ވާހަކަ: ވިގަނި

ވާހަކަ

ވާހަކަ: ވިގަނި - އެގާރަވަނަ ބައި

21 މާރިޗު 2024

އެޕިސޯޑް 11

ޖުމާހުގެ ކޮނޑުގައި މީހަކު އަތްލިހެން ހީވެގެން ފަހަތް ބަލާލި އެވެ. ޖުމާހު ދިޔައީ ސިއްސައިގެންނެވެ.

"ގޮމާ! ކީއް ތިކުރަނީ މިތާ؟ އަދި އެ ވެސް މި ގަޑީގައި؟" ހައިރާންވެފައި ޖުމާހު އެހި އެވެ.

"ހަމަ ހަނދާންވީ. އެހެންވެ މީޓްކޮށްލަން މި އައީ،" ލަމިޔާ ބުންޏެވެ.

"އެކަމަކު މި ގޭގައި އަހަރެން އުޅޭ ކަމެއް ކިހިނެއް އެނގުނީ؟"

"ލޯބިވާ މީހުން އުޅޭ ނުޅޭތަން ބަލާނެއެއްނު،" ހިނިތުންވެލަމުން ލަމިޔާ ބުންޏެވެ.

ނާޒިމާއަށް ޖުމާހު ވާހަކަ ދައްކާ އަޑު އިވޭހެން ހީވުމުން ދޮރާށިން ބޭރު ބަލާލި އެވެ. ހީކުރީ ފަހުދާއި ޖުމާހު ވާހަކަ ދައްކަނީ ކަމަށެވެ. ގޭގައި ހެދިފައި ހުންނަ ކަނީރުމާ ގަހުގެ ބޮޑު ބައެއް އޮންނަނީ ފާރުން ބޭރަށެވެ. ނާޒިމާއަށް ފެނުނީ ޖުމާހު އެކަންޏެވެ. ނާޒިމާ ހިތަށް އެރި އެވެ. ފަހުދު އެ ހުރީ މާ ގަހާ ނިވާވެފަ އެވެ. ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ ކަމަށް އުންމީދު ކުރަމުން ނާޒިމާ ގޭތެރެއަށް ވަނެވެ.

"ހިނގާބަލަ ތުނޑިއަށް،" ލަމިޔާ ބުންޏެވެ.

"މި ގަޑީގައި؟ މީހަކަށް ފެނިދާނެ. ގޮމާއެއްނު ބުނީ މީހަކަށް ފެނުނީމަ ކަމަކު ނުދާނޭ،" ޖުމާހުގެ އަތުގައި ލަމިޔާ ހިފާލުމުން ޖުމާހު ބުންޏެވެ.

"އަހަރެންނަށް ހެޔޮ މީހަކަށް ފެނުނަސް. މީހުންނަށް ސިއްރު ކުރުމުން ވީ ފައިދާއެއް ނެތް."

"ތި ބުނީ؟" ޖުމާހަކަށް ނުވިސްނުނެވެ.

"އެއްޗެއް ނޫން. ދެން ހިނގާބަލަ،" ޖުމާހު އަތުގައި ހިފައި ދަމައިގަންނަމުން ލަމިޔާ ބުންޏެވެ.

"ޖުމާ އަހަރެން ވާހަކައެއް އަހާލަންތަ؟" ލަމިޔާގެ އުނގުގައި ބޯ އަޅައިގެން އޮތް ޖުމާހު ގާތުގައި އަހާލި އެވެ. ޖުމާހު ނިތް އަރުވާލިއެވެ. ދެ މީހުން ތިބީ ތުނޑީގެ ތަންކޮޅެއް އަނދިރި ހިސާބެއްގަ އެވެ.

"ޖުމާހު ބޭނުންތަ އަހަރެންނާ މެރީ ކުރަން؟" ލަމިޔާ އެހެން ބުނުމުން ޖުމާހު ފުންމައިގެން ތެދުވި އެވެ.

"ޔަގީނެއްނު. ތިއީ އަހާ ކަހަލަ ސުވާލެއްތަ؟" އުފަލުން ފުރިފައިވާ ރާގެއްގައި ޖުމާހު ބުންޏެވެ. "އެކަމަކު..."

"އެކަމަކު ކިހިނެއްވީ؟ އަހަރެން ދެކެ ލޯބި ނުވަނީތަ؟" ތުން ހަދާލަމުން ލަމިޔާ ބުންޏެވެ.

"ތިހެން ނުބުނޭ. އަހަރެން މި ދުނިޔެ މަތީގައި އެންމެ ލޯބިވާ މީހަކީ ތިއީ،" ޖުމާހު އެހެން ބުނުމުން ލަމިޔާގެ ހިތް އުފަލުން ފުރުނެވެ.

"އަހަރެން ބުނަން އުޅުނީ ލަމިޔާގެ ޕޭރެންޓްސް އާއި ފެމެލީ ގެންނަން ވާނެ ނޫންހޭ،" ޖުމާހު ޖެހިލުންވެ އިނދެ ބުންޏެވެ. "ގޮމާ އޮތީ އަހަރެންނަށް މަނާ ކޮށްފައި އެ ވާހަކަ ދެއްކުން. ގޮމާގެ އާއިލާއާ ބެހޭ އެއްވެސް މައުލޫމާތެއް ނާހާށޭ ބުނެފައި އޮތީ. އެކަމަކު މިފަދަ ކަމަކަށް އެ މީހުން ވެސް ބައިވެރި ކުރަން ޖެހޭނެހެން އަހަރެންނަށް ހީވަނީ."

"އަހަރެން އެހެން ބުނީ އަހަރެންގެ ހުންނަނީ މަންމައެއް އެކަނި. ބައްޕައެއް ނެތް. މަންމަ ގާތު ބުނާނަން މި ރަށަށް އަންނާށޭ،" އިސްޖަހާލަމުން ލަމިޔާ ބުންޏެވެ.

"މި ރަށުގައި ގޮމާ އުޅޭ ގެއެއް އަދިވެސް ނުބުނަމެއްނު،" ޖުމާހުގެ ހިތުގައި ހުރި ބައެއް ސުވާލު ކުރަމުން ދިޔައެވެ.

"އަހަރެން އުޅެނީ ދައްތައެއް ކައިރީ. ޖުމާއަކަށް ނޭނގޭނެ ބުންޏަސް."

"އަހަރެންނަށް ނޭނގޭ މީހެއް މި ރަށުގައި އުޅޭނެ ބާ؟" ވިސްނާލަމުން ޖުމާހު ބުންޏެވެ.

"އުޅޭ. ޖުމާހަށް ނޭނގޭ ކިތަންމެ މީހުންނެއް އުޅޭ. އެއީ ވަރަށް ދުވަސްވީ މީހެކޭ،" ލަމިޔާ ވާހަކަ ކުރުކޮށްލި އެވެ. "ދެން ބުނެބަލަ. މެރީ ކުރާނީ ކޮން ދުވަހަކު؟"

"ގޮމާ ބުނި ދުވަހަކުން. މާދަން ވިޔަސް އޯކޭ،" ހިތްހަމަޖެހިފައިވާ ޖުމާހުގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ.

"އަހަރެން ވަރަށް ބިރުގަނޭ ޖުމާ އަހަރެންނަށް ގެއްލިދާނެތީ. އަހަރެން ބޭނުންވަނީ އަހަރެންގެ މިލްކަކަށް ޖުމާ ވާން. އޭރުން އެއްވެސް މީހަކަށް އަހަރުމެން ދުރެއް ނުކުރެވޭނެ. އެއްވެސް މީހަކަށް އަހަރުމެން ދެ މީހުން ދޭތެރެއަކަށް ނުވަދެވޭނެ،" ޖުމާހުގެ މޫނުގައި ފިރުމާލަމުން ލަމިޔާ ބުންޏެވެ.

"ކާކުތަ އުޅެނީ އަހަރުމެން ދުރު ކުރަން؟ އަހަރުމެން ދޭތެރެއަށް މީހަކަށް ވަދެވޭނީ އެ ފުރުސަތު މީހަކަށް ދީފިއްޔާ. އުހުނ. ޖާގަ އެބަ އޮތްތަ؟" ލަމިޔާ ގެނެސް ގަޔާލައި ފިއްތާލަމުން ޖުމާހު ބުންޏެވެ.

"އަހަރެންނަށް ހީވަނީ ކޮންމެވެސް މީހަކު އަހަރުމެން ދުރު ކުރަން އުޅޭހެން. އަހަރެން އަތުން ޖުމާ ގެންދަން އުޅޭހެން. އެހެން ވެއްޖިއްޔާ އަހަރެން ވަރަށް ދެރަވާނެ،" ޖުމާހުގެ މޭގައި ލައްވެލަމުން ލަމިޔާ ބުންޏެވެ.

"މިރޭ އަހަރެން ވައުދުވަން. ދުވަހަކުވެސް ގޮމާއާ އަހަރެން ވަތްކެއް ނުވާނަން. ދުވަހަކުވެސް ގޮމާ ދުލެއް ނުކުރާނަން. އަހަރެން މި ވީ ވައުދަށް އުޑުގައިވާ ތަރިތަކާއި މި އުދަރެސް ހެކިވާނެ. މި ރީތި ދޮންވެލި ތުނޑި އާއި މި ޖެހޭ ނަލަ ފިނި ރޯޅި ހެކިބަސް ދޭނެ،" ޖުމާހުގެ ފޮނި ބަސްތަކުން ލަމިޔާގެ ހިތް އުފަލުން ފޮޅުނެވެ. ދިރިއުޅުމުގެ ފޮނިމީރުކަން އިހުސާސް ކުރަން ބޭނުންވީ ވަފާތެރި ލޯބިވެރިޔާއާ އެކުގަ އެވެ. މަލުގެ އެ ދާނުގައި މުޅި އުމުރަށް ނިދާލަން ބޭނުންވި އެވެ.

އުމަރުބެ ބުނި ގޮތަށް ކަންތައްތައް ކުރެވޭތޯ ސަކީބާ މަސައްކަތް ފެށި އެވެ. ކުރަން ބުނެފައި ހުރީ އުނދަގޫ ކަންކަމެއް ނޫނެވެ. ނަމަވެސް ފަސޭހައެއް ވެސް ނޫނެވެ. ސަކީބާއަށް މި ކަމުގައި އެންމެ ބޮޑު އެއްބާރުލުމެއް ދެނީ އަމީނާ އެވެ.

"އަހަރެން ވަރަށް ބިރުގަނޭ މި ކަހަލަ ކަންކަން ކުރަން،" ޖެހިލުންވެފައި ސަކީބާ ބުންޏެވެ.

"އެކަމަކު މި ނޫން ގޮތެއް ނެތެއްނު. މިއީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް. ޖުމާހު މިކަމުން ސަލާމަތްވާން އޮތް ހަމައެކަނި ގޮތަކީ ވެސް މިއީ،" ސަކިބާއަށް ހިތްވަރުދެމުން އަމީނާ ބުންޏެވެ. "ނަހުލާ އާއި ޖުމާހުގެ ކައިވެނި އަވަސް ކުރެވޭނީ ވެސް އޭރުން."

އަމީނާ އެންމެ ފަހުން އެ ބުނި ޖުމްލައިން ސަކީބާގެ ހިތަށް ހަމަޖެހުން ލިބުނެވެ. ސަކީބާ ހީކުރީ ޖުމާހަށް އެހެން ވުމުން އަމީނާމެން އެ ކައިވެނި ނުކުރުވަން ނިންމައިގެން ތިބި ކަމަށެވެ. ނަމަވެސް ކުރިއަށް އޮތީ އުފާވެރި ދުވަސްތައްކަން އެނގުމުން ސަކީބާގެ ވިސްނުން ބަދަލުކޮށްލި އެވެ.

"އެކަމަކު ޖުމާހަށް މިކަން އެނގިޖިއްޔާ ވަރަށް ގޯސްވާނެ،" ސަކީބާ އާއި އަމީނާ ތިބީ އަމީނާމެންގޭ ޖޯލިފަތީގަ އެވެ. ޖޯލިފަތި ހުންނަނީ ޖަނބުރޯލު ގަހެއްގެ ދަށުގަ އެވެ. ތަނަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ރަފީގް ގޮވާލާ އަޑު ވެސް ނީވެ އެވެ. އޭރު ރޭގަނޑު ދިހަގަޑި ވިހި ވެއްޖެ އެވެ.

"ސަކީބާ. ތި ހުރިހާ ކަމަކާ ވިސްނައިގެން މިކަމަކަށް އަލިމަގެއް ނުފެންނާނެ. ނިކަން ހިތްވަރުކޮށްލާފައި ކުރިމަތިލާބަލަ. އެއީ ސަކީބާގެ ދަރިފުޅޭ. އޭނަ މިކަމުން ސަލާމަތްކުރަން ވާނެއެއްނު،" އަމީނާގެ ވިސްނުން ތަފާތެވެ.

އެ ވަގުތު ޖަނބުރޯލު ގަހަށް ވަރަށް ބާރަށް އެއްޗެއް ވެއްޓުނެވެ. ފަތްތައް މަތީ އެއްޗެއް ޖެހުނު އަޑު ކިޔެވެ. ދެ މީހުން ވެސް ދިޔައީ ސިއްސައިގެންނެވެ. އެއްފަހަރާ މައްޗަށް ބަލާލެވުނެވެ. ގަހުގެ ގޮފިތައް ހެލެމުން ދިޔަ އެވެ. އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. ނަމަވެސް އަޑެއް އިވެމުން ދިޔަ އެވެ. ހަރު ތަނެއްގައި ކޫރުން އެޅޭ ކަހަލަ އަޑެކެވެ. ހީވަނީ ގޮފިތަކާއި ފަތްތަކުގައި އެއްޗެއް ކޭއްތޭ އަޑުހެންނެވެ. ޖޯލިން ދެ މީހުން ތެދުވި އެވެ. އެކަކު އަނެކަކަށް ބަލާލަމުން ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. ސަކީބާ ހުރީ ވަރަށް ބިރުގަނެފަ އެވެ.

"އެއީ ހީވި ހީވުމެއް ނޫން. މަށަށް ޔަގީން އެތާ ކޮންމެވެސް އެއްޗެއް އުޅުނުކަން،" ގޭތެރޭގައި ހުރި ސޯފާގައި އިށީންނަމުން ސަކީބާ ބުންޏެވެ.

"އެކަމަކުވާ. ތި ވަރަށް އެކަހަލަ ކަންކަމާ ވިސްނާކަށް ނުވާނެ. އެ ވެދާނެ ވާލެއް ކަމަށް. ޖަނބުރޯލު އަޅާފައި އޮތީމަ ވަރަށް ގިނައިން ވައު އަންނާނެ،" ހަގީގަތުގައި އަމީނާ ވެސް ހުރީ ޖެހިލުންވެފަ އެވެ. ނަމަވެސް ސަކީބާ ބިރުން ހުރުމުން އެކަން ސިއްރު ކުރީ އެވެ.

ޖުމާހަށް ހޭލެވުނީ ވަރަށް ބޮޑަށް ކަރު ހިއްކައިގަނެގެންނެވެ. ކޮޓަރީގައި ހުރި ފެން ފުޅި ބަލާލި އިރު ހުރީ ހުސްވެފަ އެވެ. ޗޮކެއް ކަނޑާލާފައި އެނދުން ތެދުވި އެވެ. އެ ވަގުތު ކުޑަދޮރުގައި އެލުވާފައިވާ ދޮރުފޮތިގަނޑުގެ އަނެއް ފަރާތުން ހިޔަންޏެއް ދިޔަ ހެން ހީވި އެވެ. ޖުމާހު ލޯ އުނގުޅާލާފައި ގޮސް ދޮރުފޮތިގަނޑު ކަހާލާފައި ބަލާލި އެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އާ ފުރެމުން ސިޓިންރޫމަށް ނުކުތެވެ. އަނެއްކާވެސް މީހަކު ހުރަސްކޮށްލިހެން ހީވި އެވެ. މިފަހަރު ދިޔައީ ކާ ކޮޓަރިއާ ދިމާލަށެވެ. ޖުމާހު ގޮސް ބޮކި ދިއްލި އެވެ.

"ކާކު؟" ކާ ކޮޓަރިއާ ދިމާލަށް ދަމުން ޖުމާހު ބުންޏެވެ.

"މަންމަތަ؟" ސަކީބާ ފެނުމުން ޖުމާހު ބުންޏެވެ. ސަކީބާ ހުރީ ފުރަގަސް ދީގެންނެވެ. ޖުމާހު ގޮސް ފްރިޖުން ފެން ފުޅިއެއް ނަގާފައި ދެތިން ކޯވަރު ބޯލި އެވެ.

ސަކީބާގެ ކޮޓަރީގެ ދޮރު ހުޅުވުނެވެ. ކޮޓަރިން ނުކުތީ ސަކީބާ އެވެ. ޖުމާހަށް ސަކީބާ ފެނުމުން ދެ ލޯ ބޮޑުކޮށްލެވުނެވެ. އަދި ފަހަތުގައި ހުރި "ސަކީބާ"އާ ދިމާލަށް ބަލާލި އެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް