ވާހަކަ: ވިގަނި
އެޕިސޯޑް 14
ކުޑަދޮރުން ބޭރަށް ޖުމާހު ބޯދިއްކޮށްލި އެވެ. ހީވީ ކަންފަތުގެ ތޫރި ފަޅައިގެން ދިޔަ ހެންނެވެ. އިވުނީ ވަރަށް ތޫނު އަޑެކެވެ. އެހާމެ އަޑު ގަދަ އެވެ. އަދި އިވުނީ ވެސް ދާދި ގާތުންނެވެ. ޖުމާހު ދެ ކަންފަތުގައި އަތް އެޅި އެވެ. އޭރު ވެސް އެ އަޑު އިވެމުން ދިޔަ އެވެ. ހީވަނީ ކުޑަކުއްޖަކު ވަރަށް ބާރަށް ހަޅޭއްލަވާހެންނެވެ. ނަމަވެސް އެ އަށް ވުރެ އަޑު މާ ތޫނެވެ. އޭރު ވެސް އެ ހިޔަނި ފެންނަން ހުއްޓެވެ.
"ދޮންބޭ!" ދޮރުގައި ޓަކި ޖަހާލަމުން ރަހުމާ ގޮވާލި އެވެ. ދޮރާ ދިމާލަށް ޖުމާހު ބަލާލި އެވެ. އެ ވަގުތު އަޑު ކެނޑުނެވެ. އެއާއެކު އެ ކަޅު ހިޔަނި ވެސް ގެއްލުނެވެ. ޖުމާހު ފުން ނޭވާއެއް ބޭރުކޮށްލާފައި ކުޑަދޮރު ލެއްޕި އެވެ. ހިތުގައި އުފެދުނު ބިރުވެރިކަން ހަމައަކަށް އެޅެން ވަގުތު ނެގި އެވެ.
"ކީކޭ؟" ދޮރު ހުޅުވާލަމުން ޖުމާހު ބުންޏެވެ.
"ގަޑި ޖެހިއްޖެ،" އެހެން ބުނެފައި ރަހުމާ ހިނގައިގަތެވެ. ރަހުމާ އާއި ސަކީބާގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަނުޖެހުމާއި ރުޅިވެރިކަމެވެ. އެކަން ޖުމާހަށް ފެންނަމުން ދިޔަ އެވެ. އެ ކައިވެންޏާ މެދު އެ މީހުން ނުރުހޭކަން ފާޅުގައި ދައްކަމުން ދިޔަ އެވެ.
ފަރިވެ ފޮޅިފައިވާ ތާޒާ މަލެއް ފަދަ ލަމިޔާ ހުރީ ރީތި ވެލައިގެންނެވެ. ޖުމާހަށް ލަމިޔާ ފެނުމާ އެކު ހިތުގައި އުފެދެމުން ދިޔަ އުދާހަށް ލުޔެއް ލިބުނެވެ. ލޯބިވެރިއެއްގެ މަގާމުން އަތްނބެއްގެ މަގާމަށް އައި ހިނދު ދެ މީހުންނަށް އެކަކު އަނެކަކަށް ބަލާލެވުނީ ބޭއިހުތިޔާރުގަ އެވެ. ޖުމާހުގެ ލޮލުގައި ބަބުޅަމުން ދިޔައީ އުފާވެރިކަމެވެ. އެ މަންޒަރު ބަލަން އެންމެ އުނދަގޫވީ ސަކީބާއަށެވެ. އިތުރަށް އެންމެ ހިނދުކޮޅަކު ވެސް އެ ތަނުގައި ހުންނާކަށް ބޭނުމެއް ނުވި އެވެ. ކޮޓަރިއާ ދިމާލަށް ހިނގައިގަތުމުން ރަހުމާ ލޮލުން އިޝާރާތެއް ކޮށްލި އެވެ. ސަކީބާ ވަގުތުން ހުއްޓުނެވެ. އަދި ގޮނޑީގައި އިށީނެވެ.
ލަމިޔާއަށް ބެލުން ނޫން ކަމެއް ޖުމާހަކަށް ނުކުރެވުނެވެ. ލަމިޔާގެ ސާދާ މިޒާޖާއި ރީތި ސިފަތަކަށް މީހާ ލެނބި ހައްޔަރު ވެއްޖެ އެވެ. އެ ތޫނު ކަޅިރަވައިގެ ބާރުގައި މީހާ ކަސްތޮޅު އެޅިއްޖެ އެވެ. އެފަދަ ރީތި ފަތްމިންޏެއް މީހެއްގެ ލޮލަށް ދައްކާކަށް ވެސް ޖުމާހު ބޭނުމެއް ނުވެ އެވެ. އެއީ އެސްފީނާއެއް ޖެހިދާނެތީ އެވެ. ނުވަތަ މީހަކު ލަމިޔާ ޖަހައިގަނެފާނެތީ އެވެ. ޖުމާހު ބޭނުންވީ ލަމިޔާ ފޮރުވައިގެން ގެންގުޅޭށެވެ. ގެއިން ބޭރަށް ވެސް ނުނެރޭށެވެ. ބޭނުންވާ ކޮންމެ އެއްޗެއް ގެއަށް ގެނެސްދޭށެވެ. ބުނާ ކޮންމެ ކަމެއް ވަގުތުން ކޮށްދޭށެވެ. ހުރިހާ ރިހުމަކާއި އުނދަގޫތަކެއް ފިލުވައިދޭށެވެ. ހިތާމަ އާއި ހިތްދަތިކަން ލަމިޔާ ފެންނަ ހިސާބަށް ވެސް އަޔަ ނުދޭށެވެ. ހިތްހަމަޖެހުމާއި އުފަލާއި އަރާމުން އެ އުނގު ފުރާލަދޭށެވެ. އެއީ ޖުމާހުގެ ހިތުގައި ކުރެވުނު ވައުދުތަކެކެވެ.
ކައިވެނީގެ ފުރަތަމަ ރެއަކީ ކޮންމެ ދެމަފިރިއަކަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނުވައިދޭ ރެއެކެވެ. ދިރިއުޅުމުގައި އެކަކު އަނެކަކަށްޓަކައި އެތައް ހުވާތަކެއް ކުރާ ރެއެކެވެ. ޖުމާހު އިނީ ލަމިޔާ ކޮޓަރިއަށް އަންނާނެ އިރެއްގެ އިންތިޒާރުގަ އެވެ. ރޭގަނޑު އެގާރަ ޖެހި އިރު ވެސް ލަމިޔާއެއް ނާދެ އެވެ. އެތައް ފަހަރަކު ސިޓިންރޫމަށް ނުކުތެވެ. މީހަކު ފެންނާކަށް ނެތެވެ. މަންމަ އާއި ރަހުމާ ވެސް ނިދީ ކަމުގައި ޖުމާހުގެ ހިތަށް އެރި އެވެ. މިއީ ޖުމާހު ބޭނުންވި ގޮތެއް ނޫނެވެ. ލޯބިވާ އަނބިމީހާ ގާތުގައި އޮށޯވެލައިގެން އޮންނަން ޖުމާހު ބޭނުންވި އެވެ. އެތައް ވާހަކައެއް ހިއްސާކުރަން ބޭނުންވި އެވެ. ލޯބީގެ މަސްތީ ބަގީޗާތަކުގެ މާތައް ފޮޅުވަން ބޭނުންވި އެވެ.
ގަޑިން އެކެއް ޖެހި އިރު ވެސް ލަމިޔާއެއް ނާދެ އެވެ. ލަމިޔާ އުޅޭ ގެއެއް ޖުމާހަކަށް ނޭނގެ އެވެ. ހޯދަން ދާނީ ވަކި ކޮންތާކަށް ހެއްޔެވެ؟ އުޅޭ ގެ ދައްކާށޭ އެތައް ފަހަރަކު ބުނެވުނެވެ. އެކަމަކު އެކި ބަހަނާ ދައްކާފައި ލަމިޔާ ވާހަކަ އޮޅުވާލަނީ އެވެ. މި ކުރެވުނީ ރަނގަޅު ކަމެއްބާވައޭ ވެސް ޖުމާހު ހިތް ބުނަމުން ދިޔަ އެވެ. ޖުމާހުގެ ހިތަށް ސުވާލުތައް ފުނިޖެހެމުން ގޮސް ބަންޑުންވާ ހިސާބަށް ދިޔަ އެވެ. އެނބުރެމުން ދިޔަ ފަންކާއާ ދިމާލަށް ބަލަހައްޓައިގެން ޖުމާހު އޮތީ ނިދަން ބޭނުން ނުވެފަ އެވެ. އަނބިމީހާ ވީތަނެއް އަހާނީ ވެސް ކާކު ގާތުގައި ހެއްޔެވެ؟ އެ ވަގުތު ކަމެއް ހަނދާން ވެގެން ތެދުވާ ކަހަލަ ގޮތަކަށް އެނދުން ތެދުވި އެވެ. ލަމިޔާގެ މަންމަ މިރޭ ނުފެނުމުން އެކަން ހަނދާން އެވީ ދެންމެ އެވެ. ލަމިޔާގެ ޖާދުލުގައި ޖެހި ޖުމާހަށް މިރޭ ކަމެއް ހަނދާންވާ ވަރެއް ނޫނެވެ. ހިތަށާއި ސިކުނޑިއަށް ބަރުވަމުން ގޮސް ލޯ މައްޗަށް ވެސް ބަރު ޖެހެމުން ދިޔަ އެވެ. އެ ވަގުތު ކޮޓަރީގެ ދޮރު ހުޅުވުނެވެ. އެތެރެއަށް ވަނީ ލަމިޔާ އެވެ. ޖުމާހު ފުންމައިގެން ތެދުވި އެވެ. އަދި ގޮސް ލަމިޔާ ގައިގާ ވަރަށް ބާރަށް ބައްދާލި އެވެ.
"އަހަރެން ކިރިޔާ ހިތް ނުހުއްޓުނީ. ތި ކަހަލަ ކަންތައް ދެން ނުކުރާތީ،" ޖުމާހުގެ ހިތުގައި ޖެހުނެވެ.
"ސޮރީ،" ލަމިޔާގެ އެ ލަފުޒުން އެކަނި ވެސް ޖުމާހަށް ހިތްހަމަޖެހުން ލިބުނެވެ.
ޖުމާހު ބޭނުން ނަމަ ކިތަންމެ ސުވާލެއް ކުރެވުނީހެވެ. މިފަދަ ރެއެއްގައި މިހާ ދަންވަންދެން އުޅުނީ ކޮންތާކުތޯ އެހިދާނެ އެވެ. ކުއްލިއަކަށް އެބަ އަންނަމޭ ކިޔާފައި އެހާ ގިނަ އިރު ވީ ކީއްވެތޯ އެހިދާނެ އެވެ. ޝަކުވާ ވެސް ކުރެވިދާނެ އެވެ. ޖުމާހަކީ ފިރިމީހާ އެވެ. ނުކުރެވޭނެ އެންމެ ސުވާލެއް ވެސް ނޯންނާނެ އެވެ. ނަމަވެސް އެ ހުރިހާ ކަމަކަށް ޖުމާހު ކެތްތެރިވި އެވެ. ލަމިޔާ ހިތުގައި ޖެހިދާނެތީ އެވެ. ލަމިޔާއަށް ޖުމާހު ޝައްކު ކުރަނީ ކަމުގައި ހީކޮށްފާނެތީ އެވެ. އެ ވަގުތު އެ މާހައުލު ހަރާބުކޮށްލަން ބޭނުން ނުވާތީ އެވެ. އެހެންކަމުން ހުރިހާ ސުވާލެއް ފަސްއަޅައި ފޮރުވާލި އެވެ. އަދި އެތަނުގައި ތަޅުމެއް އެޅި އެވެ.
ލަމިޔާ އައުމުން ކޮޓަރި ތެރޭގައި މީރު ވަހެއް ދުވި އެވެ. ޖުމާހު ހިތަށް އެރީ އެއީ ކޮޓަރި ކުޑަދޮރު ކައިރީގައި ފޮޅިފައިވާ މާތަކުން ކަމަށެވެ. ބަހާރު މޫސުމުގައި ފޮޅޭ މާތަކުން ކޮޓަރިތެރެ ޒީނަތްތެރިވެފައިވާ ކަމުގެ އިހުސާސެއް ޖުމާހަށް ކުރެވުނެވެ. އެތަނުގައި ލަމިޔާ އާއި ޖުމާހު ދިރިއުޅޭ ހިތްގައިމު ގެއެއް ވެސް ފެނުނެވެ. ސާދަވިލޭރޭގެ ހަނދުވަރުން ޖަރީވެފައިވާ ރީތި ގަނޑުވަރުގައި ހުރީ ވެސް ރިހި ކުލަ އެވެ. ވަށައިގެން ވަނީ ކުލަކުލައިގެ މާ އަޅާ ގަސްތަކެވެ. އޭގެތެރޭގައި އެކި ކުލަކުލައިގެ ފިނިފެންމަލާއި ހުވަނދުމަލާއި ކަނީރުމަލެވެ. ބޯގަންވިލާގެ އެކި ކުލަތަކާއި މަލިކުރުވާ އާއި އޯކިޑާއި ސައިމާ ހިމެނެ އެވެ. އެ ގަސްތަކުގެ ތެރޭގައި ކޮކާލާއި މާބުރާއި ބަޅިނދުތައް އުދުހެމުން ދިޔަ އެވެ. ބިންމަތީގައި ވަނީ ފެހިކުލައިގެ ވިނަ ހެދި، ވެލިތައް ފޮރުވިފަ އެވެ. އެކި ހިސާބުތަކުގައި ފެން އާރުތައް ފެންނަން ހުއްޓެވެ. ވިއްސާރަ ވިލާ ނެތް އުޑުމަތީގައި ވަނީ މަޑު ނޫކުލައިގެ ސާލެއް ފެތުރިފަ އެވެ. އެ މަންޒަރު ބަލަލަން ލޮލަށް ކިތަންމެހާ ވެސް ހިތްގައިމެވެ. އެ ތަނުގައި އުޅެން ލިބިއްޖެ ނަމަ އެއީ ނަސީބުވެރިއެކެވެ.
ޖުމާހަށް ނިދީގައި ފުރޮޅިލެވުނެވެ. ލަމިޔާ އޮތީ ޖުމާހުއާ ދިމާލަށް ބަލަހައްޓައިގެންނެވެ. ކަޅި ޖަހާނުލަ އެވެ. ޖުމާހު ދެކެ ލަމިޔާ ކިތަންމެހާ ވެސް ލޯބިވެ އެވެ. ނަމަވެސް އެ ލޯބީގެ ފަހަތުގައިވާ ހަގީގަތް އެނގުމުން ޖުމާހު ލަމިޔާ ދެކެ ކިހާ ފޫހިވާނެ ހެއްޔެވެ؟ ލަމިޔާގެ ހަގީގަތް އެނގުމުން ކިހާ ޖެހިލުމެއް ވާނެ ހެއްޔެވެ؟ އެ ވަގުތު ޖުމާހަށް ހޭލެވުނެވެ. ވަގުތުން ލަމިޔާ ލޯ މަރައިލި އެވެ. ޖުމާހަށް އެ މަންޒަރެއް ނުފެނުނެވެ. ލަމިޔާގެ ބޮލުގައި ވަރަށް ލޯބިން ފިރުމާލި އެވެ. ލަމިޔާއަކީ ޖުމާހުގެ ނަސީބޭ ހިތަށް އެރި އެވެ. އޭރު ފަތިސް ނަމާދު ބަންގި ގޮވަން އޮތީ ހަތަރު މިނެޓެވެ. ޖުމާހުގެ ގާތުގައި އޮތް މަހުލޫގަށް އެކަން ވިސްނެމުން ދިޔަ އެވެ. ބަންގީގެ އަޑު އިވުމާ އެކު ވާ ގޮތް އޭނައަށް އެނގެ އެވެ. އެ ވަގުތު ޖެހެން ވާ އިރަށް ކޮޓަރިން ނުކުތުމަށް ލަމިޔާ ތެދުވެ އެނދުގައި އިށީނެވެ.
"ހޭލެވުނީތަ؟" މަޑުމަޑުން ޖުމާހު ބުންޏެވެ. ލަމިޔާ އިސްޖަހާލި އެވެ.
"ރޭގައި ވަރަށް ރީތި ހުވަފެނެއް ފެނުނު. ކިޔައިދެންތަ؟ ވީ ގޮތަކީ..." ލަމިޔާ އެނދުން ތެދުވި އެވެ. ކޮޓަރިން ނުކުތުމަށް ހިނގައިގަތެވެ. ފަހަތުން ޖުމާހު ވެސް ތެދުވި އެވެ.
"ކޮންތާކަށް؟" ޖުމާހު އަހާލި އެވެ. ލަމިޔާ ހުރީ ލޯ މަރައިގެންނެވެ. ލޮލުގެ ކުލަ ޖުމާހަށް ފެނިދާނެތީ އެވެ. ފަނޑު އަނދިރިކަމެއް ކޮޓަރިތެރޭގައި ހުއްޓަސް އެ ވަރު ފާހަގަވާ ވަރު ވެ އެވެ.
"ކީއްވެ ލޯ މަރައިގެން ތި ހުރީ؟" ލަމިޔާގެ ކޮލުގައި އަތްލަމުން ޖުމާހު އެހި އެވެ.
"އަހަރެން ދެކެ ލޯބިވަންޏާ އަހަރެން ފަހަތުން ނާންނާތި،" ކޮޓަރިން ނުކުންނަމުން ލަމިޔާ ބުންޏެވެ. ޖަހާފައި ހުރި ބުދެއްހެން ޖުމާހަށް ހުރެވުނީ އެވެ.
ކޮޓަރިން ލަމިޔާ ނުކުތް އިރު ގޭތެރޭގައި ސަކީބާ ހުއްޓެވެ. ލަމިޔާއަށް ސަކީބާއެއް ނުފެނެ އެވެ. އޭރު ބަންގީގެ ފުރަތަމަ ކަލިމަ ގޮވާލި އަޑު އިވުނެވެ. ދޮރު ހުޅުވާފައި ލަމިޔާ ނުކުތެވެ. އެ ވަގުތު ލަމިޔާގެ ފަހަތުން އެއްޗެއް ދިގުވާހެން ހީވި އެވެ. ހީވީ އުނަގަނޑާ ދިމާއިން އެއްޗެއް ހެލޭ ހެންނެވެ. ސަކީބާއަށް އެ މަންޒަރު ވަރަށް ސާފުކޮށް ފެނުނެވެ. އެއީ ހީވި ގޮތެއް ނޫނެވެ. ސަކީބާ ދުވަމުން ކަހަލަ ގޮތަކަށް ލަމިޔާގެ ފަހަތުން ނުކުތެވެ.
- ނުނިމޭ -