ވާހަކަ: ވިގަނި

ވާހަކަ

ވާހަކަ: ވިގަނި

15 މާރިޗު 2024

އެޕިސޯޑް 5

ކުއްލިއަކަށް ފަހަތުން އަޑެއް އިވުނެވެ. ޖުމާހުއާ ވަރަށް ގާތުންނެވެ. ޖުމާހު ހިންދިރުވާލި އެވެ. ފަހަތް ބަލާލަން ހިތަށް އެރި ނަމަވެސް ކުރިޔަށް ހިނގަމުން ދިޔަ އެވެ. އަނެއްކާވެސް އަޑެއް އިވުނެވެ. "ޖުމާ!" ވައިއަޑުން އިވުނީ އަންހެން އަޑެކެވެ. ކިތަންމެ ޖެހިލުންކުޑަ ކަމަށް ހެދެން މަސައްކަތްކުރި ނަމަވެސް ޖުމާހަކަށް އެކަމެއް ނުވި އެވެ. ޖުމާހުގެ ކުރިމަތީގައި ހުރި ހަމްދޫންގެ ކުރިއަށް އެރި އެވެ. އަދި ފުން ނޭވާއެއް ބޭރުކޮށްލާފައި ކުރިއަށް ހިނގަމުން ދިޔަ އެވެ. އެހެން މީހުން ދައްކަމުން ދިޔަ ވާހަކާގައި ބައިވެރިވެ ހިނިތުންވެވޭތޯ މަސައްކަތް ކުރަމުން ދިޔަ އެވެ.

ތުނޑިއަށް ނުކުމެވުން އިރު އެތަނުގައި އެކި ވައްތަރުގެ ދޫނިތައް އުޅެ އެވެ. ފަޅުމަތީގައި ވެސް ބައެއް ދޫނިތައް ތިއްބެވެ. މާކަނައާއި ފިނދަނަ އާއި ވައްލަ އެވެ. ރަތަފައާއި ތޭރަވަޔާއި ބޮނޑަނައާއި ރާބޮންޖާއި ކިރުދޫންޏެވެ. ދިރޭތަކެތި ހިފައި އެ ބަންދުކޮށްގެން ގެންގުޅުމަކީ ޖުމާހު މާ ކުރާ ހިތްވާ ކަމެއް ނޫނެވެ.

"އެސޮރުމެންނަށް ކަލޭމެން ކީއްކުރަން އަސްލު ތި އުޅެނީ؟" ވެލިގަނޑުގައި އިށީންނަމުން ޖުމާހު އެހި އެވެ. "ތިއަށްވުރެ މާރަނގަޅު ވާނެ ހިނގާބަލަ ފަރުމައްޗަށް. މާ މަސް މީރު އެއްޗެހި ލިބޭނެ."

އެ ހިޔާލަށް އެންމެންގެ ތާއީދު ލިބުނެވެ. ހިކިފައިވާ ފަރު އެންމެންގެ ލޮލުގައި އަޅައިގަތީ ޖުމާހު އެހެން ބުނުމުންނެވެ. އެންމެން އެކުގައި ހިނގައިގަތެވެ.

"ދަނޑިބުރިއެއް އެއްޗެއް ނުގެންނަންތަ؟" ނާޝިދު ބުންޏެވެ.

"ދޭބަލަ ދެތިން ދަނޑިބުރި ހިފައިގެން އަންނަން. އަދި މާ ދުރަކަށް ނުދެވެއެއްނު،" ހަމްދޫން އެހެން ބުނީ ޖުމާހު ގާތުގަ އެވެ.

"އުހުނ. މަށަކަށް ނުދެވޭނެ. މަ މިދަނީ ފަރަށް އަރަން. ކަލޭމެން ތެރެއިން މީހަކު ދޭ."

"މަ ހިނގައިދާނަން،" ފަހުދު ބުންޏެވެ.

ފަރަށް އެންމެން އެރި އެވެ. ހިކިފައިވާ ފަރުމަތީ ހިނގަން ވަރަށް އުނދަގުލެވެ. ގައުތައްް ފުރޮޅަމުން ދިޔަ އިރު އެއްވެސް މީހަކަށް އެއްޗެއް ފެންނަ ވަރެއް ނުވި އެވެ.

"މިތާކު ނެތެއްނު އެއްވެސް އެއްޗެއް،" ޖުމާހު ބުންޏެވެ.

"ހިނގާބަލަ ކުޑަކޮށް ބޭރަށް،" ނާޝިދު ބުންޏެވެ. އެންމެން ވެސް އެ ދިމާލަށް ހިނގައިގަތެވެ. އަދި ގާތައް ފުރޮޅަމުން ދިޔަ އެވެ. އެ ވަގުތު އެކި މީހުންނަށް އެކި އެއްޗެހި ފެންނަން ފެށި އެވެ. ރާކަންޏާއި ދޮންއަނގަ އެވެ. ހަންދަ އާއި ގޮހޮޑާ އެވެ. އިއްސާއި ކަކުންޏެވެ.

"ކަލޭމެން ރަނގަޅު ބައެއް. މި އެއްޗެހި އަޅާނެ އެއްޗެއް ވެސް ނުގެންނަމެއްނު،" ނާޝިދު ބުންޏެވެ. އެ ވަގުތު ފަހުދު ދިއްކޮށްލީ ގޯންޏެކެވެ.

"މި ކަލޭ ކޮން ތާކުން ނެރުނު އެއްޗެއް؟" ޖުމާހު ހައިރާންވެފައި އެހި އެވެ. "ގައިމު ވެސް އެކޮޅުން އަންނަމުން މިއެއް ނުގެނޭ."

ފަހުދު އެއްވެސް އެއްޗެއް ނުބުނެ އެވެ. ޖުމާހަށް ކަމެއް ފާހަގަ ކުރެވުނެވެ. ފަހުދު ބަސްމަދުވެފައި ހުރުމެވެ. ދަނޑިބުރިތައް ހިފައިގެން އައި ފަހުން މީހަކާ އަނގައިންނެއް ނުބުނެ އެވެ. އުޅެނީ ވެސް ދުރުދުރުންނެވެ. ނަމަވެސް އެންމެ ގިނަ އެއްޗެހި ނެގީ އޭނަ އެވެ. އޭނަ އެކަމަށް ވަރަށް ކުޅަދާނަ އެވެ. ވަރަށް ހުނަރުވެރި އެވެ. ހީވަނީ ވަރަށް ގިނައިން އެކަން ކޮށްއުޅޭ މީހެއް ހެންނެވެ. ފަހުދު ވާހަކަ ނުދައްކާކަން އެހެން މީހަކަށް ފާހަގަވިހެނެއް ހިއެއް ނުވެ އެވެ. އެހެން ނަމަ އެ ވާހަކަ ދެއްކީހެވެ.

ރަށަކީ ދިގު ރަށެއް ކަމުން ފަރު ވެސް އެހާ ދިގެވެ. އެންމެން އެކި ވާހަކައިގައި ކުރިއަށް ދިޔަ އެވެ. އެ މީހަކަށް ނެގުނު އެއްޗެއް ނަގަމުންނެވެ. ކުއްލިއަކަށް ޖުމާހު ހުއްޓުނެވެ. ރަށާ ދިމާލަށް އެނބުރުނެވެ. ކޮންމެވެސް އެއްޗެއް ހަރަކާތް ކުރާހެން ހީވާން ފެށި އެވެ. ފެންނަނީ ހިޔަންޏެއް ހެންނެވެ. އެކަމަކު ފެންނަނީ ކަޅު ކުލައިންނެވެ. ވަރަށް ކުލަ ގަދަ އެވެ. ޖުމާހު ދެ ލޯ ކުޑަކޮށްގެން ބަލަހައްޓައިގެން ހުއްޓެވެ. ވަކި ބައްޓަމެއް ބުނަން ނޭނގުނަސް މީހެއް ހެން ހީވެ އެވެ. ނަމަވެސް ވަރަށް ދިގެވެ. ޖުމާހު ބަލަހައްޓައިގެން ހުއްޓާ ވަރަށް ދިގު ވާތަން ފެނުނެވެ. ޖުމާހު ހިތަށް އެރި އެވެ. އެއީ އިންސާނެއް ނޫނެވެ. ދެން ފެނުނީ ބިރުން ހިތް ހުއްޓޭ ވަރުގެ މަންޒަރެކެވެ. ވަރަށް ބާރަށް "އޭނާ" ޖުމާހުއާ ދިމާލަށް އަ އެވެ. ހީވަނީ ވަޒަނެއްހެންނެވެ. ޖުމާހު ހަޅޭލަވައިގަތެވެ. އަދި އެ ވަގުތު ގާތައް މައްޗަށް ވެއްޓުނެވެ. ތަނބިކަށި ގާތަކުގައި ޖެހުމުން މަށައިގެން ދިޔަ އެވެ. އުޅަނބޮށްޓާއި އަތްތިލަ ވެސް ތަންކޮޅުކޮޅުން ހަން ދިޔަ އެވެ. އެ އެއްޗެއް ދިޔައީ ޖުމާހުގެ ފަހަތަށެވެ. ގުޑިލަން ވެސް ނުކެރިފައި ޖުމާހު އިނީ އެވެ. ޖުމާހުގެ ކޮނޑުގައި މީހަކު އަތްލިހެން ހީވެގެން ކުއްލިއަކަށް ބަލާލި އެވެ. ފަހަތުގައި ހުރީ ފަހުދެވެ. އެހެން މީހުން ކޮބާތޯ ހޯދާލި އެވެ. ދެން ތިބި މީހުން ތިބީ ވަރަށް ދުރުގަ އެވެ. ހަނާ އަޅަމުން ދިޔައީ އެއްގަމާ ދިމާލަށް ދިޔުމަށެވެ. ޖުމާހު ތެދުވެގެން ހިނގައިގަތެވެ. އެކި ދިމަދިމާލަށް ބަލަމުންނެވެ.

ފަރުން ނަގައިގެން ގެނައި އެއްޗެހިތައް ފިހަން ފެށި އެވެ. ގިނަ މީހުން ބޭނުންވީ އެ އެއްޗެހި ކައިގެން އަސުރުން ފަސް ވީމާ ފުރާށެވެ. މާ ލަސްވަންދެން ފަޅު ރަށެއްގައި ތިބުން އެއީ ރަނގަޅު ކަމެއް ކަމުގައި ނޫންވީމަ އެވެ. ހުރިހާ އެންމެން މަޖާ ކުރި އިރު ވެސް ދެ މީހަކު ތިބީ ކުޅިވަރުތަކުގައި ބައިވެރި ނުވެ އެވެ. އެއީ ޖުމާހާއި ފަހުދެވެ. ބަހަނާއަކަށް ޖުމާހު ދެއްކީ ލިބިފައިވާ ޒަހަމްތަކެވެ. ފަހުދު އެއްވެސް އެއްޗެއް ނުބުނެ އެވެ. ގިނައިން ހުންނަނީ މޫދާ ދިމާލަށް ބަލަހައްޓައިގެންނެވެ. އެކި މީހުން ގޮސް ސަމާސާ ކުރުމުން ވެސް ފަހުދަށް އެކަން ކަމަކު ނުދެ އެވެ. އެންމެ ފަހުން ޖުމާހު ދިޔަ އެވެ.

"ފަހުދު، ކަމެއް ގޯސްވީތަ؟" ކަރުކެހިލާފައި ޖުމާހު އެހި އެވެ. ފަހުދު އެއްވެސް އެއްޗެއް ނުބުނެ އެވެ.

"ވާހަކަ ނުދައްކާ ހުރުމަކުން ކަމެއް ހައްލެއް ނުވާނެ. ތި ވީ ގޮތެއް ބުނެބަލަ،" ޖުމާހު ބުންޏެވެ. ފަހުދު އެނބުރިލި އެވެ. އަދި ޖުމާހުއާ ކުރިމަތިލި އެވެ. ހިނިތުންވެލި އެވެ. އެ ހިނިތުންވުމުގައި އައިބު ގޮތެއް ހުއްޓެވެ. އެއީ ފަހުދު ހިނިތުންވާ ގޮތެއް ނޫނެވެ. ޖުމާހު ހިތަށް އެރި އެވެ. ފަހުދަށް ކިހިނެއްވީ ބާވަ އެވެ؟

"ޖުމާ ހައްލުކޮށްދޭނަންތަ؟" ޖުމާހުގެ އަތުގައި ހިފާލަމުން ފަހުދު ބުންޏެވެ. ޖުމާހު ވަގުތުން އަތްފޮޅުވައިލި އެވެ. އެއީ ފަހުދުގެ އަޑެއް ނޫނެވެ. ހީވަނީ އަންހެން އަޑަކާއި ފަހުދުގެ އަޑު އެއްވެގެން އިވުނު ހެންނެވެ. އަނެއްކާ ފަހުދަކީ ދުވަހަކުވެސް ޖުމާހުއާ ދިމާލަށް "ޖުމާ"އޭ ކިޔާފައި މުހާތަބު ކުރި މީހެއް ނޫނެވެ. ޖުމާހު ބިރުން ހުރެ ފަހަތަށް ޖެހެމުން ދިޔަ އެވެ. ފަހުދު އަނެއްކާވެސް މޫދާ ދިމާލަށް އެނބުރުނެވެ.

ހަވީރު ފުރަން އެންމެން ދޯންޏަށް އެރި އެވެ. އިރުގެ އަލިކަން ހުއްޓައި ރަށަށް ދެވޭތޯ އެވެ. ޖުމާހު އިނީ ފަހުދުއާ ދިމާލަށް ނުބަލާށެވެ. ނަމަވެސް ފަހުދު އިނީ ޖުމާހުއާ ދިމާލަށް ބަލަހައްޓައިގެންނެވެ. އެކަން ޖުމާހަށް އެނގެ އެވެ. ޖުމާހު އިނީ އިވުނު އަޑާއި ފެނުނު މަންޒަރުން ބުނަން ނޭނގޭ ކަހަލަ އުނދަގޫތަކެއް ވެފަ އެވެ. މީހަކާ އެކަން ހިއްސާ ކުރަން ވެސް ޖެހިލުންވެފަ އެވެ. ފަޅުރަށާ ދިމާލަށް ބަލާލި އެވެ. ތުނޑިމަތީ މީހަކު ހުރިހެން ޖުމާހަށް ހީވި އެވެ. އޮއްސެން ދިޔަ އިރު ވެސް އިނީ ސީދާ އެ ދިމާލަށެވެ. ވުމާއެކު އެ ދިމާ ބަލަން ޖުމާހަށް އުނދަގޫވި އެވެ. ނަމަވެސް އިރުގެ ދޯދިތައް ތެރެއިން އެ މީހަކު ހަނާ އަޅާހެން ހީވި އެވެ. ވަގުތުން އެހެން ދިމާލަކަށް އެނބުރުނެވެ.

ރަށަށް ދެވުމާ އެކު ރައްކާތެރިކަމުގެ އިހުސާސް ޖުމާހަށް ކުރެވުނެވެ. އެއްޗެހިތައް ދޯނިން ބާލާފައި އެކި ގޭގެއަށް ގެންދިޔަ އެވެ. ޖުމާހަށް ގެއާ ހިސާބަށް ދެވުނު އިރު އިރު އޮއްސިއްޖެ އެވެ. ކޮޓަރިއަށް ވަންނަން ދިޔަ ވަގުތު ގޭގެ އަނެއް ފަރާތުން މީހަކު ހުރަސްކޮށްލިހެން ހީވި އެވެ. އެއީ ޖުމާހު އާންމުކޮށް ނުކުމެ އިންނަ ގަސްތައް ތެރެ އެވެ. ޖުމާހު އެ ދިމާލަށް ދިޔަ އެވެ. އަދި ޖޯލިފަތި ކައިރިން ގަސްތަކާ ދިމާލަށް ބޯ ދިއްކޮށްލި އެވެ. ކުއްލިއަކަށް މީހަކު ހިނގާ އަޑު އިވެން ފެށި އެވެ. ހީވަނީ ހިކި ފަތްތަކެއްގެ މަތީގައި މީހަކު ހިނގާ ހެންނެވެ. އަދި މާ ނޭވާ ލާ ކަހަލަ އަޑެއް ވެސް އިވެމުންދިޔަ އެވެ. އެ އަޑުތައް އިވެމުން ދިޔައީ ޖުމާހުގެ ކަންފަތް ކައިރިންނެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް