ވާހަކަ: ވިގަނި

ވާހަކަ

ވާހަކަ: ވިގަނި - ފަނަރަވަނަ ބައި

25 މާރިޗު 2024

އެޕިސޯޑް 15

އެއީ ހީވި ގޮތެއް ނޫނެވެ. ސަކީބާ ދުވަމުން ކަހަލަ ގޮތަކަށް ލަމިޔާގެ ފަހަތުން ނުކުތެވެ. ލަމިޔާ ހުއްޓުމެއް ނެތި ހިނގަމުން ދެ އެވެ. އޭރު ބަންގި ގޮވައި ނުނިމެ އެވެ. ސަކީބާއަށް ވަކި ހިސާބަކުން ލަމިޔާ ގެއްލުނެވެ. އެރީ އުޑަށް ކަމެއް ވަނީ ބިމު އަޑިއަށް ކަމެއް ނޭނގުނެވެ. ސަކީބާ އެކި ދިމަދިމާ ހޯދި އެވެ. އޭރު ވެސް ރަށުތެރޭގައި އަނދިރިކަން ހުއްޓެވެ. މަދުމަދުން މީހުން ފެނެ އެވެ. މިސްކިތަށް ދާ މީހުންނެވެ. ސަކީބާގެ ހިތުގައި ޝައްކާއި ވަހުމް އުފެދުނެވެ. އުމަރުބެ ދެއްކި ވާހަކަތައް ބޮލުތެރޭގައި އެނބުރެމުން ދާން ފެށި އެވެ. ފަހަރަކު ޖުމްލައެއް ކަންފަތުގައި ގުގުމަމުން ދިޔަ އެވެ. ގެއާ ހިސާބަށް އާދެވުނު އިރު މީހާ ދާހިއްލާ ފޯވެއްޖެ އެވެ. ގަބޫލު ކުރަން ބޭނުން ނުވިޔަސް ހިތުގައި އެތައް ސުވާލެއް އުފެދުނެވެ.

ލަމިޔާއަށް ދެވުނީ ފުށްޓަރު ފަރާތަށެވެ. އޭރު މުޅި މީހާގެ ސިފަ އެއްކޮށް ބަދަލު ވެއްޖެ އެވެ. މީހާގެ ހަށިގަނޑު ވަރަށް ހިކިވެފައި އަނަރޫފަވި އެވެ. ގައިން ކެހެރިތައް ނުކުމެފައި ހުއްޓެވެ. ކޮންމެ ކެހެރި ވަޅެއްގެ ތެރެއިން ލޮނދި ފާޑުގެ އެއްޗެއް ނުކުމެ ނުކުމެ ހުއްޓެވެ. އަނދިރިއަށް ވުރެ ވެސް ހަށިގަނޑު ކަޅުވި އެވެ. ލޯ ހުރީ މަޑު ފެހި ކުލައިން ދިއްލިފަ އެވެ. ބޯ ހުރީ ވަރަށް ދިގު ކޮށެވެ. އަދި ބޮލުގެ މެދުގައި ދަޅު ފުންޏެއް ހުއްޓެވެ. ހީވަނީ ދަޅުފީނި ފުއްލާއެއްގެ ދަޅުތަކެއް ހެންނެވެ. މޫނުމަތީގައި ތިން ލޯ އިނެވެ. ދަތްތައް ހުރީ ބޭރަށް އެއް ބައި ނުކުމެފަ އެވެ. ކަރު ހިމަވެފައި ދިގެވެ. އަތުގެ އިނގިލިތައް ހުރީ ހުޅުތަކަށް ފަލަކޮށެވެ. ކޮންމެ އަތެއްގައި ވެސް އިނީ ތިން އިނގިއްޔެވެ. ބާމަތިން ނުކުމެފައިވާ ދެ ފިޔަގަނޑު ހުޅުވާލި އެވެ. ގަދަ މުށި ކުލަ އާއި ކަޅުކުލަ އާއި އަޅި ކުލައިގެ ފަތްތަކެއް އެ ފިޔަގަނޑުގައި ހުއްޓެވެ. އުނަގަނޑުން ތިރިއަށް ނިގުލެއް ނުކުމެފައި އޮތެވެ. ނިގޫ ދިގުކަމުން ބިންމަތީ ކޭއްތެ އެވެ. އޭގައި ވެސް ކެހެރި ފަޅާފައި ހުއްޓެވެ. އޭނާގެ އިސްކޮޅުން ދިގުކަމުން ރުކެއްގެ ކުރި ފެންނަ ވަރު ވާނެ އެވެ. ފަހަތް ބަލާލުމަށް ފަހު އުދުއްސައިގަތެވެ. މުޅި ތަނަށް އޭގެ އަސަރު ކުރުވި އެވެ. ކައިރީގައި ހުރި ގަސްތަކާއި ރުއްތައް ވަޔާ ހެލިގަތެވެ. ޖަހަމުން ދިޔަ ރާޅު ވެސް ހިނދުކޮޅަކަށް ހުއްޓުނެވެ. އެހާ ވެސް ބާރަށް އޭތި އުދުއްސައިގަތެވެ.

ކާކޮޓަރީގައި ސަކީބާ ހުރީ ރޮށި ފިހާށެވެ. އަތް ހަރަކާތް ކުރިޔަސް ސިކުނޑި ވަނީ ހުއްޓިފަ އެވެ. ހިތް ވަނީ ނުތަނަވަސް ވެފަ އެވެ. ސަކީބާއަކީ ހިތްވަރުގަދަ، ކެރޭ މީހެކެވެ. ނަމަވެސް ބައެއް ފަހަރު އިވޭ އަޑުތަކުންނާއި ފެންނަ މަންޒަރުތަކުން ހިތަށް ބިރުވެރިކަން ވަދެ އެވެ. ވިސްނަމުން ދިޔައީ ފަތިހު ހިނގައިދިޔަ ކަންތަކާ މެދުގަ އެވެ.

"މަންމާ!" ރަހުމާ އައިސް އުނދުން ނިވާލި އެވެ. "ރޮށި މި އޮތީ އަނދާފައި."

އުނދުނާ ދިމާލަށް ސަކީބާ ބަލާލި އެވެ. އޭރު ރޮށި އޮތީ ކަޅު ދެލި ކުލައިގަ އެވެ. ފުން ނޭވައެއް ބޭރު ކޮށްލާފައި ގޮނޑީގައި އިށީނެވެ. އަތުގައި ހުރި ފުށްތައް ފޮޅާލި އެވެ. ރަހުމާއަށް ޝައްކެއް ވި އެވެ. މަންމަ ކޮންމެވެސް ކަމަކާ ވިސްނަނީ އެވެ.

"މަންމާ، ދެން އެކަމާ ނުވިސްނަބަލަ. މިހާރު އެ މީހުން އެތިބީ ކައިވެނިކޮށްގެން. އެކަމާ އަހަރުމެންނަށް ކުރެވޭނެ ކަމެއް ނޯންނާނެ،" ރަހުމާ ހިތަށް އެރީ ސަކީބާ ވިސްނަމުން ދިޔައީ އެ ކައިވެންޏާ މެދު ކަމަށެވެ.

ސަކީބާ އެއްވެސް އެއްޗެއް ނުބުނެ އެވެ. ހިތަށް އަރަމުން ދިޔަ އެއްޗެހި ރަހުމާ ގާތު ބުނާކަށް ބޭނުމެއް ވެސް ނޫނެވެ. ނަމަވެސް އެކަން ކޮންމެވެސް މީހަކާ ހިއްސާ ކުރަން ބޭނުންވި އެވެ. އެކަމަކު ފަސްޖެހެވުނެވެ. އެއީ ހަގީގަތަކަށް ނުވެއްޖިއްޔާ ސަކީބާއަށް އެ ކުރެވުނީ ކުށްހީއެކެވެ. ފެނުނު އެންމެ މަންޒަރަކުން މީހަކާ ދޭތެރޭ ދެކޭ ގޮތް ބަދަލު ވެދާނެ ހެއްޔެވެ؟ އެކަމަކު އެއީ ތެދަކަށް ވަންޏާ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އެކަމުން ސަލާމަތްވާނީ ކިހިނެއް ހެއްޔެވެ؟

"މަންމާ،" ލަމިޔާ ބަދިގެއަށް ވަންނަމުން ސަކީބާއަށް ގޮވާލި އެވެ. ސަކީބާގެ މޫނަށް ނުތަނަވަސްކަން ވެރިވި އެވެ. ހިނދުކޮޅަކަށް ޖެހިލުންވި އެވެ. ކުރިމަތީ ހުރީ ކާކު ކަމެއް ސަކީބާއަކަށް ނޭނގެ އެވެ. އިންސާނެއް ކަމާ މެދު ވެސް ޝައްކެވެ.

"މިއަދު އަހަރެން ސައި ހަދަންތަ؟ އެކަމަކު އެއީ މަންމަ އެ ގޮތަށް ރުހެންޏާ،" ލަމިޔާ ބުންޏެވެ. ސަކީބާ އެއްވެސް އެއްޗެއް ނުބުނެ ނުކުމެގެން ދިޔަ އެވެ. ފަހަތުން ރަހުމާ ވެސް ނުކުތެވެ. ލަމިޔާގެ މޫނު މައްޗަށް ވެރިވީ ނުބައި ހިނިތުންވުމެކެވެ.

"ދަރިފުޅާ! މަންމަ އެބަ އޮތް ދަރިފުޅު ގާތު ވާހަކައެއް ބުނަންވެފައި،" ޖުމާހު ކޮޓަރިން ނުކުތުމުން ސަކީބާ ބުންޏެވެ.

"މިހާރުތަ؟ ވަރަށް ލަސްވެގެން މި އުޅެނީ. އޮފީހުން އައިސް ތި ވާހަކަ ދައްކާނީ ދޯ؟" ޖީބުން ސައިކަލުގެ ތަޅުދަނޑި ނަގަމުން ޖުމާހު ގެއިން ނުކުތެވެ.

ސަކީބާއަށް އެހެން ކަމެއް ފާހަގަވާން ފެށި އެވެ. ލަމިޔާގެ ކިބައިގައި ހުންނަ މުރާލިކަމާއި ގެވެހިކަމެވެ. އުޅުމާއި އަހުލާގު އެހާ ރަނގަޅެވެ. ކޮންމެ ގޮތަކަށް ސަކީބާ ވާހަކަ ދެއްކިޔަސް ލަމިޔާ ރުޅިއެއް ނާދެ އެވެ. ހިނިތުންވުމަކުން ނޫނީ ޖަވާބު ނުދެ އެވެ. ޖުމާހަށް އެހާ ރަނގަޅެވެ. ކޮންމެ ކަމެއް ވެސް ބުނުމުގެ ކުރިން ހުންނަނީ ކޮށް ނިންމާފަ އެވެ. ގޭތެރެ ކުނި ކެހުމާއި ފޮޅައިސާފު ކުރުމަކީ ލަމިޔާ ކުރާހިތުން ކުރާ ކަންކަމެވެ. ބަދިގޭގައި ކައްކަން ޖެހޭ ހުރިހާ އެއްޗެއް ތައްޔާރު ކުރަނީ ލަމިޔާ އެވެ. ސަކީބާ ބަދިގެއަށް ވަންނަ އިރަށް، ތިމަންނަ ކުރާނަމޭ ބުނެ އެވެ. އެންމެންގެ އެއްޗެހި ދޮވެ އިސްތިރި ކޮށްދެނީ ވެސް ލަމިޔާ އެވެ. ސަކީބާ ހިތަށް އެރި އެވެ. އެންމެ ފުރަތަމަ ރޭ ލަމިޔާ ފެނުނު އިރު އެ ފެނުނީ ބިލާހެކެވެ. އޭގެ ފަހުން އެފަދަ އެއްވެސް ކަމެއް ލަމިޔާގެ ކިބައިންނެއް ނުފެނެ އެވެ. ފެންނަނީ ހުސް ފައްސި ސިފަތަކެވެ. ކައިވެންޏަށް ދެ ހަފުތާ ވީ އިރު ސަކީބާއަށް ލަމިޔާ ވަރަށް ކަމުދިޔަ އެވެ. ނަމަވެސް ހިތުގެ ކަނެއްގައި ފޮރުވިފައިވަނީ ބުނެދޭން ނޭނގޭ ކަހަލަ ބިރުވެރިކަމެކެވެ.

އެއް ދުވަހެއްގެ ހަވީރުގެ ވަގުތެވެ. އޮފީހުން ނިމިގެން ޖުމާހު ގެއަށް ވަނެވެ. ވަން ގޮތަށް އަނބުރައިގަނެގެން ވެއްޓުނެވެ. ސަކީބާ އެތައް މަސައްކަތެއް ކޮށްގެން ވެސް ހޭ އަރާ ގޮތެއް ނުވިއެވެ. ގޭގައި އިތުރު މީހަކު ނެތުމުން ދެން ހަދާނެ ގޮތެއް ނުވިސްނުނެވެ. އެ ވަގުތު އަމީނާއަށް އާދެވުނެވެ. ދެ މީހުން އެކުގައި މަސައްކަތް ކުރީ ޖުމާހު ހޭ އަރުވާށެވެ. ނަމަވެސް ކާމިޔާބު ވާގޮތެއް ނުވި އެވެ.

އެންބިއުލާންސަށް ގުޅައިގެން ހޮސްޕިޓަލަށް ގެންދެވުނެވެ. ސަކީބާ ހުރީ ވަރަށް ހާސްވެފަ އެވެ. އަމީނާ ބެލީ ސަކީބާއަށް ހިތްވަރު ދެވޭތޯ އެވެ. ޑޮކްޓަރު ނުކުތުމާ އެކު ސަކީބާ ސުވާލުތައް އޮއްސާލި އެވެ.

"މާ ބޮޑު ކަމެއް ނޫން. ޕްރެޝަރު މައްޗަށް ދިޔައީ،" ޑޮކްޓަރު ބުންޏެވެ. ސަކީބާއަށް ފުން ނޭވައެއް ބޭރު ކޮށްލެވުނެވެ.

"ކޮބާތަ އެ ލަމިޔާ؟" އަމީނާ ސުވާލު ކޮށްލި އެވެ.

"ނޭނގެ. ކޮންމެ ދުވަހަކު ހަވީރު ދާނެ ބޭރަށް. ބުނި ހިނގާލާށޯ ދަނީ،" ސަކީބާ ބުންޏެވެ.

"މި ވަރު ކަމެއް ވެގެން ދިޔަ އިރު ވެސް އޭނަ އަކަށް ނޭނގެ ދޯ؟" އަމީނާ ބުންޏެވެ.

"ގޭގައި ހުރީ އަހަރެން އެކަންޏޭ. އެހެން ނޫނަސް އޭނަ ފޯނެއް ވެސް ނުގެންގުޅޭ."

"ސަކީބާ ހާދަ ވަރަކަށް އޭނަ ތި ދިފާއު ކުރަނީ،" ނުރުހުންވެފައި އަމީނާ ބުންޏެވެ. "އޭނައަކީ ކޮން ރަށެއްގެ ކާކު ކަމެއްކަން ވެސް އެނގޭތަ؟"

"ނޭނގެ މަށަކަށް. މަށެއް ނުވެސް އުޅެން ބަލާކަށް،" ސަކީބާ ބުންޏެވެ.

ހޮސްޕިޓަލުން އައި ފަހުން ޖުމާހުގެ ބޮލުގައި ރިއްސަން ފެށި އެވެ. އެ ގޮތުގައި ދެތިން ދުވަސްވުމުން ޑޮކްޓަރަށް ދެއްކި އެވެ. ޓެސްޓްތައް ހެދި އެވެ. ނަމަވެސް އެއްވެސް ކަމެއް ނުފެނުނެވެ. ދުވަހެއް ދުވަހަކަށް ޖުމާހުގެ ބޮލުގައި ރިހުން ގަދަވާން ފެށި އެވެ. އެކަމާ އެންމެ ކަންބޮޑުވަނީ ސަކީބާ އެވެ. ވާނުވާ ނޭނގޭ ނުފިލާ ބޮލުގެރިހުމެއް ހުންނާތީ އެވެ. ބައެއް ރޭރޭ ޖުމާހު ވަރަށް ބޮޑަށް ތެޅިފޮޅި ހަދަ އެވެ. ލަމިޔާ ހުންނަނީ ކުރާނެ ކަމެއް ނޭނގިފަ އެވެ. އެންމެ ފަހުން މާލެ ދާން ސަކީބާ ބުންޏެވެ. ޖުމާހު ވެސް އެގޮތަށް އެއްބަސްވި އެވެ. އެ ވޭނުގައި އުޅުމަށް ވުރެ ކަމުގެ އަސްލު ދެނެގަންނަން ބޭނުންވި އެވެ. ކުއްލިއަކަށް ފުރަން ޖެހުމުން ފްލައިޓުން ޓިކެޓް ލިބޭ ގޮތެއް ނުވި އެވެ. އެހެންކަމުން ލޯންޗުގައި ދާން ނިންމި އެވެ. ޖުމާހާއި ސަކީބާ އާއި ލަމިޔާ އެވެ.

"ދަރިފުޅާ، ދަތުރު ދުއާ ކިޔާލާތި،" ކުޑަކުއްޖަކު ކައިރީ ބުނާ ފަދައިން ޖުމާހު ގާތުގައި ސަކީބާ ބުންޏެވެ.

ލޯންޗު ކަނޑިންމައިން ނުކުތެވެ. އެ މަންޒަރު ބަލަން ހިރުނދު ގަހެއް ކައިރީގައި އެހެން މަހުލޫގެއް ހުއްޓެވެ. މޫނުމަތީގައި ވަނީ ނުބައި ހިނިތުންވުމެކެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް