ވާހަކަ: ހިތް އެދި ގޮވާތީ

ވާހަކަ

ވާހަކަ: ހިތް އެދި ގޮވާތީ

 "ހިނގާ އިހަށް އެތެރެއަށް،" ސައިފް އޭނަގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި އަތުލަފިކޮށްގެން ކަހަލަ ގޮތަކަށް އަލުން ގެއަށް ވައްދައިފި އެވެ.

"ބަލިވެތަ ތި އުޅެނީ؟" ޖުމާނާ ސޯފާގައި ބައިންދާފައި ކައިރީގައި އިށީނދެ އެ މޫނަށް ބަލައިލަމުން ސައިފް އޯގާތެރި އަޑަކުން އެހި އެވެ.

"ހޫމް ކުޑަކޮށް،" ޖުމާނާ ނިތުގައި ހިފަހައްޓައިލި އެވެ. އޭނަ އިސްޖަހައިގެން އިނދެލާފައި އިސްއުފުލާލިއިރު ސައިފް ބުމަ ކައިރިކޮށްލައިގެން ބަލަން އިނީ އޭނައާ ދޭތެރޭ ނުހަނު ކަންބޮޑުވެފައިވާ މީހަކު ފަދައިންނެވެ.

"އެކަންޏެއް ނުދެވޭނެ. ހިނގާ އަހަރެން ގެއަށް ގެންގޮސްދޭނަން،" ސައިފް އެ ވަގުތު ވާހަކަދެއްކި އެވެ.

"ޑްރައިވަރު ވެއްޖެ ބޭރުގަ. އެކަންޏެއް ނުވާނެ،" ޖުމާނާ ދުރު ބަލައިލި އެވެ.

"އެކަމަކު އަހަރެން ހިތްހަމައެއްނުޖެހޭ. ހިނގާ އަހަންނާ އެކު ދާން. ބިލާލް ވެސް ފެންނާނެއެއްނު،" ސައިފް ތެދުވެފައި ޖުމާނާގެ އަތުގައި ހިފާ ކޮޅަށް ނެގި އެވެ.

ޖަވާބުގައި ބުނަން އެތައް އެއްޗެއް ހިތަށް އެރި ނަމަވެސް ޖުމާނާ ނިންމީ މަޑުން ހުންނާށެވެ. އޭނަ މަޑުމަޑުން ބޯޖަހައިލާފައި ސައިފްއާ އެކީ ގެއިން ނިކުންނަން ދިޔަ އެވެ.

ކާރުގައި އިންއިރު ޖުމާނާގެ ނަޒަރު ސައިފްގެ މޫނަށް ހުއްޓިފައިވި އެވެ. ސައިފްއަށް އެކަން އިހްސާސްވެގެން ނޫން ކަމެއް ނޭނގެ އެވެ. ބަލާލައިފި އެވެ. ވަގު ހިފީމަ ވެސް ޖުމާނާއަށް ނަޒަރު ބަދަލުކޮށެއްނުލެވުނެވެ. ސައިފް އެ ވަގުތު ލުއި ހިނިތުންވުމެއް ވެރިކޮށްލި އެވެ. ޖުމާނާ ދުރު ބަލައިލީ ދެނެވެ. ސައިފްގެ އެ އަމަލުން ފުރަތަމަ ފަހަރަށް ބީރައްޓެހިކަން އިހްސާސްވީ ކީއްވެ ކަމެއް ނޭނގުނެވެ. ރުޅިއަންނާނީ ވެސް ލޯބިވާ މީހުންނެވެ. އެކަމަކު ސައިފްގެ އެ ހިނިތުންވުމުން ދޭހަވީ އޭނައަކީ މިހާރު ދުރު މީހެއް ކަމެވެ.

މެއިޑު ދޮރު ހުޅުވާލުމާ އެކު ޖުމާނާ ބަލައިލީ ސައިފްއަށެވެ.

"ބިލާލް ވާނީ ކޮޓަރީގަ. ހިނގާ ސިޓިންރޫމްގަ މަޑުކޮށްލަން،" ސައިފް ހިޔާލު ބަދަލުވެގެން ނުވަދެ ހިނގައިދާނެތީ ޖުމާނާ ބުނެލި އެވެ.

ސައިފް އެ ވަގުތު ބޯޖަހާލައިފައި ޖުމާނާގެ ފަހަތުން ވަނެވެ. ސިޓިންރޫމް ސޯފާތަކަށް އިޝާރާތްކޮށްލާފައި ޖުމާނާ އަވަސްވެގަތީ ސިޑިއާ ދިމާއަށެވެ. ދެކޮޅު ބަލާލައިފައި ސައިފް ގޮސް އިށީނދެލީ ސިޑިއާ ފުރަގަސްވާ ގޮތަށް ވަކިން ހުރި ސޯފާ ގޮނޑީގަ އެވެ. މޭޒުމަތީ އޮތް ފޮތެއް ނަގައި ގަނޑު އުކާލައުކާލާ އިންދާ ކޮންމެވެސް މީހަކު އެ ދިމާއަށް އަންނަ އަޑު އިވިގެން އެނބުރި ބަލައިލެވުނެވެ.

"މި ގޭގަ ކީއް ތި ކުރަނީ؟ ކާކު މި ގެއަށް ވެއްދީ؟" ޒުބައިރުއަށް ސައިފްކަން އެނގުމާ އެކު ފިޔަވަޅުތައް ހަލުވިވި އެވެ.

 އޭނަ އަވަސް އަވަހަށް އައިސް ސައިފް ކައިރިއަށް ހުއްޓުމާ އެކު ސައިފް ވެސް ކޮޅަށް ތެދުވެއްޖެ އެވެ.

"މި ގޭގަ މިހާރު ކަލެއަށް ނިސްބަތްވާ އެކައްޗެއް ވެސް ނެތް. އަހަރެން އަތުން ފައިން ގޯސް ނުހަދަނީސް ނިކުމެގެން ރައްކާވޭ!" ޒުބައިރު ދެކޮޅު ބަލާލައިފައި ކުރިއަށް ޖެހިލި ގޮތުން ހީވީ ސައިފްގެ ގައިގައި ޖަހައިފާނެ ހެންނެވެ.

"ސައިފް!" ޖުމާނާ އަވަސްއަވަހަށް އެ ދިމާއަށް އަންނަމުން ގޮވާލި އަޑަށް ޒުބައިރުއާ ދެ މީހުންގެ ނަޒަރު ޖުމާއަށް ހުއްޓުނެވެ. ކައިރީގައި އަދި ބިލާލް ވެސް ހުއްޓެވެ.

"ރަނގަޅަކަށް ނޫން ތި ކިޔަނީ. އަހަރެންގެ ވައިފް ވެސް ދަރިފުޅު ވެސް މި ހުރީ މިތާނގަ. އެކަމަކު މިއަދު މި ގެއިން ނިކުމެގެންދާނީ ދެ މީހުން ވެސް ގޮވައިގެން،" ޒުބައިރު ޖުމާނާއަށް ބަލައިލި ގޮތް ފާހަގަވެގެން ލޭ ކެކެން ފެށި ގޮތަށް ކިރިޔާ ވެސް އެ ހިތަށް ފިނިކަމެއް ލިބުނީ ޖުމާނާ އައިސް ކައިރިވުމާ އެކު އަތުގައި ހިފާ ދަމާލައިފައި ގެނެސް ކޮނޑާ ހިސާބުން ވަށާލައި ގާތްކޮށްލެވުނީމަ އެވެ.

"ޖުމާ އަދިވެސް ބަލަން ހުންނަނީތަ؟ ގެޓް ހިޒް ޑާޓީ ހޭންޑްސް އޯފް ޔޫ. އެހެން ނޫނީ އަހަންނަށް ޖެހިދާނެ އެކަން ކުރަން،" ޒުބައިރު ދެ ދަތްޕިލާ ޖައްސައިގެން ވާހަކަދެއްކި ނަމަވެސް ވާހަކަދެއްކީ ތަންކޮޅެއް މަޑުންނެވެ.

ބިލާލް އައި ގޮތަށް ސައިފްގެ އަނެއް އަތުގައި ހިފާލައިފައި ލޯތްބާ އެކު އެ މޫނަށް ބަލާލައިފި އެވެ. ސައިފް ވެސް އެ ބެލުން ރައްދުކުރި އެވެ.

"ދޮންބެއަށް ރަނގަޅު މައުލޫމާތުތަކެއް ނޫން ލިބިފަ ތި ހުރީ. ޒާރާ ދޮގު ހެދި މީހަކީ. ހީޒް އިނޮސެންޓް. އުމާމާ ގުޅައިގެން އަހަންނަށް ހުރިހާ ވާހަކައެއް ކިޔައިދިނީ،" ޒޯޔާ ވެސް ކޮންމެވެސް ދިމާއަކުން ނިކުމެގެން އައި ގޮތަށް އައިސް ޒުބައިރުގެ މުލައްދަނޑީގައި ހިފާ ދުރަށް ގެންދަން ހިފާލަމުން ސައިފް އާއި ޖުމާނާއަށް ބަލައިލި އެވެ.

"ކޮން... ޒާރާ ދޮގު ހެދީއޭ؟ އުމާމާ..." ޒުބައިރު ބުމަ ކައިރިކޮށްލަމުން ޒޯޔާއަށް ބަލައިލީ އޮޅުންއަރާ ގޮތް ވެފަ އެވެ. އޭނައަށް ޒޯޔާ އެ ދެއްކި ވާހަކަތަކެއް ނުވިސްނުނެވެ.

"ހޫމް ޒާރާ އެއީ އުމާމާގެ ކަޒިން. އަހަރެން ރައްޔާންބެ ކައިރީ އެ ވާހަކަ ކިޔާފަ އިނީމަ ކަންނޭނގެ އުމާމާ ކުޑަ ދުވަސްކޮޅެއް ކުރިން ގުޅައިގެން އުޅުނު ގަޑީ އަނެއްކާ އެހީމަ އަހަރެން ބުނީ،" އޭނަ އުމާމާ ކައިރީ އެ މީހުންގެ ވާހަކަ ދެއްކިކަން އެއްބަސްވީއިރު ޒޯޔާ ލަދުން ކުޑަކޮށް އިސްޖަހައިލި އެވެ. ޒުބައިރުއަށް އަދި އެނގިފަ އޮތަސް އުމާމާގެ ދެބެންގެދެދަރި ކުއްޖެކޭ ބުނެލީ ވެސް އިތުރަށް ހަނދާން އާކޮށްދިނުމުގެ ގޮތުންނެވެ.

ޒުބައިރު އެއް ފަހަރު ޒޯޔާއަށް އަނެއް ފަހަރު ޖުމާނާއަށް ބަލައިލި ވަގުތު ޖުމާނާ ވެސް އެއީ ތެދެއްކަން އަންގައިދޭން ބޯ ޖަހައިލި އެވެ.

ޒުބައިރުއަށް ވަގުތުން ދެ ފިޔަވަޅު ފަހަތަށް ޖެހިލެވުނެވެ. ނިތްކުރީގައި ހިފަހައްޓާލައިފައި ތިރިކޮށްލަމުން އޭނަ ކޮންމެވެސް އެއްޗެކޭ ބުނަން އުޅުނެވެ. ދެން އެތަނުން ހިނގައިގަތް ގޮތަށް ގޮސް ކޮންމެވެސް ދިމާއަކަށް ވަދެ ގެއްލިއްޖެ އެވެ. ޖުމާނާ ވީ ސައިފް މޫނުގައި ޒުބައިރު ޖެހި ހަނދާނެވެ. އަދި އެގޮތަށް ނިކުމެގެން ދިއުމުގެ ކުރިން ސައިފްގެ ފުށުން ޒުބައިރު މާފަށް އެދެން ޖެހޭނެ ކަމުގައި ގަބޫލުކުރެވުނެވެ.

"ކިހިނެއް ހަދަންވީ؟ މި ގަޑީގަ ޕެކްކުރަންދެން މަޑުކުރަންވީތަ؟ ނޫނީ ފަހުން މި ގޭ މީހުންގެ ހަވާލުގަ ޕެކްކޮށްފަ ފޮނުވާނީތަ؟" ސައިފް ޖުމާނާއަށް ބަލައިލަމުން ހިނިއައިސްފައި ސުވާލުކުރި އެވެ.

"އަހަންނަށް އެނގޭ އެއްޗަކީ ކޮންމެ އިރަކު ޕެކްކުރިއަސް ސައިފް އެކަނި ނިކުމެގެންދިޔަ ނުދޭނަންކަން. އަހަރެން ގޮވައިގެން ދާ ތާކަށް ދާން ޖެހޭނީ،" ޒުބައިރު ގޮސް ގެއްލުނު ދިމާއަށް ބަލަން ހުރެފައި ޖުމާނާ ވެސް ވަގުތުން ޖަވާބުދިނެވެ.

"އަހަރެން ޕެކްކޮށްފަ ފޮނުވަދޭނަން،" ޒޯޔާ އިއްވައިލި އެވެ.

"ދޭ ފުރަތަމަ ދައްތަމެންނަށް ގޮވާދޭން!" ޖުމާނާ ޒޯޔާ ކުރެން އެދުނެވެ.

***

 ހަތަރު އަހަރު ފަސް

"އަނބި ގަބޫލުކޮށްފިން،" އައްމާރުގެ އަޑު އިވިގެން ދިޔަ އެވެ.

ދުއާއަށް ނެގި އަތްތައް ތިރިކޮށްލުމާ އެކު އެންމެން ތެދުވެ އެކަކު އަނެކަކާ ސަލާންގަލާންކޮށް މަރުހަބާ އާއި މުބާރިކްބާދީ ދޭން ފެށި އެވެ. އެންމެން އެކަމުގައި މަޝްއޫލުވެފައި ތިއްބާ، ހުދު ކުލައިގެ ހެދުންކޮޅެއްގައި ހުރި ކުޑަ އަންހެންކުއްޖަކު ދުއްވައިގެންފައި ތަންކޮޅަކަށް ދިޔަތަނާ ހެދުމުގެ ފަސްބަޔަށް އެރިފައި އަނގަވަތަށް ވެއްޓިއްޖެ އެވެ.

"މަގޭ ދަރި،" އެންމެން އެއް އަޑުން ކިޔާލި އެވެ.

ސައިފް އެންމެ ކުރިން ގޮސް ތުއްތުކުއްޖާ ނަގައި އުރާލި އެވެ. މޭގައި ޖައްސާލައިގެން އެ ކުއްޖާ ރުއްސަން އެކިއެކި ވާހަކަދައްކަމުން އައިސް ހުއްޓުނީ ޖުމާނާ ކައިރިއަށެވެ. ޖުމާނާގެ އުރުގައި އިން އެއަށް ވުރެ ކުޑަ އަންހެންކުއްޖަކު ސައިފް އަތަށް ދީފައި ރޮއެރޮއެ އިން ދަރިފުޅު އުރާލައިގެން މަސަލަސްކުރަން އުޅެގަތެވެ. ޒޯޔާ އާއި އަމީރާ އައިސް ޖުމާނާއާ ކައިރިވި އެވެ.

ސުލްތާން އާއި ޒުބައިރު ދާން ފެށީ ހެކިވެރިންނާއި ގާޒީ ގޮވައިގެން ކާ ކޮޓަރިއާ ދިމާއަށެވެ. ފަހަތުން އުމާމާ އާއި އަމީރާ ދިޔަ އެވެ. ޒޯޔާ ދެން ލެފިލީ އެތާ ހުރި އިތުރު ދެ ކުއްޖަކާ އެކު އައްމާރުގެ އަންހެނުން ކައިރި އަށެވެ.

ހަމައެކަނި އާއިލާ އާއި އެންމެ ގާތް އެކުވެރިންނަށް ބޭއްވި ކުޑަކުޑަ އުފާވެރި ހަފްލާ ނުނިމެނީސް ޖުމާނާއަށް ޖެހުނީ ކުދިވެރިން ނިންދަވަން ކޮޓަރިއަށް އަންނާށެވެ. ބިލާލް އާއި އަލްޔާ މިހާރު ބޮޑަސް އެ ކުދިން ކައިރީ ސަކަރާތް ބޮޑުނުކޮށް އުޅެން ނަސޭހަތްދިނެވެ. ސައިފްއަށް ވުރެ ވެސް އިސްކޮޅުން ދެމިލާފައި ޒުވާންވެފައި ހުރި މާޒް ކައިރީ އެ ކުދިންނަށް ބަލާލަން ބުނެލި އެވެ.  

ކުދިވެރިން ފެންވަރުވައިގެން ނެރެ ނިދަން ތައްޔާރުކޮށްފައި އެނދަށް އަރައި އޮވެ އާދައިގެ މަތިން ރީތި އިސްލާމީ ވާހަކަތައް ކިޔައިދިނެވެ. ދުއާ ކިޔައިދީ ނިމުނުއިރު ދެ ކުދިން އާފުރިއްޖެ އެވެ. ތެދުވެގެން ދާން ގަސްތުކޮށްގެން ޖުމާނާ ވެސް އެ ކުދިން ކައިރީ ރީތިކޮށް އޮށޯވެލި އެވެ. އޭނައަށް ދެން ހޭލެވުނީ ސައިފް އައިސް މޫނުގައި ކޮށްޓަނިކޮށެވެ.

"ހޭލެވިއްޖެ ދޯ. ހިނގާ ކާން،" ސައިފް ޖުމާނާގެ އަތުގައި ހިފާ އެނދުން ނެގި އެވެ.

ނިދި ފިލުވާލުމުގެ ގޮތުން މޫނު ދޮވެލަން ވެގެން އޭނަ ފުރަތަމަ ދިޔައީ ފާހާނާއަށެވެ. ނިކުތްއިރު ސައިފް ހުވަފެނީ ނަޒަރަކުން ދެ ދަރިންނަށް ބަލަހައްޓައިގެން ހުއްޓެވެ.

"ކޯއްޗެއް ތި ވިސްނަނީ؟" ޖުމާނާ އައިސް ސައިފްގެ ކައިރިއަށް ހުއްޓި ކޮނޑުގައި ބޯއަޅައިލި އެވެ.

"ހިތަށް މި އަރަނީ ﷲ ދެއްވި އަދަދުނުވާ ނިއުމަތްތައް މަތިން،" ސައިފް ޖުމާނާގެ ނިތުގައި ބޮސްދިނެވެ. "އެން ޔޫ އާ މައި ބިގެސްޓް ބްލެސިން މައި ލަވް."

ޖުމާނާ ހިނިތުންވެލަމުން ލޯބިވެއޭ ބުނެލި ގޮތަށް ސައިފް ހިނިތުންވެލީ ގޮތުން ރަކިވެގެން އެ މޭގައި މޫނު ފޮރުވި އެވެ. އިރުކޮޅަކުން ޖުމާނާ ނިކުންނަން ތައްޔާރުވެގެން އަތުގުޅާލައިގެން ދެ މީހުން ފޭބީ ތިރިއަށެވެ.

***

"އަދިވެސް ގަޑިއެއް ނުޖެހޭތަ؟" ރައްޔާން ކެތްމަދުވެފައި އެހި އެވެ.

"އެއް މިނިޓް ދެން އިނީ،" އުމާމާ ފޯނަށް ބަލައިލި އެވެ.

ސައިޑް ޓޭބަލް ކައިރީ ދެ މީހުން ހުއްޓިލައިގެން ތިބި އިރު ޓިޝޫއެއްގެ މަތީ ބަންޑުން ބާއްވާފައިވާ ޕްރެގްނެންސީ ޓެސްޓް ކިޓަށް ލޯ ހުއްޓާލައިގެން ތިބޭތާ އަށް މިނިޓް ވަނީ އެވެ. އެކަމަކު އެއީ އެ މީހުންގެ ދިރިއުޅުމުގެ އެންމެ ދިގު އަށް މިނިޓްކަން ޔަގީނެވެ.

"ގަޑި ހަމަވެއްޖެ،" ރައްޔާން އުމާމާއަށް ވުރެ ކުރިން ކިޓް ނަގައި އަނެއް ފުށަށް ޖެހީ އުމާމާ އެ ނަގަން އަތް ދިއްކޮށްކޮށް ހުއްޓަ އެވެ.

އުމާމާ އެ ވަގުތު ރައްޔާންގެ ކޮނޑުގައި ޖަހަން އުޅެފައި ލޯ ބޮޑުކޮށްލި ގޮތަށް އެ އަތް އެޅީ އަނގަމަތީގަ އެވެ.

ރައްޔާންގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވި އެވެ. އޭނަ އުމާމާއަށް ބަލާލިއިރު އުމާމާގެ ދެ ލޮލުން ކަރުނަ އަތުވެއްޖެ އެވެ. އަތްތިރިކޮށްލި ގޮތަށް އުމާމާ އެނބުރުނީ އަނެއްފަރާތަށެވެ.

"އުމާމާ،" ރައްޔާން އުމާމާގެ ކޮނޑުގައި ހިފާ އަނބުރާލައިފައި ގެނެސް މޭގައި ޖައްސާލި އެވެ.

އުމާމާގެ ބަޑި ފަޅައިގެން ދިޔައީ ދެނެވެ.

"އޭ. އުމާމާ ހުއްޓާލަބަލަ! ތިވަރަށް ރޮންޏާ އަހަންނަށް ހީވާނީ އުމާމާ ދެރަވެގެން ރޮނީކަމަށެއްނު،" ރައްޔާން އުމާމާގެ ކޮނޑުގައި ހިފާ ކުޑަކޮށް ތަޅުވައިގެންފައި ވާހަކަދެއްކި އެވެ.

އުމާމާގެ ރައްދު އައީ ރައްޔާންގެ ކޮނޑަށް އަމާޒުކޮށްލި ގޮށްމުށުގެ އެތިފަހަރަކުންނެވެ. ރައްޔާންގެ ހިނިގަނޑު ފަޅައިގެން ދިޔަ އެވެ.

"އަލްހަމްދުލިއްލާހި. އަހަރެމެން ޕޭރެންޓުންނަށް ވަނީ،" ރައްޔާން އުމާމާގެ މޫނުގައި ހިފާ ދުރުކޮށްލާފައި އެ ދެ ލޮލަށް ބަލަން ހުރެގެން ހިނިތުންވެފައި ވާހަކަދެއްކި އެވެ.

އުފާވެރިކަމުގެ މުތީތައް ވިދަމުންދިޔަ ލޮލާ އެކު އުމާމާ ވެސް ބޯޖަހައިލި އެވެ. "އަލްހަމްދުލިއްލާހި."

އެރޭ ނިދަން އޮވެފައި އުމާމާއަށް ނުނިދިގެން ތެދުވެގެން އައީ ބެލްކަންޏަށެވެ. ފޯނަށް ބަލަން ހުރެފައި ދޮންމަންމަގެ ނަންބަރަށް ގުޅައިލީ އޭނަގެ އާއިލާ ތެރެއިން އެ ހަބަރު ލިބުމުން އެންމެ އުފާވާނީ އައިޝާ އާއި ދޮންމަންމަކަން އެނގޭތީ އެވެ. ފާއިތުވި އަހަރުތަކުގައި އެތައް ކަމެއް ވަނީ ބަދަލުވެފަ އެވެ. ދޮންމަންމަ އާއި ބައްޕަ ވަރިވި ފަހުން އުމާމާ އާއި އެ މީހުންނާ އޮތް ގުޅުން މަޑުމަޑުން އައީ ރަނގަޅުވެގެންނެވެ. ހިތުގައި ގިލަންވެރިކަމެއް ނުބަހައްޓާ އިސްވެ ކޮއްކޮއާ ގުޅުން އުފެއްދީ އުމާމާ އެވެ. އޭގެ ނަތީޖާއަކަށްވީ ދޮންމަންމަގެ ހިތް ވެސް ސާފުވުމެވެ. ބައްޕައަކީ ފެށުނީއްސުރެ ވެސް އަމިއްލަ އެދުމުން ފޯވެފައި ހުރި މީހެކެވެ. ރައްޔާން އާއި އޭނަގެ ކައިވެންޏަކީ ވެސް އޭނަ މެދުވެރިކޮށް މަންމަގެ ވިޔަފާރި އާއި އޭގެ އިތުރުން ވެސް ލިބެން އޮތް މުއްސަނދިކަމެއް ވިއްޔާ ހޯދަން ބައްޕަ ކުރުވި ކަމެކެވެ. ފާޑުފާޑުގެ ބިރުދައްކައި ބްލެކްމެއިލްކުރަން މަސައްކަތްކޮށް އެންމެފަހުން މަންމަގެ ހިއްސާ ހޯދަން ބައްޕަ ކޯޓަށް ވެސް ދިޔަ އެވެ. އެކަމަކު ފެށުނީއްސުރެ އުމާމާއަށް ދީފައި އޮތް އެއްވެސް އެއްޗެއް ބައްޕައަށް ލިބޭނެ ގޮތެއް އޮންނާނެ ހެއްޔެވެ؟ އެންމެފަހުން ބައްޕައަށް ޖެހުނީ ބަލި ގަބޫލުކުރާށެވެ.

އެހެން އުޅެނިކޮށް އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަކަށް ފަހު މިހާރު އިންނަނީ ނުހިނގިފައި ގޮނޑިއެއްގަ އެވެ. އުމާމާ ގަވާއިދުން ހާލު ބަލަން ގޮސް ކަންތައް ކޮށްދޭއިރު ވެސް އޭނަ އެ ގެއަށް ވަނީއްސުރެ ނިކުންނަންދެން ބައްޕަ ލަވާނީ ހަޅޭކެވެ. އުމާމާ އެ އަޑުތަކަށް ދެނީ ބީރު ކަންފަތެކެވެ. އޭނަ ދަނީ ހަމައެކަނި ވާޖިބު އަދާކުރާށެވެ.

ދެން އުޅޭނީ ޒާރާ އެވެ. ސައިފް އާއި ޖުމާނާއާ ދޭތެރޭ ޒާރާ ހިންގައިލި ކަންތައްގަނޑަށް ފަހު ދުވަސްކޮޅެއް ވަންދެން އެ ދެ މީހުންގެ ގުޅުމަށް ބޮޑު ހީނަރުކަމެއް އައިސްފައިވި އެވެ. އެކަމަކު ފަހުން ޒާރާ މާފަށް އެދި އުމާމާގެ އެކުވެރިކަމަށް އަލުން އާދޭސްކުރުމުން އުމާމާ ވެސް އެ އަތުގައި ހިފި އެވެ. ދުނިޔެއަކީ އަދި ހުރިހާ ކަމަކަށް އިންސާފު ލިބެން އޮތް ތަނެއް ނޫނެވެ. ހުރިހާ ކަމެއް ރަނގަޅެއް ވެސް ނުވާނެ އެވެ. ޖުމާނާމެން ޒާރާއަށް މާފުނުކުރިއަސް އޭނަގެ މައްސަލައެއް ނެތެވެ. އެކަމަކު ޒާރާއަކީ އޭނަގެ ތިމާގެ ކުއްޖެކެވެ. އެ ގުޅުން އޭނަ ޖެހޭނީ ދަމަހައްޓާށެވެ.

"ނުނިދަންތަ؟" އުމާމާ ފޯނު ބޭއްވި ފަހުން ފަހަތުން ރައްޔާންގެ އަޑު އިވިފައި އުމާމާ ކުޑަކޮށް ސިހުނެވެ.

ރައްޔާން އޭނަގެ ފަހަތުގައި ހުއްޓި ހުރެ ދެ އަތުން އުނަގަނޑު ވަށާލުމާ އެކު އުމާމާ އެ ހަށިގަނޑުގައި ލައްވެލި އެވެ.

"މާބޮޑަށް އުފާވީމަ ނިންޖެއް ނައި،" އުމާމާ ބުނީ ތެދަށެވެ.

"އަހަރެން ވެސް ނިދާ ކަމަށް ހެދިގެން އޮތީ މިއޮތް ހުރިހާ އިރު،" ރައްޔާންގެ ޖަވާބު އިވިފައި އުމާމާ ގާތަށް ހިނިއަ އެވެ.

"މައި ފެވަރިޓް ސައުންޑް،" ރައްޔާންގެ އަޑުގައި ހިނިތުންވުމުގެ އަސަރުވި އެވެ.

"މައި ފެވަރިޓް މޭން، ހަޒްބެންޑް އެން ޑޭޑް،" އުމާމާ ރައްދުދިނެވެ.

ރައްޔާން އުމާމާގެ ދަތްދޮޅީގައި ހިފާ މައްޗަށް އުފުލާލައިފައި އެހުރި ގޮތަށް ހުރެގެން ނިތުގައި ތުންފަތް ޖައްސައިލި އެވެ. ދެން އުމާމާ އިސްތިރިކޮށްލުމުން ދަތްދޮޅި އަޅުވައިލީ އޭނަގެ ބޮލުގަ އެވެ. ދުރުން ވިދަމުން ދިޔަ ތަރިތަކަށް ނަޒަރު ހުއްޓާލައިގެން ދެ ޒުވާނުން ތިބިއިރު ލޮލުގައި ވީ ކުލަ ރީތި މުޅިން އާ މުސްތަގުބަލެއްގެ ހުވަފެންތަކުގެ ވިދުވަރެވެ.

(ނިމުނީ)

ކޮމެންޓް (6)

ސަނައްޓޭ

8 މާރިޗު 2024
އަޅެ.ނިންމާލީތަ. ވަރަށް ރީތި. ޔަސްމާ އިޒް ބެސްޓް. އަހަރެން އެންމެ ލައިކްވަނީ ޔަސްމާގެ ވާހަކަ ތަކުގައި ނުހުންނާނޭ ފާހިޝް އަމަލަށް ހިތްވަރު ދީފައެއް. ވަރަށް ދީންވެރި ޑައުންޓު އާރތް ވާނެ. ރޯދަމަހު ކުރުވާހަކަ ގެންނައްޗޭ ޔަސް
4 2

މާޝާ

8 މާރިޗު 2024
ނިމުނީތަ؟ ވަރަށްް ރީތިި ވާހަކައެއްް. މިި ކަހަލަަ ރީތިި އެހެންް ވާހަކައަކަށްް އިންތިޒާރުު ކުރަންް. ޔަސްމާާ އަށާާ ވާހަކަަ ކިޔާާ ކުދިންނަށްް ރަމަޟާންް ކަރީމް!
7 2

ފޭން

8 މާރިޗު 2024
ވާހަކަ ކިޔާ ނިމުނު އިރު ހީވީ ގަނޑުވަރެއްތެރޭ ހުރެވުނުހެން. ނިމުންވެސް ރީތި.
5 1

ޢައިޝާ

8 މާރިޗު 2024
ޒުބައިރު މާފަށް އެދުނުތަ؟
1 1

ސައިފް

8 މާރިޗު 2024
ގަޓު ޒުބައިރު ބާކީވީ ދޯ.
1 0

ޒާނާ

8 މާރިޗު 2024
ވަރަށް ރީތި ޔަސްމާގެ މިވާހަކަވެސް. ފެށިގެން ނިމެންދެންވެސް ވަރަށް ޝައުގުވެރިކަމާއި އެކު ކިޔާހިތުން ކިޔާލި ވާހައެއް މިވެސް. ޔަސްމާގެ އާ ވާހަކައަކަށް އިންތިޒާރު ކުރަން. ލަސްނުކޮއް ގެނެސްދެއްޗޭ.
8 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް