ވާހަކަ: ވިގަނި
އެޕިސޯޑް 8
ރަހުމާ އެންމެ ބިރުގަތްކަމަކީ ފިޔަވަޅުތައް ހުރީ އިދިކޮޅަށް ކަމަށް ވުމެވެ. އިންސާނެއްގެ ފިޔަވަޅަށް ވުރެ އެ ފިޔަވަޅުތައް ތަންކޮޅެއް ބޮޑެވެ. ފިޔަވަޅުތަކަށް ބަލަމުން ގޮސް ސަކީބާގެ ކޮޓަރިއަށް ވަނެވެ. އެކަނި ކޮޓަރީގައި އޮންނަން ރަހުމާ ވެސް ޖެހިލުންވީ އެވެ.
"އޭތި ކޮބާ؟" ރަހުމާއަށް ހޭލެވުނީ ސަކީބާ ހަޅޭލަވައިގަތް އަޑަށެވެ.
"މަންމާ، ހަމަޖެހިބަލަ. ކޯއްޗެއްތަ؟" ރަހުމާ އައިސް ސަކީބާ ގާތުގައި އިށީނެވެ.
"ދަރިފުޅާ، މަންމަ ދުށީމޭ އޭތި. ހާދަ ބިރުވެރިއޭ..." ސަކީބާއަކީ ހަގީގަތުގައި ވަރަށް ބިރުކުޑަ ޖެހިލުން ކުޑަ މީހަކެވެ. ރަހުމާއަށް އެކަން އެނގެ އެވެ. ނަމަވެސް މަންމަ އެހެން ބުނާނީ ވަރަށް ބިރުގަންނަ ކަމަކާ ކުރިމަތިލާން ޖެހުނީމާ ކަން ވިސްނުނެވެ. ދެމައިން އެކުގައި ސިއްސައިގެން ދިޔައީ ފުރާޅު މަތިން އިވުނު އަޑަކުންނެވެ. އެއީ ވަރަށް ބާރަށް އެއްޗެއް ވެއްޓުނު އަޑެވެ. އެމީހުންނަށް ނޭނގުނަސް، އެ އެއްޗަކީ ވަރަށް ބޮޑު ކަޅު ބުޅަލެކެވެ. ކެހެރިތައް ދިގު ބުޅަލެކެވެ. ދެމައިން ދުވެފައި ބޭރަށް ނުކުތެވެ. އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ.
ވިއްސާރަ ވިލާތަކުން އުޑުމަތި ބަނަ ކުރަމުން ދިޔަ އެވެ. އިރު އޭގެ ވާޖިބު އަދާ ކުރުމަށް ފަހު އޮއްސެން ދިޔަ ވަގުތެވެ. ވާރޭ އަންނަން އުޅޭކަމުގެ ސިގްނަލު ހުރިހާ ފަރާތަކުން ދެމުން ދިޔަ އެވެ. އެންމެން މިސްކިތަށް ދިޔަ ވަގުތު ޖުމާހު ހުރީ އަސްކަންޏެއްގެ ދަށުގަ އެވެ. ވާރޭ ހައްތަހާ ބޯކުރި އެވެ. ހިޔާވާން ކިތަންމެ މަސައްކަތެއް ކުރިޔަސް ޖުމާހު ކޮންމެވެސް ވަރަކަށް ތެމުނެވެ. ގުގުރައި ވިދަން ފެށި އެވެ. މަގުތަކުގައި ފެންގަނޑުތައް ހެދެން ފެށި އެވެ. ވެހެމުން ދިޔަ ވާރޭ އެއްގޮތަކަށް ވެސް ތުންޏެއް ނުވި އެވެ. ޖުމާހު ވައަތުގައި މީހަކު ޖެހިލިހެން ހީވެގެން ބަލާލި އެވެ. ކައިރީގައި ހުރީ ފަހުދެވެ. ޖުމާހު ހައިރާންވި އެވެ.
"ކަލޭ ކީއް ތި ކުރަނީ މިތާ؟" ޖުމާހު އެހި އެވެ. ފަހުދު އެއްވެސް އެއްޗެއް ނުބުނެ ބަލަހައްޓައިގެން ހުއްޓެވެ.
"ބަލަ ކަލެއާއޭ މި ވާހަކަ ދައްކަނީ. ނަމާދަށް ނުގޮސް ކީއްހޭ ތި ކުރަނީ؟"
"މަށަށް ވެސް ތި ސުވާލު ކުރެވޭނެ،" ފަހުދު ބުންޏެވެ.
"އަހަރެން ގެއަށް ދާން އުޅެނިކޮށް ވިއްސާރަގަނޑު ބޯކޮށްލީމާ މި މަޑު ކުރަނީ،" އުޑުމަތި ބަލާލަމުން ޖުމާހު ބުންޏެވެ. "ކަލޭ ކުއްލިއަކަށް ކިހިނެއްތަ ތި އައީ؟ އައި ނައި ތަނެއް ނޭނގުނު."
ފަހުދު އެއްވެސް އެއްޗެއް ނުބުންޏެވެ. ރަކި ހިނިތުންވުމެއް ދައްކައިގެން ހުރީ އެވެ. ޖުމާހު ޖެހިލުންވާން ފެށި އެވެ.
"މަ މި ނައްޓާލަނީ،" ހިނގައިގަންނަމުން ޖުމާހު ބުންޏެވެ. ހަމަ އެ ސިކުންތުގައި ޖުމާހު އަތުގައި ފަހުދު ހިފެހެއްޓި އެވެ.
"ކިހިނެއްވީ؟" ފަހުދުއާ ދިމާލަށް އެނބުރިލަމުން ޖުމާހު އެހި އެވެ. ފަހުދު އެއްވެސް އެއްޗެއް ނުބުންޏެވެ. ފާޑަކަށް ހިނިއައިސް ހުރީ އެވެ. އަދި ޖުމާހުގެ އަތަށް ބާރަށް ފިތާލި އެވެ.
"ކަލޭ މޮޔަވީތަ؟ ދޫކޮށްލާ، މި ބުނީއެއްނު ދޫކޮށްލާށޭ،" އަތް ފޮޅުވާލަމުން ޖުމާހު ބުންޏެވެ.
"ދެނެއް ދުލެއް ނުކުރެވޭނެ،" ޖުމާހުއާ ކައިރިވެލަމުން ފަހުދު ބުންޏެވެ. "ދުވަހަކުވެސް." ވައިއަޑަކުން އެހެން ބުނެފައި ފަހުދު ގޮސް އޮބާލި އެވެ. ޖުމާހަށް ބަލަހައްޓައިގެން ހުރެވުނީ އެވެ. ފަހުދު ވާހަކަ ދައްކާ ގޮތާއި މިޒާޖަށް ބޮޑެތި ބަދަލުތަކެއް އައިކަން ޖުމާހަށް ފާހަގަ ކުރެވުނެވެ.
ދޭތެރެއަކުން ޖުމާހު ކުރިން އުޅޭ ގޮތަށް އުޅެ އެވެ. މީހުންނާ ވާހަކަ ދައްކައި އޮފީހަށް ގޮސް ހަދަ އެވެ. ގޭތެރޭގައި ވެސް ސަކީބާ އާއި ރަހުމާއާ އެކު ވަގުތު ހޭދަ ކުރެ އެވެ. ބައެއް ދުވަސްދުވަހު ފުޓްބޯޅަ ކުޅެން ވެސް ދެ އެވެ. އެކަމަކު އަނެއްބައި ފަހަރު ވާނުވާއެއް ނޭނގެ އެވެ. ވަރަށް ގިނަ ކަންކަން ހަނދާން ނެތެ އެވެ. ކުރަން ހުންނަ ކަންތަކާއި ކުރެވުނު ކަންކަން ވެސް ހަނދާނެއް ނުހުރެ އެވެ. ދާންވީ ތަންތަނާއި ބައެއް މީހުން މަތިން ވެސް ހަނދާން ނެތޭ ފަހަރު އާދެ އެވެ.
ރޭގަނޑުގެ ކަޅު އަނދިރިކަން ޖުމާހަށް ގެނުވައިދެނީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. ވަކި ގަޑިއަކަށް އިންތިޒާރު ކުރެވެމުން ދަނީ ހިތަށް ފިނިކަމާއި ބޮލަށް ލުޔެއް ލިބޭ ވަގުތަކަށް ވާތީ އެވެ. ކޮންމެ ރެއެއްގެ ވަކި ވަގުތެއް ހާއްސަ ކުރެވެމުން ދަނީ ޖުމާހުގެ ދިރިއުޅުމުގައި ހާއްސަ މަގާމެއް ދެވިފައިވާ މީހަކަށެވެ. ކޮންމެ ރެއަކު ވެސް އޭނާއާ ޖުމާހު ބައްދަލު ކުރަނީ ތުނޑިންނެވެ. އެއީ އޭނާ އެންމެ އެދޭ އެންމެ ބޭނުންވާ ގޮތް ކަމުގައި ވާތީ އެވެ. މި ވާހަކަ އެއްވެސް މީހަކާ ހިއްސާ ކުރާކަށް އޭނާ ބޭނުމެއް ނުވެ އެވެ. މީހެއްގެ އެސްފީނާ ނުވަތަ ހަސަދަ ލައިގަނެފާނެތީ ކަމުގައި އޭނާ ބުނެ އެވެ. އަދި މީހުންގެ ބަދު ބަސްތަކާއި މީހުންގެ ބަދު ދުއާއަށް މަގުފަހި ކުރުވާނެ ކަމެއް ކަމުގައި ބުނެ އެވެ. ޖުމާހަށް އެކަން ގަބޫލު ކުރެވެ އެވެ. ނަމަވެސް ކޮންމެވެސް ހިސާބަކުން އާއިލާގެ މީހުންނަށް ވެސް އެކަން އެނގެން ޖެހޭނެ ކަމަށް ޖުމާހު ގަބޫލު ކުރެ އެވެ. އަދި އެ ވާހަކަ އޭނާ ގާތުގައި ވެސް ބުނެ އެވެ.
އެއީ ހަމައެކަނި އަންހެންކުއްޖެއް ނޫނެވެ. ހޫރު ޕަރީއެކެވެ. ޖުމާހަށް އެންމެ ރީތި ވަރުގެ އިސްކޮޅެކެވެ. ބޮޑު ދެ ލޮލެވެ. ކަޅިރަވަ ތޫނުވެފައި އެސްފިޔަތައް ދިގެވެ. އަނދުން އަޅާފައި ހުރުމުން އެ ލޮލުގެ ރީތިކަން އިތުރުކޮށްދެ އެވެ. ހިތިފަތުގެ ދެ ބުމަ އެވެ. ދެ ތުންފަތް ހީވަނީ ފިނިފެންމަލުގެ ދެ ފިޔަހެންނެވެ. އިހި ކަނދުރާގެ ކުލަ އައްޔެވެ. ކަޅު، ދިގު އިސްތަށިގަނޑު ދިގުވެފައި ބޮލެވެ. ގިޔުޅު އަތުކުރި އެވެ. އިނގިލިތައް ދިގުވެފައި ނިޔަފަތިތައް ތުންޏެވެ. ބަނޑާއި އުނަގަނޑު ހިމަ އެވެ. ބުރުސޫރަ ފުރިހަމަވެފައި ހަށިގަނޑު ލޫޅާފައްޗެވެ. ކުރުކޮށް ބުނާ ނަމަ އެއީ ފަތްމިންޏެކެވެ. ކޮންމެ ފިރިހެނަކު ވެސް އެ ފަދަ އަންހެންކުއްޖެއް ހަޔާތަށް ގެންނަން ބޭނުން ވާނެ އެވެ. އެކުގައި ދިރިއުޅުމުގެ ދުވަސްތައް ހޭދަ ކުރަން ބޭނުން ވާނެ އެވެ. ޖުމާހު ދެކޭ ގޮތުގައި މިހާ ގިނަ ދުވަހު މީހަކާ ނީނދެ ހުރެވުނުކަން އެއީ ޖުމާހުގެ ނަސީބެވެ. އެހެން ނޫން ނަމަ މިއަދު މި ފަތްމިންޏެއް ޖުމާހުއާ ދިމާލަށް ބަލާ ވެސް ނުލާނެ އެވެ.
ޖުމާހަށް ތުނޑިއަށް ދެވުނު އިރު ދަންވަރު ތިނެއް ޖަހަނީ އެވެ. "އޭނާ"ގެ ފަރި ހަރަކާތްތަކަށް ބަލަން ހުރީ އެސްފިޔަ ވެސް ޖަހާލަން ހަނދާން ނެތިފަ އެވެ. ހީވީ ފިނި މެންދަމެއްގައި އޭނާ ވަރަށް ބޮޑަށް ހީކަރުވައިގަނެފައި ހުރިހެންނެވެ. ޖުމާހު މަޑުމަޑުން ހިނގާފައި ގޮސް އޭނާގެ އަތުގައި ހިފާލި އެވެ. ހީވަނީ ގަނޑުފެންކޮޅެއް ހެންނެވެ. އެ ތުނި އަތްތިލައަކީ މަޑު ކަފަ ކޮޅެއް ފަދަ އަތްތިލައެކެވެ. ޖުމާހަށް ހީވީ އަތަށް ވިރުނު ހެންނެވެ. ލިބުނު އުންމީދުގެ ހުޅުކޮޅު ޖުމާހުގެ ދެ އަތުން ހިމާޔަތްކުރި އެވެ. ހިތުގެ ކަނު އަނދިރީގައި އެ ހުޅުކޮޅު ވިދާ ބަބުޅަން ފެށި އެވެ. އަރާމު، ހޫނުގެ އަލިކަމެއް ހަށިގަނޑަށް ވެރިވެގެން ދިޔަ އެވެ. އެކަކު އަނެކަކުގެ އިހުސާސްތައް ބަނޑުން ކޮށްލީ ތުނޑީގެ ހިތްގައިމު ދޮންވެލިގަނޑު މައްޗަށެވެ. އެއީ ހަނދުވަރު ތޫނު، އަލި ގަދަ ރެއެކެވެ. އުޑުމަތީގައި އެންމެ ވިލާ ރޮއްޖެއް ވެސް ނެތެވެ. ކަނޑުގެ ލޮނުގަނޑުގައި ބަބުޅަމުން ދިޔައީ ރިހި އައްޔެކެވެ. ހީވަނީ ރިހި އަލީގެ ސާލެއް ފެތުރިފައިވާހެންނެވެ. މަޑުމަޑުން ޖަހާ ރާޅުގެ އަޑު ފިޔަވައި އިތުރު އަޑެއް އެތަނަކުން ނީވެ އެވެ. ކިރު ކަކުނިތައް އެ ސޮރުމެންގެ ހޮރުން ނުކުމެ ރަސްކަން ކުރަމުން ދިޔަ އެވެ.
"ދެން އަހަރެން ކީކޭތަ ކިޔަންވީ؟ މިހާރު އަހަރުމެން ބައްދަލުވި ފަހުން ކިތައް ދުވަސް މިވީ؟" ޖުމާހު އޭނާގެ އަތުގައި ހިފާލަމުން ބުންޏެވެ. ދެ މީހުން ވެސް ތިބީ ވެލިގަނޑުމަތީގައި އިށީނދެލައިގެންނެވެ.
"ޖުމާ ބޭނުން ނަމެއް ކިޔާބަލަ. އަހަރެންނަށް ކިޔާ އަސްލު ނަން ދެކެ އަހަރެން ވަރަށް ފޫހިވޭ،" ޖުމާހުގެ ކޮނޑުގައި ބޯއަޅާލަމުން އޭނާ ބުންޏެވެ. "ޖުމާ ހަނދާނެއް ނެތްތަ ވީ ދުވަހެއް؟"
"ދެ މަހާއި އެއް ހަފުތާ އާއި ތިން ދުވަސް،" ހިނިތުންވެލަމުން ޖުމާހު ބުންޏެވެ.
"މިނެޓް ވެސް ބުނެލި ނަމަ،" ދެ މީހުން އެކުގައި ހީ ގަތެވެ.
"ދެން ހަމަ އަސްލުވެސް ބުނެބަލަ. ކޮން ނަމެއް ކިޔަނީ؟ މިހާރު އަހަރެން ކޮން ދުވަހެއް މިހެން އަހާތާ؟" ޖުމާހު އޭނާއާ ދިމާލަށް އެނބުރުނެވެ.
"އަހަރެންނަށް ކިޔާ ނަން އެނގުނީމަ ޖުމާ އަހަރެން ދެކެ ފޫހިވެއްޖެއްޔާޔޯ؟" އޭނާ މާޔޫސްވެފައި ބުންޏެވެ.
"ތިއީ މީހުންނަށް ވާ ގޮތެއްތަ؟ މީހުން ލޯބިވަނީ ކިޔާ ނަން ދެކެއެއް ނޫނޭ."
"ދެން؟ ކޯއްޗެއް ދެކެ؟" ޖުމާހުގެ ދެ ލޮލަށް ބަލާލަމުން އޭނާ އެހި އެވެ.
"އެމީހެއްގެ ސިފަ އާއި މިޒާޖާއި އުޅުމާއި މި ކަންކަން ދެކެ. ހަމަ ގައިމުވެސް މީހަކަށް ކިޔާ ނަން އެނގިގެން އެ މީހަކު ދެކެ އަހަރެން ނުވާނެ ފޫއްސެއް،" ޖުމާހު ޔަގީންކަމާ އެކުގައި ބުންޏެވެ.
"އެންމެ ރަނގަޅު. ނަން ބުނެފާނަން،" އޭނާ ބުންޏެވެ.
"ލަމިޔާ،" އޭނާ ތެދުވަމުން ބުންޏެވެ.
"ލަމިޔާ، ލަމީ، އެހާ ލޯބި ނަމެއް ނުބުނަން ތި އުޅެނީ؟ އަސްލު ކީއްވެ؟" ޖުމާހު އެހި އެވެ.
- ނުނިމޭ -