭތޯ ބަލަމުން ބަޝީރު ބުންޏެވެ.

"އަހަރެން ހިތުން ރުހުމުން ތިކަމަށް އެއްބަސް. އެކަމަކު ޖުމާހު ނޭނގެ ތިކަހަލަ ކަންކަން ގަބޫލު ކުރާނެ ކަމެއް،" ސަކީބާ އާއި ބަޝީރު ވާހަކަ ދައްކަމުން ދިޔަ އިރު އެތަނުގައި އިތުރު ދެ މަހުލޫގުން ތިއްބެވެ. އެކަމެއް އެ މީހުންނަކަށް ނޭނގެ އެވެ.

"ދޮންބެއަށް ޔަގީން ދޯ އަހަރެންގެ ދަރިފުޅު ސަލާމަތްވާނެކަން؟" ސަކީބާ އަހައިލި އެވެ.

"ދަރިފުޅެއް ނޫން. ދެ ދަރިން،" ބަޝީރު އެހެން ބުނުމުން ސަކީބާ ދެ ލޯ ބޮޑުކޮށްލި އެވެ.

"މިހާރު އެކަން ވެސް ޔަގީންވީތަ؟" ހާސްވެފައި ސަކީބާ ބުންޏެވެ.

"ކޮން ކަމަކާތަ ސަކީބާ ތި ހާސްވަނީ؟" ބަޝީރު ބުންޏެވެ. "ހަމަޖެހިބަލަ."

އެ ވަގުތު އެތަނުގައި ހުރި ލަމިޔާ ދުއްވައިގަތެވެ. ދުވެވޭ އެންމެ ބާރަކަށެވެ. ލަމިޔާ ހުއްޓުނީ މީހަކު ލަމިޔާގެ އަތުގައި ހިފެހެއްޓުމުންނެވެ.

"ކޮންތާކަށް؟ އޭނަ ނުވާނެ ސަލާމަތެއް،" ޖޫލިއަސް ބުންޏެވެ.

"އަމިއްލަ ސަލާމަތަށް ވިސްނާލަބަލަ. ދެންމެ އެ ވާހަކަ ދެއްކި އިރު އެތަނުގައި ހުރީމެއްނު،" އަތްފޮޅުވައިލަމުން ލަމިޔާ ބުންޏެވެ.

"އެ ބަޝީރަކީ އެކަމަށް ވަރަށް ކުޅަދާނަ މީހެއް. އެހާ ވަރުގަދަ މީހެއް. އޭނަ އަތުން ސަލާމަތްވާނީ ހަނގުރާމަކޮށްގެން. އުމަރުބެއަށް ހެދިހެން މީނައަކަށް ނުހެދޭނެ،" ލަމިޔާ އާއި ޖޫލިއަސް ތިބީ ރަށުގެ ބޮޑު މަގެއްގެ މެދުގަ އެވެ. އިރުގެ ހޫނުކަން ދިޔައީ ގަދަވަމުންނެވެ. ޖޫލިއަސްގެ ސިކުނޑީގައި ކެކެމުން ދިޔަ ރުޅިވެރިކަމުގެ އަލިފާންގަނޑު ވެސް އެފަދަ އެވެ.

"އަހަރެންނަށް ވުރެ ވަރުގަދައެއް ނުވާނެ. މަގޭ ނަމަކީ ޖޫލިއަސް. މާނައަކީ ވަރުގަދަ. ހަނދާން ނެތުނީތަ؟" ވަރަށް ބާރަށް ޖޫލިއަސް ބުންޏެވެ.

ރަހުމާ ބަލިވެ އުޅޭ ހަބަރު ޒިލާލަށް ލިބުމުން އެ ގެއަށް އަ އެވެ. ރަހުމާއަށް ވީ ކިހިނެއް ކަމެއް ޒިލާލަކަށް ނޭނގެ އެވެ. ކުރީ ރޭ ރަހުމާ ދެއްކި ވާހަކަތައް ގަބޫލުކުރަން ބޭނުންވިޔަސް ޒިލާލުގެ ސިކުނޑި އެކަމަށް އިޖާބައެއް ނުދިނެވެ. އެކަމަކު ރަހުމާ ދޮގު ހެދުމުގެ ބޭނުމެއް ނެތްކަން ޒިލާލަށް ވިސްނެ އެވެ. އެކަން ގަބޫލު ނުކުރާކަން ރަހުމާ ގާތުގައި ބުނެފި ނަމަ ވަރަށް ދެރަވާނެ އެވެ.

ރަހުމާ އިނީ ސިޓިން ރޫމުގަ އެވެ. ޒިލާލު ފެނުމުން ރަހުމާގެ ނުތަނަވަސްވެފައިވާ ހިތަށް ދިރުން ގެނުވި އެވެ. ތުންފަތަށް ހިނިތުންވުން ވެރިވި އެވެ. ހާސްވެ ބަރުބޮޑުވެފައިވާ ސިކުނޑިއަށް ލުޔެއް ލިބުނެވެ. ޒިލާލު އައިސް ރަހުމާގެ ކުރިމަތީ ހުރި ގޮނޑީގައި އިށީނެވެ.

"މިހާރު ކޮން ކަމެއް ދިމާވީ؟" ޒިލާލުގެ ވާހަކަ ދެއްކުމުގައި ހުރީ ނުރުހުންތެރިކަމެވެ. ރަހުމާ ހައިރާންވި އެވެ. އެއްޗެއް ނުބުނެވިފައި އިނެވެ.

"ދެން ކޮންމެވެސް އެއްޗެއް ބުނެބަލަ. އާދޭސް ކުރުވައިގެންތަ އެއްޗެހި ބުނުވަން ވެސް ޖެހެނީ؟" ޒިލާލު ހަރުކަށި ރާގެއްގައި ބުންޏެވެ. ރަހުމާގެ ހިތަށް ތަދުވި އެވެ.

"ޒިލާލް. ކިހިނެއް ވާހަކަ ތި ދައްކަނީ؟" ދެރަވެފައި ރަހުމާ ބުންޏެވެ.

"ގޮތަކަށް މަ އެބަ ވާހަކަ ދައްކާތަ؟" ހިތްހަމަނުޖެހިފައި ޒިލާލް ބުންޏެވެ. "ދެން ބުނޭ ކޮންމެވެސް ޖިންނި ކަންތަކެއް ލައިގަތީއޭ."

ރަހުމާގެ ލޮލަށް ކަރުނަ ޖަމާވި އެވެ. އެކުގައި ދެ އަހަރު ފާއިތުވެގެން ދިޔަ ބައިވެރިޔާއަށް އިތުބާރު ކުރި އެވެ. އެއްވެސް މީހަކަށް ކިޔައިނުދޭ ވާހަކަތައް ހިއްސާ ކުރި އެވެ. ރަހުމާ ބޭނުންވި މަދަދުގާރަކަށް ޒިލާލް ވާނެ ކަމަށް އުންމީދު ކުރި އެވެ. ނަމަވެސް ވީ އެހެންނެއް ނޫނެވެ. ރަހުމާ ދުވަމުން ކޮޓަރިއަށް ވަނެވެ. ޒިލާލު ތެދުވި އެވެ. ހައިރާންވެފައި ބަލަހައްޓައިގެން ހުއްޓެވެ. ތެދުވި ގޮނޑީގައި ޖޫލިއަސް އިނެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް