ވާހަކަ: ވިގަނި
އެޕިސޯޑް 12
ޖުމާހަށް ސަކީބާ ފެނުމުން ދެ ލޯ ބޮޑުކޮށްލެވުނެވެ. އަދި ފަހަތުގައި ހުރި "ސަކީބާ"އާ ދިމާލަށް ބަލާލި އެވެ. އެތަނަކު އެއްވެސް މީހެއް ނެތެވެ. ޖުމާހުގެ ހިތަށް ބިރުވެރިކަން ވަނެވެ. އެއީ ހީވި ގޮތެއް ނޫނެވެ. ނުވަތަ ވަހުމެއް ވެސް ނޫނެވެ. މަންމަ ގާތުގައި އެ ވާހަކަ ބުނެފި ނަމަ ގަބޫލު ނުކޮށްފާނެ އެވެ. ނުވަތަ ބިރުގަނެފާނެ އެވެ.
"މި ދަންވަރު ދަރިފުޅު ކީއް ތި ކުރަނީ؟" ސަކީބާ ވެސް އައީ ފެން ބޯށެވެ.
"ފެންބޮވައިގަނެގެން ހޭލެވުނީ."
"މަންމަ އެބަ އޮތް ދަރިފުޅު ގާތުގައި ވާހަކައެއް ބުނަންވެފައި،" ފެން ތައްޓެއް އަޅަމުން ސަކީބާ ބުންޏެވެ.
"އަހަރެން ވެސް ބޭނުން މަންމަ ގާތުގައި ވާހަކައެއް ބުނަން،" ޖުމާހު ސޯފާގައި އިށީންނަމުން ބުންޏެވެ.
"އެހެންތަ؟ އެހެންވީމާ ފުރަތަމަ ދަރިފުޅު ބުނޭ،" ސަކީބާ ވެސް ސޯފާގައި އިށީނެވެ.
"އަހަރެން ބޭނުން މީހަކާ އިންނަން،" ޖުމާހު ބުނި ހަތަރު ލަފުޒުގެ ޖުމުލައިން ސަކީބާއަށް ހީވީ ހުރިހާ އުފަލެއް އެއްފަހަރާ ލިބުނު ހެންނެވެ. ހެވިފައި އިން ސަކީބާގެ ބައްތިރީސް ދަތް އެއްފަހަރާ ދިއްލުނެވެ.
"ދަރިފުޅު ހާދަ ރަނގަޅޭ. މަންމަ މިއަދު ވަރަށް އުފާވެއްޖެ. ހާދަ ދުވަހެއްގެ އިންތިޒާރެކޭ މިއީ،" ޖުމާހުގެ ބޮލުގައި ސަކީބާ ފިރުމާލި އެވެ. "މަންމަ މާދަމާ އަމީނާއާ ތި ވާހަކަ ދައްކާނަން."
"އެ ކީއްކުރަން އަމީނާއްތައާ މި ވާހަކަ ދައްކަނީ؟" ޖުމާހު ހިތުގައި އުފެދުނު ސުވާލު ކުރި އެވެ.
"ދެން ކާކާ ދައްކާނީ؟ އެ މީހުން ވެސް ތައްޔާރު ވާން ޖެހޭނެއެއްނު. މަންމައަށް އެނގޭ ނަހުލާ ރަށަށް އަންނަ އިރަށް ދަރިފުޅުގެ ވިސްނުން ބަދަލުވާނެކަން."
"މަންމާ! އަހަރެން ކައިވެނިކުރަން ބޭނުން ވަނީ ނަހުލާއަކާ ނޫނޭ. އަހަރެން ލޯބިވާ އެހެން ކުއްޖަކު އެބަ ހުރި،" އިސްޖަހާލަމުން ޖުމާހު ބުންޏެވެ.
ހިނދުކޮޅަކަށް ސަކީބާގެ މޫނަށް ވެރިވި އުފާވެރިކަން ރުޅިވެރިކަމަށް ބަދަލުވި އެވެ.
"ކާކު؟ ދަރިފުޅަށް އެނގޭނެ މި ކައިވެންޏަށް މަންމަމެން ކިހާ އިންތިޒާރެއް ކޮށްފިކަން. ނަހުލާ ކިޔަވައިގެން އައީމާ މި ކައިވެނި ކުރަން އޮންނާނީ ހަމަޖައްސާފައި،" ޖުމާހުއާ ދުރަށް ޖެހިލަމުން ސަކީބާ ބުންޏެވެ.
"ތިއީ މަންމަމެން ނިންމާފައި އޮތް ގޮތެއްނު. ކައިވެނިކުރަން މި އުޅެނީ އަހަރެން. އަހަރެން ބޭނުންވާ ގޮތެއް ވެސް އޮންނަން ވާނެއެއްނު،" ސަކީބާގެ މޫނަށް ބަލާލަމުން ޖުމާހު ބުންޏެވެ. ސަކީބާ މޫނު އަނބުރާލި އެވެ.
"އެކަމަކު ވެސް ހެޔޮ. ދަރިފުޅު އިންނަން ވާނީ ނަހުލާއާ،" ސަކީބާގެ އަޑުގައި ހުރީ ހިތްހަމަނުޖެހުމެވެ.
"މަންމާ. ލޯބި ނުވާ މީހަކާ އިނދެގެން ދިރިއުޅޭނީ ކިހިނެއް؟ އޭރުން ނަހުލާއަށް ވެސް އެދެވެނީ ކިހާ ބޮޑު އަނިޔާއެއް. އަނެއްކާ އަހަރެން ބޭނުންވާ ކުއްޖާއަށް ވައުދުވިން އަހަރެން އޭނަ ނޫން މީހަކާ ކައިވެނި ނުކުރާނަން ކަމަށް،" ސަކީބާގެ ރުހުން ލިބޭތޯ ޖުމާހު މަސައްކަތްކުރި އެވެ.
"ތިއީ ފިލްމުތަކާއި ވާހަކަތަކުގައި ވާ ކަހަލަ ވައުދު. އޭނަތަ ޖުމާހަށް މުހިންމީ ނުވަތަ މަންމަތަ؟" ސޯފާއިން ތެދުވަމުން ސަކީބާ ބުންޏެވެ. ދަރިފުޅާއޭ ކިޔާފައި އަބަދުވެސް ޖުމާހުއާ މުހާތަބު ކުރާ މަންމަ މިއަދު އޭނަގެ ނަމުން އެ ބުނީ ވަރަށް ރުޅި އައިސްގެންނެވެ. ޖުމާހަށް އެ ވަރު ވިސްނުނެވެ. ނަމަވެސް އެ ކުރި ސުވާލަށް ދެވޭނެ ޖަވާބެއް ޖުމާހުގެ ވިސްނުމަކަށް ނަ އެވެ. ކޮޓަރިއާ ދިމާލަށް ދާން ޖުމާހު ހިނގައިގަތެވެ. އެ ވަގުތު ޖުމާހުގެ އަތުގައި ސަކީބާ ހިފެހެއްޓި އެވެ.
"ބުނެބަލަ. މަންމަ ދުވަހަކުވެސް ދަރިފުޅަކަށް އެއްވެސް ކަމަކަށް މަޖުބޫރެއް ނުކުރަން. އަދި ނުވެސް ކުރާނަން. އެކަމަކު ރަނގަޅު ގޮތާއި ނުބައި ގޮތް ބުނެދޭނަން. ވިސްނައިދެވޭތޯ ވެސް ބަލާނަން،" ސަކީބާ ބުންޏެވެ.
"މަންމާ. އަހަރެންނަށް އަބަދުވެސް އެންމެ މުހިންމު ވާނީ މަންމަ،" ޖުމާހު އެހެން ބުނުމުން ސަކީބާ އުފާވިއެވެ. "އެކަމަކު އޭނައަށް އެންމެ މުހިންމީ އަހަރެން"
"ތި ކުރެވެނީ ރަނގަޅު ކަމެއް ނޫން އިނގޭ. ދޮރު ކުރިމަތީގައި ނަސީބު އޮތް އިރު ހެވޭ ކިޔާފައި ދޮރު ލައްޕާނީ މޮޔައިން،" ސަކީބާ އުޅުނީ ޖުމާހަށް ވިސްނައިދެވޭތޯ އެވެ.
"އަހަރެން ކައިވެނި ކުރާނީ ލަމިޔާއާ. މިއީ އަހަރެންގެ އެންމެ ފަހުގެ ނިންމުން."
"ތި ކައިވެންޏެއް އަހަރެން ހުއްޓުވާކަށް ނެތިން. އެކަމަކު މަންމަގެ ރުހުމެއް ތި ކަމަކަށް ނުދެވޭނެ،" މިހެން ބުނެފައި ސަކީބާ ގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕި އެވެ. ޖުމާހު ފުން ނޭވައެއް ބޭރުކޮށްލި އެވެ.
"ލަމިޔާއަށް އެނގޭތަ ތި ކިޔޭ އެއްޗެއް؟" ލަމިޔާގެ މަންމަ އަލައިނާ އެހި އެވެ. ލަމިޔާ އިސްޖަހާލި އެވެ.
"މަންމާ، އެކަމަކު އަހަރެން އޭނަ ދެކެ ވަރަށް ލޯބިވޭ. އޭނަ ވެސް އަހަރެން ދެކެ ވަރަށް ލޯބިވޭ،" ލަމިޔާ ބުންޏެވެ.
"ލޯބިވީމަ އެ ނިމުނީ؟" އަލައިނާ ސުވާލު ކުރި އެވެ.
"އޭނަ އަހަރެންނާ ކައިވެނި ކުރަން ވައުދު ވެއްޖެ،" ލަމިޔާ އެހެން ބުނުމުން އަލައިނާ ދެ ލޯ ބޮޑުވި އެވެ. މާޔޫސްވެފައި އިސްޖަހާލި އެވެ.
"ދެން ކިހިނެއް ހަދާނީ؟" ޖުމާހުއާ ދިމާލަށް ބަލާލަމުން ލަމިޔާ ބުންޏެވެ.
"ކައިވެނި ކުރާނީ"
"އެކަމަކު މަންމަގެ ރުހުން ނުލިބެންޏާ ކިހިނެއް..." ލަމިޔާ އެހި އެވެ.
"ގޮމާ އެކަމާ ހާސްނުވޭ. އަހަރެންނަށް އެނގޭ މަންމަގެ ގޮތް. ދުވަސްކޮޅަކުން ހަމައަކަށް އެޅިދާނެ. ކައިވެނިކޮށްގެން އުޅެން ފެށީމަ މަންމަގެ ރުހުމާއި ލޯބި ވެސް ލިބޭނެ."
"އަހަރެންގެ އެބަ އޮތް ޝަރުތެއް،" ޖުމާހުއާ ދުރަށް ޖެހިލަމުން ލަމިޔާ ބުންޏެވެ.
"ގޮމާގެ ހުރިހާ ޝަރުތަކަށް ވެސް ރުހި ގަބޫލު،" ލޯބިން ފުރިފައިވާ ރާގެއްގައި ޖުމާހު ބުންޏެވެ.
"އަޑު ވެސް ނާހާ ތި އެއްބަސްވީ؟" ޖުމާހުގެ ދެ ލޮލަށް ބަލާލަމުން ލަމިޔާ ބުންޏެވެ. އެ ވަގުތު ޖުމާހަށް ކަމެއް ފާހަގަ ކުރެވުނެވެ.
"ގޮމާގެ ލޯ ތި ހުރީ ކޮން ކުލައެއްގައި؟" ޖުމާހު އެހެން ބުނުމުން ލަމިޔާ ޖުމާހަށް ފުރަގަސްދިނެވެ.
"ކޮން ކުލައެއްގައި ހުރީ؟"
"ދައްކަބަލަ،" ލަމިޔާގެ ކޮނޑުގައި ހިފައި އަނބުރާލަމުން ޖުމާހު ބުންޏެވެ. ލަމިޔާ ހުރީ ދެ ލޯ މަރައިގެންނެވެ. ލަމިޔާގެ ދަތްދޮޅީގައި ހިފާފައި އިސްއުފުލާލި އެވެ. ލަމިޔާ ލޯ ހުޅުވާލި އެވެ. ލޯ ހުރީ އަބަދުވެސް ހުންނަ ކުލައިގަ އެވެ.
"އެކަމަކު ދެންމެ ހުރީ ފެހި ކުލައިގައި،" ހައިރާންވެފައި ޖުމާހު ބުންޏެވެ.
"ތިއީ ހީވި ގޮތް،" ޖުމާހު މޭގައި ލައްކޮށްލަމުން ލަމިޔާ ބުންޏެވެ. އަދި ބޮޑުވެފައިވާ ހަނދާ ދިމާލަށް ބަލާލަމުން ހިނިތުންވެލި އެވެ. އެ ހިނިތުންވުމުގައި ވަނީ މަކަރުވެރިކަމެވެ.
"ކޮބާތަ ބުނަން އުޅުނު ޝަރުތު؟" ޖުމާހު އަހާލި އެވެ.
"އަހަރެން ބޭނުމެއް ނޫން. ކައިވެނި އެހާ ބޮޑުކޮށް ބާއްވާކަށް. ހަމައެކަނި ޖުމާހުމެންގޭ މީހުން އެކަނި. ދެން އަހަރެންގެ މަންމަ ބައިވެރިވާ ގޮތަށް،" ލަމިޔާ އެދުނެވެ. ޖުމާހު ބޭނުންވީ އެ ކީއްވެތޯ އަހާށެވެ. ނަމަވެސް ފުރަތަމަ ފަހަރަށް ލަމިޔާ ކަމަކު ކިޔުމުން އެކަމާ ސުވާލު ކުރަން ފަސްޖެހެވުނެވެ.
"އުމަރުބޭ، މިހާރު ޖުމާހު ބޭނުންވަނީ މީހަކާ އިންނަން. އަހަރެންގެ ސުވާލަކީ އަދިވެސް އުމަރުބެ ބުނި ކަންކަން ކުރިއަށް ގެންދަންވީ ހޭ؟" ސަކީބާ އިނީ އުމަރުބެ ގޭގަ އެވެ.
"މީހަކާ އިނުމުން ގިނަ ފަހަރަށް އެކަހަލަ ކަންކަން ރަނގަޅުވޭ. އެކަމަކު ގޯސްވެފައި ވެސް އެބަ ހުރި. އެ ޖިންނީގެ މަގުސަދެއް އަހަރުމެންނަކަށް ނޭނގެ. ތިޔަ ސޮރަކާ އަޅައިގަނެގެން ތި އުޅެނީ ކޮން ބޭނުމަކު ކަމެއް ނޭނގެ. ގޯނާއެއް ނުވަތަ ގެއްލުމެއް ދޭން ނަމަ މިހާރު އެކަން އޮންނާނީ ނިމިފައި. ނޫނީ މަޑުމަޑުން ކުދި އަނިޔާ ދީގެން ވެސް ދުވަސް ދުއްވާލާފާނެ. އެހެނަސް އެ ސޮރު ކިބައިން އެ ކަހަލަ އަލާމާތެއް ނުފެނެއެއްނު،" އުމަރުބެ ވިސްނުންތެރިކަމާ އެކު ވާހަކަ ދައްކަމުން ދިޔަ އެވެ.
"ދެން އެހެންވިއްޔާ އެ އެއްޗެއްގެ މަގުސަދު ބެލޭނެތަ؟" ސަކީބާ އެހި އެވެ.
"ބެލިދާނެ. އެކަމަކު އެއީ ކުރަން އުނދަގޫ ކަމެއް،" އުމަރުބެ ބޯ ޖަހާލަމުން ބުންޏެވެ.
ސަކީބާ ނުކުމެގެން ދިޔުމުން އުމަރުބެ ކޮޓަރިއަށް ވަނެވެ. އަދި ދޮރު ލައްޕައި ތަންޑު އެޅި އެވެ. މައްޗަށް ބަލާލެވުނީ ބޭ އިހުތިޔާރުގަ އެވެ. އުމަރުބެގެ ވިސްނުމާއި ސިކުނޑީގައި ހިނގަމުންދަނީ ކޮން ކަމެއްކަން ޚުދު އުމަރުބެއަށް ދެނެނުގަނެވުނެވެ.
ދުވަހުގެ އިރު ފެނުން ތޮޅިލި ވަގުތެވެ. ހަލަބޮލިވެފައިވާ ރަށުތެރެ އިތުރަށް ހަލަބޮލިވީ އިވުނު ހަބަރަކުންނެވެ. ކޮންމެ މީހަކު ވެސް މިސްރާބު ހުރީ އެއް ދިމާލަކަށެވެ. ގްރޫޕު ހަދާފައި އެއްބައި މީހުން ދިޔައީ ލިބުނު ހަބަރު ގަބޫލު ނުކުރެވިގެންނެވެ. އެކަމުގެ ތެދު ދޮގު ބަލާށެވެ.
"ސަކީބާ، ސަކީބާ!" ގޭތެރެއަށް ވަންނަމުން އަމީނާ ވަރަށް ބާރަށް ގޮވާލި އެވެ. ސަކީބާ ދުވެފައި ކަހަލަ ގޮތަކަށް ނުކުތެވެ.
"ކިހިނެއްވީ؟ ތަނެއްގައި ރޯވީތަ ތިހާ ބާރަށް ތި ގޮވަނީ،" ސަކީބާ އެހި އެވެ.
"އެއަށް ވުރެ ވެސް ބޮޑު ކަމެއްވީ،" ބިރުން ހުރެ އަމީނާ ބުންޏެވެ.
"އަނެއްކާ ކިހިނެއްވީ؟" ދެ ބުމަ ދޭތެރެއަށް ރޫތައް ގިނަ ކޮށްލަމުން ސަކީބާ އެހި އެވެ.
- ނުނިމޭ -