ވާހަކަ: ހިތް އެދި ގޮވާތީ
އުމާމާ ވެސް އިނީ ވިސްނާނެ އެއްޗެއް ނޭނގިފަ އެވެ. އޭނައަށް އެނގިފަ އޮތް ގޮތުން ވިއްޔާ ސައިފް ގުޅެން ބޭނުންވީ ޚުދު އޭނައާ އެވެ. އެހެންވިއްޔާ އަދި އޭނަ ނޫނަސް އެހެން ކުއްޖަކު އުޅެނީތާ އެވެ. އެކަމަކު ސައިފްއަކާ ނުވެސް ގުޅެ އެވެ. ބައެއް ފަހަރު ފެންނަ ފެނުމަށް ހީވާ އެއްޗަކާއި ހަގީގަތާ މުޅިން އިދިކޮޅެވެ.
"ޕުއާ ޖުމާ،" އުމާމާއަށް ބުނެވުނެވެ.
***
"ކޮންތާކުން ތި އައީ؟" ގެއަށް އައިސް ވަނުމާ އެކު މާޒް ސުވާލުކުރި އެވެ.
ސައިފް ކުޑަކޮށް ސިހުނެވެ. އާންމުކޮށް ރޭގަނޑުގެ އެ ގަޑީ މާޒް ކޮޓަރިން ބޭރަކުން ނުފެންނާނެ އެވެ. އިޝާކޮށްގެން ކެއުމަށް ފަހު ދެން ޖެހޭނީ ހޯދަންޏާ، ކޮޓަރިއަށް ދާށެވެ.
"ނުނިދަންތަ؟" ސައިފް ބަލައިލީ ހުޅުވާފައި ހުރި ޓީވީއަށެވެ.
"ކިހިނެއް ނިދޭނީ؟ އާކިފް އާއި އުލާ ދައްތަ ނެތިގެން ރޯވަރުން އެމީހުން ކައިރީ އުޅެން ޖެހުނީ. މިހާރު ނަސީބަކުން ނިދައިފި،" މާޒް ބޮޑުމީހަކުހެން ތެދުވެ ހަށަން ބަނދެލި އެވެ.
"ދައްތަ ކޮބާ؟" އެ ސުވާލުކުރިއިރު ސައިފްގެ ހިތް ތެޅިގަތެވެ. ޖަވާބު އަޑުއަހަން އޭނަ ޖެހިލުންވި އެވެ.
"ދައްތަވީތަން އެނގޭނީ އަހަންނަށް ވުރެ ބޮޑަށް ދައްތަގެ ހަޒްބެންޑަށެއްނު،" މާޒް ލޯ ހިމަކޮށްލި އެވެ.
ސައިފް ވަގުތުން ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ.
"އަހަންނަކަށް ނޭނގެ ތި ވެގެން އުޅޭ ގޮތެއް. އެކަމަކު އަހަރެން ދޮންބެގެ މަގާމުގަ ހުރި ނަމަ ތިހެން އަޅާނުލާ ނުހުންނާނަން. ދައްތައަށް އާދޭސްކުރަން ފަހަތުން ވެސް ދާނަން. ދޮންބެ ކޮންމެ ފަހަރަކު ކޮންމެވެސް ދިމާއަކަށް ގޮސް ފިލީމަ ނިމޭތަ؟ އެހާ ދުވަސް ފަހުން އަހަރުމެންނަށް އެހާ ރަނގަޅު ޕޭރެންޓެއް ލިބުނީ. މަންމައަކަށް ނުވިއަސް އެހާ ރަނގަޅު،" މާޒް ފުރަތަމަ ފަހަރަށް އެހާ ގިނަ ވާހަކަދައްކާ އަޑު އިވުމުން ސައިފް ވެސް ހައިރާންވެފައި އެނބުރި ބަލައިލި އެވެ.
"ޕްލީޒް ދައްތަ ގެނެސްދީ!" މާޒް ހަށަން މޮހާލައިފައި އައިސް ސައިފް ކައިރިއަށް ހުއްޓުނެވެ. އެ ލޮލުގައި އާދޭހެވެ.
ސައިފް ބޯޖަހާލައިފައި ދޮރު ހުޅުވާލުމަށް ފަހު ކޮޓަރިއަށް ވަނެވެ.
ތަންތަން ނުވެސް ބަލަނީސް ޖުމާނާ ދިޔައީ އެތިކޮޅު ހިފައިގެންކަން ސައިފްއަށް އެނގިއްޖެ އެވެ. ރީތިވާ މޭޒުމަތި ހުސްކޮށް ހުރުމުން އެކަންޏެއް ނޫނެވެ. ކޮޓަރިތެރެ ވެސް ފެނުނީ ފަޅުވެފައި ވަނިކޮށެވެ. ބޮކި ދިއްލާލުމުން އަލިކަން ފެތުރުނު ނަމަވެސް އެއީ ވީރާނާ ވެފައިވާ ތަނެއް ފަދަ އެވެ. ސައިފްގެ ހިތުގައި ރިއްސައިލި އެވެ. އޭނަ ގޮސް އަލަމާރި ހުޅުވާލައިފައި ބަލާލުމަށް ފަހު އެނދުގައި އޮށޯތީ ޖީބުން ފޯނު ނަގައި އެ ހިފައިގެންނެވެ.
***
މުޅި ރޭ ސައިފް ކުރި ކޯލުތަކަށް ބީރު ކަންފަތެއް ދިނުމަށް ފަހު ޖުމާނާ ނިންމީ ޖެހިގެން އައި ދުވަހު އޭނަގެ ބޮޑުދައިތަގެ އާއިލާއާ އެކު ފުރައިގެން ދިއުމަށެވެ. އޭނައަށް އެންމެ އުނދަގޫވީ ހެނދުނު ތެދުވީއްސުރެ ބިލާލް ގެއަށް ނުދެވިގެން ކެނޑިނޭޅި ކުރަމުންދިޔަ އާދޭހުގެ ސަބަބުންނެވެ. އެކި ފަހަރު އެކި މީހުން ތަފާތު ކުޅިވަރު ދައްކައިގެން، ފުރުމާ ޖެހެންދެން ބިލާލް ހިފެހެއްޓީ ލައްކަ މަސައްކަތުންނެވެ. އެނބުރި އަންނާނެ ދުވަހެއް ނޭނގޭތީ ކާފަމެން އާއިލާއާ ބައްދަލުކޮށްލަން ވެސް ވަގުތުކޮޅެއް ހޯދި އެވެ.
ޖުމާނާ ބަލިކަށިވީ ފުރަން ގޮސް ވާޓަރުމަތީ ހުރެފަ އެވެ. އެ ވަގުތު އޭނައަށް ހިތްވަރު ދިނީ ބޮޑުދައިތަ އެވެ. އަދި ކުރިއެކޭ އެއްގޮތަށް ފުރައިގެން ދާން ބޭނުންވީ ތަންކޮޅެއް ދުރުގައި ހުރި ޒާރާ ދެކެފަ އެވެ.
މާލެ ގޮސް ހަފްތާއެއް ވަރު ވުމާ އެކު ގޭގެ ހަނދާންތައް އައިސް ހިތަށް އުނދަގޫކުރަން ފެށީ ކެތްނުވާ މިންވަރަށެވެ. ކުޑަކުޑަ އުލާ އާއި އާކިފް އުޅޭނެ ގޮތެއް ނޭނގެ އެވެ. މާޒް އާއި ސައިފް މިހާރު އަނެއްކާ އެކަކު އަނެކަކާ ހަނގުރާމަ ފަށައިގެން ނޫން ކަމެއް ނޭނގެ އެވެ. އެރޭ ފަތިސް ވަންދެން ކުރި ކޯލްތަކަށް އޭނަ ޖަވާބު ނުދިނުމުން ކަންނޭނގެ އެވެ. ސައިފް އޭގެ ފަހުން އެންމެ ފަހަރަކު ވެސް އޭނައަކަށް ނުގުޅަ އެވެ.
ދޮރުގައި ޓަކި ދިނުމާ އެކު ޖުމާނާ އެނދުގެ މަގަތަށް ފުރޮޅިލި އެވެ. ދޮރު ހުޅުވާލައިފައި އަމީރާ ވަދެގެން އަންނާތީ ފެނުމުން އޭނަ ތެދުވެ ބާލީސްތަކުގައި ލެނގިލި އެވެ.
އަމީރާ ފަރުވާތެރިކަމާ އެކު ޖުމާނާއަށް ބަލައިލި އެވެ. އައި ފަހުން އެއްގޮތަކަށް ވެސް ޖުމާނާ ކޮޓަރިއަކުން ނުނިކުމެ އެވެ. ފެންވަރައި ނަމާދުކުރާތީ ފެނުނަސް ބޮލުގައި ފުނާއަޅައި ގަޑިން ގަޑިއަށް ރަނގަޅަށް ކައެއް ނުހަދަ އެވެ. އެ ދެ ލޮލުގެ ތިރީ ކަޅު ދާރައެއް ލެވިފަ އެވެ. އެ މޫނުމަތިން ކުރިން އެ ފެންނަ ހިނިތުންވުން ފިލައި މޫނުގެ ކުލަ ވެސް ހުދުވެފަ އެވެ. ދެ ތުންފަތް ހިކި ހަންފޮޅިފަ އެވެ. ލޮލުގައި ދިރުމެއް ނެތެވެ. ހީވަނީ ބަލިވެ އުޅޭތާ މަހެއް ވަރު ވެފައިވާ މީހަކު ހެންނެވެ.
"ބިލާލް ވެސް މިހާރު އެންމެންނާ އެކު ބޭރަށް ނިކުމެ އެހެން އުޅެން ފެށީމަ ހަމަޖެހިއްޖެ. އެކަމަކު ޖުމާ އަދިވެސް އައީއްސުރެ ކޮޓަރީގަ ތި އޮންނަނީ. ތިހެން އަބަދު އޮންނަން ވާނެތަ؟" އަމީރާ އައިސް ޖުމާނާގެ މަގަތުގައި އިށީނދެލި އެވެ.
"ނުވޭ ބޭރަށް ނިކުންނަ ހިތެއް،" ޖުމާނާ ދެ އަތް ދެ އަތާ މޮޑެލި އެވެ.
"ކުރާހިތްވާތީއެއް ނޫނޭ ހުރިހާ ކަމެއް ކުރާނީ. ބައެއް ފަހަރު އަމިއްލަ ހަށިގަނޑާއި އަމިއްލަ ސިއްހަތަށް ވެސް ކަންކަން ކުރަން ޖެހޭނެ. މިގޭ އެންމެން ވެސް އެ ތިބެނީ ކަންބޮޑުވެފަ. ހާއްސަކޮށް ޒުބައިރު އެ ހުންނަނީ އޭނަގެ ކުށުން ވީ ކަމެކޭ ހީވެފަ،" އަމީރާ ޖުމާނާގެ ދަތްދޮޅީގައި ހިފާ އުފުލާލައިފައި އިތުރަށް ވާހަކަދެއްކި އެވެ.
"އޭނަ އަހަންނަށް ރަނގަޅަކަށްނު ކުރި ކަމެއް ކުރީ،" ޖުމާނާ ދުރު ބަލައިލި އެވެ.
ފޯނު ރިންގްވާ އަޑަށް އަމީރާ ގޮސް ފޯނު ނަގާފައި ބަލައިލި އެވެ. ދެން ގެނެސް ޖުމާނާ އަތަށް ދިނެވެ. ނުދަންނަ ނަންބަރެއް ހުރުމުން އޭނައަށް ބުމަ ކައިރިކޮށްލެވުނެވެ. އަމީރާ އޭނައަށް ފުރުސަތު ދީފައި ނިކުތުމުން ޖުމާނާ ފޯނު ނެގި އެވެ.
"ދައްތާ. މީ މާޒް،" އެކޮޅުން މާޒް އަމިއްލަ ތައާރަފް ދިނެވެ.
"މާޒް؟" ޖުމާނާއަށް އިން ތަނުން ތެދުވެވުނެވެ. "ކާކުގެ ފޯނަކުން ތި ގުޅީ؟"
"ދޮންބެ ނެތް ގަޑިއެއް ބަލާފަ އަވަށްޓެރިއެއްގެ ފޯނުން،" މާޒް އޮޅުންފިލުވައިދިނެވެ.
"ނެތް ގަޑިއެއްގަ؟" ޖުމާނާ އަޅައިގަތީ އެ ތަންކޮޅުގަ އެވެ.
"އާނ. ދޮންބެ މަނާކޮށްފަ އޮތީ ދޮންބެގެ ފޯނުން ދައްތައަށް ގުޅުން،" މާޒް ޖަވާބުދިނެވެ.
ޖުމާނާއަށް ހީވީ މޫނުމަތީ އެތިފަހަރެއް ޖެހިހެންނެވެ. އެހާ އަވަހަށް ސައިފް އޭނަ ހަނދާން ނައްތައިލަން ނިންމީ ހެއްޔެވެ؟ ކުދިވެރިން ވެސް ދުރުކުރަން ނިންމީ އެވެ.
"ކޮބާ... ކޮބާ އާކިފް އާއި އުލާ؟" ޖުމާނާ އަމިއްލަ ނަފްސް ހަމައަކަށް އަޅުވާލައިފައި އެހި އެވެ.
"ގޭގަ ވީ. އެމީހުން އަބަދު ކިޔަނީ ދައްތައާ ބިލާލްގެ ވާހަކަ. ދައްތަ ދެން ހަމަ ނާންނާނަންތަ؟ އަހަރެން ދޮންބެ ކައިރީ ބުނިން ދައްތައަށް އާދޭސްކޮށްގެން ގެއަށް ގެންނަން. ދޮންބެ އަހަރެން އެވަރަށް ބުނީމަ ވެސް އަޅައެއްނުލި،" މާޒް އަސަރާ އެކު ކިޔައިދެމުންދިޔަ އެވެ.
އަބަދު ބަސްމަދުވެފައި ގެއިން ފެންނަ ކުއްޖާ އެގޮތަށް ވާހަކަދައްކާ އަޑު އިވުމުން ޖުމާނާގެ ހިތަށް ވެސް އަސަރުކުރި އެވެ.
"ދޮންބެ ޖޮބަށް ދޭތަ؟" ޖުމާނާ މައުލޫއު ބަދަލުކޮށްލި އެވެ. މާޒްގެ ސުވާލަށް އޭނަ ޖަވާބުނުދިނީ ގަސްތުގަ އެވެ. އެ ސުވާލަށް ދޭނެ ޖަވާބެއް ނެތީމަ އެވެ.
"އަލުން ދާން ފެށި ފަހުން ދެ ދުވަހެއް ވީ،" މާޒް ބުންޏެވެ.
"ދެން ގޭގަ ކާކު ހުންނަނީ؟ މާޒްތަ؟" ޖުމާނާ ކަންބޮޑުވި އެވެ.
"ރޭގަނޑު އަހަރެން މަޑުކުރަނީ. ދުވާލު ގަޑީގަ އެއް ދުވަހު ދިޔަ ތިމާގެ ގެއަކަށް. އަނެއް ދުވަހު ދޮރު ތަޅުލައިގެން ގޭގަ ތިބީ އަހަރެން ސުކޫލުން އަންނަންދެން،" މާޒް ކިޔައިދިނެވެ.
ޖުމާނާއަށް ލޯ މަރައިލެވުނެވެ. ސައިފްގެ ކޮއްކޮމެން ހާލުގައި ޖެހިފައި ވަނިކޮށް އެ ގެއަށް ގޮސް އެހާ ރަނގަޅަށް އެމީހުންގެ ކަންކަން ކޮށްދީފައި ނިކުމެގެން ދިއުމުން އެ ކުދިން ކިހާ ބިކަވާނެ ހެއްޔެވެ؟ ސައިފް އެ ކައިވެނިކުރީ އެ ކުދިންނަށްޓަކައި ކަމަށްވުމަކީ އޭގައި ސައިފް ކުށްވެރިވާން ޖެހޭ ސަބަބެއް ނޫނެވެ. އެކަން ކުރިން ވެސް އޭނައަށް އެނގެ އެވެ. އެކަމަކު ލޯބިވާ އިތުރު މީހަކު ހުރިއިރު އޭނައަށް ކައިވެނި ހުށައެޅުމުގެ ކުރިން އެ ކުއްޖަކާ ބައްދަލުނުކުރީ ކީއްވެ ހެއްޔެވެ؟ އެހެން ނަމަ މިއަދު މި ދުވަސް ދެކޭކަށް ނުޖެހުނީހެވެ.
އިރުކޮޅަކު މާޒްއާ ވާހަކަދެއްކުމަށް ފަހު ފޯނު ބާއްވާފައި ޖުމާނާ ވިސްނަން އިނެވެ. އަމިއްލަ ނަފްސަށް ވުރެ ބޮޑަށް އޭނަ ކަންބޮޑުވީ ސައިފްގެ ކޮއްކޮމެންނާ މެދުގަ އެވެ. ޒާރާ އެގޮތާ ރުހޭނަމަ ސައިފް އާއި ޒާރާ ގުޅިގެން އެ ކުދިންނަށް އާއިލާއެއް ހޯދައިދެނިކޮށް މައްސަލަ ހައްލުވީ އެވެ.
***
ސައިފްގެ ފޯނު ރިންގް ވާން ފެށީ އައިސް ގެއަށް ވަން ގަޑީގަ އެވެ. ބަލާލިއިރު ޖުމާނާގެ ނަން އަރާފައިވާތަން ފެނުމުން ޔަގީންނުވެފައި ބަލަން ހުރެވުނެވެ. ކެނޑިދާނެތީ ނަގަން އުޅެފައި ކުޑަކޮށް ކަރުކެހިލި އެވެ.
"ހަލޯ،" ސައިފް ދޮރު ހުޅުވާލައިފައި ކޮޓަރިއަށް ވަނެވެ.
"ސައިފް... ކިހިނެއް؟" ޖުމާނާ އެކޮޅުން ވާހަކަދެއްކި އެވެ.
"އެހެން އަހަންވެގެންތަ ތި ގުޅީ؟" ސައިފްގެ އަޑުގައި މާ އެކުވެރި ގޮތެއް ނެތެވެ.
"ހަމައެކަނި އެހެން އަހާކަށް ނޫން،" ޖުމާނާ ރަކިވި އެވެ. ސައިފް އޭނަ ލަދުގަންނަވާލައިފި އެވެ. އެކަމަކު ލަދުގަންނަން ޖެހޭ މީހަކީ އޭނަ ހެއްޔެވެ؟ ބޭވަފާތެރިވި މީހަކީ ސައިފް އެވެ.
"ކޮބާ ކޮއްކޮމެން؟" ވާހަކަދައްކަން އުނދަގޫވެގެން ޖުމާނާ ދިޔައީ އެންމެ ފަސޭހަ މައުލޫއުއަށެވެ.
"އެބަ އުޅޭ ގޭގަ،" ސައިފް ދިނީ ކުރި ޖަވާބެކެވެ.
އޭނަ ރީތިވާ މޭޒު ކައިރީ ހުރި ގޮނޑީގައި އިށީނެވެ. ޖުމާނާ ހިމޭންވި އެވެ. ސައިފްއަށް އުނދަގޫވި އެވެ. ޖުމާނާ އެ ގުޅީ ދޫކޮށްލާފަ ދިއުމުން އޭނަ އުޅޭ ގޮތް ބަލަން ހެއްޔެވެ؟
"ވާހަކަނުދައްކަންޏާ ބާއްވަނީ،" ސައިފް އިންޒާރު ދިނެވެ.
"އިހަށް މަޑުކޮށްބަލަ!" ޖުމާނާ އަވަސް އަވަހަށް އެދުނެވެ.
"ހޫމް. ކިޔާބަލަ!" ސައިފް ފުރުސަތުދިނެވެ. ހަގީގަތުގައި އޭނަ ވެސް އިނީ ޖުމާނާ ގުޅި ސަބަބު އޮޅުންފިލުވަން ބޭނުންވެފަ އެވެ. އެކަމަކު އެކަން ދައްކާކަށް ބޭނުމެއް ނޫނެވެ. ދުރުން އައި މީހަކު ދެއްކި ވާހަކައެއް އަހައިގެން އޭނައަށް އެއްޗެއް އޮޅުންފިލުވައިދޭނެ ފުރުސަތެއް ވެސް ނުދީ ދޫކޮށްލާފަ ދިޔަ މީހަކަށް ކުރާނެ އާދޭހެއް ދެން ނެތެވެ. މަތިން ދަމުން ކާޅެއް ގޮވާލާ އިރަށް ވެސް އިތުބާރު ކަނޑާލަން ތައްޔާރަށް ތިބޭ މީހުންނަކަށް އޭނަގެ ދިރިއުޅުމުން ޖާގައެއް ނެތެވެ.
"ސައިފް ބޭނުމިއްޔާ ޒާރާއާ މެރީކުރިއަސް އަހަރެންގެ މައްސަލައެއް ނެތް. ކުދިންނަށް އާއިލާއެއް ލިބުމުގެ އިތުރަށް ސައިފްއަށް ހެޕީ ލައިފެއް ލިބޭނެ،" ޖުމާނާ ހިތްވަރުލާފައި ބުނެލި އެވެ.
ސައިފްއާވީ ކޮޅުން އޭނައަށް އެއްވެސް ޖަވާބެއް ނުލިބި އިރުކޮޅެއް ވުމުން ހީކުރީ ފޯނު ކެނޑުނީ ކަމަށެވެ. ހަލޯއޭ ބުނަން އުޅެފައި ކެނޑުނީތޯ ބަލަން ފޯނު ދުރުކޮށްލާފައި ބަލައިލެވުނެވެ. އޭނަ އެހެން ބުނުމުން ސައިފް ލަދުގަތީ ކަމަށް ވެދާނެ އެވެ. ކޮންމެ ގޮތެއް ވިއަސް ކުރެވުނު ކަންތަކާ މެދު ހުންނާނީ ކޮންމެވެސް ވަރަކަށް ކުށްވެރިކަން އިހްސާސްވެފަ އެވެ.
"އަހަރެން ހިތްބުރަކަމެއް ނުބާއްވާނަން. ޔޫ ކެން ޑިވޯސް މީ. އަހަރެން ދެން މާލޭގަ އުޅެންޏާ އަލުން ބައްދަލެއް ވެސް ނުވާނެ،" ޖުމާނާ ސައިފް ހިތްހަމަޖައްސައިދޭން އިތުރަށް ވާހަކަދެއްކިއެވެ.
ދެން އިވުނީ ކޮންމެވެސް އެއްޗެހިތަކެއް އެއްފަހަރާ ތިރިއަށް ފައިބައިގަތުމުން އެ އިވޭ ފަދަ ބާރުގަދަ އަޑުފަށްގަނޑެކެވެ. ޖުމާނާ ދިޔައީ ސިއްސައިގެންނެވެ. އޭނައަށް ސުވާލު ނުކުރެވެނީސް ފޯނު ކަނޑާލައިފި އެވެ. އަދި ދެވަނަ ފަހަރަށް ގުޅުމުން ފޯނަށް ޖަވާބެއް ވެސް ނުދިނެވެ.
***
އުމާމާގެ ފޯނެއް އައީ ފުރަތަމަ ކޯޓަށް ކީ ދުވަހު އެތަނަށް ގޮސްފައި އައިސް ގެއަށް ވަންތަނާ އެވެ. ހަތަރު މަސް ފަހުން ކުއްލިއަކަށް ކޯޓު ދޮރުމަތިން ސައިފް ފެނުމުން ޖުމާނާ ވެސް ދިޔައީ ސިއްސައިގެންނެވެ. ސައިފް އަތުވެދާނެ ކަމަކަށް އޭނަ އުންމީދެއް ނުކުރެ އެވެ. ހީކުރީ މައްސަލައިގެ އަޑުއެހުމާއި ހުކުމް އިއްވުމާއި ހުރިހާ ކަމެއް ނިމިގެން ދާނީ ސައިފްގެ ގައިރު ހާޒިރުގައި ކަމަށެވެ.
ތުނބުޅި މަތިމަސް ކުރިއަށް ވުރެ ބޯކޮށް ހުރީމަ ކަމަށް ވެދާނެ އެވެ. އޭނައަށް ސައިފް ފެނުނީ ކުރިއަށް ވުރެ މާ ހަރުކުލަ ޖަހާލައިފައި ހުއްޓަ އެވެ. އެކަމަކު ހަށިގަނޑުން ހިކި ކަމަށް ދައްކަ އެވެ. ހުދު ކުލައިގެ އަތްދިގު ގަމީހަކާ އެކު މުށި ފަޓްލޫނެއްގައި ހުރި އިރު އޮޅާލައިފައި އޮތް ދެ އަތުކުރިން ނާރު ހިލިފައިވާ މުލައްދަނޑި ފައުޅުވާން ހުއްޓެވެ.
ޖުމާނާގެ ހިތަށް ތަދު ކުރީ ސައިފް ފުށުން ފެނުނު ބީރައްޓެހިކަމެވެ. އޭނަ އިސްވެ ހިނިތުންވެލީމަ ވެސް ފާޑަކަށް ބަލަން ހުރީ އެވެ. ހިނިތުންވެލުމެއް ނުދެއްކި ތާނގައި އިސްވެ އަނގައިން ވެސް ނުބުންޏެވެ. ރުޅިއަންނަންވީ މީހަކީ އޭނަ އެވެ. ހިތްހަމަނުޖެހެންވީ ވެސް އޭނަ އެވެ. އެކަމަކު ބަދަލުގައި އެ ހުރިހާ ކަމެއް މި ފެންނަނީ ސައިފްގެ ކިބައިންނެވެ.
"އަހަންނަށް މާފުކުރޭ މާ ލަހުން މި ގުޅުނީ ވެސް. އެކަމަކު އަސްލު ތަފްސީލު ރަނގަޅަށް އެނގުނީމަ ހަމަ މި ގުޅީ،" އުމާމާ ވާހަކަދެއްކީ އަވަސްއަރުވާލައިފަ އެވެ.
"ތިބުނީ؟" ޖުމާނާއަށް އުމާމާގެ ވާހަކަ ސާފެއް ނުވި އެވެ.
"އަހަންނަކަށް ކުރިއަކުން ނޭނގެ ސައިފް އާއި ޖުމާ މައްސަލަ ޖެހުނީ ކާކުގެ ސަބަބުން ކަމެއް. އެކަން ކުރިން އެނގުނު ނަމަ އަހަރެން މިއަށް ވުރެ މާ އަވަހަށް އެކަން ހިނގި ގޮތް ބަލައި ޖުމާއަށް ހަގީގަތް ކިޔައިދޭން ގުޅީމުސް،" އުމާމާ އިތުރަށް އޮޅުންފިލުވައިދިނެވެ.
ޖުމާނާ އެ ވަގުތު ހަނދާންވި އެވެ. ޒާރާ އަކީ އުމާމާގެ ދެބެންގެދެދަރި ކުއްޖެކެވެ.
އޭނަ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލައިފައި ގޮސް އެނދުގައި އިށީނދެލީ އުމާމާ އެ ކިޔަން އުޅޭ އެއްޗެއް ރަނގަޅަށް ސާފުވަންދެން އަޑުއެހުމަށެވެ.
"ޒާރާ ޖުމާނާ ކައިރީ ދެއްކި ހުރިހާ ވާހަކައަކީ ވެސް ދޮގު. ސައިފްގެ އެއްވެސް ކުށެއް ނެތް. އެކަމުގެ ހެއްކަކީ އަހަރެން. ސައިފް އާއި ޒާރާއާ އެކު ކިޔަވަން އުޅުނު އަނެކަކަކީ އަހަރެން،" އުމާމާ ސާފު ބަހުން ހާމަކޮށްލި އެވެ.
ޖުމާނާއަށް ވަގުތުން އިން ތަނުން ތެދުވެވުނެވެ.
(ނުނިމޭ)
ކޮމެންޓް (5)
ޒާނާ
ޕަރސަން
ފާތު
ޙައްޖަ
ޙަސަނު