ވާހަކަ: ވިގަނި

ވާހަކަ

ވާހަކަ: ވިގަނި

11 މާރިޗު 2024

ހަޔާތުގެ ދުވަސްތައް އެކަނި ހޭދަ ކުރުމަކީ ކުށެއް ހެއްޔެވެ؟ ދިރިއުޅުމުގެ ކޮންމެ ކަމަކަށް ކޮންމެ ވަގުތަކަށް ބައިވެރިއެއް ބޭނުންވާނެ ހެއްޔެވެ؟ ކުރާ ކޮންމެ ކަމަކާއި ދައްކާ ކޮންމެ ވާހަކައަކާއި އުފުލަން ޖެހޭ ކޮންމެ ހިތާމައެއްގައި އެހީތެރިވެވޭނީ ހަޔާތުގައި ބައިވެރިއެއް ހުރުމުން ހެއްޔެވެ؟ މި ކަންކަން އެކަނި ނުކުރެވޭނެ ހެއްޔެވެ؟ މިއީ ޖުމާހުގެ ހިތުގައި އަބަދުވެސް އޮންނަ ސުވާލުތަކެކެވެެ. މީހަކާ އިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ހެއްޔެވެ؟ އުމުރުން 30 އަހަރު ފުރުނު އިރު ވެސް ކައިވެންޏެއް ނުކޮށް ހުރުމަކީ ކުށެއް ހެއްޔެވެ؟

ސަކީބާއަކީ ޖުމާހުގެ މަންމަ އެވެ. އުމުރުން 50 އަހަރު ވީ އިރު ވެސް މާމަ ކިޔާނެ ދަރިއަކު ނުލިބުމަކީ ސަކީބާގެ ޝަކުވާއެކެވެ. ރަހުމާއަކީ ސަކީބާގެ ދެވަނަ ދަރިފުޅެވެ. އުމުރުން އަދި 20 އަހަރެވެ. ރަހުމާ ވެސް ވީ އެންމެ އަވަހަކަށް މީހަކާ އިނުމަނީ ސަކީބާ އެންމެ ބޭނުންވާ ކަންތަކެވެ. އޭނާ މާ ގިނަ ދުވަހަކު ދުނިިޔޭގައި ހުންނާނެ ކަމަކަށް ސަކީބާ އުންމީދެއް ނުކުރެ އެވެ. އެކަހަލަ އެއްޗެއް ބުނާ ކޮންމެ ފަހަރަކު ޖުމާހު ވަރަށް ދެރަވެ އެވެ. މަންމައާ ނުލާ އުޅެން ޖުމާހަށް ވަރަށް އުނދަގޫ ވާނެ އެވެ.

ރައްޓެހިންނާ އެކު ކޮފީއަށް ދިޔަޔަސް އަބަދު އިވެނީ ޖުމާހު މީހަކާ ނީނދެ ހުންނަ ވާހަކަ އެވެ. ބައެއް ރައްޓެހިން އެކަމާ ވަރަށް ދިމާ ކުރެ އެވެ. ބައެއް ފަހަރު ސަމާސާ ވިހަ ވެސް ވެ އެވެ. އޮފީހުގައި ވެސް އެންމެން ދައްކަނީ އެ ވާހަކަ އެވެ. އެކި މީހުން ވާހަކަ ދައްކަނީ އެކި ގޮތަށެވެ. އެއް ބަޔަކު ބުނަނީ ޖުމާހަކީ ވަރަށް ދަހި މީހެއް ކަމަށެވެ. ދިރިއުޅުމެއް ނުފަށަން އެ ހުންނަނީ އަނބިދަރިންނަށް ހަރަދު ކުރަން ޖެހޭތީ ކަމަށެވެ. އަނެއް ބަޔަކު ބުނާ ގޮތުން ނަމަ ޖުމާހަކީ އެއް ބައި އުނި މީހެކެވެ. ނާގާބިލް، އެއްވެސް ޒިންމާއެއް ނަގަން ނުކެރޭ ފިނޑި މީހެކެވެ. އެކަހަލަ ވާހަކަތައް އަޑު އިވޭތާ ކިތަންމެ ދުވަހެއް ވެއްޖެ އެވެ. އެކަންކަމަށް ސަމާލުކަން ނުދީ، އިވޭ އަޑުތައް ނީވޭ ކަމަށް ހަދައިގެން އުޅުމަކީ ޖުމާހުގެ އާދައަކަށް ވެއްޖެ އެވެ.

"އަސްލު މައްސަލައަކީ ކޮބާ؟" ފަހުދު ސުވާލު ކުރި އެވެ. ދެ މީހުން ތިބީ އޮފީހުގައި ހުންނަ ސައި ކޮޓަރީގަ އެވެ. ފަހުދު ހުރީ ކޮފީ މެޝިން ކައިރީގަ އެވެ.

"ތި ބުނީ؟" ޖުމާހު ނޭނގޭ ކަމަށް ހެދި އެވެ.

"އަހަރެން މި ބުނި އެއްޗެއް ކަލެއަށް ރަނގަޅަށް އެނގޭނެ،" ފަހުދު ކޮފީ ތަށި ހިފައިގެން އައިސް އިށީންނަމުން ބުންޏެވެ. ޖުމާހު އެއްޗެއް ނުބުނެ އިސް ދަށަށް ޖަހައިގެން އިނެވެ.

"މަ ކިތައް ފަހަރު ބުނެފިން ތި ވެގެން އުޅޭ ގޮތެއް ކިޔައިދޭށޭ. ކޮންމެ ކަމަކަށް ވެސް ހައްލު ލިބޭނެ. އެކަމަކު އެއީ އެ މީހަކު ބޭނުން ވާ ނަމަ،" ފަހުދު ބޭނުންވީ ޖުމާހު ވާހަކަ ދައްކާށެވެ.

"ހައްލު ހޯދަން ޖެހޭނީ މައްސަލައެއް އޮތް ނަމަތާ،" އިސްއުފުލާލަމުން ޖުމާހު ބުންޏެވެ. "ކިޔައިދޭން ޖެހޭ ވަރުގެ ކަމެއް ވީމާ އެންމެ ފުރަތަމަ ވެސް ކިޔައިދޭނީ ފަހުދަށް."

"ބުނަން. މަ ވަރަށް ނުކުރާ ކަމެއް، ތަކުރާރުކޮށް މީހުން ގާތު ކަންކަމު ކިޔުން. އެކަމަކު ތިއީ އަހަރެންގެ ބެސްޓް ފްރެންޑް. މި ގުޅުމަށް މިހާރު ފަނަރަ އަހަރުވީ. އެކަމަކު އަދިވެސް މަށަށް އިތުބާރެއް ނުކުރަން ދޯ؟" ފަހުދު ހިތްހަމަނުޖެހިފައި ބުންޏެވެ.

"އެ ޖެހުނީ ބޮޑު ތަނުގައި. އިތުބާރު ނުކުރާ ނަމަ މަ މަންމައަށް ވެސް ނޭނގޭ އެއްޗެހި ފަހުދަކަށް ކިޔައެއްނުދޭނެ."

ޖުމާހު ގަބޫލު ކުރާގޮތުގައި ކައިވެންޏަކާ ހިސާބަށް މީހާ ދާން ޖެހޭނީ ވަކި ތަރުތީބަކުން އަތުރާލާފައިވާ ހަރުފަތްތަކަކުންނެވެ. އެންމެ ފުރަތަމަ ވެސް ނުދަންނަ ބީރައްޓެއްސަކަށް ހިތާއި ލޯބި ދޭނީ ކިހިނެއް ހެއްޔެވެ؟ ގޮތް ނޭނގޭ މީހަކާ އެކު ދިރިއުޅުން ހޭދަ ކުރާނީ ކިހިނެއް ހެއްޔެވެ؟ ދެން ބައެއް މީހުން ބުނެ އެވެ. އެކުގައި އުޅެން ފެށުމުން މީހާގެ މިޒާޖާއި ގޮތް އެނގޭނެ އެވެ. އެކަކު އަނެކަކަށް ދަސްވާނެ އެވެ. އެއީ ޖުމާހު ގަބޫލު ކުރާ ކަމެއް ނޫނެވެ. އެހެން ނަމަ 33 އަހަރު ވީ މަންމަ އާއި ބައްޕަގެ ކައިވެނި ރޫޅިގެނެއް ނުދާނެ އެވެ. އެކުގައި އެހާ ދުވަހު އުޅުނު އިރު ވެސް ބައްޕައަކަށް މަންމަ ދަހެއް ނުވި އެވެ. ލޯތްބެއް ނުދެވުނެވެ. އަޅާލައި އޯގާތެރިކަމެއް ނުދެވުނެވެ. މަންމައަށް ފިރިއެއްގެ އެހީތެރިކަން އެންމެ މުހިންމުވި ދަނޑިވަޅުގައި ބައްޕަ ދިޔައީ ޅަ އަންހެންކުއްޖެއްގެ ފަހަތުންނެވެ. ކާފަ ކިޔަންވީ އުމުރުގައި އަނެއްކާވެސް ދަރިއަކު ލިބިގެން އުޅެނީ އެވެ.

ޖުމާހު ހިތަށް އަރައެވެ. ލޯތްބާ ނުލައި ދިރިއުޅުން ފުރިހަމަ ވެދާނެބާވަ އެވެ؟ އެންމެ ފުރަތަމަ، ލޯތްބަކީ ކޮން އެއްޗެއްކަން ވެސް ޖުމާހަކަށް ނޭނގެ އެވެ. އެއީ ހިތުގައި އުފެދޭ ޖަޒުބާތެކޭ ކިޔާ އަޑު އިވެ އެވެ. މީހަކު ކަމުދިޔުން، ގަޔާވުން، އެކުގައި ވަގުތު ހޭދަ ކުރުމާއި އެމީހަކަށް އިންތިޒާރު ކުރެވުމަކީ ލޯބިވާ ކަމުގެ އަލާމާތްތަކެކެވެ. މިއީ ތުންތުން މަތިން ޖުމާހަށް އަޑު އިވިފައިވާ ވާހަކަތަކެވެ. ނަމަވެސް ގަބޫލު ކުރަން ހިތް ނުރުހެ އެވެ. ޖުމާހަކީ ގިނަ މީހުން ވިސްނާހެން ވިސްނާ މީހެއް ނޫނެވެ. ގިނަ މީހުން އުޅޭ ގޮތަށް އުޅެން ބޭނުންވާ މީހެއް ވެސް ނޫނެވެ. ހަޔާތުގައި ހޭދަ ކުރެވުނު މި އަހަރުތައް ވޭތުވެ ދިޔައީ ދެތިން ކަމެއްގެ މައްޗަށް ބިނާވެ އެވެ. އެއީ އާމްދަނީ ހޯދުމާއި މަންމައަށް އެހީތެރިވުމާއި ރަހުމާއަށް ކިޔަވައިދިނުމުގަ އެވެ.

ޖުމާހު ދިރިއުޅެނީ ރަށެއްގަ އެވެ. ނިސްބަތުން ބޮޑު ރަށެކެވެ. މުއްސަނދި ނޫން ނަމަވެސް ޖުމާހުމެންނަކީ ފޯރުންތެރި ބައެކެވެ. ޖުމާހު ކަމުގޮސްގެން ކިތަންމެ އަންހެން ކުދިންނެއް އުޅެ އެވެ. ހަމުގެ ކުލަ އަލި، ބާމަތި ފުޅާ ޖުމާހަކީ ކުޅިވަރު ކުޅުމަށް ޝައުގުވެރިކަން ހުންނަ މީހެކެވެ. ފުޓްބޯޅަ މެޗެއް ރަށުގައި އޮންނަ ނަމަ ގިނަ އަންހެން ކުދިން ދާނީ ޖުމާހަށް ސަޕޯޓް ކުރާށެވެ. އެކަން އޭނާއަށް ވެސް އެނގެ އެވެ.

"ކަލޭ ދެން ކީއްކުރަން ކުރާ ކަމެއް؟" މޫނުމައްޗަށް ފެންފުޅިއެއް އަޅާލަމުން ނާޒިމް ބުންޏެވެ. މަގުރިބަށް ބަންގި ގޮވުމުން ކުޅުން ހުއްޓާލާފައި ކުޅުންތެރިން ތިބީ ދަނޑުމަތީ އެއްކައިރީގަ އެވެ. ޖުމާހު އިނީ އޮއްސެން ދިޔަ އިރާ ދިމާލަށް ބަލަހައްޓައިގެންނެވެ.

"އޭތް!" ޖުމާހުގެ ކޮނޑުގައި ނާޒިމް ޖަހާލި އެވެ.

"އޭނ؟ ކީކޭ،" ޖުމާހު ސިއްސައިގެން ދިޔަ އެވެ.

"ކަލޭ ކީއްކުރަން ކުރާ ކަމެއް ހޭ އެއީ؟"

"ކޮން ކަމެއްތަ؟" ޖުމާހު އެހި އެވެ.

"މި ރަށު އަންހެންކުދިންގެ ހިތްތައް ހަލާކު ކުރުން. އެ ކުދިން އެ ތިބެނީ ކަލޭގެ ކޮންމެ ހަރަކާތަކަށް ލޯ އަޅައިގެން އަނގަ ހުޅުވިފައި،" މަލާމާތުގެ ރާގެއްގައި ނާޒިމް އެހެން ބުނުމުން އެންމެން އެއްފަހަރާ ހޭން ފެށި އެވެ.

"ހިނގާ ނަމާދަށް. މިހާރު ގަމަތް ދޭން އުޅޭނެ،" ތެދުވަމުން ޖުމާހު ބުންޏެވެ. ކޮންމެ ފަހަރަކު ވެސް ޖުމާހު ހަދާ ގޮތަކީ އެއީ އެވެ. އެފަދަ ވާހަކައެއް ދައްކާ ތަނަކުން ދިޔުމެވެ. ނުވަތަ ވާހަކަ އޮޅުވާލުމެވެ.

މިސްކިތުން ނުކުމެގެން ޖުމާހު ގެއާ ދިމާލަށް ދިޔަ އެވެ. ގެއަށް ދާން ދުއްވަމުން ދިޔައީ ބޮޑެތި ގަސްތަކެއް ހުރި މަގަކުންނެވެ. ނިކަ ގަހާއި ކާނި ގަހެވެ. އުނި ގަހާއި ވަރުކަނދު ގަހެއް ވެސް ހުއްޓެވެ. ދުއްވަމުން ދިޔަ ސައިކަލު ހުއްޓުނީ ވަރުކަނދު ގަސްދޮށަށެވެ. ކަނާއަތް ފަރާތަށް ޖުމާހު އެނބުރިލި އެވެ. ޖުމާހަށް ހީވީ ރަނގަޅަށެވެ. ގަސް ކައިރީ މީހަކު ހުއްޓެވެ. ރަނގަޅަށް ބަލާލުމުން އެއީ ރަހުމާ ހެން ހީވި އެވެ.

"ރަހުމާ! ކީއް ތި ކުރަނީ މި ގަޑީގައި މިތާ؟" ޖުމާހު ހައިރާން ވެފައި އެހި އެވެ. އޭނާ ގަހުގެ ނިވަލަށް ވަތްހެން ހީވި އެވެ. އަނދިރިކަމުން ރީތިކޮށް ސާފެއް ނޫނެވެ. ނަމަވެސް ސައިކަލުގެ އަލި އެޅުމުން ރަހުމާހެން ހީވެގެން ސައިކަލު ހުއްޓާލީ އެވެ.

"ސަކަރާތް ނުޖަހާ ހިނގާ ގެއަށް. އެހެން ނޫނީ މަންމަ ކައިރީ ގޮސް ބުނާނަން މިތާ އެބަ ހުއްޓޭ،" ސައިކަލުން ފައިބަމުން ޖުމާހު ބުންޏެވެ. ގަސް ކައިރިއަށް ނިވާވި ރަހުމާގެ ހަބަރެއް ނުވި އެވެ. ޖުމާހު ޗޮކެއްކަނޑާލާފައި ގޮސް، ގަސް ވަށައިގެން ބަލާލި އެވެ. ރަހުމާއެއް އެތާކު ނެތެވެ. ޖުމާހު ހައިރާންވި އެވެ. ވަށައިގެން ހޯދާލި އެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ވިސްނާލަން ހުރެފައި ސައިކަލަށް އަރައިގެން ދިޔައީ ގެއަށެވެ.

ގެއަށް ވަދެފައި ރަހުމާގެ ކޮޓަރި ކައިރިއަށް ގޮސް ދޮރުގައި ޓަކި ޖެހި އެވެ. ދެތިން ފަހަރު ޖެހުމުން ވެސް ދޮރެއް ނުހުޅުވި އެވެ. ޖުމާހަކީ އަމިއްލައަށް ދޮރު ހުޅުވައިގެން ކޮއްކޮގެ ކޮޓަރިއަށް ދުވަހަކުވެސް ވަތް މީހެއް ނޫނެވެ. ވީމާ މިފަހަރު ވެސް ދޮރު އަމިއްލައަށް ނުހުޅުވައި، އަނެއްކާވެސް ޖަހާލި އެވެ. މިފަހަރު ތަންކޮޅެއް ބާރަށެވެ.

"ދަރިފުޅާ! ކިހިނެއްވީ؟ ރަހުމާ މި އޮތީ މަންމަ ކޮޓަރީގައި،" ސަކީބާ ކޮޓަރިން ބޯ ދިއްކޮށްލާފައި ބުންޏެވެ.

"އޭނަ ގާތު އަހާބަލަ ނިކަގަސްމަގުގައި މިރޭ ކީއްތޯ ކުރީ؟" ހިތްހަމަނުޖެހިފައި ޖުމާހު ބުންޏެވެ.

"ނިކަގަސްމަގުގައި؟ މިރޭ؟" ސަކީބާ ހައިރާންވެފައި އެހި އެވެ.

"އާނ. ގެއަށް ދާން ހިނގާށޭ ބުނީމާ ނޭނގެ ވަނީ ކޮންތާކަށް ކަމެއް ވެސް."

"އެކަމަކު ދަރިފުޅާ، އިރުއޮއްސުނީއްސުރެ އޭނަ އެ އޮންނަނީ މަންމަ ކޮޓަރީގައި. މަންމަ މި އައީ އޭނަ ބަނޑުގައި ރިއްސާތީ ބާމު އުނގުޅައިދީފައި،" ސަކީބާ ބުންޏެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އެޑިޓަރުގެ ނޯޓް:

މި ރޯދަ މަހުގެ ކޮންމެ ދުވަހަކު މި ވާހަކައިގެ އެޕިސޯޑެއް ގެނެސްދޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް