ވާހަކަ: ވިގަނި

ވާހަކަ

ވާހަކަ: ވިގަނި

16 މާރިޗު 2024

އެޕިސޯޑް 6

އަދި މާ ނޭވާ ލާ އަޑު ކަހަލަ އަޑެއް ވެސް އިވެމުންދިޔަ އެވެ. އެ އަޑުތައް އިވެމުން ދިޔައީ ޖުމާހުގެ ކަންފަތާ ކައިރިންނެވެ. ޖުމާހު ހިންދިރުވާލި އެވެ. ފަހަތަށް އެނބުރޭކަށް ޖުމާހު ބޭނުމެއް ނުވެ އެވެ. ކޮންމެ ފަދަ ސިފައަކަށް ހުރި ކޮންމެ ފަދަ މަހުލޫގެއް ވެސް ފެނިދާނެތީ އެވެ. ނަމަވެސް ފަހަތަށް ނޭނބުރި ގެއަކަށް ނުވަދެވޭނެ އެވެ. ދެން ހަދާނެ ގޮތަކާ މެދު ވިސްނަން ހުއްޓެވެ.

"ދަރިފުޅާ! ކީއްތަ ތި ކުރަނީ މިތާ؟ އަދިވެސް ފެންނުވަރަންތަ؟" ސަކީބާގެ އަޑު އިވުމުން ޖުމާހަށް ހިތްހަމަޖެހުން ލިބުނެވެ. އަވަސް އަވަހަށް ގޭތެރެއަށް ވަނެވެ.

"ކޮން ވަހެއް އެ ދުވަނީ؟" ސަކީބާ ނޭފަތް ދަމާލަމުން ބުންޏެވެ.

"ކޮން ވަހެއް ދުވަނީ؟" ޖުމާހު ސުވާލުކޮށްލި އެވެ.

"ފަރުހަކި ވަސް، ރޯ މަސް ވަސް ދުވާހެން ވެސް ހީވޭ،" ސަކީބާ އެކި ދިމަދިމާލަށް ބަލަމުން ބުންޏެވެ. "ހޫނ. ދަރިފުޅު ގައިން ދޯ އެ ވަސް އެ ދުވަނީ؟"

ސަކީބާ އެހެން ބުނުމުން ޖުމާހު ގައިގެ އެތަންމިތަނުން ވަސް ބަލާލި އެވެ. ތެދެކެވެ. ގައިން ދުވަނީ ފަރުހަކި ވަހެވެ. އެއީ ވެދާނެ ކަމެކެވެ. ފަރުމައްޗަށް ވެއްޓުމުން ގައިގައި އެ ވަސް ހަރުލާފައި ހުރެދާނެ އެވެ.

"މި ތަނަށް ކިހިނެއްވެފައި މިހިރީ؟" މަށައިގެން ގޮސްފައިވާ ޒަހަމް ދައްކާލަމުން ސަކީބާ އެހިއެވެ.

"ފަރުމައްޗަށް ވެއްޓުނީ."

ޖުމާހު އެރޭ ނިދަން އުޅެއުޅެ ނިދޭ ގޮތެއް ނުވި އެވެ. އެނދުގައި ދެ ފަރާތަށް ފުރޮޅިފުރޮޅި އޮތީ އެވެ. ދަތުރުގައި ހިނގައި ދިޔަ ކަންކަމާ މެދު ކިތަންމެ ވަރަކަށް ވިސްނިޔަސް ޖަވާބު ނޭނގޭ އެތައް ސުވާލުތަކެއް ސިކުނޑީގައި އެނބުރެމުން ދިޔަ އެވެ. ބޯ މަތީ އެނބުރެމުން ދިޔަ ފަންކާ އެ ވަގުތު ހުއްޓުނެވެ. ދިއްލާފައި ހުރި ބޮކި ވެސް ނިވުނެވެ. ކޮޓަރި ތެރެއަށް ވެރިވީ އަނދިރިކަމެވެ. ކުއްލިއަކަށް ވިދާލި އެވެ. ކުޑަދޮރުގައި ދޮރުފޮތި ދަމާފައި ހުއްޓަސް ކޮޓަރިތެރެއަށް އެ ވިދުވަރުގެ އަލި ވެރިވެގެން ދިޔަ އެވެ. އެނދުމަތީގައި ކޮޅަށް ޖެހިފައި ޖުމާހު އިނެވެ. ކޮޓަރީގެ ތަޅުގައި މީހަކު ހިފާހެން ހީވި އެވެ. ދޮރު ހުންނާނީ ތަޅުލާފަ އެވެ. ނަމަވެސް ކޮޓަރީގެ ދޮރު ހުޅުވުނެވެ. ދޮރުމަތީ މީހަކު ހުރިކަން ފާހަގަވި އެވެ. ނަމަވެސް އަނދިރިކަމުން އެއީ ކާކުކަމެއް ސާފެއް ނުވި އެވެ. ޖުމާހު ބާލީހެއް ނަގައި އުނގުމައްޗަށް ލިއެވެ. އަދި ފަހަތަށް ޖެހެމުން ގޮސް ފާރުގައި ލައްގަނެލެވުނެވެ. އެ މީހަކު މަޑުމަޑުން ކޮޓަރިތެރެއަށް ވަންނަން ފެށި އެވެ.

"ކަ... ކާކު... ކު؟ ތުރުތުރު އަޅާ އަޑަކުން ޖުމާހަށް ބުނެވުނެވެ.

އެ މީހަކު އެއްވެސް ޖަވާބެއް ނުދީ ކޮޓަރިތެރެއަށް ވަނެވެ. އޭނާ ވަނުމާ އެކު ދޮރުފަތް ވަރަށް ބާރަށް ލެއްޕުނެވެ. ދެން ފެނުނީ އިސްތަށިގަނޑު ވިހުރޭ ތަނެވެ. ވަރަށް ދިގު އިސްތަށިގަނޑެކެވެ. އަންހެނެއްކަން އެނގުނީ އެ ހިސާބުންނެވެ. ނަމަވެސް އެއީ ރަހުމާ ނުވަތަ މަންމަ ނޫންކަން ވެސް ޖުމާހަށް ޔަގީންވި އެވެ. އެއީ އެހާ ދިގު އިސްތަށިގަނޑެއް އެ މީހުންގެ ނޯވެ އެވެ. އަނެއްކާ މި ވަގުތު ފެންނަން ހުރި މީހާ އިސްކޮޅުން ވެސް ވަރަށް ދިގެވެ. ޖުމާހަށް މި ފެންނަނީ ހުވަފެނެއް ނޫނެވެ. ނުވަތަ ހީއެއް ނޫނެވެ. ވަހުމެއް ވެސް ނޫނެވެ. އަނދިރިކަމުން އެއްވެސް ސިފައެއް ވަކިވާ ވަރެއް ނޫނެވެ. ޖުމާހުއާ އޭނާ ކައިރިވަމުން ދިޔަ އެވެ. ޖުމާހު ހިތަށް އެރި އެވެ. ދުއްވައިގަންނަންވީ ބާވަ އެވެ؟ ނުވަތަ ފާހާނާއަށް ވަންނަންވީ ބާވަ އެވެ؟ ބޮކި ދިއްލަން ދާންވީ ބާވަ އެވެ؟ ނަމަވެސް އެއިން އެއްވެސް ކަމެއް ކުރާކަށް ނުކެރުނެވެ. މޫނުމަތީގައި ބާލީސް އެޅި އެވެ. އިރުކޮޅަކު އެހެން އިނުމަށް ފަހު ބާލީސް ނެގި އެވެ. އެ މީހަކު ހުރީ ކުޑަދޮރު ކައިރީގަ އެވެ. ޖުމާހަށް ފުރަގަސް ދީގެންކަން އެނގުނީ ވިދާލި ވިދުވަރުގެ އަލިންނެވެ. ކުޑަދޮރު ތެރެއަށް އޭނާ ފޭދިގެން ދިޔަ އެވެ.

"އަދި އަންނާނަން،" ވައިއަޑަކުން އެހެން ބުނި އަޑު އިވުނެވެ. އަމާންވިކަން ކަށަވަރުކޮށްފައި ޖުމާހު ގޮސް ބޮކި ދިއްލި އެވެ. އަދި ފުން ނޭވާއެއް ބޭރުކޮށްލި އެވެ.

ޖުމާހު ހިތަށް އެރި އެވެ. އެ ހުރިހާ ކަމެއް ޖުމާހުއާ ކުރިމަތިވަނީ ކީއްވެ ހެއްޔެވެ؟ ޖުމާހުގެ ކުށަކީ ކޮބާ ހެއްޔެވެ؟ އެހެން މީހުން ވެސް އެބަ އުޅޭ ނޫން ހެއްޔެވެ؟ އެ މީހުންނާ އެ ފަދަ ކަންކަން ކުރިމަތި ނުވަނީ ކީއްވެ ހެއްޔެވެ؟ އެ މަހުލޫގުންގެ އަސްލު މަގުސަދަކީ ކޮބާ ހެއްޔެވެ؟ ޖުމާހު ބިރުގެންނެވުން ހެއްޔެވެ؟ ނުވަތަ ގެއްލުމެއް ދިނުން ހެއްޔެވެ؟ ޖުމާހަކީ އެއްވެސް އިރެއްގައި އެއްވެސް މީހަކަށް ގަސްދުގައި ދެރައެއް ނުވަތަ ގެއްލުމެއް ދީފައިވާ މީހެއް ނޫނެވެ. ކުޑައިރުއްސުރެ މަންމަ ދިން ހެޔޮ ތަރުބިއްޔަތު މަތީގައި ބޮޑުވެ ތަސައްރަފު ފުދިފައިވާ މީހެކެވެ. ވަޒީފާގެ މައިދާނަށް ނުކުތުމާ އެކު ހަލުވި ކުރިއެރުންތަކެއް ލިބެމުން އަންނަ މީހެކެވެ. ޖުމާހު ރުޅިއަންނަ ނުވަތަ ނަފުރަތުވާ މީހަކު ނެތެވެ. ޖުމާހު ދެކެ މީހަކު ރުޅިއަންނަންވީ ސަބަބެއް ނުވިސްނުނެވެ. ކަން އެހެން އޮތުމާ އެކު ވެސް ޖުމާހުގެ އުޅުމަށް ބަދަލުތަކެއް އަންނަން ފެށިއެވެ.

އެކި ކަންކަމާ މެދު ޝައްކު ކުރެވުމާއި ޖެހިލުންވެވެން ފެށި އެވެ. އެއްވެސް ކަމަކާ ނުލައި ސިހުމާއި ބޭކާރު ފިކުރުތައް ގިނަވާން ފެށި އެވެ. އެކަމުގެ ސަބަބުން އޮފީހުގައި ޖުމާހުގެ ހުނަރުވެރިކަން ދަށަށް ދާން ފެށި އެވެ. މަސައްކަތްތައް ސުންގަޑިއަށް ނުނިމުމާއި މަސައްކަތުގެ ފެންވަރު ދަށްވާން ފެށި އެވެ. އޮފީހަށް ގަޑިޖެހުމާއި ދެވޭ ދުވަސްތައް ވެސް މަދުވާން ފެށި އެވެ. ގޭގައި އުޅޭ އިރު ވެސް ސަކީބާ އާއި ރަހުމާއާ ވާހަކަ ދެއްކުން މަދުވި އެވެ. ރައްޓެހިންނަށް އެކަންކަން ފާހަގަ ވެގެން އެ ވާހަކަ ދައްކަން ފެށި އެވެ. ވަމުން ދަނީ ކިހިނެއްކަން ޖުމާހަށް އެނގެ އެވެ. އެކަމަކު އެހެން އެ ވަނީ ކީއްވެ ކަމެއް ނޭނގުނެވެ. އެއްވެސް ކަމެއް ކުރާހިތެއް ނުވެ އެވެ. ޖުމާހު ބޭނުން ވަނީ ގިނަ ވަގުތު ކޮޓަރީގައި ހޭދަ ކުރާށެވެ. އެކަހެރިކޮށް ވަގުތުތައް ހޭދަ ކުރާށެވެ. މާ ގިނައިން ވާހަކަ ދެއްކުމާއި މީހުން އުޅޭ ތަންތަނަށް ނުކުތުމުން ބުނަން ނޭނގޭ ކަހަލަ އުނދަގޫތައް ވާން ފެށި އެވެ.

އެހެން ކަމެއް ވެސް ޖުމާހަށް ފާހަގަ ކުރެވުނެވެ. އެއީ އަޅުކަމާ ދުރުވެވުމެވެ. ގަވާއިދުން ނަމާދު ކުރަމުން، ގުރުއާން ކިޔަވަމުން އައި ޖުމާހު އެއްކޮށް އެކަންކަން ކުރުން ހުއްޓާލި އެވެ.

"މަންމާ! ދޮންބެއަށް ކިހިނެއް ވެފައިތަ އެ ހުންނަނީ؟ އަބަދު ހުންނަނީ މޫޑީ ވެފައި. ރުޅިގަދަ ވެފައި. އެހާ މަދުން ވާހަކަ ދައްކަނީ. އެއްޗެއް އަހާލިޔަސް ރުޅި އަންނަނީ،" ރަހުމާ ހުރީ ހުނި ގާނާށެވެ.

"ނޭނގެ ދަރިފުޅާ! މަންމަ ވެސް ތިކަމާ ވިސްނަން،" ސަކީބާ އައިސް ރަހުމާ ގާތަށް ހުއްޓުނެވެ. "މަންމަ ތި ވާހަކަ ދައްކަން ވެސް އުޅެފިން. އެކަމަކު މަންމައާ ވެސް ވަރަށް ވާހަކަ ނުދައްކާ."

"އަނެއްކާ މީހަކާ މައްސަލައެއް ޖެހުނީބާ؟ އޮފީހުގައި ވެސް ކަމެއް ހިނގައިފާނެ،" ރަހުމާ ވިސްނާލަމުން ބުންޏެވެ.

"އައްސަލާމް އަލައިކުމް،" މީހަކު ސަލާމް ގޮވާލި އަޑަށް ދެމައިން ވެސް އެ ދިމާލަށް ބަލާލި އެވެ. އަދި ސަލާމް ބަލައިގަތެވެ.

"ދެމައިން ކޯއްޗެއް ތި ކައްކަނީ؟" އެއީ އަމީނާ އެވެ. އަމީނާއަކީ ސަކީބާގެ އަވައްޓެރިއެކެވެ. ހިތްހެޔޮ، އަބަދުވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަ މީހެކެވެ.

އަމީނާ އާއި ސަކީބާގެ އެންމެ ބޮޑު އެދުމަކީ އަމީނާގެ ނަހުލާ އާއި ޖުމާހު ކައިވެނި ކުރުމެވެ. ސަކީބާއަށް އެ ވާހަކަ ވަރަށް ގިނަ ފަހަރު ޖުމާހު ގާތުގައި ދެއްކިއްޖެ އެވެ. ނަމަވެސް އެކަން ވީ ފޫނެތް ފަޔަށް ފެންފުރުން ފަދަ ކަމަކަށެވެ. ނަހުލާއަކީ ކިޔަވައިގެން ހުރި މޮޅު ކުއްޖެކެވެ. ގެވެހި މުރާލި ކުއްޖެކެވެ. ދެ އަހަރަށް ފަހު މިއަދަކީ ނަހުލާ ކިޔަވައިގެން ރަށަށް އަންނަ ދުވަހެވެ. އަމީނާ ފެނުމާ އެކު ސަކީބާއަށް ވިސްނުނީ އެ އައީ އެ ވާހަކަ ދައްކަން ކަމުގަ އެވެ. ސަކީބާގެ އެންމެ ބޮޑު އެއް ބޭނުމަކީ އަމީނާމެންގެ މުއްސަނދިކަމެވެ. އަމީނާގެ ފިރިމީހާއަކީ ރަށުގައި ތިން ފިހާރަ އާއި އޮޑިދޯނިފަހަރު ގެންގުޅޭ ހީވާގި މީހެކެވެ.

"އަހަރެން މި އައީ ސަކީބާ ގާތު ވާހަކައެއް ދައްކާލަން،" އަމީނާގެ މޫނުމަތީގައި ވަނީ ކަންބޮޑުވުމެވެ. ސަކީބާއަށް އެކަން ފާހަގަވި އެވެ.

"އަނެއްކާ ކޮން ވާހަކައެއް؟" ހިތްއަވަސް ވެފައި ސަކީބާ އެހި އެވެ.

"ކޮބާ ޖުމާހު؟ ގޭގައި އެބަ އުޅޭތަ؟"

"ނޫން. ބޭރުގައި ވީ،" ސަކީބާ ބުންޏެވެ.

"ޖުމާހު ކޮންމެ ރެއަކު ދަންވަރު ތުނޑިއަށް ދަނީ ކީއްކުރަން؟" އަމީނާ ވަރަށް މަޑުމަޑުން އެހި އެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް