ވާހަކަ: ވިގަނި

ވާހަކަ

ވާހަކަ: ވިގަނި - ހަތްވަނަ ބައި

17 މާރިޗު 2024

އެޕިސޯޑް 7

"ޖުމާހު ކޮންމެ ރެއަކު ދަންވަރު ތުނޑިއަށް ދަނީ ކީއްކުރަން؟" އަމީނާ ވަރަށް މަޑުމަޑުން އެހި އެވެ.

"އޭނ؟" ސަކީބާއަށް ބުނެވުނެވެ.

"މިއީ ހަމަ ތެދެއް. އަހަރެން ވެސް ދެ ރެއަކު ދުށިން. ފުރަތަމަ އަހަރެން ގާތުގައި ބުނީ ދޮންހައްވަ. އޭނަ ބުނީ އެގޭ ދޮރުމަތިންނޭ ދަނީ. އޭނައަށް ވެސް ދެތިން ރޭ ފެނުނީޔޯ. ދެން އެގޭ ސޮރަކު ގޮސް ފާރަލީޔޯ. ލީ އިރު ޖުމާހު ގޮސް ތުނޑީ ވެލިގަނޑުގައި އޮށޯވެގެން ކޮންމެވެސް ގޮތަކަށް އެނބުރެނީޔޯ،" އަމީނާ ދައްކާ ވާހަކަ ދެމައިންނަށް އަޑުއިވެނީ ކިރިޔާ އެވެ. ވާހަކަ ދެއްކީ އެހާ ވެސް މަޑުންނެވެ.

"ނުވާނެ ތިހެންނެއް. ތިޔަ ކަންކަން ކުރާ ނަމަ އަހަރެންނަށް ވެސް ތިކަން އެނގޭނެ،" ސަކީބާ ކަންބޮޑުވެފައި ބުންޏެވެ.

"މިއީ ހަމަ ތެދެއް. އަހަރެން ބުނީތީ ގަބޫލު ކުރޭ. އެހެން ނޫނީ ސަކީބާ މިރޭ ބަލަން ހުރެބަލަ. އާންމުކޮށް އޭނަ ނުކުންނަނީ ދެ ގަޑި ބައި އެހާ އިރު. އަހަރެންނަށް އެނގޭ ގަބޫލު ކުރަން އުނދަގޫ ވާނެކަން. އެކަމަކު މި ވާހަކަ ނުދައްކާ ނުހުރެވިގެން އަހަރެން މި އައީ،" އަމީނާ ގޮނޑިން ތެދުވި އެވެ. "އަހަރެން މި ވާހަކަ ދެއްކި ވާހަކަ ޖުމާހު ގާތުގައި ނުބުނާތި."

އެ ވަގުތު ޖުމާހު އައިސް ބަދިގެ ތެރެއަށް ވަނެވެ. އެންމެން ވެސް ދިޔައީ ސިއްސައިގެންނެވެ. އެއްވެސް މީހަކު އެއްޗެއް ނުބުނެ އެވެ. އަވަސް އަވަހަށް އަމީނާ ނުކުމެގެން ދިޔަ އެވެ. ރަހުމާ ހުރީ ބިރުގަނެފަ އެވެ. ސަކީބާގެ ފަހަތަށް ވަދެ، ޖުމާހުއާ ދިމާލަށް ނުވެސް ބަލަ އެވެ. ޖުމާހު އައިސް ފެން ފުޅިން ފެން ފޮދެއް އަޅައިގެން ބޯލި އެވެ.

"ކިހިނެއްވީތަ މަންމާ؟ ފާޑަކަށް ތިބަލަނީ ކީއްވެ؟" ޖުމާހު އެހި އެވެ.

"ކަ... ކަމެއް ނުވޭ،" ހިނިތުންވާން މަސައްކަތް ކުރަމުން ސަކީބާ ބުންޏެވެ.

ސަކީބާ ބޭނުންވީ ވެގެން އުޅޭ ގޮތެއް ބަލާށެވެ. ވުމާއެކު އެރޭ ދަންވަރު ނުނިދާ ހުއްޓެވެ. ކޮޓަރިތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރީ އެވެ. އިރުކޮޅަކާ ގަޑިއަށް ބަލާލަ އެވެ. ގަޑި ކުޑަތަންވަމުން ދިޔަ އެވެ. އެ ވަގުތު ދޮރެއް ހުޅުވި އަޑު އިވުނެވެ. ސަކީބާ ހިނގުން ހުއްޓާލާފައި ކޮޓަރި ދޮރު ކައިރީގައި ހުއްޓެވެ. އަނެއްކާވެސް ދޮރެއް ހުޅުވުނު އަޑު އިވުނެވެ. ސަކީބާ ވަރަށް މަޑުމަޑުން ކޮޓަރި ދޮރު ހުޅުވާލި އެވެ. އޭރު ސިޓިން ރޫމުގެ ދޮރު ލެއްޕެނީ އެވެ. މީހަކު ފެންނާކަށް ނެތެވެ. ސަކީބާ ގޮސް ޖުމާހުގެ ކޮޓަރި ހުޅުވާލި އެވެ. އޭނައެއް ނެތެވެ. ހާވާލާފައިވާ ބެޑްޝީޓެއް އެނދުމަތީގައި އޮތެވެ. އަދި ބިންމަތީގައި ބާލީހެއް ވެސް އޮތެވެ. ޖުމާހަކީ ވަރަށް ތަރުތީބު މީހެކެވެ. އެކަން ސަކީބާއަށް ވަރަށް ރަނގަޅަށް އެނގެ އެވެ. ގޭތެރޭގައި ވެސް ތަރުތީބު ކިޔައިދޭނީ ޖުމާހެވެ. ނަމަވެސް މިވަގުތު ކޮޓަރި އޮތް ގޮތް ފެނުމުން ސަކީބާ ވެސް ހައިރާންވި އެވެ. ދޮރު ލައްޕާފައި ގެއިން ނުކުތުމަށް ހިނގައިގަތެވެ. މަގުމައްޗަށް ނުކުތް އިރު ޖުމާހު ފެންނާކަށް ނެތެވެ. މަގުމަތި ވަރަށް ހަމަހިމޭނެވެ. މީހެއްގެ ހިލަމެއް ވެސް ނުވެ އެވެ. ރަފީގު ގޮވާ އަޑު ފިޔަވައި އިތުރު އަޑެއް ނީވެ އެވެ. ބައެއް މަގުތައް އަލި ނަމަވެސް އަނދިރި މަގުތައް ވަރަށް އަނދިރި އެވެ. ގަހާއި ރުއް ގިނަ ކަމުން ހިނގަން ވެސް ޖެހިލުންވި އެވެ. ގިނަ ގޭގޭގައި އަލިކަމެއް ފެންނާކަށް ނެތެވެ. ސަކީބާ ހިނގަމުން ދިޔައީ އަނދިރި ގޯޅިއަކުންނެވެ. ކުއްލިއަކަށް ފަހަތުން މީހަކު އަންނަހެން ހީވާން ފެށި އެވެ. ސަކީބާ ހިތަށް ބިރުވެރިކަން ވަނެވެ. ނަމަވެސް ހިނގުމެއް ހުއްޓައެއް ނުލަ އެވެ. އެ މީހަކު ވަރަށް ކައިރިވިހެން ހީވި އެވެ. ސަކީބާއަށް އެ ވަގުތު ކިޔަން ހަނދާންވީ ކުރުސި އެވެ. އަވަހަށް ކިޔަންފެށި އެވެ. ހުއްޓާނުލައި ފަށަފަށައިގެން ކިޔަވަމުން ދިޔަ އެވެ. ފަހަތުން އަންނަ މީހާގެ ހިލަމެއް ނުވި އެވެ.

ސަކީބާއަށް ވަރަށް ގިނަ އިރު ހިނގުނެވެ. ނަމަވެސް އަތިރިމައްޗަކަށް ނުނިކުމެވުނެވެ. ކޮންމެ ފަހަރަކު ވެސް ގޯޅިއެއް އަޅާ އިރު ހީވަނީ އާ މަގެއް ހެންނެވެ. ނަމަވެސް ސަކީބާ ނުދަންނަ މަގެއް ނުވަތަ ގޯޅިއެއް ވެސް ރަށުގައި ނޯންނާނެ އެވެ. ގެތައް ވެސް ހުންނަނީ ދާދި އެއް ގޮތަކަށެވެ. އެކި ދިމާލަށް ބަލާލާފައި އަނެއްކާވެސް ޖެހިގެން އޮތް ގޯޅިއަށް އަޅަނީ އެވެ. ދެން ނުކުމެވުނީ ވަރަށް ދިގު މަގަކަށެވެ. މަގުގެ ކޮޅު ފެންނާކަށް ނެތެވެ. އަނދިރިކަމުން ހީވަނީ ކަޅު ފޮއި ރޭތަކުގެ ތެރެއިން ރެއެއް ހެންނެވެ. އެކަމަކު މަގު ކޮޅުގައި މީހަކު އޮށޯވެ އޮތްހެން ސަކީބާއަށް ހީވި އެވެ. ހިނގުން ހުއްޓުނެވެ. ހުރި ފިޔަވަޅު މަތީގައި ގުޑާލަން ވެސް ނުކެރިފައި ހުއްޓެވެ. އެ މީހަކު ތެދުވެ އިށީނެވެ. ހީވަނީ އަނދިރި ބޯޅައެއް ހެންނެވެ. އެހާ އަނދިރިން ވެސް އެ ކަޅު "އެތި" ފެންނަމުން ދިޔަ އެވެ. އެއީ އިންސާނެއް ނޫންކަން ސަކީބާއަށް ޔަގީންވި އެވެ. ނަމަވެސް ހަރަކާތެއް ވެސް ކޮށްލާކަށް ނުކުރެނެވެ.

ވަށްކޮށް އޮތް އޭތި ބޮޑުވާ ހެން ހީވި އެވެ. އަދި އޭތި ވަކި ބައްޓަމަކަށް ސިފަ ވާން ފެށިއެވެ. ހީވަނީ މިނިކާވަގު ކަހަލަ އެއްޗެއް ހެންނެވެ. ކުއްލިއަކަށް ހަތަރު މޮށްގަނޑު ޖަހާފައި ސަކީބާއާ ދިމާލަށް ބަލަން ފެށި އެވެ. ދެ ލޯ އިނީ އަނގުރު އަލިފާންކޮޅެއް ހެންނެވެ. ފަހަތުން ހަލުވަމުން ދިޔަ ނިގޫ ވެސް ސަކީބާއަށް ފެނުނެވެ. އޭތި ހޭރި ގަތުމާއެކު މުޅިތަން ގުގުމައިގެން ދިޔަ އެވެ. ހެޔޮ އެއްޗެއް ކިޔާކަށް ވެސް ސަކީބާ ހަނދާނެއް ނުވި އެވެ. މީހާ ބިރުން ތުރުތުރު އަޅައިގަތެވެ. ސަކީބާއަށް ވަރަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އެއަށް ވުރެ ބާރަށް އޭތި ހޭރިގަތެވެ. އަދި ހަތަރު މޮށްގަނޑު ޖަހަމުން ސަކީބާއާ ދިމާލަށް އަންނަން ފެށި އެވެ. ހަށިގަނޑުގައިވާ ހުރިހާ ބާރެއް ދެ ފަޔަށް ލާފައި ސަކީބާ ދުއްވައިގަތެވެ. ރޮމުން ހަޅޭއްލަވަމުންނެވެ. ވަކި ހިސާބަކަށް ދެވުނުތަނާ މީހަކު ގައިގައި ސަކީބާ ޖެހުނެވެ. އަދި އަރިއަޅާލި އެވެ. އެ މީހަކު ހުޝިޔާރުކަމާ އެކު ސަކީބާ ހިފެހެއްޓި އެވެ. އެ ވަގުތު ތަންގަނޑު ވެސް އަލިވެގެން ދިޔަ އެވެ. ހޮޅިދަނޑިތަކުގައި ނިވިފައިވާ ބޮކިތައް ދިއްލެމުން ދިޔަ އެވެ. ދެމައިން ވެސް ތިބީ ގެ ކައިރީގަ އެވެ.

"މަންމާ!" ސަކިބާގެ ދެ ކޮނޑުގައި ހިފައި ތަޅުވައިގަންނަމުން ޖުމާހު ތަންކޮޅެއް ބާރަށް ބުންޏެވެ.

"އޭތި... އޭނާ... މަށާ ދިމާލަށް... އޭތި އެ އަންނަނީ،" މަގުގެ ކޮޅަށް އިޝާރާތްކޮށްފައި ސަކިބާއަށް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރަމުން ދިޔަ އެވެ.

"ކޯއްޗެއްތަ؟" ސަކީބާ އެ ދައްކާ ވާހަކައެއް ޖުމާހަކަށް ނުވިސްނުނެވެ. މަގުގެ ކޮޅަށް ޖުމާހު ބަލާލި އެވެ. އެއްވެސް މީހަކު ނުވަތަ އެއްޗެއް ވެސް ފެންނާކަށް ނެތެވެ. "އެތާ ނެތޭ މީހެއް. ހިނގާ ގޭތެރެއަށް."

ސަކީބާ ގޮވައިގެން ޖުމާހު ގޭތެރެއަށް ވަނެވެ. އަދި ދޮރު ލެއްޕި އެވެ. އެ ވަގުތު މަގުމަތީގައި ހުރީ ފަހުދެވެ. ސަކީބާ ގޮވައިގެން ޖުމާހު ގޭތެރެއަށް ވަނުމުން ފަހުދު ހިނގައިގަތެވެ. ހަށިގަނޑުގެ އެތަން މިތަނުގައި ހުރި ވެލިތައް ފޮޅާލި އެވެ. އަނދިރިގަނޑު ތެރެއަށް ވަދެގެން ދިޔަ އެވެ.

"މަންމާ، ހަމަޖެހިބަލަ. ކިހިނެއްތަ ވީ؟" ޖުމާހު ވާހަކަ ދެއްކި އެވެ. އެ އަޑަށް ރަހުމާ ވެސް ކޮޓަރިން ނުކުތެވެ.

ސަކީބާއަށް އަނގައިން ވެސް ނުބުނެވެ އެވެ. ތުރުތުރުއަޅަމުން ރޮނީ އެވެ. ޖުމާހު އާއި ރަހުމާ އެތައް މަސައްކަތެއް ކޮށްގެން ސަކީބާ ހަމައަކަށް އެޅުވުނެވެ.

"ރަހުމާ ދޭ މަންމަ ގޮވައިގެން ކޮޓަރިއަށް،" ޖުމާހު ބުންޏެވެ. ޖުމާހު އެ ބުނި ގޮތަށް ރަހުމާ ކަންތައް ކުރި އެވެ. އަދި އިރުކޮޅެއް ފަހުން ކޮޓަރިން ނުކުތެވެ.

"ކިހިނެއް ވީ؟ ކީއްވެ ތި ނުކުތީ؟ މަންމަ އެކަނި ބާއްވާކަށް ނުވާނެ އެހާ ބިރުގަނެފައި ހުއްޓާ،" ޖުމާހު ގޮނޑިން ތެދުވަމުން ބުންޏެވެ.

"ކިހިނެއްތަ ވީ މަންމައަށް؟" ކަންބޮޑުވެފައި ރަހުމާ ބުންޏެވެ.

"ނޭނގެ މަށަކަށް ވެސް. އަހަރެން އޮތީ ކޮޓަރީގައި ނިދާފައި. ކުއްލިއަކަށް ވަރަށް ބާރަށް މަންމަ ހަޅޭއްލަވާ އަޑު އިވުނީ. ދެން މަންމަ ރޫމަށް ގޮސް ބަލާލި އިރު މަންމައެއް ނެތް. އަނެއްކާވެސް ހަޅޭއްލަވާ އަޑު އިވުނީ. ދެން އެނގިއްޖެ ބޭރުންކަން އަޑު އަންނަނީ. އެހެންވެ ބޭރަށް ނުކުތީ. ނުކުތް އިރު މަންމަ ހުރެގެން ހަޅޭއްލަވަނީ. ކިހިނެއްހޭ ވީ އެހީމާ ވެސް ހަމަ ހަޅޭއްލެވީ،" އެއް ބައި އުނި ކުރަމުން އަނެއް ބައި ފޮރުވަމުން ޖުމާހު ވާހަކަ ދެއްކި އެވެ.

"އެހެންތަ؟ މަންމަ ތި ވަރަށް ހަޅޭއްލެވި އިރު އަހަރެންނަށް ނުހޭލެވުނީ ކީއްވެބާ؟" ޝައްކުގެ ނަޒަރުން ޖުމާހުއާ ދިމާލަށް ބަލާލަމުން ރަހުމާ ބުންޏެވެ.

"ނިދި ގަދަކަމުން،" ގޮނޑިން ތެދުވަމުން ޖުމާހު ބުންޏެވެ.

ރަހުމާ އެއްވެސް އެއްޗެއް ނުބުނެ ކޮޓަރިއަށް ދާން ހިނގައިގަތެވެ. ނަމަވެސް ހުއްޓުނެވެ. އަދި ފަހަތަށް އެނބުރި ބިންމަތި ބަލާލި އެވެ. ޖުމާހު އިން ގޮނޑި ކައިރީ ފިޔަވަޅުތަކެއް ހުއްޓެވެ. މުށިޖަހާފައި ހުރި އެ ތަނުގައި ފިޔަވަޅު ހުރިކަން އެނގުނީ ތެތް ވެލި ހުރީމަ އެވެ. ވެލިން ފެވިފައިވާ ފިޔަވަޅުތައް ހުރީ ޖުމާހު ކޮޓަރިއާ ދިމާލަށެވެ. ރަހުމާ އެންމެ ބިރުގަތްކަމަކީ ފިޔަވަޅުތައް ހުރީ އިދިކޮޅަށް ކަމަށް ވާތީ އެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް