ވާހަކަ: ވިގަނި
އެޕިސޯޑް 4
ހީވީ ބޯކެޔޮ ގަސްމަތީ މީހަކު އިށީނދެ އިންހެންނެވެ. ނަމަވެސް ޖުމާހަށް އެ މީހަކު ފެންނަނީ ފުސްކޮށެވެ. ހިޔަންޏެއް ހެންނެވެ. އޭނާ މަޑުމަޑުން ހަރަކާތް ކުރާހެން ވެސް ހީވެ އެވެ. ގަސް އުސް ކަމުން ޖުމާހު ބަލަހައްޓައިގެން ހުރީ ވަރަށް މައްޗަށެވެ.
"އޭތް، ދުވާލު ގަޑީގައި ތަރި ގުނަނީތަ؟" އަފުރާހު ގޮވާލި އެވެ. "މި ކުރުނބާ ބޯލަބަލަ، ހާދަ ފެންހެޔޮ ރުކެކޭ."
ޖުމާހު އަފުރާހުއާ ދިމާލަށް ބަލާލާފައި މައްޗަށް ބަލާލި އިރު "އޭނާ"އެއް ނެތެވެ. އެންމެން ވެސް އެ ތަނުގައި ތިބެ ދެތިން ކުރުނބާ ބޯލި އެވެ.
"ކަލޯ، އިހާ އެއްކޮށް ތި އަޅާލީ. ވަގު ރުކުއެޅުމޭ މިއީ،" ހަސަނާ ދިމާލަށް އަފުރާހު ބުންޏެވެ.
"ހޫނ. ދެން ކިޔާ ތިހެން. ބަނޑު ފުރިއްޖެއެއްނު؟" ކުރުނބާތައް އެއް ކުރަމުން ހަސަނު ޖަވާބުދިނެވެ. އެންމެން އެކުގައި ހިނގައިގަތެވެ.
ހިނގަމުން ގޮސް ތުނޑިއަށް ނުކުމެވުނެވެ. ދަތުރުގެ އެހެން ބައިވެރިން ދުރުން ފެންނަން ތިއްބެވެ. ޖުމާހަކީ ދުރު ތަންކޮޅެއް ނުސާފު މީހެކެވެ. އެންމެން ފެންނަނީ އެކުލަވާލާފައި ހެންނެވެ.
"ހިނގާބަލަ މިތާ ޖައްސާލަން،" ވަރުބަލި ވެފައިވާ އަޑަކުން ޖުމާހު ބުންޏެވެ.
"ކަލޭ ކޮން ވަރުބައްޔެއް ވާނީ؟ މަށޭ ރުކަށް އެރީ ވެސް،" ހަސަނު ބުންޏެވެ.
"ހޫނ، ދެން ހެވޭ، ކަލޭ ރުކަށް އެރީ. ކަލޭ ކޮނޑަށް އަހަރުމެން އަރުވައިގެން ތި ހިނގީ ވެސް މިހާ ދުރަށް،" ވެލިގަނޑުމަތީގައި އިށީންނަމުން ބުންޏެވެ. އެންމެން ވެސް އެތަނުގައި އިށީނެވެ. ޖުމާހު ފިޔަވަ އެވެ.
"ކަލޭ ކިހިނެއް ވެފައި ތި ހުންނަނީ؟" ޖުމާހަށް އިޝާރާތްކޮށްލާފައި ފަހުދު އެހި އެވެ.
"މަ ކުޑަކަމުދާން ޖެހިއްޖެ. އެބަ އަންނަން،" ޖުމާހު ހިނގައިގަތީ ވަލުތެރެއާ ދިމާލަށެވެ.
"އައޫޒު ކިޔާތި. އެހެން ނޫނީ ހަންޑި އައިސް ކަލޭގެ ކޮންމެ ތާކު ވެސް ދަތް އަޅާފާނެ،" ހަސަނު ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ. ޖުމާހަށް އެ އަޑު އިވުނެވެ.
ވަކި ހިސާބަކަށް ހިނގަމުން ގޮސް ހިނގުން މަޑުވި އެވެ. ވަލާ ކައިރިވި ވަރަކަށް ޖުމާހު ހިތްބިރުގަންނަން ފެށި އެވެ. ކުރިމަތިން ފެންނަން އޮތް ގަސް ބޯ ވަލުތެރެއިން ކޮންމެ ފަދަ ކަމެއް ވެސް ވެދާނެ އެވެ. ނަމަވެސް ކުޑަކަމުދާން ވެފައި ހުރިލެއް ބޮޑު ކަމުން އެކަން ނުކޮށް ވާކަށް ވެސް ނެތެވެ. ދެވަނަ ވިސްނުމަކަށް ނުގޮސް ޖުމާހު ވަލަށް ވަނެވެ. ކިޔަންވީ ހެޔޮ އެއްޗެއް ވެސް ނުކިޔަ އެވެ. މާ އެތެރެއަށް ނޫނަސް ފަހުދުމެން ފެންނަ ހިސާބުގައި ޖުމާހު ހުއްޓިލި އެވެ. އަދި ކުޑަކަމުގޮސް ނިމުނެވެ. ތާހިރުވާނެ ފެން ފުޅިއެއް ނެތުމުން މޫދަށް އެރެން ދާން ހިތަށް އެރި އެވެ. ވަލުން ނުކުމެގެން ގޮސް މޫދާ ދިމާލަށް ދިޔަ އެވެ. ޖުމާހު ހައިރާންވީ ފަހުދުމެން ފެންނަން ނެތީމަ އެވެ. ކުރިން ދުރުން ފެންނަން ތިބި އެހެން މީހުން ވެސް ނެތެވެ. ޖުމާހު ހިތަށް އެރި އެވެ. ފަހުދުމެން ސަމާސާއެއް ކުރަނީ އެވެ.
"ދެން ވަރަށް މަޖާ. ތި ވަދެ ތިބި ތަނަކުން ނުކުމޭ،" ވަށައިގެން ހޯދާލަމުން ޖުމާހު ގޮވާލި އެވެ. ފަހުދުމެން ތިބި ތަނުގައި ކުރުނބާ އިހަލެއް ވެސް ނެތެވެ. ނަމަވެސް ފިޔަވަޅުތައް ހުއްޓެވެ. ނަމަވެސް އިންސާނެއްގެ ފިޔަވަޅަށް ވުރެ އެ ފިޔަވަޅުތައް މާ ބޮޑެއްޗެވެ. ފިޔަވަޅުތައް ވަކި ދިމާލަކަށް ގޮސްފައެއް ނެތެވެ. އެއް ތަނެއްގައި ހުރީ އެވެ. އެހެން ވާނީ ކިހިނެއް ހެއްޔެވެ؟
"ތި ހީކުރީ އަހަރެން ވަރަށް ބިރުގަންނާނެ ކަމަށްތަ؟ ކަލޭމެންނަކަށް ނުވާނެ އެކަމެއް. މިބުނީއެއްނު ދެން ނުކުންނާށޭ،" ޖެހިލުންވެފައި ހުރި ގޮތަކަށް ޖުމާހު ބުންޏެވެ. އެއްވެސް މީހެއްގެ ހިލަމެއް ވެސް ނުވި އެވެ. ޖުމާހު ގޮސް މޫދާ ދިމާލަށް ބަލާލި އެވެ. އެތާކު ވެސް މީހަކު ނެތެވެ.
ޖުމާހު ކިތަންމެ ބިރު ނުގަންނަ ކަމަށް ހެދުނަސް ހިތުގައި ބިރުވެރިކަން ހިނގައިލި އެވެ. ވަގުތު ދިގުލާން ފެށުމުންނެވެ. މީހެއްގެ ހިލަމެއް ނުވުމުންނެވެ. ޖުމާހު ހިތަށް އެރި އެވެ. އަނެއްކާވެސް ވަލުތެރެއަށް ވަންނަން ވީ ބާވަ އެވެ؟ އޮފީސް އެހެން މީހުން ތިބި ދިމާލަށް ދާން ޖުމާހު ހިނގައިގަތެވެ. މޫދު ކައިރިންނެވެ. ރާޅު ފެންފަށުގައި ހިނގަމުން ދިޔަ އިރު އިރުކޮޅަކާ ފަހަތް ބަލާލެވެ އެވެ. ފަހަތުން މީހަކު އަންނަހެން ހީވެގެންނެވެ. ހިނގާ ހިނގާ ވަރުބަލި ވީ އިރު ވެސް އެބައި މީހުން ތިބި ހިސާބަކަށް ނުދެވުނެވެ. އެއްގަމާ ދިމާލަށް ބަލާލެވުނެވެ. ޖުމާހު ހިނގަން ފެށި ހިސާބުގެ އެއްގަމާ ދިމާލުގައި ބޮޑު ތިނބި ގަހެއް ހުއްޓެވެ. ހަމަ އެ ގަސް މި ދިމާލުގައި ވެސް ހުއްޓެވެ. ޖުމާހު ހިނގާތާ މިހާރު ގާތްގަނޑަކަށް ފަންސަވީހަކަށް މިނެޓް ވެދާނެ އެވެ. ހިނގުން ހުއްޓާލާފައި އެއްގަމަށް އެރި އެވެ. އަދި ވަލުތެރެއަށް ވަންނަން ދިޔަ އެވެ.
"ކޮންތާކަށް ތި ވަންނަނީ؟" ފަހަތުން ބުނި އަޑު އިވުނެވެ. އެއީ ދަންނަ އަޑެކެވެ. ފަހަތަށް އެނބުރިލާކަށް ޖުމާހަކަށް ނުކުރެނެވެ. ލޯ މަރާލެވުނެވެ.
"އޭތް. ކިހިނެއް ވީތަ؟" އެއީ ފަހުދުގެ އަޑެވެ. ޖުމާހު ލޯ ހުޅުވާލި އެވެ.
"ކަލޭ ވަލަށް ވަތް ގޮތަށް ކީއްކޮށްފައި ތި އައީ؟" އަފުރާހު ސުވާލު ކުރި އެވެ. ހަސަނު ވެސް ހުއްޓެވެ. ކުރުނބާތައް ވެސް އޮތެވެ. ހުރެވުނީ ކުރިން ވެސް ހުރި ތަނުގަ އެވެ.
"ކިހިނެއްވެފައިތަ ތި ހުންނަނީ؟" ފަހުދު ސުވާލު ކުރަމުން ގެންދިޔަ އެވެ. "މަ ސަލާމަތް ކުރާށޯ. މީހެކޭ އަންނާށޯ."
ޖުމާހު ހުރީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. އެއީ ޖުމާހު ކީ އެއްޗެއް ނޫނެވެ. ޖުމާހަށް ފެނުނީ ވެސް އެހެން މަންޒަރެކެވެ. އެކަމަކު އެ ވާހަކަތައް ކިޔައިދިން ނަމަވެސް އެ މީހުން ގަބޫލެއް ނުކުރާނެކަން ޖުމާހަށް އެނގެ އެވެ. ޖުމާހު ކުއްލިއަކަށް ހޭން ފެށި އެވެ.
"އެއީ ކަލޭމެން ބިރުގަންނަ ވަރެއް ބަލާލަން ކުރި ކަމެއް. މިހާރު އެނގިއްޖެއެއްނު ފިނޑީ ކާކުކަން،" ޖުމާހު އެހެން ބުނީ ފަހަރެއްގައި ވެސް އެއީ ހަގީގަތަކަށް ވެގެންނެއް ނޫނެވެ. އެ ދަނޑިވަޅުގައި ބުނެވޭނެ އިތުރު އެއްޗެއް ނެތީމަ އެވެ.
"ސަމާސާއަކަށް ވެސް ތި ކަހަލަ ހަޑި ނުހާވާތި. ކޮން އިރެއް މިހާރު. ކަލެއަށް އެނގޭތަ ގަޑިން ވީ އިރެއް؟ ނުވައެއް ޖަހާ ބޮޑު ވެއްޖެ. އަނެއްބައި މީހުން ތިބޭނެ އިންތިޒާރުގައި. ފޯނުތަކަށް ރޭންޖެއް ލިބެނީއެއް ނޫން،" ހަސަނު ހުރީ ޒާތަކަށް ހިތްހަމަނުޖެހިފަ އެވެ.
ހިނގަމުން ދިޔަ އިރު ވެސް ޖުމާހު ވިސްނަމުން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހިނގާދިޔަ ކަންތައްގަނޑާ މެދުގަ އެވެ. ޖުމާހު ކުޑަ އިރު އަޑުއަހާ ވާހަކައެއް އޮވެ އެވެ. ކަނޑުމަތި އެޅުމާއި މަގުމަތި އެޅުމެވެ. ނަމަވެސް އެއީ ފްލޯކު ވާހަކައެއް ކަމުގައި އޭރު ހީ ކުރެވުނެވެ. ހަންޑި އާއި ޖިންނި އާއި ފުރޭތައެއް މި ޒަމާނަކު ނޫޅޭނެ އެވެ. އެއީ ޖުމާހުއަށް ހިތާހިތުން ބުނެވުނު އެއްޗެކެވެ. އަދި ބޭނުންވާ ވެސް ގޮތެވެ. އެހެން ވިއްޔާ ޖުމާހަށް ވެގެން މި އުޅެނީ ކޮން ކަހަލަ ކަމެއް ހެއްޔެވެ؟
ހެނދުނުގެ ނާސްތާ ނިމުމުން ކުޅިވަރުތައް ކުޅެން ފެށުނެވެ. ޖުމާހު އިނީ އެއްވެސް ކަމެއްގައި ބައިވެރިވާ ހިތްނުވެފަ އެވެ. ތަންކޮޅެއް އެކަހެރިކޮށް މަގޫ ގަހެއްގެ ދަށުގައި ދެ ކަކޫ ކޮޅަށް ޖަހައިގެން އިނެވެ. މޫނުމަތީގައި ވަނީ ނުތަނަވަސްކަމެވެ. ހިތުގައި ހިނގަމުން ދިޔައީ ޖަވާބު ނުލިބޭ ސުވާލުތަކެވެ.
"ހިނގާބަލަ ދޫނި ހިފަން ދާން،" ޖުމާހު ގާތުގައި އިށީންނަމުން ފަހުދު ބުންޏެވެ.
"މަނާ ކަމެއް ނޫނީ ކަލޭމެންނަށް ނުކުރެވޭތަ؟ ވަގު ރުކު އަޅައި ދޫނި ހިފައި ދެން ވެލާ ވެސް ހިފާތި،" ސާމިޔާ އެހެން ބުނީ އުނދުނަށް ދަރުތައް ހެޔޮވަރުކޮށްލަމުންނެވެ.
"މި ކަހަލަ ރަށަކަށް އައިސް ކުރަން މަޖާ ކަންކަމޭ އެއީ. މި ރަށުން ފަނަރަ ވަރަކަށް ދޫނި މަދުވިޔަސް ކާކަށްތަ އެނގޭނީ؟" ނާޝިދު އެހެން ބުނީ ފަހުދުއާ ބައިވެރިވުމުގެ ގޮތުންނެވެ.
"ދޭ ކަލޭމެން. މަށެއް ނުވޭ ދާހިތެއް،" ފަރުވާކުޑަ ގޮތަކަށް ޖުމާހު ބުނެލި އެވެ.
"ކަލޭ އަދިވެސް އެކަމާ ކަޓާފަތަ؟ އެއީ ހަސަނު ސީރިއަސްކޮށް ބުނި އެއްޗެއް ނޫނޭ،" ފަހުދު ދެއްކީ އެހެން ވާހަކައެކެވެ.
"އުހުނ. އެ ދެން މީހަކު ރުޅި އަންނަ ވަރުގެ ކަމެއް ނޫނެއްނު. މަ ހަމަ ދާހިތް ނުވަނީ."
"މާ ވާހަކަ ގިނަ ކުރާނެ ކަމެއް ނެތް. ހިނގާ،" ޖުމާހުގެ އަތުގައި ހިފައި ނަގަމުން ފަހުދު ބުންޏެވެ.
ދޫނިތައް ގިނައިން ތިބެނީ ތުނޑީގަ އެވެ. އެ ދިމާލަށް ހިނގަމުން ދިޔައީ ހަ މީހުންގެ ގްރޫޕަކުންނެވެ. އޭގެތެރޭގައި ފަހުދާއި ޖުމާހާއި ނާޝިދު ވެސް ހިމެނެ އެވެ. ވަލުތެރެއިން ހިނގަމުން ދިޔަ ވަރަކަށް ޖުމާހުގެ ހިތް ނުތަނަވަސްވަމުން ދިޔަ އެވެ. ހަ މީހުން ހިނގަމުން ދިޔައިރު އެންމެ ފަހަތުގައި ހުރީ ޖުމާހެވެ. ކުއްލިއަކަށް ފަހަތުން އަޑެއް އިވުނެވެ. ޖުމާހުއާ ވަރަށް ގާތުންނެވެ.
- ނުނިމޭ -