ވާހަކަ: ހިތް އެދި ގޮވާތީ
"ޒާރާ ޖުމާނާ ކައިރީ ދެއްކި ހުރިހާ ވާހަކައަކީ ވެސް ދޮގު. ސައިފްގެ އެއްވެސް ކުށެއް ނެތް. އެކަމުގެ ހެއްކަކީ އަހަރެން. ސައިފް އާއި ޒާރާއާ އެކު ކިޔަވަން އުޅުނު އަނެކަކަކީ އަހަރެން،" އުމާމާ ސާފު ބަހުން ހާމަކޮށްލި އެވެ.
ޖުމާނާއަށް ވަގުތުން އިން ތަނުން ތެދުވެވުނެވެ.
އުމާމާ ވަރަށް ތަފްސީލުކޮށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ކިޔަވަން އުޅުނުއިރު އޭނަ ފަހަތުން ސައިފް އުޅުނަސް އެންމެ ފަހަރަކު ވެސް ޒާރާއާ ކުޑަމިނުން އަނގައިން ވެސް ބުނެނުލާކަން ހާމަކުރި އެވެ. އަދި ޒާރާ ފެށުނީއްސުރެ ވެސް ސައިފްއާ ގަޔާވާކަން އެއީ އޭނައަށް ސިއްރުވެފައިވާ ކަމެއް ނޫނެވެ. ހުދު އުމާމާ ވެސް އެންމެ ހައިރާންވީ ސައިފް ހާސިލްކުރަން ޒާރާ އެހާ ދަށު ދަރަޖައަކަށް ވެއްޓުނީތީ އެވެ.
"ޖުމާ ބުނެބަލަ އޭނައަށް އެހާ ބޮޑު ދެރައެއް ލިބުނުއިރު އަހަރެންގެ ނަން ވެސް ބުނެނުލާ އެ ހުންނަނީ އަހަރެންގެ ނަމަށް ހުތުރެއް އަތުވެދާނެ ކަމަށް. އެވަރުގެ މީހަކު ހީވޭތަ އެހެން މީހަކަށް ލަނޑެއް ދީފާނެހެން؟" އުމާމާގެ ވާހަކަތައް ނިމުނު ފަހުން ޖުމާނާއާ ސުވާލުކުރިއެވެ.
ޖުމާނާއަށް ވާހަކަނުދެއްކިގެން ދެ ފަރާތަށް ބޯ ހޫރުވައިލެވުނެވެ. އުމާމާއަށް އޭނަގެ އެއްވެސް ހަރަކާތެއް ނުފެންނާނެކަން ވެސް އެނގި ހުރެ އެވެ. ވާހަކަދައްކާނެ ހިތްވަރެއް އޭނަގެ ނެތެވެ. އެ ދެ ލޯ ފުރިގެން ކަރުނަ ފައިބަމުން ދިޔައިރު އަވަހަށް އަނގަމަތީ އަތް އަޅައިނުލި ނަމަ ރުއިމުގެ އަޑު ވެސް ބޭރުވީހެވެ.
ފޯނު ބޭއްވި ގޮތަށް ޖުމާނާއަށް އެނދުގައި އިށީނދެވުނީ އެވެ. ހިލައިގެ ބުދެއްހެން އެގޮތުގައި އޭނަ އެތައް އިރަކު އިނެވެ. ސައިފްއާ އޭނަ ކުރިމަތިލާނީ ކޮން މޫނަކައިގެން ހެއްޔެވެ؟ މާފަށް އެދޭނީ ކޮން ދުލަކުން ހެއްޔެވެ؟ ދެން އެކަކަށް ވެސް އޭނަގެ ކައިވެނި ސަލާމަތެއް ނުކުރެވޭނެ އެވެ. ސައިފް އޭނައާ އެކު އަލުން އުޅޭކަށް ބޭނުމެއް ނުވާނެ އެވެ. އޭނަ ސައިފްއަށް އިތުބާރު ކުރުން ހުއްޓާލުމުން ސައިފްގެ އިތުބާރު ވެސް އޭނަގެ މައްޗަށް މިހާރު އޮންނާނީ ކެނޑިފަ އެވެ. އެއީ އެކަން ވާން ވެސް ޖެހޭ ގޮތެވެ.
***
ޖުމާނާއަށް ހިތްވަރު ލިބުނީ މާޒްގެ ފޯނު ކޯލެއް ލިބުނީމަ އެވެ. މާޒް ސުވާލުކުރީ ދޮންބެއާ ޖުމާނާ ބައްދަލުވިތޯ އެވެ. މާޒް ގުޅީ ދޮންބެ މާލެ ދިޔަ ވާހަކަ ޖުމާނާއަށް އަންގަންވެގެންނެވެ. ޖުމާނާ ސުވާލުކޮށްލުމުން ސައިފް ހުރި ތަނުގެ އެޑްރެސް ވެސް މާޒް ދީފިއެވެ. އޭނަ އެހި އެހުމުން އެނގުނީ ސައިފް މާލެ އައީ ކުދިވެރިން ގޮވައިގެން ކަމެވެ. އަދި އެކުދިން ގޮވައިގެން ތިބެނީ މާލޭގައި ހުރި ކޮންމެވެސް ވަރަކަށް ތިމާގެ ގެއެއްގައި ކަމެވެ.
"ޖުމާ!" ތައްޔާރުވެލައިގެން ޖުމާނާ ގެއިން ނިކުންނަން ދަނިކޮށް ޒުބައިރު ގެއަށް ވަނީ ބިލާލް ގޮވައިގެންނެވެ.
"ތަނަކަށް ދާންތަ ތި ދަނީ؟ އަހަރެން ގެންގޮސްދެންތަ؟" ބިލާލް ޒުބައިރުގެ އަތުން ދޫކޮށްލާފައި އެތެރެއަށް ދުއްވައިގަތުމާ އެކު ޖުމާނާގެ އަތްދަބަހަށް ނަޒަރެއް ދީފައި ޒުބައިރު އެހި އެވެ.
"އުނހު. އަހަރެން އެކަނި ހިނގައިދާނަން،" ޖުމާނާ މަނާވެގަތެވެ.
ޒުބައިރުއަށް ބުމަ ކައިރިކޮށްލެވުނެވެ. ޖުމާނާގެ އެ ފަސްޖެހުން މާނަ ކުރަންވީ ގޮތެއް އޭނައަކަށް ނުވިސްނުނެވެ.
ޒުބައިރު އިތުރު އެއްޗެއް ނުބުނަނީސް ޖުމާނާ އަވަހަށް ބޭރަށް ދެމިގެންފައި ގޮސް ލޯމަތިން ގެއްލިއްޖެ އެވެ.
ޓެކްސީ އިން ފައިބައިގެން ހޯދަމުން ގޮސް ސައިފް ހުންނަ ގޭގެ ދޮރުމައްޗަށް ހުއްޓިފައި ޖުމާނާ ބެލް ޖެހި އެވެ. އެތެރެއިން ދޮރު ހުޅުވީ މުސްކުޅިވަރެއްގެ ފިރިހެނެކެވެ. އެމީހާ ޖުމާނާގެ ލޮލަށް ބަލާލީ ބީރައްޓެހި ނަޒަރަކުންނެވެ.
"ސައިފް އުޅޭތަ؟" ޖުމާނާ އަހައިލި އެވެ.
"އެބަ އުޅޭ އެތެރޭގަ. ވަދޭ!" ފިރިހެންމީހާ ޖުމާނާ ވަންނަން ތަން ދައްކާފައި ފަހަތަށް ޖެހުނެވެ.
އޭނަ ވަނުމާ އެކު ދޮރު ލައްޕާލައިފައި އެނބުރެން ވާއިރަށް ޖުމާނާ ވަށައިގެން ނަޒަރު ހިންގައިލި އެވެ. ކުޑަކުޑަ ސިޓިންރޫމްގައި ޓީވީ އަކާއި ސޯފާ ސެޓެއް ބަހައްޓާފައި ހުރިއިރު އެއް ކަނެއްގައި ލިޔާ މޭޒަކާއި ފޮތް ހަރެއް ހުއްޓެވެ. އަދި އެކި ކަހަލަ ފޮށިގަނޑުތައް ބަރިބަރިއަށް އަރުވައި ބޮޑު ބައެއް ފުރިފައިވާ ތަންކޮޅެކެވެ. އެންމެ ކައިރިން ވަދެވެން ހުރީ ހީވާގޮތުން ކާ ކޮޓަރިއަށެވެ. އެތަނުން ބަޔަކު ވާހަކަދައްކާ އަޑު އައިސްއައިސް ހުއްޓެވެ. އެ ދިމާއިން އުލާގެ އަޑު އިވުނުހެން ހީވެގެން ޖުމާނާއަށް ކަންފަތް ހުޅުވައިލެވުނެވެ.
"ކޮއްކޮ އިށީނދޭ! ބޭބެ އަންނާނަން ސައިފް ގޮވައިގެން،" ފިރިހެން މީހާ ޖުމާނާ އިށީންނަން ސޯފާތައް ދައްކާލައިފައި ގޮސް ބަދިގެއަށް ވަނެވެ.
ޖުމާނާ ގޮސް އެތަނުން ސޯފާއެއްގައި ބަދިގެ ދޮރާ ކުރިމަތިލައިގެން އިށީނދެ ކެތްމަދުވެފައި ބަލަން އިނދެއްޖެ އެވެ.
ފިރިހެންމީހާ ވަދެފައި ވީ ސިކުންތުކޮޅެކެވެ. ސައިފް އެ ދޮރުން ނިކުމެއްޖެ އެވެ. ހަމަ ނިކުތުމާ އެކު އޭނަ ފެނިގެން ހުއްޓުނެވެ. އިސާހިތަކު ބުމަ ކައިރިކޮށްލި އެވެ. ޖުމާނާއަށް އިން ތަނުން ތެދުވެވުނެވެ. ހިތް އެދުނީ ސައިފްގެ ދެ ބުމަ ދޭތެރެއަށް ގިނަވެފައިވާ ރޫތައް އަތުން ފިލުވާލަދޭށެވެ.
"ޖުމާނާ!" ސައިފް ދެވަނަ ފަހަރަށް ހިނގައިގެންފައި އައިސް ޖުމާނާ ކުރިމައްޗަށް ހުއްޓެމުން ގޮވާލި އެވެ. އެ ގޮވާލުމުގައި ވީ ބީރައްޓެހިކަމެވެ. އެގޮތަށް އޭނަގެ މުޅި ނަމުން ކިޔައިގެން އެކަނި ކުރެވުނު އިހްސާސެއް ނޫނެވެ. އެ ރާގު ވެސް ކުރުވީ އެފަދަ ދުރު އިހްސާސެކެވެ.
ޖުމާނާގެ ހިތުގައި ރިއްސައިލި އެވެ.
"އަހަރެންނާ ވާހަކަދައްކާލަން މިތާ މަޑުކޮށްލެވިދާނެތަ؟" އަތުގެ އިޝާރާތުން ސައިފްގެ ފުރަގަހުގައި ހުރި ސޯފާ ދައްކައިލަމުން ޖުމާނާ އެހި އެވެ.
ޖަވާބުގައި ސައިފް އެކަމާ ދެކޮޅުހެދިއަސް އޭނައަށް ކުރެވޭނެ ކަމެއް ނެތެވެ. ހަމައެކަނި އޮތް ގޮތަކީ އާދޭސްކުރުމެވެ. އެކަމަކު އެ އާދޭސް ސައިފް ވަކި އަހަންވީ ކީއްކުރަން ހެއްޔެވެ؟ ހުދު އޭނަ ވެސް ސައިފްގެ އާދޭހުގައި ޖެހީ ކޮޅުފައިންނެވެ.
"ކިޔާބަލަ!" ސައިފް އިށީނދެލުމާ އެކު ޖުމާނާއަށް ހިތްހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. ސައިފްގެ ފަހަތުން އޭނަ ވެސް ކުރިން އިން ތާނގައި އިށީނދެއްޖެ އެވެ.
ވާހަކަ ފަށާނެ ގޮތަކާ މެދު ވިސްނަމުން ފުރަތަމަ ވެސް ދެ އަތް ދެއަތާ އުނގުޅައިލެވުނެވެ. ސައިފްގެ ދެ ލޯ އެދިމާއަށް ދަތުރުކޮށްލި އެވެ. ޖުމާނާ ނުތަނަވަސްވެފައިވާކަން އޭނައަށް އެނގުނެވެ.
"ފުރަތަމަ އަހަންނަށް ޕްރޮމިސްކޮށްދޭންވީއެއްނު އަހަރެންގެ ވާހަކަ ނުނިމެނީސް ސައިފް މިތަނުން ތެދުވެގެން ނުދާނެ ކަމަށް!" ޖުމާނާ ބިރުގަތީ ސައިފް އޭނަ އެ ވާހަކަ ފަށާއިރަށް ތެދުވެގެން ހިނގައިދާނެތީ އެވެ.
"އަހަންނަކީ ޖުމާނާއެއް ނޫން،" ސައިފްގެ ރައްދު އަ އެވެ.
ޖުމާނާއަށް ލަދުން އިސްޖަހައިލެވުނެވެ.
"ޒާރާ... ޒާރާއާ ދޭތެރޭ އަހަންނަށް ޝައްކުވީ ޒުބައިރު ދެއްކި ވާހަކަތަކަކުން. އެ ދުވަހު އަހަރެންނާ ސުވާލުކުރިއިރު ހިތަށް އައީ ޒާރާ އެކީގަ ކިޔަވަން އުޅުނު ވާހަކަ ބުނެފަ އޮތީމަ އެ ހަނދާން. އެކަމަކު އަހަރެން އަހަރެންގެ ކުށުން ބަރީއަވާން އެހެން މީހެއްގެ ބޮލުގަ އިލްޒާމު އަޅުވާކަށް ބޭނުމެއް ނޫން. ޝައްކެއް އަދި ވެފަ ހުއްޓަސް އަހަރެން ހުރީ ގަބޫލުނުކުރަން. ޒާރާ ތި ދެ މީހުން އެފެއާއެއް ހިންގާ ކަމަށް އެއްބަސްވެއްޖެއޭ ބުނީމަ ވެސް އަހަރެން ގެއަށް ދިޔައީ ސައިފްގެ އަނގައިން ބުނީމަ ނޫނީ ގަބޫލު ނުކުރަން. އެކަމަކު އެ ގަޑީ ޒާރާ ދެއްކި ވާހަކައަކުން..." ޖުމާނާއަށް ވާހަކަ ފުރިހަމަ ނުވެގެން ހުއްޓައިލެވުނެވެ.
ސައިފް ކަނުލާ އަޑުއަހަން އިނެވެ.
"ކޮން ވާހަކައެއް ޒާރާ ދެއްކީ؟" ސައިފް ހަމައެކަނި އެ ސުވާލުކޮށްލީ އިތުރަށް ޔަގީންކުރާށެވެ. އޭނައަށް ކޮންމެވެސް ވަރަކަށް އޮތީ ހަބަރު ލިބިފަ އެވެ. ޖުމާނާ ދިޔަ ފަހުން ރަށުތެރޭ އެ ވާހަކަ ދެކެވޭ އަޑު އިވިގެން އޭނަގެ އެކުވެރިންގެ ފުށުން އޮތީ އެނގިފަ އެވެ.
"އަންހެނަކު އަމިއްލައަށް އެވަރުގެ ގުޅުމެއް ބޭއްވި ކަމަށް އެއްބަސްވާނީ އޭގެ ކޮންމެވެސް ހަގީގަތެއް އޮތީމަ ކަމަށް އަހަންނަށް ހީވީ. އަހަރެންނަށް ގަބޫލެއް ނުކުރެވުނު ޒާރާ އަމިއްލައަށް އެވަރުގެ ބޮޑު ދޮގެއް ހަދާފާނެ ކަމަކަށް،" ޖުމާނާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުމާ އެކު ފުހެލި އެވެ.
ސައިފްއަށް މަޑުމަޑުން ދެ ފަރާތަށް ބޯ ހޫރުވައިލެވުނެވެ. އޭނަ އިން ތަނުން ތެދުވުމާ އެކު ޖުމާނާ ހާސްވެގެން އެ ނަމުން ގޮވާލި އެވެ.
"ސައިފް އަހަންނަށް މާފުކުރޭ. ކޮންމެ ފަދަ އަދަބެއް ދިނަސް އަހަރެން ގަބޫލުކުރާނަން،" ޖުމާނާ ވެސް ތެދުވެއްޖެ އެވެ.
ސައިފް ޖަވާބެއް ނުދިނުމުން ޖުމާނާ ގޮސް ސައިފްގެ ކުރިމައްޗަށް ހުއްޓުނެވެ. އެ ހަށިގަނޑުގައި އަތްލާން އުޅެފައި ފުރަތަމަ ފަހަރަށް އޭނަ ފަސްޖެހުނެވެ. އެވަގުތު ކާގެއިން ނިކުތް ކުޑަ ދެ ކުދިންނަށް ޖުމާނާ ފެނުމާ އެކު ދައްތާއޭ ކިޔާފައި ދުވެފައި އައިސް ޖުމާނާގެ ގައިގައި އޮޅުލައިގެންފި އެވެ. ފޮރުވިގެން ހުއްޓާ ވެސް އެކުދިންނަށް ޖުމާނާ ފާހަގަކުރަން އެނގިއްޖެ އެވެ.
"ދައްތަ ކޮންތާކަށް ދިޔައީ؟ ބިލާލް ކޮބާ؟" ދޮންބެ ބުނީ ދެން ދައްތައެއް ނާންނާނެއޭ،" އަލްޔާ ޝަކުވާކުރި އެވެ.
"އެ ތެދެއް. މާޒްކުޑަބެ ވެސް ބުނީ ދޮންބެ ދައްތަ ފޮނުވާލީއޭ،" އާކިފް ވެސް އުލާގެ ވާހަކައާ ގުޅުވައިގެން ބުނެލި އެވެ.
ޖުމާނާއަށް ބަލައިލެވުނީ ސައިފް އަށެވެ. ސައިފް އަތުގެ އިނގިލިތަކުން އިސްތަށިގަނޑަށް ވާންކޮށްލާފައި ތިރިކޮށްލި ތަން ފެނުނެވެ.
"ދާނަންތަ ބިލާލް ކައިރިއަށް؟" ޖުމާނާ ތިރިވެ ދެ ކަކޫ ޖަހާލައިފައި ފަހަރަކު ކުއްޖަކަށް ބަލާލުމަށް ފަހު ލޯތްބާ އެކު އެހި އެވެ.
ދެ ކުދިން އެއް އަޑަކުން އާނއެކޭ ކިޔާފައި ފުމެގަތެވެ.
"އުނހު. މިއަދަކު ނުދެވޭނެ. އެހެން ދުވަހަކުން ދާނީ،" ސައިފް ކައިރިއަށް ޖެހިލާފައި އާކިފްގެ ކޮނޑުގައި ހިފައި ޖުމާނާއާ ދުރުކުރުވި އެވެ. އަލްޔާ އެ ވަގުތު އެނބުރި ސައިފްއަށް ބަލައިލާފައި ބޮޑާހާކައިގަންނަމުން ޖުމާނާގެ ކޮނޑުގައި ބޯ އެޅި އެވެ.
ޖުމާނާ ސައިފްއަށް ބަލައިލީ އާދޭހުގެ ލޮލަކުންނެވެ.
"ދޮންބެ ފަހުން ގެންގޮސްދޭނަން،" ސައިފް ބުނެލި އެވެ.
"ކޮންމެ ފަހަރަކު ދައްތަ ކައިރިއަށް ގެންދާނަމޭ ކިޔާފަ ހަމަ ތިހެން ހަދަނީ. ނުގެންދާނެ. ދޮންބެ ދޮގު ހަދަނީ،" އަލްޔާ ހިންދެމިލާފައި ތުންކޮޅު އޫކޮށްލަމުން ސައިފްއަށް ބަލައިލީ ނުރުހުމާ އެކުގަ އެވެ.
"ތެދެއް. މާޒްކުޑަބެ ވެސް ބުނި ސައިފްދޮންބެ ދެން ދުވަހަކުވެސް ކޮއްކޮމެން ބިލާލް ކައިރިއަކަށް ނުގެންދާނެއޭ،" އަލްޔާގެ ވާހަކައާ ގުޅުވައިގެން އަނެއްކާވެސް އާކިފް ބުނެލި އެވެ.
ޖުމާނާގެ ދެ ލޯ އިތުރަށް ފެންކަޅިވި އެވެ. އޭނަ އެ ކުދިން ދޫކޮށްލާފައި އައުމުން އެ ކުދިން އުޅުނު ހާލެއް ވެސް ނޭނގެ އެވެ. ކުޑަމިނުން ހާލު ބަލައިލަން އޭނަ ގުޅާ ވެސް ނުލަ އެވެ. ބިކަވި ދުވަހު އެހާ ލޯބިން ގެންގުޅެފައި އެއްވެސް ވަރަކަށް ވިސްނާލުމެއްނެތި އަމިއްލަ އެދުން އިސްކޮށްފައި ދޫކޮށްލާފައި އައީ އެވެ. އޭނައަކީ ކޮން ކަހަލަ މީހެއް ހެއްޔެވެ؟
"ދައްތަ ފަހުން އަންނާނަން ބިލާލް ގޮވައިގެން،" ސައިފްގެ ނިންމުން ބަދަލުނުވާނެކަން އެނގުމުން ޖުމާނާ އެ ކުދިންގެ ރުހުން ހޯދަންވެގެން ބުނެލި އެވެ.
"ޕްރޮމިސް؟" އާކިފް ކުރިއަށް ޖެހިލާފައި އެހި އެވެ.
"އިންޝާﷲ،" ޖުމާނާ ބުނެލި އެވެ.
އާކިފް އާއި އަލްޔާ ހިނިތުންވެލީ އެ އަޑު އަހާފަ އެވެ.
ވަކިވަކިން ފަހަރަކު ކުއްޖަކަށް ހަނާ އަޅާލައިފައި އޭނަ ގޮސް ދޮރާ ހަމައިން ހުއްޓިފައި ބަލައިލީ ސައިފް އަށެވެ. ކުދިވެރިން އޭރު ކޮންމެވެސް އެހެން ދިމާއަށް ދުއްވައިގެންފި އެވެ. ސައިފް ކައިރިއަށް އަންނަން ހިނގައިގަތުމުން އެ ދެ ލޯ ވިދައިގަތީ މުޅިން އާ އުންމީދުތަކަކާ އެކުގަ އެވެ. އައިސް ކައިރިއަށް ހުއްޓުމުން ޖުމާނާ އިންތިޒާރު ކުރި އެވެ. އެކަމަކު ސައިފް އެއްވެސް ވާހަކައެއް ނުދެއްކި އެވެ. ދެން ފެނުނީ ދޮރުފަތުގައި ހިފާ ކައިރިކޮށްލި ތަނެވެ. ސައިފް އެ އައީ އޭނަ ނިކުތުމުން ދޮރު ލައްޕަން ކަން އެނގުމާ އެކު ލަދުން ބިންގަނޑު ފަޅާފައި އަޑިއަށް ދާނެ ނަމައޭ ހިތަށް އެރި އެވެ.
ސޮރީއޭ ކިޔާފައި އޭނަ އަވަސް އަވަހަށް ފަހަތަށް ޖެހުނެވެ. ސައިފް ބަލަހައްޓައިގެން ހުރެލާފައި ދޮރުފަތުގައި ހިފާލުމާ އެކު އޭނަ އަވަހަށް ފުރަގަސްދީފައި ހިނގައިގަތެވެ. އެ ވަގުތު ކުއްލިއަކަށް އެވީ ގޮތެއް އޭނައަކަށް ނޭނގުނެވެ. ނިކުންނަ ތަނުގައި ފައިދަށުގައި ފައިފުއްސެއް ކަހަލަ އެއްޗެއް އޮވެގެން، އޭނަ އެއަށް ނުބަލައި ދާން އުޅުމުގެ ތެރޭގައި އަޅައިގަތީ ކަމެއް ނޭނގުނެވެ. އެނގުނުހާ ވެސް އެއްޗަކީ ފައި އޮޅިގެން އަރިއަޅާލިކަމެވެ.
"ޖުމާ!" އެ އިވުނީ ސައިފްގެ އަޑެވެ.
ޖުމާނާ ބަލާލިއިރު ސައިފް އައިސް ހުރީ އޭނަގެ އަތުގައި ހިފަހައްޓައިގެން ކަންބޮޑުވެފައިވާ ނަޒަރަކުން އެމޫނަށް ބަލަހައްޓައިގެންނެވެ.
"މިތާ ތިރީގަ އޮތް ފައިފުއްސަކަށް އެރުނީ ކަންނޭނގެ ފައި އެ ކަހާލީ،" ޖުމާނާ ސައިފް ނާހަނީސް ބުނެލި އެވެ.
"މިތާ ނެތޭ ފައިފުއްސެއް،" ސައިފް އަދިވެސް ކަންބޮޑުވެފައި އޭނައަށް ބަލަނީ އެވެ.
"ދެން ދޫކޮށްލާ އަހަރެން ދާން ވެއްޖެ. ތިހާ ކޮންސާންވެގެން ބަލަންޏާ އަހަންނަށް އެހެން އެއްޗެއް ވިސްނިދާނެ،" ޖުމާނާ އަނެއް އަތުން ސައިފްގެ އަތް ދުރުކޮށްލި އެވެ.
އޭނަ ދެވަނަ ފަހަރަށް ހިނގައިގަތުމާ އެކު މިފަހަރު ވެސް އަރިއަޅާލައިފި އެވެ. އަދި މިފަހަރު ވެސް ސައިފް ފަހަތުން އައިސް އޭނަ ވެއްޓުނަނުދީ ހިފަހައްޓައިފި އެވެ.
"ހިނގާ އިހަށް އެތެރެއަށް،" ސައިފް އޭނަގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި އަތުލަފިކޮށްގެން ކަހަލަ ގޮތަކަށް އަލުން ގެއަށް ވައްދައިފި އެވެ.
(ނުނިމޭ)
ކޮމެންޓް (10)
ކިޔާ
ހަނާ
ޒާނާ
ޔާލް
ޒުބައިރު
ޭއެހެންހަމަ
ޒުބައިރު
އއމނ
ތާތި
ޝައި