ވާހަކަ: ވިގަނި
އެޕިސޯޑް 3
ބާލީސް ބަލާލި އިރު އޭގައި ތެރަސް ފާޑުގެ އެއްޗެއް ހުއްޓެވެ. ހުރީ މަޑު ނޫކުލައިގަ އެވެ. ޖުމާހު ފުންމައިގެން ތެދުވެ ކޮޅަށްޖެހި އިނެވެ. މުށިތައް މައްޗަށް ބާލީސް އެއްލާލި އެވެ. އެވަގުތު ކޮޓަރީގެ ދޮރު ހުޅުވުނެވެ. ޖުމާހު އިނީ އެ ދިމާލަށް ބަލަހައްޓައިގެންނެވެ. އެތެރެއަށް ވަނީ ސަކީބާ އެވެ. ހިފަހައްޓައިގެން އިން ނޭވާ ޖުމާހު ބޭރު ކޮށްލި އެވެ.
"މިއީ ކޮން ކަމެއް؟" ދޮރު ކައިރީ އޮތް ބާލީސް ނަގަމުން ސަކީބާ އެހި އެވެ. އަދި ހިފައިގެން އައިސް އެނދުމަތީ ބޭއްވި އެވެ. ޖުމާހު އިނީ އެއާ ދިމާލަށް ބަލަހައްޓައިގެންނެވެ.
"ދަރިފުޅާ!" ސަކީބާ މަޑުމަޑުން ގޮވާލި އެވެ. ޖުމާހު ދިޔައީ ސިއްސައިގެންނެވެ.
"ރޭގައި ކާކާތަ މާ ގިނައިން ވާހަކަ ދެއްކީ؟ މަންމައަށް އަޑު އިވިގެން އައިސް ކިތަންމެ ފަހަރަކު ދޮރުގައި ޓަކި ވެސް ޖެހިން. ދަރިފުޅަށް ގޮވައިހެދީމާ ވެސް ދޮރެއް ނުހުޅުވި. ކިހިނެއްތަ ވީ؟" މަންމަ އެ ކިޔާ އެއްޗެއް ޖުމާހަކަށް ނުވިސްނުނެވެ. އެފަދަ ކަމެއް ވީ ކަމެއް ވެސް ޖުމާހު ހަނދާނެއް ނެތެވެ.
"އެއީ ފޯނުން. ފަހުދު ގުޅައިގެން،" ދެވެން އޮތް އެންމެ ކުރު ޖަވާބު ޖުމާހު ދިނެވެ. އޭރު ވެސް އިނީ ބާލީހާ ދިމާލަށް ބަލަހައްޓައިގެންނެވެ.
"އެހެންތަ؟ ދެން ހިނގާ ސައިބޯން. މިހާރު ދިހައެއް ޖަހައި ބޮޑުވީ. މަންމަ ހުންނާނެ ކުޅިމަސް ހަދާފައި،" އެނދުން ތެދުވަމުން ސަކީބާ ބުންޏެވެ.
"ފެންވަރާލައިގެން މި ދަނީ."
ސަކީބާ ދިޔުމުން ޖުމާހު އަނެއްކާވެސް ބާލީސް ނެގި އެވެ. އެކި ތަންތަނުގައި އަތް ކާއްތާލި އެވެ. ނަމަވެސް ކުރިން ހުރި ތެތްކަމެއް މިހާރަކު ނެތެވެ. ޖުމާހު ފުން ނޭވާއެއް ބޭރުކޮށްލި އެވެ. ހީވި ގޮތް ކަމަށް ބަލާފައި، ފާހާނާއާ ދިމާލަށް ދިޔަ އެވެ.
ފެންވަރަން ހުރި އިރު ބުރަކަށީގައި ތެތް އިސްތަށިގަނޑެއް ކޭއްތޭ ކަހަލަ އިހުސާސެއް ވި އެވެ. ވަގުތުން ފަހަތަށް އެނބުރުނެވެ. ނަމަވެސް އެއްވެސް މީހެއް ނުވަތަ އެއްޗެއް ވެސް ފެންނާކަށް ނެތެވެ. ޖުމާހު ހިތަށް އެރި އެވެ. މި ދިމާވާ ކަންކަމަކީ ހީވާ ކަންކަމެއް ނޫނެވެ. މިއީ ކުރިން ނުވާ ކަހަލަ ކަންކަމެވެ. ނަމަވެސް މިކަހަލަ ވާހަކަ މީހުން ގާތުގައި ދައްކާކަށް ނުވާނެ އެވެ. ނޫނެކެވެ. ޖުމާހަށް ނުކެރެނީ އެވެ. މީހުން ހީކޮށްފާނެ އެއްޗަކުންނެވެ.
ހޮނިހިރު ދުވަހު ފަތިސް ވަގުތެވެ. ފޯނު އެލާމްވި އަޑަށް ޖުމާހަށް ހޭލެވުނެވެ. ފޯނު ބަލާލި އިރު ގަޑިން ތިނެއް ޖެހީ އެވެ. ޖުމާހު ހިތަށް އެރި އެވެ. ތިނެއް ޖަހާ އިރަށް ފޯނު އެލާމް ކުރި ހަނދާނެއް ނުވެ އެވެ. ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ވެސް ބަލާލި އެވެ. އެ ގަޑިން ވެސް ތިނެއް ޖެހީ އެވެ. ލޮލުން ނިދި ފިލި އެވެ. އެނދުމަތީ ކޮޅަށް ޖެހިފައި ފޯނު ހާވަން ފެށި އެވެ. އެލާމް ކުރި ގަޑި ބަލާލި އެވެ. އެލާމް އިނީ ކުރިން ވެސް ކުރި ގޮތަށް ފަސް ގަޑި ތިރީހަށެވެ. ފޯނު ބާއްވާފައި ނިދޭތޯ އޮށޯތެވެ.
ކުއްލިއަކަށް ވަރަށް ބާރަށް ދޮރުގައި މީހަކު ޖެހި އަޑު އިވުނެވެ. ޖުމާހު ދިޔައީ ސިއްސައިގެންނެވެ. އަނެއްކާވެސް ފުންމައިގެން ތެދުވި އެވެ. ހުއްޓުމެއްނެތި ދޮރުފަތުގައި ޖަހާ އަޑު އިވެ އެވެ. މިހާ ދަންވަރު ދޮރުގައި ޓަކި ޖަހާނީ ކާކު ހެއްޔެވެ؟ ޖުމާހު ހިތަށް ބިރުވެރިކަން ވަންނަން ފެށި އެވެ. ހަދާނެ ގޮތެއް ނޭނގިފައި އެނދުމަތީގައި އިނީ އެވެ. މީހާ ދާހިއްލަން ފެށި އެވެ. މަޑުމަޑުން ތުރުތުރު އަޅަން ފެށި އެވެ. ދިއްލާފައި ހުރި ފަނޑު އަލީގެ އަލިކަން އިތުރަށް ފަނޑުވާން ފެށި އެވެ. މުޅި ކޮޓަރި ތެރެ އަނދިރިވާން ފެށި އެވެ. ޖުމާހަށް އިންތާ އިނދެވެނީއެއް ވެސް ނޫނެވެ. ވާން މި އުޅެނީ ކީއް ކަމެއް ނޭނގެ އެވެ.
ދޮރުގައި ޖަހަމުން ދިޔަ އަޑު އެ ވަގުތު ހުއްޓުނެވެ. ޖުމާހު ވަގުތުން ފޯނު ނެގި އެވެ. އަދި ކޮޓަރި ތެރެއަށް އަލި ކޮށްލެވޭތޯ އުޅުނެވެ. ފޯނެއް ނުދިއްލުނެވެ. ހީވަނީ ބެޓެރީ އެއްކޮށް ހުސްވެގެން ނިވިފައިހެންނެވެ. އެކަމަކު އޮތީ ޗާޖަށް ޖަހާފަ އެވެ. ކަރަންޓު ވެސް ހުއްޓެވެ. ފަނޑު އަދިރިކަމުގެ ތެރެއިން ހިޔަންޏެއް ހުރަސްކޮށްލިހެން ޖުމާހަށް ހީވި އެވެ. ހިޔަނި ދިޔައީ ފާހާނާއާ ދިމާލަށެވެ. ޖުމާހު ބިރުން ތުރުތުރުއަޅަނީ އެވެ. މީހާ ވަނީ ދާހިއްލާ ފޯވެފަ އެވެ.
"ދަރިފުޅާ! މި ދޮރު ހުޅުވަބަލަ،" ސަކީބާ ގޮވާލި އަޑު އިވުނެވެ. އެ ވަގުތު ކޮޓަރި ތެރެ އަލި ވެގެން ދިޔައެވެ. ފޯނު ރިންގު ވާން ފެށި އެވެ. ގުޅަނީ އަފުރާހެވެ. ޖުމާހަށް އިނީ ގުޑާލަން ވެސް ނުކެރިފަ އެވެ. އެ ވަގުތު އަނެއްކާވެސް ސަކީބާ ގޮވާލި އަޑު އިވުނެވެ. ޖުމާހު މަޑުމަޑުން އެނދުން ފޭބި އެވެ. އަދި ކޮޓަރީގެ އެކި ދިމާލަށް ބަލަމުން ގޮސް ދޮރު ހުޅުވި އެވެ.
"މަންމަ ކޮން އިރެއް ގޮވާތާ؟ ފަހުދު އެބަ ހުރި ދަރިފުޅު ހަބަރެއް ނުވެގެން ބަލާ އައިސް." ސަކީބާ އެހެން ބުނުމުން ޖުމާހު ވަގުތުން ގަޑިއަށް ބަލާލި އެވެ. އޭރު ގަޑިން ހައެއް ޖަހަނީ އެވެ. ޖުމާހު ހިތަށް އެރި އެވެ. އެހެން ވާނީ ކިހިނެއް ހެއްޔެވެ؟ މީގެ އިރުކޮޅެއް ކުރިން ގަޑިން ހުރީ ތިނެއް ޖަހާފަ އެވެ. އަތުގައި އޮތް ފޯނަށް ބަލާލި އެވެ. ފޯނުން ވެސް ހައެއް ޖަހަނީ އެވެ.
"ކިހިނެއް ވެފައި ތި ހުރީ؟ ރޭގައި ދަރިފުޅު ނުނިދަންތަ؟ ލޯ ވެސް ރަތްވެފައި. ކީއްވެ ދާހިއްލާފައި ތި ހުރީ؟" ސަކީބާއަށް އެ ވަގުތު ފާހަގަ ކުރެވުނު ކަންކަން އެހި އެވެ.
"ނޫން. މާ ގިނައިން ނިދުނަސް ލޯ ރަތްވާނެއެއްނު. އަނެއްކާ ރޭގައި އޭސީ ނުޖައްސާ ނިދުނީ. އެހެންވެ ހޫނުއަރާފައި."
ޖުމާހަށް ދެވުނު އިރު އެންމެން ހަމަ ވެއްޖެ އެވެ. ދޯނި އޮތީ ނައްޓާލަން ތައްޔާރު ވެފަ އެވެ. ހުރިހާ ސާމާނުތަކެއް އަރުވާފަ އެވެ. އެއްބައި މީހުން ވެސް ތިބީ ދޯންޏަށް އަރާފަ އެވެ.
"ކަލޭ ދޯ؟ އަންހެނަކަށް ވުރެ ކަންތައް ފަލަ. ކާކަށް ދައްކަންތަ މާ ނަލަ ވެގެން ތި އައީ؟ މި އުޅެނީ މޫދަށް އެރި ކުޅިވަރު ކުޅެން ދާން،" ނާޝިދު އެހެން ބުނުމުން އެންމެން އެއް ފަހަރާ ހޭން ފެށި އެވެ. އެ ހުނުމުގައި ޖުމާހު ވެސް ބައިވެރިވި އެވެ. ނަމަވެސް މީހާ ހުރީ ނުތަނަވަސް ވެފަ އެވެ.
ދަތުރަށް ފެށުނެވެ. އެއް ބަޔަކު ތާސް ކުޅެނީ އެވެ. އަނެއް ބަޔަކު ލަވަ ކިޔާ ނަށަނީ އެވެ. ފަޅު ރަށަށް ދާން ވިއްސަކަށް މިނެޓް ނަގަ އެވެ. ރަށަކީ ރުއްގަސް ގިނަ، ވަރަށް ދިގު ރަށެކެވެ. ރަށުގެ ހުޅަނގު ފަރާތުގައި އޮންނަނީ އާނުގަނޑެކެވެ. އެތަނަށް މީހުން ކިޔާ އުޅެނީ އާނުކެނޑި އޮޅެވެ. ރަށުގެ އިރުމަތީ ފަރާތުގައި އޮންނަނީ ވަރަށް ބޮޑު، ހިތްގައިމު ދޮންވެލިގަނޑެކެވެ. އިރު ދެކުނަށް ވާގޮތަށް ވަރަށް ބޮޑު ތުނޑިއެއް ވެސް އޮވެ އެވެ. އެ ތަނުގައި އެންމެ ގާކޮޅެއް ވެސް ނޯވެ އެވެ. ސާފު ދޮންވެލި ތުނޑީގެ ހިތްގައިމުކަން ފެނުނީ ރަށަށް އެރި ފަހުންނެވެ.
ދޯނިން ފައިބައިގެން އެކި މީހުން އުޅެނީ އެކި މަސައްކަތުގަ އެވެ. ދޯނިން ސާމާނުތައް ބާލައިގެން ގޮސް ހިޔާގަނޑެއްގައި ބެހެއްޓި އެވެ. އަންހެންވެރިން އުޅުނީ ހެނދުނުގެ ސައި ތައްޔާރު ކުރުމުގަ އެވެ. އެ މީހުންނާ އެކު ނާޝިދު އާއި ރިފާއު ވެސް އެހީތެރިވުމުގައި އުޅުނެވެ. ގެނައި ކުނާތައް ބިންމަތީގައި ފަތުރާލި އެވެ. ޖުމާހު އާއިި ފަހުދާއި އަފުރާހު އަދި ހަސަނު ދިޔައީ ރަށުތެރެއަށެވެ. ގަސް ގިނަ ރަށު ތެރޭގައި އޮންނަނީ އެންމެ މަގެކެވެ. އެ މަގު ވެސް ވަރަށް ހަންޏެވެ. ހަތަރު މީހުން ހިނގަމުން ދިޔައީ އެކަކު ފަހަތުގައި އަނެކަކު ހުރެގެންނެވެ. ކަތިވަޅިން އެކި ގަސްތަކާއި ވެޔޮތަކުގައި ތަޅަމުން ކޮށަމުންނެވެ. ރަށުގައި ހެދިފައި ހުރި ބައެއް ގަސްތަކު ތެރޭގައި ކަށިކުނބުރު، މަގޫ، މިރިހި، ބޯކެޔޮ، އުނި، މާނިފާ، ވިހަލަގޮނޑި، ސެހަނޑަ، ގިނަވެލި، ހަލަވެލި އަދި ބޯށިގަސް ހިމެނެ އެވެ. އުނިމަލުގެ މީރު ވަހުން ވަނީ މުޅި ތަންގަނޑު އެއްވަސް ވެފަ އެވެ. ހިނގަމުން ދިޔަ އިރު ފެންނަ ކާއްޓާއި ދަރު އެއްކުރަމުން ދިޔަ އެވެ. ރުއްތައް ދިގު ކަމުން ކުރުނބާއެއް އަތު ޖެހޭނެ ކަމާ މެދު ކޮންމެ މީހަކަށް ވެސް ޝައްކުވި އެވެ.
"ކަލެއަށް އެނގޭތަ ރުކަށް އަރަން؟" ފަހުދު އެ ސުވާލު ކޮށްލީ ހަސަނާ އެވެ.
"ޔަގީނެއްނު. އެކަމަކު މިހާ ދިގު ރުއްރުކަށް އަރަނީ ކިހިނެއް؟" ހަސަނު މަތި ބަލާލަމުން ބުންޏެވެ.
"ރީތި ގޮތުގައި ބުނެބަލަ ނޭނގެއޭ،" ފަހުދު ދިމާކޮށްލަމުން ބުންޏެވެ.
"އެކަމަކު ވަރަށް ކަރުހިއްކާ. ފެން ފުޅިއެއް ނުގެނެވުނީމަ މުޅިން ސަކަރާތް،" ހަސަނު ބުންޏެވެ. "ހިނގާބަލަ މި ދިމާ އެތެރެއަށް، އަތު ޖެހޭ ހިސާބުގައި ރުކެއް ހުރެދާނެ."
ވާގަނޑުތެރެއަށް ވަންނަމުން ދިޔައީ ވެޔޮތަކާއި ގަސްތައް ކޮށަމުންނެވެ. އެ ވަގުތު ޖުމާހުގެ އަތުގެ މުލައްދަނޑިން ދިލައެއް ނަގަން ފެށި އެވެ. ލައިގެން ހުރީ އަތްދިގު ޓީޝާޓެކެވެ. އަތް އޮޅާލާފައި ބަލާލި އިރު އިނީ ކޫރުމެކެވެ. ހުރީ ލޭ ހިލިފަ އެވެ. ފުންކޮށް ނޫނަސް ވަރަށް ދިގުކޮށް އިނެވެ. އަތްދިގު ޓީޝާޓެއް ލައިގެން ހުއްޓައި ގޮފިކޮޅަކުން ވެސް އެ ވަރު ކޫރުމެއް އެޅެންވީ ސަބަބެއް ޖުމާހަކަށް ނުވިސްނުނެވެ. އެކަމާ މާ ބޮޑަށް އަޅާނުލައި ކުރިއަށް ދިޔައެ ވެ.
"ކޮބާ މަ ބުނީމެއްނު. މި ހުރީ ކޮން ކަހަލަ ރުކެއް؟ ބަލާބަލަ އެއޮތް އިހަލެއް. ޔަގީން އޭގައި ފަންސާހަކަށް ކުރުނބާ އުޅޭނެ،" ހަސަނު ހިތްހަމަޖެހިލާފައި ބުންޏެވެ. "މަޑުކުރޭ މަ އަރާނަން." ހަސަނު ކަތިވަޅި ދިއްކޮށްލި އެވެ.
ކައިރީގައި ހެދިފައި ހުރީ ވަރަށް ބޮޑު ބޯކެޔޮ ގަހެކެވެ. ގަހުގައި ދެތިން މާގަނޑު ވެސް އޮތެވެ. އެއީ ވަރަށް މީރުވަސް ދުވާ މަލެކެވެ. ޖުމާހު ހުރީ އެތަނުން މާގަނޑަކާ ދިމާލަށް ބަލަހައްޓައިގެންނެވެ. ޖުމާހު ދެ ލޯ ކުޑަކޮށްލާފައި ބަލާލި އެވެ. ހީވީ ބޯކެޔޮ ގަސްމަތީ މީހަކު އިށީނދެ އިންހެންނެވެ.
- ނުނިމޭ -