ވާހަކަ: ވިގަނި
އެޕިސޯޑް 10
ވެއްޓެމުން ދިޔަ ގޮފިގަނޑު ހުރީ ސީދާ ސަކީބާގެ ބޮލާ ދިމާލަށެވެ.
"މަންމާ!" ފަހަތުން މީހަކު ސަކީބާގެ ބުރަކަށީގައި އަޅާފައި ކޮއްޕާލި އެވެ. ސަކީބާ އާއި ޖުމާހު ވެއްޓުނީ ބިންމައްޗަށެވެ. ގޮފިގަނޑު ވެސް ވެއްޓުނެވެ. މިފަހަރު ވެސް ސަކީބާ ސަލާމަތްވި އެވެ. އެ މަހުލޫގު ގާތަށް ރުޅިއަ އެވެ. ދެ ލޯ، ރަތް އަނގުރު އަލިފާން ކޮޅެއްހެން ދިއްލައިގެން ނިކަގަހުގެ ގޮފިގަނޑެއް މަތީގައި ހުއްޓެވެ. ބާމަތިން ނުކުތް ދެ ފިޔަގަނޑު ނުހަނު ބޮޑެވެ. ފިޔަގަނޑުގައި ވަރަށް ބޯކޮށް ދޫނި ފަތް ކަހަލަ ފަތްތަކެއް ހުއްޓެވެ. އުދުހިގަތުމާ އެކު މުޅި ގަސް ހެލިގަތެވެ. އެ ވަގުތު ތިން މީހުން އެއް ފަހަރާ މައްޗަށް ބަލާލި އެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުފެނުނެވެ. ފެނުނީ ހެލެމުން ދިޔަ ނިކަ ގަހެވެ. އެހާ ބިޔަ ގަހެއް ވަޔާ ހެލޭ ވަރަކަށް ވަޔެއް ނުޖެހެ އެވެ.
"ކިރިޔާއެއްނު ތި ސަލާމަތްވީ،" ޖުމާހު ބުންޏެވެ. "މަންމަމެން ކޮންތާކަށް ތި ދަނީ؟"
ސަކީބާ ބަލާލީ އަމީނާއަށެވެ. ބުނާނީ ކީކޭހޭ އަހާ ފަދައިންނެވެ. ސަކީބާއަކީ އެއް އިރެއްގައި ވެސް ދޮގު ހެދި މީހެއް ނޫނެވެ. ވުމާއެކު ކިތަންމެ ކުޑަ ވިޔަސް ދޮގެއް ހެދުމަކީ ސަކީބާއަށް އުނދަގޫ ކަމެކެވެ. އަމީނާ އެއްޗެއް ބުނަން އަނގަ ހުޅުވާލި އެވެ.
"މިތާ ކައިރީގައި ހުރި ގެއަކަށް،" ސަކީބާ ބުންޏެވެ.
ޖުމާހަށް ކޯލެއް އަ އެވެ. ގުޅަނީ ފަހުދުގެ އަންހެނުން ނާޒިމާ އެވެ.
"ހަލޯ، ކީކޭ؟" ޖުމާހު ހިނގައިގަންނަމުން ފޯނު ނެގި އެވެ. ސަކީބާ އާއި އަމީނާ ފުންނޭވާއެއް ބޭރު ކޮށްލި އެވެ.
"އަހަރެން ތިކަން ވަރަށް ރަނގަޅަށް ބަލައިފިން. އެ ސޮރާ އަވަލައިގެން އުޅެނީ ޖިންނިއެއް،" ކަންބޮޑުވެފައި އުމަރުބެ ބުންޏެވެ. ސަކީބާގެ މެޔަށް ހީވީ ހޫނު ފެން އެއްޗެއް އޮއްސާލިހެންނެވެ.
"ހާސްނުވޭ! އަހަރެންނަށް ކޮށްދެވުނު ކަމެއް ކޮށްދޭނަން. ވެވުނު އެހީއެއް ވާނަން. އެކަމަކު ޖުމާހުގެ އެއްބާރުލުން ނުލިބިއެއް މިކަމުގައި ކުރިއަކަށް ނުދެވޭނެ."
"އެކަމަކު އުމަރުރުބޭ. އޭނަ ނުވާނެ އެއްބަހެއް. އޭނަ މިކަހަލަ ކަންކަން ގަބޫލެއް ވެސް ނުކުރާނެ،" ނިތްކުރިން ހިއްލަމުން ދިޔަ ދާތައް ފުހެލަމުން ސަކީބާ ބުންޏެވެ.
"އަހަރެން ބުނި ގޮތަށް ގުރުއާން ޖަހަންތަ؟" އުމަރުބެ އެހި އެވެ.
"ޖަހަން. ކޮންމެ ދުވަހަކު ވެސް، ރޭގަނޑު ވެސް. އެކަމަކު ވަރަށް ގިނައިން ހުރޭ ނިވާލާފައި. ރަހުމާ ބުނަނީ އޭނައެއް ނޫނޭ. ދެން އެނގޭ ޖުމާހު ކުރާ ކަމެއްކަން. އެހެންވެ އޭނައާ ސުވާލެއް ނުކުރަން،" ސަކީބާ ބުންޏެވެ.
"އޭނަ ބަރާބަރަށް ނަމާދު ކުރޭތަ؟" އުމަރުބެ ނެގީ ފޮތަކާއި ގަލަމެކެވެ.
"ނޫން. މިހާރު ހަމަ އެއްގޮތަކަށް ވެސް ނުކުރޭ. ކުރީގައި ވަރަށް ރަނގަޅަށް ކުރަމުން އައީ،" ސަކީބާ ބުންޏެވެ. "އަހަރެން ސުވާލެއް ކޮށްލަންތަ؟"
"އާނ. އެންމެ ސުވާލެއް ނޫން، ކިތަންމެ ސުވާލެއް ވެސް ކުރަންވީ،" އުމަރުބެ އެއްޗެހިތަކެއް ލިޔަމުން ދިޔަ އެވެ.
"ތި ބުނީއެއްނު ޖިންނިއެކޭ. ކިހިނެއް ޖުމާހުއާ ޖިންނި އަޅައިގަތީ؟" ހަގީގަތުގައި ސަކީބާ އިނީ ވަރަށް ބިރުގަނެފަ އެވެ.
"ތިއެއް ނޭނގެ. ތި ކަންކަން ޖެހޭނީ ބަލަން. އެކަމަކު އެ ސޮރުގެ އެއްބާރުލުމެއް ނެތި މި ކަމުގެ އެއްވެސް ހަގީގަތެއް ނުބެލޭނެ. އެނގޭހާ ވެސް އެއްޗަކީ އޭނައާ އަޅައިގަނެފައި ހުރީ ވަރުގަދަ އެއްޗެއްކަން،" އުމަރުބެ އިސްއުފުލާލަމުން ބުންޏެވެ.
"އެކަމަކު..."
"އަހަރެންނަށް ވިސްނޭ އެ ކޮއި ބުނަން ތިއުޅޭ އެއްޗެއް. އަން، މީގައި ހުންނާނެ ކުރަންވީ ބައެއް ކަންކަން. އަހަރެން ލިޔެފައި ހުރި ގޮތަށް އެ ގަޑިއަކަށް އެ ކަމެއް ކޮށްބަލަ. އަދި އޭނައަށް އަންނަ ބަދަލުތައް އަހަރެންނަށް ކިޔައިދޭތި،" އުމަރުބެ ލިޔުނު ގަނޑުކޮޅު ދިއްކޮށްލަމުން ބުންޏެވެ.
"ޖިންނިންނަކީ ވަރަށް މަކަރުގަދަ ބައެއް. ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ވެސް ހުރެދާނެ. އެ ސޮރުމެންނަކީ އެ ސޮރުމެންނަށް ލިބިފައިވާ ބާރާއި ވަރުގަދަކަމާ މެދު ވަރަށް ބޮޑާވެ ކިބުރުވެރިވާ ބައެއް. އެ ސޮރުމެން އަބަދުވެސް ބޭނުންވާނީ އެ ސޮރުމެންގެ މުށުތެރޭގައި އިންސާނުން ގެންގުޅެން،" އުމަރުބެ ކިޔައިދެމުން ދިޔަ އެވެ.
"ޖިންނިޝައިތާނުން އިންސާނުންނާ އަޅައިގަންނަ މައިގަނޑު ތިން ސަބަބެއް އޮވޭ. ފުރަތަމަ ކަމަކީ ސިހުރެއްގައި ހަވާލުވެގެން އައުން. ދެވަނަ ކަމަކީ އެއިން އެއްޗަކަށް އިންސާނުން ފަރާތުން ގޯނާއެއް ލިބުމުން އޭގެ ބަދަލު ހިފަން އައުން. ތިންވަނަ ކަމަކީ ހިތް ކިޔުން. މީގެ ތެރެއިން ވެސް ސިހުރަކާ ހަވާލު ވެގެން އަންނަ ޝައިތާނުންގެ ކިބައިން ސަލާމަތް ވެވޭނެ މައިގަނޑު ގޮތަކީ އެ ސިހުރެއް ބާތިލު ކުރުން. އަދި ތިމާގެ އުޅުން އިސްލާހުކޮށް ދުއާތަކާއި ހެނދުނާއި ހަވީރުގެ ޒިކުރުތައް މެދުކެނޑުމެއްނެތި ކިޔުން. ތިންވަނަ ކަމަކަށް އަހަރެން މި ބުނި ކަންތަކަކީ ވަރަށް އުނދަގޫ ކަމެއް. ޖިންނިއަކު އިންސާނަކަށް ހިތްކިޔައިފި ނަމަ އެއީ ސަލާމަތްވާން ވަރަށް އުނދަގޫ މަރުހަލާއެއް. އެކަމުން އަރައިގަންނަން ޖެހެނީ ރުގްޔާކުރުމާއި ތިމާގެ ދީނީ އަގީދާ ވަރުގަދަ ކުރުމާއި އެކަމުން ސަލާމަތް ކުރައްވާތޯ ދުއާ ކުރުންމަތީ ދެމިހުރުން. އަހަރެން މި ބުނި ތިން ކަންތައް ނޫނަސް ބައެއް ފަހަރު އެހެނިހެން ސަބަބުތަކާ ހެދި ވެސް އެ ސޮރުމެންގެ ނުރައްކަލާ އިންސާނުން ކުރިމަތިލާން ޖެހޭ،" އުމަރުބެ ވަރަށް ތަފުސީލުކޮށް ކިޔައިދެމުން ދިޔަ އެވެ.
ޖެހިގެން ހުރި ގޭގެ އަނބުގަހުގައި ވާލެއް ކަހަލަ އެއްޗެއް އޮތެވެ. އެކަމަކު ވާލަކަށް ވުރެ މާ ބޮޑެވެ. ދެ ފައިން ގޮފިގަނޑުގައި ހިފަހައްޓައިގެން އޮތް އިރު ފިޔަގަނޑު އޮތީ ލައްޕާލައިގެންނެވެ. ވާލުގެ ކަންފަތަށް ވުރެ ކަންފަތް ވެސް ބޮޑެވެ. ލޯ ހުރީ އެއްކޮށް ކަޅުކުލައިގަ އެވެ. މުޅި ހަށިގަނޑުގައި ކެހެރި ފަޅާފައި ހުރި އިރު އަނގައިން ފެހިކުލައިގެ ދަވައެއް ފައިބަމުން ދިޔަ އެވެ. ގަހުގައި އަޅާފައި އޮތް މާތައް މައްޗަށް ވެސް އެ ދަވަތައް ފައިބައިފައި ހުއްޓެވެ. އުމަރުބެ ދައްކަމުން ދިޔަ ހުރިހާ ވާހަކައެއް އަޑު އިވޭ ހިސާބުގައި އޮތީ ދެން އަޅަންވީ ފިޔަވަޅެއް ވިސްނާށެވެ.
"އެކަމަކު ކީއްވެތަ ފަހުދު އެހެން އެ އުޅެނީ؟" ކަންބޮޑުވެފައި އިން ނާޒިމާ އާއި ޖުމާހު ތިބީ ފަހުދުމެންގެ ޖޯލިފަތީގަ އެވެ.
"ނޭނގެ މަށަކަށް. އަހަރެން ހީކުރީ ޖުމާހަށް އެނގޭނެ ކަމަށް. އެހެންވެ އެ ވާހަކަ ދައްކާލަން އަންނާށޭ ބުނީ ވެސް،" ނާޒިމާ ބުންޏެވެ.
"މަށަށް ވެސް ހީވޭ އޭނައަށް ބަދަލުތަކެއް އައިސްފި ހެން. އޮފީހަށް ދިޔަޔަސް އިންނަނީ ވަރަށް މަޑުން. މީހުންނާ ވާހަކަ ދައްކައެއް ނުހަދާ."
"މިހާރު ފޯނެއް ވެސް ނުގެންގުޅޭ. ކީއްވެހޭ އަހާލީމައި ބުނީ ކީއްކުރާ އެއްޗެއްހޯ. ކުދިން ވެސް އެ ތިބެނީ ވަރަށް ދެރަވެފައި. އެ ކުދިންނާ އެކު އެއްތަށިމަތިން ނުކާތާ ވެސް ކިތަންމެ ދުވަހެއް. ގިނައިން އުޅެނީ ވެސް ނުކައި. މިސްކިތަކަށް ވެސް ނުދޭ. ނިދަން ވެސް އަންނަނީ އަހަރެން ނިދާ ފަހުން. ބައެއް ރޭރޭ ވަރަށް ދަންވާ އިރު ވެސް ނާދޭ. ދުވާލު ވެސް އުޅޭނޫޅޭ ތަނެއް ނޭނގެ." ނާޒިމާއަކީ ވަފާތެރި އަތްނބެކެވެ. ފިރިމީހާގެ ވިޔާނުދާ ވާހަކަ އެހެން މީހުންނާ ހިއްސާ ކުރުމަކީ ނާޒިމާ ބޭނުންވި ގޮތެއް ނޫނެވެ. ނަމަވެސް ފިރިމީހާގެ އެންމެ ގާތް އެކުވެރިޔާއާ އެކަން ހިއްސާ ކުރީ ހިތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭތޯ އެވެ. އަދި އެކަމަށް އަލިމަގެއް ފެންނާނެ ކަމަށް އުންމީދު ކުރެވޭތީ އެވެ.
"އަހަރެން އޭނައާ ވާހަކަ ދައްކަންތަ؟" ޖުމާހު އެހި އެވެ.
"އަހަރެން ބުންޏޭ ކިޔާފައި އެއްވެސް އެއްޗެއް ނުބުނާތި. އެހެން ނޫނީ އޭނަ ވަރަށް ރުޅިއަންނާނެ. ޖުމާ މި ގެއަށް އައިކަން އެނގުނަސް ހިތްހަމަނުޖެހޭނެ ކަންނޭނގެ،" ނާޒިމާ ބުންޏެވެ.
"އެ ކީއްވެ؟ އަހަރެން ކުރިން ވެސް އަންނަމެއްނު."
"އާނ. އެކަމަކު މިހާރު ތަފާތޭ،" ނާޒިމާ ބުންޏެވެ.
ދޮރާށި ހުޅުވާލާފައި ފަހުދު ވަނެވެ. ޖުމާހު އާއި ނާޒިމާ ފެނުމުން ހިތްހަމަނުޖެހުމުގެ ކުލަވަރު މޫނު މައްޗަށް ވެރިވެގެން ދިޔަ އެވެ. ކުރިއަށް އަޅަން އުޅުނު ފިޔަވަޅު ފަހަތަށް އެޅި އެވެ. އަދި ގެއިން ނުކުމެގެން ދިޔަ އެވެ. ފަހުދުގެ ފަހަތުން ކަހަލަ ގޮތަކަށް ޖުމާހު ވެސް ނުކުތެވެ. ނަމަވެސް ފަހުދު ފެންނާކަށް ނެތެވެ. ކައިރީގައި އެއްވެސް ގޯޅިއެއް ވެސް ނެތެވެ. އެހާ އަވަހަށް ފަހުދު އެ ދިޔައީ ކޮންތާކަށް ހެއްޔެވެ؟ އޭރު އިރު އޮއްސެނީ އެވެ. ޖުމާހުގެ ކޮނޑުގައި މީހަކު އަތްލިހެން ހީވެގެން ފަހަތް ބަލާލި އެވެ. ޖުމާހު ދިޔައީ ސިއްސައިގެންނެވެ.