ވާހަކަ: ވިގަނި

ވާހަކަ

ވާހަކަ: ވިގަނި - ނުވަވަނަ ބައި

19 މާރިޗު 2024

އެޕިސޯޑް 9

"ލަމިޔާ، ލަމީ، އެހާ ލޯބި ނަމެއް ނުބުނަން ތި އުޅެނީ؟ އަސްލު ކީއްވެ؟" ޖުމާހު އެހި އެވެ.

"އަހަރެން މި ބުނީއެއްނު ހަމަ ފޫހިވަނީއޭ އެ ނަން ދެކެ،" ލަމިޔާ ބުންޏެވެ.

"އޯކޭ، ލަމީ ފޫހިވާ ނަމެއް އަހަރެން ނުކިޔާނަން. އަހަރެން ކިޔާނީ... ހޫމް ގޮމާ، ތިއީ އަހަރެންގެ ގޮމާފުޅު،" ޖުމާހު އައިސް ލަމިޔާ ކުރިމައްޗަށް ހުއްޓުނެވެ.

"ގޮމާ، ތި ނަން ވަރަށް ރީތި،" ޖުމާހު ގައިގާ ބައްދާލަމުން ލަމިޔާ ބުންޏެވެ.

"ޖުމާ، ގޮމާ. ކިހާ ގުޅޭ؟" ލަމިޔާގެ ދަތްދޮޅީގައި ހިފައި މައްޗަށް އުފުލާލަމުން ޖުމާހު ބުންޏެވެ. ލަމިޔާގެ މޫނު ރަތް ވެގެން ދިޔައެވެ.

"އަމީނާއަށް ޔަގީންތަ؟" ސަކީބާ ސުވާލު ކުރީ އަމީނާއާ އެވެ.

"އާނއެކޭ. ހިނގާބަލަ މަ ބުނީތީ އެ ގެއަށް ދާން،" އަމީނާ ބުންޏެވެ.

"އެކަމަކު މަށަކަށް ނުކެރޭނެ،" ސަކީބާ ބުންޏެވެ. ކުރީ ރޭ ހިނގައިދިޔަ އެއްވެސް ކަމެއް ސަކިބާ އެއްވެސް މީހަކަށް ކިޔައެއް ނުދެ އެވެ. ދުއާތަކާއި ނަމާދުގެ މަތީގައި ގާއިމުވެ ހުންނަ ނަމަ އެފަދަ ކަންކަމުން ސަލާމަތްވާނެ ކަމަށް ސަކީބާގެ ބައްޕަ އޮތީ ބުނެފަ އެވެ.

"އަހަރެން މިހެން މި ބުނަނީ ޖުމާހުގެ އެކަނި ރައްކަލަކަށް ނޫނޭ. ސަކީބާ އާއި ރަހުމާގެ ވެސް ރައްކަލަކަށް. އަހަރެންނަށް ވަރަށް ހީވޭ ޖުމާހަށް ލައްވާލައިގެން އެ އުޅެނީ އެކަހަލަ ކަމެއްހެން،" އަމީނާއަކީ ސަކީބާގެ އާއިލާއަށް އަބަދުވެސް ހެޔޮއެދޭ މީހެކެވެ. "ބަލާލުމަކުން ނެތެއްނު ގެއްލުމެއް."

"ސަކީބާއާ އެކު އަހަރެން ވެސް ދާނަން އެ ގެއަށް. އެންމެ ރަނގަޅެއްނު؟" ސަކީބާ އެއްޗެއް ނުބުނުމުން އަމީނާ ބުންޏެވެ. ސަކީބާ ބޯ ޖަހާލި އެވެ.

"އައްސަލާމް އަލައިކުމް،" އަމީނާ އާއި ސަކީބާ ގެއެއްގެ ތެރެއަށް ވަންނަމުން ސަލާމް ގޮވައިލިއެވެ. އެތެރެއިން ސަލާމް ބަލައިގަތް އަޑު އިވުނެވެ.

"އެތެރެއަށް ވަދޭ،" އުމަރުބެ ބުންޏެވެ. "ދެ ކުދިން ކޮން ވަޑާމެއް؟"

"މި އައީ ވަރަށް ބޮޑު ކަމަކު،" އަމީނާ އިށީންނަމުން ބުންޏެވެ. އަދި އިށީނުމަށް ސަކީބާއަށް އިޝާރާތްކޮށްލި އެވެ.

"އާނ. ތިޔަކަން ވާނީ ތިޔަހެން. އުމަރުބެ މަތިން ހަނދާންވާނީ ބޮޑު ކަމަކު ޖެހުނީމާ. އަނެއްކާ ކިހާ ބޮޑު ކަމަކުބާ؟" އުމަރުބެ އަނގައަށް ބިލެތްގަނޑެއް ލަމުން ބުންޏެވެ. އުމަރުބެއަކީ ވަރަށް ގަދައަށް ދުފާ މީހެކެވެ. އެންމެ ނަމާދެއް ވެސް ވައްޓާނުލައި ނަމާދު ކުރާ މީހެކެވެ. މީހުންނަށް އެހީތެރިވުމާއި ދީލަތި ސިފަތަކަކީ އުމަރުބެ ކިބައިގައި ހުރި ހިތްގައިމު ސިފަތަކެވެ. ނަމަވެސް މީހުން ޖެހިލުންވާ ކަމެއް ވެސް އޮވެ އެވެ. އެއީ އުމަރުބެ މީހަކާ ނީނދެ ހުރުމެވެ. އުމުރުން ހަތްދިހައިގެ އަހަރުތައް ގުނަމުންދާ އުމަރުބެއަކީ ދުވަހަކު ވެސް ކައިވެންޏެއް ކުރި މީހެއް ނޫނެވެ. އަޑު އިވިފައި އޮންނަ ގޮތުގައި އުމަރުބެ އިންނަން އުޅުނު އަންހެން މީހާ ވީނުވީއެއް ނޭނގި ގެއްލުނީ އެވެ. އަދިއަދަށް ވެސް އޭނާ ވީ ތަނެއް ނޭނގެ އެވެ. އޭގެ ފަހުން އުމަރުބެ ކައިވެނި މަތިން ފޫހިވީޔޯލަ އެވެ.

"އެއީ... އެއީ މި ސަކީބާގެ ދަރިފުޅު، ޖުމާހު..." އަމީނާގެ އަތުގައި ސަކީބާ ހިފަހައްޓާލި އެވެ.

"ބުނަން އުޅޭ އެއްޗެއް ބުނެވިގެން ކަމެއްގެ ހައްލު ފެންނާނީ. ހިތްވަރެއްކޮށްލާފައި ބުނެބަލަ. ކޮންކަމަކާ ކަންބޮޑުވަނީ؟" ހިތްވަރުދެމުން އުމަރުބެ ބުންޏެވެ.

"ހީވަނީ ޖުމާހަށް ކޮންމެވެސް ކަހަލަ ގޯނާއެއް ވާހެން. އޭނަ ދަންވަރު ގަޑީގައި ތުނޑިމަތިން ފެންނަ ކަމަށް ބައެއް މީހުން ބުނޭ. އަހަރެން ވެސް ދުށިން އޭނަ އެ ގަޑީގައި ބޭރަށް ނުކުމެ އުޅެނިކޮށް،" އަމީނާ ހިތްވަރުކޮށްލާފައި ބުންޏެވެ. "އުމަރުބެ އަޅެ ބަލާލަދީބަލަ ވެގެން އުޅޭ ގޮތެއް."

"އާނ. ތިކަން ޖެހޭނީ ބަލާލަން،" ވިސްނާލަމުން އުމަރުބެ ބުންޏެވެ. "އޭނަ ދަނީ ވަކި ގަޑިއަކަށްތަ؟ ކޮންމެ ރެއަކު ވެސް ދޭތަ؟"

"އާނ. ކޮންމެ ރެއަކު ވެސް ދޭ. ދަނީ ވެސް ވަކި ގަޑިއަކަށްހެން ހީވަނީ،" މިފަހަރު ވާހަކަ ދެއްކީ ސަކީބާ އެވެ.

"މާދަމާ ނޫން އަނެއް ދުވަހުގެ ހަވީރު އާދޭ. ހަތަރެއް ޖަހާއިރު އަންނާތި، އަހަރެން ތިކަން ބަލާލެވޭތޯ ބަލާނަން. އެކަމަކު ބޮޑަށް ރަނގަޅީ އެ ސޮރު ގޮވައިގެން އައިއްސިއްޔާ،" އުމަރުބެ ބުންޏެވެ.

"ތިއީ ވާނެ ކަމެއް ނޫން. އޭނަ ނާންނާނެ. އަނެއްކާ މިކަހަލަ ކަންކަން ގަބޫލެއް ވެސް ނުކުރާނެ،" މާޔޫސްވެފައި ސަކީބާ ބުންޏެވެ.

"އެންމެ ރަނގަޅު. މިރެއިން ފެށިގެން ކޮންމެ ރެއަކު ގޭތެރެ އާއި އޭނަ ނިދާ ކޮޓަރީގައި ގުރުއާން ޖަހާފައި ބަހައްޓާ. ބަގަރާ ސޫރަތް ޖަހާނީ. ކީއްވެ ކުރާ ކަމެއްތޯ އަހާނެ. އަހައިފިއްޔާ ބުނޭ މަންމަ ބިރުގަންނާތީ ރައްކަލަކަށް ކުރާ ކަމެކޭ."

ސަކީބާ އާއި އަމީނާ އެ ގެއިން ނުކުތީ ފޮނި އުންމީދަކާ އެކުގަ އެވެ. އޭރު މަގުގެ އެއްކޮޅުގައި ކަޅު ބުޅަލެއް އެ ދެ މީހުންނާ ދިމާލަށް ބަލަހައްޓައިގެން އޮތެވެ. ބުޅަލުގެ ދެ ލޯ ހުރީ ހުދުކުލައިން ދިއްލިފަ އެވެ. ދަތްތައް ދިގުވެފައި ވަކިތައް ތޫނެވެ. ޖެހިގެން ހުރި ގޭގައި ހެދިފައި ހުރި ބިޔަ ފޭރުގަސް މައްޗަށް ބުޅާ ފުންމާލި އެވެ. އަދި ސަކީބާއާ ދިމާލަށް ފުންމާލި އެވެ. އެ ވަގުތު ސަކީބާ އަރިއަޅާލި އެވެ. ފައި ފުރޮޅުނީ އެވެ. ބުޅާ ގޮސް ޖެހުނީ އެ ދެ މީހުންގެ ފަހަތަށެވެ. އޭގެތެރެއިން އެއްވެސް މީހަކަށް ބުޅަލެއް ނުފެނެ އެވެ. ބުޅަލުގެ ވަކިތަކުން ސަކީބާ ސަލާމަތްވި އެވެ.

"މަންމައަށް ޔަގީންތަ ތި ކުރަން އުޅެނީ ރަނގަޅު ކަމެއްކަން؟" ރަހުމާ ސުވާލު ކުރި އެވެ.

"މަންމައަށް ޔަގީނެއް ނޫން. އެކަމަކު މި ނޫން އެހެން ގޮތެއް އެބަ އޮތްތަ؟" ސަކީބާ ހުރީ އިސްތިރި ކުރާށެވެ.

"އެކަމަކު މަންމާ، ދޮންބެއަށް އެނގިއްޖިއްޔާ ވަރަށް ސަކަރާތްވާނެ. ވަރަށް ރުޅި ވެސް އަންނާނެއެއްނު،" ކަންބޮޑުވެފައި ރަހުމާ ބުންޏެވެ. "އަހަރެންނަށް ހީވަނީ..."

"ކޯއްޗެއް ހީވަނީ؟" ކޮޓަރި ދޮރު ހުޅުވާލާފައި ޖުމާހު ބޯދިއްކޮށްލި އެވެ. މީގެ ކުރިން އެއީ ދުވަހަކު ވެސް ޖުމާހު ކުރި ކަމެއް ނޫނެވެ. ކޮންމެ ފަހަރަކު ވެސް ޓަކި ޖަހާފައި ނޫނީ ދޮރެއް ނުހުޅުވާނެ އެވެ. ދެމައިން ސިއްސައިގެން ދިޔަ އެވެ. އަދި ހައިރާންވި އެވެ.

"އެއްޗެއް ނޫން،" އަވަސް އަވަހަށް ސަކީބާ ބުންޏެވެ.

"އަހަރެންނަށް މިހާރު ކަންކަން ސިއްރު ކުރަން ވެސް ފެށީތަ؟" ޖުމާހުގެ ރާގުގައި ހަރުކަށިކަމެއް ހުރިކަން ދެމައިންނަށް ވެސް ފާހަގަވި އެވެ.

"ދޮންބޭ. އެއީ އަހަރެން ފަހަން އުޅޭ ހެދުމެއްގެ ވާހަކަ،" ރަހުމާ ބުންޏެވެ.

"ރަހުމާއަށް ވެސް ދޮގު ހަދަން ދަސްވެއްޖެ ދޯ؟" އެހެން ކިޔާފައި ޖުމާހު ދޮރުފަތް ވަރަށް ބާރަށް ލެއްޕި އެވެ. ދެމައިން އެކަކު އަނެކަކަށް ބަލާލީ ހައިރާންވެގެންނެވެ.

"ފެނިއްޖެތަ؟ އޭނައަށް ކިހާ ބޮޑު ބަދަލެއް އެ އަންނަނީ؟ އަދިވެސް ވީ، ކަމެއް ނުކޮށް ތިބެން؟" ސަކީބާ އެނދުގައި އިށީންނަމުން އެހި އެވެ.

ރަހުމާ ކޮޓަރިން ނުކުތް ވަގުތެވެ. ޖުމާހު އައިސް ގެއަށް ވަންނަނީ އެވެ.

"ރަހުމާ، ކޮންތާކަށް ދާން ތި އުޅެނީ؟ ދޮންބެއަށް ކަމެއް ކޮށްދީބަލަ،" ވަރަށް އޯގާތެރި ރާގެއްގައި ޖުމާހު ބުންޏެވެ.

"މަންމައާ ދޭތެރޭ މިއަދު ދޮންބެ ކަންތައް ކުރީ ރަނގަޅަކަށް ނޫން،" ހިތްހަމަނުޖެހިފައި ރަހުމާ ބުންޏެވެ.

"އަހަރެންނަށް ކޮން ކަމެއް ކުރެވުނީ؟" ޖުމާހު ހައިރާންވެފައި އެހި އެވެ.

"ކޮން ކަމެއް ކުރެވުނީހޭ؟ މަންމައާ އެހާ ރުންކުރުކޮށް ވާހަކަ ދެއްކީ ކީއްވެ؟" ރަހުމާ ބުންޏެވެ.

"ބަލަ ކޮން އިރަކުތަ؟ އަހަރެން މިއަދު ހެނދުނު އޮފީހަށް ދިޔަ ގޮތަށް އަދި މި އައީ ގެއަށް. ދެން މަންމައާ ކޮން ތާކުންތަ ބައްދަލުވާނީ؟" ޖުމާހު ބުންޏެވެ.

"މިއަދު މެންދުރު. އަހަރެންނާއި މަންމަ ރޫމުގައި ތިއްބާ ދޮންބެ ނާންނަންތަ؟ ކޮޓަރި ނޮކް ނުކޮށް ނުހުޅުވަންތަ؟" ހިތްހަމަނުޖެހިފައި ހުރި ރަހުމާ އިތުރަށް ފޫހިވި އެވެ. ޖުމާހު ދޮގު ހަދަނީ ކަމަށް ހީކޮށްފަ އެވެ.

"އާނއެކޭ. އަހަރެން ހަމަ ދެންމެ ގެއަށް މި އައީ. އަހަރެން ކީއްކުރަންތަ މަންމަ ރޫމަށް ވަންނާނީ؟ އަޖާއިބެއް،" ޖުމާހު އެހެން ބުނެފައި ކޮޓަރިއަށް ވަނެވެ. ރަހުމާ ދިޔައީ ބޭރަށެވެ. ކޮޓަރި ދޮރު ކައިރީ އަޑުއަހައިގެން ހުރީ ސަކީބާ އެވެ.

"މިހާރު ކަންކަން މިހާ ހިސާބަށް ދިޔައީ؟" ހިތާހިތުން ސަކީބާއަށް ބުނެވުނެވެ.

ސަކީބާ އާއި އަމީނާ ނުކުތީ އުމަރުބެ ގެއަށް ދާށެވެ. ދުވަހަކީ ވަރަށް ހިތްގައިމު ދުވަހެކެވެ. ވައި މަޑު، އަވި މަޑު ދުވަހެކެވެ. އުމަރުބެގެ ގެ ހުންނަނީ މީހުން އުޅޭ ސަރަހައްދާ ތަންކޮޅެއް އެކަހެރި ހިސާބެއްގަ އެވެ. އަމީނާ އާއި ސަކީބާ ދިޔައީ ގޮނޑުދޮށާ ދާދި ކައިރީގައި އޮތް މަގަކުންނެވެ. ދެ މީހުން ވެސް ވާހަކަ ދައްކަމުން ދިޔައީ އެއް މައުލޫއު އަކަށެވެ. ކަންތައް ވެގެން ދާނެ ގޮތާއި ދެން ކަންތައް ކުރަންވީ ގޮތަކީ ކޮބާ ކަމާމެދު މަޝްވަރާ ކުރަމުންނެވެ. ހިނގަމުން ގޮސް ރަށުގައި ހުންނަ ބޮޑު ނިކަގަހާ އަރައި ހަމަވި ވަގުތެވެ. ދެ ފައި އެލުވާލައިގެން ގޮފިގަނޑު މަތީގައި އިން މަހުލޫގަށް ސަކީބާ އާއި އަމީނާ ފެނުމާ އެކު ގޮފިގަނޑެއް ބިންދާލި އެވެ. ވެއްޓެމުން ދިޔަ ގޮފިގަނޑު ހުރީ ސީދާ ސަކީބާގެ ބޮލާ ދިމާލަށެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް