ސިމްބޮލިކް ރެކޯޑްސް އާއި ބައިސްކޯފާ އެކު ކުރިން ވީ އެއްބަސްވުމުގައި ސޮއިކުރަނީ

މިއުޒިކް

ސިމްބޮލިކް ރެކޯޑްސްގެ ޝޯ 'ވަލުދޮރާށި' މާދާމާ ރޭ އޮލިމްޕަހުގައި

މިއީ ވަރަށް ތަފާތުކޮށް ސިލްސިލާ ޝޯތަކެއްގެ ގޮތުގައި ކުރިއަށް ގެންދަން ކުރާ މަސައްކަތުގެ ފެށުމެއް ކަމަށް ސިމްބޮލިކުން ބުނޭ. މާދަމާ ރޭގެ ޝޯގައި ޕެސްޓު ވެސް ފެންނާނެ
14 ޑިސެމްބަރު 2023

ހިޕްހޮޕް ޖޮންރާގެ މިއުޒިކް ލޭބަލް ސިމްބޮލިކް ރެކޯޑްސް އިން އިންތިޒާމްކުރާ މިއުޒިކް ޝޯ 'ވަލުދޮރާށި'ގެ ފުރަތަމަ ޝޯ މާދަމާ ރޭ އޮލިމްޕަހުގަައި އޮންނާނެ އެވެ.

ޝޯގައި ސިމްބޮލިކް ރިކޯޑްސްގައި މިވަގުތު ހަރަކާތްތެރިވާ ގިނަ އާޓިސްޓުން ފެންނާނެ އެވެ. އޭގެ ތެރޭގައި ސްޓޭޖައި ދުރުގައި ގިނަ ދުވަސްތަކެއް ވަންދެން ހުރި އަދި ސިމްބޮލިކް ރެކޯޑްގެ އެއް ފައުންޑަރު، އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ފެންނާނެ އެވެ.

މި ޝޯއަށް 'ވަލުދޮރާށި' ކިޔަން މެދުވެރިވީ، ސިމްބޮލިކުން ބުނި ގޮތުގައި، ރާއްޖޭގެ މެއިންސްޓްރީމް މިއުޒިކް އިންޑަސްޓްރީގައި ބަލައިގަންނަ ބަޔަކަށް ވާން ސިމްބޮލިކް ރިކޯޑްސްއިން ކުރި ދިގު އަދި ދަތި ދަތުރުގެ ތަޖުރިބާއަށް ބިނާކޮށެވެ. އަނެއް ސަބަބަކީ އޮލިމްޕަހުގެ ބެކްޔާޑުގައި ޝޯ ބާއްވަން ހަމަޖެހުމެވެ.

ރާއްޖޭގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިފްހާމް (ޕެސްޓް) ޝޯއެއްގައި

އޮލިމްޕަހުގައި ބައެއް ޝޯތައް މިހާރު ބާއްވަމުން އަންނަނީ މައި ހޯލުގެ ބަދަލުގައި، އެތަނުގެ ފަހަތުގައި އޮންނަ ހުސް ބިމުގަ އެވެ. 

ސިމްބޮލިކް ރެކޯޑްސް އިން ބުނީ 'ވަލުދޮރާށި' އަކީ ސިލްސިލާ ޝޯތަކެއްގެ ފެށުން ކަމަށެވެ. ބާބުތަކަށް ބަހާލައިގެން ކުރިޔަށް ދާ ވަރަށް ތަފާތު ޝޯތަކެއް ހުށައަޅަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސިމްބޮލިކުން ބުންޏެވެ.

ޝޯގެ ޓިކެޓެއްގެ އަގަކީ 200 ރުފިޔާ އެވެ.  ތަނުގެ ޖާގައިގެ ގޮތުން ވީހާ ވެސް އަވަހަށް ޓިކެޓު ގަތުމަަށް ސިމްބޮލިކުން އެދެ އެވެ.

"މި ޝޯގެ ޓިކެޓް މިހާރު ދަނީ ވިކެމުން. މާދަމާ ރޭ އޮލިމްޕަހުން ވެސް ޓިކެޓް ލިބޭނެ،" ސިމްބޮލިކް ރެކޯޑްސްގެ މެމްބަރަކު ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް