ވާހަކަ: ވިގަނި

ވާހަކަ

ވާހަކަ: ވިގަނި - ސޯޅަވަނަ ބައި

26 މާރިޗު 2024
2

އެޕިސޯޑް 16

އެ މަންޒަރު ބަލަން ހިރުނދު ގަހެއް ކައިރީގައި އެހެން މަހުލޫގެއް ހުއްޓެވެ. މޫނުމަތީގައި ވަނީ ނުބައި ހިނިތުންވުމެކެވެ. އޭނާގެ މިސްރާބު ހުރީ ސަކީބާމެން ގެއާ ދިމާލަށެވެ. ގޭގައި އެ ވަގުތު އުޅުނީ ރަހުމާ އެކަންޏެވެ. ގޭގައި ހައްދާފައި ހުރި އަނބުގަހުގެ ގޮފިގަނޑަކަށް އެ ސޮރު ތިރިކޮށްލި އެވެ. އަދި އަނބު ގަހުގައި އަޅާފައި އޮތް މާތައް ބިންމައްޗަށް އުކާލި އެވެ.

"ރަހޫ،" ގޭތެރެއަށް ވަނީ ރަހުމާގެ އެކުވެރި މަލްހާ އެވެ. "ހިނގާބަލަ ކުޅޭތަން ބަލަން ދާން."

ދެ މީހުން އެކުގައި ގެއިން ނުކުމެގެން ދިޔަ އެވެ. އެ މަންޒަރު ބަލަން ގަހުގައި އޮތީ ޖިންނިއެކެވެ.

ވަރަށް ގިނަ ޑޮކްޓަރުންނަށް ޖުމާހު ދެއްކި އެވެ. ކުޑަމިނުން ވާގޮތެއް ވެސް ނޭނގުނެވެ. އެހެންކަމުން އެއްވެސް ފަރުވާއެއް ނުފެށެ އެވެ. އެތައް ޓެސްޓްތަކެއް ވެސް ހެދި އެވެ. ނަތީޖާ ސުމެކެވެ. އެއްވެސް މައްސަލައެއް ހުރި ކަމަކަށް ނުފެނުނެވެ. ދޭނެ ފަރުވާއެއް ނޭނގުނެވެ. ކޮންމެ ޑޮކްޓަރަކު ވެސް ބުނަނީ ދާދި އެކައްޗެކެވެ. ކުރަނީ ހީއެކެވެ. ޑިޕްރެޝަން ނުވަތަ އެންޒައިޓީ ފަދަ ކަމެކެވެ. ނުވަތަ މައިގްރޭންނަށް ވެސް ވެދާނެ އެވެ. އެހެންކަމުން ސިކުނޑިއަށް ބާރުބޮޑުވަނީ އެވެ. މި ކަންކަން ވެސް ޑޮކްޓަރުންނަށް ޔަގީންކަމާއެކު ބުނާކަށް ނޭނގުނެވެ. ގިނަ ފަހަރު ޑޮކްޓަރުން އެހެން ބުނަނީ ބޮލުގައި ރިއްސާ ސަބަބެއް ނުފެނުމުންނެވެ. ސަކީބާއަށް ޑޮކްޓަރުން ދެއްކި އެއްވެސް ވާހަކައެއް ގަބޫލެއް ނުކުރެވުނެވެ. ޖުމާހު ވިސްނާ ފިކުރު ކުރަން ޖެހޭ ވަރުގެ ކަމެއް ނޯންނާނެ އެވެ. ކަންބޮޑުވެ މީހާ ހާސްވާން ޖެހޭ ވަރުގެ ކަންކަމެއް ވެސް ދިރިއުޅުގައި ދިމައެއް ނުވެ އެވެ. އެއީ ސަކީބާ ވިސްނާ ގޮތެވެ.

ރައްޓެހިން ބުނެގެން ވެސް ޖުމާހު ޑޮކްޓަރަކަށް ދެއްކި އެވެ. އެއީ ނަފުސާނީ ކަންކަމަށް މާ ހާއްސަ މޮޅު ޑޮކްޓަރެކެވެ. ތަޖުރިބާ ހުރި ޑޮކްޓަރެކެވެ. އޭނާ އެތައް ޓެސްޓްތަކެއް ހެދި އެވެ. އޭނާ ވެސް ނިންމީ ޖުމާހުގެ ކިބައިގައި ނަފުސާނީ އެއްވެސް މައްސަލައެއް ނެތް ކަމުގަ އެވެ. އެކަމަކު ޖުމާހުގެ ބޮލުގެރިހުން އިތުރަށް ގަދަވާން ފެށި އެވެ. ލަމިޔާ ހުންނަނީ ގޮތް ހުސްވެފަ އެވެ. ބައެއް ފަހަރު ލަމިޔާ ބޭރަށް ނުކުމެލަ އެވެ. އުދުހިލާފައި ގޮސް ކައިރި ރަށްރަށުގެ ގަސްތައް ތެރޭގައި އުޅެލަ އެވެ. އެ ވަގުތުތަކުގައި ލަމިޔާ ބުނަނީ ފިހާރައަށް ދަނީ ކަމުގަ އެވެ.

ވަރަށް ވިއްސާރަ ރެއެކެވެ. ވިދާ ގުގުރާ ވަރުން ހީވަނީ ފުރާޅު ވެސް ބޯ މައްޗަށް ވެއްޓިދާނެހެންނެވެ. ވައި އެހާ ގަދަ އެވެ. ޖެހި ގުގުރިއަކާ އެކު ރަހުމާއަށް ހޭލެވުނެވެ. ކޮޓަރިތެރެ އަނދިރި އެވެ. ރަހުމާ ނިދީ ނިދާ ބޮކި ދިއްލާފަ އެވެ. ދެން އިވުނީ އަޑެކެވެ. ކުނި ކަހާ ކަހަލަ އަޑެކެވެ. ނަމަވެސް މިހާ ދަންވަރު، މިހާ ބޯކޮށް ވާރޭ ވެހޭ އިރު މީހަކު ކުނި ކަހާނެ ހެއްޔެވެ؟ ރަހުމާ ބަލައިލީ ދޮރާ ދިމާލަށެވެ. ވިދާލި ވިދުވަރާ އެކު އެތަނުގައި މީހަކު ހުރިހެން ހީވި އެވެ. ރަހުމާ ވަގުތުން އެނދުގައި އޮށޯތެވެ. އަދި ބިތްދޮށަށް އެނބުރި ދޮރަށް ފުރަގަސް ދިނެވެ. މޫނުމަތީގައި ބާލީސް އަޅައިގެން ގުޑާ ވެސް ނުލައި އޮތެވެ. އަނެއްކާވެސް ކުނި ކަހާ އަޑު އިވުނެވެ. މި ފަހަރު އިވުނީ ރަހުމާއާ ދާދި ގާތުންނެވެ. އެ އަޑު މެދު ނުކެނޑި އިވެމުން ދިޔަ އެވެ. ރަހުމާ ނިދާފައި ކަމަށް ހެދުނެވެ. އަދި މޫނުމަތިން ބާލީސް ނަގާފައި ފުރޮޅިލި އެވެ. ކުޑަކޮށް ލޯ ހުޅުވާފައި ބަލާލި އެވެ. އެނދު ކައިރީގައި މީހަކު ހުރިކަން ރަހުމާއަށް ކަށަވަރުވި އެވެ. އަދި އެއީ އިންސާނެއް ނޫންކަން ވެސް ޔަގީންވި އެވެ. ހުދުކުލައިން ދިއްލިފައިވާ ދެ ލޯ ރަހުމާއަށް ފެނުނެވެ. އެންމެ ހަރަކާތެއް ވެސް ކޮށްލާކަށް ނުކެރުނެވެ. ހިނދުކޮޅަކަށް ނޭވާ ހުއްޓުނުހެން ވެސް ހީވި އެވެ. ހަށިގަނޑު ހިމަ ދިގު އެ ސޮރު ހުރީ ރަހުމާގެ ހަށިގަނޑުގައި ޖެހޭހާ ގާތުގަ އެވެ. އެ ވަގުތު ރަހުމާގެ އަތުގައި ފިނި އެއްޗެއް ޖެހުނެވެ. އެ ވަރުން ވެސް ރަހުމާ ހަރަކާތެއް ނުކުރި އެވެ. ހެޔޮ އެއްޗެއް ކިޔާކަށް ވެސް ހަނދާނެއް ނެތެވެ. އެ އެއްޗެއް ހުރި ގޮތަށް ހުރީ އެވެ. ދާކަށް ވެސް ނޫޅުނެވެ. އިތުރު ކަމެއް ވެސް ނުކުރި އެވެ. ރަހުމާ މަޑުމަޑުން ލޯ ހުޅުވާލި އެވެ. އޭރު އޭތި އޮތީ ރަހުމާގެ މޫނާ މޫނު ޖެހޭހާ ގާތުގައި ގުދުވެގެންނެވެ. ރަހުމާގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔަ އެވެ. ދުއްވައިގަންނަން ކިތަންމެ ފަހަރަކު ހިތަށް އެރި އެވެ. ނަމަވެސް ގަނެފައިވާ ބިރެއްގެ ބޮޑުކަމުން އެސްފިޔަ ޖަހާލަން ވެސް ހަނދާން ނެތުނެވެ. ބިރުގެންފައިވާ ވަރުން މުޅި ހަށިގަނޑު އޮތީ ގަނޑުވެފަ އެވެ. ހީވަނީ ގަޔަށް ކުޑަކަމު ވެސް ދެވިފައިވާ ހެންނެވެ. ރަހުމާއަށް ބޭއިހުތިޔާރުގައި ލޯ މަރައިލެވުނެވެ. ހިތަށް އެރި އެވެ. މިއީ އަހަރެންގެ އެންމެ ފަހު ވަގުތު ކަންނޭނގެ އެވެ. އެ ވަގުތު ކުޑަދޮރާ ދިމާއިން އެއްޗެއް ހުރަސްކޮށްލި އެވެ. ކޮޓަރިތެރޭގައި ވާ މަހުލޫގެ ވަގުތުން ފޭދިގެން ދިޔަ އެވެ. އެތައް އިރަކު އެހެން އޮތުމަށް ފަހު ރަހުމާ ލޯ ހުޅުވާލި އެވެ.

އަމާންވީކަން ޔަގީން ކުރުމަށް ފަހު ދުވެފައި ގޮސް ބޮކި ދިއްލި އެވެ. ކޮޓަރިތެރޭގައި ދުވަނީ ފަރުމަސް ވަހެވެ. ފަރު ހިކެމުން ދާ އިރު ދުވާ ވަސް ވެސް ދުވަ އެވެ. މުށިތަކުގެ މަތީގައި ކަޅުކުލައިގެ ކެހެރި ހުއްޓެވެ. އިސްތަށްޓަށް ވުރެ ފަލަ އެވެ. ދެ އިންޗި އާއި ތިން އިންޗި ހުންނަ ވަރުގެ ކެހެރި އެވެ. އެންމެ ގިނައިން ހުރީ ރަހުމާގެ އެނދު ކައިރީގަ އެވެ. އެ ވަގުތު ފާހަގަވީ ކެހެރިތަކާ އެކު ލޮނދިތަކެއް ވެސް އެކި ހިސާބުގައި ހުރި ކަމެވެ.

ކުރެވޭނެ މާ ބޮޑު ކަމެއް ނެތުމުން ސަކީބާމެން ރަށަށް އަ އެވެ. ޖުމާހުގެ ބޮލުގެރިހުމަށް ލުޔެއް ލިބޭ ގޮތެއް ނުވި އެވެ. އެކަމާ ވިސްނި ވަރަކަށް ސަކީބާގެ ބޮލުގެރިހުން ގަދަވާން ފެށި އެވެ. ހިނގައިދިޔަ ކަންތައްގަނޑު މަންމައާ ހިއްސާ ކުރާކަށް ރަހުމާ ބޭނުމެއް ނުވި އެވެ. ސަކީބާއަށް އިތުރު ބޮލުގެރިހުމެއް ދޭން ބޭނުން ނުވާތީ އެވެ. ނަމަވެސް އެއީ ރަހުމާ ދުވަހަކު ވެސް ހަނދާން ނެތޭނެ ކަމެއް ނޫނެވެ.

ހަދާނެ ގޮތަކާ މެދު ވިސްނަމުން ދަނިކޮށް ސަކީބާގެ ދޮންބެ އެ ރަށަށް އަ އެވެ. އެއީ ބަޝީރެވެ. ބަޝީރަކީ ސަކީބާގެ ދައްތަ ހާލިދާގެ ދަރިއެކެވެ. ހާލިދާ ވަނީ ނިޔާވެފަ އެވެ. ބަޝީރު އުޅެނީ އުތުރު ރަށެއްގެ މީހަކާ އިނދެގެން އެ ރަށުގަ އެވެ.

"ކޮބާ ކިހިނެއްތަ ކަންތައްތައް؟ ރަހުމާ އާއި ޖުމާހު ކޮބާ؟" ބަޝީރު ކަރަންފުލެއް އަނގައަށް ލަމުން އަހާލި އެވެ.

"ދެން އެކަހަލަ ގޮތެއް،" މޮޅިވެރިކަމާ އެކު ސަކީބާ ބުންޏެވެ.

"ކިހިނެއްވީ؟ ހާދަ ނުފާޑަކަށް،" ބަޝީރު އަހާލި އެވެ.

"މި އުޅެނީ ޖުމާހު ބޮލެއްގައި ރިއްސާތީ. ނުދެއްކޭ ޑޮކްޓަރެއް ނެތް. ނުހަދާ ޓެސްޓެއް ނެތް. އެކަމަކުު އެއްވެސް މައްސަލައެއް ހުރި ކަމަކަށް ނުފެނޭ. ދެން ނޭނގެ،" ބޮލުގައި ދެ އަތް އަޅާލަމުން ސަކީބާ ބުންޏެވެ. "އަހަރެންގެ ސިކުނޑި ސުމަކަށް ހިނގައްޖެ."

"ކޮންއިރަކު ތިހެން ވާން ފެށީ؟" ވިސްނާލާފައި ބަޝީރު އެހި އެވެ.

"އެހެން ބުނާކަށް ނޭނގެ. ހީވަނީ މިހާރު ދެ ހަފުތާ ވަރު ވެއްޖެހެން،" ސަކީބާ ބުންޏެވެ.

"އަހަރެން ވާހަކައެއް ބުނަންތަ؟" ވަރަށް މަޑުމަޑުން ބަޝީރު ބުންޏެވެ. "ފަންޑިތައެއް ހަދައިފިންތަ؟"

ސަކީބާގެ ކަރުގައި އެ ކަށި ތާށިވި އެވެ. ކުރިން ވެ ދިޔަ ކަންކަން ކުރިމަތީގައި ތިލަވަމުން ދިޔަ އެވެ. އެ ހަނދާންތައް އާވަމުން ދިޔަ އެވެ. އުމަރުބެ ދެއްކި ވާހަކަތައް ކަންފަތުގައި ގުގުމަމުން ދިޔަ އެވެ. ބަޝީރުގެ އަތުގައި ހިފައިގެން ސަކީބާ ކޮޓަރިއަށް ވަނެވެ. އަދި ވަރަށް ތަފުސީލްކޮށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އުމަރުބެ ކިޔައިދިން ވާހަކަތަކާއި އުމަރުބެ ނިޔާވި ގޮތެވެ. އޭގެ ހަގީގަތް އެއްވެސް މީހަކަށް ދެނެނުގަނެވުނުކަމެވެ. ބަޝީރު ކަނުލައި އަޑުއަހަމުން ދިޔަ އެވެ. ބަޝީރު އާންމުކޮށް ކުރާ މަސައްކަތަކީ ވެސް ރުގުޔާ ކުރުމެވެ. ނަމަވެސް ކުރާ ގޮތް ތަފާތެވެ. ތަށި ލިޔުމާއި ތަވީދު އެޅުވުމަކީ ބަޝީރު ކުރާ ކަންކަމެވެ.

"އެހެންވީމާ ކައިވެންޏަށް ފަހު ވާން ފެށި ގޮތެއް ދޯ އެއީ؟" ބަޝީރު ބުންޏެވެ.

"އާނ. އޭގެ ކުރިން އޭނަ ދުވަހަކު ވެސް ބޮލުގައި ރިއްސާތީއެއް ނޫޅޭ،" ސަކީބާ ބުންޏެވެ.

ބަޝީރު ކޮޓަރިން ނުކުންނަން ދޮރު ހުޅުވާލި އެވެ. ފަހަތުގައި ސަކީބާ ހުއްޓެވެ. ބަޝީރުގެ ކުރިމަތިން ފެނުނީ ލަމިޔާ އެވެ. ލަމިޔާއަށް ބަޝީރު ފެނުމާ އެކު މޫނުމަތީގައި ހުރި ހިނިތުންވުމާއި އުފާވެރިކަން ގެއްލުނެވެ. ބަޝީރަށް އެކަން ފާހަގަވި އެވެ. ލަމިޔާގެ ކޮޅުން ކޮޅަށް ބަޝީރު ބަލާލި އެވެ. އެއްވެސް އެއްޗެއް ނުބުނެ ލަމިޔާ އެތަނުން ދިޔަ އެވެ.

"އެއީ...؟" ސޯފާގައި އިށީންނަމުން ބަޝީރަށް ބުނެވުނެވެ.

"އެއީ ޖުމާހުގެ އަންހެނުން،" ސަކީބާ ބުންޏެވެ.

"އަންހެނުންނޭ؟" ހައިރާންވެފައި ބަޝީރު އެހި އެވެ. "ކޮންތާކުން ހޯދި މަންޖެއެއް؟"

"ހޫނ. ދޮންބެއަށް ވެސް އޭނަ ރީތި ވީ ދޯ؟ ތިއީ ވެސް ވަރުގަދަ ކަމެއް،" ތުންފިއްތާލާފައި ސަކީބާ ބުންޏެވެ.

"އަހަރެން ފަހުން އަންނާނަން،" ބަޝީރު ތެދުވަމުން ބުންޏެވެ.

ގެއިން ނުކުންނަމުން ބަޝީރު ފަހަތަށް ބަލާލި އެވެ. ލަމިޔާ ފެންނަން ހުރިތޯ އެވެ. އެ ވަގުތު ބަޝީރުގެ ކަނާއަތު ކޮނޑަށް ބަރު ޖެހުނެވެ. ހީވީ ކުއްލިއަކަށް އެއްޗެއް އައިސް އިށީން ހެންނެވެ.

- ނުނިމޭ -

އިތުރު ވާހަކަ

ކޮމެންޓް (2)

ލަމީ

26 މާރިޗު 2024
ވާހަކަ ތަންކޮޅެއް ކުރު.. ދިގު ކޮށްލަދެވެނިކޮށް އޯކޭ😢..ރީތި ޓޫ😍
1 0

އެލްޒިން

26 މާރިޗު 2024
ވާހަަކަ ވަރަށް ރީތި! 💞
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް