ވާހަކަ: ވިގަނި

ވާހަކަ

ވާހަކަ: ވިގަނި

12 މާރިޗު 2024

އެޕިސޯޑް 2

"އެކަމަކު ދަރިފުޅާ. އިރުއޮއްސުނީއްސުރެ އޭނަ އެ އޮންނަނީ މަންމަ ކޮޓަރީގައި. މަންމަ މި އައީ އޭނަ ބަނޑުގައި ރިއްސާތީ ބާމު އުނގުޅައިދީފައި،" ސަކީބާ ބުންޏެވެ.

"އެކަމަކު އެހެން ކިހިނެއް ވާނީ؟ އަހަރެން އޭނަ ދުށީމޭ މަންމާ. ގެއަށް ހިނގާށޭ ބުނީމާ މަށަށް ފިލީ،" ޖުމާހަށް ގަބޫލު ނުކުރެވިގެން ބުންޏެވެ.

"ތި ވާނީ ދަރިފުޅަށް ހީވި ގޮތަކަށް. އޭނަ ކިތަންމެ އިރެއް މަންމައާ އެކު ކޮޓަރީގައި އުޅޭތާ،" ޖުމާހުގެ ކޮނޑުގައި ފިރުމާލަމުން ސަކީބާ ޔަގީންކަން ދިނެވެ.

ޖުމާހު އިތުރު އެއްޗެއް ނުބުނެ އެތަނުން ދިޔަ އެވެ. ގޭގެ އަނެއް ފަރާތުގައި ހުންނަ ޖޯލިފަތީގައި ޖައްސާލި އެވެ. މުޅި ތަން އެއްވަސް ވެފައި ވަނީ އެކި ވައްތަރުގެ މާމެލާމެލީގެ ވަހުންނެވެ. ގަސް ހެއްދުމަކީ ރަހުމާ ވަރަށް ކުރާހިތްވާ ކަމެކެވެ. އެންމެ ގިނައިން އެތަނުގައި ހުރީ އެކި ވައްތަރުގެ ފިނިފެންމާ ގަހާއި ބޯގަންވިލާ ގަހެވެ. ޗަންޕާޕޫލް މަލާއި ގުލޭނޫރަންމާ ވެސް ހުއްޓެވެ. މީގެ އިތުރުން ބައެއް ވައްތަރުގެ މޭވާ އާއި ތަރުކާރީ ވެސް ހައްދާފައި ހުއްޓެވެ. ފަޅޮލާއި އަތަ އެވެ. ކޭލާއި ބައްޓެވެ. ފޭރާއި ޖަނބުރޯލެވެ. ގަސްތައް ގިނަކަމުން އެ ތަނުގައި އަނދިރިކަމެއް ވަނީ ވެރިވެފަ އެވެ. ވައި މަޑު ރެއެއްކަމުން އެންމެ ފަތެއް ވެސް ހެލި ނުލައެވެ.

ޖުމާހަކީ އާންމުކޮށް ދެ ނަމާދު ދޭތެރޭގައި އެތަނުގައި ވަގުތުތައް ހޭދަ ކުރާ މީހެކެވެ. ފޯނާ ކުޅެން ނުވަތަ ލަވައެއް އަޑު އަހަން ވެސް އޮވެދާނެ އެވެ. މިރޭ ހިނގައިދިޔަ ކަންތަކާ މެދު ޖުމާހު ފުންކޮށް ވިސްނާލި އެވެ. ޖުމާހަށް ޔަގީންވާ އެއް ކަމެއް އޮތެވެ. ގަސް ކައިރިން ރަހުމާ ފެނުނު ކަމެވެ. އެހެން ވިއްޔާ މަންމަ އެ ކިޔަނީ ކީކޭ ހެއްޔެވެ؟ މަންމަ ދޮގެއް ނުހަދާނެ އެވެ. އެއީ ވެސް ޔަގީން ކަމެކެވެ. ވިސްނިވިސްނިހެން ޖުމާހުގެ ބޮލުގައި ރިއްސަން ފެށިއެވެ. ދެ ފަރާތަށް ބޯ ހޫރާލުމަށް ފަހު ލޯ މަރާލި އެވެ. ދެވަނަ ސިކުންތުގައި ލޯ ހުޅުވާލި އެވެ. ޖީބުން ހެޑްސެޓް ނަގާފައި ކަންފަތަށް ހެޔޮވަރުކޮށްލި އެވެ. އަބަދުވެސް އެންމެ ރީތި ލަވަ ޖަހާލި އެވެ.

"ބުނީމޭ މި ލޯބިން، ބުނީމޭ މި ލޯބިން، ދޭ ލޯތްބެކޭ މީ އިންތިހާ،" މިއީ ޖުމާހަށް ވަރަށް ކުރިއްސުރެ އެންމެ ކަމުދާ އަދި އެންމެ ގަޔާވާ ލަވަ އެވެ. ކިތަންމެ މާނަ ފުން ލަވައެއް ނަމަވެސް ޖުމާހަށް މި ލަވަ އެންމެ ކަމުދަނީ އަލީ ރަމީޒް ކިޔާފައިވާލެއް ހިތްގައިމުކަމުންނެވެ. ޖުމާހު ދެ ލޯ މަރާލާފައި ޖޯލީގައި ހަމަޖެހިލި އެވެ.

"ޖުމާ،" ވައި އަޑަކުން ބުނި އަޑު އިވުނެވެ. ޖުމާހު ސިއްސައިގެން ގޮސް ލޯ ހުޅުވާލި އެވެ. އަދި ވަށައިގެން ހޯދާލި އެވެ. އިވުނީ އަންހެން އަޑެކެވެ. އެއީ ހީވި ގޮތެއް ނޫނެވެ. ކަންފަތް ދޮށުގައި ވަރަށް މަޑުމަޑުން އެހެން ބުނި ނަމަވެސް ޖުމާހަށް އިވުނީ ވަރަށް ބާރަށެވެ. އިވެމުން ދިޔަ ލަވައިގެ ތެރެއިން އެ އަޑު އިވުނީ ވަރަށް ގާތުން މިހަކު ގޮވާލުމުންކަން ޖުމާހަށް ޔަގީނެވެ. އޭރު ވެސް ޖުމާހު ވަށައިގެން ހޯދަނީ އެވެ. މީހެއްގެ އަސަރެއް ވެސް ފެންނާކަށް ނެތެވެ. ކުޑަ ނަމަވެސް ވެސް ވަގުތުކޮޅަކަށް ޖުމާހުގެ ހިތަށް ބިރުވެރިކަން ވަނެވެ. ހެޑްސެޓް ޖީބަށް ލަމުން އެތަނުން ތެދުވެގެން ގޭތެރެއަށް ވަނެވެ. ބިންމަތީގައި ހުރި ފިޔަވަޅުތައް ޖުމާހުގެ ލޮލުގައި އަޅައެއް ނުގަތެވެ. އެއީ އަންހެނެއްގެ ފިޔަވަޅުތަކެކެވެ. ޖުމާހު އިން ޖޯއްޔާ ޖެހިގެން ހުރި ޖޯލި ކައިރީގައި ވެސް އެ ފިޔަވަޅުތައް ހުއްޓެވެ. ތަފާތަކީ އިންސާނުންގެ ފިޔަވަޅަށް ވުރެ އެ ފިޔަވަޅު ތިން ގުނަ ބޮޑު ކަމެވެ.

"ހަނދު އޮއްސިފައި ތި އިނިއްޔޯ؟ ކަމެއް ހިންގަނީތަ މަށަށް ސިއްރުން؟" އެއީ ފަހުދުގެ އަޑެވެ. އޮފީހުގައި ޖުމާހު އިނީ ރޭގައި ހިނގައިދިޔަ ކަންތައްގަނޑާ މެދު ވިސްނާށެވެ. ފަހުދަށް އެ ވާހަކަ ކިޔައިދީފިއްޔާ ދެކޭނެ ގޮތެއް ނޭނގެ އެވެ. މަޖަލަކަށް ވެސް ހަދާފާނެ އެވެ. ޖުމާހަކީ ކިހާ ފިނޑި މީހެއްކަން ވެސް ވިސްނައިދޭން އުޅެފާނެ އެވެ. ނުވަތަ އެއީ ތެދެއް ކަމަށް ގަބޫލުކޮށް ދެން ކަންތައް ކުރަންވީ ގޮތެއް ވެސް ބުނެދީފާނެ އެވެ. މަސްހުނި ހިޔާލުތަކެއް ޖުމާހުގެ ސިކުނޑީގައި ރަސްކަން ކުރަމުން ދިޔަ އެވެ.

"މަ ބުނީ،" ޖުމާހަށް ބުނެވުނީ އެ ހިސާބަށެވެ.

"ޖުމާ، ބޮސް އެބަ ގޮވާލައްވާ،" ސައިމާއަކީ އޮފީހުގެ ސެކްރެޓަރީއެކެވެ. ޖުމާހު ބޮލުގެ އިޝާރާތުން އާނއެކޭ ބުނެފައި ގޮނޑިން ތެދުވި އެވެ.

"ކޮބާ އަނެއް ބައި؟" ފަހުދު އެހި އެވެ.

"ދެން ފަހުން."

ދުވަސް ނިމިގެން ދިޔަ އިރު ވެސް ޖުމާހަށް އެ ވާހަކަ ފަހުދާ ހިއްސާ ކުރެވޭ ގޮތެއްނުވި އެވެ. ގެއަށް ދަމުން ޖުމާހު ވިސްނީ އެއީ ރަނގަޅު ފާލެއް ކަމުގަ އެވެ. ވަގުތު ނުވެގެން ވެސް ފަހުދު ކަހަލަ އަބަދުވެސް މަޖާ، ސަކަ މިޒާޖެއްގެ މީހަކަށް ކިޔައިނުދެވުނުކަން ނަސީބެކޭ ޖުމާހު ހިތަށް އެރި އެވެ. ފަހުދު ގަބޫލުނުކޮށްފި ނަމަ ޖުމާހު އިތުރަށް ހިތްހަމަނުޖެހޭނެ އެވެ. އެ ވަގުތު ޖުމާހަށް ކޯލެއް އަ އެވެ. ސައިކަލު މަޑުކޮށްފައި ފޯނު ބަލާލި އެވެ. ގުޅަނީ ފަހުދެވެ. ދެ ހިޔާލުގައި އިނދެ ފޯނު ނެގި އެވެ.

"ކޮބާ ވާހަކަ؟" ފުރަތަމަ ވެސް ފަހުދު އެހީ އެހެންނެވެ.

"އެއީ މާ ބޮޑު އެއްޗެއް ނޫން. މަ ބުނަން އުޅުނީ އިތުރު މަސައްކަތެއް ކުރަން މަ އެބަ ހިޔާލު ކުރަމޭ،" ޖުމާހަށް ބުނެވުނީ ކުރިން ވެސް ފަހުދު ގާތުގައި ބުނެފައިވާ ވާހަކައެކެވެ. އެއީ ޖުމާހު ގަސްދުގައި ކުރި ކަމެކެވެ.

"ތިއީ ކަލޭ އަބަދުވެސް ކިޔާ އެއްޗެއްނު. އާ އެއްޗެއް ކިޔާބަލަ. މަށަށް ޔަގީން ކަލޭ ބުނަން އުޅުނީ ތި ވާހަކައެއް ނޫންކަން. ދެން މާ ދިއުޅި ދިގުނުކޮށް ބުނޭ،" ފޫހި ރާގަކަށް ފަހުދު ބުންޏެވެ.

"ނޫނެކޭ. ހަމަ އަސްލުވެސް މަ އުޅުނީ އެހެން ބުނަން. މިއީ ސީރިއަސް އެއްޗެއް. ވިޔަފާރިއެއް ފަށަން މަ ހިޔާލު ކުރަނީ. މި ވާހަކަ ނުދެއްކޭނެ ފޯނަކުން. ދިމާވެގެން ދެއްކޭނީ."

ހެނދުނު އޮފީހަށް ވަނުމާ އެކު ފަހުދު އަ އެވެ.

"ކަލޭ ތީ ވަރަށް ފޭކް މީހެއް. ރޭގައި މަ ގުޅާގުޅާ. ފޯނު އޮތީ ނިވާލާފައި،" ޖުމާހު އިން ގޮނޑިއާ ޖެހިގެން އިން ގޮނޑީގައި އިށީންނަމުން ފަހުދު ބުންޏެވެ.

"ކީއްކުރަންތަ އެ ވަރަށް ގުޅީ؟ ކަމަކުތަ؟" ފައިލުތައް ނަގަމުން ޖުމާހު އެހި އެވެ.

"ކަމަކުހޭ؟ ކަލޭ ހަނދާން ވެސް ބަލީ ދޯ؟" ފަހުދު ބުންޏެވެ. "ބުނީމެއްނު ވާހައެއް."

"އާނ. އެ ވާހަކަ ދޯ؟ މަ ބުނީމެއްނު އެއީ ބިޒްނަސްއެއް ފަށަން އުޅޭ ވާހަކައޭ،" ޖުމާހު ފަރުވާލެއް ނެތި ފައިލުތައް ހާވަމުން ބުންޏެވެ. ފަހުދު އެއްވެސް އެއްޗެއް ނުބުނެ އިރުކޮޅަކު އިނެވެ.

"ބުނަން. މަށެއް ދެން ނާހާނަން ކޮން ވާހަކައެއްތޯ. ކަލޭ ބުނަން ފެންނަންޏާ ބުނޭ،" ގޮނޑިން ތެދުވެގެން ދަމުން ބުންޏެވެ.

"އޭ، ޖުމާ. އާދެބަލަ މިކޮޅަށް. މި އުޅެނީ މިތާ ކައިރީގައި އިން ފަޅު ރަށަކަށް ޕިކްނިކް ދާން. ޖޮއިން ވާން ޖެހޭނެ. އާދެބަލަ،" އަފްރާހު ގޮވާލި އެވެ. ޖުމާހު ތެދުވެގެން ގޮސް އެ މީހުންނާ ބައިވެރިވި އެވެ.

"ކޮން ދުވަހަކު ދަނީ؟" ޖުމާހު ސުވާލު ކުރީ ފަހަރެއްގައި ވެސް އެކަމަށް ޝައުގުވެރިކަމެއް ހުރެގެންނެއް ނޫނެވެ. އޮފީހުގެ އެފަދަ ކަންކަމުގައި ބައިވެރިވުމަކީ ޖުމާހު އެއް އިރެއްގައި ވެސް ކޮށް އުޅުނު ކަމެއް ވެސް ނޫނެވެ. ނަމަވެސް އެންމެން އެކަން ފާހަގަކޮށްގެން އެ ވާހަކަ ދައްކާތީ ޖުމާހު ބޭނުންވީ އެކަމުގައި ބައިވެރިވާށެވެ.

"ފްރައިޑޭ އޭ މި މީހުން އެ ކިޔަނީ؟" އަފްރާހު ބުންޏެވެ.

"އޭރުން ހުކުރު ނަމާދޯ؟" ނާޝިދު އެހި އެވެ.

"މަށެއް ނުދާނަން ހުކުރު އަޅާފައެއް،" ފަހުދު ވަގުތުން ބުންޏެވެ.

"އޯކޭ. އެހެން ވިއްޔާ ސަޓަޑޭ. އެންމެން އެއްބަސްތަ؟" އަފްރާހު ބުންޏެވެ. އަފްރާހަކީ އޮފީހުގެ މެނޭޖިން ޑިރެކްޓަރެވެ. އެންމެންނާ ވެސް ގުޅޭ ހިތްހެޔޮ މީހެކެވެ. ބޮޑާކަމާއި ކިބުރުވެރިކަމަކީ އަފްރާހު ކިބައިގައި ނެތް ސިފަތަކެވެ.

"މިއަދު މީ ބުދަ. ހޮނިހިރު ދުވަހަށް ރެޑީ ވެވޭނެ؟" ސާމިޔާ އެހި އެވެ.

"ޔަގީންތާ. މާ ގިނަ ކަންކަން ކުރާކަށް ނުހުންނާނެ. އޮފީސް ނިމޭ ގަޑީގައި އެންމެން ވެސް މަޑުކޮށްލާތި ލިސްޓް ތައްޔާރުކޮށްލަން. ކިތައް މީހުން މި އުޅެނީ؟" އަފްރާހު އެހި އެވެ. އަދި ގުނާލި އެވެ. މުޅި އެކު ސައްބީސް މީހުން އުޅެ އެވެ. "ރަނގަޅޭ، މީހުން ގިނަވީމަ މަޖާ ވާނީ."

ދުވަސް ނިމުމާ އެކު، ގެންދަންވީ އެއްޗެހީގެ ލިސްޓް ތައްޔާރު ކުރެވެމުން ދިޔަ އެވެ. ނޫޑްލްސް ހަދާނެ ސާމާނާއި މަސްބަތް ހަދާނެ ސާމާނެވެ. ހެނދުނަށް މަސްހުންޏާއި ރޮއްޓާއި ބިސްގަނޑާއި ޕާނެވެ. އެކި ވައްތަރުގެ މޭވާ އާއި ތަފާތު ވައްތަރުގެ ބުއިންތަކެވެ. ކުޅިވަރު ކުޅޭނެ ސާމާނާއި ފެން ކޭސްތަކެވެ. ހުރިހާ އެއްޗެއް ވެސް ގަންނަން ނިންމީ އޮފީސް ބަޖެޓަކުންނެވެ.

ޖުމާހަށް ހޭލެވުނު އިރު ދިހައެއް ޖަހަނީ އެވެ. ދުވަހަކީ ހުކުރު ދުވަސް ކަމުން އެހާ ހެނދުނާ މަންމަ ނުގޮވީ ކަންނޭނގެ އެވެ. އެކަމަކު ޖުމާހަށް އެ ގަޑީގައި ކަމެއް ފާހަގަ ކުރެވުނެވެ. ހޭލެވުނު އިރު އޮތީ ބަންޑުންނެވެ. އަދި ބޯދަށުގައި އޮތް ބާލީސް އޮތީ ޖުމާހު އޮތް ދިމާލަކު ނޫނެވެ. އެއީ ދުވަހަކުވެސް ވީ ކަމެއް ނޫނެވެ. ބާލިސް ނެގުމާ އެކު އަތުގައި ތެތްކަމެއް އިހުސާސްވި އެވެ. ބާލީސް ބަލާލި އިރު އޭގައި ތެރަސް ފާޑުގެ އެއްޗެއް ހުއްޓެވެ. ހުރީ މަޑު ނޫކުލައިގަ އެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް