ވާހަކަ: ވިގަނި
އެޕިސޯޑް 13
"އަނެއްކާ ކިހިނެއްވީ؟" ދެ ބުމަ ދޭތެރެއަށް ރޫތައް ގިނަ ކޮށްލަމުން ސަކީބާ އެހި އެވެ.
"އުމަރުބެ..." އަމީނާއަށް ބުނެވުނެވެ.
"އުމަރުބެ ކިހިނެއްވީ؟" ކަންބޮޑުވެފައި ސަކީބާ އެހި އެވެ.
"އުމަރުބެ ނިޔާވެއްޖެ،" އަމީނާ ބުންޏެވެ.
"އޭނ؟ އެ ކިހިނެއްވާނީ؟ އަހަރެން ރޭގައި އެ ގެއަށް ދިޔައިން. އުމަރުބެއާ ވާހަކަ ވެސް ދެއްކިން،" ހައިރާންވެފައި ސަކީބާ ބުންޏެވެ.
"ދަންޖެހިފަޔޯ ހުރީ،" ގޮނޑީގައި އިށީންނަމުން އަމީނާ ބުންޏެވެ. ސަކީބާ ހައިރާންވި އެވެ. އެއީ އުމަރުބެ ކުރާނެހެން ހީވާ ކަމަކަށް ނުވީމަ އެވެ.
"ތީގެ މާނައަކީ އަމިއްލައަށް..." ސަކީބާއަށް ބުނެވުނެވެ. އަމީނާ ބޯ ޖަހާލި އެވެ.
"އެކަމަކު މީގައި އެންމެ ހައިރާންވާ ކަމަކީ އޭނަ އަމިއްލައަށް މަރުވާ ކަހަލަ ކަމެއް ދިރިއުޅުމުގައި ވީ ހޭ؟ ނުވަތަ ވަމުން ދިޔަ ހޭ؟" އަމީނާ ސުވާލު ކޮށްލި އެވެ.
"މަންމާ،" ގޭތެރެއަށް ވަތް ރަހުމާ ސަކީބާއަށް ގޮވާލި އެވެ.
"މަންމައަށް އެނގޭތަ އުމަރުބެ ނިޔާ ވެއްޖެ،" ހާސްވެފައި ރަހުމާ ބުންޏެވެ. "ވަރަށް ބޮޑުކޮށް މެޔާ ދިމާލުގައި ޒަހަމެއް ވެސް ހުއްޓޯ."
"ކޮން ކަހަލަ ޒަހަމެއް؟" ސަކީބާއަށް އަހާލެވުނެވެ.
"ނޭނގެ. މީހަކު ބުނާ އަޑު އެހިން، ފާޑެއްގެ ގޮތަކަށް ހީވަނީ ވަކި އަޅާފައި ހުރި ހެންނޯ،" ރަހުމާ އެހެން ބުނުމުން އަމީނާ އާއި ސަކީބާއަށް ގޮނޑިން ތެދުވެވުނެވެ. އަދި އެކަކު އަނެކަކަށް ބަލާލެވުނެވެ.
އުމަރުބޭގެ ކަށުކަމާކެމީގެ ކަންކަން ނިމުނެވެ. ކޮންމެ މީހެއްގެ ދުލު ކުރީގައި ވެސް އޮތީ އެ ވާހަކަ އެވެ. ފިނިއަށިތަކާއި ޖޯލިފަތިތަކުގަ އެވެ. އުމަރުބޭގެ މޭމަތީގައި ހުރި ބޮޑު ޒަހަމްގެ ވާހަކަ އެވެ.
"އެކަމަކު ހަސަނާ ބުނަން. މަ ނުދެކެން އެކަހަލަ ކަމެއް. މި ކަމުގައި މަ އުޅޭތާ މިހާރު ފަންސަވީސް އަހަރު ވީ،" ރަށުގައި ދުވަސްވީ އިސްމާއިލް ބުންޏެވެ. އޭނާއަކީ ކަށުކަމާކެމީގެ ކަންކަމުގައި އުޅޭ މީހެކެވެ.
"އަސްލު ކިހިނެއްތަ އެތަން ހުރީ؟" ހަސަނު އެހި އެވެ.
"ހީވަނީ ކޮށި އެއްޗަކުން ފުންކޮށް ދަމާލާފައި ހުރިހެން. ހަމަ ވަކި ދަމާފައި ހުރިހެން ހީވަނީ،" ދެ ފަރާތަށް ބޯ ހަލުވާލަމުން އިސްމާއިލް ބުންޏެވެ. "އިންސާނަކު އެފަދަ ކަމެއް އޭނައަށް ކޮށްފާނެ ކަމާމެދު ޝައްކު."
"ވެދާނެއެއްނު ޖިންނިއެއް ކަހަލަ އެއްޗެއް ކަމަކަށް ވެސ،." ހަސަނު އެހެން ބުނި އަޑު އިވުނީ ޖުމާހަށެވެ. ފިނިއަށި ކައިރިން ލާފައި ޖުމާހު ދިޔައީ ގެއާ ދިމާލަށެވެ. ޖުމާހުގެ ހިތަށް އެރި އެވެ. ޖިންނި ޝައިތޯނުންނަކީ ހަގީގަތުގައި ވެސް އުޅޭ އެއްޗެއް ހެއްޔެވެ؟
"ކައިވެނި ކުރުމުގެ ކުރިން އަހަރެން ބޭނުން ގޮމާ އަހަރުމެން ގެއަށް ގޮސްލަން. މަންމަ އާއި ރަހުމާއާ ވެސް ބައްދަލުކޮށްލަން ވާނެއެއްނު،" ޖުމާހު ވާހަކަ ދައްކަމުން ދިޔައީ ލަމިޔާއާ އެވެ.
"އާނ. ދާނަން،" ލަމިޔާގެ ޖަވާބު ކުރެވެ.
"ކިހިނެއްވީ؟ މިރޭ ހާދަ ފާޑަކަށް ތި އިންނަނީ؟" ލަމިޔާގެ މޫނަށް ބަލާލަމުން ޖުމާހު އެހި އެވެ.
"އަހަރެން ހިތަށް އަރަނީ ތި ގޭގައި އަހަރެންނަށް އުޅެވޭނެބާއޭ."
"ކީއްވެ ނޫޅެވެންވީ؟ ކޮން ކަމަކާ ޖެހިލުންވަނީ؟" ޖުމާހު އެހި އެވެ.
"އެ މީހުން ނުރުހުންވާ، ނޭދެވޭ ސިފައެއް އަހަރެންގެ ފަރާތުން ފެނިދާނެތީ،" ލަމިޔާ ޖެހިލުންވާ އަސްލު ސަބަބު ހިތުތެރޭގައި ފޮރުވި އެވެ.
"އަނެކާ ނޭދޭ ސިފަ އާއި ނުރުހުންވާ ސިފަތައް ކޮންމެ މީހެއްގެ ކިބައިގައި ވެސް ހުންނާނެ. އެންމެން ހިތްހަމަޖައްސައިގެނެއް ދުނިޔެއަކު ނޫޅެވޭނެ،" ވިސްނައިދޭ ކަހަލަ ރާގެއްގައި ޖުމާހު ބުންޏެވެ.
"އެކަމަކު އެންމެންގެ ނުރުހުން ލިބިގެނެއް ވެސް ދުނިޔެއަކު ނޫޅެވޭނެ،" ލަމިޔާ ބުންޏެވެ.
"ގޮމާ، މާ ބޮޑަށޭ ތި ވިސްނަނީ. ތިޔަ ކަހަލަ ކަމެއް އިރާދަކުރެއްވިއްޔާ ނުވާނެ. ފަށައިގަންނަން އުނދަގޫވާނެ. އެއީ މަންމަގެ ނުރުހުމުގައި މިކަން ކުރާތީ. އެކަމަކު ފަހުން ރަނގަޅުވާނެ،" ޔަގީންކަން ދެމުން ޖުމާހު ބުންޏެވެ.
ހުކުރު ވިލޭރެއެކެވެ. ގަޑިން ނުވައެއް ޖަހަނީ އެވެ. ޖުމާހު ލަމިޔާގެ އަތުގައި ހިފައިގެން ގޭތެރެއަށް ވަނެވެ. އޭރު ސިޓިންރޫމުގައި ސަކީބާ އާއި ރަހުމާ ތިއްބެވެ. ލަމިޔާ ފެނުމުން ދެމައިންނަށް އެކުގައި ތެދުވެވުނެވެ. ދުވަހަކު ވެސް އެހާ ރީތި އަންހެނަކު ފެނިފައި ނުވުމުންނެވެ. ލަމިޔާ ގާތުގައި އިށީނުމަށް ޖުމާހު ބުންޏެވެ.
"ގޮމާ، މިއީ އަހަރެންގެ މަންމަ. މިއީ ކޮއްކޮ ރަހުމާ،" ދެމައިން ތައާރަފުކޮށްދިނުމަށް ފަހު ޖުމާހު އިށީނީ ރަހުމާއާ ޖެހިގެން އިން ގޮނޑީގަ އެވެ.
ސަކީބާ އާއި ރަހުމާއަށް ކޮޅަށް ތިބެވުނީ އެވެ. ލަމިޔާއާ ދިމާލަށް ނޫން އެހެން ދިމާލެއް ނުވެސް ބެލެ އެވެ. އަނގައިން ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ.
"މަންމާ،" ސަކީބާއަށް ޖުމާހު ގޮވާލި އެވެ. ސަކީބާ ވަގުތުން އިށީނެވެ. ސަކީބާއަށް އެކަހަލަ ކުދިންގެ ވާހަކަތައް އަޑު އިވިފައި ހުރީ މީހުންގެ ތުންތުންމަތިން ޔޯލައަށެވެ. ނަމަވެސް ހަމަ ލޮލަށް އެކަހަލަ ކުއްޖެއް ފެނުމުން އެއީ ފަތްމިންޏެކޭ ނުބުނާ ވަރެއް ނޫނެވެ.
"މިއީ ލަމިޔާ،" ހަމަހިމޭންކަން ފޫދުއްވާލަމުން ޖުމާހު ބުންޏެވެ. ލަމިޔާ އިނީ ނުތަނަވަސްވެފަ އެވެ.
"ކޮންތާކު އުޅޭ ކުއްޖެއް؟" ސަކީބާއަށް އަހާލެވުނެވެ.
"މި ރަށު ކުއްޖެއް ނޫން މިއީ. އެކަމަކު ދުވަސްކޮޅެއް ވެއްޖެ މި ރަށުގައި އުޅޭތާ،" ވަގުތުން ޖުމާހު ޖަވާބު ދިނެވެ.
"ތެދެއް؟ ކޮން ރަށެއް؟ ކޮބާ މައިންބަފައިންނާއި އާއިލާ؟" ސަކީބާގެ ސުވާލުތައް ހުހެއް ނުވި އެވެ.
"މަންމާ، ތި ތަހުގީގު ހުއްޓާލާފައި ލަމިޔާއަށް އެއްޗެއް ގެންނަން ވީނު؟" ޖުމާހު އެހެން ބުނުމުން ސަކީބާ ހައިރާންވި އެވެ. ލަމިޔާ ވަން ފުރަތަމަ ދުވަހު ވެސް ޖުމާހުގެ މިޒާޖު ބަދަލު ވެއްޖެކަން ކަށަވަރުވި އެވެ. އެހެންޏާ ޖުމާހަކީ ސަކީބާއާ އެހެން ވާހަކަ ދައްކާ މީހެއް ނޫނެވެ. ސަކީބާގެ މޫނު މައްޗަށް އެރި ކުލަވަރު ފެނުނީ ލަމިޔާއަށެވެ.
"އަހަރެން މި ވަގުތު ދަނީ. ދެން އެހެން ދުވަހަކުން އަންނާނަން،" ލަމިޔާ ތެދުވަމުން ބުންޏެވެ.
"ހާދަ އަވަހަކަށް. އިހަށް މަޑުކޮށްބަލަ. ކައިގެންނު ދާން ވާނީ،" ލަމިޔާއާ އެކު ކަހަލަ ގޮތަކަށް ޖުމާހު ވެސް ތެދުވި އެވެ.
"ނޫން ނޫން. އެހެން ދުވަހަކުން،" ލަމިޔާ އަވަސް އަވަހަށް ގެއިން ނުކުތެވެ. ފަހަތުން ޖުމާހު ވެސް ނުކުތެވެ.
"ގޮމާ، މަޑުކޮށްބަލަ. ހާދަ ބާރަކަށް ތި ދަނީ،" ޖުމާހަށް ހިނގޭ އެންމެ ބާރަކަށް ހިނގަމުން ދިޔަ އެވެ. ލަމިޔާ ގޮސް ގޯޅިއަކަށް އެޅި އެވެ. އެއީ އަނދިރި ގޯޅިއެކެވެ. ޖުމާހަކަށް ލަމިޔާއެއް ނުފެނުނެވެ. ކުއްލިއަކަށް ލަމިޔާ ވަނީ ކޮންތާކަށް ހެއްޔެވެ؟
ކަރު އެލުވާލައިގެން ޖުމާހު ހިނގައިގަތީ ގެއާ ދިމާލަށެވެ. އޭރު ދޮރާށި ކައިރީގައި ފަހުދު ހުއްޓެވެ. ޖުމާހު ހައިރާންވި އެވެ.
"ކަލޭ ކޮންތާކު މިހާރު ތި އުޅެނީ؟ އޮފީހުން ވެސް ކެނޑިއްޖެޔޯ މީހަކު ބުނި އަޑު އެހިން. ކޮން ކަމެއް މިހާރު ކުރަނީ؟" ފަހުދު ކުރިމަތީ ހުއްޓިލަމުން ޖުމާހު އެހި އެވެ.
"މަ މިހާރު ފަރުމަހަށް ދަނީ. ވަރަށް ތިޔާގި،" ފަހުދު ބުންޏެވެ.
"އެހެންތަ؟ ކޮން އިރަކު ފެށި ކަމެއް؟"
"ދުވަސްކޮޅެއް ވެއްޖެ. އެކަމަކު އެއީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭ ކަމެއް ނޫން،" ފަހުދު ނިސްބަތް ކުރީ ޖުމާހަށްކަން ޖުމާހަށް ވިސްނުނެވެ. "ކަލޭ ކާކަށް ގޮވަމުން ތި ދިޔައީ؟"
"މަ މިއުޅެނީ މީހަކާ އިންނަން. ދެނެއް ކަލޭމެންނަކަށް ވެސް މަށާ ދިމާކޮށެއް ނުހެދޭނެ،" ފަހުރުވެރިވެލަމުން ޖުމާހު ބުންޏެވެ. ފަހުދު ގާތަށް ހިނިއަ އެވެ. އެއީ މަލާމާތުގެ ހިންޏެއްހެން ޖުމާހަށް ހީވި އެވެ.
"ތީގެ މާނައަކީ؟" ޖުމާހު އެހި އެވެ.
"އުފާވީއެއްނު. ރަނގަޅު، ކުރިއަށްދޭ،" ޖުމާހުގެ ކޮނޑުގައި ޖަހާލަމުން ފަހުދު ހިނގައިގަތެވެ.
ކައިވެނި ކުރަން ހަމަޖައްސާފައި އޮތް ރެ އެވެ. ގަޑީގެ ކަށި އެނބުރެމުންދިޔަ ވަރަކަށް ޖުމާހުގެ ހިތް ތެޅެމުން ދިޔަ އެވެ. ވަގުތު ކުޑަތަންވަމުންދިޔަ ވަރަކަށް ހިތުގައި ދިޔައީ ނުތަނަވަސްކަން ފެތުރެމުންނެވެ. މަޑު އުދާހެއް ވެސް ހަށިގަނޑުގައި އުފެދުމުން ދިޔަ އެވެ. ޖުމާހު ހިތަށް އެރި އެވެ. މިއީ އެންމެ އުފާވާންވީ ރެއެއް ނޫން ހެއްޔެވެ؟ ނަމަވެސް އެހެންޏާ ނުކުރެވޭ ކަހަލަ އިހުސާސެއް މި ކުރެވެނީ ކީއްވެ ހެއްޔެވެ؟ ލޯގަނޑު ކައިރީ ހުއްޓި ހުރެގެން އަމިއްލަ ނަފުސަށް ބަލާލި އެވެ. ބޭނުންވީ ލަމިޔާއަށް އެންމެ ރީތި ގޮތަށް ހެދުން އަޅައިގެން ހުންނާށެވެ. އެއީ އަތްދިގު ކަޅު ގަމީހާއި ކަޅު ފަޓުލޫނެވެ. ބޮލުގައި ފުނާ އަޅަމުން ދިޔަ އިރު ފަހަތުގައި މީހަކު ހުރިހެން ހީވި އެވެ. ލޯގަނޑުން ވެސް ހިޔަންޏެއް ވި ތަން ފެނުނެވެ. ޖުމާހު ވަގުތުން ފަހަތް ބަލާލި އެވެ. ނަމަވެސް މީހަކު ފެންނާކަށް ނެތެވެ. ދެން ފެނުނީ ކުޑަދޮރުން ހިޔަންޏެކެވެ. ވަގުތުން ޖުމާހު ކުޑަދޮރު ހުޅުވާލި އެވެ. މީހަކު ހުއްޓެވެ. އަނދިރިކަމުން ކާކު ކަމެއް ނޭނގެ އެވެ. އިސްކޮޅުން ކުރު ކަމުން ހީވަނީ ކުޑަކުއްޖެއް ހެންނެވެ. އެއީ ގޭގައި ގަސް ހައްދާފައި އޮންނަ ތަނެއް ކަމުން އެތަން ވަރަށް އަނދިރި އެވެ. ކުޑަދޮރުން ބޭރަށް ޖުމާހު ބޯދިއްކޮށްލި އެވެ. ހީވީ ކަންފަތު ތޫރި ފަޅައިގެން ދިޔަ ހެންނެވެ.
- ނުނިމޭ -