ވާހަކަ: ވިގަނި

ވާހަކަ

ވާހަކަ: ވިގަނި - ސަތާރަވަނަ ބައި

27 މާރިޗު 2024

އެޕިސޯޑް 17

އެ ވަގުތު ބަޝީރުގެ ކަނާއަތު ކޮނޑަށް ބަރު ޖެހުނެވެ. ހީވީ ކުއްލިއަކަށް އެއްޗެއް އައިސް އިށީން ހެންނެވެ. ބަޝީރު ގޮތްގޮތަށް ކޮނޑު އަނބުރާލި އެވެ. އަތް ވެސް އެކި ދިމަދިމާލަށް ހަރަކާތް ކޮށްލި އެވެ. ނަމަވެސް އެ ބަރުކަމެއް ނުފިލި އެވެ. ބަޝީރު ހިނގަމުން ދިޔަ އިރު ބިންމަތީގައި ހިޔަނި ހުއްޓެވެ. ބަޝީރުގެ ހިޔަނީގެ އިތުރުން ކޮނޑުގައި އިން ސޮރުގެ ހިޔަނި ވެސް ފެންނަން ހުއްޓެވެ.

ހަނދުވަރުގެ ރިހި އަލިން ރަށުގެ މަގުތައް ދިއްލިފައިވާ ރެއެކެވެ. ހަމަ އެހެންމެ ދިޔަރެސް އޮތީ ރިހިކުލައިން ޖަރީވެފަ އެވެ. ގަޑިން މެންދަމު އެއްގަޑި ބައިވަނީ އެވެ. ނިދާފައިވާ ޖުމާހުގެ މޫނަށް ލަމިޔާ ބަލަހައްޓައިގެން އޮތެވެ. މޫނުގައި ފިރުމާލާފައި އެނދުން ތެދުވެގެން ކޮޓަރިން ނުކުތެވެ. ލަސް ފިޔަވަޅުތަކަކާ އެކު ސިޓިން ރޫމަށް ނުކުތެވެ. އަދި ހުޅަނގު ފަރާތަށް ހުރި ފާރު ކައިރީގައި ހުއްޓިފައި ފާރުތެރެއަށް ފޭދިގެން ދިޔަ އެވެ.

ލަމިޔާގެ އަސްލު ސިފައަށް ބަދަލުވާން ނެގީ މަދު ސިކުންތުކޮޅެކެވެ. ކަނޑުތައް ހުރަސް ކޮށްފައި ލަމިޔާ އުދުހެމުން ދިޔަ އެވެ. ދެ ފިޔަގަނޑު ޖަހާލާ ކޮންމެ ފަހަރަކު ލޮނުގަނޑުގައި ވައި އަޅައި ކެކިގަނެ އެވެ. އުދުހެމުން ދާލެއް ބާރުކަމުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަރަބިކަރައިގެ ކަނޑުތަކާ ހިސާބަށް އާދެވުނެވެ. ލަމިޔާގެ ދަތުރަކަށް ބަދަލެއް ނާދެ އެވެ. ދާން އޮތް މަންޒިލަށް ވާސިލް ވަންދެން އުދުހެމުން ދިޔަ އެވެ. ހަނަފަސް ބިންތައް ހުރަސް ކުރަމުންނެވެ. ލަމިޔާއަށް ގޮސް ހުއްޓެވުނީ ކަޅު ފަސް އޮތް ބިމަކަށެވެ. ނަމަކީ މިޖޫލް އެވެ. މިޖޫލްގައި ދިރިއުޅެނީ ތިން ގަބީލާގެ ޖިންނިޝައިތޯނުންނެވެ. އޭގެ ތެރޭގައި މާރިދުންނާއި އިފުރީތުން ހިމެނެ އެވެ. އަދި ޝިގް އާއި ނަސްނަސް އުޅެ އެވެ. ކޮންމެ ގަބީލާއެއްގައި ވެސް ތަފާތު އާދަކާދަތައް އޮވެ އެވެ. ކާބަފައިން ޒަމާނުއްސުރެ މިކަން އޮންނަނީ މިހެންނެވެ. އެއް ގަބީލާ އަނެއް ގަބީލާއާ މަސްހުނިވެ ކައިވެނިކޮށް ހެދުމަކީ ހުތުރުކަން ބޮޑު އަމަލެކެވެ. ނަމަވެސް މަނާ ކަމެއް ނޫނެވެ. އެހެން ވިޔަސް އެއް ބަޔަކު އަނެއް ބަޔަކަށް މަލާމާތް ކުރުމާއި ޒުވާބު ކުރުމަކީ މިވެރިން ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ.

މި ރަށުގައި ވެލިން ހެދިފައި ހުރި ކުދިކުދި ފަރުބަދަތަކާއި ހޮހޮޅަފަދަ ތަންތަން ހުރެ އެވެ. ކުދިކުދި ފެން އާރުތައް ހުރެ އެވެ. ނަމަވެސް ފެނުގެ ބަދަލުގައި އެތަނުން ފައިބަނީ ފެހިކުލައިގެ ލޮންޖެކެވެ. އެކި ހިސާބުތަކުގައި އަލިފާނުގެ ވަޅުގަނޑުތައް ވެސް ހުރެ އެވެ. އުޑުމަތީގައި ވަނީ ކަޅު އަނދިރިކަމެވެ. ވިލާ ކަހަލަ ފުސް ދުންތަކެއް ދައުރު ވަމުންދެ އެވެ. ދުވަހަކު ވެސް އިރުގެ އަލިކަމެއް ނުވާ މި ރަށަކީ މީހުން ދިރިއުޅޭ ގައުމުތަކާ ވަރަށް ދުރުގައި އޮންނަ ރަށެކެވެ. އެތައް ލައްކަ އަހަރެއް ވެފައިވާ މި ރަށުގައި އާބާދީ ވަރަށް ބޮޑެވެ. އަޅުކަންކޮށް އުޅެނީ އަލިފާނަށެވެ.

ލަމިޔާ ދިޔުމުން ޖިންނިންގެ އަހުލުވެރިން އެއްވާން ފެށި އެވެ. އަދި މަޑުމަޑުން އެކި ވާހަކަ ދައްކަން ފެށި އެވެ. އިންސާނަކާ ކައިވެނި ކުރުން އެއީ ޖިންނިން ކުރާ ކަމެކެވެ. ނަމަވެސް ވަކި އުސޫލުތަކަކާއި ހަމަތަކެއްގެ މަތިންނެވެ. ލަމިޔާ ވަނީ އެކަންކަމަށް ފުރަގަސް ދީފަ އެވެ. އެ މީހުން ބުނާ ގޮތުން ނަމަ އެ އުސޫލުތަކަށް ނުކިޔަމަންތެރިވެ މަލާމަތްކޮށްފަ އެވެ. ލަމިޔާގެ މަންމައަކީ އެ ގަބީލާގެ އަހުލުވެރިން ވަރަށް އިހުތިރާމް ކުރާ، ދުވަސް ވީ ޖިންނިއެކެވެ. ކުދި ބޮޑު ހުރިހާ ޖިންނިން ވެސް ބަލައިގަނެފައިވާ، ގަދަރު ކުރާ ޖިންނިއެކެވެ.

ޒިލާލަކީ ރަހުމާ ރައްޓެހިވެގެން އުޅޭ މީހާ އެވެ. ރަށުގެ ކައުންސިލް އިދާރާގައި އުޅޭ ހީވާގި މުވައްޒަފެކެވެ. ކެރޭ ހިތްވަރުގަދަ ޒުވާނެކެވެ. ދެ މީހުން ބައްދަލު ކުރަން އާންމުކޮށް ދަނީ ރަށުގެ އަތިރިތި މަތީގައި ހުންނަ ޖޯލި ފައްޗަކަށެވެ. ރެއަކީ ހިތްގައިމު ރެއެކެވެ.

"ރަހޫ. އަޅެ ކިހިނެއްވެފައިތަ ތި އިންނަނީ؟" ވަރަށް ލޯބިން ޒިލާލު އަހާލި އެވެ.

"ކަމެއް ނުވޭ،" ރަހުމާގެ ޖަވާބު ކުރެވެ.

"އެހެން ނުވާނެ. މިހާރު އަހަރުމެން މިތަނަށް އައި ފަހުން ސައުވީސް މިނެޓް ވީ،" ފޯނުން ގަޑި ބަލާލަމުން ޒިލާލު ބުންޏެވެ. "އެކަމަކު ތި ދުލުން ތި ނޫން ބަހެއް ނުނިކުމޭ."

ރަހުމާގެ ހިތުތެރޭގައި ވާ ހާސްކަން ޒިލާލުއާ ހިއްސާކުރަން ކިތަންމެހާ ވެސް ބޭނުމެވެ. ނަމަވެސް ފަށާނެ ގޮތެއް ނުވިސްނުނެވެ. ހިނގައިދިޔަ ކަންތަކަކީ ހީވި ހީވުމެއް ނޫނެވެ. ޒިލާލު އެކަން ގަބޫލު ނުކޮށްފިއްޔާ ރަހުމާ މާ ދެރަވާނެ އެވެ. ހިތުގައި ޖެހޭނެ އެވެ.

"ރަހޫ މަށަށް އިތުބާރެއް ނުކުރަންތަ؟ ހަގީގީ ލޯބީގެ އެއް މާނައަކީ އިތުބާރު،" ޒިލާލުގެ ބަސްތައް ތޫނުވި އެވެ. "ރަހޫއަށް މަށަށް ޓްރަސްޓް ނުކުރެވެންޏާ..."

"މަޑު ކުރޭ" ޖޯލިން ޒިލާލު ތެދުވުމުން ރަހުމާ ޒިލާލުގެ އަތުގައި ހިފި އެވެ. "އަހަރެން ޒިލާލަށް އިތުބާރު ކުރަން. އެކަމަކު މިއީ ވަރަށް އާދަޔާހިލާފު ކަމެއް."

އެރޭ ހިނގައިދިޔަ ހުރިހާ ކަމެއް އަލިފުން ޔާއަށް ރަހުމާ ކިޔައިދިނެވެ. އެއްވެސް ކަމެއް ސިއްރުނުކޮށް ކިޔޭ އެންމެ ތަފުސީލުކޮށެވެ. ވަރަށް ޝައުގުވެރިކަމާ އެކު ޒިލާލު އަޑުއަހަމުން ދިޔަ އެވެ. ވިސްނަމުންނެވެ. އެ ވާހަކަތައް ކިޔައިދެމުން ދިޔަ އިރު ރަހުމާ ފެންކަޅިވި އެވެ. ޒިލާލަށް އެ މަންޒަރު ފެނުނެވެ.

"ތި ވާހަކަތައް އިތުރު މީހަކަށް ކިޔައިދިނިންތަ؟" ޒިލާލު އަހާލި އެވެ.

"ނޫން. ވަރަށް ހިތްވަރުކޮށްފައި ޒިލާލަށް ވެސް މި ކިޔައިދެވުނީ،" ރަހުމާ ވަރަށް ލަސްލަހުން މަޑުމަޑުން ބުންޏެވެ.

"ރަހޫއަށް ޔަގީން ދޯ ހުވަފެނެއް ނޫންކަން؟" ވިސްނާލަމުން ޒިލާލު އެހި އެވެ.

"ދެން... އެހެންވެ އަހަރެން ކިޔައިނުދޭން ވެސް އުޅުނީ. މަށަށް ވެސް ހުވެފަނާއި ހަގީގަތާ ވަކިކުރަން އެނގޭނެއެއްނު،" ފޫހިވެފައި ރަހުމާ ބުންޏެވެ.

"އަނެއްކާ ދޮންބެގެ ބޮލުގެރިހުން ވެސް ފިލަނީއެއް ނޫން. ކިތަންމެ ޑޮކްޓަރުންނަކަށް ދެއްކިއްޖެ. އެއްވެސް ކަމެއް ނުފެނުނު. މަންމަ ކުރީ ދުވަހު ބުނި މަންމަގެ ދޮންބެ ބުންޏޭ ފަންޑިތައެއް ހަދަންވީއޭ،" ޖެހިލުންވެ އިނދެ ރަހުމާ ވާހަކަދައްކަމުން ދިޔަ އެވެ.

"ފަންޑިތައޭ؟ ރަހޫ އެކަހަލަ ކަންކަން ގަބޫލުކުރަންތަ؟" ޒިލާލު އަހާލި އެވެ.

"އާނ. އަހަރެން ގަބޫލުކުރަން. އަނެއްކާ މި ހިނގައިދިޔަ ކަންތަކަށް ފަހު ވެސް ގަބޫލުކުރަން. ޖިންނިޝައިތޯނުންނަކީ އުޅޭ އެއްޗެއްކަން ސާބިތުވެއްޖެއެއްނު،" އެކި ދިމަދިމާލަށް ރަހުމާ ބަލާލި އެވެ. "ނޭނގެ މިތާ ވެސް އެކަހަލަ އެއްޗެއް ނެތް ކަމެއް."

"ދެން ރަހޫ. މާ ބޮޑަށް ރަހޫ ތި ވިސްނަނީ،" ޗޮކެއް ކަނޑާލަމުން ޒިލާލު ބުންޏެވެ.

"ހިނގާ ދާން މިތަނުން. މިހާރު މާ ލަސް ވެއްޖެ،" ރަހުމާ ޖޯލިން ތެދުވި އެވެ.

"ލަމިޔާއަށް އެނގޭތަ ތި އުޅެވޭ ގޮތެއް؟" އަލައިނާ ވާހަކަ ދެއްކީ ދަރިފުޅާ އެވެ. އެ ވަގުތު އެތަނުގައި ތިބީ އެ އާއިލާގެ އެހެން ޖިންނިން އެކަންޏެވެ.

"އާނ،" އިސްއުފުލާލަމުން ލަމިޔާ ބުންޏެވެ.

"ތީގެ ސަބަބުން ނުކުމެދާނެ ނަތީޖާއާ މެދު ވިސްނާލިންތަ؟" ތަންކޮޅެއް ބާރަށް އަލައިނާ ބުންޏެވެ.

"އާނ. އަހަރެންނަށް އެނގޭ ކޮންމެ ފަދަ ގޮތެއް ވެސް ވެދާނެކަން. އެކަމަކު އަހަރެން މި ހުރީ އެކަމާ ކުރިމަތިލާން ތައްޔާރަށް،" ހިތްވަރުކޮށްފައި ލަމިޔާ ބުންޏެވެ.

"ކިތަންމެ ބޭނުންވިޔަސް ބައެއް ކަންކަމަކީ އަހަރުމެން އަތްމަތީ އޮންނަ ކަންކަމެއް ނޫން. ކޮށްގެން ތިއުޅޭ ކަމަކީ އަހަރުމެން އެއްވެސް މީހެއްގެ ރުހުމުގައި ކޮށްގެން އުޅޭ ކަމެއް ނޫން. ތީގެ ސަބަބުން ވަރަށް ބޮޑު ހިތާމައަކާ ވެސް ކުރިމަތިލާން ޖެހިދާނެ،" ލަމިޔާއަށް ފުރަގަސްދެމުން އަލައިނާ ބުންޏެވެ.

"އެހެންވެތަ ޖުމާއަށް އެހެން ތި ހަދަނީ؟ މިކަމުގައި އޭނަގެ ކުށެއް ކޮބާ؟ ކުރި ކަމެއް ކުރީ އަހަރެން. ދޭ އަދަބެއް އަހަރެންނަށް ދީ،" ލަމިޔާ ބުންޏެވެ.

"މިހާރު ވާހަކަދެއްކުން ވެސް ހާދަ ބަދަލޭ. އެ ޖުމާއަކާ ޖެހުނު ފަހުން..."

"މަންމާ. މަންމައަށް އަހަރެން ވަރަށް އިހުތިރާމްކުރަން. އެކަމަކު މިއީ އަހަރެންގެ އިހުތިޔާރުން ބޭރުން ވީ ކަމެއް. ލޯބިވެވުނީ. ގަސްދުގައެއް ނޫން،" ލަމިޔާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ.

"ލަމިޔާ ހަނދާނެއް ނެތްތަ އެހެން މީހަކު މަތިންނެއް؟" ލަމިޔާއާ ކުރިމަތިލަމުން އަލައިނާ އެހިއެވެ.

"ހަނދާން އެބަ ހުރި. އެކަމަކު ޖުމާއާ ކައިވެނި ކުރުމަކުން އެހެން ގުޅުމަކަށް އޭގެ އަސަރެއް ނުކުރާނެ،" ޔަގީންކަންދެމުން ލަމިޔާ ބުންޏެވެ.

"ތިއީ ކަލޭއަށް ހީވާ ގޮތް. ތިކަމެއްގެ ސަބަބުން އަހަރުމެންގެ ތެރޭގައި އޮތް އެއްބައިވަންތަކަމާއި ލޯބި ބައިބައި ވެއްޖެ. އަހަރެންނާ ދޭތެރޭ އެހެން މީހުން ދެކެމުން އައި ގޮތް ބަދަލުވާން ފަށައިފި. އާއިލާ ތެރޭގައި އޮތް އިތުބާރު ގެއްލިއްޖެ،" ލަމިޔާގެ ވަށައިގެން ހިނގަމުން އަލައިނާ ވާހަކަ ދެއްކި އެވެ.

"އެކަމަކު މިއީ ނުވާ ކަމަކަށް ނުވާނެ މަންމާ. އަހަރެން ދެކެ އޭނަ ވަރަށް ލޯބިވޭ. އަހަރެން ވެސް އޭނަ ދެކެ އެހާ ލޯބިވޭ. އެއީ އަހަރެންގެ ފިރިމީހާ. އަހަރެންނަށް އޭނަ ދުލެއް ނުކޮށްލެވޭނެ،" އާދޭހުގެ ރާގެއްގައި ލަމިޔާ ބުންޏެވެ. "އޭނައަށް ތިދޭ އަނިޔާ ހުއްޓާލަބަލަ، ހެޔޮނުވާނެ."

"އަހަރެން ނުކުރަން އެއްވެސް ކަމެއް އޭނައަކަށް،" އަލައިނާ ބުންޏެވެ. "ކުރި ކަމެއް ކުރީ..."

"އަހަރެން،" އެ އަޑަށް އަލައިނާ އާއި ލަމިޔާ އެއްފަހަރާ ބަލާލި އެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް